Featured Post

Ombey

Sunday, December 31, 2023

ދުޢާ - 41 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ 41

اللَّهُمَّ إِنِّي أَسْأَلُكَ مِنْ خَيْرِ مَا سَأَلَكَ عَبْدُكَ وَنَبِيُّكَ، وَأَعُوذُ بِكَ مِنْ شَرِّ مَا سْتَعَاذَ بِهِ عَبْدُكَ وَنَبِيُّكَ

 

ހައްދަވައި ގެންގުޅުއްވާ އިލާހު! ހަމަކަށަވަރުން މިއަޅާ، އިބަ ﷲގެ އަޅާ އަދި ނަބިއްޔާ، އެކަންކަމަކަށް އެދިވަޑައިގެންފައިވާ އެންމެހައި ހެޔޮކަންތައްތަކަށް އެދެމެވެ. އަދި މިއަޅާ، އިބަ ﷲގެ އަޅާ އަދި ނަބިއްޔާ، އެކަމަކުން ރައްކާތެރިކަމަށް އެދިވަޑައިގަތް ހުރިހާ ކަމަކުން، އިބައިލާހުގެ ހަޟުރަތުން ރައްކާތެރިކަމަށް އެދެމެވެ. 

 

اللَّهُمَّ ހައްދަވައި ގެންގުޅުއްވާ އިލާހު! إِنِّي ހަމަކަށަވަރުން މިއަޅާ، أَسْأَلُكَ މިއަޅާ އެދެމެވެ. مِنْ خَيْرِ مَا سَأَلَكَ އެކަންކަމަކަށް އެދިވަޑައިގެންފައިވާ އެންމެހައި ހެޔޮކަންތައްތަކަށް عَبْدُكَ وَنَبِيُّكَ އިބަ ﷲގެ އަޅާ އަދި ނަބިއްޔާ، وَأَعُوذُ بِكَ އަދި މިއަޅާ އިބައިލާހުގެ ހަޟުރަތުން ރައްކާތެރިކަމަށް އެދެމެވެ. مِنْ شَرِّ مَا سْتَعَاذَ بِهِ އެކަމަކުން ރައްކާތެރިކަމަށް އެދިވަޑައިގަތް ހުރިހާ ކަމަކުން، عَبْدُكَ وَنَبِيُّكَ އިބަ ﷲގެ އަޅާ އަދި ނަބިއްޔާ،

Saturday, December 30, 2023

ދުޢާ - 40 ( މާނައާއެކު ދަސްކޮށްލަމާ! )

 

ދުޢާ 40

اللَّهُمَّ أَصْلِحْ لِيْ دِيْنِي الَّذِيْ هُوَ عِصْمَةُ أَمْرِيْ، وَأَصْلِحْ لِيْ دُنْيَايَ الَّتِيْ فِيهَا مَعَاشِيْ، وَأَصْلِحْ لِيْ آخِرَتِيْ الَّتِيْ فِيْهَا مَعَادِيْ

ހައްދަވައި ގެންގުޅުއްވާ އިލާހު!  މިއަޅާގެ އެންމެހައި ކަމެއްގެ ރައްކާތެރިކަން ކަމުގައިވާ މިއަޅާގެ ދީން އިސްލާހުކޮށްދެއްވާނދޭވެ!  އަދި އެތަނުގައި މިއަޅާ ދިރިއުޅުންވާ، ދުނިޔަވީ ޙަޔާތުގެ އެންމެހައި ކަންތައްތައް އިސްލާޙްކޮށްދެއްވާނދޭވެ! އަދި  އެތަނަކަށް މިއަޅާ އެނބުރިދާންއޮތް މިއަޅާގެ އާޚިރަތް އިސްލާޙްކޮށްދެއްވާނދޭވެ!

 

اللَّهُمَّ ހައްދަވައި ގެންގުޅުއްވާ އިލާހު! 

أَصْلِحْ لِيْ دِيْنِي މިއަޅާގެ ދީން އިސްލާހުކޮށްދެއްވާނދޭވެ!

الَّذِيْ هُوَ عِصْمَةُ أَمْرِيْ މިއަޅާގެ އެންމެހައި ކަމެއްގެ ރައްކާތެރިކަން ކަމުގައިވާ

وَأَصْلِحْ لِيْ دُنْيَايَ އަދި ދުނިޔަވީ ޙަޔާތުގެ އެންމެހައި ކަންތައްތައް އިސްލާޙްކޮށްދެއްވާނދޭވެ! 

الَّتِيْ فِيهَا مَعَاشِيْ އެތަނުގައި މިއަޅާ ދިރިއުޅުންވާ،

وَأَصْلِحْ لِيْ آخِرَتِيْ އަދި މިއަޅާގެ އާޚިރަތް އިސްލާޙްކޮށްދެއްވާނދޭވެ! الَّتِيْ فِيْهَا مَعَادِيْ އެތަނަކަށް މިއަޅާ އެނބުރިދާންއޮތް

Monday, December 11, 2023

ދުޢާ - 39 ( މާނައާއެކު ދަސްކޮށްލަމާ! )

ދުޢާ 39

رَبَّنَا لَا تُؤَاخِذْنَا إِن نَّسِينَا أَوْ أَخْطَأْنَا.

އަޅަމެންގެ ވެރިރަސްކަލާކޮ! އަޅަމެން ހަނދާންނެތިއްޖެނަމަ، ނުވަތަ، ޤަސްތެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ (އެކަމަށް) އަޅަމެންނަށް ޢުޤޫބާތެއް ނުދެއްވާނދޭވެ!

رَبَّنَا އަޅަމެންގެ ވެރިރަސްކަލާކޮ!  لَا تُؤَاخِذْنَا އަޅަމެންނަށް ޢުޤޫބާތެއް ނުދެއްވާނދޭވެ! إِن نَّسِينَا އަޅަމެން ހަނދާންނެތިއްޖެނަމަ،  أَوْ ނުވަތަ، أَخْطَأْنَا ޤަސްތެއްނެތި އަޅަމެންނަށް ކުށެއް ވެވިއްޖެނަމަ


Saturday, December 2, 2023

އިސްތިޚާރާކުރުން

އިސްތިޚާރާކުރުން 


الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

އިސްތިޚާރާކުރާށޭ ނުވަތަ އިސްތިޚާރާނަމާދުކުރާށޭ ބުނުމުން އެއީ ކޮންކަމެއްކަން މިއަދު ވަރަށް ގިނަ ބަޔަކަށް ނޭނގެއެވެ. އެހެނީ މިއަދު  ގިނަބަޔަކު އިސްތިޚާރާނަމާދުކުރާކަމަށް ފާހަގަ ކުރެވެނީ ކައިވެނި ކުރުމުގެކުރީން އެކަންޏެވެ. އެއީ ވެސް އެކައިވެނިކުރެވޭ ކުއްޖާއަކީ ރަނގަޅުކުއްޖެއްތޯ ޔަޤީންނުވާ ހިސާބުންނެވެ. އިސްތިޚާރާނަމާދަކީ ހަމައެކަނި މިކަމަށް އޮތްކަމެއްކަމަށް ދެކުން އެއީ ވަރަށް ބޮޑު ކުށްހީއެކެވެ.

އިސްތިޚާރާކުރުމަކީ ކޮބާ؟

ޢަރަބި ބަހުގައި ”الإستخارة ގެ މާނައަކީ: ދެ ކަމަކުންކުރެ ތިބާއަށް އެންމެ ހެޔޮކަންބޮޑު ކަމަކަށް އެދުމެވެ.

ޢިލްމުވެރީންގެ އިޞްތިލާޙުގައި އިސްތިޚާރާއަކީ: އިޚްތިޔާރު ކުރަންޖެހިއްޖެ މީހާ، ދެކަމުންކުރެ ހެޔޮކަމަށް މަގުދެއްކެވުމަށް އެދުމެވެ.

އިސްތިޚާރާކުރުން ޝަރުޢުކުރެވުނު ޙިކްމަތެއް

މިއަޅުކަން ޝަރުޢުކުރެވުނީ ވަރަށް މުހިއްމު މަޤުޞަދުތަކަކަށްޓަކައެވެ. އެހެނީ ޖާހިލިއްޔަ ޒަމާނުގައި ޢަރަބީންގެ ތެރޭގައި ޚުރާފީ ކަންތައްތަކެއް ހުއްޓެވެ. މިޘާލަކަށް ޢަރަބީން ދަތުރަކު ނުވަތަ އެނޫންވެސް މުހިއްމުކަމަކަށް ކުރިމަތިލައިފިނަމަ، ދޫނި ތަކެއްކައިރިއަށް ގޮސް އެތަކެތި ފައްސާލައެވެ. ދެން ފަހެ ވައަތްފަރާތަށް ދޫނި އުދުހިފައި ގޮއްސިނަމަ އެއީ ސުންޕާކަމެއްކަމުގައިދެކި އޭނާކުރަން ޤަޞްދުކުރިކަމުން އެއްކިބާވެއެވެ. އަދި އަނެއްބައިމީހުންމިފަދަ ކަންކަމުގައި ޤުރުއަތުލައިއުޅުނެވެ. 

މިފަދަ ބޯދާކަންކަން އެބައިމީހުންގެ ޢަޤީދާގައި އަށަގެންފައިވަނިކޮށް އިސްލާމްދީން ފާޅުވެގެން އައުމުން އެބައިމީހުންގެ ޚުރާފީ އާދަކާދަތަކަށް އިންކާރުކުރެވުނެވެ. އަދި އެބައިމީހުންނަށް މަނާކުރެވުނު ބޯދާކަންކަމުގެ ބަދަލުގައި ފައިދާހުރި ޢަމަލުތައް އުނގަންނައި ދެވުނެވެ. އެހެންކަމުން އިސްތިޚާރާނަމާދުގެ ސަބަބުން ވެސް ވަރަށް ގިނަ މިފަދަ ބޯދާ އާދަކާދަތައް ނެތިގެން ދިޔައެވެ. އެހެނީ އިސްތިޚާރާކުރާއިރު އަޅާއަށް ފައިދާހުރިގޮތަށް މަގުދެއްކެވުމަށް އެދި އަޅާދަންނަވަނީ އޭނާ ޚަލްޤުކުރެއްވި ޢާލަމްތަކުގެ ވެރިއިލާހުގެ ޙަޟްރަތަށެވެ.

އިސްތިޚާރާކުރަންޖެހޭ ސަބަބު

ދުނިޔޭގެ ދިރިއުޅުމުގައި ކޮންމެ މީހަކަށް ވެސް އެކި ކަހަލަ ކަންތައްތަކާ ކުރިމަތިލާންޖެހެއެވެ. ގޮތެއް ނިންމަން އުނދަގޫ ބޮޑެތި ކަންތައްތަކާއި، އާދައިގެ ފަސޭހަ ކަންކަމެވެ. މިއިން ކޮންމެ ކަމެއްގައިވެސް އެމީހަކަށް އިތުބާރުކުރެވޭ ޢިލްމުވެރިންނާ ނުވަތަ އެކަމުގެމާހިރުންނާއި ހެޔޮއެދޭ މީހުންގެ ލަފާ އަދި އިރުޝާދު ހޯދައެވެ. މާތް ﷲ ވަޙީކުރެއްވިއެވެ.

﴿وَشَاوِرْهُمْ فِي الأَمْرِ فَإِذَا عَزَمْتَ فَتَوَكَّلْ عَلَى اللَّهِ إِنَّ اللَّهَ يُحِبُّ الْمُتَوَكِّلِينَ﴾   (آل عمران ١٥٩)

އަދި ކަންކަމުގައި ކަލޭގެފާނު އެބައިމީހުންނާ މަޝްވަރާކުރައްވާށެވެ. ފަހެ (ކަމަކާމެދު) ކަލޭގެފާނު ޢަޒުމު ކަނޑައަޅުއްވައިފިނަމަ، ފަހެ ކަލޭގެފާނު الله އަށް ވަކީލުކުރައްވާށެވެ. ހަމަކަށަވަރުން ވަކީލުކުރާ މީހުންދެކެ الله ލޯބިވެވޮޑިގެންވެއެވެ.

