Saturday, September 19, 2020

ނަމޫނާ ދަރިއެއް ތަރުބިއްޔަތު ކުރުމަށް ...

ނަމޫނާ ދަރިއެއް ތަރުބިއްޔަތު   ކުރުމަށް ...



ދަރިފުޅު ބޭނުންވާހާ އެއްޗެއް ހޯދައިދިނުން ހުއްޓާލާށެވެ. އެހެނީ އެއިރުން އެދަރިފުޅު ބޮޑުވާނީ ބޭނުންވާ ހަމަ ކޮންމެ އެއްޗަކީ ލިބެންޖެހޭ އެއްޗެއް ކަމުގައި ދެކެގެންނެވެ. އެއީ ތިމާގެ ޙައްޤެއް ކަމުގައި ގަބޫލު ކޮށްގެންނެވެ.

ދަރިފުޅަށް  ގޯސް ބަހެއް ބުނެވުމުން  ނުވަތަ އެފަދަ ކަމެއް ކުރެވުމުން ނުހޭށެވެ. އެގޮތަށް ހީހަދާނަމަ އެދަރިފުޅު ބޮޑުވާނީ އެފަދަ ކޮންމެ ކަމަކީ މަޖާކަމެއް ކަމުގައި ގަބޫލު ކޮށް އެފަދަ އާދަތަކާއި އެކުގައެވެ. 


ދަރިފުޅަށް ކުރެވޭ ކޮންމެ ގޯސް ކަމެއް އެއީ ގޯހެއް ކަމަށް ބުނެދޭށެވެ. އަދިހަމައެއާއެކު ރަނގަޅުގޮތް ބުނެދޭންވާނެއެވެ. އަދި އެކަން އެގޮތަށް ނުކުރުމަށް ނަސޭހަތްތެރިވާށެވެ. ނަސޭހަތްދިނުމުގައި އޯގާތެރިކަމާއި ކެތްތެރިކަން އިސްކުރާށެވެ. އަދި ޙިކުމަތްތެރި ކަމާއިއެކު އެކަންކަން ހުއްޓުވައި  އިސްލާހު ކުރުމަށް ބާރު އަޅާށެވެ. 


ދަރިފުޅަށް ކުރެވޭ ރަނގަޅު ކަންތައް އެއީ ރަނގަޅު ކަންތައް ކަމަށް ބުނެ ފާހަގަ ކުރާށެވެ. އަދި އެފަދަ ކަންކަމަށް ހިތްވަރު ދޭށެވެ. ނޫންނަމަ ދަރިފުޅު ބޮޑުވާނީ ހެވާއި ނުބައި ވަކިކުރަން ނުދަންނަ ކުއްޖެއްގެ ގޮތުގައެވެ.


ދަރިފުޅު ހަޑިކުރާ ކޮންމެ ތަނެއް ރީތިކުރުމަށް ދަރިފުޅަށް ޖައްސާށެވެ. އަދި ގޯސްކޮށް ކުރާ ކޮންމެ ކަމެއް ރަނގަޅު ކުރާ މީހަކީ މަންމަ ނުވަތަ ބައްޕަ ކަމުގައި ނަހަދާށެވެ. އެކަންކަމުގެ ޒިންމާއަކީ، ދަރިފުޅުގެ ޒިންމާއެއްކަން ބުނެދޭށެވެ. އަދި އަމިއްލަ ކަންކަމުގެ ޒިންމާ އުފުލަން ކުޑައިރުއްސުރެ ދަރިފުޅަށް ވިސްނައިދީ ދަރިފުޅުގެ ސިކުނޑި އެކަމަށް ހާނުވަން ވާނެއެވެ. 

މިސާލަކަށް ދަރިފުޅުގެ ކުޅޭ އެއްޗެހިތައް ކޮޓަރި ތެރެއަށް ވިއްސާލާ ކޮންމެ ފަހަރަކު އެތަކެތި ނަގާ ސާފުކުރާ މީހަކީ މަންމަ ނުވަތަ ބައްޕަ ކަމުގައި ވެއްޖެނަމަ ދަރިފުޅު ބޮޑުވާނީ، އޭނާގެ ޒިންމާތައް ވެސް އެހެން މީހުން އަދާކޮށްދޭނެކަމަށް ދެކޭ ޒިންމާދާރުކަމެއް ނެތް ކުއްޖެއްގެ ގޮތުގައެވެ.


ޓީވީން ނުވަތަ އިންޓަނެޓުގެ ތަފާތު ވަސީލަތްތަކުން ދަރިފުޅު ބޭނުންހާ އެއްޗެއް ބެލުމަށް ދޫކޮށްނުލާށެވެ. އެފަދަ ކަންކަމާއި އަޅާނުލާނަމަ ދަރިފުޅަށް ވިސްނޭނީ ކުޑަކުދިންނާ ބޮޑެތި މީހުންނާ ވަކި ތަފާތެއް ނެތްކަމުގައެވެ. ބޮޑެތި މީހުން ބަލާ ކޮންމެ އެއްޗަކީ ތިމަންނައަށް ވެސް ބެލޭނެ އެއްޗެއްކަމުގައި ދެކޭ ކުއްޖެއްގެ ގޮތުގައެވެ. 


މައިންބަފައިންނަކީ ކިތަންމެ ތަނަވަސް ބައެއްކަމުގައި ވިޔަސް ދަރިފުޅު ބޭނުންވަރަކަށް ފައިސާއާއި އަގުބޮޑު ތަކެތި ހޯދައިނުދޭށެވެ. އެއިރުން ދަރިފުޅަށް ފައިސާއަކީ އެއްވެސް އަގެއް ހުރި އެއްޗަކަށް ނުވާނެއެވެ. އަދި އެދަރިފުޅު ގެންގުޅޭ ތަކެއްޗަކާމެދު ވެސް އެއްވެސް ވަރަކަށް ސަމާލުކަމެއް ނުބަހައްޓާނެއެވެ. އަދި ފައިސާ އަކީ އަގެއް ނެތް އެއްޗެއް ކަމާއި، ފައިސާ ހޯދުމަކީ ދާދި ފަސޭހަ ކަމެއް ގޮތުގައި ދަރިފުޅަށް ވިސްނިދާނެއެވެ. އަދި ފައިސާ ހޯދުމަށް އިޚްތުޔާރުކުރަންޖެހެނީ ކޮންކަހަލަ މަގެއްކަން ދަރިފުޅަށް އޮޅިދާނެއެވެ. އަދި ގޯސް މަގުތައް އިޚްތިޔާރުކުރެވިދާނެއެވެ. 


ދަރިފުޅުގެ ފަރާތުން ކުށެއް ނުވަތަ ނޭދެވޭ ކަމެއް ކުރެވިގެން އަވަށްޓެރިންނާއި މުދައްރިސުން ނުވަތަ އެކުވެރިއެއްގެ ޝަކުވާއެއް އަންނަ ކޮންމެ ފަހަރަކު އޭނާގެ ދިފާޢުގައި ވާހަކަ ދައްކައި އެމީހުން ކުށްވެރިކޮށް ވާހަކަ ނުދައްކާށެވެ. އެއިރުން ދަރިފުޅު ކުރާ ކޮންމެ ކަމަކީ ރަނގަޅުކަމެއް ކަމުގައި އޭނާ ގަބޫލުކުރާނެއެވެ. އަބަދުވެސް އަނެކުން ކުށްވެރި ކުރާނެއެވެ. 


ދަރިފުޅުގެ ޢުމުރާ ގުޅޭގޮތުން ދީނުގެ އަޅުކަންތަކުގައި ދަރިފުޅު ބައިވެރިކުރުވާށެވެ. އެގޮތަށް ކަންތައް ނުކޮށްފިނަމަ އަޅުކަން ކުރުމުގެ މުހިއްމުކަންް ދަރިފުޅު ބޮޑުވާއިރު ނުވިސްނޭނެއެވެ. ނުވަތަ އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދޭނެއެވެ. ނުވަތަ އެއީ ކުރަންޖެހޭ ކަމެއްކަމުގައި ނުދެކޭނެއެވެ.


މިގޮތަށް ކަންތައް ކޮށްފިނަމަ މާތް ﷲގެ އިރާދަފުޅުން ތިބާގެ ދަރިފުޅުވާނީ ތިބާ ފަހުރުވެރި ވާފަދަ ނަމޫނާ ދަރިއަކަށެވެ.


މަޞްދަރު:  އާދަމް ލަތީފް



No comments: