`
ބަހާއި ސަޤާފަތަކީ ގުޅި ލާމެހިފައިވާ އެއްޗެކެވެ.
އާދޭހެވެ! އަޅުގަނޑުމެންގެ މާދަރީބަހަށް ބަލާއިރު ބަހަށް އަންނަ ބަދަލާ
އަޅުގަނޑުމެންގެ އާދަކާދަ ނުވަތަ ސަގާފަތާ ގުޅުމެއް ހުންނަކަމަށް ބަހުގެ
އިލްމުވެރިން ވިދާޅުވެއެވެ. މިކަމާ ދޭތެރޭ ކޮންމެވެސް ވަރަކަށް ދިރާސާކޮށް
ބެލުމަށްފަހު އަޅުގަނޑަށް ކުރެވުނު ދިރާސާތަކުގެ އަލީގައި އެއްޗެއް ދަންނަވަން
ޤަސްދުކޮށްގެން ލިޔެވޭތޯ ބަލާނަމެވެ. މި މަޒުމޫނުގައި އަޅުގަނޑުމެންގެ
މާދަރީބަހަށް އަޅުގަނޑުމެންގެ ސަގާފަތުގެ އަސަރު ކުރަމުންދާ މިންވަރުގެ މައްޗަށް
ހިސާބަކަށް ނަމަވެސް ބަލައިލެވޭތޯ އަޅުގަނޑު މަސައްކަތް ކޮށްފައިވާނެއެވެ.
އަޅުގަނޑުމެންގެ މާދަރީބަހަށް އާދެ، ދިވެހިބަހަށް އަންނަމުންދާ ބަދަލު
ތަކާމެދު ވިސްނައި ލަމާތޯއެވެ. ބަހަށް އަންނަ ބަދަލާ އަޅުގަނޑުމެންގެ އާދަކާދަތަކާ
ހުންނަ ގުޅުމަށް ފިކުރު ހިންގައިލަމާތޯއެވެ. އަޅުގަނޑުމެންގެ ބަހުގައި ހުރި ވަރަށް
ޚާއްޞަ އެއް ސިފައެއްކަމުގައިވާ ބަހުގެ ރީތި އަދަބުތައް މިހާރަކަށް އައިސް
ދޫކޮށްލެވޭގޮތް އެބަވެއެވެ. އެބަސްތައް ދޫކޮށްލެވެނީ އެބަސްތަކަކީ އެއީ ނަސްލީ
އިމްތިޔާޒެކޭ ކިޔާފައެވެ. އެކަން އެގޮތަށް ކުރުމުން އަޅުގަނޑުމެންގެ ތެރޭގައި
ޒަމާނުއްސުރެ އޮތް ރީތި އާދަކާދަ ތަކެއް ވެސް ގެއްލޭގޮތް އެބަ ދިމާވަމުން ދެއެވެ.
އެކަކު އަނެކާއަށް ކުރަން ޖެހޭ އިޙްތިރާމް ނުކޮށް ދޫކޮށްލެވެމުން އެބަދެއެވެ.
އުމުރުން ދޮށީ މީހުންނާ މުޚާޠަބުކުރުމާއި މައިންބަފައިންނާއި މުޚާޠަބު ކުރުމާއި
އެދުރުންނާއި މުޚާޠަބު ކުރުމުގެ ގޮތްހުރި އުޞޫލާއި ހަމަތަކަށް ބުރޫއަރައި އިޙްތިރާމް
ކުރުމުގެ ރީތި ސިފަ ގެއްލެމުން އެބަދެއެވެ.
އަޅުގަނޑުމެން ދިވެހިންނަކީ މާކުރިއްސުރެން ފެށިގެންވެސް އަޅުގަނޑުމެންގެ
އާދަކާދަ ނުވަތަ ސަޤާފަތު ނިޔާކުރާގޮތުން ގޮތްހުރި އަދަބުވެރި ބަހެއް ގެންގުޅުނު
ބަޔަކީމުއެވެ. ވެރިންނާ، އާދެ ވަޑައިގަންނަވާ ގޮތަށް ވާހަކަ ދައްކަން، އަދި
މުޖުތަމަޢުގައި ނަންހިނގާ އަބުރުވެރިންނާއި ކަމުވޮށިގެންވާ މީހުންނާއި، ލައްބަ
ދުރުވޭ، ކިޔައިގެން ވާހަކަ ދައްކަމުން އައި ބަޔަކީމުއެވެ. އެއީ ސަގާފަތް
އަޅުގަނޑުމެންނަށް ދެއްކި މަގެވެ. އެކަމަކު ޒަމާން ބަދަލުވެ ސަޤާފަތާއި ބަހަށް
"މޭނުބައިވެ" މިއަދު މިވަނީ ދަރަޖަތައް މަސްހުނިވެ "އަޅުގަނޑު
ވަޑައިގަންނަވަނީ" އޭ ބުނާ ހިސާބަށް ގޮސްފައެވެ.
އާދެ،
އަޅުގަނޑުމެންނަކީ މާތްވެގެންވާ އިސްލާމްދީން ޤަބޫލުކޮށްގެން އެދީނަކީ
އަޅުގަނޑުމެންގެ ޤައުމިއްޔަތުގެ އެއް "ބަހާ" ކަމުގައި ބަލައިގެން އުޅޭ
މީހުންނީމުއެވެ. އެކަމަކުވެސް އަޅުގަނޑުމެންގެ މިއަދުގެ ޒުވާނުންނަށް
މައިންބަފައިންނާ ރިވެތިބަހުން މުޢާމަލާތު ކުރާކަށް ވެސް އޮންނަނީ ނޭނގިފައެވެ.
ހަމަ ކަށަވަރުން ވެސް މާތްވެގެންވާ އިސްލާމް ދީން އަޅުގަނޑުމެންގެ މައްޗަށް
އަމުރުކުރައްވަނީ މައިންބަފައިންނަށް "އުއްފު" ވެސް ނުބުނުމަށާއި
އެމީހުންގެ ކުރިމަތީގައި ތިމާގެ ނިކަމެތިކަން ފާޅުކުރުމަށާއި އެމީހުންނާއި
މާތްބަހުން ޥާހަކަ ދެއްކުމަށެވެ. އެއީ،
ކީރިތި ޤުރުއާނުގެ ނައްޞުން ކަނޑައެޅި ބަޔާންވެގެންވާ އަމުރުފުޅެއް ނަމަވެސް
ޒަމާން މިގެނައި ޏާތަހްޒީބެއްގެ ސަބަބުން ބަހާއި ސަގާފަތަށް މިވަނީ ހީނަރުކަން
އައިސްފައެވެ.
އަޅުގަނޑު
މިނެގި މިސާލާ ދޭތެރޭ ބައެއް ބޭފުޅުން ހިތްޕުޅާ ހަމަނުކުރެއްވިޔަސް ކުރާނެ ކަމެއް
ނެތެވެ. ދެންނެވޭނީ، އަދި ދަންނަވަން ޖެހެނީ ވެސް ކަން އޮތް ގޮތަށެވެ. މިފަދަ
މޭރުމުން ވާހަކަ ދައްކަވާ ބޭފުޅުން ދެކެވަޑައިގަންނަވަނީ ބަހަށް ބަދަލު އަންނަމުން
ދަނީ އާދަކާދަ ބަދަލުވަމުން ދާތީ ކަމަށެވެ. އެހެން ނަމަވެސް ބަހާއި ސަގާފަތަކީ
އެކަތި އަނެކެއްޗާ ގުޅި ލާމެހިފައިވާ ދެ އެތި ކަމުން އެ ދެ އެއްޗަކީ ވަކި
ކޮށްލެވޭނެ ދެއެއްޗެއް ނޫނެއް ނޫންތޯއެވެ.
ކޮންމެއަކަސް ޒަމާން ބަދަލުވާ ވަރަކަށް މި އަލާމާތްތައް އަޅުގަނޑުމެންގެ ތެރެއިން
ފެންނާނެއެވެ. ހިތާމަ ކުރިޔަސް ނުކުރިޔަސް ޒަމާނާއެކު ދިވެހިން ދާނީ
ދަތުރުކުރަމުންތާއެވެ.
އާދެ،
އާދަކާދަ ބަދަލުވުމުން ބަހުގެ ތެރެއިން ގެއްލިގެންދާ ބަސްބަހާ މެދުވެސް ޚިޔާލު
ކޮށްލަން ޖެހެއެވެ. ކުރިން އަޅުގަނޑުމެންނަށް އަޅުގަނޑުމެންގެ ބަދިގެތަކުން ފެނުނު
ގިނިފަތްޗާއި ނާށި އުނދުޅިއާއި ނައިބޮލީގެ ސަމުސަލެއް މިހާރުގެ ބަދިގެ ތަކުން
ނުފެންނާނެއެވެ. އެ ބާވަތްބާވަތުގެ ތަކެތީގެ ނަންވެސް ހަނޑަން ނެތޭހާ ދުވަސް
މިހާރު ފާއިތު ވެއްޖެއެވެ. މިހާރުގެ ބަދިގެ ތަކުން މި ފެންނަނީ މުޅިންވެސް އައު
ބާވަތް ބާވަތުގެ ތަކެއްޗެވެ. އިހުމީހުން ހުވަފެނުގައިވެސް އަޑުނާހާ ތަކެއްޗެވެ. ކުކަރާއި
ގޭށް އުނދުނާއި ކަރަންޓް އުނދުނާއި އާ ބާވަތް ބާވަތުގެ ތަށްޓާއި ތެއްޔާއި
މިހެންގޮސް މިބާވަތުން ދުނިޔޭގައި ލެއްވި ހުރިހާ ބާވަތެކެވެ. ކުރިން އަޅުގަނޑުމެން
މިނަން ގެންގުޅުނު ނާޅިވެސް މިހާރަކު ނެތެވެ. އޮތްހާވެސް އެއްޗަކީ "މިނެދޭ
ނާޅިން މިނެދޭށޭ" މުނާ މިސާލުބަހެވެ. ހަމައެފެދައިން ކުރިން އަޅުގަނޑުމެން
ގެންގުޅުނު ރާތާ ގައު ބަރިއާއި މުށާއި ރިޔަން ލާއްސާއި އަޑުބަވެސް ބަދަލުވެ މާޒީވެ
ހިނގައްޖެއެވެ. މިޙާރު މިގެންގުޅެނީ މިޙާރުގެ ދުނިޔޭގައި ގެންގުޅޭ އެބާވަތުގެ
އެންމެ ޒަމާނީ އާލާތްތަކެވެ.
ދެންއޮތީ
ބަހާއި އެބަޔަކު ދިރިއުޅޭ މާޙައުލާ ހުރި ގުޅުމެވެ. މިކަމާއި ތިމާވެށްޓާ ހުރި
ގުޅުމާއި ތިމާގެ ކަމެވެ. އެގޮތުން ބަލާއިރު އަޅުގަނޑުމެން މި ދިރިއުޅޭ ތިމާވެށީގެ
އެންމެ މުހިއްމު އެއް ބަޔަކީ އަޅުގަނޑުމެންގެ ވަށައިގެން މިއޮތް ބިޔަ މާސިންގާ
ކަނޑެވެ. އެއީ އަޅުގަނޑުމެންގެ ކާބަފައިން އެތަނަކުން ބަނޑުފުރާނަ މުއްތިކޮށްގެން
އުޅުނު ކަނޑާއި ފަޅެވެ. އެހެންކަމުން ބައެއް އެހެން ބަސްބަހުން ފެންނަން ނެތް
ކިތަންމެ ބަހެއް ކަނޑާއި ކަނޑުފަޅުގައިވާ ތަކެއްޗަށް ދިވެހިބަހުން ކިޔާފައި އެބަހުރެއެވެ.
މާކަނޑު، ކަނޑުއޮޅި، އެތެރެވަރި، ތަންބޭރު، ފަޅު، ވިލު، ފަރު، ހޭ، ހޭބޭރު މިފަދަ
ނަންނަން ތައް ދިވެހި ބަހުގައ އެބަހުއްޓެވެ. ދެން އޮތީ ދިވެހިންގެ ޤައުމީ ގަހެވެ.
އާދެ، ދިވެހިބިމުގައި އެންމެ ގިނައިން ހެދިފައިވާ ބިޔަ ގަހަކީ ދިވެހި ރުކެވެ.
އެހެންކަމުން ދިވެހި ރުކާއި ބެހޭގޮތުން އެހެން ބަސްބަހުގައި ނެތް ކިތަންމެ ބަހެއް
ދިވެހިބަހުގައި އެބަހުއްޓެވެ. ރުކުމާ، ގޮބޮޅި،މިރި، ކިހާ، ކުރުނބާ، ގަބުޅި، ކާށި،
ކުރޮޅި، މުޑިކާށި މިހިރީ އެހެން ބަސްބަހުން އެހެންނާ ފެންނަން ހުންނަ
ބަސްބަހެއްނޫނެވެ.
އާދެ،
މިސާލުބަސްބަހާއި މަޖާޒު ބަސްބަހާއި ހަރުބަސްތައް ވެސް މިކަމުގެ ތެރެއިން
އުފެދިގެން އައިސްފައި އެބަހުއްޓެވެ. "މިރި ނުވެ ގޮބޮޅި ކާށިނުވާށޭ"
ފަދަ "އޭނާ އަށް ދިން ނަޞޭޙަތެކޭ ކަނޑުގައި އެޅި ރޮނގެކޭ އެއްފަދަ" އޭ
ބުނުންފަދަ ބަސްތައް އެބަހުއްޓެވެ.
މިކަމުންވެސް އަޅުގަނޑުމެންނަށް ދޭހަވެގެން މިދިޔައީ ބަހަކީ ސަޤާފަތާ
ލާމެހި ގުޅިފައިޥާ އެއްޗެއްކަމެވެ.
އާދެ،
ބަހާއި އަގީދާއާއި ހުރި ގުޅުމަކީވެސް ވަރަށް މަތިވެރި ގުޅުމެކެވެ. އޭގެ އަސަރު
ވަރަށް ދުރަށް ފޯޜާފައިވާ ގުޅުމެއް މެއެވެ.
ވިސްނައިލައްވަ ބައްލަވާށެވެ. އަޅުގަނޑުމެން ކުރިން ކިޔައި އުޅެނީ ހުކުރު
ވިލޭރެއެވެ. ހޯމަ ވިލޭރެއެވެ. ހަފުތާގެ ކޮންމެ ދުވަހަކަށް ވެސް އެދުވަހުގެ ނަން
ކުރިޔަށް ލާފައި ވިލޭރެއެވެ. ހުކުރު ދުވަހުގެ ރެއެކޭ، ހޯމަ ދުވަހުގެ ރެއެކޭ ނުވަތަ
އެހެން ދުވަހެއްގެ ރެއެކޭ އަޅުގަނޑުމެން ނުކިޔަމެވެ. އެހެންނަމަވެސް ޒަމާން
އަޅުގަނޑުމެންނާ އެކު އައިސްފައިވާ ހިސާބުންނާއި އަޅުގަނޑުމެންގެ ތައުލީމު
ފުޅާވެގެން ދިޔަ މިންވަރުން "ފްރައިޑޭ ނައިޓް" " މަންޑޭ
ނައިޓް" ކިޔާ އުޞުލުން ހުކުރު ދުވަހުގެ ރޭ، ހޯމަ ދުވަހުގެ ރޭ މިގޮތަށް ކިޔަން
ދަސްކޮށްދިނީ މިދެންނެވިހެން ޒަމާނެވެ.
ޝައްކައްނެތެވެ. ހުކުރު ވިލޭރޭ ނުވަތަ ހޯމަ ވިލޭރޭ ފަދަ ގޮތަކަށް
އަޅުގަނޑުމެން ދިވެހން ކިޔަން އާދަކޮށްފައި ވަނީ އަޅުގަނޑުމެން ދިވެހިން އެ
ދީނަކަށް ތަބާވެގެން މިތިބަ މާތްވެގެންވާ އިސްލާމްދީނުގެ އުޞޫލަކާ ގުޅިގެންކަން
ކަށަވަރެވެ. މިހެން މި ދެންނެވީ ޢީދުވިލޭރޭ ޢީދު ދުވަހުގެ ކުރިން އަންނާތީއެވެ.
މުލަ ރޯދަ ވިލޭރޭ މުލަ ރޯދަ ދުވަހުގެ ކުރިން އަންނާތީއެވެ. ޙައްޖު ވިލޭރޭ ޙައްޖު ދުވަހުގެ ކުރިން
އަންނާތީއެވެ. އާދެ، ރޯދަމަސް ފެށެނީ ރޯދައަށް ހަނދު ފެނުމުން ކަމަށްވާތީ މުލަރޯދަ
ވިލޭރޭ މިކިޔަނީ ރޯދަމަހަށް ފެށޭ ރެއަށެވެ. މިކަން ކަމުން އެނގެނީއިސްލާމީ
ކަލަންޑަރުގައި ރޭގަނޑު އަންނަނީ ދުވާލުގެ ކުރިން ކަމެވެ. އެހެން ގޮތަކަށް
ދަންނަވަނީ ނަމަ ދުވަހެއް ފެށެނީ ދުވާލުގެ އިރު އޮއްސި ރޭގަނޑު ފެށޭ ހިސާބުން
ކަމެވެ. އަދި ދުވަސް ނިމެނީ ދުވާލުގެ އިރު އޮއްސޭ ހިސާބުން ކަމެވެ.
ކޮންމެ
ސަޤާފަތަކީވެސް އެހެން ސަޤާފަތްތަކާ ޚިލާފަށް ޚާއްޞަ ސިފަތަކެއް ލިބިގެންވާ
އެއްޗެކެވެ. އަދި ކޮންމެ ސަޤާފަތަކީވެސް އެއްޖީލުން އަނެއް ޖީލަށް
އުގަންނައިދިނުމާއެކު ވާރުތަވާ އެއްޗެކެވެ. އަދި ހަމަ އެފަދައިން ސަޤާފަތާމެދު
އަރާ އޮޅުންތައް ފަސޭހަ ކޮށްލުމުގެ ގޮތުން ބައެއް ފަރާތްތަކުން ވަނީ މާއްދީ ނޫން
ސަގާފަތާ ދެމެދު ކޮންމެ ސަގާފަތެއް ވެސް ބަހައި ހަދާފައެވެ.
ކޮންމެ
ބަހެއްގެ ޤައުމީ ސަގާފަތަކީ ޒަމާންތަކެއް ވަންދެން އެމީހުން ދިރިއުޅެފައިވާ
ވައްޓަފާޅިއެވެ. މީގައި ބުއްދި ޤަބޫލު ކުރެވޭ ވައްތަރުގެ ކަންތައްތަކާއި
ބުއްދިއާއި ޚިލާފު ކަންތައްތަކާއި ޚުރާފާތުތައްވެސް ހިމެނޭނެއެވެ. އެހެންނަމަވެސް
މިފަދަ ކަންތައްތަކަކީ ކޮންމެ މުޖުތަމަޢެއްގައި ވެސް އެ މުޖުތަމައެއްގެ
އަފްރާދުންގެ ސުލޫކު ބައްޓަންކުރުމުގައި އިރުޝާދު ދީފައިވާ އެއްޗެކެވެ. ޤައުމީ
ސަގާފަތަކީ މިހުރިހާ ކަމެއްގެ ޚުލާސާއެވެ. މިހެންކަމުން ބަހާއި ސަގާފަތަކީ ގުޅި
ލާމެހިފައިވާ އެއްޗެއްކަން ދޭހަވެ އެނގެއެވެ.
އިސްވެ ދެންނެވުނު
މިސާލު ތަކުން އަޅުގަނޑުމެންގެ ބަހަށް އަންނަމުންދާ ބަދަލު ތަކުން އަޅުގަނޑުމެންގެ
އާދަކާދަ އަށާއި އެހެންވެސް ކަންކަމަށް އަސަރު ކުރަމުންދާ ގޮތައި މިންވަރު
ކޮންމެވެސް މިންވަރަކަށް އިޙްސާސް ކޮށްލެއްވޭ ވަރު ވާނޭކަމަށް އަޅުގަނޑު
ހީކުރަމެވެ. މި ދެންނެވީއަކީ ހަމައެކަނި އަންނަ ހުރިހާ ބަދަލުތަކެއްގެ ވާހަކަ އެއް
ނޫނެވެ. އެހެންނަމަވެސް މައިގަނޑު ގޮތެއްގައި މަތިން މަތިން ބަލައި ލެވުނު
މިންވަރެކެވެ.
އާދެ،
ދިވެހިބަސް ރައްކާތެރި ކަމާއެކު ދިވެހި ބަހުގެ ގޮތުގައި ދެމެހެއްޓޭނީ ދިވެހި
މާޙައުލެއްގައި ދިވެހިން ޤަބޫލު ކުރާ ޢަޤީދާއެއްގެ އޮނިގަނޑުގެ ތެރޭގައި
ދިވެހިބަހުން ޚިޔާލުތަކާއި ޝުޢޫރުތައް އުފެއްދުމަށް ފަހު އެއަށް ބަސްތަކެއްގެ ސިފަ
ގެންނަމުން ގެންދިއުމުންނެވެ. ބަހުގެ ހަމަތަކާއި ޤަވާޢިދު ތަކާ އެއްގޮތަށް
އެބަސްތައް އަތުރާލައިގެންނެވެ. އެހެންނޫންނަމަ، ދިވެހިބަހުން ބުންޏަސް ބުނެވެން
އުޅޭނީ އެހެން ބަހެއްގެ އިބާރާތް ތަކެވެ. އެއިން ފާޅުވާނީ އެހެން ޙަޟާރަތެއްގެ
ރައްދު ހިޔަންޏެވެ. މާދަރީބަސް ހިމާޔަތް ކުރަންޖެހެނީ، ރައްކާތެރިކުރަން ޖެހެނީ
އެހެންވެގެންނެވެ. މާދަރީބަސް ގެއްލިގެން
ހިނގައްޖެނަމަ އެ ގެއްލެނީ ބަސް އެކަންޏެއް ނޫނެވެ. އަދި ކީއްތޯއެވެ. އެގެއްލެނީ
ޙަޟާރަތުގެ ބައެކެވެ. އާދަކާދަ ތަކާއި ސަޤާފަތާއި ޢަޤީޑާތަކުގެ އަލުން އަނބުރާ
ނުހޯދޭފަދަ ތަސްވީރު ތަކެއް ވެސް މެއެވެ.
އާދެ،
ބަހާއި ސަޤާފަތަކީ ގުޅި ލާމެހިފައިވާ އެއްޗަކަށް ވާއިރު، ލިޔުންތެރިންގެ
ބޮލުގައިވެސް މިކަން މިގޮތަށް ދެމި އޮތަދިނުމަށް ޓަކައި އެޅިފައިވާ ޒިއްމާ ތަކެއް
އެބަހުއްޓެވެ. ލިޔާ ލިޔުންތަކީ ސަޤާފީ އަސަރުތަކެއް އޭގައި އެކުލެވޭ ލިޔުންތަކެއް
ކަމުގައި ހަދަން އެބަޖެހެއެވެ. އަޅުގަނޑުމެންގެ ސަޤާފަތަކީ ބޯދާ އާދަކާދަ ތަކުގެ
ތެރެއިން ބައެއް ކަމަށްވާއިރު އެ އަސަރާއި އެ މަންޒަރު ލިޔުންތެރިންގެ
ލިޔުންތަކުގެ ތެރެއިން ކިޔަވާ ކުދިންނަށް ދައްކަން އެބަ ޖެހެއެވެ. ވާހަކައެއް
ލިޔުނަސް ފޮތެއް ލިޔުނަސް މަޒުމޫނެއް ލިޔުނަސް އޭގެ ރަހަ ހެޔޮވަރު ކޮށްލުމަށް
ޓަކައި ސަޤާފަތް އޭގެ ތެރޭއަށް ގެންނަން ޖެހެއެވެ. މިކަންކަން ކުރެވޭނީ
ލިޔުންތެރިން ވެސް އެއް ފިކުރެއްގައި އެއް ވިސްނުމެއްގައި މަސައްކަތް
ކޮށްގެންނެވެ.
އަޅުގަނޑުމެން ހީވެސް ނުކުރާ މިންވަރަށް ދިވެހިބަހުގެ ހަމަ ތަކާއި ބަސް
ބުނުމުގެ ތެރެއަށް ބޭރުގެ އާދަ ކާދަތައް ވެރިވެގެންފިއެވެ. އަތް
ގަދަކޮށްލައިފިއެވެ. މިވަނީ ކީއްކަން ނޭނގޭފަދަ ގޮތެއްގައި ނިކަން
ސިއްރިޔާތުގައެވެ. މިހާރު ނަމަ "މިކަން ކަން ކޮށް ނިންމުމަށް ޓަކައި ދެތިން
ދުވަސް ނަގާނެއެވެ" މިބުނުމަށް ވިސްނާލަމާތޯއެވެ؟ އަޅުގަނޑުމެންގެ ސާފު
ދިވެހިބަހުން ބުނާނަމަ މިގޮތަކަށް ނުބުނެވޭނެއެވެ. ކަމެއް ކޮށް ނިންމުމަށް
ދުވަހެއް ނުނަގައެވެ. ދުވަސް
ހޭދަވަނީއެވެ. މި އިބާރާތް ރަނގަޅަށް ބުނާކަމަށް ޥާނަމަ ބުނަން ޖެހެނީ "
މިކަންކަން ކޮށް ނިންމުމަށް ދެތިން ދުވަސް ހޭދަވާނެއެވެ." މިގޮތަށެވެ. މިކަހަލަ
ކިތަންމެ ބަހެއް ރީތިވެގެން މިހާރު ވާހަކަ ދައްކާތީއާއި ލިޔާތީ ފެންނަމުން
އެބަދެއެވެ. މިކަން ކަމަކީ މިއީ ބަސް ކުރިއެރުން ކަމަށް ބަޔަކު ވަކާލާތު ކުރިޔަސް
ހަޤީޤަތަކީ އެއީ އެއް ނޫނެވެ. މިއީ ޒަމާނުގެ އަތްތަކުން ބަސް ހަލާކު ކޮށްލުން
ފިޔަވައި އެހެން ދެވަނަ ކަމެއް ނޫނެވެ.
އާދެ،
އަޅުގަނޑުމެންގެ މާދަރީބަސް އަޅުގަނޑުމެންގެ ސަޤާފަތުގެ ތެރެއިން ބީވެގެން ގޮސް
އެހެން ސަޤާފަތެއްގެ ތެރެއަށް ރަނގަޅަށް ވަދެ ހަރު ނުލަނީސް ޤަުމީ ފެންވަރުގައި
ފިޔަވަޅުތަކެއް އަޅަން އެބަ ޖެހެއެވެ. އެއިގެ ތެރެއިން އެއްކަމެއްގެ ގޮތުގައި ބަސް
ބަހާ ބެއްސާ އެންމެ ދޯޅު މީޑިއާތަކުގެ ބަސްމަގު އިޞްލާޙު ވެވޭނެ ހުނަރެއް ނުވަތަ
އުކުޅެއް ހޯދަން އެބަޖެހެއެވެ. އެހެނީ
މީޑިއާއަށް ވުރެން ބަހެއް ބަދަލު ކޮށްލުމަށް އެކަށީގެންވާ ދެވަނަ ހަތިޔާރެއް
ނޯންނާނެތީއެވެ. އަދި އަމުދުން މީޑިއާއާ އާއްމު ރައްޔިތުން އެންމެންވެސް ގާތް
ގުޅުމެއް އޮންނަ މި ޒަމާނުގައި މީޑިއާ ކިޔާ ކޮންމެ ލަވައަކަށް މުޅި މުޖުތަމަޢު
ބެރުޖަހާނެއެވެ. އެހަމައަކަށް
ނަށާނެއެވެ. އެހެންކަމުން ބަހެއްގެ
އިޞްލާޙުގައި ކުރާ މަސައްކަތެއް ނަމަވެސް، ނުވަތަ ބަހެއް ހަލާކު ކޮށްލުމަށް ކުޜާ
މަސައްކަތެއް ނަމަވެސް އެންމެ އިސްކަން ދޭންޖެހެނީ މީޑިއާއަށެވެ. ރޭޑިއޯ ޓީވީ،
ނޫސް މަޖައްލާ، ތަކަށެވެ. އެ ދާއިރާ އިސްލާޙު ވެއްޖެނަމަ ބަސް ސަލާމަތް ކުރުމަށް
ވަރަށް ފުޅާ މަގެއް ކޮށައިލެވުނީއެވެ.
ދެންތޯއެވެ؟
ދެން އޮތީ ދިވެހި ބަސް ކިޔަވައިދެއްވާ ބޭފުޅުންނަކީ އެ ބަސް ކިޔަވައި ދެއްވުމަށް
ޤަބިލް ބޭފުޅުން ކަމަށް ހެއްދެވޭތޯ ބެލުމެވެ. މިހާރުގެ ޙާލަތަށް ބަލާނަމަ،
ސްކޫލުތަކުގައި ދިވެހި ބަސް ކިޔަވައި ދެއްވަން ތިއްބެވި ގިނަ ޓީޗަރުންނަކީ
އެކަމަށް ތަޞައްރަފް ފުދިފައިނުވާ ބޭފުޅުން ކަމަށް ދަންނަވަން ޖެހެއެވެ. މިއީ
ދަންނަވަން ލަދުހުތުރު ވާހަކައެއް ނަމަވެސް ކަން އޮތީ މިހެން ކަމަށް ވާތީ ހަމަ
ދަންނަވާލަން މަޖުބޫރު ވަނީއެވެ. ދިވެހި ބަސް ދެކެ ލޯބިވާ ކޮންމެ މީހަކަށް ވެސް
އެނގިވަޑައިގަންނަވާނޭ ފަދައިން ފައިބެއަހަރު ގްރޭޑް 10 ނިންމި ދަރިވަރު މިއަހަރު
ގްރޭޑް 10 ގެ ދިވެހި މުދައްރިސަކަށް ހުރުމަކީ ބަސް ކިޔަވައި ދެވޭފަދަ ޙާލަތަކަށް
އެ މުދައްރިސަކަށް އާދެވިގެން ލިބޭ މަޤާމެއް ނޫނެވެ. 6 މަސް ދުވަހުގެ ކުރުކުރު
ޓީޗިންގ ކޯހެއް ނިނމާފައި ތިހިރީ ޓީޗަރަކަށް ވެފައޭ ބުނުމުގެ މާނައަކީ ނުސީޑާ
ގޮތެއްގައި ބަސް ހަލާކު ކޮށްލުމެވެ. އެގޮތަށް ކުލާސް ތަކަށް އެ ފޮނުވޭ ޓީޗަރުންނަކީ
ބަހަށް ޖެހޭ ނުރައްކާތެރި ވައިރަހެކެވެ.
މިކަން އަޅުގަނޑުމެންގެ ސްކޫލުތަކުން ނިކަން ރަނގަޅަށް ފެންނަމުން އެބަދެއެވެ. ނަތީޖާ ދަށްވީމަ އެކަމުގެ ފޫޅު ކަނޑަނީ
ދަރިވަރުންނަށެވެ. ބަޔަކު ބުރަމަސައްކަތެއް ކޮށްގެން އެ ކުއްޖެއްގެ ނަތީޖާ ރަނގަޅު
ވއްޖެ ނަމަ "ކަންނުވެ ނަންވާހެން" ނަން ލިބިގަންނަން ހުނަންނީ މި
ދެންނެވި މުދައްރިސެވެ.
އާދެ، ބަސް
އުގަންނައިދޭން ނެރުއްވާފައި ހުރި ފޮތްތަކަކީވެސް އެކަށީގެންވާ ފޮތްތަކެއް
ކަމަކަށް އަޅުގަނޑަކަށް ނުދެންނެވޭނެއެވެ. އެހެނީ ދާދީ އިހަކަށް ދުވަހު ނެރެވުނު
"ސާނަވީ ދިވެހި (ދެވަނަ އިސްދާރު)" ދިވެހިބަހުގެ ވަރަށް ގިނަ
އިލްމުވެރިން މިހާރުވާނީ ދެކެވަޑައިގެންފައެވެ. އަދަބީ ކުށްތަކާއި ބަހުގެ
ކުށްތަކާއި ލިޔުމުގެ ކުށްތައް އެފޮތުގައި ނުހަނު ގިނައިން އެބަހުއްޓެވެ. މިއީ އެ ފޮތުގެ މުޞައްނިފަށް އަމާޒުކޮށް
އަޅުގަނޑު ދޭ ރައްދެއް ނޫނެވެ.
އެހެންނަމަވެސް ބަހާބެހޭ
އިދާރާތަކުން މުވަތަ މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ރަނގަޅަށް ބެއްލެވިނަމަ އެކުށްތަކާއެކު އެފޮތް ވުޖޫދަށް އަންނާކަށް
ނުޖެހުނީސްތާއެވެ. ފޮތުގެ މުޞައްނިފަށް އަޅުގަނޑު ފަށްފަށުން ދަންނަވާނީ
ހިފެހެއްޓުމެއް ނެތި ޝުކުރުގެ ބަސްތަކެވެ.
އެއީ އެފަދަ އެހީއަކަށް ބޭނުންވެފައިވާ ދަނޑިވަޅުގައި ފޮތެއް
ނެރެދެއްވީތީއެވެ. މި ބާވަތުން ދައްކަން ޖެހޭ ވަރަށްގިނަ ޥާހަކަތަކެއް ހުއްޓަސް
މިކަންކަމުން މުޖުތަމަޢަށް ފައިދާއެއް ކޮށް ގެއްލެމުން ހަލާކުވަމުން މިދާ
ދިވެހިބަސް ސަޤާފަތާއި ގުޅި ލާމެހިގެން ކުރިޔަށް ގެންދެވޭނީ މުޅި ޤައުމު މިކަމަށް
ސަމާލުވެގެންނެވެ. އެންމެން އެކައްޗެއް
ކިޔައިގެން އެއްވަލެއްގައި ހިފަހައްޓައިގެން ކުރެވޭ މަސައްކަތަކުންނެވެ.
އާދެ،
ކޮންމެ ބަހަކީވެސް އެބައެއްގެ ސަޤާފަތުން ކާދު ލިބިގެން ހެދި ބޮޑުވާ ބަހެކެވެ.
އެއްވެސް ބަހެއް މަސައްކަތަކާ ނުލައި ތަރައްޤީވެ ހެދި ބިޔަވެފައެއް ނެތެވެ.
ބަސްބަހީ މީހުން ހަދާއެއްޗެއް ނޫނަސް އަދި އެއީ ޤުދުރަތުން ހިންގަވާ އެއްޗެއް
ކަމުގައި ވިޔަސް އަޅުގަނޑުމެންނަށް ﷲ މިންވަރު ކުރެއްވި ބަހުގެ މި ނިޢުމަތް
ސަޤާފަތުގެ ތެރެއިން ފޫދެމުން އަންނަ ދިޔަވަރާއެކު ތާޒާކަން ލިބޭތޯ މަސައްކަތް
ކުރުމަކީ މިއަދު ދިވެހި ކޮންމެ ބަސްވާރެއްގެ މައްޗަށް އޮތް ޤައުމީ ވާޖިބެކެވެ.
މިއީ އެކަކުވެސް މިކަމުން ބަރީއަވާން ޖެހޭ ކަމެއްނޫނެވެ.
___________________________________________
No comments:
Post a Comment