Featured Post

Ombey

Wednesday, October 21, 2020

އަލް އަޒުހަރު ޔުނިވަރސިޓީ


              އަލް އަޒުހަރު ޔުނިވަރސިޓީ

ލިޔުނީ: ފަޟީލަތުލް އުސްތާޛުއް ޝައިޚު މޫސާ އަންވަރު ޙަސަން 

 ޖާމިޢަތުލް އަޒުހަރަކީ ދުނިޔޭގައިވާ އެންމެ ބޮޑު ޔުނިވަރސިޓީއެވެ. އަޒުހަރަކީ އިޓަލީގެ ބުލޯނިޔާގެ ޔުނިވަރސިޓީއަށްވުރެ ކުރިން އުފެދިފައިވާ ޔުނިވަރސިޓީއެކެވެ. އަދި ދުނިޔޭގައިވާ އެންމެ ދުވަސްވީ ދެ ޔުނިވަރސިޓީ ކަމުގައިވާ ޖާމިޢަތު ޒައިތޫނު އާއި ޖާމިޢަތުގެ ޤަރަވީން އަށްފަހު އެންމެ އެންމެ       ދުވަސްވި ޔުނިވަރސިޓީ އަކީ އަޒުހަރެވެ. ކުރިން މިއިޝާރަތް ކުރި ދެ ޔުނިވަރސިޓީ އާއި ޚިލާފަށް އަޒަހަރަކީ މެދު ނުކެނޑި ތަޢްލީމު ފޯރުކޮށްދެމުން އައި އެންމެ ދުވަސްވީ ޢިލްމީ މުއައްސަސާއެވެ. ކުރީގެ ދެ ޔުނިވަރސިޓީގެ ތަޢްލީމީ މަރުޙަލާ ގައި ވަނީ މެދު ކެނޑުންތަކެއް އައިސްފައެވެ. އަޒުހަރަކީ ދިނީ އަދި އިސްލާމީ ޢިލްމީ މުއައްސަސާއަކަށް ދުނިޔޭގައި ހުރި އެންމެ ގިނަ ދުވަސްވީ މަރުކަޒެވެ. އަޒުހަރު ބިނާ ކުރެވިފައިވަނީ جمهورية مصر العربية ގެ ވެރިރަށް ކަމުގައިވާ އަލްޤާހިރާ ގައެވެ. މީގެ އިތުރުން އަޒުހަރުގެ ގޮފިތައް މިޞްރުގެ ތަފާތު ސިޓީތަކަށް ފެތުރިފައިވެއެވެ. 

 އަޒުހަރު ހިމެނިފައިވަނީ ޢިލްމީ ގޮތުން މުސްލިމުންގެ ޤިބުލަކަމުގައެވެ. މީގެ އެންހާސް އަހަރު ކުރިން ފެށިގެން އަޒުހަރަކީ ޢިލްމީ ފަނާރެކެވެ. ޝަރްޢީ ޢިލްމާއި، ޠަބީޢިލްމާއި ޢަރަބި ބަހުގެ ޢިލްމު އުނގެނުމުގައި ކިޔަވާ ކުދިންގެ ޤިބުލައަކީ އަޒުހަރެވެ. އަޒުހަރުގެ މިދިގު ތާރީޚުގައި ހިމެނިގެން ގޮސްފައިވަނީ މެދުމިނުގެ ޢިލްމީ މުއައްސަސާ އެއްގެ ގޮތުގައެވެ. އިސްލާމީ ޘަޤާފަތް ފެތުރުމާއި، އިސްލާމީ ތަޢްލީމު އުނގަންނާއި ދިނުމުގައި މަޛުހަބީ ސިޔަސީ، އަދި ޙައްދު ގޮތުން ފަހަނައަޅާފައިވާ ފިކުރުތަކުން ދުރުހެލިވެ ހުރެ ދަރިވަރުން ނަށް ޢިލްމު ފޯރުކޮށް ދިނުމަކީ އަޒުހަރުގެ ޢިލްމީ މިންހަޖެވެ. އަޒުހަރުގެ އަރުވިޤާ ތަކުގައި ރަސްރަސްކަލުންނާއި ސުލްޠާނުންނާއި،ޤައުމު ތަކުގެ ވެރިންނާއި، ޝައިޚުލް އަޒުހަރުންނާއި، މުފުތީންނާއި ވަޒީރުންނާއި ސަފީރުންނާއި، ޢިލްމުވެރިން ވަނީ ޢިލްމު އުނގެނިފައެވެ. 

ޖާމިޢާ އަދި ޖާމިޢު:

 ޖާމިޢަތުލް އަޒުހަރު ބިނާ ކުރެވުނީ ފާޠިމީ ދައުލަތުގެ ދުވަސްވަރު އެވެ. ބިންގާ އަޅުއްވާދެއްވީ ޖައުހަރުއް ޞުޤައްލީ އެވެ. އެއީ ފާޠިމީ ދައުލަތުގެ ޚަލީފާ المعز لدين الله الفاطمي ހިޖުރައިން 359 ވަނަ އަހަރު ރަމަޟާން މަހުގެ 14 ވަނަ ދުވަހުއެވެ. އެއީ މީލާދީން 971 ވަނަ އަހަރުއެވެ. އަޒުހަރު މިސްކިތް ޚާއްޞަ ވެގެންދިޔައީ ދައުލަތުގެ ދީނީ ދަޢްވަތު ފަތުރާ ރޫޙާނީ ސިޔާދީ މިންބަރެއްގެ ގޮތުގައެވެ. ނަމާދަށްޓަކައި އެންމެ ފުރަތަމަ ހުޅުވާލެވުނީ 361 ވަނަ އަހަރުގެ ރަމަޟާން މަހުގެ 6 ވަނަ ދުވަހުއެވެ. އަދި ޖާމިޢުލް އަޒުހަރު ނިސްބަތް ކުރެވޭނީ السيدة فاطمة الزهراء رضي الله عنها އަށެވެ. ފާޠިމީ ދައުލަތް ނިސްބަތް ކުރެވެނީ އެކަމަނާއަށެވެ. 

 އެންމެ ފުރަތަމަ އަޒުހަރު ބިނާ ކުރެވިގެން ދިޔައީ ޝީޢީ މަޛުހަބަށް ދަޢްވަތު ދޭ މަރުކަޒެއްގެ ގޮތުގައެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން އަޒުހަރަކީ ސުންނީ މަޛުހަބުގެ މަރުކަޒަކަށް ވެގެން ދިޔައެވެ. ދީނީ ޢިލްމާއި ސިކުނޑީގެ ޢިލްމު އުނގެނޭ ދަރިވަރުން އެތަނުން އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެގެން ދިޔައެވެ. އަޒުހަރު ދިރާސީ މަޢްހަދަކަށް ބަދަލު ކުރައްވާފައިވަނީ ވަޒީރު يعقوب بن كلس އެވެ. އެއީ ހިޖުރައިން 378 ވަނަ އަހަރު ފާޠިމީ ޚަލީފާ އައްޢަޒީޒުގެ އަމުރުފުޅަށެވެ. ކުރިން އެ ތަނަކީ ދީނީ އަޅުކަމަށާއި ޝީޢީ މަޛުހަބު ފަތުރާ މަރުކަޒެކެވެ. 