މިގޮތުން ލަފާ އަދި އިރުޝާދު ހޯދަންޖެހޭ އެންމެ މުހިއްމު ފަރާތުގެ މަތިން ބައެއް މީހުން ވަނީ ހަނދާން ނައްތާލާފައެވެ. އިންސާނާގެ ދިރިއުޅުމުގައި ދިމާވާ ކަންކަމުގައި އެންމެ ފުރިހަމަ ގޮތުގައި ހައްލު ހޯދައިދެވޭނެ ފަރާތަކީ އިންސާނުން ޚަލްޤުކުރެއްވި ފަރާތް ކަމާމެދަކު ޝައްކެއްނެތެވެ. އެހެންކަމުން އަޅުގަނޑުމެންގެ ދިރިއުޅުމުގައި ދަތިއުނދަގޫ ކަންކަމާ ކުރިމަތިވުމުން ފުރަތަމަވެސް ހަނދާން ކުރަންޖެހޭ ފަރާތަކީ ﷲ ތަޢާލާ އެވެ.

އިސްތަޚާރާ ކުރަނީ ކޮންކަންކަމެއްގައި؟

އަޞްލަކީ ހަމައެކަނި މުބާޙު ކަންކަމުގައި އިސްތިޚާރާކުރުމެވެ. އަދި ވާޖިބުކަންކަމާއި މުސްތަޙައްބުކަންކަމާއި ޙަރާމްކަންކަމާއި މަކުރޫހަކަންކަމުގައި އިސްތިޚާރާނުކުރުމެވެ. ނަމަވެސް މުސްތަޙައްބު ދެކަމެއް ތަޢާރުޟުވެއްޖެނަމަ އިސްތިޚާރާކުރެވިދާނެއެވެ. އަދި ވަގުތު ތަނަވަސްވެގެންވާ ވާޖިބު ކަންކަމުގައިވެސް ކުރެވިދާނެއެވެ. 

އިސްތިޚާރާ ކުރަނީ ކިހިނެތް؟

އެކަން ކުރާނޭ ގޮތަކީ އަޅާއަށް ކަމެއްގެ ނިމުން ނޭނގޭ ކަންކަމުގައި، ހެޔޮމަގު ދެއްކެވުމަށް އެދި ދެރަކުޢަތުގެ ސުންނަތް ނަމާދެއް ކުރުމަށްފަހު ވާރިދުވެފައިވާ ދުޢާކުރާނީއެވެ. ދުޢާ ކުރާނީ ސަލާމްދިނުމަށް ފަހުއެވެ. އެކަމަކީ ވިޔަފާރިއެއް، ކައިވެންޏެއް ނުވަތަ ދަރިއަކާއި ގުޅުންހުރިކަމެއް ނުވަތަ މިނޫނަސް ޙަޔާތުގައި ދިމާވާ މުހިއްމު ކަންކަމުގައި ވަކި ގޮތެއް އިޚްތިޔާރުކުރުމުގެ ކުރީން އިސްތިޚާރާކުރުން މުހިއްމެވެ. އަދި މިނަމާދުކުރާނީ ސުންނަތް ނަމާދުކުރުން މަކްރޫހަ ނޫން ގަޑިތަކުގައެވެ. (ސުންނަތް ނަމާދުކުރުން މަކްރޫހަ ގަޑިތަކަކީ ފަތިސް ނަމާދަށް ފަހު ލޮންސިއެއްގެ އުސްމިނަށް އިރު އަރައިފުމަށް ދާންދެނެވެ. އަދި އަޞުރު ނަމާދަށްފަހު އިރު އޮއްސެންދެނެވެ.)

ވަކި ޚާއްޞަ ސޫރަތެއް މިނަމާދުގައި ކިޔަންޖެހޭތަ؟

ފާތިޙާ ސޫރަތް ކިޔެވުމުގެ އިތުރުން މިނަމާދުގައި ވަކި ޚާއްޞަ ސޫރަތެއް ނުވަތަ އާޔަތެއް ކިޔަން ޖެހޭކަމެއް ޞައްޙަ ދަލީލަކުން ވާރިދުވެފައިވާކަން އެނގޭކަށްނެތެވެ.

އިސްތިޚާރާގެ ދުޢާ

މާތް ﷲ ރުއްސުންލެއްވި ޖާބިރުގެފާނު ވިދާޅުވިއެވެ. رسول الله صلّى الله عليه وسلّم އަހަރެމެންނަށް ޤުރުއާނުގެ ސޫރަތެއް އުނގަންނައި ދެއްވާ ފަދައިން އެންމެހާ ކަންކަމުގައި އިސްތިޚާރާ ކުރަން އަހުރެމެންނަށް އުނގަންނައި ދެއްވައެވެ. އެކަލޭގެފާނު ޙަދީޘްފުޅު ކުރައްވައެވެ. ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަމެއްކުރުމަށް ގަސްތުކޮށްފިނަމަ ފަރުޟު ނަމާދު ފިޔަވައި ދެރަކުޢަތް ނަމާދެއްކުރާށެވެ. ދެން ކިޔާށެވެ.اَللَّهُمَّ إِنِّيْ أَسْتَخِيْرُكَ بِعِلْمِكَ، وَأَسْتَقْدِرُكَ بِقُدْرَتِكَ، وَأَسْأَلُكَ مِنْ فَضْلِكَ الْعَظِيْمِ، فَإِنَّكَ تَقْدِرُ وَلاَ أَقْدِرُ، وَتَعْلَمُ، وَلاَ أَعْلَمُ، وَأَنْتَ عَلاَّمُ الْغُيُوْبِ، اَللَّهُمَّ إِنْ كُنْتَ تَعْلَمُ أَنَّ هٰذَا الأَمْرَ (ކުރަންއުޅޭ ކަމުގެ ނަންގަންނާށެވެ. ނުވަތަ އެކަން ހިތަށްއަރުވާށެވެ.) خَيْرٌ لِيْ فِيْ دِيْنِيْ وَمَعاَشِيْ وَعاَقِبَةِ أَمْرِيْ فَاقْدُرْهُ لِيْ وَيَسِّرْهُ لِيْ ثُمَّ باَرِكْ لِيْ فِيْهِ, وَإِنْ كُنْتَ تَعْلَمُ أَنَّ هٰذَا الأَمْرَ (ކުރަންއުޅޭ ކަމުގެ ނަންގަންނާށެވެ. ނުވަތަ އެކަން ހިތަށްއަރުވާށެވެ.) شَرٌّ لِيْ فِيْ دِيْنِيْ وَمَعاَشِيْ وَعاَقِبَةِ أَمْرِيْ فَاصْرِفْهُ عَنِّيْ وَاصْرِفْنِيْ عَنْهُ وَاقْدُرْ لِيَ الْخَيْرَ حَيْثُ كاَنَ ثُمَّ أَرْضِنِيْ بِهِ

”އޭ ﷲ! ހަމަކަށަވަރުން މިއަޅާ، އިބައިލާހުގެ ޢިލްމުފުޅުގެ ޒަރިއްޔާއިން އިބައިލާހުގެ ޙަޟްރަތުން ހެޔޮގޮތް އިޚްތިޔާރުކޮށްދެއްވުމަށް އެދެމެވެ. އަދި އިބައިލާހުގެ ކުޅަދުންވަންތަކަމުގެ ޒަރިއްޔާއިން އިބައިލާހުގެ ޙަޟްރަތުން ކުޅަދާނަކަން ދެއްވުމަށް އެދިދަންނަވަމެވެ.އަދި އިބައިލާހުގެ މާތް ދަރުމަވަންތަ ކަމުން ދެއްވުމަށް އެދި ދަންނަވަމެވެ. ފަހެ ހަމަކަށަވަރުން އިބައިލާހު ހުރިހާ ކަމަކަށް ކުޅަދުންވަންތައެވެ. އަދި މިއަޅާ ނުކުޅެދިގެންވަމެވެ. އަދި އިބައިލާހު ހުރިހާ ކަމެއް ދެނެވޮޑިގެންވަމުއެވެ. އަދި މިއަޅާ ނުދަންނަމެވެ. އަދި އިބައިލާހީ ޣައިބުގައިވާ ހުރިހާ ކަމެއް މޮޅަށްދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އޭ ﷲ! ހަމަކަށަވަރުން މިކަމަކީ މިއަޅާގެ ދީނާއި، މިއަޅާގެ ދިރިއުޅުމާއި، މިއަޅާގެ ކަންތަކުގެ ނަތީޖާގެގޮތުން މިއަޅާއަށް ހެޔޮކަމެއްކަމުގައި އިބައިލާހު ދެނެވޮޑިގެންވަނީނަމަ ފަހެ އެކަންތައް މިއަޅާއަށް މިންވަރުކޮށްދެއްވާނދޭވެ! އަދި އެކަންތައް މިއަޅާއަށް ފަސޭހަކޮށް ދެއްވާނދޭވެ! ދެން އެކަމުގައި މިއަޅާއަށް ބަރަކާތްލައްވާނދޭވެ! އަދި ހަމަކަށަވަރުން މިކަމަކީ މިއަޅާގެ ދީނާއި، މިއަޅާގެ ދިރިއުޅުމާއި، މިއަޅާގެ ކަންތަކުގެ ނަތީޖާގެގޮތުން މިއަޅާއަށް ނުބައިކަމެއް ކަމުގައި އިބައިލާހު ދެނެވޮޑިގެން ވަނީނަމަ ފަހެ މިއަޅާގެ ކިބައިން އެކަންތައް  ދުރުކޮށް ދެއްވާނދޭވެ! އަދި އެކަންތަކުން މިއަޅާ ދުރުކޮށްދެއްވާނދޭވެ! އަދި ހެޔޮކަންތައް މިއަޅާއަށް މިންވަރުކޮށް ދެއްވާނދޭވެ! އެއީ ކޮންމެތަނެއްގައި ވީނަމަވެސް މެއެވެ. އަދި އެކަމަށް މިއަޅާ ރުއްސަވާނދޭވެ!

އިމާމުލް ބުޚާރީ މިޚަދީޘް ރިވާކުރައްވާފައިވާ އިރު ”أو قال: في عَاجِلِ أَمْرِيْ وَآجِلِه މާނައީ: ”ތިމަންގެ މިދުނިޔެއާއި އާޚިރަތުގެ ކަންތައްތައްވެސް“ މިފަދައިން ރިވާކުރައްވާފައިވެއެވެ. ނަމަވެސް މަތީގައި އެދުޢާ ޛިކުރުކުރިއިރު މިޢިބާރާތް ޛިކުރުނުކުރީ އެއީ އެ ޙަދީޡް ރިވާކުރެއްވި ރާވީ ޝައްކުވެފައިވާ ޢިބާރާތަކަށް ވާތީއެވެ. އެކަން އެނގެނީ އެރާވީ މިޙަދީޘް ރިވާކުރެއްވިއިރު ޝައްކުގެ ޞީޣާއިން ރިވާކުރުމުގެ އިތުރުން، އިބުނު މަސްޢޫދާއި އަބޫ ސަޢީދު رضي الله عنهما މިޙަދީޘް ރިވާ ކުރެއްވިއިރު މިޢިބާރާތް ރިވާ ނުކުރައްވާތީއެވެ. އަދި މިޢިބާރާތް ލައިގެން ދުޢާ ކުރުމުން މާނަ ތަކުރާރުވާ ކަމުގައި އިބްނުލް ޤައްޔިމް رحمه الله ވިދާޅުވެފައި ވާތީއެވެ.

ކުރިން ކުރާނީ އިސްތިޚާރާނަމާދުތަ ނުވަތަ މަޝްވަރާތަ؟

އެކަމެއްގެ އަހުލުވެރިންނާއި މަޝްވަރާކުރާނީ އިސްތިޚާރާކުރުމަށް ފަހުއެވެ.

އިސްތިޚާރާކުރުމަށްފަހު ކަންކުރަންވީ ކިހިނެތް؟

އިސްތިޚާރާކުރުމަށްފަހު އޭނާއަށް އެކަށޭނެ ރަނގަޅުގޮތަށް ކަންކުރުމަށް ﷲ ތަޢާލާ އިރާދަކުރެއްވިއްޔާ އޭނާގެ މޭތަނަވަސްވާނެއެވެ. ނަމަވެސް އެއީ ޝަރުތެއް ނޫނެވެ. އެއްފަހަރު އިސްތިޚާރާކުރުމަށްފަހު ހިތްހަމަނުޖެހޭނަމަ ތިންފަހަރުވެސް އިސްތިޚާރާ ކުރެވިދާނެއެވެ. އެއީ ކަޢުބަތުﷲ ގެފުޅު އަލުން ބިނާކުރުމުގެ ކުރީން ޢަބްދުﷲ ބުން ޒުބައިރު رضي الله عنه ތިންފަހަރު އިސްތިޚާރާކުރެއްވިކަމަށް ޘާބިތުވެފައިވެއެވެ.

ބައެއްމީހުންނަށް ހީވެފައިވަނީ އިސްތިޚާރާނަމާދުކޮށްގެން ނިދީމަ އޭނާއަށް އިޚްތިޔާރުކުރަންވީގޮތް ބަޔާންވާ ހުވަފެނެއް ފެންނާނެކަމަށެވެ. އަދި އަނެއްބަޔަކު ދެކެނީ އޭނާ އިސްތިޚާރާނަމާދުކޮށް ނިމުމުން އޭނާގެ ހިތަށްއަރާނީ ރަނގަޅުގޮތްކަމަށެވެ. ނަމަވެސް މިދެކަމަކީވެސް ޞައްޙަ ދަލީލަކުން ޡާބިތުކަންކަމަށް ނުވާތީ މިފަދަ ކަންކަމަށް ބަރޯސާވުމެއްނެތެވެ. އިސްތިޚާރާ ނަމާދަށްފަހު ޢިލްމުވެރިންނާއި ނުވަތަ ކަމުގެމާހިރުންނާއި ތިބާއާހެޔޮއެދޭ މީހުންނާއި މަޝްވަރާ ކުރުމަށްފަހު ﷲ އަށްވަކީލުކޮށް ބަޔާންވި ރަނގަޅުގޮތުގައި މަސައްކަތް ކުރަމުންދާށެވެ.

އިބްނު އަލްޤައްޔިމް رحمه الله ވިދާޅުވިއެވެ. ހަމަކަށަވަރުން އިސްތިޚާރާގެ މަޤްޞަދަކީ އަށް ވަކީލުކޮށް އެކަމުގައި ނިޔާކަނޑައަޅައި ދެއްވުމަށް އެދި ދެންނެވުމެވެ. އަދި އެއިލާހުގެ ކުޅަދުންވަންތަކަމާއި ޢިލްމުފުޅުން ދެއްވުމަށް އެދި ހެޔޮގޮތުގައި އަޅާއަށް އިޚްތިޔާރުކޮށްދެއްވުމަށް އެދުމެވެ. އީ އޭނާގެ رَبّކަމަށް ރުހުމުން، އެފަދައިން ކަންކުރުން އޭނާގެ މައްޗަށް ލާޒިމުވެއެވެ. އެފަދަގޮތެއްގައި ނުވާ މީހަކަށް، އީމާންކަމުގެ (މީރު)ރަހަ ނުލިބެއެވެ. މިހުރިހާ ކަމަކަށްފަހެ އޭނާއަށް، ނިޔާކުރެވުނުގޮތާއި ރުހިއްޖެނަމަ ފަހެ އެއީ ބާއްޖަވެރިކަމުގެ ޢަލާމާތެކެވެ.“

وصلى الله وسلم على نبينا محمد وعلى آله وصحبه أجمعين. والحمد لله رب العالمين.

https://dhisalafiyyah.net/article/6073