ސުވާލާއި ޖަވާބު
އަޤީދާ 1
1-
އީމާންކަމުގެ
ރުކުންތައް ލިޔެލަމާ!
× މާތް ﷲ އަށް އީމާންވުން.
× މަލާއިކަތްބޭކަލުންނަށް އީމާންވުން.
× މާތް ﷲ ބާވައިލެއްވި ފޮތްތަކަށް
އީމާންވުން.
× ރަސޫލުބޭކަލުންނަށް އީމާންވުން.
× އާޚިރަތްދުވަހަށް އީމާންވުން.
× ހެޔޮ މިންވަރާއި ނުބައި މިންވަރަށް
އީމާންވުން.
2-
މާތް
ﷲ އީ އެއްކައުވަންތަ އިލާހޭ ބުނެވޭ ބަހުގެ މާނަ ބުނެލަމާ!
× މާތް ﷲ އީ ޚާލިޤުވަންތަ ކަމުގައްޔާއި
އިލާހު ވަންތަކަމުގެ ފުރިހަމަ ސިފަފުޅުތައް ލިބިވޮޑިގެންވާ އިލާހު ކަމާއި
އެއިލާހަށް އެއްވެސް ބައިވެރިއަކު ނުވާ އިލާހުކަން ޤަބޫލުކުރުމެވެ.
3-
މާތް
ﷲ ގެ އެއްކައުވަންތަކަމާއި އުލޫހިއްޔަތުގެ މަޤްޞަދު ބުނެލަމާ!
× ޙައްޤުގޮތުގައި އަޅުކަންކުރުން
ޙައްޤުވެގެންވާ ހަމައެކަނި ފަރާތަކީ މާތް ﷲ ކަން ހިތުގެ އަޑިން ޤަބޫލުކުރުމާއެކު
އެންމެހައި އަޅުކަންތައް އެއިލާހަށް ޚާލިޞްކުރުމެވެ.
4-
ސޫރަތުލް
އިޚްލާޞްގެ މާނައިން އެނގޭ ބައެއްކަންތައް ލިސްޓުކޮށްލަމާ!
× އަޅުކަންކުރުން ޙައްޤުވެގެންވާ
ހަމައެކަނި ފަރާތަކީ މާތް ﷲ ކަން.
× މާތް ﷲ އަށް ޝަރީކު ނުކުރެވޭނެ ކަން.
× އެންމެހައި ޢައިބުތަކުން މާތް ﷲ ގެ
ޛާތުފުޅު ހުސްޠާހިރުވެވެޑިގެންވާ ކަން.
× އުލޫހިއްޔަތުގެ ޞިފައާއި މާނަ
އެކުލެވިގެންވަނީ ހަމައެކަނި މާތް ﷲ ގެ ޛާތުފުޅުގައި ކަން.
5-
މާތް
ﷲ ގެ އެއްކައުވަންތަކަން ދޭހަކޮށްދޭ ދަލީލެއް ޤުރުއާނުގެ އެހީގައި ބުނެލަމާ!
× މާތް ﷲ ވަޙީކުރައްވާފައި ވެއެވެ. " قُلْ هُوَ اللهُ أحَدٌ.
6-
ރަސޫލުބޭކަލުންނަކީ
ކޮބައިކަން ބުނެލަމާ!
× ރަސޫލުބޭކަލުންނަކީ، މީސްތަކުންނަށް
ތެދުމަގު ދެއްކެވުމަށްޓަކައި އިންސާނުންގެ ތެރެއިން އިޚްތިޔާރުކުރައްވައި،
އެބޭކަލުންނަށް މާތް ﷲ ވަޙީ ބާވައިލައްވައި އާ ޝަރީޢަތެއް ދެއްވައި މީސްތަކުންގެ
ގާތަށް ފޮނުއްވި ބޭކަލުންނެވެ.
7-
ރަސޫލުބޭކަލުންނަށް
އީމާންވުމަކީ ކޮބައިކަން ލިޔެލަމާ!
× ރަސޫލުބޭކަލުން ގެންނެވި ރިސާލަތަކީ މާތް
ﷲ ގެ ޙަޟްރަތުން ގެންނެވި ޙައްޤު ތެދުކަން ހިތުން ތެދުކޮށް ޤަބޫލުކުރުމާއެކު
އެއަށް ޢަމަލުކުރުމެވެ.
8-
ރަސޫލުބޭކަލުންނަށް
އީމާންވުމުގެ މުހިއްމުކަން ލިސްޓުކޮށްލަމާ!
× ރަސޫލުބޭކަލުންނަށް އީމާންނުވާ މީހެއްގެ
އީމާންކަން ފުރިހަމައެއް ނުވާނެ.
× އެބޭކަލުން އެންގެވި ގޮތަށް އުޅެގެން
މެނުވީ އާޚިރަތުގައި ކާމިޔާބީއެއް ނުލިބޭނެ.
× ތެދުމަގު ލިބޭނީ އެބޭކަލުން އެންގެވި
ގޮތަށް އުޅެގެން.
9-
ރަސޫލުބޭކަލުންނަށް
އީމާންވާންޖެހޭ ކަމުގެ ދަލީލެއް ޤުރުއާނުގެ އެހީގައި ބުނެލަމާ!
× فَآمِنُوا بِاللَّـهِ وَرُسُلِهِ (سورة النساء171) މާނައީ: ފަހެ، اللَّه އާއި، އެކަލާނގެ رسول ންނަށް ތިޔަބައިމީހުން إيمان ވާށެވެ!
10-
ނަބީކަމާއި
ރަސޫލުކަން ޚަތިމްކުރެއްވި (ނިންމެވި) ރަސޫލަކީ ކޮން ބޭކަލެއްކަން ބުނެދެމާ!
× އެއީ އެންމެހައި މީސްތަކުންގެ ގާތަށް
ފޮނުއްވި ރަސޫލާ މުޙައްމަދު صلى الله عليه وسلم އެވެ.
11-
ނަބީކަމާއި
ރަސޫލުކަން ޚަތިމްކުރެއްވި (ނިންމެވި) ރަސޫލަކީ މުޙައްމަދު صلى الله عليه وسلم ކަން ދޭހަކޮށްދޭ
ދަލީލެއް ޤުރުއާނުގެ އެހީގައި ލިޔެލަމާ!
×
مَّا كَانَ مُحَمَّدٌ أَبَا
أَحَدٍ مِّن رِّجَالِكُمْ وَلَـٰكِن رَّسُولَ اللَّـهِ وَخَاتَمَ النَّبِيِّينَ ۗ وَكَانَ
اللَّـهُ بِكُلِّ شَيْءٍ عَلِيمًا ﴿ سورة الأحزاب ٤٠﴾ މާނައީ: ތިޔަބައިމީހުންގެ ބޮޑެތި ފިރިހެނުންގެ ތެރެއިން އެކެއްގެވެސް
ބަފައިކަލަކު ކަމުގައި محمد ގެފާނު ނުވެތެވެ. އެހެނެއްކަމަކު، (އެކަލޭގެފާނީ) اللَّه ގެ رسول އާއެވެ. އަދި ނަބީކަން ختم ކުރެއްވި ކަލޭގެފާނުވެސްމެއެވެ. އަދި ކޮންމެ ކަމެއްމެ މޮޅަށް
ދެނެވޮޑިގެންވާ ކަލަކުކަމުގައި اللَّه ވޮޑިގެންވެއެވެ.
12-
އުލުލްޢަޒްމުގެ
ވެރިބޭކަލުންނަކީ ކޮބައިކަން ލިޔެލަމާ!
× ނޫޙު ޢަލައިހިއްސަލާމް.
× އިބްރާހީމް ޢަލައިހިއްސަލާމް.
× މޫސާ ޢަލައިހިއްސަލާމް.
× ޢީސާ ޢަލައިހިއްސަލާމް.
× މުޙައްމަދު صلى الله عليه وسلم އެވެ.
13-
ފޮތްތަކަށް
އީމާންވުމަކީ ކޮބައިކަން ބުނެދެމާ!
× ހުރިހާ ރަސޫލުބޭކަލުންގެ މައްޗަށް މާތް ﷲ
ފޮތް ބާވައިލެއްވި ކަމާއި، އެފޮތްތަކުގައި ވަނީ މާތް ﷲ ގެ ވަޙީ ބަސްފުޅުކަމާއި،
ފޮތް ބާވައިލެއްވީ މީސްތަކުންނަށް ހިދާޔަތް ދެއްކެވުމަށް ކަން ހިތުގައި
ޝައްކެއްނެތި ޤަބޫލުކުރުމާއެކު އެއާއި އެއްގޮތަށް ޢަމަލުކުރުމެވެ.
14-
ފޮތްތަކަށް
އީމާންވުމުން ލިބޭނެ ފައިދާތައް ލިސްޓުކޮށްލަމާ!
× އުޅެންވާ ގޮތް އެނގޭނެ.
× މާތް ﷲ ގެ އޯގާވަންތަކަމާއި
ކުޅަދުންވަންތަ ކަން އެނގޭނެ.
× ކުރީގެ އުންމަތްތަކުގެ މަޢްލޫމާތު
އެނގޭނެ.
× މާތް ﷲ ރުހިވޮޑިގަންނަވާ ކަންތައްތަކާއި
ރުހިވޮޑިނުގަންނަވާ ކަންތަކަށް ރައްކާތެރިވާން އެނގޭނެ.
15-
ކީރިތި
ޤުރުއާނަށް އީމާންވުމަކީ ކޮބައިކަން ލިޔެލަމާ!
× ކީރިތި ޤުރުއާނަކީ ޖިބްރީލުގެފާނު
މެދުވެރިކުރައްވައި ރަސޫލު ﷲ صلى الله عليه وسلم ގެ މައްޗަށް
ބާވައިލެއްވި މާތް ﷲ ގެ ކަލާމްފުޅު ކަމާއި، ޤުރުއާނަށް ފަހު ކުރީގައި ބާވައިލެއްވި
ފޮތްތައް މަންސޫޚު ކުރައްވާފައިވާ ކަމާއި، ޤުރުއާނަކީ އާޚިރަތާއި ހަމައަށް
ދެމިގެންވާ ފޮތެއްކަން ހިތުގައި އެއްވެސް ޝައްކުކަމެއް ނެތި ޤަބޫލުކުރުމާއެކު
އޭގައި ބަޔާންކޮށްފައިވާ ގޮތަށް ޢަމަލުކުރުމެވެ.
16-
މުޢުޖިޒާތަކީ
ކޮބައިކަން ބުނެދެމާ!
× މުޢުޖިޒާތަކީ ނަބިބޭކަލުންނާއި
ރަސޫލުބޭކަލުންގެ ދަޢުވަތުގެ ތެދުކަން މީސްތަކުންނަށް ހާމަކޮށްދެއްވުމުގެ ގޮތުން
އެބޭކަލުންގެ ފަރާތްޕުޅުން ފައުޅު ކުރައްވާފައިވާ (ދައްކަވާފައިވާ)،
އިންސާނުންނަށް ކުރުން ކުޅަދާނަ ނޫން އާދަޔާ ޚިލާފު ކަންތައްތަކެވެ.
17-
މުޢުޖިޒާތުގެ
ޝަރުޠުތައް ލިސްޓުކޮށްލަމާ!
× އިންސާނުންނަށް ކުރުން
ކުޅަދާނަވެގެންނުވާ އާދަޔާޚިލާފު ކަމެއްކަމުގައިވުން.
× ދޮގުކުރާ މީހުންނާއި ޝައްކުކުރާ
މީހުންނަށް ގޮންޖެއްސެވުމުގެ ގޮތުން ގެނެވޭ އެއްޗެއް ކަމުގައިވުން.
× ރަސޫލުބޭކަލެއް ނުވަތަ ނަބީބޭކަލެއްގެ
ކިބައިން ފާޅުވުން.
18-
މުޢުޖިޒާތާއި
ކަރާމާތާއި ސިޙުރުގެ ތަފާތު ލިޔެލަމާ!
މުޢުޖިޒާތް
|
ކަރާމާތް
|
ސިޙުރު
|
× މުޢުޖިޒާތް ފާޅުކުރައްވަނީ
ރަސޫލުބޭކަލުންނާއި ނަބީބޭކަލުން ފަރާތްޕުޅުންނެވެ.
× މުޢުޖިޒާތަކީ ރަސޫލުބޭކަލުންނާއި
ނަބީބޭކަލުންގެ ދަޢުވަތުގެ ތެދުކަން ހާމަކޮށްދެއްވުމުގެ ގޮތުން އެބޭކަލުންގެ
ފަރާތްޕުޅުން ފާޅުކުރައްވާ އާދަޔާޚިލާފު ކަންތައްތަކެވެ.
× މުޢޫޖިޒާތަކީ ތެދު ޙަޤީޤަތެވެ.
|
× ކަރާމާތް ފާޅުކުރައްވަނީ މާތް ﷲ ގެ
ވަލީވެރިންގެ ފަރާތްޕުޅުންނެވެ.
× ކަރާމާތަކީ ވަލީވެރިންނަށް މާތް ﷲ
ދެއްވާ މަތިވެރި ކަމެކެވެ. ނުވަތަ ދީނަށް ނަޞްރު ދެއްވުމުގެ ގޮތުން ވަލީވެރިންގެ
ފަރާތްޕުޅުން ފާޅުކުރައްވާ ކަންތައްތަކެވެ.
× ކަރާމާތަކީ ތެދު ޙަޤީޤަތެވެ.
|
× ސިޙުރަކީ އެކަމަށް ކުޅަދާނަ ކޮންމެ
މީހަކަށްވެސް ހެދިދާނެ އެއްޗެކެވެ.
× ސިޙުރަކީ ޖިންނި ޝައިޠާނުން
މެދުވެރިކޮށް އިންސާނުންގެ ލޯ މައްޗަށް ދައްކުވައި އޮޅުވާލާ އޮޅުވާލުމެކެވެ.
× ސިޙުރަކީ އޭގައި އެއްވެސް ޙަޤީޤަތެއް
އެކުލެވިގެންނުވާ ދޮގުތަކެކެވެ.
|
19-
ޤުރުއާނަކީ
މުޢުޖިޒާތެއްކަން ހާމަކޮށްދޭ ބައެއް ކަންތައް ލިސްޓުކޮށްލަމާ!
× ލަފްޡުތަކުގެ ރީތިކަމާއި ޢިބާރާތްތައް
އެކުލެވިފައިވާލެއް ފުރިހަމަކަން.
× ކުރު ޢިބާރާތްތަކުގައި ގިނަ މާނަ
އެކުލެވިގެންވުން.
× އިންސާނުންނަށް ކުރީގައި އެނގިފައިނުވާ
ޢިލްމީ އެތައް ޙަޤީޤަތްތަކެއް ޤުރުއާނުގައި ބަޔާންކުރައްވާފައިވުން.
× އެހެން ފޮތްތަކާއި ޚިލާފަށް ޤުރުއާން
ހިތު ދަސްކުރަން ފަސޭހަވުން.
× އިސްވެ ގޮސްފައިވާ ކަންތަކުގެ ވާހަކައާއި
ފަހުން ވާނޭ ކަންތަކުގެ ވާހަކަ ބަޔާންވެފައިވުން.
× ޤުރުއާނާއި އެއްފަދަ އެހެން ފޮތެއް މާތް
ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އުފެއްދުމުގެ ކުޅަދާނަކަން ލިބިގެންނުވުން.
20-
މިއާޔަތުގެ
މާނަ ލިޔެލަމާ! قُل لَّئِنِ اجْتَمَعَتِ الْإِنسُ وَالْجِنُّ
عَلَىٰ أَن يَأْتُوا بِمِثْلِ هَـٰذَا الْقُرْآنِ لَا يَأْتُونَ بِمِثْلِهِ وَلَوْ
كَانَ بَعْضُهُمْ لِبَعْضٍ ظَهِيرًا ﴿سورة الإسراء ٨٨﴾
× މާނައީ: ކަލޭގެފާނު ވިދާޅުވާށެވެ! ހަމަކަށަވަރުން، މި قرآن އާ އެއްފަދަ އެއްޗެއް ގެނައުމަށް އިންސީންނާއި، ޖިންނީން އެއްވިނަމަވެސް،
އެއާ އެއްފަދަ އެއްޗެއް އެއުރެންނަކަށް ނުގެނެވޭނެތެވެ. އެއުރެންގެ އެއްބަޔަކު އަނެއްބަޔަކަށް
ވާގިވެރިން ކަމުގައި ވީނަމަވެސްމެއެވެ.
21-
ޝިރުކުކުރުމަކީ
ކޮބައިކަން ބުނެދެމާ!
× ޝިރުކުކުރުމަކީ ﷲ އާއި އެހެން ފަރާތެއް
ބައިވެރިކުރުމެވެ.
22-
ޝިރުކުކުރުމުގެ
ބައެއް މިޘާލުތައް ލިސްޓުކޮށްލަމާ!
× ބުދަށް އަޅުކަންކުރުން.
× ނެތުމުގެ ތެރެއިން ތަކެތި އުފެއްދުމުގައި
މާތް ﷲ އާއިއެކު އެހެން ފަރާތެއް ބައިވެރިވާކަން ޤަބޫލުކުރުން.
× ދިރުއްވުމާއި މަރުގެންދެވުމުގައި މާތް ﷲ
އާއިއެކު އެހެން ފަރާތެއް ބައިވެރިވާކަން ޤަބޫލުކުރުން.
× ޣައިބުގައިވާ ކަންތައްތައް މާތް ﷲ
ފަދައިން އެހެން ބަޔަކަށްވެސް އެނގިދާނެ ކަމަށް ޤަބޫލުކުރުން.
23-
ޝިރުކުކުރުމުން
ލިބިދާނެ ބައެއް ގެއްލުންތައް ލިސްޓުކޮށްލަމާ!
× މާތް ﷲ ގެ ލޯބިން މަޙްރޫމުވުން.
× އެއްވެސް ޢަމަލެއް ޤަބޫލެއް
ނުކުރައްވާނެ.
× ސުވަރުގޭގެ ދޮރުކޮޅުތައް އެމީހެއްގެ
މައްޗަށް ބަންދުވާނެ.
× ހުރިހާ ހެޔޮ ޢަމަލެއް ބާޠިލުވާނެ.
× ޝިރުކުކުރުމަށް ފަހު ތައުބާނުވެ މަރުވެއްޖެނަމަ
އެމީހަކަށް މާތް ﷲ މާފުނުކުރައްވާނެ.
24-
ޝިރުކުކުރުމުން
ރައްކާތެރިވާނީ ކިހިނެއްކަން ބުނެދެމާ!
× އިސްލާމީ ޢަޤީދާއާއި ބެހޭ ޞައްޙަ
މަޢުލޫމާތު ހޯދައި ޝިރުކުގެ ނުރައްކާތެރިކަން ދެނެގަތުމާއެކު ތިމާ ކުފުރުވާފަދަ
ބަސްތަކާއި ޢަމަލުތަކުން ދުރުހެލިވެ ރައްކާތެރިވުމާއެކު، ޝިރުކުގެ ނުބައިކަމުން
ސަލާމަތް ކުރެއްވުން އެދި ގިނަގިނައިން ދުޢާކުރުމެވެ.
No comments:
Post a Comment