 ޙަޤީޤީ މާނާގައި ޖާމިޢުލް އަޒުހަރުގައި ތަޢްލީމު ދެވެން ފެށިގެން ދިޔައީ ފާޠިމީ ދައުލަތުގެ ޚަލީފާ ޚަލީފާ المعز لدين الله الفاطمي ޚިލާފަތުގެ ފަހުކޮޅުއެވެ. ކިޔަވާދިނުމުގެ ޙަލްޤާ ތަކުގައި ޤާޟިލް ޤުޟާތު أبو الحسن بن النعمان المغربي ހިޖުރައިން 365 ވަނަ އަހަރު މީލާދީން 975 ވަނަ އަހަރު އޮކްޓޫބަރު މަހު އިށީދެ ވަޑައިގަތުމާއި ގުޅިގެންނެވެ. އެއީ އަޒުހަރުގައި ބޭއްވުނު އެންމެ ފުރަތަމަ ޢިލްމީ ޙަލްޤާއެވެ. އެއަށްފަހު އެ ޙަލްޤާތައް ދާއިމީ ގޮތެއްގައި ބޭއްވެމުން ދިޔައެވެ. 

 އަޒުހަރު (جامعا އަދި جامعة) އެއްގެ ގޮތުން، ތަޢްލީމު ދެވެމުން ދިޔައީ ޢިލްމީ ޙަލްޤާ ތަކެއްގެ ގޮތުގައެވެ. އުސްތާޛު ދަރިވަރުންގެ ކުރިމަތީގައި އިންނަވައިގެން ފިލާވަޅުތައް ކިޔައިދެއްވަމުން ގެންދަވާ ގޮތަށެވެ. އަދި އުސްތާޛުގެ ވަށައިގެން އިށީނދެގެން ތިބެ ދަރިވަރުން ފިލާވަޅުތައް އަޑު އަހަމުން ގެންދާނެއެވެ. އަދި ހަމައެފަދައިން ފިޤުހު ޢިލްމުވެރިން ވެސް އެބޭކަލުންނަށް ޚާއްޞާ ކުރެވިފައިވާ އަރުވިޤާ ތަކުގައި ތިއްބަވައިގެން ފިލާވަޅުތައް ޝަރަޙަކޮށް ދެއްވަމުން ގެންދަވާނެއެވެ. އުސްތާޛުގެ އަރިހުން ދަރިވާ ދަރިވަރުންނަށް ކިޔަވާދިނުގެ ހުއްދަ ދެވެނީ ކަމާބެހޭ ޢިލްމުވެރިން އަނގަބަހުން ދަރިވަރާ، އެގާރަ ޢިލްމަކާއި ބެހޭ ގޮތުން ސުވާލު ކުރެއްވުމަށް ފަހުއެވެ. އަދި އެ އިމްތިޙާނުން ފާސްވެއްޖެނަމަ ޚަލީފާގެ ފަރާތްޕުޅުން އެދަރިވަރަކަށް ކިޔަވައި ދިނުމުގެ ހުއްދަ ދެވެއެވެ. 

ތަޢްލީމީ ނިޒާމުގައި އެންމެ ފުރަތަމަ މުޅި ދުނިޔޭގައި ވެސް މުޢީދުން އުފެދިގެން ދިޔައީ އަޒުހަރުގައެވެ. މުޢީދުންގެ ވަޒީފާއަކީ ދަރިވަރުންނަށް އުސްތާޛު ކިޔާދެއްވާ އެއްޗެއް ތަކުރާރު ކުރުން ނުވަތަ އަލުން އިޢާދަކޮށް ދިނުމެވެ. ދަރިވަރުންގެ ތެރެއިން ކިޔަވާ ދިނުމުގެ ދާއިރާގައި ޙަރަކާތްތެރިވަން ބޭނުންވާ ދަރިވަރުންނަށް އިމްތިޙާނެއް ދެވެއެވެ. ނަމަވެސް އިމްތިޙާނު ދިނުމުގެ ކުރިން އަޒުހަރުގެޢިލްމުވެރިންގެ ތެރެއިން ޢިލްމީ ގޮތުން ފާހަގަކޮށްލެވޭ، ދެބޭކަލެއްގެ ތަޒްކިޔާ އެއް ނުވަތަ ރެކޮމަންޑޭޝަން އެއް ބޭނުން ވެއެވެ. ދަރިވަރަށް މިބުނި ގޮތަށް ތަޒްކިޔާ އެއް ލިބިއްޖެނަމަ، ޝައިޚުލް އަޒުހަރަށް ސިޓީއެއް ލިޔަން ޖެހެއެވެ. އަދި ޝައިޚުލް އަޒުހަރު 6 ޢިލްމުވެރިންގެ މައްޗަށް އެކުލެވިގެންވާ ކޮމެޓީއެއް އުފައްދަވާނެއެވެ. އެކޮމެޓީގެ އިސްވެރިޔަކީ ޝައިޚުލް އަޒުހަރެވެ. އިމްތިޙާނު ދޭން ބޭނުންވާ މީހާ ޙަންބަލީ މަޛުހަބުން ޓެސްޓު ކުރަން ބޭނުންވާ ނަމަ އިތުރު މެމްބަރަކު ކޮމެޓީއަށް އިސްކުރެވެއެވެ. އިމްތިޙާނު ކުރެވީ އަނގަބަހުންނެވެ. އަދި އިމްތިޙާނު ކުރުމުގައި ވަކި މާއްދާ އެއް ޚާއްޞަ ކުރެވިފައެއް ނުވެއެވެ. ނަމަވެސް ދަރިވަރާ އެގާރަ ޢިލްމަކާއި ބެހޭ ގޮތުން ސުވާލު ކުރެވޭނެއެވެ. އެއްވެސް ފޮތެއް ޚާއްޞަ ކޮށް އެފޮތުން ސުވާލުތަކެއް ނުކުރާނެއެވެ. ކުރިން މިބަޔާން ކުރި އިމްތިޙާނުން ފާސްވެއްޖެނަމަ މުދައްރިސެއްގެ ގޮތުން ތިންވަނަ ޙަލްޤާއެއް އޭނާއަށްޓަކައި ޤާއިމު ކުރެވެއެވެ. އަދި ތަނބެއްގެ ކައިރީގައި ކުލާސްތައް ބޭއްވުމަށްފަހު ޙަލްޤާއެއްގެ މުދައްރިސެއްގެ މަޤާމަށް ބަދަލުކުރެވެއެވެ. 

އެ ޒަމާނުގައި ވެސް އަޒުހަރުގައި މިޒަމާނުގެ ޔުނިވަރސިޓީ ތަކުގައި އެއްބަޔަކު އަނެއް ބަޔަކާ ވާދަކުރަމުންދާ ކިޔަވާދޭ ގަޑިތައް ހަމަ ކުރުމުގެ ނިޒާމު ޤާއިމު ކުރެވިފައިވެއެވެ. އަދި އެއް މުޤައްރަރެއް އެތައް އުސްތާޛެއްގެ މައްޗަށް ބަހާލެވިފައިވެއެވެ. ކިޔަވާ ކުއްޖާ އޭނާ ބޭނުންވާ އުސްތާޛެއްގެ އަރިހުން ޢިލްމު އުނގެނެމުންދާންވީއެވެ. އަދި ކުރިން ބަޔާން ކުރި ގޮތަށް އެއްމާއްދާ އަކަށް ތަޚައްޞުޞު އެތައް އުސްތާޛުންނެއް ތިއްބަވައެވެ. ދަރިވަރުން ބޭނުން ޝައިޚަކު އިޚްތިޔާރު ކުރަންވީއެވެ.  އެއްވެސް ބިރުވެރި ކަމެއް ނެތި ބޭނުން ކޮންމެ މަޖިލިސެއްގައި ވެސް އިށީނުމުގެ އިޚްތިޔާރު ދަރިވަރުންނަށް ލިބިގެން ވެއެވެ. އެގޮތުން ޖާމިޢާ ގައި އިޚްތިޔާރީ މަންހަޖުތަކެއް އެކުލެވިގެން ވެއެވެ. އަދި އަނގަ ބަހުގެ އިމްތިޙާނު ވެސް އޮވެއެވެ. އިމްތިޙާނު ތަކުގެ ތެރެއިން އެންމެ ފެންވަރު ރަނގަޅު އިމްތިޙާނަކީ އަނގަ ބަހުން ކުރެވޭ އިމްތިޙާނެވެ. 

އަޒުހަރުގެ ޢިލްމުވެރިން އެބޭފުޅުންގެ ތަޢްލީމީ ޒިންމާ ވަރަށް ފުރިހަމަ ގޮތުގައި އަދާކުރެއްވިއެވެ. ކުރިން ބުނިހެން އަޒުހަރުގައި ދެވެމުން ދިޔައީ ޝަރްޢީ ޢިލްމު އެކަންޏެއް ނޫނެވެ. ޝަރުޢީ ޢިލްމުގެ އިތުރުން، ވަރަށް ހަނި ދާއިރާއެއްގައި ނަމަވެސް ފަލްސަފާ އާއި މަންޠިޤާއި، ރިޔާޟިއްޔާތާއި، މެޑިސިން ކިޔަވާދެމުން ގެންދެއެވެ. ނަމަވެސް الحاكم بأمر الله الفاطمي ގެ އަމުރަށް دار الحكمة އުފެއްދުމަށް ފަހު ވަރަށް ފުޅާ ދާއިރާއެއްގައި ކުރިން މިއިޝާރަތް ކުރި ޢިލްމުތައް އުނގަންނައި ދެމުން ދިޔައެވެ.  އަޒުހަރުގެ ޢިލްމީ ޙަލްޤާތަކަށް އަންހެނުން ވެސް ޙާޟިރުވަމުން ދިޔައެވެ. އަޒުހަރުގެ ދިރާސީ ނިޒާމު އިތުރަށް ފުޅާވެ، ދިރާސާގެ ތެރެއަށް ފަލަކީ ޢިލްމާއި ޙިސާބުގެ ޢިލްމާއި، މެޑިސިން އާއި ޢިމާރާތް ކުރުމާއި، ޖިޔޮލޮޖީ އާއި ތާރީޚާއި، އިޖުތިމާޢީ ޢިލްމުތަކާއި، މިނޫނަސް އެހެން ޢިލްމުތައްވެސް ކިޔަވާ ދޭން ފެށިއެވެ. އަޒުހަރާ ގުޅިފައިވާ މަސްހޫރު ޢިލްމުވެރިންނަށް ބަލާއިރު، ابن خلدون، ابن حجر العسقلاني، السخاوي، ابن تغري بردي، موسى بن ميمون الحسن بن الهيثم، محمد بن يونس المصري، القلقشندي ފަދަ ބޭފުޅުން ފާހަގަ ކޮށްލެވެއެވެ. އަދި މިނޫނަށް މިފަދަ އެއްތައް ޢިލްމުވެރިންނެއް ވަނީ އިންސާނިއްޔަތު އެބޭކަލުންނަށް ދަރަނިވެރިވާފަދަ ޢިލްމުތަކެއް ދޫކުރައްވާފައެވެ. އަދި މިހާރުވެސް ދަނީ އެފަދަ ޢިލްމުތައް ދޫކުރައްވަމުންނެވެ.

الدولة الأيوبية ގެ ދުވަސްވަރު އަޒުހަރުގެ މިސްކިތުން ޚުޠުބާ ކިޔުން ހުއްޓާލެވުނެވެ. ނަމަވެސް މި ބުނި ދުވަސްވަރު ވެސް އަޒުހަރުގައި ޢިލްމީ ޙަލްޤާތައް ބޭއްވެމުން ދިޔައެވެ. ނަމަވެސް އޭގެފަހުން މަމްލޫކީ ދައުލަތުގައި الظاهر بيبرس البندقداري ގެ ދުވަސްވަރު އަލުން އަޒުހަރު މިސްކިތުގައި ސުންނީ މަޛުހަބާއި އެއްގޮތަށް ޚުޠުބާ ދޭން ފެއްޓުނެވެ. އެ ސުލްޠާނުގެ ދުވަސްވަރު އަޒުހަރު ގެ ޢިމާރަތްތައް އަލުން މަރާމާތު ކުރެއްވިއެވެ. އަލުން ދެވަނަ ފަހަރަށް އަޒުހަރަށް، ކުރިން ލިބިފައިވާ މަޤާމާއި ހައިބަތު ހޯއްދަވައި ދެއްވިއެވެ. 

މަމްލޫކީން ގެ ދުވަސްވަރަކީ އަޒުހަރުގެ އެންމެ ފާގަތި ދުވަސްވަރު ކަމުގައި ބުނެވިދާނެއެވެ. ތަޢްލީމީ ގޮތުން ވެސް އިތުރު ހަރުފަތްތަކަށް ކުރިއަށް ޖެހިގެން ދިޔައެވެ. އަޒުހަރުގެ ލައިބުރަރީ އަށް އެންމެ އަގުބޮޑު ފޮތް ތައް އިތުރު ކުރެވިގެން ދިޔައެވެ. އަދި އިރުމަތީގައިވާ އެންމެ ބޮޑު އެންމެ މަތިވެރި ލައިބުރަރީ އަކީ އަޒުހަރުގެ ލައިބުރަރީ ކަމުގައި ވެގެން ދިޔައެވެ. އަދި ކުރިން ބަޔާން ކުރި ގޮތަށް މަމްލޫކީ ރަސްރަސްކަލުން އަޒުހަރަށް ޢިމާރަތްތައް އިތުރުކުރައްވަމުން ގެންދެވިއެވެ، ނަތީޖާ އެއްގެ ގޮތުން ޤާހިރާގައި ހުރި މަދަރުސާތަކުގެ މަންމަ އަކީ އަޒުހަރު ކަމުގައި ވެގެން ދިޔައެވެ. އަދި އިސްލާމީ ދުނިޔޭގައިވާ އެހެން ޔުނިވަރސިޓީތަކަށް އަޒުހަރާ ވާދަ ކުރެވޭ ވަރަށް ވުރެ ކުރިއަރަށް ޖެހިލިއެވެ. 

ޢުޘްމާނީ ޙުކުމުގައި މިޞްރުގެ ޢިލްމާއި ފަންނު ވެރިކަމަށް ޚަރީފު މޫސުމްއައި ކަމުގައިވީ ނަމަވެސް އަޒުހަރު އެފަނާރުގެ ޢިލްމީ އަލިން މިޞްރަށާއި އިސްލާމީ ދުނިޔޭގެ ކަންކޮޅުތަކަށް އަލިކުރަމުން ދިޔައެވެ. ފަރަންސޭސިން މިޞްރަށް ދިން ޙަމަލާ އިން، ދިފާޢު ކުރުމުގެ މަސައްކަތުގައި އަޒުހަރު ބައިވެރިވިއެވެ. އިތުރުން މިޞްރުގެ ވާލީއަކަށް މުޙައްމަދު ޢަލީ އިސްކުރުމަށް ރައްޔިތުން ކުރިއަށް ގެންދިޔަ ޙަރަކާތް ތަކުގައި އަޒުހަރުން އިސް ދައުރެއް އަދާކުރިއެވެ. މިދުވަސްވަރު އަޒުހަރަކީ އެ ދިގު މުއްދަތުގައި، އިސްލާމީ ޢިލްމުތައް ފެތުރި ހަމައެކަނި މަރުކަޒަކީ އަޒުހަރެވެ. 

މި ޒަމާނުގައި މުޙައްމަދު އަލީ ފެއްޓެވީ ހޭލުންތެރިކަމުގެ ތެރެއިން، އަޒުހަރުން ނިކުންނަ ކޮންމެ ދަރިވަރަކީ އެދަރިވަރަކު ބައިވެރިވާ މަޢްހަދަށް އަލިކޮށްދޭ ވޮށެއް ކަމުގައި ވަނީ ވެގެން ގޮސް ފައެވެ. އޭރު އަޒުހަރުގެ ތައްލީމީ ނިޒާމު ބިނާވެގެން ގޮސްފައިވަނީ ޔޫރަޕުގެ ތަޢްލީމީ އުޞޫލު ތަކާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ. އަދި ހަމައެފަދައިން މިދަރިވަރުންނަކީ ޔޫރަޕުގެ ޤައުމުތަކަށް އަޒުހަރުން ފޮނުވާ ތަޢްލީމީ ބިޢުޡާގަތުގައި ފާހަގަކޮށްލެވޭ ދަރިވަރުން ކަމުގައިވަނީ ވެފައެވެ. 

ނަވާރަވަނަ ޤަރުނު ނިމި ވިހިވަނަ ޤަރުނު ފެށިގެން ދިއުމާއެކު އަޒުހަރަށް ޒަމާނީ އިޞްލާޙު ތަކެއް ގެނެވިގެން ދިޔައެވެ. އެކަމުގެ ބޭނުމަކީ ޒަމާނީ ތަޢްލީ މުއައްސަސާ ތަކާއި ޒަމާނީ ތަޢްލީމީ އުޞޫލުތައް އަޒުހަރަށް ތަޢާރަފު ކުރުމެވެ. މި އިސްލާޙުތަކަކީ ޝައިޚުލް އަޒުހަރު الإمام محمد عبده ހުށަހެޅުއްވި އިޞްލާޙު ތަކެކެވެ. އެގޮތުން ހިޖުރައިން 1312 ވަނަ އަހަރު ރަޖަބު މަހު 6 ވަނަ ދުވަހު އަޒުހަރުގެ ފުރަތަމަ މަޖިލިސުލް ކުއްލިއްޔާ އުފެދުނެވެ. އެއީ 1911 ވަނަ އަހަރު ފާސްކުރެވުނު 10 ވަނަ ޤާނޫނުގެ ދަށުންނެވެ. މި ޤާނޫނުގެ ދަށުން އަޒުހަރުގެ ތަޢްލީމީ ހުރިހާ މަރްޙަލާތަކެއް ވަކި އިންތިޒާމެއްގެ ދަށުން ހަމަޖެހިގެން ދިޔައެވެ. މުވައްޒަފުންނާ ބެހޭ ނިޒާމުތަކެއް އެކުލަވާލެއްވިއެވެ. އަދި އަޒުހަރަށް ކިޔަވަން ވައްދާ ދަރިވަރުންގެ ހުންނަން ޖެހޭނެ ޝަރުޠުތަކެއް ކަނޑައެޅިގެން ދިޔައެވެ. އިންތިޙާނު ތަކާއި ސެޓްފިކެޓު ދިނުމަށް هيئة އުފެދިގެން ދިޔައެވެ. އެތަނަށް އެ ހައިއާ އަށް ކިޔާފައިވަނީ މަޖިލިސުލް އަޒުހަރެ އަޢްލާއެވެ.  

މިކުރިއެރުންތައް 1930 ވަނަ އަހަރު ޝާއިޢު ކުރެވުނު 19 ވަނަ ޤާނޫނާ ހަމަޔަށް ދެމިގެން ގޮސްފައިވެއެވެ. މިޤާނޫނުގެ ދަށުން އަޒުހަރުގައި ތިން ކުއްލިއްޔާ އެއް އުފެދިގެން ދިޔައެވެ. އެއީ أصول الدين އާއި الشريعة އާއި اللغة العربية އެވެ. އަދި މިޤާނޫނުގެ ދަށުން އެކުއްލިއްޔާ ތައް އިތުރަށް ތަރައްޤީ ކުރުމުގެ ފުރުޞަތު ވެސް ވަނީ ދީފައެވެ. 

އަދި މީގެ އިތުރުން އަޒުހަރުގެ މަޢްހަދު ގެ މުޤައްރަރުގެ ތެރެއަށް ޝަރުޢީ ޢިލްމުނޫން ޢިލްމުތައް އިތުރު ކުރެވިގެން ދިޔައެވެ. މިމާއްދާ ތަކުގެ ތެރޭގައި ރިޔާޟިއްޔާތާއި، ޢުލޫމުގެ މައްދާތަކާއި، އިޖުތިމާޢީ ޢިލްމުތައް ހިމެނެއެވެ. އެކަމުގެ ބޭނުމަކީ އަޒުހަރުގެ ކުއްލިއްޔާތަކުން ދަރިވަރުންނަށް ފުރުޞަތު ހޯދައިދިނުމެވެ. އެއަށްފަހު 1936 ވަނަ އަހަރު ނެރެވުނު 26 ވަނަ ޤާނޫނުން ތަޢްލީމީ ހަތަރުވަނަ މަރްޙަލާއެއް އުފަން ވެގެން އައެވެ. އެއީ الدراسات العليا އެވެ. ކުރިން މި އިޝާރަތް ކުރި ޤާނޫނަށް ދެވިފައިވާ ނަމަކީ قانون التطوير އެވެ. 

1961 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހު 103 ނަންބަރުގެ ދަށުން އަލުން އަޒުހަރު ތަމްޒީމު ކުރުމުގެ ޤާނޫނުއް ފާސްކުރެވުނެވެ. މި ޤާނޫނުގެ ދަށުން އަޒުހަރުގެ ހިޔާވަހި ކަމުގެ ދަށުގައި ޢިލްމީ އިތުރު ކުއްލިއްޔާ ތަކެއް އުފެދިގެން ދިޔައެވެ. އެ ކުއްލިއްޔާ ތަކުގެ ތެރޭގައި ހިމެނެނީ ތިޖާރާ، މެޑިސިންގ، ހަންދަސާ، ޒިރާޢާ އެވެ. އަދި ހަމައެފަދައިން މުސްލިމު އަންހެން ކުދިންނަށްޓަކައި ތަޢްލީމުގެ ދޮރުތައް ހުޅުވިގެން ދިޔައެވެ. އަންހެންކުދިންނަށްޓަކައި ހުޅުވުނު ކުއްލިއްޔާ ދިރާސީ ނިޒާމުގެ ތެރޭގައި މެޑިސިންގ، ތިޖާރާ ޢުލޫމު، ދިރާސާތިލް ޢަރަބިއްޔާ، ދިރާސީތިލް އިސްލާމިއްޔާ، ދިރާސީތިލް އިންސާނިއްޔާ ފަދަ ކުއްލިއްޔާތައް ހިމެނެއެވެ. އަޒުހަރުގެ ޒަމާނީ ޢިލްމީ ކުއްލިއްޔާތަކާއި އެހެން ކުއްލިއްޔާތަކާ، ހުރި ތަފާތަށް ބަލާއިރު، ތަޚައްޞުޞީ ދިރާސާ ތަކުގެ އިތުރުން ދިރާސާތިލް އިސްލާމިއްޔާ އަށް ވަރަށް ބޮޑު އަހުމިޔަތު ކަމެއް ދީފައި ވާކަން ފާހަގަ ކުރެވެއެވެ. 

އަޒުހަރުން އެ ޔުނިވަރސިޓީގައި ޤާއިމު ކުރެވިފައިވާ ޢިލްމީ ޝަރްޢީ  ކުއްލިއްޔާތަކާއި މެދު ފަޚުރުވެރިވާ ފަދައިން، ޢިލްމީ ކުއްލިއްޔާ ތަކާއި މެދުވެސް ފަޚުރުވެރިވެއެވެ. އެއީ ޝަރްޢީ ކުއްލިއްޔާތަކުގެ ދައުރުގެ މުހިންމު ކަމުގެ ސަބަބުންނެވެ. އެ ދަރިވަރަކު ދާ ކޮންމެ ތަނެއްގައި އަޒުހަރުގެ ރިސާލަތު ފުރިހަމަ ކުރުމަށް ދަރިވަރުންނަށް ދީނާއި ދުނިޔެ ދަސްކޮށްދެވެއެވެ. ތާރީޚީ ގޮތުން އަޒުހަރަށް ލިބިފައިވާ ނަމާއި މެދު އަބަދުވެސް ފަޚުރުވެރިވެއެވެ. ލޮލާއި ބެހޭ މަޝްހޫރު ޢާލިމް الحسن بن الهيثم (1039م) އަޒުހަރުގައި ކިޔަވައި ދެއްވިއެވެ. ހަމައެފަދައިން ޙިސާބުގެ ޢިލްމުގެ މުޘައްލަޘާތުތައް އީޖާދު ކުރެއްވި محمد بن يونس المصري (المتوفى عام 1009م ) ވެސް އަޒުހަރުގައި ކިޔަވައި ދެއްވިއެވެ. ހަމައެފަދައިން އަޒުހަރުން އެތަނުގެ ޖާމިޢާތަކަށ މުސްލިމު ނޫން އުސްތާޛުން ވެސް ކިޔަވައި ދިނުމަށްޓަކައި ގެނެއެވެ. މިސާލަކަށް المصنف اليهودي ގެ ނަމުގައި މަޝްހޫރުވެފައިވާ موسى بن ميمون ފަދަ ބޭފުޅުންނެވެ. موسى بن ميمون ދިރިއުޅުއްވަމުން ގެންދެވީ އަންދަލުސްގައެވެ. ޢުލޫމުލް ޢަރަބިއްޔާ އާއި ޢުލޫމުއް ޝަރްޢިއްޔާ އާއި އެކު އަޒުހަރުގައި ޢިލްމީ ޢަމަލީ އަދި ތަޖުރީބީ ޢިލްމުތައް ކިޔަވައި ދެވެމުން ދެއެވެ. މިގޮތުން އަބީ ރަޢްބަލް ގައި މަދަރުސަތުއް ޠިއްބުން ދަސްވެނިވި ފުރަތަމަ ބެޗްގެ ތެރޭގައި އަޒުހަރުން ދަސްވެނިވި ސަތޭކަ ދަރިވަރުން ހިމެނެއެވެ. އެހެން ކަމުން ބުނެވެން އޮތީ މިޞްރަށް މެޑިސިންގް އަކީ ކޯއްޗެއް ކަން އެނގިގެން ދިޔައީ އަޒުހަރުގެ ސަބަބުން ކަމުގައެވެ.  

محمد علي باشا ގެ ދުވަސްވަރު މިޞްރު ޢިލްމީ ގޮތުން ހޭލުންތެރި ކުރުމަށް ތަޢްލީމީ ވަފުދުތައް އިޓަލީ، ފަރަންސޭސި ވިލާތް، ނިންސާ އިގިރޭސިވިލާތް، ރަޝިޔާ އެނޫން ތަންތަނަށް އަށް ފޮނުއްވި ވަފުދުތަކުގައި ހިމެނިގެން ދިޔަ ޢިލްމުވެރިންގެ ތެރެއިން 70%  އަށްވުރެ ގިނައީ އަޒުހަރުގެ ޢިލްމުވެރިން ނެވެ. ކުރިން މި އިޝާރަތް ކުރި ޢިލްމުވެރިން އެނބުރި މިޞަރަށް އައުމަށްފަހު މަދަރުސަތުލް އަލްސުންގެ ނަމުގައި މަދަރުސާ އެއް އުފެއްދެވިއެވެ. އަދި އެ މަދަރުސާ ބަދަލުވެގެން ދިޔައީ ކުއްލިއްޔަތުލް އަލްސުންގެ ނަމަށެވެ. އަދި ހަމައެފަދައިން އެބޭފުޅުން ތަރުޖަމާގެ ޙަރަކާތްތަކާއި ފަންނީ އަދި ޢަސްކަރީ މަދަރުސާތައް އުފެއްދެވިއެވެ.

އެ ޢިލްމުވެރިންނަށް މިކަމަށް އިރުޝާދު ދެއްވީ الشيخ حسن العطار އެވެ. الشيخ حسن العطار ވަނީ ފަލަކީ ޢިލްމާއި، ރިޔާޟިއްޔާތާއި، ޖޯގްރަފީ ޢިލްމާއި ބެހޭގޮތުން ފޮތްތައް ލިޔުއްވާފައެވެ. އޭރު الشيخ حسن العطار ހުންނެވީ ޝައިޚުލް އަޒުހަރުގެ މަޤާމުގައެވެ. الشيخ الدمنهوري ވަނީ މެޑިސިންގ އާއި އޮޕަރޭޝަން ކުރުމާއި ބެހޭގޮތުން 6 ފޮތެއް ލިޔުއްވާފައެވެ. الشيخ الدمنهوري އަކީ ވެސް ޝައިޚުލް އަޒުހަރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ. އަދި މީގެ އިތުރުން الشيخ الدمنهوري ވަނީ އުޞޫލުލް ފިޤުހާއި علم التشريح އާއި ބެހޭ ގޮތުން ވެސް ފޮތްތައް ލިޔުއްވާފައެވެ.

އަޒުހަރުގައި ތަޢްލީމު ޙާޞިލް ކުރުމުގެ ދޮރުވަނީ އެންމެންނަށް ހުޅުވާލެވިއެވެ. އެއީ އަޒުހަރުގެ ޒިންމާ އެކެވެ. އެގޮތުން 107 ޤައުމުގެ ދަރިވަރުން އަޒުހަރުގެ އެކިއެކި ކުއްލިއްޔާ ތަކާއި މަޢްހަދު ތަކުގައި ތަޢްލީމު ޙާޞިލް ކުރަމުން އެބަގެންދެއެވެ. އެގޮތުން އަޒުހަރުގައި ކިޔަވައި ދެއްވުމަށްޓަކައި 15155 މުދަރިސުންނާއި މުދައްރިސާއިން ޙަރަކާތްތެރިވާއިރު، 500000 ޠާލިބުންނާއި ޠާލިބާއިންނަށް ޚިދުމަތް ދިނުމަށް 13074 މުވައްޒަފުން ޙަރަކާތްތެރިވެއެވެ. އަޒުހަރު ޔުނިވަރސިޓީގައި 23 ކުއްލިއްޔާ ހިމެނެއެވެ. މެޑިސިންގެ 4 ކުއްލިއްޔާ ހިމެނެއެވެ. އަދި މީގެ އިތުރުން ޢުލޫމުގެ 3 ކުއްލިއްޔާ، ހަންދަސާގެ 3 ކުއްލިއްޔާ، ޞައިދަލާގެ 3 ކުއްލިޔާ ޠިއްބުލް އަސްނާނުގެ 3 ކުއްލިއްޔާ ހިމެނެއެވެ. 

މީގެ އިތުރުން ޢިލްމީ އަދި ނަޒަރީ 34 ކުއްލިއްޔާ، އަދި ޝަރްޢީ 45 ކުއްލިއްޔާ ޖުމްލަ 79 ކުއްލިއްޔާ ހިމެނެއެވެ. އޭތެރެއިން 47 ކުއްލިއްޔާ ޚާއްޞަ ކުރެވިފައިވަނީ ފިރިހެން ކުދިންނަށެވެ. 32 ކުއްލިއްޔާ ޚާއްޞަ ކުރެވިފައިވަނީ އަންހެން ކުދިންނަށެވެ. އަދި މީގެ އިތުރުން ނަރުހުން ތަމްރީނު ކުރާ 2 މަރުކަޒު ހުރެއެވެ. 

މީގެ އިތުރުން އެހެން ޔުނިވަރސިޓީ ތަކުގައި އެންމެ ހަސްފަތާލައެއް ހުންނައިރު އަޒުހަރުގައި 6 ހަސްފަތާލު ހުރެއެވެ. އަދި ދާދި އިހަކަށް ދުވަހު 124000 ވަނީ މީޓަރު ބޮޑު މިނުގެ ހަސްފަތާލެއް ހުޅުވާފައެވެ. މިއީ މުޅި މިޑްލްއީސްޓްގައި ހުރި އެންމެ ބޮޑު ހަސްފަތާލެވެ. މި ހަސްފަތާލުގެ ގޯތިތެރޭގައި މަތިންދާބޯޓް ޖެއްސޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ. 

އަޒުހަރުގެ ތަޢްލީމީ މަންހަޖުގައި ހިމެނޭ އެންމެ ޚާއްސަ އެއްކަމަކީ ދަރިވަރުންނަށް ދެވޭ ތަޢްލީމުގައި ތިން ކަމެއް އެކުލެވިގެންވާ ކަމެވެ. އެއީ އެހެން އެއްވެސ ތަޢްލީމީ މުއައްސަސާއަކަށް ލިބިފައިވާ އިމްތިޔާޒެއް ނޫނެވެ. 

ފުރަތަމަ ކަމަކީ، އަޒުހަރުގެ ޖާމިޢާ ތަކުގައި ދަރިވަރުންނަށް ބާވައިލެއްވި ޢިލްމުތައް ކަމުގައިވާ ޤުރްއާނާއި ސުންނަން އުނގަންނައި ދެވޭކަމެކެވެ. 

ދެވަނަ ކަމަކީ، ސިކުނޑީގެ ޢިލްމުތައް ވެސް އުނގަންނައި ދެވޭ ކަމެވެ. އެއީ ދަރިވަރުން ބޮޑަށް ވިސްނައި ދިނުމަށްޓަކައެވެ. އެހެން ކަމުން އަޒުހަރުން ނިމޭ ދަރިވަރުންގެ ސިކުނޑިތަކަކީ ހުޅުވިފައިވާ ސިކުނޑިތަކެކެވެ. ހަމައެކަނި ބާވައިލެއްވި ޢިލްމަށް އަހުލުވެރިވެފައިވާ މީހާ އަށް ވިސްނޭނީ އެންމެ ވިސްނުމެކެވެ. ނަތީޖާ އަކަށް ވެގެން ދާނީ އޭނާ އެހެން މީހުންގެ ކުށްދައްކަން ފެށުމެވެ. އަދި ތިމާނޫން މީހުން ކާފަރު ކުރުމެވެ. މިއީ އަޒުހަރުގެ އުޞޫލެއް ނޫނެވެ. 

ތިންވަނަ ކަމަކީ، އަޒުހަރުން އެތަނުގެ ދަރިވަރުންނަށް ތަޠްބީޤީ ޢިލްމުތައް ވެސް އުނގަނައިދެއެވެ. އެއީ ޢަރަބި ބަހާއި ޝަރުޢީ ޢިލްމުގެ އިތުރުންނެވެ. އެހެން ކަމުން އަޒުހަރުގެ ދަރިވަރުން ހެދިބޮޑުވަމުން ދާނީ ޢަޤްލައި ނަޤްލާއި ދެކޮޅުވެރި ނުވާ ދަރިވަރެއްގެ ގޮތުގައެވެ. ދީނާއި ދުނިޔެ އާއި ދެކޮޅުވެރި ނުވާ ދަރިވަރެއްގެ ގޮތުގައެވެ. އެހެން ކަމުން ތަޢްދުދިއްޔާ ނުވަތަ އަނެއް މީހާ ބަލައިގަތުމަކީ އަޒުހަރުގެ މަންހަޖުގައި އެންމެ ފާހަގަ ކޮށްލެވޭ އެއްކަންތަކެވެ. މިކަމުގެ ނަތީޖާ އަކީ އެއް ގެއެއްގެ ތެރޭގައި އެމީހާގެ ވެރި ރަސްކަލާނގެއަށް އަޅުކަން ކުރުމަށް ޙަނަފީ، ޝާފިޢީ، ޙަންބަލީ، އަދި މާލިކީ މީހާ އަށް ޖާގަ ލިބިގެން ދަނީ، އެކަކު އަނެކަކު ކުށްވެރި ކުރުމުގެ، އިނގިލި ދިއްކުރުމެއް ނެތިއެވެ.

Wednesday, October 14, 2020

ރިކައުންޓު: ވާދުއަށް ކުރި ދަތުރު

ވާދުއަށް ކުރި ދަތުރު

ލުޤްމާން ޢީސާ / ގުލްފާމުގެ ބ ކިހާދޫ

             ސްކޫލް ބޮޑުޗުއްޓީއަށް އައިޝާ މާލޭގައި އުޅެފައި ރަށަށް އައިސް ހުރި ދުވަހެކެވެ. އެއްއުމުރު ފުރައިގެ  ކުދީންތައް ގެއާއި ވަރަށް ކައިރީގައި އަވައްޓެރީންގެ ގޮތުގައި ދިރިއުޅެމުންދޭ! ދުވަސްވަރަކީ ސްކޫލް ޗުއްޓީކަމުން  އައިޝާގެ  ކުލާހުގެ  އިތުރު އެހެންދަރިވަރުންވެސް  މިވަގުތު ތިބީ ރަށަށްއައިސްފަ. އެހެންކަމުން ރައްޓެހި ބައިވަރު ކުދީންއައިޝާއަށް ވަނީލިބިފަ. ކޮންމެއަކަސް  މިދުވަސްވަރަކީ  ރަށުގެ  އެކިހިސާބުތަކުގެ އަވަށްޓެރީން  މަޖާކޮށްލާ  އުފާކޮށްލަން  ދިރިއުޅޭ ރަށަށާއި މީހުން ދިރިނޫޅޭ ކައިރި ރަށްރަށަށް ދަތުރު ދާމީހުން ގިނަދުވަސްވަރެއްކަމުން އައިޝާވެސް  ކައިރި އަވަށްގަނޑު މީހުންނާއެކު ކައިރީގައި އޮންނަ މަދިރިވާދުއަށް  މާދަމާ ދަތުރު ދާންރާވައިފި! އަދި ވަރަށްބޮޑަށް ތައްޔާރުވެ ފުރާނެ ވަގުތާއި ކުޅޭނެކުޅިވަރުތަކާއި ،ކާނެއެއްޗެހި މަންމަޔާއި ބައްޕަކައިރީ ބުނެ ރޭގަނޑު ނިދުމުގެ ކުރީން ހޯދާތައްޔާރު ކޮށްފި! އަދި ދާނެދޯންޔަކާއި ،ދަތުރުދާނެ ބައިވެރިންވެސް ހޯދާ ރެޑީކޮށްފި ފުރަންނިންމީ ހެނދުނު 7ގަޑި 30 ތިޜީސް .މި މޫސުމަކީ އިރުވައިގެ ނަލަ ނަލަ ހިތްގައިމު ދުވަސްވަރިކަމުން އިރުދަށުން މަޑުމަޑު ވައިރޯޅިއެއް ޖެހޭ! އައިޝާއަކީ  މޫދަށް ވަރަށްފަރިތަ އަދި ފީނުމަށް ވަރަށް ޝައުގުވެރިކުއްޖެއްކަމުން  ފީނުމަށްބޭނުންވާ  އާލަތްތައް ، މާސްކު ،ފިންސް  އަދި މޫދުކުޅިވަރުގައި ބޭނުންކުރާ  ސީބެޑްފަދަ މުހިތްމު ހުރިހާ އެއްޗެއް ހޯދާ ތައްޔަރު ކުރި.އަދި ވާދުއަށްގޮސް  ކުޅިއަށް އެރި މަސްހިފާ  ހަދަން ބޭނުންވާތީ މަސްހިފާ  ނެޓާއި ދަލާއި އަދިމަސްއަޅަންބޭނުންވާ  ބާލިދީވެސް ހޯދި. އައިސާ އެރޭ ނިދަން އޮށޯތީ  ގާތްގަނޑަކަށް 10 ޖަހާކަށް ހައިއިރު. ވަރަށްފަތިހާ  ހޭލަންޖެހޭތީ އަވަހަށްނިދީ ! ކޮންމެއަކަސް އައިޝާ ފަތިހު ފަތިސްނަމާދައް ހޭލައިފި! އަދި ހެނދުނުގެ ސައިވެސް  މަންމަޔާއެކު އެހީތެރިވެ ހެނދުނު 7 ޖެހިއިރު ބޮއެ ނިންމާލި!  މިހާރު ދަތުރު ދާހުރިހާ ބައިވެރިން އެތިބީ އަތިރި މަތީ ހޮޅުއަށިގައި! ފުރާގަޑި ކައިރި ވާތީ އެއްޗެއް މަދުތޯ އައިޝާ ވަރަށް ބޮޑަށް ބަލަން ފަށައިފި!

މިގޮތުން ފެނާއި އަލިފާން އަދި ކެއުމަށް ބޭނުންވާ  ތަކެތި އެއްތަނެއްގައި ބަހައްޓައި ދޯނީގެ ފަޅުވެރީންގާތު އެއެއްޗެތި ދޯންޏައް އަރުވަންބުނި!  މީހުންއަރާ  ފައިބަނީ ބޮއްކުރަލުގަ!  މިހާރު ފުރައިގެން ވާދުއަށް ދަތުރު ކުރަމުންދަނީ! ދޯނީގެ ތެރެއިން އިވެނީ މަޖާކުރުމާއި ލަވަ ބާޒީ ކުޅޭ އުފާވެރި ހަރާކާތް ތަކުގެ އަޑު! ދޯނީގެ ދެފަރާތުން  ވަރަށް ގިނަ ކޯމަސްބައިގަނޑެއް ދޯނީގެ ފަހަތު ލައިފި! ދެންމެ ދެންމެހީވަނީ ދޯނީގަ ކޯމަސްތައް ޖެހެނީހެން! ކުދީންތައް ދޯނީގެ ތައްޓުމަތީ ތަޅަންފަށައިފި! ކޯމަސް ތައްދޯނިކައިރިއަށް ގެންނަންވެގެން ކުދީން ތައް  ތުނބުންފެމަ އަތްޖަހާވެސް ހަދާ! ކޮންމެއަކަސް މިހާރުމިއޮތީ ވާދުއަށް އާދެވިފަ! ދޯނި ހަމަ ރާޅުފަށައް ބީއްސާ ލުމާއެކު އެކުއްޖަކާ އަނެއްކުއްޖަކު   ގޮނޑުދޮށަށް ވެލިގަނޑު މައްޗަށް ފުންމަންފެއްޓި! މިހާރު ދަތުރު ގެންދިޔަ ސާމާނު ރަށުގެ ދުނޑިމަތީ ހުރި ބޮޑު ކާނިގަސް ދޮށަށް ހުރިހާ  ކުދިންނާއިއެކު   އައިޝާ ޖަމާކޮށްފި! ދެން ހުރިހާ ކުދީ ރަށުގެ ރީތިކަން ދެކިލަން އެކިދިމާލަށް ހޭލަމޭލަޔައް ގޮސްފި! އައިޝާ ފުރަތަމަދިޔައީ ތުނޑިމަތީގައި ތިބި ކިރުދޫނިތައް އުދައްސާލަން! ދިޔައިރު ބައިވަރު ދޫނި ބިސްހުރި! އިތުރު އެހެން ބައިވެރީންނާއެކު ބިސްތައްނައިގައި  ކޮތަޅަކަށް އެޅި!  ދެން ދަނިކޮށްފެނީ ކުދިކުދި ބައިވަރު  ޅަ ވެލާތަކެއް މޫދައް ވިހައިގެން ފައިބާތަން! މިމަންޒަރު ރީތިކަމުން ފޮޓޯވެސް އައިޝާ ނެގި! އަދި ކުދީންގެ ގާތުގައި ބުނި އެއްވެސް ކުއްޖަކު ވެލާގައި ނުހިފައްޗޭ! އެއީ މަނާކަމެކޭ!  މިހެން ބުނެލި. މިހާރު މެންދުރު ކާންތައްޔާރު ކުރާ ގަޑި ޖެހެނީނު! ހިނގާ އަވަހަށް ކަށްކަންދަމާ! މިހެންކިޔާ އައިޝާ އެދަނީ މެންދުރަށް ނޫޑްލްސް ކެއްކުމަށް ތައްޔާރު ކުރަން! އައިޝާޔާއެކު އެހެން ކުދީންވެސް ކެއްކުމުގައި ބައިވެރިވި! މެންދުރު ވުމުން ނަމާދު ކޮށް އަދި ކައިގެން ކުދީންތަކާއެކު މޫދަށް އައިޝާވެސް އެރުނު!  ދެންދިޔައީ ކުޅިއަށް މަސްހިފާށެ! ގޮސް ވަރަށް ބައިވަރު މަސްހިފި! ބައެއްކުދީން ތަފާތު ކުޅިވަރުގައި ބައިވެރިވެ އުޅޭ! ކުޅީގައި ކަނޑުލާއި ރަނޑުލާއި އަދި ތަފާތު ދޫނިތައް ކުޅިތަކުން އެކުދީން ދުއްޓެވެ.

ހަވީރުވުމާއެކު  ދަތުރު ނިންމާލައި ހުރިހާ ބައިވެރީން ދޯނިދޮށަށް ޖަމާވެއްޖެ!  މިހާރުއައިޝާވެސް  ފުރަންދޯންޏަށް އަރިފި! މިހާރުދަތުރު ކުރަމުންދަނީ ދަތުރު ނިންމާލާފަ ރަށާއި ދިމަލަށް! އަދި ހަވީރުގެ ސަޔަށް ދޯނީގައި ކުޅިމާ މޮޑުމާއި މަޖާމޮޑުންވެސް ކުރިއަށް ދިޔަ! ރަށަށް އާދެވުނީ ހަވީރު 5 ގަޑި 30 ހުގައި

( ނިމުނީ )

  

 

 

 

                                                    

                                                     

ވާހަކަ: ދަނޑުވެރި ދެމަފިރިންނާއި ދަރިން

 

ދަނޑުވެރި ދެމަފިރިންނާއި ދަރިން

ފާޠިމަތު ޤުރައިޝާ

އެއްޒަމާނެއްގައި ވަރަށް ފަގީރު ދެމަފިރިން އުޅުނެވެ. މި ދެމަފިރިންގެ 5 ދަރިން ތިބެއެވެ. މި ކުދިންނަށް ކިޔަވައިދީ ރަނގަޅު މުސްތަޤުބަލެއް ހޯދައިދެވޭތޯ މިދެމަފިރިން ވަރަށް ބުރަކޮށް މަސައްކަތްކުރެއެވެ. ނަމަވެސް ރަށަކީ މަސްވެރިކަމަށް މާ ރަނގަޅު ރަށަކަށް ނުވުމާއެކު ފަންގި ވިނުމާއި، އަދި ރާވެރިކަން ކޮށްގެން ލިބޭ ކުޑަ އާމުދަނީއަކުން ދިރިއުޅުމުގެ ހާލަތު ފުދުންތެރިކުރެވޭތޯ މި ދެމަފިރިން ވަރަށް ބުރަކޮށް މަސައްކަތްކުރެއެވެ.  އަދި ނަމާދުތައް ބަރާބަރަށް އަދާކޮށް މިނުން ދުވަހެެއް ދައްކަވާތޯ ދުޢާކުރެއެވެ.

ދަރިން ސުކޫލަށް ކިޔަވަން ފޮނުވާ ދަރިންނަށް ބޭނުންވާ އަންނައުނާއި އެހެނިހެން ކަންކަން ކުރާވަރަކަށް ފައިސާއެއް ނުހުރެއެވެ. ދެން މި ދެމަފިރިން މިކަމާ ވަރަށް ވިސްނުމަށްފަހު ނިންމީ ދަނޑުވެރިކަން ކުރާށެވެ. އެގޮތުން ދަނޑު ނޮޅާ ސާފު ކުރުމަށްފަހު ދަނޑުގައި ތަފާތު ވައްތަރުގެ ތަރުކާރީއާއި މޭވާ އިންދައިފިއެވެ. އޭގެތެރޭގައި ބައްޓާއި، ޗިޗަންޑާ އާއި،  ކަރަޔާއި، ބަރަބޮލާއި، ކައްޓަލަ އާއި، މިރުހާއި، ބިންބި އާއި، ދޮނަޅަ އާއި ފަޅޮލާއި، ޒުވާރިވެސް ހެއްދިއެވެ.

މިދެމަފިރިންގެ މަސައްކަތުގައި އެހީވުމަށްޓަކައި މިދެމަފިރިންގެ ދަރިންވެސް ދަނޑަށް ދެއެވެ. ގަސްތަކަށް ފެންދިނުމާއި ވިނަ ނޮޅުމުގައި ބައިވެރިވެ އެހީތެރިވެދެއެވެ. އަދި ފަސްގަނޑުޖަހާ ގަސްއިންދުމުގައިވެސް އެހީތެރިވެދެއެވެ. މިގޮތުގައި ދުވަސްތައް ވޭތުކުރަމުންގޮސް  ބައެއް ތަރުކާރީ އާއި މޭވާ އަދި ގޮވާމުގެ ބާވަތްތައް ދޮންވެ ފައްކާވެ ކަނޑާ ދުވަސް ޖެހިއްޖެއެވެ. އެހެންކަމުން މި ދެމަފިރިންނާއި ދަރިން ދަނޑުގައި ހެއްދި ތަކެތި ކެނޑުމަށް ދަނޑަށްދިޔައިރު ކަނބިލިތައް އުޅެނީ ދޮންވެފައިހުރި މޭވާއާއި ތަރުކާރީތައް ކާށެވެ. ބައްޕަ ބަލާކަށްނުހުރެ ކަނބިލިތައް ފައްސަމުން ކަނބިލިތައް ފަހަތުން ދުއްވައިގަތެވެ. މިތަންފެނި މަންމައާއި ދަރިންވެސް ކަނބިލިތައް ފައްސަން ދުއްވައިގަތެވެ. ކަނބިލިތައް ބިރުން ވަލަށްވަދެ ފިލައިފިއެވެ. ނަމަވެސް ބައެއް މޭވާ އާއި ތަރުކާރީތައް ކަނބިލި ތަކުގެ ތުނބުދޮށުން ސަލާމަތް ކުރެވުނެވެ.

މިކަމާ މި ކުޑަކުޑަ އާއިލާ ތިބީ ވަރަށް ދެރަވެފައެވެ. ސަބަަބަކީ އެހާ ބުރަކޮށްކުރި މަސައްކަތަށް ކަނބިލިތަކުގެ އުނދަގޫ ޖެހުނީމައެވެ. ދެން ހަދާނެ ގޮތަކާމެދު ފިކުރުކުރަން އެންމެން ތިއްބައި އެތަނުން އެންމެ ކުޑަޔަށް ހުރި ކުއްޖާ ބުންޏެވެ. " ބައްޕާ! ހިނގާ އަޅުގަނޑުމެން މީދާހިފާކަހަލަ ކޮށްޓެއް ހަދަން. އޭރުން ކަނބިިތައް ކޮށީގަ ޖެހުނީމަ ދެންތިބި ކަނބިލިތައްވެސް ވަގުވެ ބިރުން ދަނޑަށް ވަނުން ހުއްޓޭނެ! "  އެންމެން މި ޚިޔާލަށް ތާއީދުކުރިއެވެ.

ޖެހިގެންއައި ދުވަހު ހެނދުނު ބައްޕަ، މީދާ ހިފާކަހަލަ ކޮށްޓެއް ހެދުމަށްފަހު ދަނޑަށް ލައިފިފިއެވެ. އަދި ހެނދުނު ދަނޑަށް ފެން ދިނުމަށްފަހު ރާވެރިކަން ކުރަން ދިޔައެވެ. އާދައިގެ މަތިން ހަވީރު ވުމުން ދެމަފިރިންނާއި ދަރިން ފެންދިނުމަށް ދަނޑަށް ދިޔައިރު އަނެއްކާވެސް އެއްކަލަ ކަނބިލިތައް އުޅެނީ ދަނޑުމަތީގައި ކަރަޔާއި، މިރުހާއި އަދި ފަޅޯތައް ކާށެވެ. މިތަންފެނި މި ކުޑަކުޑަ އާއިލާ ބަލާކަށްނުހުރެ ކަނބިލިތައް ފަހަތުން ފަން ހުނގުއްޔެއް ހިފައިގެން އެންމެން ދުއްވައިގަތެވެ. އަދި ބައްޕަ އައި ރުޅީގައި ގެޔައްގޮސް  އެކި ކުލަ ކުލައިގެ ދެ ޖިންސުގެ މީހުންގެ ހެދުންތައް ހިފައިގެން އައިސް ދަނޑުމަތީގައި މާލިތަކެއް ހަދައިފިއެވެ.

ޖެހިގެން އައި ދުވަހުވެސް އެއްކަލަ ކަނބިލިތަކުގެ އުނދަގޫ ކުޑައެއްނުވިއެވެ. މިކަމާ އެންމެންވެސް ތިބީ ވަރަށް ފިކުރުބޮޑުވެފައެވެ. މޭވާތަކާއި ތަރުކާރީތައް ކަނބިލި ކޮށްޖެހުމުގެ ސަބަބުން ހުންނަނީ ހަލާކުވާން ފަށާފައެވެ. މިކަން ހައްލު ކުރުމަށް އިރުކޮޅަކު ވިސްނަން ހުރެފައި އެންމެ ދޮށީދަރިފުޅު ބުނެފިއެވެ. "ބައްޕާ! އަޅުގަނޑަށް ވަރަށް މޮޅު ޚިޔާލެއް ލިބިއްޖެ! ހިނގާ ދަނޑުވަށާލަ އެއްކޮށް ދާ ދަމަން"

މި ޚިޔާލަށް އެންމެންވެސް ތާއީދުކޮށް ދާ ދެމުމަށްޓަކައި މުޑިކަނޑަން އެންމެން ވަލަށްދިޔައެވެ. އެއަށްފަހު ދަނޑުވަށާލަ ބޮޑު ދަލެއްޖަހައި ދަނޑު އެއްކޮށް ބަންދުކޮށްލައިފިއެވެ. މިކަމުގެ ސަބަބުން ކަނބިލިތައް ތިބީ ވަރަށް ދެރަވެ މާޔޫސްވެފައެވެ. އަދި ދަނޑުވަށައި ހިނގަ ހިނގައި ބޯހަލުވައި އަޑު ލައްވަމުން ދަނޑަށް ވަދެވޭތޯ ބަލަމުންދިޔައެވެ. ނަމަވެސް  މީގެ ފަހުން ކަނބިލިތަކުގެ ކިބައިން ދަނޑުގައި ހައްދާ ހުރިހާ މޭވާތަކަކާއި، ތަރުކާރީތަކެއް އަދި ގޮވާމުގެ ބާވަތްތައްވެސް ސަލާމަތް ކުރެވިއްޖެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މިތަކެތި ވިއްކައިގެން މި ކުޑަކުޑަ އާއިލާ ދުވަސްކޮޅެއްގެ ތެރޭގައި ފުދިގެންއުޅޭ އާއިލާއަކަށް ވެއްޖެއެވެ. މިހާރު މި ދެމަފިރިންގެ އާއިލާ އުޅެނީ ވަރަށް އުފަލުން އަދި ވަރަށް ފުދިގެންނެވެ.

                                            

                                               -         ނިމުނީ -