Featured Post

Ombey

Wednesday, September 16, 2020

ލޮބުވެތި މުދައްރިސުންނާއި މުދައްރިސާއިންނެވެ!


 ލޮބުވެތި މުދައްރިސުންނާއި މުދައްރިސާއިންނެވެ!

ހަމަކަށަވަރުން ޢިލްމު އުނގަންނައި ދިނުމަކީ ނަބީބޭކަލުން ކުރެއްވި ކަމެކެވެ. ޢިލްމު އުނގަންނައިދޭ މީހުންނަކީ ނަބީބޭކަލުންގެ ފިޔަވަޅުމަތިން ހިނގާ ބަޔެކެވެ. ނަބީބޭކަލުންވަނީ އެބޭކަލުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އުއްމަތަށް ނަމޫނާ ދައްކަވާފައެވެ. 
        ލޮބުވެތި މުދައްރިސުންނާއި މުދައްރިސާއިންނެވެ! ތިޔަބައިމީހުންނަކީ ތިޔަބައިމީހުންގެ ދަރިވަރުންނަށްވާ ނަމޫނާއެއް ކަމުގައި ވާށެވެ. ތިޔަބައިމީހުންގެ ކިބައިން ދަރިވަރުންނަށް ރިވެތި ނަމޫނާ ދައްކާށެވެ. ތިޔަބައިމީހުންގެ ޙަޔާތް ޢިލްމާއި އޭގެ އަދަބު އަޚުލާޤުގެ ފޭރާމުން ޒީނަތްތެރިކުރުވާށެވެ. ތިޔަބައިމީހުންގެ ދަރިވަރުން ނަމޫނާއަކަށް ބަލާނީ ތިޔަބައިމީހުންނަށްކަން ދަންނާށެވެ. ތިޔަބައިމީހުން އެދަރިވަރުންނަށް ކުރުމަށް އަމުރުކުރާ ކަންތައްތަކަށް ޢަމަލުކުރާ ބަޔަކަށް ތިޔަބައިމީހުންވާށެވެ. އަދި ތިޔަބައިމީހުން އެދަރިވަރުން ނުކުރުމަށް އިލްތިމާސްކުރާ ކަންތައްތަކަކީ އެކަންތައްތަކުން ތިޔަބައިމީހުންގެ ނަފްސު އެއްކިބާކޮށްފައިވާ ކަންތައްތަކަށް ހަދާށެވެ. 
ކަމެއްނުކުރާން ބުނެފައި އެކަމެއް ތިބާ އަމިއްލައަށް ނުކުރާށެވެ. އޭރުން އެދަރިވަރުންނަށް އެދެވެނީ ވަރަށް ނުބައި މެސެޖެކެވެ. އެއީ ހާދަހާ ބޮޑު ހިތާމައެއްކަން  ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟
        ލޮބުވެތި މުދައްރިސުންނާއި މުދައްރިސާއިންނެވެ! ތިޔަބައިމީހުންގެ މަސްއޫލިއްޔަތު ވަރަށް ބޮޑެވެ. ތިޔަބައިމީހުންނާ ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތަށް ތިޔަބައިމީހުން އަމާނާތްތެރިވާށެވެ. ތަރުބިއްޔަތު ކުރުމުގެ މަސްއޫލިއްޔަތު ވަނީ ތިޔަބައިމީހުންގެ ކޮމޑުގައި އެޅިފައެވެ. އުންމަތުގެ މުސްތަޤުބަލު ގުޅިލާމެހިފައިވަނީ ތިޔަބައިމީހުންގެ މަސްއޫލިއްޔަތާއެވެ. ތިޔަބައިމީހުން ކުރެ ކޮންމެ މީހަކީ ބެލެހެއްޓުންތެރިއެކެވެ. އަދި ތިޔަބައިމީހުންނަށް ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާ ބެހޭގޮތުން ތިޔަބައިމީހުންނާ ސުވާލުކުރެވޭނެއެވެ.
        ހަމަކަށަވަރުން ކިޔަވައިދޭ މީހުންނަކީ ވަރަށް މާތް ބައެކެވެ. އެބައިމީހުންގެ ހެޔޮކަމަށް ބަދަލުދެވޭނީ ހެޔޮކަމުންނެވެ. އަބޫ ހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެން އައިސްފައިވެއެވެ.  رسول الله صلى الله عليه وسلم ޙަދީޘްކުރެއްވިއެވެ.«"إِذَا مَاتَ الإِنْسَانُ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ: صَدَقَةٌ جَارِيَةٌ، وَعِلْمٌ يُنْتَفَعُ بِهِ، وَوَلَدٌ صَالِحٌ يَدْعُو لَهُ" (رواه الترمذي وصححه الألباني)
މާނައީ: "އިންސާނާ މަރުވުމުން އޭނާގެ ހުރިހާ ޢަމަލެއް ކެނޑިގެން ދެއެވެ. ތިންކަމެއް ފިޔަވައެވެ. އެއީ ދެމިގެންދާ ޞަދަޤާތަކާއި، ފައިދާކުރަނިވި ޢިލްމާ އަދި އޭނާއަށްޓަކައި ދުޢާކުރާނޭ ޞާލިޙު ދަރިއެކެވެ."
        ލޮބުވެތި މުދައްރިސުންނާއި މުދައްރިސާއިންނެވެ! ތިޔަބައިމީހުންގެ މަސްއޫލިއްޔަތު އަދާކުރުމުގައި އިޚްލާޞްތެރިވާށެވެ. ތިޔަބައިމީހުންގެ ހުރިހާ ވަގުތެއް ޤުރުބާންކުރަނީ އުނގަންނައި ދިނުމުގެ މަސައްކަތުގައެވެ. ތިޔަބައިމީހުންގެ އަމިއްލަ މަސްއޫލިއްޔަތުތަކާމެދު ވިސްނާފިކުރު ކުރުމެއްނެތި ރެއާ ދުވާ ހޭދަކުރަނީ ދަރިވަރުންނަށް ރަނގަޅު ތަޢްލީމެއް ހޯދައިދިނުމުގެ މަސައްކަތުގައެވެ. އެހުރިހާ ވަގުތަކާއި މަސައްކަތުގެ ފޮނި ނަތީޖާ ލިބެންޖެހޭ ވަގުތުގައި އެއީ އެއްވެސް ފައިދާއެއް މަންފާއެއް ނެތް ކަމަކަށްވެއްޖެނަމަ އެކަމުގެ ހިތިރަހަދެކޭނީ ޚުދު ތިޔަބައިމީހުންނެވެ. ވީމާ ދަރިވަރުންނަށް ދެވޭ ކޮންމެ އިރުޝާދަކީ އިޚްލާޞްތެރިކަމާއެކު ދެވޭ އިރުޝާދެއްކަމުގައި ހަދާށެވެ. ނަމާދުކުރަން އަމުރުކުރާނަމަ ތިޔަބައިމީހުންނަކީ ނަމާދަށް ރައްކާތެރިވާ ބައެއްކަމުގައި ވާށެވެ. އުފަންދުވަސް ފާހަގަ ނުކުރުމަށް ނަސޭޙަތްދޭނަމަ ތިޔަބައިމީހުންނަކީ އެކަން ނުކުރާ ބަޔަކަށް ވާށެވެ. ހެނދުނާ ހަވީރުގެ ޛިކުރުތައް ކިޔުމަށް ބާރުއަޅާނަމަ އެންމެ ފުރަތަމަ ތިޔަބައިމީހުން އެކަން ކުރާށެވެ. 

No comments: