Featured Post

Ombey

Wednesday, July 3, 2019

fashaa thauleemuge dharivarunnah kiyavaidhinumugai beynunkuran rangahee dhivehibas heyyeve?

ރާއްޖޭގެ ފަށާތަޢުލީމުގެ ދަރިވަރުންނަށް ކިޔަވައިދިނުމުގައި ބޭނުންކުރަން ރަނގަޅީ ދިވެހިބަސް ހެއްޔެވެ؟
See the source image

ތަރައްޤީގެ ހަލުވި ދުވެލީގައި ކުރިއަށްދާ ކޮންމެ ޤައުމަކުން ވެސް އެންމެ ބޮޑު އިސްކަމެއްދޭ އެއްކަމަކީ އުނގަންނައިދިނުމެވެ. މިގޮތުން ކޮންމެ ޤައުމެއްގައި ވެސް އެ ބަޔަކު ޤަބޫލުކުރާ ހަމަތަކަކާއި އުޞޫލުތަކެއްގެ މަތިން ސިލަބަސްތަކާއި ކަރިކިއުލަމެއް އުފައްދާފައި ވެއެވެ. އަދިހަމައެއާއެކު އުނގަންނައިދިނުމުގައި ޙާޞިލުކުރާނެ ލަނޑުދަނޑިތަކެއް ވެސް ކަނޑައަޅާފައިވެ އެވެ. ކާމިޔާބު ސުކޫލެއްނަމަ އެސުކޫލުގައި ޔަޤީންކަންދެވޭ ފަދަ މަންހަޖެއް އޮތުމާއެކު ގޮންޖަހާލެވޭފަދަ ލަނޑުދަނޑިތަކެއް ކަނޑައެޅިފައިވާނެ ކަމަށް ރޮބަރޓް މަރުޒާނޯ (2003) ވިދާޅުވެފައިވެ އެވެ. އަދި އުނގަންނައިދިނުމުގައި ބޭނުންކުރާނެ ބަހެއް  ކަނޑައަޅާފައިވެ އެވެ. އުނގަންނައިދިނުމުގެ އެންމެބޮޑު އެއް އަސާސަކީ އެ އުނގަންނައިދޭ އެއްޗެއް އޮޅުންފިލުވައިދިނުމަށް ބޭނުންކުރާ ބަހެވެ. އެގޮތުން ބައެއް ޤައުމުތަކުގައި އުނގަންނައިދިނުމަށް ބޭނުންކުރަނީ އެބައެއްގެ މާދަރީބަހެވެ. އަދި ބައެއް ޤައުމުތަކުގައި އިންޓަރނޭޝަނަލް ބަހެއް އިޚްތިޔާރުކޮސްފައިވެ އެވެ.
މަޟީގެ ޞަފްޙާތަކަށް ޖެހިލާއިރު ދިވެހިންގެ މާދަރީބަހުން އުނގެނުމާއި ގުޅުންހުރި އެންމެހާ ކަންތަކެއް ކުރި ޒަމާނެއް ދިވެހިރާއްޖެ ދުށްކަމަށް ލިޔެވިފައިވެ އެވެ. ބަވަނަވެފައިވާ ދުނިޔެއެއްގައި އުޅުމަށް އިންޓަރނޭޝަނަލް ބަހެއް އެނގުމަކީ މުހިއްމު ކަމެއް ކަމަށް ތަޢުލީމާއި ބެހޭ ވުޒާރާގެ އިސްވެރިންނަށް ވިސްނެންފެށުމާއެކު ދިވެހިރާއްޖޭގައި ވެސް އުނގަންނައިދުމުގައި ބޭނުންކުރާ މައިގަނޑު ބަހަކަށް ވެފައި މިވަނީ އިނގިރޭސިބަހެވެ. ދިވެހިންގެ މާއްދާތަކެއްގެ ގޮތުގައި ވަރަށް ކުރީއްސުރެ ބެލެވިފައިވާ  ދިވެހި ބަހާއި، އިސްލާމުގެ އިތުރުން ޤުރުއާން ފިޔަވައި އެހެން ހުރިހާ މާއްދާއެއްގެ މަޢުލޫމާތު ދަރިވަރުންނާއި ޙިއްސާކުރެވެނީ އިނގިރޭސި ބަހުންނެވެ. މިބަދަލަކީ ދިވެހިންނަށް އެންމެ މުނާސަބު ބަދަލެއް ކަމަށް ޤަބޫލުކުރާ ބަޔަކު ތިބިއިރު އެއާއި ދެކޮޅަށް ވާހަކަ ދައްކާ މީހުން ވެސް މަދެއް ނޫނެވެ. ތަޢުލީމީ ކަންތައް ދިރާސާކުރަމުން ގެންދާ މާހިރުންގެ ނަޒަރުގައި މިއީ އެންމެ ރަނގަޅު ބަދަލެއް ނޫނެވެ. މިބަދަލުގެ ސަބަބުން ބޮޑަށް ލިބެނީ ގެއްލުމެވެ.
މިދަލުގެ ސަބަބުން އެންމެ ބޮޑަށް ގެއްލުން ލިބެނީ ފަށާތަޢުލީމީ މަރުޙަލާގެ ކުދިންނަށެވެ. އެފަދަ ކުދިން މަދަރުސާތަކަށް އަންނައިރު  އެކުދިންގެ ތުއްތު ސިކުނޑިއަށް ނެގިފައި ނުވަތަ އެނގިފައި ވާނީ އެކުދިން އުޅޭ މާހައުލުން ނުވަތަ ގޭތެރެއިން އަޑުއިވި ދަސްވެފަައިވާ އެއްޗެކެވެ. އަދި ސުކޫލުން އެކުދިންނާ މުޚާޠަބުކޮށް ވާހަކަ ދައްކައި އުނގެނުމުގައި ދޭންޖެހޭ އިރުޝާދު ދެނީ އެކުދިން ނުވެސް ދަންނަ ބީރެއްޓެހި ބަހަކުންނެވެ. އެގޮތަށް ވުމުގެ ސަބަބުން ބައެއް ކުދިން އުނގެނުމަށް ފޫހިވާގޮތް ވެއެވެ. މިފަދަ ތުއްތު ކުދިންނަށް އުންގަންނައިދިނުމުގައި ބޭނުންކުރަން އެންމެ ރަނގަޅީ އެކުދިންގެ މާދަރީ ބަސް ކަމަށް ޖޯޖް އޮރެކަން (2010) ހާމަކުރައްވައެވެ. އުނގަންނައިދޭ އެއްޗެއް ފަހުމުވެ ދޭހަކުރުމަށް އެންމެ ފަސޭހަވާނީ އެކުދިންގެ ސަޤާފަތުގެ ތެރެއިން ބަހާގުޅުވައިގެން ކަމަށް ދިރާސާތަކުން ދައްކާކަމަށް ދިވެހިާއްޖޭގައި ބޭއްވޭ ޢިލްމީ ދާއިރާތަކުގެ ފޯރަމްތަކުގައި ވަރަށް ގިނައިން ބުނެފައިވެއެވެ.
2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގައި ތަންފީޒުކުރަމުން މިދާ މަންޙަޖު އެކުލަވާލުމުގެ ބައްދަލުވުމުގައި ފަށާތަޢުލީމީ މަރުޙާލާގައި ދަރިވަރުންނަށް އުނގަންނައިދިނުމުގައި ބޭނުންކުރަންޖެހޭ ބަހަކީ ދިވެހި ބަސްކަމަށް މި ފޯރަމުގައި ބައިވެރިވި މެންބަރުން ހުށަހެޅި ކަރުދާހުގައި ވެއެވެ. މިކަމުން ވެސް އެނގިގެންދަނީ މިހާރު ބޭނުންކުރަމުން މިދާ އިންޓަރނޭޝަނަލް ބަހުން ކިޔަވާދިނުމުން ލިބޭ ފައިދާއަށް ވުރެ ބޮޑަށް ލިބެނީ ގެއްލުން ކަމެވެ. ސަބަބަކީ މި ފޯރަމުގައި ބައިވެރިވެފައިވަނީ ތަޢުލީމު އުނގަންނައިދިނުމުގެ ޤާބިލުކަމާއި ތަޖުރިބާ ލިބިފައިވާ އެދާއިރާގެ މީހުން ކަމަށްވާތީ އެމީހުން ކޮށްފައިވާ ތަޖުރިބާގެ އަލީގައި ކަރުދާސް ހުށައަޅާފައިވުމެވެ. ޖެސިކާ ބޯލް (2011) ހާމަކުރައްވާ ގޮތުގައި ފަށާތަޢުލީމީ މަރުޙަލާއަށް ތުއްތު ކުދިން ދާއިރު ވެސް އެކުދިންގެ ކިބައިގައި އުނގެނުމުގެ ޤާބިލުކަމާއި ހުނަރު ހުރެއެވެ. އެ ޤާބިލުކަމާއި ހުނަރަކީ އެކުދިންގެ މާހައުލުން އެކުދިން ދަސްކޮށްފައިވާ އެކުދިންގެ މާދަރީ ބަހެވެ.
"މާދަރީބަހުން ތައުލީމު ފޯރުކޮށްދިނުމުން ދަރިވަރުންގެ ތައުލީމީ ފެންވަރު ރަނގަޅު ވެއެވެ. އެއީ ފިލާވަޅުތައް ދޭހަވެ އުނގެނެން ފަސޭހަވާތީއެވެ. އަދި މާދަރީ ބަހުން ލިޔަންކިޔަން އެނގުމުން އެހެނިހެން ބަސްބަސް އުނގެނުމުގެ ގާބިލުކަން އިތުރުވާ" ކަމަށް އާމިނަތު ސަޢީދުގެ (ގިނަބައްސަ ތަޢުލީމު) މިރިޕޯޓުގައި ހާމަކުރައްވާފައި ވެއެވެ. މާދަރީ ބަހަކީ ވިސްނުމާއި އުނގެނުމާއި މީހާގެ ފިކުރު ވަކިގޮތަކަށް ބައްޓަންކުރާ އެންމެ ބޮޑު އެއް އަސާސެވެ. މަދަރީބަހުން ވިސްނާ މީހުންގެ ވިސްނުން ފުޅާވާ ކަމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (2015) ހާމަކުރައްވާފައި ވެއެވެ. މިހެންކަމަށް ވާނަމަ ފަށާތަޢުލީމީ މަރުޙަލާގެ ކުދިންނަށް އުނގަންނައިދިނުމުގައި ބޭނުންކުރަން ޖެހޭ ބަހަކީ އެކުދިންގެ މާދަރީ ބަހެވެ. ދިރާސާވެރިން ބުރަވަނީ ވެސް މިގޮތަށެވެ. މާދަރީ ބަހަށް ކުއްޖާގެ ލޯހުޅުވޭ ވަރަކަށް ދުނިޔޭގެ ކަންހިނގާ މަގު ދެނެގަނެ އެހެނިހެން ބަސްބަހަށް ލޯހުޅުވުމަށް ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަށްޑިހައިގެ އަހަރުތަކަށް ނަޒަރު ހިންގާ ބަލާލިއިރު އުނގެނުމަށް ލޯބިކުރާކުދިން މިހާރާ އަޅާބަލާއިރު އެތައް ގުނައެއް އިތުރުކަން ފާހަގަވެއެވެ. އޭރުގެ މީހުންގެ ކިބައިގައި ހުރި ޤައުމީ ވަންތަކަމާއި ޤައުމުދެކެ ވާ ލޯތްބާއި ބަހަށްކުރާ ޤަދަރާއި އެބަހުގެ ބޭނުން ހިފައި މައްދިވެހި ބަހުގެ ފަށުވި ފޭރާން ހަމަ ބަސްތަކުން ވާހަކަ ދައްކާ ތަނެއް މިއަދުގެ މުޖުތަމަޢުން ނުފެނެއެވެ. ޤައުމާއި ދީނަށް އެކުދިންގެ ހިތުގައި ޖެހިފައިވާ ލޯތްބެއްގެ ސަބަބުން އަޚުލާޤީ މައްސަައެއް ވަރަށް މަދުން ނޫނީ ފެންމަތި ނުވެއެވެ. މިއީ މިކަމުގެ ކުޑަކުޑަ ހެއްކެކެވެ.
ނަމަވެސް މިއަދުގެ މައިންބަފައިންނާއި ބައެއް އެހެނިހެން ފަރާތްތަކުން ޤަބޫލުކުރާ ގޮތުގައި އިންޓަރް ނޭޝާނަލް ބަހެއް ކަމުގައިވާ އިނގިރޭސި ބަހަށް އަހުލުވެރިވެގެން މެނުވީ ޒަމާނީ ތަޢުލީމުގައި ފައިތިލަ ސާބިތު ނުކުރެވޭނެއެވެ. ދިވެހި ބަހުން ކިޔަވައިގެން ބައިނަލް އަޤުވާމީ އިމްތިހާނުތަކުގެ ކުރިބޯއްޓާ ހަމައަށް ވާޞިލެއް ނުވެވޭނެއެވެ. 2010 ވަނަ އަހަރު އޯލެވެލް އިމްތިހާނުގައި ދިވެހިރާއްޖެއިން 7254 ދަރިވަރުން ބައިވެރިވެފައި ވެއެވެ. މީގެތެރެއިން ހުރިހާ މާއްދާއަކުން ސީފާހަށްވުރެ މަތިން ފާސްވެފައިވަނީ އެންމެ 700 ވަރަކަށް ދަރިވަރުންނެވެ. މިހެންކަމަށް ވާނަމަ އުނގަންނައިދިނުމުގައި އިނގިރޭސި ބަސް ބޭނުންކުރުމުން އެހެނިހެން މާއްދާތަކުން ރަނގަޅު ނަތީޖާ ގެނެވެޔޭ ބުނެވޭނެ ފުރުޞަތެއް ނެތެވެ.
މިއަދުގެ ދަރިވަރުންނަށް ދިވެހި ބަހުން ވެސް އަދި އެހެން ބަހަކުން ވެސް އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުންކޮށްގެން ވާހަކަ ދައްކާކަށް ނޭނގެއެވެ. އެހެންކަމުން އަޅުގަނޑުގެ އިލްތިމާސަކީ ފަށާތަޢުލީމި މަރަޙަލާގެ ދަރިވަރުންނަށް އުނގަންނައިދޭ ބަހަކީ މައްދިވެހި ބަސްކަމުގައި ހަދާށެވެ.





ރިފަރެންސް
މަރުޒާނޯ، އާރު.ޖޭ.(2000). އިމްޕްލިމެންޓިންގ ސްޓޭންޑާޑުސް-ބޭސްޑް އެޑިއުކޭޝަން. ޓީޗަރ ލިބްރޭނިއަން.
މަރުޒާނޯ، އާރު.ޖޭ.(2000). އިންޓްރޮޑަކްޝަން ޓު ދަ ސްޕެޝަލް ސެކްޝަން. އިމްޕްލިމެންޓިންގ ސްޓޭޑާޑުސް އިން ސުކޫލް. އަޕްޑޭޓިންގ. ދަ ސްޓޭންޑާޑް މޫވްމެންޓް.
ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން. (2015). ޤައުމީ މަންހަޖުގައި ދިވެހި. މުޞައްނިފް. މާލެ. މިނިސްޓްރީ އޮފް އެޑިއުކޭޝަން.



claahugai authetic assesment gendhaane goi


ކުލާހުގައި ޙަޤީޤަތުގައި ދަރިވަރުންގެ ފެންވަރު ވަޒަންކުރުން (އޮތެންޓިކް އެސެސްމެންޓް) ގެންދާނެގޮތް

ދިރާސާތަކުން ދައްކާގޮތުގައި ކުލާހުގައި ގެންދެވޭ އެސެސްމެންޓް އޮތެންޓިކްކޮށް ނެގޭނަމަ ކުދިންގެ ޙަޤީޤީ ފެންވަރު އެނގިގެންދާނެއެވެ. އުނގަންނައިދިނުމުގެ ރޮނގުން ތަޖުރިބާތައް ލިބިފައިވާ މީހުން ވެސް މިކަމަށް އެއްބަސްވެ އެވެ. މިގޮތަށް އެސެސްކުރެވިއްޖެނަމަ ލިބޭ ނަތީޖާގެ ޞައްޙަކަން (ވެލިޑިޓީ) ކަށަވަރުކުރެ އެވެ. އޮތެންޓިކްގެ މާނައަކީ ޙަޤީޤީ ދުނިޔެއާ ގުޅުވާލުމެވެ. (ޑރ. ގްރޭންޓް ވިގިންސް. 1989) އޮތެންޓިކް އެސެސްމެންޓަކީ ދުރާލާ އެނގިގެން ނެގޭ ޓެސްޓެކެވެ. އެއީ ޙާލަތާއި ގުޅޭ ހުނަރުތައް ޓެސްޓު ކުރެވޭތީއެވެ. އެސެސްކުރެވެނީ ޙަޤީޤަތުގަިވެސް އޮތެންޓިކްކޮށްނަމަ އެސެސްކުރުމުގެ ކުރިން އެ އައުޓްކަމާއި ގުޅޭ ހުނަރުތައް ހުންނާނީ ފަރިތަކުރެވިފައެވެ. (ވިގިންސް. 1998) އޮތެންޓިކް އެސެސްމެންޓަކީ ޙަރަކާތްތައް ވީހާވެސް ބޮޑަށް ދުނިޔޭގައި ކަންކުރަންޖެހޭ ގޮތާއި އެއްގޮތަށް ކުރެވޭ އެސެސްމެންޓްތަކެކެވެ.

ޓެސްޓަކީ ހަމައެކަނި ކަރުދާހުގައި ލިޔާ ލިޔުމަކަށް ވުރެ ބޮޑަށް ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގައި އުނގެނޭ އެއްޗަކާއި ގުޅިގެން އުނގެނުމުގެ މައިދާނުގައި ހަރަކާތްތެރިވާގޮތް ބަލައި ދިރިއުޅުމުގައި އޭގެ ބޭނުންކުރާ ގޮތްތައް ބަލައި ދަރިވަރުންގެ ކިބައިގައި ހުރި އުކުޅުތައް ދަނެގަތުން ކަމަށް ޓީޗަރުން ވެސް ގަބޫލުކުރަންޖެހެއެވެ. (ވިގިންސް. 1989) ހަމައެކަނި ދެލިގަނޑު ދަސްކޮށްގެން އައިސް ދެވޭ ޕޭޕަރަކަށް ދޭ ޖަވާބަކުން ދަރިވަރުންގެ ފެންވަރު ވަޒަން ނުކުރެވޭނެއެވެ. އުނގަންނައި ދިނުމުގައި ނަގާ އައުޓްކަމަކާއި ގުޅޭ މާހައުލެއް ގާއިމުކޮށް އެކަމާއި ގުޅޭ ފަންނީ މީހުންގެ ތަޖުރިބާތައް ބަލައި ހޯދައިގެން މެނުވީ ޙަޤީޤީ ޢިލްމެއް ޙާޞިލެއް ނުވާނެއެވެ. (ވިގިންސް. 1998)

18 ވަނަ ޤަރުނުން ފެށިގެން އުނގަންނައިދިނުމުގެ މާހިރުންނާއި ދިރާސާވެރިންނާއި ތިއަރީތަކުގެ މާހިރުން ގަބޫލުުރާގޮތުގައި އޮތެންޓިކް ކޮށް ކުރެވޭ އެސެސްމެންޓުގެ ފައިދާ ޢާއްމުކޮށް ނަގާ ޓެސްޓުތަކަށް ވުރެ ފައިދާ ބޮޑެވެ. އުނގަންނައިދނުމުގައި އަޅުގަނޑުމެންގެ ކުލާސްތަކުގައި  އޮތެންޓިކް އެސެސްމެންޓް ގެންގުޅެންޖެހެއެވެ. (ނިއުމެން، ބްރޭންޓް & ވިގިންސް. 1998) ޢިލްމާއި ޙިލްމަކީ އުނގަންނައިދިނުމުގެ މައިގަނޑު ދެ އަސާސެވެ. ޢިލްމެއް ލިބިފައި ޙިލްމެއް ނުވާނަމަ އެލިބުނު ޢިލްމަކުން ކުރާނެ މާބޮޑު ފައިދާއެއް ނޯންނާނެއެވެ. ދަރިވަރުންނަށް އުނގަންނައިދިނުމުގެ ބޭނުމަކީ އެ ދަރިވަރުން ޙަޔާތަށް ތައްޔާރު ކުރުވުމެވެ. ދަރިވަރުން އެކުދިންގެ ޙަޔާތަށް ތައްޔާރުކުރަން މުދައްރިސުންނާއި ކަމާއި ބެހޭ ފަރާތްތަކުން ބޭނުންކަމުގައި ވަނީނަމަ އޮތެންޓިކްކޮށް އެކުދިންގެ ޢިލްމާއި ހުނަރު އެސެސްކުރެވި ދޭންޖެހޭ ފީޑްބެކް ދޭންޖެހޭކަމަށް ވިގިންސް ހާމަކުރައްވައެވެ.
See the source image


މަތީގައިވާ ޑައިގްރަމުން ދައްކާގޮތަށް ދަރިވަރުންގެ ޢިލްމާއި އެއްވަރަށް އެކުދިންގެ ހުނަރު ތަރައްޤީ ނުކުރެވެންޏާ އެކުދިން އުނގެނޭ އެއްޗެއްގެ ބޭނުން އެކުދިންގެ ޙަޔާތުގައި އެންމެ ރަނގަޅުގޮތުގައި ހިފާކަށް ނޭނގޭނެއެވެ. އެހެންކަމުން އުނގަންނައިދިނުމުގައި ޢިލްމާއި އެއްވަރަށް ހުނަރަށް އިސްކަމެއްދީގެން ގެންދެވޭނީ އޮތެންޓިކް އެސެސްމެންޓްތައް ކުލާހުގައި ބޭނުންކުރެވިގެންނެވެ. (ވިގިންސް. 1998)

ޢާއްމުކޮށް ނެގޭ ޓެސްޓުތަކުގައި ހަމައެކަނި ދަރިވަރުން އުނގެނިފައިވާ މަޢުލޫމާތު އަލުން އިޔާދަކުރަނީ އެވެ. އެހެންނަމަވެސް އޮތެންޓިކް ކޮށް ކުރެވޭ އެސެސްމެންޓުތަކުގައި ދަރިވަރުންގެ އުފެއްދުންތެރި ހުނަރު (ޕްރޮސެސް ސްކިލްސް) ހަރުދަނާވެ އާލާވެ އުނގެނުމުގެ ތެރެއިން އެލިބުނު މަޢްލޫމާތު ބޭނުންކުރަން ވެސް ދަސްވެގެންދެއެވެ. (މިއުލަރ 2005)







ރިފަރެންސް

އަބްޑާއޯ، ޑީ. (2015، ޖުލައި 18). ގޫގުލް . ރީރިވިއުޑް ފްރޮމް އަބްޑާއޯ:


ބްރޫސް ބީ. ފްރޭ، ވިކީ އެލް. ސްމިތް އެންޑް ޖަސްޓިން ޕީ. އެލެން. (2012). ޑިފައިނިންގ އޮތެންޓިކް ކްލާސް ރޫމް އެސެސްމެންޓް. ޕްރެްކްޓިކަލް އެސެސްމެންޓް، ރިޗާރޗް އެންޑް އިވެލުއޭޝަން، 18.