بـســم
الله الـرّ حــــمن الـرّ حـيـــم
ފެށުން:
ކޮންމެ ދާއިރާއަކުން
ނުވަތަ ކޮންމެ ބަހަކުން މަޢްލޫމާތު ހޯދަން ބޭނުންވި ކަމުގައި ވިޔަސް ކިޔުމަކީ
އެންމެ މުހިންމު އެއް އަސާސެވެ. ކިޔުމަކީ ބަހާކާއި ގުޅި ލާމެހިފައިވާ
ކަމެކެވެ. ބަހެއް ބޭނުންކުރުމަށް
ހޭލުންތެރިކަން ތަރައްޤީވެގެންދާނީ އެ ބަހަކުން ލިޔެފައިވާ ފޮތްތައް ކިޔަން
އެނގިގެންނެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެއޭ ބުނާ މޭރުމުން ބަސް
ބޭނުންކުރާނީ ވެސް އެދުމަކާއި ވެދުމެއް އޮވެގެންނެވެ. އެގޮތުން ބަސް ބޭނުންކުރާނީ
ކޮންމެވެސް މަޤްޞަދެއް ޙާޞިލުކުރުމަށާއި ދިމާވާ ހާލަތަކުންނެވެ. ބަހެއްގައި
މިއޮންނަނީ މައިގަނޑު ތިން ހުނަރެކެވެ. އެއީ
1-
އަޑުއެހުމާއި ވާހަކަ ދެއްކުން.
2-
ކިޔުމާއި ބެލުން.
3-
ލިޔުންތެރިކަން.
މީގެ ތެރެއިން ވެސް އެންމެ ގިނަކުދިން ބަހަށް
ދަށްވެގެންދާ އަދި ބަހާއި މެދު ދެކެ ގޮތް އެންމެ ބޮޑަށް ބަދަލުކުރުވާ އެއްކަމަކީ
ކިޔުމާއި ބެލުމެވެ. އެއްޗެއް ކިޔައިގެން ދޭހަކުރުމާއި އެއްޗެއް ބަލައިގެން ދޭހަވެ
އޭގައި އެބުނާ އެއްޗެއް އެނގިއްޖެނަމަ އެވާހަކަ އެހެން މީހެއްގެ ގާތުގައި ބުނުމަށް
ނުވަތަ ލިޔުމަށް ވެސް ފަސޭހަވާނެއެވެ. އަޑުއަހާ އެއްޗެއް ފަހުމު ނުވަންޏާ
އެއެއްޗެއް އަޑުއަހަން ސަމާލުކަން ދީގެން ނުހުރެވޭނެއެވެ. މި އެސައިންމެންޓަކީ
ކިޔުން އުނގަންނައިދޭ ގަޑިތަކެއް އޮބްޒާވްކުރުމަށްފަހު ކިޔުން އުނގަންނައި
ދިނުމަށްޓަކައި ޓީޗަރު ބޭނުންކޮށްފައިވާ އުކުޅުތަކާއި ފެނުނު ރަނގަޅު ކަންތަކާއި
ރަނގަޅު ކުރަން ޖެހޭ ކަންތައްތަކަށް ޢިލްމީ ދިރާސާގެ އަލީގައި ބަހުސް ކުރުމަށް
ލިޔާ ރިޕޯޓެކެވެ.
ލިޓްރެޗަރ ރިވިއު:
ބައެއްކުދިންނަށް ކިޔުމަކީ އެހާފަސޭހަ ކަމަކަށްވާއިރު އަނެއްބައި ކުދިންނަށް
އެއީ ފަރުބަދައެއް ކެނޑުންފަދަ އުނދަގޫކަމަކަށް މިވަނީ ވެފައެވެ. ސުވާލަކީ
އެގޮތަށް ދިމާވަނީ ކީއްވެގެން ހެއްޔެވެ؟ ފޯނިކްސްއާއި ފަރިތަކޮށް ކިޔުމަކީ
ހަމަޔަޤީނުންވެސް ކިޔުމުގެ ބިންގާކަމީ ބަހުގެ މާހިރުން އިއްތިފާގުވާ ކަމެކެވެ. ފޮނޮލޮޖިކަލް އެވެއަރނެސް އާއި ޑީކޯޑުކުރަން ނޭނގުމަކީ ކިޔުމަށް
ނުކުޅެދޭ ކުދިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށް ބޯލް އަދި
ބްލަކްމަން (1991) ހާމަކުރައްވައެވެ.
ކިޔަންދަސްކުރުމުގެ މައިގަނޑު ބޭނުމަކީ ލިޔެފައިއޮތް ލިޔުމެއް ފަހުމުވުމާއި،
ކިޔާ ލިޔުމުން ކަމެއް ދަސްވުމެވެ. ބަސްތައް ކިޔަން އެނގުނަސް ކިޔުމެއް ކިޔައިގެން
ދޭހާ ނުވަންޏާ ކިޔުމަށް އެހާ ރަނގަޅު ފައިދާތަކެއް ނުކުރެއެވެ. ކިޔުމުގެ ދޭހައަކީ
ސިނކުޑީގައި ހިނގާ ތަފާތު މަސައްކަތްތަކެއްގެ ނަތީޖާއެވެ. މީގެތެރޭގައި ބަސް
ކިޔުމާއި ބަހުގެ މާނަ އެނގި ދިރިއުޅުމުގައި ނުވަތަ ދުނިޔޭގެ ކަންހިނގާގޮތުގެ
މަޢްލޫމާތުއެނގި ފަރިތަކަމާއެކު ކިޔަން އެނގުން މިމަސައްކަތުގެ ތެރޭގައި ހިމެނޭ
ކަމަށް ބޯލް އަދި ބްލަކްމަން (1991) ހާމަކުރައްވައެވެ.
ދިރާސާތަކުން ދައްކާގޮތުގައި ކިޔުމުގެ ދޭހައިގެ ފިލާވަޅުތައް ގެންދެވެނީ
ވަރަށް ފޫހި ގޮތަކަށެވެ. ޢާއްމުގޮތެއްގައި ކިޔުމުގެ ދޭހަ ގެންދެވެނީ ތިން
ބަޔަކަށެވެ. އެއީ ދަރިވަރުން ކިޔާއިރު ބޭނުންކުރުމަށް ޓީޗަރު އެދޭ ހުނަރެއްގެ
ވާހަކަ ބުނެލުމާއި، އެހުނަރު ފަރިތަކޮށްލުމަށް ދެވޭ މަސައްކަތުކަރުދާހަކާއި،
މިހުނަރު ދަރިވަރުން ބޭނުންކުރިތޯ ބެލުމަށް ދެވޭ ޓެސްޓެއްކަމަށް ޑަރކިން (1979)
ހާމަކުރައްވައެވެ. ކިޔުމުގެ ދޭހައިގެ 4000 މިނިޓުގެ ގަޑިތައް އޮބްޒާވު
ކުރެވުނުއިރު، ކިޔުން ދޭހަކުރުމަށް ދަސްކޮށްދިނުމަށް ޚާއްޞަކުރެވިފައިވަނީ އެންމެ
20 މިނިޓް ކަމަށް ވެސް ޑަރކިން ހާމަކުރައްވައެވެ.
ކުރީގައި އެނގިފައި ނުވަތަ ތަޖުރިބާކުރެވިފައިވާ މަޢްލޫމާތެއް ކިޔާނަމަ
ކިޔުމަށް އަސަރުކުރެއެވެ. އޭގެ މާނައަކީ ކިޔާކިޔުމެއް ފަސޭހަކާއެކު ފަހުމުވުމާއި
އެމަޢްލޫމާތު ހަނދާނުގައި ހަރުލުމަށް މަގުފަހިވެގެންދާ ކަމެކެއްކަމަށް އެންޑަރސަން
އަދި ޕިއަރސަން (1984) ހާމަކުރައްވައެވެ. ބަސް ކިޔަންއެނގުމާއި ބަހުގެ މާނަ
އެނގުމާއި ދުނިޔޭގައި ހިނގާ ކަންކަމުގެ ތެރެއަށް ލޯ ހުޅުވުމަކީ ކިޔާ ލިޔުމެއް
ދޭހަވުމަށް ބޭނުންތެރި އަސާސްތަކެކެވެ.
މޮޅަށްކިޔާ ކުދިން ތަފާތު އުކުޅުތަކާއި ހުނަރުތައް ކިޔުމުގެ ކުރީގައި، ކިޔުމުގެ
ތެރޭގައި، އަދި ކިޔައި ނިމުމަށްފަހު ވެސް ބޭނުންކުރެއެވެ. މިއީ ކިޔަން
ދައްކުދިންނާއި ކިޔަން މޮޅުކުދިންގެ ކިބައިން ފެންނަ އެންމެ ބޮޑު ތަފާތުކަމަށް
ޑޯލް އެޓް.އެލް (1991) ހާމަކުރައްވައެވެ. މޮޅަށްކިޔާ ކުދިން ގެންގުޅޭ
ހުނަރުތަކަކީ:
1- އަވަހަށް ރަނގަޅަށް ބަސް ކިޔަން އެނގުން.
2- ކިޔަން ފެށުމުގެ ކުރިން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑި
ކަނޑައެޅުން.
3- ލިޔުމުގެ ބާވަތާއި ލިޔުމުގެ އޮނިގަނޑު ފާހަގަކުރުން.
4- ކިޔަމުންދާވަގުތު ކިޔުންދޭހަވާ މިންވަރުބަލައި
ޓެސްޓްކުރުން.
5- މުހިންމު ނުކުތާތައް ފާހަގަކޮށް ސިނކުޑީގައި
ހަރުލެއްވުމަށް ޚުލާޞާކުރުން.
6- ދެންވާނޭގޮތް ކުރިއަށް ލަފާކުރަމުން ދިއުން.
7- މައުޟޫޢާއި ބެހޭގޮތުން ކުރިން އެނގިފައި ހުރި މަޢްލޫމާތު
އޭގެ އެންމެ ފުރިހަމަގޮތުގައި ހިފަމުންދިއުން.
8- ކިޔަމުންދާ ލިޔުން ސިކުނޑީގައި ސިފަކުރަމުން ދިއުން.
ކިޔުމަށްދެރަ ކުދިން މިކަހަލަ އުކުޅުތަކެއް ނުގެންގުޅެއެވެ. އެކުދިންގެ
ވިސްނުން ބަރޮސާވެފައިވަނީ ޑީކޯޑުކުރުމަށް އެކަންޏެވެ. ކިޔުން ދޭހަކުރުމަށް
ސިނކުޑިއަކަށް ފުރުޞަތެއްނުދެއެވެ. އެހެންވުމުގެ ސަބަބުން ކިޔަމުންދާ ލިޔުން
އެކުދިންނަށް ދޭހައެއްނުވެއެވެ. އަދި ލިޔުން ކިޔާނިމޭއިރު ކިޔުނު އެއްވެސް
އެއްޗެއް ހަނދާނެއް ނުހުރެއެވެ. އެހެންވުމުގެ ސަބަބުން ކިޔުމަށް ފޫހިވެ، ތިމާއަށް
ނުކުރެވޭނެ ކަމެއްކަމަށް ނިންމައި ކިޔުމާއި ދުރަށް މިކުދިން ދާކަމަށް ޖިމޭނެޒް
(1996) ހާމަކުރައްވައެވެ.
ކިޔުމަށް ފޫހި ކުދިންނަށް ދިމާވެފައިވާ އަސްލު މައްސަލަ ހޯދއި އެކަަމަށް
ހައްލެއް ހޯދާދިނުމަކީ ޓީޗަރުންގެ ޛިންމާއެކެވެ. އެންމެފުރަތަމަ ކަމެއްގެ ގޮތުން
ކިޔުމަށާއި ލިޔުމަށް ކޮންމެހެން ބޭނުންވާނޭ ބަސްތައް ފާހަގަކޮށް މިބަސްތައް
ޑީކޯޑުކުރަން ދަސްކޮށްދިނުމެވެ. އަދި މިބަސްތައް ކުދިންނާއި ކުރެވޭ މަޝްވަރާތަކުގައި
ބޭނުނކުރެވޭ ބަސްތަކަށް ހެދުމެވެ. މިއީ ކިޔުމަށް ފޫހިވެފައިވާ ކުދިންނަށް
ދަސްކޮށްދިނުން އެއީ ފަސޭހަކަމަކަށް ނުވާނެކަމަށް މެއިސިންގަރ (2010)
ހާމަކުރައްވައެވެ.
ކިޔުން ތަރައްޤީކުރުމަށް މައިގަނޑު 4 އުޚުޅެއް ގެންގުޅެންޖެހޭކަމަށް ކާލް
އެމްސީ ޑޮނާލްޑް (2012) ހާމުރައްވައެވެ. އެއުކުޅުތަކަކީ:
1- ސްކިމްކުރުން.
2- ސްކޭންކުރުން.
3- އިންޓެންސިވް.
4- އެކްސްޓެންސިވް
ސްކިމިންގ ނުވަތަ ގިސްޓް ރީޑިންގއަކީ ލިޔުމެއް މަތިމަތިން ކިޔާލުމެވެ.
ސްކިމްކޮށް ކިޔާލުމުން ލިޔުމުގެ ވައްޓަފާޅިއާއި ލިޔުން ބިނާވެގެންވަނީ
ކޮންކަމެއްގެ މައްޗަށްކަން އެނގިގެންދެއެވެ. ނޫސް މަޖައްލާ ކިޔުމުގައި ގިނަމީހުން
ގެންގުޅޭނީ މިއުކުޅެވެ. މިސާލަކަށް މަޖައްލާއެއްގެ ޞަފްޙާތައް މަތިމަތިން
ބަލާލުމަށްފަހު ސިނކުޑީގައި އޭގެ ޚުލާޞާއެއް ރައްކާކުރުމަށްފަހު ފަހުން
އެލިޔުންތަކުން ކިޔަން ބޭނުންވާ ލިޔުންތައް ބެލުމެވެ. ނޫންނަމަ ފޯނު
ޑައިރެކްޓްރީއަކުން ބޭނުންވާ ގެއެއްގެ ނަން ހޯދުން ފަދަ ކަންތައް ކުރުމެވެ.
ރަނގަޅަށް ސްކިމްކުރަން ދަސްވެފަވާނަމަ މިނިޓެއްގެ ތެރޭގައި 700 ވަރަކަށް ލަފުޒުގެ
އަދަދަށް ކިޔާކަމަށް ކާލް އެމްސީ ޑޮނާލްޑް (2012) ހާމަކުރައްވައެވެ.
ކާލް އެމްސީ ޑޮނާލްޑް (2012) ހާމަކުރައްވާގޮތުގައި ސްކޭންކުރުމަކީ
ޖުމްލަތަކަށް ނަޒަރުހިންގައި އެބޭނުންވާ މަޢްލޫމާތެއް ހޯދުމެވެ. ފަންނީމާހިރުން
ދެކިލައްވާގޮތުގައި ކޮމްޕިއުޓަރ ބޭނުންކޮސްގެން ކިޔުމުން މި ހުނަރު
ހީނަރުވެގެންދެއެވެ. އެހެންކަމުން ކިޔަންދަސްކޮށްދިނުމުގައި ޕްރިންޓެޑް ކޮޕީ
ބޭނުންކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދިރާސާވެރިން ޤަބޫލުކުއެވެ.
ރަނގަޅަށް ސްކޭންކޮށްގެން ނަގާ މަޢްލުމާތުން ކުރާ އަސަރު ބޮޑުވެފައި ގިނަދުވަހަށް
ސިނކުޑީގައި ހަރުލާފަ ހުންނާނެކަމަށް ވެސް ކާލް އެމްސީ ހާމަކުރައްވާފައިވެއެވެ.
ސްކޭންކުރުމަށް މިސާލުޖައްސަވަމުން ކާލް ގެނެސްފައިވާ މިސާލަކީ އާސާރީ އެއްޗެހި
ބެހެއްޓިފައިވާ ބޮޑު ސަރަހައްދެއްގައެވެ. އެތާނގައި އެއްޗެހި ބެހެއްޓފައިވާގޮތް
ބުނެދީފައިވާ ލުއިފޮތެއް އޮތެވެ. އެންމެފުރަތަމަ ވެސް ބަލާނީ ފުރަތަމަ ދާންވާ
މިސްރާބު ހުރި ދިމާލަކަށެވެ. ސްކޭންކުރުމުގައި ގިނަކުދިން ލިޔުންތަކުގައިވާ
ކުރެހުންތަކާއި ޑައިގްރަމް ޗާޓުފަދަތަކެތި ދޫކޮށްލައެވެ. އެހެންނަމަވެސް
ކުރެހުމާއި ޗާތްފަދަތަކެއްޗަކީ ލިޔުމުގެ ވަރަށް ބޮޑުބައެކެވެ. ކުުރެހުންތަކަށްދޭ
އަހަމިއްޔަތު ލިޔުމުގެ ތަޢަރަފަށާއި ނިންމުމަށްވެސް ދޭންޖެހޭނެކަމަށް ކާލް
ހާމަކުރައްވައެވެ.
ސްކިމްކުރުމާއި ސްކޭންކުރުމާއިޚިލާފަށް އިންޓެންސިވްކޮށް ލިޔުމެއްކިޔަން
ކިޔާމީހާގެ ސިނކުޑި ތައްޔާރުކުރަން ޖެހެއެވެ. އަދި ކިޔުމުގެ ބޭނުމެއްކަނޑައަޅަން
ވެސް ޖެހެއެވެ. އިންޓެންސިވްކޮށް ކިޔުމެއްކިޔަން ގިނަވަގުތު ނަގާނެއެވެ.
އިންެންސިވްކޮށް ކިޔުމަކީ މުޅިލިޔުމުގައި ބުނާއެއްޗެއް ރަނގަޅަށް ވިސްނޭވަރަށް
ކިޔުމެވެ. މިސާލަކަށް ބަސްއުނގެނުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން ދިގު
ރިޕޯޓެއް ލިޔަން ކިޔާނަމަ ވަރަށް
ރަނގަޅަށް މަޢްލޫމާތު ލިބޭވަރަށް ލިޔުމުގެ ތެރެއަށް ފީނާއިގެން ކިޔަންވާނެއެވެ.
މިއުކުޅު ބޭނުންކޮށްގެން ކިޔުމުން ކުދިންގެ ބަހުގެ ފެންވަރުމަތިވުމަށާއި
ބަސްކޮށާރު މުއްސަނދިވުމަށް އެހީތެރިވެދެއެވެ. އަދި ލިޔުން ދޭހަވުމަށް މަގުފަހިވެ
މާނަ ނޭނގޭ ލަފުޒުތައް އެހެން ލަފުޒުތަކާއި ގުޅުވައިގެން މާނަދެނެގެނެވޭނެއެވެ.
މިގޮތަށް ކުޔުމުން ލިބޭ މަޢްލޫމާތު ދިގުމައްދަތަކަށް ސިނކުޑީގައި ހަރުލާފައި
ހުންނާނެކަމަށް ސުޒަން ބާރބާރ (2016) ހާމަކުރައްވައެވެ. އެހެންކަމުން ޓެސްޓަށް
ތައްޔާރުވުމުގައި ފޮތްކިޔާއިރު ކިޔަން އެންމެ ރަނގަޅީ އިންޓެންސިވްކޮށް
ކިޔުންކަމަށާއި ޓެސްޓުގެ ވަގުތު ކުޑަތަންވުމުން ފޮތްކިޔުމުން ކިޔުމުގެ އެއްވެސް
ހުނަރަކާއި އެއްގޮތަށް ނުކިޔޭކަމާއި އެގޮތަށް ކިޔުމުން ކިޔުމުގެ މާބޮޑު މަންފާއެއް
ކުދިންނަށް ނުލިބޭކަމަށް ކާލް އެމްސީ (2012) ހާމަކުރައްވައެވެ. އަދި އެކިޔާ
ލިޔުމަކުން ލިބޭ މަޢްލޫމާތު ވަރަށް އަވަހަށް ހަނދާންނެތެއެވެ.
އަމިއްލަ ހިތްހަމަޖެހުމާއި މުނިފޫހިފިލުވުމަށް ލިޔުމެއް ކިޔާކިޔުމަކީ
އެކްސްޓެންސިވްކޮށް ކިޔާކިޔުމެވެ. ކިޔަވާކުދިންގެ ތެރެއިން މަދުކުއްޖެއްފިޔަވާ
އެކްސްތެންސިވްކޮށް ފިލާވަޅުތައް ނުކިޔާނެއެވެ. ފިލާވަޅު ކިޔުން އެއީ ކުދިން
އެހާކުރާހިތްވާ ކަމެއްނޫނެވެ. ލިޔުންތައް ކިޔައި މާނަ ދެނެގަންނަން ލަފްޒެއް
ނުވަތަ ޖުމްލަ ކިޔުމަށް މަޑުކޮށް ނުވަތް ޑިކްޝަނަރީއެއް ބޭނުންކޮށްގެން މާނަ
ހޯދަން އުޅެންޏާ ސަމާލުކަންގެއްލި ވިސްނުން އެހެން ދިމާލަކަށް ގޮސްދާނެއެވެ.
އެކްޓެންސިވްކޮށް ކިޔުމަށް ރަނގަޅަށް ޑީކޯޑުކުރަން އެނގެންޖެހެއެވެ. އަދި ވަރަށް
ރަނގަޅަށް ކިޔުންތައް ދޭހަވާން ވެސް ޖެހޭނެކަމަށް ސުޒަން ބާރބާރ (2016)
ހާމަކުރައްވައެވެ.
އޮބްޒަވޭޝަން:
މި އެސައިންމެންޓް ހެދުމަށް ކިޔުމުގެ ދޭހައިގެ ތިންގަޑި އަޅުގަނޑު ވަނީ
އޮބްޒާވްކޮށްފައެވެ. އެގޮތުން އަޅުގަނޑު އެންމެ ފުރަތަމަ އޮބްޒާވްކުރީ ދިވެހިބަސް
ކިޔަވައިދިނުމުގެ މަސައްކަތުގައި މެދުކެނޑުމެއްނެތި ފަންސަވީސް އަހަރު ދުވަހު
މަސައްކަތްކޮށްފައިވާ، އަދި މިހާރު ވެސް ޕްރައިމަރީ ސްކޫލެއްގެ ދިވެހި
ޚޯޑިނޭޓަރެއްގެ މަޤާމުގައި ހުންނަވައިގެން ކީސްޓޭޖެ ތިނެއްގެ ކުލާހެއްގެ ދިވެހި
މުދައްރިސުކަން ކުރައްވަމުން ގެންދަވާ ޓީޗަރެއްގެ ގަޑިއެކެވެ.
ޓީޗަރު ކުލާހަށްވަދެ އާދައިގެ މަތިން ސަލާމްގޮވާލުމަށްފަހު ކުދިންގެ
ޙާލުއޮޅުފިލުވިއެވެ. އެއަށްފަހު މުޅި ކުލާހަށް ފެންނަވަރަށް ބޮޑުކޮށް ލިޔެފައިވާ
ޖުމްލައެއް (ނިޔަކީ ބުތީރުތަ
ޔެއްގޮނުލޮ) ދައްކާލުމަށްފަހު ވަރަށް
ރަނގަޅަށް އެޖުމްލަ ބަލާލުމަށް އިރުޝާދުދެއްވިއެވެ. އޭގެފަހުން ތިންކުއްޖަކު
ލައްވައި އެޖުމްލަ ކިޔުއްވިއެވެ. އެއަށްފަހު އެޖުމްލަ އިނގިރޭސި (ލޮނުގޮއްޔެ ތަރުތީބު ކިޔަނީ) ކިޔާކޮޅުންކިޔުމަށް އިރުޝާދުދިނުމަށްފަހު
އެހެން ތިންކުއްޖަކު ލައްވައި ކިޔުއްވިއެވެ. ދެން ކުލާހުގައި ކުރިޔަށް ގެންދެވުނީ
އެކިޔާލެވުނު ޖުމްލައިގެ މާނައާއި ބެހޭގޮތުން ކުދިންގެ ޚިޔާލު ހޯދުމަށް ކުރެވުނު
މަޝްވަރާތަކެކެވެ. ކުދިންގެ ފަރާތުން ތަފާތު ޖަވާބުތަކެއް ދިޔައީ ލިބެމުންނެވެ.
ޓީޗަރު އެއްވެސްކުއްޖެއްގެ ޖަވާބު ރަނގަޅެއްނޫނޭ ނުބުނެއެވެ. ކުދިންގެ ޖަވާބުތައް
އަޑުއެހުމަށްފަހު ޓީޗަރު ފޮތްހުޅުވައިގެން ކޮށިކޮށިކޮށް އަޅައިގަންނަމުން
ޕެރެގުރާފެއްވަރު ކިޔާލިއެވެ. އެއަށްފަހު އެބަހުގެ މާނަ ކުލާހާއި
ޙިއްސާކުރެއްވިއެވެ. އޭގެފަހުން ކޮންމެ ކުއްޖަކަށް ލިޔެފައިވާ ލިޔުމެއްގެ ކޮޕީއެއް
ދެއްވިއެވެ. މި ލިޔުމުގައި ވަނީ ދިގު ދިގު ބަންޖެކެވެ. ބަނދި ކިޔާރާގު އެނގެނީ
ކޮންކުއްޖަކަށްތޯ ސުވާލުކުރުމުން އެއްވެސް ކުއްޖަކު އެނގޭކަމަކަށް ނުވިއެވެ.
އެހިސާބުން ޓީޗަރުގެ ފަހަތުން ކިޔުމަށް އިރުޝާދު ދިނުމަށްފަހު ވަރަށް ބާރަށް ބަނދި ކިޔަން ފެށިއެވެ.
މިބަންޖަކީ އެޅެދިދީގެ ޢަލި ދީދީ އާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ
ބައޮގުރަފީއެކެވެ. ބަނދިކިޔައި ނިމުމުން ލިޔުމެއްގެ ޕްރިންޓް ކޮޕީއެއް ކޮންމެ
ދަރިވަރަކަށް ދެވުނެވެ. އެއަށްފަހު ތިން ގުރޫޕަކަށް ކުދިން ބަހާލުމަށްފަހު މިދެ
ލިޔުން މަތިމަތިން ކިޔާލުމަށްފަހު ދެ ލިޔުމުން ލިބެންހުރި އެއްގޮތް މަޢްލޫމާތާއި
ތަފާތު މަޢްލޫމާތު ކުޑަފޮތުގައި ދެކޮލަމް ހެދުމަށްފަހު ލިޔަން ބުންޏެވެ. އަދި
މިމަސައްކަތަށް ދިނީ ފަސް މިނިޓެވެ. ދެވަނައަށް ދިން ލިޔުމަކީ އެޅެދީދީގެ ޢަލި
ދީދީ އާއި ބެހޭގޮތުން ލިޔެފައިވާ ބައޮގްރަފީއެކެވެ. މިއިން ކޮންމެ ލިޔުމެއްގެ
ދިގުމިނުގައި އޭފޯ ޞަފްޙާގެ ދެ ގަނޑު ހުއްޓެވެ. އެއްވެސް ފޫހިކަމެއްނެތި ކުދިން
ދިޔައީ އެކުދިންނާއި ހަވާލުކުރެވުނު މަސައްކަތްކުރަމުންނެވެ. އަތްނުލައި
އަތްދޮކިޔާ އުޞޫލުން މިލުޔުންތައް ކިޔާށޭ ކުދިން ގާތު ނުބުނެ ދެ ލިޔުން ވެސް
ޓީޗަރުވަނީ ކުދިން ލައްވައި ކިޔުއްވާފައެވެ. ކުދިންނަށް ދެވުނު ވަގުތު ހަމަވުމުން
ކުދިންގެ މަސައްކަތް ކުލާހަށް ހުށަހަޅަން ފުރުޞަތުދެއްވިއެވެ. ކުދިންގެ
ހުށަހެޅުންތައް ނިމުމުން މިއީ ކޮންކަހަލަ ލިޔުމެއްތޯ ސުވާލުކުރެއްވިއެވެ. އެންމެ
ކުއްޖަކު ފިޔަވާ ބާކީ ހުރިހާކުދިން ބުނެފައިވަނީ އެއީ ބައޮގުރަފީއެއް ކަމަށެވެ.
ޚިޔާލުތަފާތުވި ކުއްޖާގެ ޖަވާބަކަށްވީ މަޢްލޫމާތު ރިޕޯޓެކެވެ. އެހިސާބުންވެސް
ޓީޗަރު އެކުއްޖާ މާޔޫސް ކުރުމުގެ ބަދަލުގައި ކުއްޖާގެ ގާތަށް ގޮސް އެގޮތަށް
ނިންމެވި ސަބަބު އޮޅުންފިލުވައި އެކުއްޖާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް
މަޑުމައިތިރިކަމާއެކު ލޯބިން ޖަވާބު ދެއްވިއެވެ. އެއަށްފަހު ޓީޗަރު ދެކުދިން
ދެކުދިންގެ ގުރޫޕުތަކަށް ކުދިން ބަހާލުމަށްފަހު ބޯޑުގައި ސުވާލުތަކެއް
ލިޔުމަށްފަހު ލޔުމުން އެސުވާލުތަކުގެ ޖަވާބުހޯދުމަށްފަހު ފޮތުގައި ޖަވާބުތައް
ލިޔުމަށް އިރުޝާދުދެއްވިއެވެ. މިމަސަތްކަތަށް ދެވުނީ ދިހަ މިނިޓެވެ. ކުދިންނާއި
މަސައްކަތް ހަވާލުކުރުމަށްފަހު ޓީޗަރު ގުރޫޕެއްގެ ކައިރިއަށް ދިޔައެވެ. އަދި
ވަކިން ލިޔެފައި ހުރި ބަސްތަކެއް ދިނުމަށްފަހު އެބަސްތައް ހޯދުމަށް އެކުދިންގެ
ގާތު ބުނުމަށްފަހު އެހީތެރިވަމުން ދިޔައެވެ. އެތަނުން ބަހެއް އެދެކުދިންނަސް
ފެނުމުން އެބަސް އޮތީ ކޮންސުވާލެއްގައިތޯ ބެލުމަށް އެކުދިންނަށް އިރުޝާދުދެމުން
ދިޔައެވެ. އެގޮތަށް އެހީވަމުން ގޮސް
ކުދިންނަށް ދެވުނު ވަގުތު ނިމުނުއިރު ހުރިހާ ސުވާލެއްގެ ހެން ޖަވާބު ކުދިންނަށް
ވަނީ ހޯދިފައެވެ. ގަޑިނިމުމަށްފަހު ފިޑްބެކް ދިނުމަށް ޓީޗަރާއި އަޅުގަނޑައި
ދެމީހުން ބައްދަލުވި ވަގުތު، ޓީޗަރު ވަކި ގުރޫޕެއްގެ ކައިރިއަށްގޮސް އެގޮތަށް
އެހީވުމުން އެކަމާ ސުވާލުކޮށް އޮޅުން ފިލުވީމެވެ. އެކުދިންނަކީ ކިޔުމަށް
ކޮށިކުދިންކަމުން އެކުދިންނަށް އެގޮތަށް އެހީ ނުވަންޏާ މަސައްކަތް ނުނިމިއްޖެނަމަ
އެކުދިންގެ ނަފްސަށްކުރާ އިތުބާރު ފެނަށްވެގެން ހިނގައިދާނެކަމަށް ޓީޗަރު
ވިދާޅުވިއެވެ. މިގަޑީގައި ޓީޗަރު ކުދިން ތައްޔާރުކުރަން ފަށާފައިވަނީ
ބައޮގުރަފީއެއް ލިޔުމަށެވެ.
ދެވަނަ ގަޑިއެއްގޮތުން އަޅުގަނޑު އޮބްޒާވްކޮށްފައިވަނީ ކީސްޓޭޖް ދޭއްގެ
ގަޑިއެކެވެ. ޓީޗަރު ގަޑިފެށުމުގެ ގޮތުން ކުދިންނަށް ޕީޕީޓީއެއް ދެއްކިއެވެ. މިތައްޔާރުކުރެވިފައިވަނީ
ރަށެއްގެ މަލަމަތި ސިފަކޮށްދޭ ފޮޓޯތަކެއް ހިމަނައިގެންނެވެ. ފޮޓޯތައް ދައްކަމުން
ފެންނަ މަންޒަރުތަކާމެދު ސުވާލުކޮށް ކުދިންނަށް އެކަހަލަ މަންޒަރެއް ފެނިފައިވޭތޯ
ސުވާލުކުރިއެވެ. އެއަށްފަހު ސްލައިޑުން ދައްކާލީ ތިން ޕެރެގުރާފެވެ. މިތިން ޕެރެގުރާފަކީ
ތިންކުއްޖަކު ލިޔެފައިވާ ތިން ޕެރެގުރާފެވެ. އަދި އެކިޔާދޭނެ ކިޔާހިތްވާ ކުއްޖަކު
ހުރިތޯ ސުވާލުކުރުމަށްފަހު އެކިކުދިންނަށް ފުރުޞަތުދެމުން ދިޔައެވެ. އަދި އެތަނުން
އެކުއްޖަކަށް އެންމެ ގަޔާވާ ޕެރެގުރާފެއް އިޚްތިޔާރުކުރުމަށް އިރުޝާދުދެއްވިއެވެ.
އެކުއްޖަކަށް އެންމެ ގަޔާވާ ޕެރެގުރާފު ނެގުމުން އެ ގަޔާވީ ކީއްވެގެންތޯ
ސުވާލުކޮށް އޮޅުންފިލުވާ ހެދިއެވެ. އަދި ބާކީ ދެ ޕެރެގުރާފު ގަޔާ ނުވީ
ކީއްވެގެންކަން ވެސް ބުނެދޭނެ ޖެހެއެވެ. މިހަރަކާތް ނިމުނުއިރު ކޮންމެ
ކުއްޖަކަށްވެސް ވަނީ ހުރިހާ ޕެރެގުރާފެއް ކިޔާލެވިފައެވެ. އެއަށްފަހު ދެން ޓީޗަރު
މިސްރާބު އެހެންގޮތަކަށް ބަދަލުކޮށްލިއެވެ. ކޮންމެ ޕެރެގުރާފެއްގެ ފުރަތަމަ ޖުމްލަ
ނެގުމަށްފަހު އެޖުމްލަ މިކުދިން ލިޔުނު ނަމަ ލިޔާނީ ކިހިނެއްތޯ އަހަމުން ޓީޗަރު
ދިޔައީ ޓައިޕު ކުރަމުންނެވެ. މިގޮތަށް މިަހރަކާތް ދިހަވަރަކަށް މިނިޓަށް ގެންދިއުމަށްފަހު
ހަތަރު ގުރޫޕެ ހިމެނޭގޮތަށް ކުދިންބަހާލިއެވެ. އަދި ކޮންމެ ގުރޫޕަކަށް ލިޔުމެއްގެ
ކޮޕީއެއް ދިނެވެ. އަދި ވަރަށް ރަނގަޅަށް ލިޔުން ކިޔާލުމަސްފަހު އެލިޔުމުގައި ހުރި
ސިފަކުރަ ބަސްތަކުގެ ދަށުގައި ރޮނގުދެމުމަށް އިރުޝާދުދެއްވިއެވެ. މިމަސަތްކަތަށް
ދެއްވި 10 މިނިޓެވެ. އެއަށްފަހު ކުދިންގެ މަސައްކަތް ބަލަމުން އެނެކްޑޯޓަލްސް
ލިޔަމުން ޓީޗަރުދިޔައެވެ. ގުރޫޕުތަކުގެ ބައެއް ކުދިން އަމިއްލަ ވާހަކައިގައި
މަޝްޣޫލުވިއެވެ. ބައެއް ކުދިން ގަލަން ފަންސުރައި ކުޅެމުން ދިޔައެވެ. ޓީޗަރު
ދިޔައީ މިކަންތައް ވެސް ނޯޓުކުރަމުންނެވެ. ވަގުތު ނިމުމުން ކުލާހަށް ހުށަހަޅަން
ފުރުޞަތުދިނުމުން ޓީޗަރު އުންމިދު އެއްވަރަކަށް ކުދިންނަށް ހުށަނޭޅުނެވެ. އެހިސާބުން އެހެން ލިޔުމެއްގެ ކޮޕީއާއި
ސުވާލުކަރުދާހެއް ކޮންމެ ކުއްޖަކަށް ހަވާލުކުރެވުނެވެ. އަދި ލިޔުން ރަނގަޅަށް
ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދިނުމަށް އިރުޝާދުދެވުނެވެ. ފަރިތަކަމާއެކު
ކިޔަންއެނގޭ ކުދިން ދިޔައީ ލިޔުންކިަޔމުން ޖަވާބުލިޔަމުންނެވެ. ސްކޭންކުރުމުާއި
ސްކިމްކުރުމުގެ ހުނަރުލިބިފައިވާ ކުދިން ދިޔައީ އެހުނަރު ބޭނުންކޮށްގެން ކިޔަމުން
ސުވާލުތަކަށް ޖަވާބުދެމުންނެވެ. އެހެންނަމަވެސް އެންމެ އެހީތެރިކަން ބޭނުންކުދިން،
އާދެ ކިޔުމަށްކޮށިކުދިން ދިޔައީ ވަރަށް ފޫހިކަމާއެކު މަސައްކަތްކުރަމުންނެވެ.
އެލިޔުމުގައި ލިޔެފައިވާ އެއްޗެއް ކިޔަން އުނދަގޫ ކުދިންނަށް ދޭހަވެސް ނުވާނެއެވެ.
މިކުލާހަކީ ނިސްބަތުން ކިޔަން ފަރިތަކުދިން ގިނަ ކުލާހެކެވެ. އެހެންނަމަވެސް
ކިޔަންކޮށި 7 ކުދިން ތިބެއެވެ. މިކުދިންނަށް މިދެވުނު މަސަތްކަތުގެ ފަސްބައިކުޅަ
އެއްބައި ވެސް ނެހެދެއެވެ. އަދި ޓީޗަރުގެ ފަރާތުން އެންމެ ރަނގަޅު ގޮތުގައި އެހީ
ދެމުންދިޔަ މަންޒަރެއް ވެސް ނުފެނެއެވެ.
ތިންވަނަ ގަޑިއެއްގެ ގޮތުން އަޅުގަނޑު އޮބްޒާވްކުރީ ވެސް ކީސްޓޭޖް ދޭއްގެ ކުލާހެކެވެ.
އެހެންނަމަވެސް ގުރޭޑުގެ ގޮތުން އެހެން ކުލާހެކެވެ. ޓީޗަރު ކުލާހަށް ވަދެ
އާދައިގެމަތިން ކުރަންޖެހޭ ހުރިހާކަމެއްކުރުމަށްފަހު އޯޑިއޯ ކްލިޕެއް ކުދިންނަށް
އަޑުއިއްވިއެވެ. ފުރަތމަ އަޑުއިއްވުމަށް ކުދިން ތައްޔާރުކުރަމުން
އިރުޝާދުދެއްވާފައިވަނީ ކަނުލާ އަޑުއެހުމަށެވެ. އެއަށްފަހު ދެވަނަ އަޑުއެހުމަށް
ކުދިންތައްޔާރު ކުރިއެވެ. އެ ތައްޔާރުކުރުމުގެ ކުރިން ލިޔުމުގައި ހުމެނޭ
ޝަޚްސިއްޔަތުންނާއި ބެހޭގޮތުން ޓީޗަރު ވާހަކަދެއްކިއެވެ. އެއަށްފަހު
ޝަޚްސިއްޔަތްތަކާއި މެދު ވިސްނައިގެން އަޑުއެހުމަށް އިރުޝާދު ދެއްވިއެވެ. ތިންވަނަ
އަޑުއެހުމަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން އޭގައި ހިނގާކަންތަކާމެދު
ވާހަކަދައްކާ މަޝްވަރާކުރެވުނެވެ. އަދި އެއަށްފަހު ތިންވަނަ ފަހަރަށް
އަޑުއިއްވިއެވެ. މިހަރާކާތަށް ބާރަވަރަކަށް މިނިޓް ހޭދަވިއެވެ. އެއަށްފަހު
އަޑުއިއްވި ލިޔުމުގެ ޕްރިންޓްކޮޕީއެއް ކޮންމެ ކުއްޖަކަށް ދެވުނެވެ. ތިންކުދިންގެ
ގުރޫޕުތަކަށް ކުދިން ބަހާލިއެވެ. އެއަށްފހު ކޮންމެ ގުރޫޕަކަށް ތިން ސުވާލު
ދެވުނެވެ. އަދި ސުވާލުން ވަކި ލަފްޒެއްނަގައި އެލަފްޒު ހޯދަން ކުދިންނަށް އިރުޝާދު
ދިނެވެ. މިގޮތަށް ހޯދަމުންގޮސް ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ހޯދަންޖެހޭ
ބަސްހޯދުމުން ސުވާލު އެހެންކުއްޖަކާ ބަދަލު ކުރެއެވެ. އެގޮތަށް ބަދަލުކުރަމުން
ގޮސް ނިމުމުން ކިޔުމުގެ ހުނަރުތަކުގެ ތެރެއިން ސްކޭންކުރުމުގެ ހުނަރަކީ ކޮބާކަން
ބުނެދީ އެހުނަރު ބޭނުންކޮށްގެން ކިޔާނެގޮތާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ
ޕީޕީޓީއެއް ދެއްކިއެވެ. އަދި ބަލަމުންދާއިރު މުހިންމު މަޢްލޫމާތު ނޯޓުކުރުމަށް
އިރުޝާދު ދިނުމަށްފަހު ޕީޕީޓީ ދައްކައި ނިންމުމަށްފަހު މައެއްގެ ޝުޢޫރު މނަމުގައި
އޮތް ލިޔުމެއްގެ ޕްރިންޓް ކޮޕީއަކާއި ފަސް ސުވާލުގެ މައްޗަށް ބިނާވެފައިވާ
ސުވާލުކަރުދާހެއް ދިނެވެ. އަދި އެސުވާލުތަކަށް ޖަވާބުދިނުމުގައި ކިޔުންތެރިކަމުގެ
ހުނަރުގެ ތެރެއިން އެދުވަހު ދަސްކުރި ހުނަރުގެ ބޭނުންހިފުމަށް ހަނދާންކޮށްދިނެވެ.
ސަތާރަކުދިން ތިބޭ މިކުލާހުގެ ދެ ކުއްޖަކު ފިޔަވައި ބާކީ ހުރިހާ ކުދިން ސުވާލުގެ
ޖަވާބު ހޯދުމަށްފަހު ޖަވާބު ފަސްވަރަކަށް މިނިޓް ތެރޭގައި ލިޔެނިންމިއެވެ. އެދެކުދިންނަށް
ނުނިންމުނު ސަބަބަކީ އެއީ ލިޔުމަށް ވަރަށް ކޮށި ދެކުދިންކަމުގައި ވާތީއެވެ.
ބަހުސް:
ކޮންމެ ކުލާހެއްގައި ވެސް ތިބޭނީ ކިޔުމަށާއި ލިޔުމަށް ވެސް އަދި އެހެނިހެން
ގޮތްގޮތުން ވެސް ތަފާތު ފެންވަރުގެ ކުދިންކަން ދަންނަން ޖެހެއެވެ. ކުދިން
ޝައުޤުވެރިވާފަދަ ތަފާތު ގޮތްގޮަތަށް ފިލާވަޅު ގެންދިއުމަކީ ހުނަރުވެރި ޤާބިލު
ޓީޗަރުން ގެންގުޅޭ ގޮތެކެވެ. ފުރަތަމަ އޮބްޒާވްކުރެވުނު ގަޑިން ފާހަގަވި އެންމެ
ރަނގަޅު އެއްކަމަކީ މުޅި ލިޔުން އެކީ އެކައްޗަކަށް ކިޔާލަން ބުނުމުގެ ބަދަލުގައި
ހަވާލުކުރެވުނު މަސައްކަތުން އެކުދިންނަށް މުޅިލިޔުން ރަނގަޅަށް ކިޔާލެވުނު
ކަމެވެ. އަދި ކުދިން ލިޔުމެއް ކިަޔން ފެށުމުގެ ކުރިން ޙާޞިލުކުރަން ބޭނުންވާ
ލަނޑުދަނޑި އެގިފައި އޮތުމަކީ ކިޔުމަށް ހިތްވަރު ލިބި ފޯރީގައި ކިޔުންތައް
ކިޔުމަށް މެދުވެރިވާ ސަބަބެއްކަމަށް އެންޑަރސަން އަދި ޕިއަރސަން (1984) ހާމަކުރައްވައެވެ.
އެކުދިންގެ މަޤްޞަދަކީ ދެ ލިޔުމެއްގެ ހުރި އެއްގޮތްކަމާއި ތަފާތު ދެނެގަތުމެވެ.
އެގޮތުން ވަރަސް ރަނގަޅަށް އެކުދިންގެ ލަނޑުދަނޑި އެކުދިންނަށް ވަނީ
ޙާޞިލުކުރެވިފައެވެ.
ކިޔުމަށް ކޮށި ކުދިން ބާކީ ނުކޮށް އެކުދިންނަކީ ދަށް ފެންވަރެއްގެ ކުދިންކަން
އިޙްސާސްނުކުރެވޭ ފަދަ މޭރުމަކުން ކިޔުމުގެ ހަރަކާތް ގެންގޮސްފައިވެއެވެ. އެގޮތަށް
ޓީޗަރުގެ އެހީތެރިކަމާއެކު ވެސް މަސައްކަތް ނިންމާލެވުމުން ކުދިންގެ ނަފްސަށްކުރާ
އިތުބާރު ބޮޑުވެ އަމިއްލަައަށް މަސައްކަތް ކުރުމުގެ ރޫޙު ކުދިންގެ ކިބައިގާ
ހަރުލަން ފަށާނެއެވެ. ކިޔުމަށް ބޭނުންކޮށްފައިވާ ހުރިހާ ލިޔުމަކީ
ޕްރިންޓްކޮސްފައިވާ ކޮޕީތަކެވެ. އަދި ކިޔުމަށް ކޮށިކުދިންނަށް އެހީތެރިވުމުގެ
ގޮތުން ބަސްތަކެއްދީ އެބަސްތައް ހޯދައިގެން ސުވާލުތަކަށް ޖަވާބުދޭން
މަގުފަހިކޮސްދިނުމަކީ ކިޔުމުގެ އުޚުޅުތަކުގެ ތެރެއިން ސްކޭންކޮށްގެން ކިޔުމުގެ
އާދަ ކުދިންގެ ކޮބައިގައި ހަރުލާނެކަމެއްކަމަށް ކާލް އެމްސީ ޑޮނާލްޑް (2012)
ހާމަކުރައްވައެވެ. ޓިޗަރުގެ ހުށިޔާރުކަމުން ކިޔުމަށް މޮޅުކުދިން ލައްވައި
މުޅިލިޔުން ތަފްޞީލުކޮށްވެސް (އިންޓެންސިވްކޮށް) ވަނީ ކިޔުއްވާފައެވެ. އެގޮތަށް
ކިޔުއްވުމަށް ކުދިން ތައްޔާރުކޮށްފައިވަނީ ކިޔުމަށް ކުދިން ފޫހިނުވާނޭ ފަދަ
ގޮތަކަށެވެ. އިންޓެންސިވްކޮށް ކިޔުއްވުމުން ކުދިންގެ ބަހުގެ ފެންވަރު މަތިވެ
ބަސްކޮށާރު މުއްސަނދިވާނެކަމަށް ވެސް ކާލް އެމްސީ ޑޮނާލްޑް ހާމަކުރައްވައެވެ.
މިގޮތަށް ކިޔުމެއް ކިޔުއްވައި ދޭހަ ކުރުވުމުން އެލިޔުމުން ދޭހަވީ މަޢްލޫމާތު ބޭނުންކޮށްގެން
ފަސޭހަކަމާއެކު އެ މައްޟޫޢަށް އެކުދިންނަށް ލިޔެވޭނެކަމަށާއި އެ މަޢްލޫމާތު
އެކުދިންގެ ސިނކުޑީގައި ގިނަދުވަހަށް ހުންނާނެ ކަމަށް ސުޒަން ބާރބާރ (2016)
ހާމަކުރައްވައެވެ. ކިޔުމަށް ދެރަ ކުދިންނަކީ ކިޔުމުގެ ހުނަރުތައް
ގެންގުޅޭކުދިންނެއް ނޫނެވެ. މިމުދައްރިސު އެގޮތަށް ކިޔުމެއްގެ ހުނަރުގެ ތެރއިން
ކިޔުމަށް މަގުފަހިވެގެންދިޔައީ ކިޔުންމަތިން ފޫހިނުވެ ކިޔުންކުރިއަށް ގެންދިއުމަށް
ލިބުނު ހިތްވަރަކަށެވެ. އެގޮތަށް ކިޔުއްވުމުން ކިޔުންމަށް ޝައުޤުވެރިކަން
އުފެދޭނެކަމަށް ޖެމޭނެޒް (1996) ހާމަކުރައްވަފައިވެއެވެ. އެހެންކަމުން
އޮބްޒާވުކުރެވުނު ފުރަތަމަ ގަޑިއަކީ ވަރަށް ރަނގަޅަށް ކުދިން ދަސްކުރުމަށްފަހު
ކުދިންނާއި ގުޅޭގޮތަށް ގެންދެވުނު ކުލާހެއްކަމަށް ޤަބޫލުކުރެވެއެވެ.
ދެވަނައަށް އޮބްޒާވުކުރެވުނު ކުލާހުންވެސް ވަރަށް ރަނގަޅު ކަންތައްތަކަކާއި
ރަނގަޅުކުރަންޖެހޭ ކަންތައްތަކެއްވަނީ ފެނިފައެވެ. ލިޔުމެއް ކިޔުމުގެ ކުރިން
ލިޔުން ކިޔަން ކުދިން ތައްޔާރުކޮށް ޝައުޤުވެރިކުރުވަން ޖެހެއެވެ. އެގޮތުން
ކިޔުމުގެ ކުރިން ލިޔުމާއި ގުޅޭ ފޮޓޯތައް ދެއްކުމަށްފަހު ކުދިންގެ ޙަޔާތާއި
ދުނިޔޭގެ ކަންހިނގާގޮތާއި ގުޅުވާލުމުން ކުދިންނަށް އެ ދޭހަކޮށްގަންނަން ފަސޭހާވާނެކަމަށް
ބެކް އެންޑް ބްލޭކް (2009) ހާމަކުރައްވައެވެ. އެއީ ވަރަށް ރަނގަޅަށް ޓީޗަރަށް
ކުރެވުނު ކަމެއް ކަމަށް ފެނެއެވެ. އަދި ތަފާތު ގޮތްގޮތަށް ޖުމްލަ ލިޔުމަށްފަހު
އެކިޔުއްވައި ލިޔުއްވައި ހެދުމުން ވެސް ޝައުޤުވެރިކަން އުފެދި ކިޔާހިތްވާނެކަމަށް
މެއިސިންގަރ (2010) ހާމަކުރައްވައެވެ. އެހަރަކާތް ގެންދެވުނު އިރު ހުރިހާ
ކުދިންވެސް ތިބީ އެކަމަށް ސަމާލުކަންދީގެން ޝައުޤުވެރިކަމާއެކުގައެވެ. ގުރޫޕު
މަސައްކަތެއްގެ ގޮތުން ކިޔުމެއް ދޭއިރު ކޮންމެ ދަރިވަރަކަށް ވެސް ވަކިން ކިޔުމުގެ
ކޮޕީއެއް ދެވި ހުރިހާ ކުދިން ޝާމިލްވާ ގޮތަށް މަސައްކަތް ދޭންޖެހެއެވެ. އެގޮތަށް
ނުދެވިއްޖެނަމަ ކިޔުމަށް ކޮށިކުދިން ތިބޭނީ ބާކީވެ ކޮންމެވެސް އެހެނ ކަމެއްގައި
ކަމަށް ރިޗާޑް ސީ. އެންޑަސަން (1984) ހާމަކުރައްވައެވެ. ހަމަ އެގޮތަށް މިކުދިންގެ
ތެރއިން ވެސް ކިޔުމަށް ދަށް ކުދިންނަށް ވެފައިވަނީ އެގޮތަށެވެ. މިގޮތަށް ކަންތައް
މެދުވެރިވަންޏާ ކުދިންގެ ކިޔުމަށް އަސަރުކުރާ މޭރުމުން ކުލާސް
ކޮންޓްރޯލްކުރަންވެސް ދަތިވާނެއެވެ.
ޑަރކިން (1979) ހާމަކުރައްވާ ގޮތުގައި ކިޔުމުގެ ދޭހަ ވަރަށް ގިނައިން
ދެވެއެވެ. އެހެންނަމަވެސް ދޭހަކުރުމަށް ދަސްކޮށްދެވެނީ ވަރަށް މަދުންނެވެ. އަޅުގަނޑު
އޮބްޒާވްކުރި ތިން ކުލާހުގެ ތެރއިން ދެ ކުލާހުން ދޭހަކުރުމަށް ކޮންމެވެސްވަރަކަށް
މަސައްކަތްތަކެއް ކޮށްފައި ވެއެވެ.
އެހެންނަމަވެސް އެކަށީގެންވާ ވަރަކަށް އެކަން ކުރެވިފައި ނުވެއެވެ.
ތިންވަނީ ގަޑީގައި ކިޔުމުގެ ހުނަރުތައް ދަސްކޮށްދީގެން އެހުނަރާއި އެއްގޮތަށް
ކިޔުން ކުރިއަށް ގެންދިޔަކަން ފާހަގަ ވެއެވެ. ކާލް އެމްސީ ޑޮނާލްޑް (2010)
ހާމަކުރައްވާ ގޮތުގައި މި ހުނަރަކީ ވަރަށް ގިނަކުދިން ކިޔުމަށް ޝައުޤުވެރިކުރުވާ
ހުނަރެކެވެ. ބޭނުންވާ މަޢްލޫމާތު މުޅި ލިޔުން ކިޔާނުލާ ލިބޭނަމަ ކިޔުމަށް
ފޫހިކުދިން ވެސް އެމަސައްކަތް ކުރާހިތް ވާނެއެވެ. އަދި އެީ މާބުރު ބޮޑުކަމެއްގެ
އިޙްސާސް އެކުދިންނަށް ނުކުރެވި ކިޔުމަށް ޝައުޤުވެރިވާނެ ކަމަށް ވެސް ޑޮނާލްޑް
ހާމަކުރައްވައެވެ. ކުދިން ކިޔަން އުޅޭ
ލިޔުމެއްގައި ހިމެނޭ ޝަޙްސިއްޔަތާއި ބެހޭ ގޮތުން ވާހަކަ ދައްކާ ހެދުމުން ކުދިން
ތިބީ އެލިމާއި ރައްޓެހި ކުދން ތަކަކަށް ވެފައެވެ. އަދި އަދު އިއްވި އޯޑިއޯގައި
އަޑު ޑީކޯޑުކޮށްގެން ކިޔުނުގޮތަވެސް ކުދިންނަށް ވާނީ ރައްޓެހި އެއްޗަކަށް
ވެފައެވެ. ކުދިންނާއި ލިޔުމާއި ދެމެދު ގުޅުމެއް އުފެއްދުމަށްފަހު ލިޔުން ކިޔަން
ދިނުމަކީ ކުދިން އެލިޔުމެއް ކިޔަން ޝައުޤުވެރިވާނެ ކަމަށް އެންޑަރސަން (1994)
ހާމަކުރައްވައެވެ. އޮބްޒާވް ކުރެވުނު ތިންގާޑީގެ ތެރއިން ދެ ގަޑީގައި ކުދިންނާއި
ހަވާލުކުރެވުނު ލިޔުމުގައި އެއްވެސް ފޮޓޯއެއް ނެތެވެ. ފޮޓޯއާއި ޗާޓް މެޕް ފަދަ
ތަކެއްޗަކީ ލިޔުން ދޭހަކުރުމަށް ނުހަނު ބޮޑުދައުރެއް އަދާކުރާ ކަމެއްކަމަށް ކާލް އެމްސީ
ޑޮނާލްޑް (2010) ހާމަކުރައްވައެވެ.
ނިންމުން:
މި ރިޕޯޓަކީ ކިޔުން އުނގަންނައި ދިނުމުގެ ގަޑިތަކެއް އޮބްޒާވްކުރުމަށްފަހު
ޓީޗަރުން ގެންގުޅޭ ރަނގަޅު ކަންތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮސް
އެކަންތަކުގެ މައްޗަށް ޢިލްމީ ދިރާސާތަކުގެ އަލިގައި ބަހުސްކުރުމަށް ލިޔުނު
ރިޕޯޓެކެވެ. މި އޮބްޒަވޭޝަންތަކުން އެނުގުނު ގޮތުގައި ކިޔުމަށް
ކުދިންފަރިތަކުރުމަށާއި ކިޔުމަށް ޝައުޤުވެރިކުރުމުގެ ގޮތުން ޓީޗަރުންދަނީ ރަނގޅު
ގޮތެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރުގެ ޤައުމީ މަންހަޖުގައިވާ ގޮތަށް
ކިޔުމުގެ ކުރީގެ ހުނަރާއި ކިޔުމުގެ ތެރޭގެ ހުނަރުގެ އިތުރުން ކިޔުމުގެ ފަހުގެ
ހުނަރުތައް ހިމެނޭ ގޮތަށް ގިނަ ޓީޗަރުންދަނީ މަސައްކަތްކުރަމުންނެވެ. އެއްވެސް
ކުއްޖަކު ބާކީ ނުކޮށް ކިޔުމުގެ ގަޑިތައް ގެންދަން ވެސް ބައެއް ޓީޗަރުންވަނީ
ފަށާފައެވެ. ކިޔުމާއި
ގުޅުންހުރި އެންމެހާ ކަންތައް ދިރާސާކުރައްވާ މީހުންގެ ނަޒަރުގައި ކިޔުމުގައި
ގެންގުޅެންޖެހޭ ހުނަރުތަކާއި ކިޔުން ދޭހަކުރުމަށް ދަސްކޮށްދޭންޖެހެއެވެ.
އޮބްޒަވޭޝަންތަކުގެ އެހީގައި ބުނެވޭނީ ދޭހައިގެ ފިލާވަޅެއް ދިނުމުގެ ކުރިން
ދޭހައަކީ ކޮބާކަމާއި ދޭހަކުރާނީ ކިހިނެއްކަން ކުދިންނަށް ރަނގަޅު ފެންވަރެއްގައި
ދަސްކޮށްނުދެވެއެވެ. އަދި ކުދިންގެ ކިޔުމާއި ގުޅިގެން ތަފާތު ގޮތްގޮތަށް ދޭންޖެހޭ
ފީޑްބެކް ވެސް ރަނގަޅު ފެންވަރެއްގައި ނުދެވެއެވެ. ކިޔުމަށް ފޫހިވާ ކުދިންގެ
ނިސްބަތް މަދުކުރުމުގެ ގޮތުން އެންމެ ތުއްތު އިރުންފެށުގެން ފޮތްކިޔާ މަންޒަރު
ކުދިންނަށް ދައްކައި ކުދިންގެ ސިނކުޑި ބޭނުންކޮށްގެން ޖަވާބު ދޭން ފުރުޞަތު ހޯދާ
ދޭން ޖެހެއެވެ. ކިޔުން ކޮށި ކުދިންނަށް ވެސް އެކުދިންގެ ބަލިފައި އިޙްސާސްކޮށް
ނުދީ އެ ބަލިކަމުން އަރައިގަންނާނެ މަގު ކޮށާދޭށެވެ. ކިޔުމަށް ފަރިތަ ކުދިން ވެސް
ތިބި ހިސާބުގައި މަޑުޖެއްސުމުގެ ބަދަލުގައި އެކުދިންވެސް އިތުރަށް ކުރިއަށްދާންވާ
ރާސްތާ ބުނެދީ އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.ކިޔުމަށް އެންމެ ކަމުދާ
ފޮތްތައް ބުނެދީ ކިޔުމުގެ ހަރަކާތްތައް ގެންދިއުމުގައި ކުދިންނާ ރައްޓެހި އެނގޭ
މަޢްލޫމާތު ކޮންމެވެސް ވަރަކަށް ހިމެވޭ ލިޔުންތައް ހިމަނައިގެން ކިޔަވާދިނުން
ބައްޓަންކުރަން ޖެހެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވސް އާގޮތެއް އިޚްތިޔާރުކޮށް
ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރަންޖެހެއެވެ. މިއީ ލިޓްރެޗަރ
ރިވިއުގައި ވެސް ބަޔާންކޮށްފައިވާ ކަންތައްތަކެވެ. އެގޮތަށް މަސައްކަތް
ކޮށްދެވިއްޖެނަމަ ކިޔުމަށް ކުދިންގެ ހިތުގައި ލޯބިޖެހި ލިޔުމެއް ކިޔުމަށްފަހު
އެލިޔުމުގައި ބުނެފައިވާ އެއްޗެއް އެނގި ދޭހަވާ ކުދިންގެ ނިސްބަތް ދާނީ
އިތުރުވަމުންނެވެ.
ރެކޮމެންޑޭޝަން:
މި ރޕޯޓުގެ މަސައްކަތް ކުރަމުންދިޔަ އިރު އެންމެ ބޮދަށް ފާހަގަ ވީ އެއްކަމަކީ
ދޭހަކުރުމަށް ދަސްކޮށްދިނުމަށް ހިންގާ ގަޑިތައް މަދުކަމާއި ލިޔުންތައް
އަތުރާލެވިފައިވާ ގޮތެވެ. ދިގުދިގު ޕެރެގުާފްތަކެއްގެ މައްޗަށް ލިޔުން
ބައްޓަންކުރުމުގެ ބަދަލުގައި ކުރު ޕެރެގުރާފުތަކެއްގެ މައްޗަށް އެކުލެވިފައިވާ
ލިޔުންތައް ކުދިންނަށް ދޭންޖެހެއެވެ. އެހެންވުމުން ކުޑަކުދިން ކިޔުމަށް ލިޔުމެއް
ދެވޭ އިރު އެލިޔުމަކީ އެކުދިންގެ މިޒާޖާއިގުޅޭ ފޮޓޯތަކާއި ލިޔުންތައް ހިމެނޭ
ލިޔުންތަކަށް ވާންޖެހެއެވެ.
ސްކޫލްތަކުން ކިޔުމުގެ ގަޑިތައް އޮބްޒާވްކޮށް ޓީޗަރުންނަށް ވެސް ދޭންޖެހޭ
ފީޑްބެކް ދޭންޖެހެއެވެ. އަދި ޤައުމީ މަންހަޖުގެ ބައެއްގެ ގޮތުގައި ދޭހަކުރުމަށް
ދަސްކޮށްދިނުން ހިމަނައި ސްކޫލްތަކުން އެގޮތަށް ކަންތައް ކުރޭތޯ އެޑިއުކޭޝަނުން
ބަލަންޖެހެއެވެ. މަތީޘާނަވީ ތަޢްލީމު ނިންމާ ދަރިވަރުނގެ ތަފާސް ހިސާބުތައް
ދައްކާގޮތުން ދިވެހި މާއްދާއިން ކުދިން ދަށްވަނީ ދޭހައިގެ ސުވާލުތަކުން ދަށްވުމުގެ
ސަބަބުންނެވެ. ކޮންމެ ވައްތަރެއްގެ ލިޔުމެއް ވިޔަސް އެކިޔާ ލޔުމެއްގައި ލިޔެފައިވާ
އެއްޗެއް ދޭހަނުވަންޏާ އޭގެއިން ކުރާނެ މާބޮޑުފައިދާއެއް ނޯންނާނެއެވެ.
ދިވެހިރާއްޖޭގެ މީހުން އިސްލާމްދީނުގެ އަލިގަދަ ނޫރުން ރާއްޖޭގެ ޖައްވު ދިއްލުނު
ދުވަހުން ފެށިގެން ދިވެހިން ދަނީ ޤުރުއާން ކިޔަވަމުން ނެވެ. އެހެން ނަމަވެސް އެ
ޤުރުއާނާއި އެއްގޮތަށް ޢަމަލުކުރަނީ ކޮންބައެއްތޯއެވެ. އެއީ ދޭހައިގެ
މައްސަލައެކެވެ. ކިޔަން އެނގުނަސް ދޭހަނުވަންޏާ ކުރާނެ ފައިދާއެއް ނެތެވެ.
ދޭހަވެފައި ކިޔަން ނޭނގުމަކީ ވެސް ދެރަކަމެކެވެ. މިދެކަމަކީ އެކުއެކީ ތަރައްޤީކުރަންޖެހޭ
ދެކަމެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން ކިޔުން ދޭހަކޮށް ދިނުމަށް ޚާއްޞަ
ސަމާލުކަމެއް ދީގެން ކިޔުމުގެ ގަޑިތައް ބައްޓަންކުރުމަކީ ވަރަށް މުހިންމު
ކަމެކެވެ.
ހަވާލާދިނުން:
×
ކާލް އެމްސީ ޑޮނާލްޑް. (2012). ޑިފަރެންޓް ރީޑިންގ ޓެކްނިކްސް އެންޑް ވެން
ޓު ޔޫޒް ދެމް.
×
ސުޒަން ބާރބާރ.(2016). ސިކްސް ޓެކްނިކްސް ފޯރ ބިލްޑިންގ ރީޑިންގ ސްކިލްސް
އިން އެނީ ސަބްޖެކްޓް.
×
ލެސީ އެންޑަރސަން. (1998). ހައު ޓު ލާރން ޓު ރީޑް.
×
ޑެރީ ކްރޮލެކް، ރޭ ކޮލިންސް. (2012). ހައު މޯސްޓް ޗިލްޑްރެން ލާރން ޓު
ރީޑް.
×
އަމީ މަސްކޮޓް. (2012). ސެވެން ޓިޕްސް ފޯ އާރލީ ލިޓްރަސީ ލާރނިންގ.
×
އެންޑަރސަން އެންޑް ޕިއަރސަން. (1984). އަ ސްކީމާ ތިއަރެޓިކް ވިއު އޮފް
ބޭސިކް ޕްރޮސެސް އިން ރީޑިންގ ކޮމްޕްރިހެންޝަން.
×
އެންޑަރސަން އެންޑް ޕިއަރސަން. (1984). އަ ސްކީމާ ތިއަރެޓިކް ވިއު އޮފް
ބޭސިކް ޕްރޮސެސް އިން ރީޑިންގ ކޮމްޕްރިހެންޝަން. އާޓިކަލް.
×
ރިޗާޑް ސީ. އެންޑަރސަން އެންޑް ޕީ. ޑޭވިޑް ޕިއަރސަން. (2018). ރީޑިންގް
އެޑިކްޓްސް.
×
ބްރިޖޭޝް ކުމާރު. (2011). ޑިޒައިން އެންޑް އެނަލައިޒް އޮފް ނޮއިސް
މާރޖިން، ރައިޓް އެބިލިޓީ އެންޑް އޯރގަނިކް އެންޑް ހައިބަރޑް 6- ޓީއެސްއާރުއޭއެމް
ސެލް.
×
ޖިމޭނެޒް. (1996). އެސެންޝަލް އެލެމެންޓްސް އޮފް ފޮސްޓަރރިންގ އެންޑް
ޓީޗިންގ ރީޑިންގ ކޮމްޕްރިހެންޝަން.
×
ޑަރކިން. (1979). ޓީޗިންގ ރީޑިންގ ކޮމްޕްރިހެންޝަން ބައި ކަނެކްޓިންގ.
×
ބޯލް އެނޑް ބްލަކްމަން. (1991). ދަ ކޮގްނިޓިވް ފައުންޑޭޝަންސް އޮފް
ލާރނިންގ ޓު ރީޑް.
×
ޑޯލް އެޓް އެލް. (1991). އިންގްލިޝް ލެންގުއޭޖް ލާރނާރސް އެންޑް ރީޑިންގ
ޑިފިކަލްޓީސް.
No comments:
Post a Comment