Featured Post

Ombey

Saturday, August 22, 2020

ވާހަކަ: އިމްލީ

                               އިމްލީ

                              


އިމްލީގެ ރީތި ބަގީޗާއެއް އޮވެއެވެ. މިބަގީޗާގައި ތަފާތު ވައްތަރުގެ ގަސްތައް ހުރެއެވެ. މާއަޅާ ގަސްތަކާއި މޭވާ އަޅާ ގަސްތަކެވެ. ވެޔޮތަކާއި ބޮޑެތި ބިޔަގަސްތަކެވެ. އިމްލީ ކޮންމެ ދުވަހަކު ދެއިރު މިގަސްތަކަށް ފެންދެއެވެ. ހަފްތާއަކު އެއްފަހަރު ގަހަށް ބޭނުންވާ ވިޓަމިން ދީ ގަހުގައި ހުންނަ ހިކިފަތްތައް ކަނޑައެވެ. ގަސްތައް ބަލިވީމަ ބޭސްދެއެވެ. ފަތިހުގެ ފިނިކަމާއި ހަވީރު ފިނިކަން އިހްސާސްކުރަނީ ގަސްތަކާއެކުގައެވެ. ގަސްތައް ކައިރީ ހުރެ އަރިއަރިއަށް ފޮޓޯނަގައި ފަރިބަލައި ހަދައެވެ. އިމްލީ އޭނާގެ ބަގީޗާދެކެ އިންތިހާއަށް ލޯބިވެއެވެ.


މިބަގީޗާގައި ވަރަށް ބޮޑު ބިޔަ ކެކްޓަސް ގަހެއް ހުރެއެވެ. އެގަސް ބިޔަވެފައި ބޮޑުކަމުން ގަހުގެ ގޮފިތައް ފަންސަވީހަކަށް ފޫޓަށް ފެތުރިފައިވެއެވެ.  އެގަހުގައި ވަރަށް ބައިވަރު ކަށިތައް ހުރެއެވެ. އެގަހުގެ ކައިރިން ދާއިރު ގަޔަށް ކަށްޓެއް ނެހެރި ދެވޭތޯ އިމްލީ ވަރަށް ބަލައެވެ. ނަމަވެސް އެކަން އޭނާއަކަށް ކާމިޔާބެއް ނުވެއެވެ. އެގަސް ހުންނަ ސަރަހައްދުގައި ކޮފީ ބޯން މަޑުކޮށްލާނެ އިނދޯލިގެއެއް ހަދާފައިވެއެވެ. އެގޭތެރޭގައި އިނދޯލި ހެއްލަން އިމްލީ ކޮންމެ ދުވަހަކުވެސް ވަރަށް ގިނަވަގުތު ހޭދަކުރެއެވެ. އިމްލީގެ މުޅި ދުވަސް އޭނާ ހޭދަކުރަނީ މި ބަގީޗާގައެވެ.  


އާދަކާދައިގެ މަތިން ގޭތެރޭގެ ކަންތައް ނިންމުމަށްފަހު އިމްލީ ހުރީ ބަގީޗާގެ ތެރޭގައެވެ. އިނދޯލި ވަރަށް ބާރަށް ހެއްލަހެއްލައެވެ. އިމްލީ އިނީ ވަރަށް ފުން ވިސްނުމެއްގައެވެ. އިމްލީ ވިސްނަމުންދިޔައީ އޭނާގެ ބަގީޗާގެ ފުރިހަމަކަމާއި ރީތިކަމާ މެދުގައެވެ. ފޮޅިފައިވާ މާތަކުންނާއި އަޅާފައިވާ މޭވާތަކުން ދުވާ މީރު ވަހާ މެދުގައެވެ. 


ފުން ވިސްނުމުގައި އިންދާ މީހަކު ގޮވާލިއަޑަށް އިމްލީ ދިޔައީ ސިއްސައިގެންނެވެ. އިމްލީއަށް ގޮވައިލީ އޭނާގެ އަވައްޓެރި ރީމާއެވެ. ރީމާ އެގެއަށް ދިޔައީ އޭނާ މާލެދާން ފުރާތީ އިމްލީ އަށް ސަލާންގަލާންކޮށްލުމުގެ ނިޔަތުގައެވެ. ރީމާ ދިއުމުން އިމްލީ އޭނައަށް ކޮފީ ތައްޔާރުކުރިއެވެ. އަދި ކޮފީ ބޯން ތިބި އިރު އެކި އެކި ވާހަކަތައް ދެއްކިއެވެ. އެގޮތަށް ދެއްކުނު ވާހަކައެއްގެ ތެރެއިން އިމްލީގެ ބަގީޗާގެ ފުރިހަމަކަމުގެ ވާހަކަ ރީމާއަށް ބުނެވުނެވެ. އަދި މި ބަގީޗާއަކީ ފަނާވެގެންދާނެ ބަގީޗާއެއްކަމާ ދާއިމަށް ދެމިތިބޭނެ ބަގީޗާތައް ހާދަހާ ފުރިހަމާވާނެ ކަމަށް ވެސް ރީމާ ބުންޏެވެ. އަދި އިމްލީ ދުނިޔެ މަތިން ހޯދަމުންދާ އުފާ އާޚިރަތުގައި ހޯދުމަށް މަސައްކަތް ކުރުމަށް އިމްލީއަށް ނަސޭހަތްދިނެވެ. އެގޮތަށް ވާހަކައިގައި ތިއްބާ މަޣްރިބު ނަމާދަށް ބަންގި ގޮވިއެވެ. ބަންގި ގޮވާ ނިމުމުން ރީމާ އިމްލީއަށް ބުންޏެވެ. "މިރެއަކީ ޝަޢްބާން މަހުގެ 14 ވިލޭރޭ. 

މިރޭ މި ބަގީޗާގައި ހުރެ ހަނދުވަރުގެ ހިތްގައިމު މަންޒަރު ދެކިލަން އަހަރެން ބޭނުން. އެންމެ ރަނގަޅުތަ؟"

އެ އަޑު އިވުމުން އިމްލީގެ މޫނުމަތިން އުފާވެރިކަން ފާޅުވެގެން ދިޔައެވެ. ހީވީ ފިނިފެންމަލެއް ފޮޅުނީ ހެންނެވެ. އަދި ރީމާއަށް ޖަވާބުދެމުން އިމްލީ ބުންޏެވެ. 

"އާނ! އާނ! ވަރަށް ރަނގަޅު ޚިޔާލެއް ތީ."


އިމްލީ ރީމާ ނަމާދު ކުރަން ތަންދެއްކި އެވެ. ރީމާ ނަމާދުކުރަމުން ދިޔައިރު ވެސް އިމްލީ އިނީ އިނދޯލި ހެއްލާށެވެ. ނަމާދުކޮށް ނިމިގެން މުޞްޙަފެއް ހޯދުމަށް ރީމާ އެދުނެވެ. ނަމަވެސް އެގޭގައި މުޞްޙަފެއް ނެތް ވާހަކަ އިމްލީ ބުންޏެވެ. ރީމާ އޭނާގެ ފޯނު ބަލައިގެން ފަރިފަރި ރާގަކަށް ޤުރުއާނުން މިންވަރެއް ކިޔެވިއެވެ. ކިޔަވައި ނިމިގެ ރީމާ ވެސް އިނދޯލި ހެއްލަން ދިޔައެވެ. 


"އިމްލީ! ވާހަކައެއް އަހާލަންތަ؟"

"ލައްބަ، ތީ ކޮންކަހަލަ ސުވާލެއް؟ އަހާބަލަ! 

ވަރަށް މަޖާވެފައި އިމްލީ ޖަވާބު ދިނެވެ. 

"މިއީ އިމްލީ ޗުއްޓީ ދުވަސްކޮޅު ދޯ؟ ނޫނީ ... ހޫމް ... އަދިވެސް ނަމާދު ކުރަން ނުފަށަނީތަ؟" 

އިމްލީއަށް ހީވީ އޭނާގެ ދެފައި ދަށުން ބިންގަނޑު ދަމައިގެން ދިޔަ ހެންނެވެ. އަދި ލަދުން އިސްދަށަށް ޖެހިއެވެ. ޖަވާބުދޭން އުޅުމުން އޭނާގެ އަޑު ބޭރެއް ނުވިއެވެ. ހީވީ މީހަކު އޭނާގެ ކަރުގައި ހިފައިގެން ހުރީ ހެންނެވެ. ޖަވާބުގައި އެއްޗެއް ނުބުނެވެނީސް ރީމާ ދެވަނަ ފަހަރަށް  އެ ސުވާލު ތަކުރާރުކޮށްލިއެވެ.

"ނޫނޭ ޗުއްޓީއެއް ނޫން، މާދަމާ ނަމާދު ކުރަން ފަށާނަން. އަދި މާދަމާ  މުޞްޙަފެއް ވެސް ގަންނާނަން." 

"މަގޭ އެކުވެރިޔާއަށް ހަމަ ސާބަސް! ސުކޫލު ދައުރު ނިންމާލީ ތި މާދަމައަކުން އަރައިނުގަނެވި، ޒަވާޖީ ޙަޔާތެއް ފަށައި ފިރިމީހާއާ ލިބުނު ދެ ފިރިހެން ދަރިން މި ދުނިޔެއާ ވަކިވެގެން ދިޔައީ ތިބުނާ މާދަމައަކުން އަރައިނުގަނެވި، ގައިމު ތިބުނާ މާދަމައެއް އަންނަހާ ދުވަސް މިހާރު އުމުރުން ވެއްޖެނޫންތޯ؟ އަޅެ އެއްފަހަރު ވެސް ވިސްނާލިންތަ؟ މިބަގީޗާގައި މިހިރަ ގަސްތަކަށް މިއަދު ފެންނުދީ މާދަމާ ފެންދޭން ބަހައްޓަން. ކިހިނެއްތަ ގަހަށް ވެގެންދާނީ." ހެޔޮނުވާނެ މަގޭ އެކުވެރިޔާ ތިޔަހެން އުޅޭކަށް ނުވާނެ! ﷲ އަށް ތައުބާވެ ނަމާދުކުރަންފަށާ! މާދަމާ ވެސް މަރުވެދާނެ." 

ރީމާ އެގޭގައި މަޑުކުރާކަށް ބޭނުމެއް ނޫންކަމަށް ބުނެ ގެއަށް ދިޔައެވެ. 


މުޅިރޭ އިމްލީ އިނީ ވިސްނުމެއްގައެވެ. އޭނާގެ ހުރިހާ އެކުވެރިންނަކީ ގަޑިން ގަޑިއަށް ނަމާދުކުރާ މީހުންނެވެ. އަދި ކޮންމެ ދުވަހަކު ވެސް ޤުރުއާނުން ކޮންމެވެސް މޮންވަރެއް ކިޔެވުމަށް ލޯބިކުރާ ބައެކެވެ. ނަމަވެސް އިމްލީގެ އުމުރުން 45 އަހަރު ވީއިރު އޭނާ ދުވަހަކު ވެސް ނަމާދު ކުރި ހަނދާނެއް އޭނާ ނުހުރެއެވެ. ޤުރުއާނުން މިންވަރެއް ކިޔެވި ހަނދާނެއް ވެސް އިމްލީ ނުހުރެއެވެ. އެހެންނަމަވެސް އޭނާގެ އެކުވެރިން އަބަދުވެސް އޭނާއަށް އެކަން ހަނދާންކޮށްދެއެވެ. އިމްލީ ނަމާދު ނުކުރާތީވެ އޭނާގެ ހުރިހައި އެކުވެރިން އޭނާއާ ގުޅުމެއް ނުބާއްވައެވެ. ކިރިޔާވެސް އޭނަގެ ޚަބަރުބަލައި ޒިޔާރަތްކޮށްލާ މީހަކީ ރީމާއެވެ.


ޖެހިގެންއައި ދުވަހު ފަތިހު ފަތިސް ނަމާދުކޮށްލައިގެން އިމްލީ ރީމާމެންގެއަށް ދިޔިއެވެ. މީހުންތަކުން ރީމާމެންގެ ވަނީ ފުރާލާފައެވެ. ރުއިމުގެ އަޑުވެސް ކޮންމެވެސް ވަރަކަށް އިވެއެވެ. މީހުންގެ މޫނުމަތިން ފެންނަނީ މަޑުމޮޅިކަމާއި ހިތާމެވެރިކަމެވެ. އިމްލީ އެއްވެސް މީހަކާ އަނގައިން ނުބުނެ ވަދެގެން ދިޔައީ ރީމާ ފެނޭތޯއެވެ. ކަމަކު ދާކަށް ނެތެވެ. ސިޓިންރޫމުގެ މެދުގައި ހުރި ބޮޑު މޭޒެއްމަތީގައި ހުދު ފޮގަނޑެއް އަޅައި ނިވައި ކޮށްފައި އޮތް މީހަކު އޮތެވެ. އިމްލީގެ ހިނގުން މަޑުޖެހުނެވެ. އިރުކޮޅަކު މަޑުން ހުރުމަށްފަހު ބޭއިޚްތިޔާރުގައި އޭނާ މޭޒު ކައިރިއަށް ދިޔައެވެ. އަދި ފޮތިގަނޑު ހިއްލާލުމަށްފަހު އެއީ ކާކުތޯ ބަލައިލިއެވެ. އެއީ ރީމާކަން އޭނައަށް ޔަގީންވިއެވެ.


ރީމާގެ ކަށުކަމާކެމީގެ ކަންތައް ނިމެންދެން އިމްލީ އެގޭގައި ހުއްޓެވެ. ނަމަވެސް އެއްވެސް މީހަކާ އަނގައިނެއް ނުބުނެއެވެ.

ގެއަށްގޮސް ފެންވަރައި ރީތިވުމަށްފަހު އިމްލީ ވަރަށް ބޮޑަށް ވިސްނިއެވެ. އޭނަގެ އުޅުމާ މެދުގައެވެ. އަދި ތައުބާވުމަށް އާޒުމް ކަނޑައެޅިއެވެ. މެންދަމުން އަލިވެ 2 ޖެހިއެވެ. ނުނިދިގެން އެނދުމަތީ ދެކޮޅުން ދެކޮޅަށް ފުރޮޅި ފުރޮޅި އިމްލީ އޮތެވެ. ނިދޭނެ ކަމުގެ އެއްވެސް ކަހަލަ އުއްމީދެއް ނެތިފައެވެ. އިރުކޮޅަކު އެހެން އޮތުމަށްފަހު ތެދުވެ ވުޟޫކޮސްގެން 2 ރަކްޢަތް ނަމާދެއް ކުރިއެވެ. އަދި ދެއަތް މައްޗަށް ނަގައި ދުޢާކުރަން ފަތިސް ވަންދެން ހުއްޓެވެ. ފަތިސް ނަމާދަށް ބަންގި ގޮވައި ނިމުމުން ނަމާދުކުރިއެވެ. އަދި އެއަށްފަހު ޤުރުއާނުން މިންވަރެއް ކިޔަވަން ފެށިއެވެ. ޤުރުއާނަށް ކޮށިކަމުން ކިޔަވުން ވެގެން ދިޔައީ ދަތި އުނދަގޫ ކަމަކަށެވެ. ނަމަވެސް ހިތްވަރުކޮށްގެން ޞަފުޙާއެއްވަރު ކިޔެވުމަށްފަހު ވެފައި ހުރި ވަރުބަލިކަން ފިލުވަން އޮށޯތެވެ. އޭނައަށް ހޭލެވުނީ މެންދުރު ނަމާދަށް ބަންގި ގޮވާ އަޑަށެވެ. އިމްލީގެ ހިތަށް އެރިއެވެ. ހާދަހާ އަރާމު ނިންޖެކެވެ. އެއްވެސް ކަހަލަ ވަރުބަލިކަމެއް އޭނާގެ ހަށިގަނޑުގައި ނެތެވެ. ސިކުނޑި ވަނީ ތާޒާވެފައެވެ. މޫނުމަތީގައި އުފާވެރިކަމެވެ. ހިތަށް ލިބިފައިވަނީ އާދަޔާ ޚިލާފު ހިތްހަމަޖެހުމެކެވެ. އިމްލީ ގެ ޢަޒުމް ވަރުގަދަވިއެވެ. އަދި ދުވަހަކުވެސް ނަމާދެއް ނޭޅުމަށާއި ޤުރުއާން ދަސްކުރުމަށް އޭނާ ނިންމިއެވެ. 


ޖެހިގެންއައި އަހަރުގެ ރަމަޟާން މަހުގައި ޕީއެސްއެމް އިން ބޭއްވި ޤުރުއާން ކިޔެވުމުގެ މުބާރާތުގައި އިމްލީ ބައިވެރިވިއެވެ. މިއީ ބޮޑެތި މީހުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދެވުނު މުބާރާތެކެވެ. މިމުބާރާތުން ނުބަލައި ކިޔެވުމުގެ ގޮފިން 1ވަނަ ހޯދީ އިމްލީ އެވެ. އިނާމެއްގެ ގޮތުން އެއަހަރު ޙައްޖަށް ދިއުމަށް ފުރުޞަތު އިމްލީއަށް ލިބުނެވެ. އިމްލީ އަށް ލިބުނު އެ ފުރުޞަތު އޭނާ ބޭނުންވީ އޭނާގެ އެކުވެރި ރީމާއަށް ދިނުމަށެވެ. އެގޮތުން ރީމާގެ ބޭބޭ ޢޭނާގެ ބަދަލުގައި ޙައްޖަށް ފޮނުވިއެވެ. ރީމާގެ އެންމެފަހުގެ ބަސްތައް ވެގެން ދިޔައީ އިމްލީގެ ދެދުނިޔޭގެ ކާމިޔާބީއަށް  ދިއްލާލެވުނު ވޮށެއް ކަމުގައެވެ. 

No comments: