Monday, March 16, 2020

އުވަދެވުން


ދިވެހި ސަގާފަތުގެ ތެރެއިން އުވަދެވުން





          އައްޑުއަތޮޅުގެ ދުވަސްވީ ކާބަފައި ދިވެހިންނަކީ އެވޭލާ ޒަމާނުއްސުރެ ދިރިއުޅުމަށްޓަކައި ތަފާތު އެކިއެކި މަސައްކަތްތައް ކުރަމުން އައި ބައެކެވެ. އަމިއްލަ އަތުންފައިން ކުރެވެންހުރިނަމަ ހުރި ހުރިހާ ަމަސައްކަތެއް އަމިއްލައަށް ކޮށްގެން ދިރިއުޅުން ފުރިހަމަ ކުރަމުން އަައި ބައެކެވެ. ރަށްވަންތަކަމާއި، އަތޮޅުވަންތަކަމުގެ ފުންލޯބި ހިތުގައި އޮވެގެން ޢުމްރާނީ ތަރައްޤީގެ އަރުތަ ހޯދުމަށް މަސައްކަތް ކުރަމުން ވެސް އައި ބައެކެވެ. މިކަންކަމުގެ ދިރިހުރި ހެކި، އަދި އަދަށް ދާންދެންވެސް އައްޑުއަތޮޅުގެ މީހުން ދިރިއުޅޭ ރަށްރަށުން ފެންނަން އެބަހުއްޓެވެ. އެއަގުހުރި ކާބަފައިން އިޚްތިޔާރުކުރި މަސައްކަތްތަކުގެ ތެރެއިން މި ލިޔުން މެދުވެރިކޮށް ބަޔާންކޮށް ދެންނެވޭތޯ މިބަލަނީ އައްޑުއަތޮޅުގެ މީހުން އުވަދެވުމުގެ މަސައްކަތް ކުރަމުން ގެންދިޔަ ގޮތެވެ.



          އެއްވެސް ޝައްކެއްނެތެވެ. އުވަދެވުމުގެ ވާހަކައަކީ މިޒަމާނުގެ ޒުވާންކުދިންނަށް އާވާހަކައެއް ކަމުގައި ނޫނީ ނުވާނެއެވެ. ޚާއްޞަކޮށް ސަގާފަތަށް ލޯބިކުރުމުގެ ރޫޙު އުފެދިފައިވާ މިޒަމާނުގައި، ސަގާފީ ކަންކަން އޮޅުން ފިލުވަން މަސައްކަތްކުރާ ބަޔަކަށް މުހިއްމު ވާހަކައެއްނޫންކަމަކަށްވެސް ނުވާނެއެވެ.  މިކަން މުހިއްމުވާ އެއްސަބަބަކީ، އިހުމީހުން އުޅުނު ޙާލަތާއި ކޮށްއުޅުނު ބުރަ މަސައްކަތާ ދޭތެރޭ ފިކުރުކޮށް އެކަންކަން ދެނެގަތުމެވެ. އަނެއް ސަބަބަކީ، ކާބަފައިންވެސް މި ގައުމު އާރާސްތު ކުރެވޭތޯ މަސައްކަތް ކޮށްފައިވާ ކަމާއި ޓެކްނޮލޮޖީގެ ގޮތުން އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާ ޙާލަތުގައި އަމިއްލައަށް، ކަންކަން އީޖާދުކޮށްގެން ކުރަމުންއައިގޮތް ދެނެގަތުމެވެ.



          އައްޑުއަތޮޅުގައި އެންމެ އެވޭލާ ޒަމާނުގައި ގެދޮރުއެޅީ ދަނޑިފަން ރޯނު ބޭނުންކޮށްގެންނެވެ. އެއަށްފަހު އުވަދަވައިގެން އުވައިން ގާފޮޅު ރާނައި އޭގެ މަތީ މެއްލަ ޖަހައި ހިމަ ދަޑިން ބިތްހަދައި ތޮށަލިން ނިވާކޮށް ތޮށަލިން ފުރާޅު  ހިޔާކޮށްގެންނެވެ. ދެން ފެންނަންފެށީ އުވަދަވައިގެން ފަރުން ގައުނަގައިގެން މުޅިގެ އެއްކޮށް ރާނައި ޓިނުން ހިޔާކުރަން ފެށިތަނެވެ. ތަނަވަސްކަމުގެ އަހުލުވެރިން ގޭތެރޭ ތަޅުން އަޅަންވެސް އުވަ ބޭނުންކުރި ތަނެވެ. ގޯތީގެ ފަންފުޅައްވެސް އުފުރާލައި، އުވައިން ރާނާފައިވާ ފާރުތަކަށް ބަދަލުކުރި ތަނެވެ. މިގޮތަށް އުވަބޭނުންކޮށްގެން ރާނާފައިހުރި ކިތަންމެ ފާރެއް މިހާރުވެސް އައްޑުއަތޮޅުން ފެންނަން އެބަހުއްޓެވެ.



          އައްޑުއަތޮޅުގައި އުވަދަވައި އުޅުނީ ދެގޮތަކަށެވެ. އެއްގޮތަކީ އުވަދަވަން ވަޅު ނުކޮނެ ބިންމަތީގައި އުވަދެވުމެވެ. އަނެއްގޮތަކީ އާދައިގެ މީހެއްގެ އިސްކޮޅަށްވުރެ ފޫޓެއްހައިތަން ތިލަކޮށް ވަޅެއްކޮނެގެން އެ ވަޅުގައި އުވަދެވުމެވެ. އާއްމުކޮށް ވަޅު ނުކުނެ ބިންމަތީގައި އުވަދެވީ ފެންތިލަ ހިސާބުގައެވެ. އަތޮޅުގެ ރަށްތަކަށް ބަލާއިރު ހިތަދޫގެ ފުއްޓަރުފަރާތަކީ ބިން އުސް ހިސާބަކަށްވާތީ ހިތަދޫގެ ހޭޅިފަށުގައި އުވަދަވާފައިވަނީ މުޅިންވެސް ވަޅުކޮނެގެންނެވެ.



          އުވަވަޅެއް ދެވުމުގެ ކުރިން އެކަމަށް ބޭނުންވާ ތަކެތި އެއްކޮށް ޖަމާކުރުމަކީ ކޮށްއުޅުނު ކަމެކެވެ. އުވަވަޅު އަންދަން ބޭނުންކުރާ ދަރަކަށް ބޭނުންކުރަނީ ކުރިވެއްޓުނު ރުކުގެ ތެރެއިން ލަކުޑިއަށް ކަމުނުދާ ރުއްރުކާއި މަރުވެ ހިކިފައިވާ ލަކުޑިއަށް ކަމުނުދާ ގަސްގަހުގެ ދަރެވެ. މިތަކެތި އެއްކޮށްގެން އެއްތަނަކަށް ގެނަސް ބޮޑުކީސް އަޅަގެން ދަރަށްބުރިކުރެއެވެ. ދެން އަތްގާޑިޔަލުގައި ދަރު ގެންދަނީ އުވަދަވަން ގަސްދުކުރާ ތަނަކަށެވެ.  ދަރުގެންދިއުމަށްފަހު، ދެން ހޯދައި ޖަމާކުރަނީ އަކިރިއާއި މުރަކައާއި ގަލެވެ.  ހަމައެއާއެކު އެއްކޮށްޖަމާކުރާ އެހެންތަކެއްޗަކީ، އަވަހަށް ހުޅުރޯވެ އަނދާބާވަތްބާވަތުގެ އިލާއާއި ހިކިފަނާއި ފުޅަތްޕާއި ހިކިހޯލި ދަރުތަކެވެ.



          ވަޅުނުކޮނެ އުވަވަޅު ތައްޔާރުކުރާނަމަ، ވަޅުގެ މިނަށް ވަށައިގެން ފުޅަފެއް އަޅައެވެ. ފުޅައް އަޅަނީ ގާތްގާތުގައި ދަނޑި ޖަހައިގެން ޖެހިދަނޑީގެ ވަޅުގެ އެތެރެއަށްވާ ފަރާތުގައި ތޮށަލިލައިގެން ދެފޫޓެއްހާ އުސްމިނަށެވެ. އެއަޅާ ފުޅަފަކީ އެފުޅަފުގެ އެތެރެއަށް ފުރެންދެން އަކިރި އެޅިޔަސް ފުޅައް ފަޅާލާފައި ބޭރަށް އަކިރި ނުދާ ފެންވަރަކަށް އަޅާ ފުޅަފަކަށް ވާންޖެހެއެވެ. މިދެންނެވިހެން ވަޅަކަށްވާހެން ފުޅައް އަޅައި ނިމުމަށްފަހު، އެތެރޭގައި ދަރުޖަހަން ފަށައެވެ. ދަރު ޖަހަނީ ދިގަށާއި ހުރަހަށެވެ. ފަސޭހައިން އަލިފާން ހިފައިގެން އަނދައިގަންނަ ގޮތަކަށެވެ. އެތެރޭގައި ހޮއި ހުންނަ ގޮތަކަށް ދަރުއަޅައި ނިންމާފައި، ދަރުގެ މަތިން ހިކިފަނާއި ފަންތޮށިފަދަތަކެތި އަޅައި މައްޗަށް އަޅާ އަކިރި ދެދަރުގަނޑު ދޭތެރެއިން އަޑިޔަށް ނުދާގޮތަށް ހިންމި ބައްދައެވެ.  މިދެންނެވިހެން ދަރުޖަހާއިރު، ވަޅުގެ އެއް އަރިމަތިން އެތެރެއަށް އަލިފާން ވާޞިލުކުރުމަށްޓަކައި އާނގު ބަހައްޓައެވެ. އެ އާނގުގެ އެންމެ އަޑީގައި ހުންނަނީ ފަސޭހައިން އަލިފާންހިފާ ބާވަތުގެ ހިކިއިލައާއި ހޯލިތަކެވެ.  ބައެއްފަހަރު މަށިތެލުން ތެންމާފައެވެ.



          މިދެންނެވިހެން ދަރުޖަހައި ނިންމުމަށްފަހު ކުދިކުދި ގަލާއި އަކިރިއާއި މުރަކަ ދަރުގެ މައްޗަށް އަޅައި އަކިރިފުންޏަކަށް ވާނޭހެން އަކިރިއަޅާ އުސްކޮށްލައެވެ. އޭރު އެވަޅު ހުންނާނީ ވަޅުގެ ވަށައިގެން އެޅި ތިރިފުޅަފުގެ މަތީކާރިން ފެށިގެން މައްޗަށް (ޕިރަމިޑެއް ކަހަލަ ގޮތަކަށް) އަކިރިއަޅައި އުސްކޮށްފައެވެ. މިގޮތަށް އަކިރިއަޅާފައި ހުންނައިރުވެސް، ވަޅުތެރެއަށް އަލިފާން ފޮނުވުމަށް ކުރިން ތައްޔާރުކުރި އާނގު ބައްދައެއް ނުލާނެއެވެ. އަދި އެ އާނގުގެ ތެރެއިން ވަޅުގެ ތެރެއަށް އަކިރެއްވެސް ނާޅާނެއެވެ. އެހާހިސާބުން ވަޅުރޯކުރަންވީއެވެ.  ރޯކުރާނީ އަލިފާންރޯކޮށްފައި އެއްކަލަ އާނގުގެ ތެރެއަށް ދޫކޮށްލެވޭ އިލާގަނޑެއް ވައްޓާލުމުންނެވެ.  ވަޅުގެތެރޭގައި އަލިފާން ރޯވެ އަނދަންފެށީމާ (ޖަހާފައި ހުރި އަކިރި ފުނިން ދުންއަރަންފެށީމާ) އެއްކަލަ އާނގު ބައްދާލަނީއެވެ.  ބައްދާލަނީ އެތެރެއަށް އަކިރި ނޭޅޭނޭހެން ބޮޑުގަލެއް އާނގުމަތީ ބާއްވައިގެންނެވެ. ގައުއަޅައި އާނގު ބަންދުކުރުމަށްފަހު އޭގެ މައްޗަށްވެސް އަކިރިއަޅައެވެ.



          އުވަވަޅު އަނދަންފެށީއެވެ. މިގޮތަށް ދެރޭ ދެދުވާވަންދެން ނުވަތަ އެއްރޭ ދެދުވާ ވަންދެން އުވަވަޅުއަނދަން ބަހައްޓައެވެ. އުވަވަޅު އަނދަމުންދާއިރު އަބަދުވެސް އެކަކު ދެމީހަކު، ވަޅަށް ވާނުވާ ބަލަން ތިބެއެވެ. އެއީ، ވަޅު އަނދަމުންދާއިރު ވަކިދިމާއަކުން މާބޮޑަށް އަޑިއަށް ދާންފަށައިފިނަމަ، އެތަނަކަށް އަކިރި އަޅައި އެއްވަރުކުރުން ފަދަ ކަންކަން ކުރުމަށެވެ. ވަޅު އަނދައި ނިމޭއިރު ކުރިން ފުންޏަކަށް ޖެހި އަކިރި އަނދައި ވިރިގެން އަޑިޔަށް ފައިބައި އުވައަށް ވުމުގެ ސަބަބުން ވަޅުގެ މަތި ފެންނާނީ ފަތާކޮށެވެ. ވަޅު އެކަށް އަނދައި ނިމި ދުން މަދުވާން ފެށުމުން ދެން އެވީ ވަޅަށް ފެންޖަހާށެވެ. މުޅިވަޅަށް ފެން ނުވަތަ މޫދުލޮނު ޖެހުމަށްފަހު ވަޅުތެރޭގައި ހުރި އަލިފާނުގެ އަސަރު ކެނޑެންދެން ދުވަސްކޮޅަކަށް މައްޗަށް ރޯފަން އަޅާފައި ވަޅު ބަހައްޓައެވެ. މި މުއްދަތުގެ ތެރޭގައިވެސް ވަޅަށް ވާނުވާ ބަލަން، ނުވަތަ ވަޅަަށް ބަޔަކު ގޯނާއެއް ކުރޭތޯ ބަލަން އެކަކު ދެމީހަކުހެން ދޭތެރެދޭތެރެއިން ވަޅުދޮށަށްގޮސް ފާރަލައި ބަލައެވެ.  



          އުވަދަވައި ނިމުމުން ދެންއޮތީ އުވަ ނެގުމުގެ މަސައްކަތެވެ. ވަޅުން އުވަ ނަގައި އަޅާނެ ގޯނިތަކެއް (މަދުނުވާ ޢަދަދަކަށް) ހޯދުމަށްފަހު، ފަކީރާ، ގާޑިޔާ ފަދަތަކެއްޗާއެކު ހައެއްކަ އަށެއްކަ މީހުން އެމަސައްކަތަށް ދެއެވެ. ވަޅުދޮށަށްގޮސް ވަޅުގެ މަތީގައި ހުރި އަކިރިތައް ކަހައި އެއްކައިރި ކޮށްލުމަށްފަހު ރޯ، ދިގުދަނޑިއަކުން އުލެއް ހަދައިގެން އުވަވަޅުގެ އެތަން މިތަނަށް އޫ ބާނައިގެން ވަޅުގައި އުވަ ހުރި މިންވަރު ބަލައެވެ. އެއަށްފަހު އުވަވަޅުގެ މަތީގައި ދެންވެސް ހުރިނަމަހުރި ބާކީ އަކިރިތަކެއް ކަހައި އެއްކާރިކޮށްލުމަށްފަހު ފަކީރާތަކުން އުވަނަގައިގެން ގޯނިގޯންޏަށް އަޅައެވެ. އަދި ވަޅުގައި ހުރި އުވަ މުޅިން ހުސްވަންދެން މިދެންނެވިހެން ގޯނިގޯންޏަށް އެޅުމަށްފަހު ދެންއެވީ އުވަ ފައްލަވަކުރުމުގެ މަސައްކަތްކުރާށެވެ.  ގާޑިޔަލަށް އެރުވުނު ވަރަކަށް އަރުވައިގެން ފައްލަވައަށް އުވަ އުފުލުމަށްފަހު ވަށައިގެން ބިތްބައްދައިގެން އުވަ ހުސްކުރެވޭވަރުގެ ފައްލަވައެއް ތައްޔާރު ކުރެއެވެ. ފައްލަވަ ތައްޔާރުކޮށް ނިމުމުން އުވަ ފައްލަވަ ކުރަންވީއެވެ. އުވަ ފައްލަވަކުރަނީ ގޯންޏާއެކުގައެއް ނޫނެވެ. ފައްލަވައަށް އުވަ ހުސްކުރާ ގޮތަށެވެ.



          އެހިސާބުން އުވަދަވައި އުވަ އުފުލައި ފައްލަވަކޮށް ނިމުނީއެވެ. އުވަ ހުސްކުރި ގޯނިތައް މޫދަށް ގެންގޮސް ދޮވެ ސާފުކުރުމަށްފަހު އަވީލައި ހިއްކައި އެ ގޯނިތަކުގެ ވެރިފަރާތްތަކަށް ގޯނި ރައްދުކުރުމުން އުވަ ރައްކާކުރުމުގެ މަސައްކަތްވެސް ނިމުމަކަށް އައީއެވެ.



          އުވަދަވައި އުޅުނު އަނެއްގޮތަކީ ބިންއުސް ހިސާބުގަނޑުގައި ވަޅެއް ކޮނެގެން އެވަޅުގައި އުވަދެވުމެވެ. ކުރިން މިދެންނެވި ގޮތާއި މިގޮތާ ދެމެދު ހުރި އެއްތަފާތަކީ އެކަށީގެންވާ ވަރުގެ ވަޅެއް ކޮނުމެވެ.  ވަޅުގެ މިންކަމަށް ބަލަނީ ލިބިފައިހުރި ދަރުގެ ގިނަ މަދުމިނެވެ. ދަރު ގިނަނަމަ ވަޅު ބޮޑުކުރާނެއެވެ. އަނެއްތަފާތަކީ ވަށައިގެން ތިރިކޮށް ފުޅަފެއް އަޅަން ނުޖެހޭކަމެވެ. ދެން ކުރަންޖެހޭ ހުރިހާ މަސައްކަތެއްމެ ކުރަނީ އެއްގޮތަކަށެވެ.

        

          އުވަދަވާއިރު އަބަދުވެސް މޫސުމަށް ބަލައި އުޅެއެވެ. ވާރޭވެހި ވިއްސާރަވާނަމަ އެފަދަ ދުވަސްވަރެއްގައި އުވަދަވައެއް ނޫޅޭނެެއެވެ. އަދި މޫސުމް ރަނގަޅުކަމުގައި ވިޔަސް ވައިޖެހޭ މިސްރާބެއްގެ ގޮތުން އަވަށްޓެރި ގޭގެއަށް ދުމުގެ އަސަރު ކުރާނެކަމަށް ފެންނަކަމަށްވަންޏާވެސް، ވައި އެހެން މިސްރާބަކަށް ބަދަލުވަންދެން އުވަދެވުން ލަސްކޮށްލާނެއެވެ. މިޒަމާނުގައި އަވަށްޓެރި ގެއަކުން ކުރާކަމެއްގެ ސަބަބުން އަނެއްބަޔަކަށް އުނދަގުލެއް ވެދާނެކަމަށް ނުބެލިޔަސް އެޒަމާނުގައި އުޅުނުމީހުން އުޅުނީ މިނިވަންކަމުގެ އިން ވަރަށް ރަނގަޅަށް ބަލައިގެންނެވެ.



          ކޮންމެއަކަސް އުވަދެވުމާއި އުވައިން ރޭނުމުގެ މަސައްކަތް ދިވެހިންނަށް އަލްވަދާޢުކިޔައިފިއެވެ. އުވައަކީ އިމާރާތްކުރުމަށް މިޒަމާނަށް ކަމުދާ އެއްޗެއްކަމަކަށްވެސް ނުވިއެވެ. މަސައްކަތްތެރިން އުވައިން ރާނާކަށް ބޭނުމެއްވެސް ނުވެއެވެ. ތަފާތު އެކިއެކި ބްރޭންޑްތަކުގެ ސިމެންތި ރާއްޖެއަށް ތަޢާރަފުވެ، ސިމެންތީގެ އަގުއަރައި އުވައިގެ އަގު ދަށަށް ހިނގައްްޖެއެވެ. ދުނިޔެ ތަރައްގީވެ ބަދަލުވަމުންދާ މިޒަމާނުގައި އުވަދެވުމާއި އުވައިން މަސައްކަތްކުރުން މިއަދު މިވަނީ ދުވަސްވީ ސަގާފަތުގެ ތެރެއަށް ވަދެ ޚަބަރުނީވޭ ހިސާބުގައިއޮތް ނިމިނިމުނުކަމަކަށް ބަދަލުވެފައެވެ.


ހަވާލާދިނުން: ޙަސަން ލަބީބު





          

No comments: