Featured Post

Ombey

Wednesday, October 14, 2020

ވާހަކަ: ދަނޑުވެރި ދެމަފިރިންނާއި ދަރިން

 

ދަނޑުވެރި ދެމަފިރިންނާއި ދަރިން

ފާޠިމަތު ޤުރައިޝާ

އެއްޒަމާނެއްގައި ވަރަށް ފަގީރު ދެމަފިރިން އުޅުނެވެ. މި ދެމަފިރިންގެ 5 ދަރިން ތިބެއެވެ. މި ކުދިންނަށް ކިޔަވައިދީ ރަނގަޅު މުސްތަޤުބަލެއް ހޯދައިދެވޭތޯ މިދެމަފިރިން ވަރަށް ބުރަކޮށް މަސައްކަތްކުރެއެވެ. ނަމަވެސް ރަށަކީ މަސްވެރިކަމަށް މާ ރަނގަޅު ރަށަކަށް ނުވުމާއެކު ފަންގި ވިނުމާއި، އަދި ރާވެރިކަން ކޮށްގެން ލިބޭ ކުޑަ އާމުދަނީއަކުން ދިރިއުޅުމުގެ ހާލަތު ފުދުންތެރިކުރެވޭތޯ މި ދެމަފިރިން ވަރަށް ބުރަކޮށް މަސައްކަތްކުރެއެވެ.  އަދި ނަމާދުތައް ބަރާބަރަށް އަދާކޮށް މިނުން ދުވަހެެއް ދައްކަވާތޯ ދުޢާކުރެއެވެ.

ދަރިން ސުކޫލަށް ކިޔަވަން ފޮނުވާ ދަރިންނަށް ބޭނުންވާ އަންނައުނާއި އެހެނިހެން ކަންކަން ކުރާވަރަކަށް ފައިސާއެއް ނުހުރެއެވެ. ދެން މި ދެމަފިރިން މިކަމާ ވަރަށް ވިސްނުމަށްފަހު ނިންމީ ދަނޑުވެރިކަން ކުރާށެވެ. އެގޮތުން ދަނޑު ނޮޅާ ސާފު ކުރުމަށްފަހު ދަނޑުގައި ތަފާތު ވައްތަރުގެ ތަރުކާރީއާއި މޭވާ އިންދައިފިއެވެ. އޭގެތެރޭގައި ބައްޓާއި، ޗިޗަންޑާ އާއި،  ކަރަޔާއި، ބަރަބޮލާއި، ކައްޓަލަ އާއި، މިރުހާއި، ބިންބި އާއި، ދޮނަޅަ އާއި ފަޅޮލާއި، ޒުވާރިވެސް ހެއްދިއެވެ.

މިދެމަފިރިންގެ މަސައްކަތުގައި އެހީވުމަށްޓަކައި މިދެމަފިރިންގެ ދަރިންވެސް ދަނޑަށް ދެއެވެ. ގަސްތަކަށް ފެންދިނުމާއި ވިނަ ނޮޅުމުގައި ބައިވެރިވެ އެހީތެރިވެދެއެވެ. އަދި ފަސްގަނޑުޖަހާ ގަސްއިންދުމުގައިވެސް އެހީތެރިވެދެއެވެ. މިގޮތުގައި ދުވަސްތައް ވޭތުކުރަމުންގޮސް  ބައެއް ތަރުކާރީ އާއި މޭވާ އަދި ގޮވާމުގެ ބާވަތްތައް ދޮންވެ ފައްކާވެ ކަނޑާ ދުވަސް ޖެހިއްޖެއެވެ. އެހެންކަމުން މި ދެމަފިރިންނާއި ދަރިން ދަނޑުގައި ހެއްދި ތަކެތި ކެނޑުމަށް ދަނޑަށްދިޔައިރު ކަނބިލިތައް އުޅެނީ ދޮންވެފައިހުރި މޭވާއާއި ތަރުކާރީތައް ކާށެވެ. ބައްޕަ ބަލާކަށްނުހުރެ ކަނބިލިތައް ފައްސަމުން ކަނބިލިތައް ފަހަތުން ދުއްވައިގަތެވެ. މިތަންފެނި މަންމައާއި ދަރިންވެސް ކަނބިލިތައް ފައްސަން ދުއްވައިގަތެވެ. ކަނބިލިތައް ބިރުން ވަލަށްވަދެ ފިލައިފިއެވެ. ނަމަވެސް ބައެއް މޭވާ އާއި ތަރުކާރީތައް ކަނބިލި ތަކުގެ ތުނބުދޮށުން ސަލާމަތް ކުރެވުނެވެ.

މިކަމާ މި ކުޑަކުޑަ އާއިލާ ތިބީ ވަރަށް ދެރަވެފައެވެ. ސަބަަބަކީ އެހާ ބުރަކޮށްކުރި މަސައްކަތަށް ކަނބިލިތަކުގެ އުނދަގޫ ޖެހުނީމައެވެ. ދެން ހަދާނެ ގޮތަކާމެދު ފިކުރުކުރަން އެންމެން ތިއްބައި އެތަނުން އެންމެ ކުޑަޔަށް ހުރި ކުއްޖާ ބުންޏެވެ. " ބައްޕާ! ހިނގާ އަޅުގަނޑުމެން މީދާހިފާކަހަލަ ކޮށްޓެއް ހަދަން. އޭރުން ކަނބިިތައް ކޮށީގަ ޖެހުނީމަ ދެންތިބި ކަނބިލިތައްވެސް ވަގުވެ ބިރުން ދަނޑަށް ވަނުން ހުއްޓޭނެ! "  އެންމެން މި ޚިޔާލަށް ތާއީދުކުރިއެވެ.

ޖެހިގެންއައި ދުވަހު ހެނދުނު ބައްޕަ، މީދާ ހިފާކަހަލަ ކޮށްޓެއް ހެދުމަށްފަހު ދަނޑަށް ލައިފިފިއެވެ. އަދި ހެނދުނު ދަނޑަށް ފެން ދިނުމަށްފަހު ރާވެރިކަން ކުރަން ދިޔައެވެ. އާދައިގެ މަތިން ހަވީރު ވުމުން ދެމަފިރިންނާއި ދަރިން ފެންދިނުމަށް ދަނޑަށް ދިޔައިރު އަނެއްކާވެސް އެއްކަލަ ކަނބިލިތައް އުޅެނީ ދަނޑުމަތީގައި ކަރަޔާއި، މިރުހާއި އަދި ފަޅޯތައް ކާށެވެ. މިތަންފެނި މި ކުޑަކުޑަ އާއިލާ ބަލާކަށްނުހުރެ ކަނބިލިތައް ފަހަތުން ފަން ހުނގުއްޔެއް ހިފައިގެން އެންމެން ދުއްވައިގަތެވެ. އަދި ބައްޕަ އައި ރުޅީގައި ގެޔައްގޮސް  އެކި ކުލަ ކުލައިގެ ދެ ޖިންސުގެ މީހުންގެ ހެދުންތައް ހިފައިގެން އައިސް ދަނޑުމަތީގައި މާލިތަކެއް ހަދައިފިއެވެ.

ޖެހިގެން އައި ދުވަހުވެސް އެއްކަލަ ކަނބިލިތަކުގެ އުނދަގޫ ކުޑައެއްނުވިއެވެ. މިކަމާ އެންމެންވެސް ތިބީ ވަރަށް ފިކުރުބޮޑުވެފައެވެ. މޭވާތަކާއި ތަރުކާރީތައް ކަނބިލި ކޮށްޖެހުމުގެ ސަބަބުން ހުންނަނީ ހަލާކުވާން ފަށާފައެވެ. މިކަން ހައްލު ކުރުމަށް އިރުކޮޅަކު ވިސްނަން ހުރެފައި އެންމެ ދޮށީދަރިފުޅު ބުނެފިއެވެ. "ބައްޕާ! އަޅުގަނޑަށް ވަރަށް މޮޅު ޚިޔާލެއް ލިބިއްޖެ! ހިނގާ ދަނޑުވަށާލަ އެއްކޮށް ދާ ދަމަން"

މި ޚިޔާލަށް އެންމެންވެސް ތާއީދުކޮށް ދާ ދެމުމަށްޓަކައި މުޑިކަނޑަން އެންމެން ވަލަށްދިޔައެވެ. އެއަށްފަހު ދަނޑުވަށާލަ ބޮޑު ދަލެއްޖަހައި ދަނޑު އެއްކޮށް ބަންދުކޮށްލައިފިއެވެ. މިކަމުގެ ސަބަބުން ކަނބިލިތައް ތިބީ ވަރަށް ދެރަވެ މާޔޫސްވެފައެވެ. އަދި ދަނޑުވަށައި ހިނގަ ހިނގައި ބޯހަލުވައި އަޑު ލައްވަމުން ދަނޑަށް ވަދެވޭތޯ ބަލަމުންދިޔައެވެ. ނަމަވެސް  މީގެ ފަހުން ކަނބިލިތަކުގެ ކިބައިން ދަނޑުގައި ހައްދާ ހުރިހާ މޭވާތަކަކާއި، ތަރުކާރީތަކެއް އަދި ގޮވާމުގެ ބާވަތްތައްވެސް ސަލާމަތް ކުރެވިއްޖެއެވެ. އަދި ނަތީޖާއެއްގެ ގޮތުން މިތަކެތި ވިއްކައިގެން މި ކުޑަކުޑަ އާއިލާ ދުވަސްކޮޅެއްގެ ތެރޭގައި ފުދިގެންއުޅޭ އާއިލާއަކަށް ވެއްޖެއެވެ. މިހާރު މި ދެމަފިރިންގެ އާއިލާ އުޅެނީ ވަރަށް އުފަލުން އަދި ވަރަށް ފުދިގެންނެވެ.

                                            

                                               -         ނިމުނީ -

No comments: