Featured Post

Ombey

Saturday, September 19, 2020

ރިކައުންޓު: ގަތްބިރު ....

                            ގަތްބިރު ....


  

        ހުކުރު ދުވަހުގެ ބުރަ މަސައްކަތަށްފަހު ވަރުބަލިކަން ފިލުވާލުމަށް  ސޯފާގައި އޮށޯތީމެވެ. ޓީވީން ވަރަށް ހިތްގައިމު ލަވައެއް ދައްކަމުން ދިޔައެވެ. ވެފައި ހުރި ވަރުބަލިކަން ލަވަޔާއެކުވެގެން ދިޔަކަހަލައެވެ. ލޮލަކަށް ޖެހުނުތަނާ ސިއްސައިގެން ގޮސް ހޭލެވިއްޖެއެވެ. އެއިވެނީ  އެންބިއުލާންސުގެ އަޑެވެ. އެއަޑު އަންނަނީ އަހަރެން ދިރިއުޅެމުންދާ އިމާރަތުގެ ތިރިންހެން އަހަންނަށް ހީވިއެވެ. ބެލްކަންޏަށް ނިކުމެ ބަލައިލިއިރު ކަމަކުދާކަށް ނެތެވެ. ކޮވިޑް އެންބިއުލާންސު އަހަރެން ދިރިއުޅެމުންދާ އިމާރާތުގެ ތިރީގައި އެބައޮތެވެ. އޭގެތެރެއިން ނިކުތް މީހުން ތިބީ ޕާރުސަލެއް ބަންދު ކުރާހެން ބަންދުކޮށްފައެވެ. އަހަރެންގެ ހިތް ތެޅެން ފަށައިފިއެވެ. ނޭވާ ހާސްވެ ކުރުވާގޮތް ވެއްޖެއެވެ. އެކި މީހުންނަށް ގުޅަން ފޯނު ހޯދީމެވެ. ނަމަވެސް ހާސްވެފައިހުރި ވަރުން ފޯނު ފެންނަގޮތެއް ނުވިއެވެ. އިރުކޮޅެއްފަހުން ފޯނު އޮތީ ޖީބުގައިކަން ރޭކާލިއެވެ. ވަގުތުން ފޯނު ނަގައި އިމާރާތުގެ އެކި ފަންގިފިލާގައި ދިރިއުޅޭ މީހުންނަށް ގުޅައި ވެގެން އުޅޭ ގޮތެއް އެނގޭތޯ މަސައްކަތްކުރީމެވެ. ކަމަކުދާކަށް ނެތެވެ. އެންބިއުލަންސު އައީ އެ އިމާރާތުގެ ވެރި މީހާގެ ދަރިފުޅު ޓެސްޓުކުރާށެވެ. އެމީހުންނާ އަހަންނާ ވަރަށް ފަހުން ދިމާވިއެވެ. އެގޭ އެހެން ކުއްޖަކު ވެސް ވަނީ ކޮވިޑަށް ފައްސިވެފައެވެ. ތިން މަސް ދުވަސް ވަންދެން އެމީހާގައިން އެކަން ފިލައި ނުދާނެކަމަށް ތަޖުރިބާކާރުން ބުނެއުޅެއެވެ. ނަމަވެސް ކުރާނީ ކީއްތޯއެވެ. އެމީހުން ރޭގައި ވެސް މިބަޔަށް ވަނެވެ. 

         މިހުރިހާ އެއްޗެއް ހިތަށް ވެރިވާން ފެށުމުން އަހަރެންގެ މާމަ ދަރިފުޅަށް ގުޅީމެވެ. އެދަރިފުޅު އުޅެނީ ލަންކާގައި ޑަކްޓަރީކަން ކިޔަވާށެވެ. އަދި ވެގެންއުޅޭގޮތް ދަރިފުޅަށް ކިޔައިދިނީމެވެ. އެ ދަރިފުޅު އަހަންނަށް ބުންޏެވެ. މާމާ އެވެ! މާމަ ބިރުން އުޅެނީ ކޮންކަމަކާ ހެއްޔެވެ؟ މާމަ އުޅެނީ މާސްކު އަޅައިގެން ހެއްޔެވެ؟ ކާފަ ބޭރުން ގެއަށް އައިސް ލައިގެން ހުންނަ ހެދުންތައް ބާލައި ފެންވަރައި ހެދުންތައް ދޮވޭ ހެއްޔެވެ؟ މާމަ ފިހާރައިން ގަނެގެން ގެންނަ އެއްޗެހި އަޅައިފައި ހުންނަ ކޮތަޅުފަދަ ތަޖެތި އެއްލާލާ ހަދަން ހެއްޔެވެ؟ އެގެއަށް އެންބިއުލާންސް އައިކަން އަހަންނަށް އެނގެއެވެ. އެގޭ އެންމެ ކުޑަ ކުއްޖާއަކީ އެގެއިން ޕޮޒިޓިވްވި މީހާއާ ސީދާ ބައްދަލުވެފައިވާ ފަރާތަކަށް ވާތީވެ އެކުއްޖާއަކީ ހައިރިސްކު ކުއްޖަކަށް ވުމުން ގެއިން ބޭރަށް ގެންގޮސްގެން ޓެސްޓު ހެދުމުގެ ބަދަލުގައި ގެއަށް އައިސް ޓެސްޓުކުރީއެވެ. މާމަމެން އުޅޭގޮތެއްދޯއެވެ؟ 

        މާމާ އެވެ! ޕޮޒިޓިވް މީހާ ސާދަ ދުވަހަށް އެކަހެރިކުރުމަށްފަހު ހަދާ ޓެސްޓުގެ ނަތީޖާއަށް ފަހު ދޫކޮށްލަނީ އެމީހާ ގައިން އެހެން މީހެއްގެ ގަޔަށް ކޮވިޑް 19 ނާރާނެތީއެވެ. މާމަގެ ކުޑައިރުގެ ރައްޓެހި ޝާފިއު ވެސް ކޮވިޑް 19 ޖެހުނެވެ. ނަމަވެސް އޭނާއަކީ ޑޮކްޓަރެއް ކަމުން މިހާރުވެސް ކޮވިޑް 19 އައިގެ ބަލިމަޑުކަން ތަހައްމަލުކުރަމުންދާ ބަލިމީހުންނަށް ފަރުވާ ދެއްވަމުން ގެންދަވާ ޓީމުގެ އެންމެ ކުރީގައި އޭނަ މަސައްކަތް އެބަކުރެއެވެ. މާމައަށް އޭނަވީމަ އޯކޭދޯއެވެ؟ މާމައަކީ ވެސް ކިޔަވައިގެން ހުރި ތަންދޮރު އޮޅުން ފިލައިފައި ހުރި މޮޅު މީހެކެވެ. ޑަކްޓަރު ކަމުގެ ލަޤަބުލިބިފައިވާ ނަން މަޝްހޫރު މުދައްރިބެކެވެ. މާމަ ވެސް ޢިލްމެއް ޙިލްމެއް ނެތް ޖާހިލުން ދައްކާ ކަހަލަ ވާހަކަ ދައްކަމުން ދުވެ ނޫޅޭށެވެ. އެންމެ ރުފިޔާއެއް ނުނަގައި ތި ޢިމާރާތުގައި ބަހައްޓާފައި ހުރިކަން ހަނދާނުގައި ބަހައްޓައިގެން އެމީހުންނަށް ޓަކައި ހެޔޮ ދުޢާކުރާށެވެ.   

No comments: