Featured Post

Ombey

Monday, June 3, 2019

gala'a roadha hifumuge kurin shavvaalumahuge 6 roadha hifidhaane heyyeve?

ގެއްލިފައިވާ ރޯދަ ހިފުމުގެ ކުރިން ޝައްވާލުމަހުގެ 6 ދުވަހުގެ ރޯދަ ހިފިދާނެ ހެއްޔެވެ؟ 

Image result for ‫صيام شوال للمرأة‬‎
ޝައްވާލް މަހުގެ ހަ ރޯދަ ހިފުމަކީ ގަދަވެގެންވާ ސުންނަތެކެވެ. އެ ރޯދަ ހިފުމަށް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އިރުޝާދުދެއްވާފައިވާ ވެއެވެ. އެރޯދަ ހިފުމަށް ހިތްވަރު ދެއްވައި ރަސޫލުصَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘުކުރެއްވިއެވެ. «مَنْ صَامَ رَمَضَانَ ثُمَّ أَتْبَعَهُ سِتاًّ مِنْ شَوَّال كَانَ كَصِيَامِ الدَّهْرِ» (رواه مسلم وغيره) މާނައީ: ރަމަޟާން މަހުގެ ރޯދައަށް ފަހު ޝައްވާލު މަހުން ހަ ރޯދަ ހިފައިފީ މީހާ މުޅި އަހަރުގެ ރޯދަ ހިފި ފަދަ އެވެ.

ރަމަޟާން މަހު ގެއްލުނު ރޯދަ ހިފުމުގެ ކުރިން ޝައްވާލު މަހުގެ ހަދުވަހުގެ ރޯދަ ހިފިދާނެތޯ އެއީ އަޅުގަނޑުމެން ކަނބަލުންގެ ހިތުގައި އުފެދޭ ސުވާލެކެވެ. މިއީ އިޚްތިލާފުއުފެދިފައިވާ މައްސަލައެކެވެ. މިސުވާލުގެ ޖަވާބަކަށް އުއްމުލް މުއުމިނީންނަ ޢާއިޝާ ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވާ މި ބަސްފުޅު ފުދެއެވެ. އެކަމަނާ ވިދާޅުވިއެވެ. " كان يكون علي الصوم من رمضان فما أستطيع أن أقضيه إلا في شعبان" [ البخاري ومسلم] މާނައީ: ތިމަންކަމަނާ ރަމަޟާން މަހުގެ ރޯދައިގެ ތެރެއިން ރޯދަތަކެއް ހިފަން ޖެހިފައި ވިއެވެ. (ޔަޢުނީ ރަމަޟާން މަހުގައި ގެއްލިފައި ބައެއް ރޯދަ ވާކަމުގައި ވިއެވެ.) އެހެން ނަމަވެސް އެރޯދަ ތިމަން ކަމަނާއަށް ޝަޢުބާން މަހުގައި މެނުވީ ޤަޟާނުކުރެއްވެއެވެ.

ސުވާލަކީ ޝައްވާލު މަހުގެ ހަ ރޯދަ ހިފައިގެން މުޅި އަހަރު ދުވަހު ރޯދަ ހިފުމުގެ ދަރުމައާއި ޡަވާބު ލިބެން އޮތް ފުރުޞަތު އެކަމަނާ ދުކޮށްލައްވާނެ ހެއްޔެވެ؟ އަދި ނަބިއްޔާގެ ޙަޔާތްޕުޅުގައި އެކަމަނާ އެގޮތަށް ކަންތައް ކުރެއްވުމުން އެކަންތައް މަނާ ނުކުރެއްވުމުން އެއީ ހުއްދަކަމެއްކަން އެނގިގެން ނުދަނީތޯއެވެ؟  އަދި ހަމަ އެހެންމެ، ޢާއިޝާ ރަޟިޔަﷲ ޢަންހާ އަހަރު ތެރޭގައި އަންނަ ސުންނަތް ރޯދަތައްވެސް ހިއްޕަވާކަމަށް ޞައްޙަ މަގުން ވާރިދުވެފައި ވެއެވެ. މިގޮތުން އެކަމަނާ ޢަރަފާތް ދުވަހުގެ ރޯދަ ހިއްޕެވިކަމަށްވެސް ސާބިތުވެފައި ވެއެވެ.

މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.  وَمَنْ كَانَ مَرِيْضاً أَو عَلَى سَفَرٍ فَعِدَّةٌ مِنْ أَيَّامٍ أُخَرَ.  [البقرة: 185]  މާނައީ: އަދި ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެ މަތީގައިވާ މީހާ، (އެ މައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެންދުވަސްތަކަކުން އެ عدد ހަމަކުރުން ހުއްޓެވެ.
މިއާޔަތުގައި ﷲ ވަނީ އެހެން ދުވަސްތަކަކުން އެރޯދަ ފުރިހަމަ ކުރުމަށް އަންގަވާފައެވެ. އެއްވެސް ޙާލެއްގައި ވަކި ދުވަސްތަކެއްގެ ކުރިން ނުވަތަ ރަމަޟާންމަހާ ވިދިގެން ހިފުމަށް އަމުރު ކުރެވިފައެއް ނުވެއެވެ. އަދި ޤަޟާކުރާ ރޯދަ ވިދިވިދިގެން ހިފުމަކަށްވެސް އަންގަވާފައެއް ނުވެއެވެ.

އިސްވެބަޔާންކުރެވުނު ދަލީލުތަކަށް ބަލާއިރު ގެއްލިފައިވާ ރޯދަ ހިފުމުގެ ކުރިން ޝައްވާލު މަހުގެ 6 ދުވަހުގެ ރޯދަ ހިފިދާނެއެވެ. އެހެންނަމަވެސް ވަގުތު ލިބި، ފަސޭހަކަމާއެކު ގެއްލުނު ރޯދަ ހިފުމަށް ކުޅަދާނަވެއްޖެ މީހާއަށް އެދެވިގެންވަނީ، ޤަޟާރޯދަ ހިފުމަށްފަހު 6 ދުވަހުގެ ރޯދަ ހިފުމެވެ. އެއީ ޚިލާފުން ސަލާމަތް ވުމަށެވެ. والله أعلم

މަޞްދަރު



No comments: