Featured Post

Ombey

Monday, June 10, 2019

medhu madharusa ninma kudhinnah liyuntherikan ungahnaidhinummugai dhimaavaa gonjehuntah


މެދުމަދަރުސާ ނިންމާ ކުދިންނަށް ލިޔުންތެރިކަން އުނގަންނައިދިނުމުގައި ދިމާވާ ގޮންޖެހުންތައް


ލިޓްރެޗަރ ރިވިއު:

މި ލިޓްރެޗަރ ރިވިއުގައި ޢިލްމީ ދިރާސާގެ އަލީގައި، ބަލާފައިވަނީ ދަރިވަރުންނަށް ލިޔަން ދަސްކޮށްދިނުމުގައި ޓީޗަރުންނަށް ދިމާވާ ގޮންޖެހުމާއި ބެހޭގޮތުންނެވެ. ލިޔުމުގެ ހުނަރަކީ ބަހެއް ދިރުވާ އާލާކުރުމަށް ވަރަށް ބޮޑު ދައުރެއް އަދާކުރާ އެއްޗެކެވެ. ޚިޔާލާއި އިޙްސާސްތައް ގުޅުވައިގެން ރަނގަޅު އެއްޗެއް ގެނެވެނީ ލިޔުންވެސް އޭގައި ޝާމިލްވެގެންނެވެ. އެއްޗެއް ކިޔަން މީހުން ޝައުޤުވެރިވަނީ އެ އެއްޗަކާއި ލިޔުމާ ދެމެދު ހުންނަ ގުޅުމެއްގެ ބޮޑު ކުޑަ މިނުންނެވެ. ލިޔުންތައް ލިޔެވޭނީ އެލިޔުމަކާއި ގުޅޭ ރަނގަޅު އުކުޅުތައް ދަސްވެގެންނެވެ. ލިޔުންތެރިކަމަށް ޙާއްޞަ އުކުޅުތަކަކީ ލިޔުންތައް ކުރިއެރުވުމަށް ކޮންމެހެން އެނގެންޖެހޭ ކަންތައްތަކަކެވެ. ލިޔުމަކީ އެކަމެއްގައި، ޤަވާޢިދުތަކާއި ހަމަތަކެއްގެ އިތުރުން ބަސްކޮށާރެއް ވަކި އުޞޫލަކާއި ތަރުތީބަކުން އެމުނި އެކުލެވިފައިވާ އެއްޗެއްކަމަށް ސީ ޓީ ލިންސް އެންޑް ޑީ ނުނަން (2005) އެމީހުންގެ ޕްރެކްޓިކަލް އިންގްލިޝް ލެންގުއޭޖް ޓީޗިންގ ގައި ހާމަކުރައްވާފައިވެ އެވެ. ކިޔެވުމުގައި ކުރިޔަށްދާން އެދޭ ކުއްޖަކު އެކުއްޖެއްގެ ލިޔުންތެރިކަމުގެ ހުނަރު ތަރައްޤީކުރަންޖެހެ އެވެ. އަދި އެހުނަރުގެ ޒަރީޢާއިން ތިމާއަށް ދަސްވާ އެއްޗަކާއި އުފެދޭ ޚިޔާލުތައް އެހެން މީހުންގެ އަތްފޯރާފަށަށް ފަސޭހަކަމައެކު ގެނެސްދެވޭނެ އެވެ.

ތަޖުރިބާކާރު ޓީޗަރުންނަކީ އެމީހުންނާ ކުރިމަތިވާ ގޮންޖެހުންތަކާ ކެރިގެން ކުރިމަތިލައި، އެކަންތައްތަކުން އަރައިގަތުމުގެ ވިސްނުމާއި ކުޅަދާނަކަންލިބިފައިވާ ބަޔަކަށް ވާންޖެހެއެވެ. އަދި ނަގައިދެވޭ ކޮންމެ ފިލާވަޅަކަށް ވިސްނުންތެރިކަމާއި ޙިކުމަތްތެރިކަމާއެކު ތައްޔާރުވާން ވެސް ޖެހެއެވެ. ފިލާވަޅުތަކަށް ތައްޔާރުވުމުގައި ތަފާތު އުކުޅުތަކާއި ހުނަރުތައް ބޭނުންކުރާނެ ގޮތާއި، ކިޔަވައިދިނުމުގައި ބޭނުންކުރާ ވަސީލަތްތަކަކީ އެ އުކުޅުތަކާއި ހުނަރުތައް ބޭނުންކުރެވޭފަދަ އެއްޗަކަށް ހަދަންޖެހެ އެވެ. މިހާރަކަށް އައިސް ލިޔުންތެރިކަމުގެ ދާއިރާވަނީ ވަރަށް ބޮޑަށް ހަނިކުރެވިފަ އެވެ. ލިޔުމަކީ ދަރިވަރުންގެ ފެންވަރު ދަނެގަތުމަށް ގެންގުޅޭ ހަތިޔާރެއް ކަމަށް ސީ ޓީ ލިންސް އެންޑް ޑީ ނުނަން (2005) އެމީހުންގެ ޕްރެކްޓިކަލް އިންގްލިޝް ލެންގުއޭޖް ޓީޗިންގް ގައި ހާމަކުރައްވާފައިވެ އެވެ. މިގޮތަށް ދިމާވުމުގެ ސަބަބުން ލިޔުންތެރިކަން ވަޅުޖެހި އެކަށީގެންވާ ގޮތަކަށް ކުރިއަރައިގެން ނުދެއެވެ. ޑރ. ޙަސަން ޙަމީދު ހާމަކުރައްވާ ގޮތުގައި ހަތަރު އަހަރު ދުވަހު ކިޔެވުމަށްފަހު އެމެރިކާގެ ކޮލެޖްތަކުން ނެރޭ ދަރިވަރުންގެ ކިބައިގައި އެކަށީގެންވާ މިންވަރަކަށް ފިކުރީ ހުނަރުތައް ނުހުންނަކަމަށް ދިރާސާތަކުން ދައްކައެވެ. ވަކިން ޚާއްޞަކޮށް، ދަސްވެނިވާ މީހުންގެ ލިޔުންތެރިކަމުގެ ހުނަރުދަނީ ގެނބެމުންނެވެ. ތިންބައިކުޅަ އެއްބައި ކުދިން، ކޮލެޖްގެ ފުރަތަމަ އަހަރުން ތިންވަނަ އަހަރަށް ދާއިރު މި ދެމެދުގައި ވީ ދުވަސްތަކުގައި ލިޔުންތެރިކަމަށް އެއްވެސް ކުރިއެރުމެއް ނާދެއެވެ. މިގޮތަށް ދިމާވުމުގެ އެންމެ  ބޮޑު އެއްސަބަބަކީ ލިޔަން ދަސްކޮށްދޭ ގިނަ ކުލާސްތަކުގައި ކިޔަވާދިނުން ގެންދެވެނީ ވަރަށް ފޫހިގޮތަކަށެވެ.  މިހިސާބުން ލިޔުން ދަސްކޮށްދިނުމަށް ދިމާވާ ބައެއް ގޮންޖެހުންތަކަށް ބަލާލާނަމެވެ.

×     ލިޔަން ދަރިވަރުން ބޭނުންނުވުން:

މީގެ 3 އަހަރު ކުރިން އޮކްސްފޯޑު ޔުނިވަރސިޓީން 450 ޓީޗަރުން ބައިވެރިކޮށްގެން، ލިޔުންތެރިކަމަށް ހުރި ގޮންޖެހުން މިނަމުގައި ކުރެވުނު ދިރާސާގެ %23 އިންސައްތަ ޓީޗަރުންދެކޭ ގޮތުގައި ލިޔުންތެރިކަން ދަސްކޮށްދިނުމަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދަރިވަރުން ލިޔަން ބޭނުންނުވުމެވެ. މި ގޮންޖެހުމުގެ ސަބަބުން ޓީޗަރުންގެ ތެރެއިން ގިނަމީހުންގެ މާޔޫސްވެ ގޮތްހުސްވެ އެވެ. ލިޔުންތެރިކަމަކީ މުހިންމު ކަމެއްކަމުގައި ދަރިވަރުން އެއްވެސް ވަރަކަށް ނުދެކޭ ކަމަށް ވެސް މި ރިޕޯޓުގައި ހާމަކޮށްފައި ވެއެވެ. މި ދިރާސާގެ ބައިވެރިއެއްކަމަށްވާ މަރޓިނާ ހާމަކުރައްވާ ގޮތުގައި ދަރިވަރުން ދެކޭ ގޮތުގައި ލިޔުމަކީ މިއީ އެހާ މުހިންމު ކަމެއް ނޫނެވެ. އަދި ލިޔުމަށް ވަރަށް ފޫހިވާކަމަށާއި ލިޔުމެއް ލިޔަން އެތަށް  ވަގުތެއް ހޭދަކުރަންޖެހޭކަމަށް ވެސް ދަރިވަރުން ބުނާކަމަށް މަރޓިނާ ހާމަކުރައްވަ އެވެ. މި ދިރާސާގެ ބައެއް ކުދިން ލިޔުމަށް ފޫހިވަނީ އަތުން ލިޔަން ވުމުންކަމަށް ދިރާސާގެ ބައިވެރިއެއްކަމަށްވާ ކްރޯޝިއާ ހާމަކުރައްވަ އެވެ. އެހެންކަމުން ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ލިޔުންތެރިކަން ތަރައްޤީކުރެވިދާނެ ކަމަށް ކްރޯޝީއާ ޤަބޫލުކުރައްވަ އެވެ.

×      އެއްކުށްތަކެއް ތަކުރާރުކުރުން:

އޮކްސްފޯޑު ޔުނިވަރސިޓީން ހެދި ދިރާސާއިން ދައްކާގޮތުގައި %21 އިންސައްތަ ޓީޗަރުންގެ ދެކޭ ގޮތުގައި އަބަދު އެއްކުށެއް ތަކުރާރުކުރުމަކީ ލިޔުންތެރިކަން އުނގަންނައިދިނުމަށް އޮތް ގޮންޖެހުމެކެވެ. މިހާރުގެ ކުދިން ކުށުން ދަސްކުރުން އެއްގޮތަކަށް ވެސް ނުގެންގުޅެއޭ ބުނެވިދާނެ އެވެ. އެގޮތަށް ދިމާވުމުން ޓީޗަރުން ވަރަށް ފޫހިވާކަމަށް ވެއެވެ. އެގޮތަށް އެއްކުށްތަކެއް ތަކުރާރުކުރެވުމުން ޓީޗަރުން ރަނގަޅުކުރަން ބުނެދޭ ކަންތައްތަކަކީ ކުދިންނަށް މާ މުހިންމު ކަމެއް ހެން ހީނުވާކަމުގެ އިހްސާސް ޓީޗަރުންނަށް ކުރެވެ އެވެ. މިދިރާސާގެ ބައިވެރިއެއް ކަމަށްވާ ލިންކާ ހާމަކުރައްވާ ގޮތުގައި ކުށް ރަނގަޅުކޮށްދޭ ވަރަށްވުރެ ކުށް ތަކުރާރުކުރާ ގޮތް ގިނަ އެވެ. ލިޔުމުގެ ކުރީކޮޅު ކުށެއް ރަނގަޅުކުރަން ބުނެދީފައި ވާނަމަ އެކުށް ލިޔުމުގެ ފަހަތުގައި މާބޮޑަށް ވެސް އިތުރުވެފައި ވާކަން ފާހަގަ ވެއެވެ.

×      ލިޔުންތެރިކަން އުނގަންނައިދޭ ގަޑިތައް މަދުވުން:

ހަފުތާއެއް ތެރޭގައި ގިނަވެގެން ލިބެނީ 2 ކުލާސް ކަމަށް އޮކްސްފޯޑު ޔުނިވަރސިޓީގެ މި ދިރާސާގެ ބައިވެރިއެއް ކަމަށްވާ ސިލްވީނާ ހާމަކުރައްވަ އެވެ. ކުލާހެއްގައި މަދުވެގެން ތިރީހަކަށް ކުދިންތިބޭ އިރު އެންމެ 2 ގަޑި އޮވެގެން އެކުދިންނަށް ދޭންވާ އެހީތެރިކަމާއި އަޅާލުން އޭގެ އެންމެ ފުރިހަމަގޮތުގައި ނުދެވޭ ކަމަށް ގަބޫލުކުރެވެ އެވެ. އަދި ޚާއްޞަ އެހީތެރިކަން ދޭންޖެހޭ ކުދިންނަށް އެއްވެސް ވަރަކަށް އެހީ ނުދެވޭ ކަމަށް ވެސް ހާމަކުރައްވަ އެވެ. އެހީތެރިކަން ދޭންޖެހޭ މިންވަރަށް ނުދެވި ލިޔުއްވަން އުޅުމުން ފެންނާނެ މަންޒަރު މިދަނީ ފެންނަމުންކަމަށް ވެސް ސިލްވީނާ ވިދާލުވެފައި ވެއެވެ.

×     ޝައުޤުވެރިކަންނެތުން.

ލިޔުމަށް ޝައުޤުވެރިކަން ނެތުމަކީ ލިޔަން ދަސްކޮށްދިނުމުގައި ޓީޗަރުންނަށް ހުރި ގޮންޖެހުމެއް ކަމަށް ސައިމާ ޒެރިން (2007) ހާމަކުރައްވަ އެވެ. ދަރިވަރުން ޝައުޤުވެރިކުރުމަށް ޓީޗަރުން ޚާއްޞަ ސަމާލުކަމެއް ދޭންޖެހެ އެވެ. އަދި ދަރިވަރުންގެ ފެންވަރާ ގުޅޭގޮތަށް ދާންވާ މިސްރާބު ބުނެދީ ލިޔަން ފެށުމުގެ ކުރިން ވާންޖެހޭ ތައްޔާރީތައްވުމަށް ފުރުޞަތު ދިނުމާއެކު އެހީތެރިވާން ޖެހޭކަމަށް ޑީ. މެލީސާ (2005) ހާމަކުރައްވަ އެވެ. ދަރިވަރުންގެ ހިތުގައި ލިޔުންތެރިކަމަށް ޝައުޤުވެރިކަން އުފެދިގެން ނުދަނީ ލިޔުންތެރިކަމަކީ ކޮބައިކަމާއި ލިޔުންތެރިކަމުގެ ހުނަރުތައް ދަސްކޮށްދިނުމުގެ ބަދަލުގައި ލިޔުއްވަން މަސައްކަތްކުރެވޭތީ ކަމަށް ޕްރިޔާ މެތިއު (2018) ހާމަކުރައްވަ އެވެ. ލިޔުންތެރިކަމުގެ ހުނަރު ދަސްކޮށްދިނުމުގައި ޝައުޤުވެރިކަން އެއީ ވަރަށް މުހިންމު ދައުރެއް އަދާކުރާ ބައެއް ކަމަށާއި ޝައުޤުވެރިކަން ނުހުންނަ ކުދިބަޔަކަށް ލިޔުންތެރިކަން ކިޔަވާދިނުމަކީ ދަތި އުނދަގޫކަމެއްކަމަށް އަރީޖް އަލްޝޯރަފް (2012) ހާމަކުރައްވަ އެވެ.

×     ބަސްކޮށާރު ނިކަމެތިވުން:

ރަނގަޅު ފެންވަރެއްގެ ލިޔުމެއް ލިޔުމަށް ބަސްކޮށާރަކީ އެންމެ މުހިންމު އެއް އަސާސެވެ. ބަސްކޮށާރު ނިކަމެތިވުމަކީ ލިޔުންތައް ލިޔުއްވުމަށް ޓީޗަރުންނަށް ދިމާވާ ގޮންޖެހުމެކެވެ. ބަސްކޮށާރު ނިކަމެތިވުމުގެ ސަބަބުން ޖުމުލަތަކާއި ޕެރެގުރާފު ހުންނާނީ ހަނި ދާއިރާއެއްގެ ތެރޭގައި ހިފެހެއްޓިފަ އެވެ. ގިނަދަރިވަރުން ލިޔުންތެރިކަމަށް ދަށްވާ ސަބަބު ތަކުގެ ތެރޭގައި ބަސްކޮށާރުގެ ނިކަމެތުވުން ހިމެނޭކަމަށް އަމިރުލްމުކްމިނިން (2014) ހާމަކުރައްވަ އެވެ. އެހެންކަމުން ދަރިވަރުންގެ ބަސްކޮށާރު ރަނގަޅުކުރުމަށް އިސްކަންދީގެން ފިލާވަޅުތައް ރާވަންޖެހެ އެވެ. އަދި އާބަސްތައް ބޭނުންކުރާ އަޑު ދަރިވަރުންނަށް އިއްވަންޖެހެ އެވެ. ބަސްކޮށާރު ނިކަމެތިވުމަކީ ލިޔުންތެރިކަމުގެ ފެންވަރު ދަށްވުމަށް މެދުވެރިވާ ސަބަބެކެވެ. މަދަރުސާ ނިންމާ ދަރިވަރުންގެ ލިޔުންތެރިކަމުގެ ނިކަމެތިކަމުންނާއި ނޫސްތަކުގެ ޚަބަރުތައް ކިޔާލުމުންނާއި ޚަބަރުތަކާއި ގުޅިގެން ކިޔުންތެރީން އެމީހުންގެ ޚިޔާލުތައް ބަޔާންކޮށް ލިޔާ ކޮމަންޓްތަކުގެ ބަހުގެ ފެންވަރަށް ނަޒަރު ހިންގާލުމުން މިކަން ޔަޤީންވެގެންދާ ކަމަށް ޑރ ޙަސަން ޙަމީދު ހާމަކުރައްވަ އެވެ. މިކަމަށް ހައްލެއް ހޯދުމުގެ ގޮތުން ޑިކްޝަނަރީ ރަދީފު ފަދަ ތަކެއްޗަކީ ކުދިންނާއި ރައްޓެހި އެއްޗަކަށް ހަދަންޖެހެ އެވެ.

×      ބަހުގެ ޤަވާޢިދާއި ހަމަތައް ނޭނގުން:

ބަހުގެ ޤަވާޢިދާއި ހަމަ ރަނގަޅަށް ބޭނުންކުރަން އެނގުމަކީ ބަހުގެ ހުނަރު ތަރައްޤީކުރުމަށް އަސަރުކުރުވާ ބަހާއެކެވެ. ޚިޔާލުތައް ޕެރެގުރާފުތަކެއްގެ މައްޗަށް ރާވަން އެނގޭނީވެސް މިހުނަރު ހުރެގެންނެވެ. މިހުނަރަށް ދަރިވަރުން ދަށްވުމަކީ އުނގަންނައިދިނުމަށް ދިމާވާ ގޮންޖެހުމެކެވެ. ލިޔަންދެވޭ މައުޟޫޢެއް ރަނގަޅަށް ކިޔައިދިނުމަށްފަހު އެލިޔުން ލިޔުއްވުމަށް ޓީޗަރު ބޭނުންވާގޮތް ވެސް ބުނެދީ ދަސްކޮށްދޭށެވެ. ދަސްކުރަން އެންމެ ފަސޭހަގޮތެއް އިޚްތިޔާރުކުރުމުގެ ފުރުޞަތުދޭށެވެ. އަދި ބަހުގެ ޤަވާޢިދާއި ހަމަތައް ބޭނުންކުރަން ދަސްކޮށްދޭށެވެ. ބައެއްދަރިވަރުން ޒަމާންތައް ހިތުން ދަސްކުރެ އެވެ. އެގޮތަށް ހިތުން ދަސްކުރުވުމަށްވުރެ ބޮޑަށް އެ ބޭނުންކުރަންޖެހޭ ހާލަތު ބުނެދީ ރަނގަޅަށް ބޭނުންކުރަން ދަސްކޮށްދިނުމުން އޭގެ ފައިދާ މާބޮޑުވާނެކަމަށް ރަބެޔާ ނަސްރިން ޚާން (2007) ހާމަކުރައްވަ އެވެ. އާދަމް ޒާހިރު (2012) ހާމަކުރައްވާގޮތުގައި "އަޅުގަނޑު ޤަބޫލުކުރާގޮތުގައި ދިވެހިބަހުގައިވެސް މި ހަމައާއި އަމިއްލަވަންތަކަމެއް އެކުލެވިގެން އައިސްފައިވެ އެވެ. ބަހުގެ ވަންތަ ގޮތެއް މި ބަހުގައި ވެއެވެ. ކޮންމެ ބަހެއްގައިވެސް ހަމައަކާއި އުސޫލެއް އޮންނާނެ އެވެ. ދިވެހި ބަހުގެ މާހިރުންގެ ނަޒަރުގައި މިބައިތަށް ބަހުގެ ބަދަހިކަން އުފައްދަ އެވެ. އަދި ބަހަށް އުސޫލީ ހަމައެއް ގެނެސްދެ އެވެ". ޖުމްލަލިޔުމުގައި ބޭނުންހާ ތާކަށް ބޭނުންހާ ނަންއިތުރު ކަންއިތުރު ގުޅުވާ އަކުރު ހިމެނިގެން ނުދެއެވެ. އަދި ޖުމްލައިގައި ލަފުޒުތައް ބޭނުންކުރުމުން އެ ލަފުޒުތަކަށް އަންނަ ބަދަލުވާކަމެވެ. އަދި މާނަ އުފަންކުރުމަށް ލަފުޒުތައް ވަކިވަކިން އެތުރޭ ޤަވާޢިދެއް ވާކަމަށް ވެސް އާދަމް ޒާހިރު ހާމަކުރައްވަ އެވެ.

މިސާލަކަށް: ކައިފި ކަރީމު ބަތް  / ބަތް ކަރީމު ކައިފި / ކައިފި ބަތް ކަރީމު 

ބަތް ކަރީމު ކައިފި، މިއިބާރާތުން ކަންކުރާއަކީ ބަތެވެ. ކަމުގެ ސިފަ ލިބޭފަރާތަކީ ކަރީމެވެ. ކުރި ކަމަކީ ކައިފި އެވެ.  

ކޮންމެ ބަހެއްގައިވެސް ވާފަދައިން ދިވެހިބަހުގެ އާންމު ބައިތަކެއް ވެއެވެ. ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން (1984) ހާމަކުރާގޮތުގައި، ދިވެހިބަހުގެ މައިގަނޑު ބައިތަކުގެ ގޮތުގައި ބެލެވެނީ މައިގަނޑު 8 ބައެއް ކަމަށް އާދަމް ޒާހިރު ހާމަކުރައްވަ އެވެ. 



×     ފެންވަރުގެ ގޮތުން ތަފާތު ދަރިވަރުން އެއްކުލާހެއްގައި ތިބުން:

ކޮންމެ ދަރިވަރަކީ ވެސް ލިޔުންތެރިކަމުގެ ރޮނގުން ތަފާތު ފެންވަރެއްގެ ކުއްޖެކެވެ. ބައެއް ދަރިވަރުންނަކީ ވަރަށް ހުޝީޔާރުކަމާއެކު ހަވާލުކުރެވޭ މަސައްކަތް، ލިބިފައިވާ ހުނަރު ބޭނުންކޮށްގެން ހަލުވިކަމާއެކު ނިންމާލާ ރަނގަޅު ކާމިޔާބީއެއް ހޯދަމުންދާ ހުނަރުވެރި ކުދިންނެވެ. އޭގެ އަނެއް ކޮޅުވެސް ކުލާސްތެރެއިން ފެނިގެންދެ އެވެ. އެގޮތަށްދިމާވަނީ އެކުދިންނަށް ލިބިފައިވާ ބަހުގެ ފެންވަރު ދަށްވުމުން ކަމަށް ރަބެޔާ ނަސްރިން ޚާން (2007). ހާމަކުރައްވަ އެވެ. ދަރިވަރުންގެ ފެންވަރާއި ގުޅޭގޮތުން މަސައްކަތް ހަވާލުނުކުރެވެ އެވެ. ޓީޗަރުން އަބަދުވެސް މަސައްކަތް ހަވާލުކުރަނީ އެކުދިންގެ ގުރޭޑް ލެވެލަށް ބަލައިގެންނެވެ. ކުދިންގެ ފެންވަރަށް ބަލައިގެންނެއް ނޫނެވެ. އަދި އެ ހަވާލުކުރެވޭ މަސައްކަތް ނިންމުމަށް ބާރުއަޅަ އެވެ. އަބަދުވެސް ޓީޗަރުންގެ ޝަކުވާއަކަށް ވެފައިއޮންނަނީ ކުދިންގެ ފެންވަރުގެ ތަފާތު ވާހަކަ އެވެ. ނަމަވެސް އެފެންވަރު ނައްތާލަން ޓީޗަރުން މަސައްކަތްކުރަނީ ވަރަށް މަދުންނެވެ. ތަފާތު ފެންވަރުގެ ކުދިންނާ ގުޅޭގޮތުން ތަފާތު ފެންވަރުގެ ލިޔުންތައް ތައްޔާރުކުރެވި، ލިޔަން ދަސްކޮށްދެވޭނަމަ މިކަމަށް ނިމުމެއް އަންނާނެކަމަށް ހެމިލްޓަން (2006) ހާމަކުރައްވަ އެވެ.

×      ނަކަލު ކުރުވުމަށް ހުއްޓުމެއް އައުން:

ޑރ ޙަސަން ޙަމީދު ހާމަކުރައްވާގޮތުގައި ނަކަލުކުރުމަކީ، އަށާރަވަނަ ޤަރުނާއި ނަވާރަވަނަ ޤަރުނުގައި، އެމެރިކާގެ ކިޔަވާ ކުދިންނަށް ޢިބާރާތްކުރަން ދަސްކޮށްދިން ޢާންމު ގޮތެވެ. އެގޮތްވެފައިވަނީ، އަތުލިޔުމާއި، ބަހުގެ ގަވާއިދާއި ލިޔުމުގައި ބޭނުންކުރާ ޚާއްޞަ ނިޝާންތައް ދަސްކޮށްދޭން ފަސޭހަ އަދި ބޭނުންވާ ނަތީޖާ ހަލިކޮށް ނެރެވޭ ގޮތަކަށެވެ. ނަމަވެސް، ވިހިވަނަ ޤަރުނު ފެށުމާއެކު، ދަރިވަރުންނަށް ޢިބާރާތް ކުރަން މިގޮތުން ދަސްކޮށްދިނުމާ ދުރަށް މުދައްރިސުން ދާން ފަށައިފިއެވެ. ބައެއް މުދައްރިސުންނަށް ގަބޫލުކުރެވެން ފެށީ، ކޮޕީކުރުމަކީ ނުވަތަ ތަޤްލީދުކުރުމަކީ ޢިބާރާތްކުރަން ދަސްކޮށްދޭން އެންމެ ރަނގަޅު ގޮތް ނޫންކަމެވެ. މިގޮތް ކިޔަވާދިނުމުގައި ބަދަލުގައި، މުދައްރިސުން ހަދަން ފެށިގޮތަކީ، ރަނގަޅު ޢިބާރާތްތަކުގައި ހުންނަ އާއްމު ސިފަތައް ކިޔަވާދީފައި، ދަރިވަރުން އެފަދަ ސިފަތައް ހިމެނޭ ގޮތަށް ޢިބާރާތްކުރަން ދޫކޮށްލީއެވެ. މިގޮތަކީ، ތިއަރީގައި ނުވަތަ ޚިޔާލުގައި ރަނގަޅު ގޮތެއްކަމަށް ވެދާނެއެވެ. ނަމަވެސް، އަމަލީގޮތުން ލިޔުންތެރިކަމުގެ ފެންވަރު ރަނގަޅުވެ އެދެވޭ ނަތީޖާ ނެރެވޭހެނެއް ހިއެއް ނުވެއެވެ. ކުރިން ބަޔާން ކުރެވުނު ފަދައިން މަދަރުސާ ނިންމާ ދަރިވަރުންގެ ލިޔުންތެރިކަމުގެ ނިކަމެތިކަމުން މިކަން ދޭހަވެއެވެ. ކުރުނބާ ބޭނުންނަމަ، ކާށި ވަޅުލައިގެން ކޯދު އަރުވައިގެން، ރުއް ހައްދައިގެން ނޫނީ ކުރުނބައެއް ނުލިބޭނޭ ކަމެވެ. އެހެން ލިޔުންތެރިއެއްގެ ލިޔުން ކޮޕީކުރުމުގެ މަޤްޞަދަކީ، އެމީހެއްގެ ލިޔުމުގެ ފޭޑި ކޮޕީ ކުރުމެއް ނޫނެވެ. ލިޔުމުގެ އަމިއްލަ ސްޓައިލެއް އުފަން ކުރުމެވެ. ނަކަލުކުރުމުން މަންފާއެއް ނުކުރާނޭ ކަމަށް ހީނުކުރާށެވެ. މިއީ ވަރަށް އާދައިގެ ކަމެއްކަމަށް ވިއަސް، މިކަމުން ތިބާގެ ލިޔުންތެރިކަމަށް ވަރަށް ހެޔޮ އަސަރުތަކެއް ކުރާނެއެވެ.



ރިފަރެންސް:

ސީ ޓީ ލިންސް އެންޑް ޑީ ނުނަން (2005). ޕްރެކްޓިކަލް އިންގްލިޝް ލެންގުއޭޖް ޓީޗިންގް. ނިއު ޔޯކް. އެމްސީގްރޯ- ހިލް.

ޢަބްދުﷲ ޙަމީދު (2004). އަތުލިޔުން. ފަތްތޫރަ 26.

ޑރ. ޙަސަން ޙަމީދު. ފަށުވިކޮށް ޢިބާރާތްކުރަން ދަސްކުރާނެގޮތް. ޞަފްޙާ.377.

ޑީ. މެލީސާ (2005). އައިޑެންޓިފައި ޓެކްނީކްސް ފޯރ އެންކަރޭންޖިންގް ކޮމްޕެޝަނޭޓް ކޮމިއުނިކޭޝަން.

ޕްރިޔާ މެތިއު (2018). ތްރީ ވޭ ޓު ސަޕޯޓް އެޑިއުކޭޓަރސް ހޫ ހޭޓް ޓު ޓީޗް ރައިޓިންގް.

އަރީޖް އަލްޝޯރަފް (2012). ދަ އިފެކްޓް އޮފް މޯޓިވޭޝަން އޮން ރައިޓިން ސްކިލް އިން އިންގްލިޝް.

އަމިރުލްމުކްމިނިން، އެސް.ޕީޑީ. އެމް.އެސްސީ. އީޑީ. ޕީއެޗް.ޑީ. (2014). ދަ ޗެލެންޖްސް އިން ޓީޗިންގް ރައިޓިންގް ސްކިލްސް.

ހެމިލްޓަން (2006). އެސެސްމެންޓް. ހެމިލްޓަން ސްކޫލް ޑިސްޓްރިކްޓް.

ރަބެޔާ ނަސްރިން ޚާން (2007). އެކެޑަމިކް ރައިޓިންގް ޗެލެންޖްސް އެތް ޔުނިވަރސިޓީސް އިން ސައުދި އަރަބިއާ އެންޑް ސޮލޫޝަންސް.

އާދަމް ޒާހިރު (2012). ދިވެހިބަހުގެ ހަމަ ބޭނުންކުރުމުގައި ހޭލަމާ ހެއްޔެވެ؟. (މުދައްރިސް.ބްލޮގްސްޕޮޓް.ކޮމް).

އޮކްސްފޯޑު ޔުނިވަރސިޓީ ޕްރެސް (2015). ޓީޗާރސް ޓެލް އަސް ދަ ޓޮޕް ރައިޓިން ޗެލެންޖްސް ދެއި ފޭސް އިން ދަ ކްލާސްރޫމް. (އިންގްލިޝް ލްންގުއޭޖް ޓީޗިންގް ގްލޯބަލް ބްލޮގް).

No comments: