Featured Post

Ombey

Wednesday, June 26, 2019

dharivarunnah enme faseyha kamaaeku dheneganeveynee ....






ދަރިވަރުުންނަށް އެންމެ ފަސޭހަކަމާއެކު ދެނެގަނެވޭނީ
ދަރިވަރުންނަށް އެންމެ ފަސޭހަކަމާއެކު ދެނެގަނެވޭނީ  އެއުނގަންނައިދޭ އެއްޗަކީ ދަރިވަރުންނާ ގުޅުންހުރި ، ދިރިއުޅުމްށް ބޭނުންވާ އެއްޗެއް ކަމުގެ އިޙްސާސް ކުރެވިގެންނެވެ. އަދި އުނގަންނައިދޭ އެއްޗަކީ އިޖްތިމާއީ ދިރިއުޅުމުގައްޔާއި ވަޒީފާގެ ބާޒާރުގައި ވެސް ބޭނުންހިފޭ އެއްޗެއް ކަމުގެ އިޙްސާސްކުރެވިގެންނެވެ. 
(ޤައުމީ މަންހަޖު، 2014 ، ޞަފްހާ-77)


ތަޢާރަފު:

މިއެސައިންމެންޓަކީ މަތީގައިވާ ބަސްކޮޅަށް ރިއާޔަތްކޮށް، އޮތެންޓިކް އެސެސްމަންޓު، ސިޗުއޭޓަޑް ކޮގްނިޝަން އަދި ކޮގްނިޓިވް އެޕްރެންޓިސްޝިޕް އާގުޅުވައިގެން މިކަންތަކާދޭތެރޭގައި ދެކޭގޮތް ހާމަކޮށް ލިޔާ ކްރިޓިކަލް މަޒުމޫނެކެވެ. މީގެއިތުރުން މި މަޒުމޫނުގައި ދިވެހިރާއްޖޭގެ އުނގަންނައިދިނުމުގެ ކޮންޓެކްސްޓުގައި ފާހަނގަކުރެވޭ ގޮންޖެހުންތަކާއި، މިހާރުގެ ޙާލަތު ރަނގަޅުކުރުމަށް ނުވަތަ މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރެވިދާނެކަންތައްތައް ފާހަގަކޮށްފައި ވާނެއެވެ.

ފަސްމަންޒަރު:

ޒަމާނަށް އަންނަމުންދާ ބަދަލުތަކާއެކު އުނގެނުމާއި އުނގަންނައިދިނުމަށް މިދަނީ ބޮޑެތި އިންޤިލާބުތަކެއް އަންނަމުންނެވެ. މީގެ 7 ވަރަކަށް އަހަރު ކުރިން އުނގެނުމާއި އުނގަންނައިދިނުން ސީދާ ގުޅިފައިވަނީ މުދައްރިސުންނަށެވެ. އެހެންނަމަވެސް އުނގަންނައިދިނުމުގެ ކަންތައް ދިރާސާކުރައްވާ ފަރާތްތަކުން އުފައްދާފައިވާ ތިއަރީތަކުގެ އެހީގައި ކިޔަވާދޭން ފެށުމާއެކު އުނގެނުމާއި އުނގަންނައިދިނުން ސީދާ ގުޅިފައިވަނީ ދަރިވަރުންނަށެވެ. މުދައްރިސަކީ މަގުކޮށާދޭ މީހާއެވެ. އެމަގުން ހިނގާ ބަޔަކީ ދަރިވަރުންނެވެ. ނަތީޖާއަކަށްވީ ދަރިވަރުންނާއި މުދައްރިސުންނާއި ދެމެދުގައި އޮންނަ ގުޅުން ބަދަހިވެ އުނގެނުމުގެ މާހައުލަކީ ކަންކަން ބަލައި ހޯދައި، ފެންނަ ކަންތަކާމެދު ވިސްނާ ފިކުރުކޮށް އުފެއްދުންތެރި މާނަހުރި ވިސްނުންތަކެއް ވިސްނައިގަތުމަށް ދަރިވަރުންނަށް ފުރުޞަތުތަކެއް ފަހިވެގެން ދިއުމެވެ. މީގެއިތުރުން ދޭދޭ ކުދިންގެ މެދުގައި ޚިޔާލުބަދަލުކުރުމާއި މަޝްވަރާކޮށް ކަންކަމުގައި ދަރިވަރުންގެ ޚިޔާލުފާޅުކުރުމުގެ ދޮރުތައް މިވަނީ ހުޅުވާލެވިފައެވެ.

އުނގަންނައިދޭ އެއްޗެއް އޭގެ އެންމެ ރަނގަޅުގޮތުގައި ދަރިވަރުންނަށް ލިއްބައިދެވޭނީ، އެ އުނގަންނައިދޭ އެއްޗަކީ ކޯޗެއްކަމާއި އޭގެ ބޭނުން ދަރިވަރުންގެ ޙަޔާތުގައި ހިފަންޖެހޭ މިންވަރު ދަރިވަރުންނަށް އިޙްސާސްކޮށް ދެވިގެންނެވެ. ވަރަށް ގިނަފަހަރަށް ދަރިވަރުން ބުނާތީ އަޑުއިވެއެވެ. ހިސާބު ކިޔަވައިގެން ކުރާނީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް ޙަޤީޤަތަކީ ދިރިއުޅުމުގައި ދިމާވާ ކޮންމެ ޙާލަތެއްގައި ހިސާބަކީ މުހިއްމު އެއްޗެއްކަން ދަރިވަރުންނަށް ވިސްނައިދެވިއްޖެ ނަމަ ދަރިވަރުންގެ ވިސްނުން ބަދަލުވެ އުނގެނުމަށް ދެވޭ ޝައުޤުވެރިކަން އިތުރުވެގެންދާނެ އެވެ. ދިވެހިރާއްޖޭގެ ޤައުމީ މަންހަޖު ފަރުމާކުރެވިފައިވަނީ އުނގަންނައިދޭ އެއްޗަކީ ދަރިވަރުންނާއި ގުޅުންހުރި، ދިރިއުޅުމަށް ބޭނުންވާ އެއްޗެއްގެ ގޮތުގައެވެ. ދިވެހިރާއްޖޭގެ ޤައުމީ މަންހަޖުގެ މޮޓޯއަކީ "ޕްރިޕެއާރ ފޮރ ލައިފު" (ދިރިއުޅުމަށް ތައްޔާރުކުރުން) އެވެ. އެހެންކަމަށްވާނަމަ މަދަރުސީ ދައުރު ނިންމާލާ ކޮންމެ ދަރިވަރަކީ ވެސް އެދަރިވަރަކު އުޅެމުންދާ މާހައުލުގައި ކަންތައް ވަމުންދާ ގޮތާއި އެކަންތައްތަކަށް ލޯހުޅުވިފައިވާ ކުއްޖެއް ކަމުގައި ވާންޖެހެއެވެ. އަލްބަޓް ބަންޑޫރާ ދެކިލައްވާ ގޮތުގައި ސިކުނޑީގައި މަޢުލޫމާތު ބިނާވަނީ އުޞޫލުތަކެއްގެ މައްޗަށެވެ. ކުއްޖާގެ ވިސްނުމާއި ހުނަރު ތަރައްޤީކުރުމަށް މާޙައުލުން ފެނި ކުރެވޭ ތަޖުރިބާތަކުގެ ސަބަބުން ހެޔޮބަދަލުތަކެއް ގެނުވައިދޭ ކަމަށް ވެސް ބަންޑޫރާ ދެކިލައްވަ އެވެ. ވުމާއެކު ދަރިވަރުންނަށް އުނގަންނައިދޭ އެއްޗަކީ ދަރިވަރުންގެ ދިރިއުޅުމާއި ގުޅުންހުރި ވަޒީފާގެ ބާޒާރުގައި ބޭނުންހިފޭ އެއްޗަކަށް ހެދުމަށް އުނގަންނައިދިނުމުގައި އޮތެންޓިކް ގޮތްތަކެއް ގެންގުޅެންޖެހެ އެވެ.

"ދަރިވަރުންނަށް އެންމެ ފަސޭހަކަމާއެކު ދެނެގަނެވޭނީ އެ އުނގަންނައިދޭ އެއްޗަކީ ދަރިވަރުންނާ ގުޅުންހުރި، ދިރިއުޅުމަށް ބޭނުންވާ އެއްޗެއްކަމުގެ އިޙްސާސްކުރެވިގެންނެވެ. އަދި އެ އުނގަންނައިދޭ އެއްޗަކީ އިޖުތިމާޢީ ދިރިއުޅުމުގައާއި ވަޒީފާގެ ބާޒާރުގައި ވެސް ބޭނުންހިފޭ އެއްޗެއްކަމުގެ އިޙްސާސް ކުރެވިގެންނެވެ." ޤައުމީ މަންހަޖު 2014 ގައި ބަޔާންކޮށްފައިވެ އެވެ. ސުވާލަކީ ޤައުމީ މަންޙަޖުގައި ލިޔެފައި މިވާ ސްޓޭޓްމަންޓާއި އެއްގޮތަށް އުނގަންނައިދިނުމުގެ ޙަރަކާތްތައް ކުރިއަށް ގެންދެވޭ ހެއްޔެވެ؟ ދިވެހިރާއްޖޭގެ ޤައުމީ މަންޙަޖަކީ ވެސް ވަރަށް ރަނގަޅަށް ތައްޔާރުކުރެވިފައިވާ އެއްޗަކަށް ވެދާނެއެވެ. އެހެންނަމަވެސް މި މަންޙަޖުގައިވާ އެންމެހާ ކަންތައްތައް ތަންފީޒުކުރެވޭ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. އެހެންނަމަވެސް މި މަންޙަޖުގައި ހިމެނޭ ކަންތައްތަކުގެ އަސަރުން ދަރިވަރުންނަކީ ޤާބިލު މުޖުތަމަޢު ބަލައިގަންނަ ފަދަ ކުދިންތަކަކަށް ހެދިދާނެ އެވެ. އެގޮތުން ދަރިވަރުންނަށް އުނގަންނައިދިނުމުގައި ފަންނީ މާހިރުންގެ ބައިވެރިވުމާއި އިރުޝާދާއި ޚިޔާލަކީ ވަރަށް މުހިއްމު ދައުރެއް އަދާކުރާ ބައެއްކަމަށް ވިގިންސް (1998) ހާމަކުރައްވައެވެ.

ދަރިވަރުންނަށް އުނގަންނައިދޭ އެއްޗަކީ އެދަރިވަރުންނަށް މާނަހުރި އެއްޗަކަށް ހެދުމަށްޓަކައި ތިއަރީތަކެއްގެ އެހީގައި އުނގަންނައިދިނުމަކީ މުހިއްމު ކަމެކެވެ. އޮތެންޓިކް އެސެސްމަންޓު، ސިޗުއޭޓަޑް ކޮގްނިޝަން އަދި ކޮގްނިޓިވް އެޕްރެންޓިސްޝިޕް ފަދަ ތިއަރީތަކަކީ މިކަމަށް ހުރި ހައްލެއްކަމަށް ޤަބޫލުކުރެވެއެވެ. މަރިއްލާ ޑީ. ސްވިނިކީ ހާމަކުރައްވާގޮތުގައި އޮތެންޓިކް އެސެސްމެންޓަކީ ދަރިވަރުން ކުރިޔަށް ގެންދާ ހަރަކާތްތައް ވީހާވެސް ބޮޑަށް ދުނިޔޭގައި ކަންކުރަންޖެހޭ ގޮތާއި އެއްގޮތަށް ކުރެވޭ އެސެސްމެންޓެވެ. ޖޯން ބުރައުން، އެލަން ކޮލިންސް އަދި ޕޯލް ޑުގީޑު (1989) ހާމަކުރައްވާ ގޮތުގައި ސިޗުއޭޓެޑް ކޮގްނިޝަން ގައިވާ ގޮތުންނަމަ އިންސާނާ މަޢުލުމާތު ބިނާ ކުރާނީ ކުރިއަށް ގެންދެވޭ ޙަރަކާތްތަކުންނާއި ޘަޤާފަތާއި އުނގަންނައިދޭ ކޮންޓެްކްސްޓާއި ގުޅުވައިގެންނެވެ. ކޮގްނެޓިކް އެޕްރެންޓިސްޝިޕް ބާރުއަޅަނީ ބުނެދޭ މަޢުލޫމާތަކީ ޙަޤީޤީ ދިރިއުޅުމުގައި ވެސް ދިމާވާ މައްސަލަތައް ޙައްލުކުރާނެގޮތް އުޞޫލެއްގެމަތިން ދަސްކޮށްދިނުން ކަމަށް އެލަން ކޮލިންސް (1991) ހާމަކުރައްވައެވެ.

އޮތެންޓިކް އެސެސްމެންޓް ބޭނުންކޮށްގެން އުނގަންނައިދިނުން:

ދަރިވަރުންނަށް އުނގަންނައިދެވޭ އެއްޗަކީ މަންފާދެނިވި އެއްޗަކަށް ވެގެންދާނި އޮތެންޓިކްކޮށް އެސެސްކުރެވިގެންނެވެ. މަރިއްލާ ޑީ. ސްވިނިކީ (2005) ހާމަކުރައްވާގޮތުގައި އޮތެންޓިކް އެސެސްމެންޓަކީ ދަރިވަރުން ކުރިޔަށް ގެންދާ ހަރަކާތްތައް ވީހާވެސް ބޮޑަށް ދުނިޔޭގައި ކަންކުރަންޖެހޭ ގޮތާއި އެއްގޮތަށް ކުރެވޭ އެސެސްމެންޓެވެ. ހަމައެފަދައިންް ވިގިންސް (1998) ހާމަކުރައްވާ ގޮތުގައި އެސެސްމެންޓެއް އޮތެންޓިކުވުމަށް އޭގައި 6 ސިފައެއް އެކުލެވެން ޖެހެއެވެ. ދަރިވަރުންނަށް ދެވޭ އެސެސްމެންޓްތަކުގައި އެކުދިންގެ އުފެއްދުންތެރިކަމާއި (ކްރިއޭޓިވިޓީ) ފުންކޮށްވިސްނައި (ކްރިޓިކަލް ތިންކިންގ) ބޭނުން ކުރަންޖެހެއެވެ. ވިގިންސް ދެކިލައްވާ ގޮތުގައި އެ އެސެސްމެންޓް ކުރިއަށް ގެންދަންވާނީ އެ ޢިލްމު ބޭނުންކުރަންޖެހޭ ހާލާތާއި މާހައުލެއްގެ ތެރެއިން ޢިލްމާއި ހުނަރުތައް ބޭނުންކޮށްގެންނެވެ. މިސާލަކަށް އަލިފާން ލިބޭނެ އެއްވެސް ވަސީލަތެއް ނެތްތަނަކަށް ގޮސް އަލިފާން އުފައްދަން ކުރާނެ ކަންތައް ދަސްކޮށްދޭނީ އެފަދަ މާހައުލަކަށް ކުދިން ގެންގޮސްގެންނެވެ. ނުވަތަ ފަތަން ނޭނގޭ ކުއްޖަކަށް އެއްގަމުގައި ފެތުމާއި ބެހޭ ހުރިހާ ހުނަރުތައް ކިޔާދިނަސް މޫދުގައި ފަތަން ނޭނގޭނެއެވެ. ފަތަން ދަސްކޮށްދޭނީ މޫދަށް ގެންގޮސްގެންނެވެ. އަޅުގަނޑުމެންގެ މަންޙަޖުގައި ވެސް މިފަދަ ޙަރަކާތްތަކެއް ރޭވިފައި ހުރެއެވެ. އެހެންނަމަވެސް މިޙަރަކާތްތައް ގެންދަނީ ކުލާހުގެ ހަރަތު ފާރުގެ ތެރޭގައެވެ. މިސާލަކަށް "މަސްވެރިކަން" އާއި ބެހޭގޮތުން ކިޔަވާދޭ އިރު ބޭނުންކުރާނީ މަސްވެރިކަން ކުރާ މަންޒަރު ދައްކުވައިދޭ ފޮޓޯތަކެކެވެ. އެއަށްފަހު އެކަމާ ބެހޭ މަޢުލޫމާތު ކިޔާދެއެވެ. މިމަޢުލޫމާތު ކިޔާދޭ މުދައްރިސަށް މިކަންތައް ކުރާނެގޮތް ރަނގަޅަށް ބުނެދެވިދާނެއެވެ. އެހެންނަމަވެސް ދަރިވަރުންގެ ސުވާލުތަކަށް އެންމެ ގުޅޭ ރަނގަޅު ޖަވާބު ދެވިދާނެތޯ މިއީ އުފެދޭ ސުވާލެކެވެ. އެހެނެއްކަމަކު އެކަން ކުރާ މާހައުލެއްގައި، މަސްވެރިނާއެކު މަސްބޭނުމުގައި ދަރިވަރުން ހޭދަކޮށް މާހިރުން އެކަން ކުރާގޮތް ބަލައި ހޯދައި ޢަމަލީގޮތުން އެކަމުގައި ބައިވެރިވެ ހެދޭ ގޯސްތައް ވަކިކޮށް ނިމޭއިރު ހުންނާނީ މަސްވެރިކަން ކުރަން އެނގިފައެވެ. ނަމަވެސް އަޅުގަނޑުމެންގެ ކިޔަވާދިނުން ބައްޓަންކުރެވިފައިވަނީ މިއާ މުޅިން ޚިލާފަށެވެ. މަސްވެރިކަން ދަސްކޮށްދިނުމަށް އަޅުގަނޑުމެންނަށް ދެވެނީ އޭގެ ޢިލްމެވެ. މިގޮތަށް އުނގަންނައިދިނުމުން އެކަން ކުރާނެގޮތުގެ ހުނަރާއި އުޞޫލުތަކެއް ނުދެވޭ ކަމަށް ސްވިނިކީ (2005) ހާމަކުރައްވައެވެ.

އޮތެންޓިން އެސެސްމެންޓާއި ޚިލާފަށް ޢާއްމުކޮށް ނެގޭ އެސެސްމެންޓްތަކަކީ އޭގެ ޞައްޙަކަން (ވެލިޑިޓީ) ޔަޤީންކުރުމަށް ނެގޭ އެސެސްމެންޓެއް ކަމަށް ޑޭވިޑް އީ. ޓަނަރ (2001) ހާމަކުރައްވައެވެ. މީގެ ސަބަބެއް ކަމަށް އޭނާ ހާމަކުރައްވަނީ މި އެސެސްމެންޓުގައި އެސެސްކުރެވެނީ ދަރިވަރުންނަށް ލިބިފައިވާ ޢިލްމު އެކަންޏެވެ. މިއާޚިލާފަށް އޮތެންޓިކްކޮށް ކުރެވޭ އެސެސްމެންޓަކީ ދަރިވަރުންނަށް ލިބިފައިވާ ޢިލްމުގެ ބޭނުން ހިފަން އެނގޭ މިންވަރު އެސެސްކުރުމަށް ކުރެވޭ އެސެސްމެންޓުތަކެކެވެ. މި އެސެސްމެންޓްތަކަކީ ދުރާލާ އެނގިގެން ކުރެވޭ ޓެސްޓުތަކެކެވެ. މީގެ ސަބަބަކީ އޭގައި އެސެސްކުރެވެނީ ހާލަތާއި ގުޅޭ ހުނަރުތައް ކަމަށް ވިގިންސް ހާމަކުރައްވައެވެ. އޮތެންޓިކުކޮށް ކުރެވޭ އެސެސްމެންޓުތަކުގައި ދަރިވަރުން އަމިއްލައަށް އެސެސްކުރުމުގެ ފުރުޞަތު ފަހިވެފައިވެއެވެ. އެގޮތުން ދަރިވަރުން ޙާޞިލުކުރަންޖެހޭ މިންވަރު ކަނޑައެޅިފައި އޮތުމުގެ ސަބަބުން ދަރިވަރުންނަށް އެނގޭ މިންވަރު ވަޒަންކުރެވި އިތުރަށް ކުރިއަށް ދިއުމަށް ކުރަންޖެހޭ ކަންތައް ސާފުވެގެންދާ ކަމަށް ވިގިންސް ހާމަކުރައްވަ އެވެ. އެހެންނަމަވެސް އޮތެންޓިކުކޮށް އެސެސްކުުރުމަށް ދަރިވަރުން ގެންދާ މާހައުލަކީ އެކުދިންނަށް ރައްކާތެރި މާހައުލެއްތޯއާއި ހުރިހާ ދަރިވަރުންނަށް ހަމަހަމަ ގޮތެއްގައި ފުރުޞަތުލިއްބައިދޭ ފަދަ މާހައުލެއްތޯ ކަށަވަރުކުރަން ޖެހޭ ކަމަށް ވިގިންސް ހާމަކުރައްވައެވެ. އޮތެންޓީކް އެސެސްމެންޓުގައި ތަފާތު އޮޅުންބޮޑު މައްސަލަތައް ޙައްލުކުރުމަށް ދަރިވަރުންނަށް އެނގިފައިވާ ބައިވަރު ހުނަރުތައް ބޭނުންކުރާނެއެވެ. މީގެ ތެރޭގައި ކަމެއް ޙައްލުކުރާނެ ގޮތް ނިންމައި ނިޔާ އިއްވުންވެސް ހިމެނެއެވެ. މިކަހަލަ އެސެސްމެންޓުތަކަކީ ޙާލަތާއި ގުޅިގޮތުން ވަގުތުން ވަގުތަށް ފީޑްބެކްދެވޭ ގޮތަށް ފަރުމާކުރެވިފައިވާ އެއްޗެއްކަމުން، މައްސަލަ ޙައްލުކުރެވި އަލުން އެ މަސައްކަތް ރަނގަޅަށް ނިންމުގެ ފުރުޞަތު ދަރިވަރުންނަށް ލިބިގެންދާ ކަމަށް ވިގިންސް ހާމަކުރައްވައެވެ.

އޮތެންޓިކް އެސެސްމެންޓަކީ ޙަޤީޤީ ދިރިއުޅުމާ ގުޅިލާމެހިފައިވާ އެއްޗެއްކަމުން އެސެސްމެންޓުގެ ފޭސް ވެލިޑިޓީ މަތިވާނެ އެވެ. އަސްލު ޓެސްޓުކުރަން އުޅޭ އެއްޗެއް އެނގިގެންދާ މިންވަރު އިތުރުވެގެންދާނެ އެވެ. އަދި އުނގެނެމުންދާ ހިނދު މަސައްކަތުގެ ނަތީޖާ ކާމިޔާބު ކުރުމަށް ހެދޭ ލަނޑުދަނޑިތައް ފެންނަން އޮތުމުން ތިމާގެ ފެންވަރު ވަޒަންކުރެވި އިތުރަށް ކުރިއަށް ދިއުމަށް ފޯކަސް ކުރަންވާ ދާއިރާތައް އެނގިގެންދާނެކަމަށް ވިގިންސް ހާމަކުރައްވައެވެ. އޮތެންޓިކް އެސެސްމެންޓުގެ ޒަރީޢާއިން އާ އުފެއްދުންތަކާއި އިޖާދުތައް ތަޖުރިބާކުރެވޭ ކަމަށް އަރޗަރލްޑް ޑީ އޭ (1991) ހާމަކުރައްވާފައިވެ އެވެ. އެހެންނަމަވެސް އޮތެންޓިކް ގޮތެއްގައި އެސެސްކުރުމަށް ވަރަށް ގިނަވަގުތު ހޭދަކުރަން ޖެހެއެވެ. އަދި ކުރަންޖެހޭ މަސައްކަތްވެސް ގިނަގުނަ އެވެ. ވަގުތާއި ބުރަ މަސައްކަތްތަކެއް ކުރަން ޖެހުނަސް އޮތެންޓިކްކޮށް ކުރެވޭ އެސެސްމެންޓުތަކުގެ ސަބަބުން ދަރިވަރުންގެ އުނގެނުމުގެ ފެންވަރަށް އަންނަ ހެއޮބަދަލުތަކާއި، އުނގެނުމަށް އެކުދިންގެ ހިތުގައި އުފެދޭ ޝައުޤުވެރިކަން އިންތިހާއަށް އިތުރުވެގެންދާކަމަށް ޑޭވިޑް (2001) ހާމަކުރައްވައެވެ. އޭގެ ސަބަބުން ދަރިވަރުންނަށް ލިބިފައިވާ ޢިލްމާއި ޙިލްމާއި ހުނަރު ގުޅުވައިގެން އުފައްދަމުން ގެންދާ ނަތީޖާތަކަކީ ވަގުތާއި މަސައްކަތާއި އަޅާކިޔޭވަރަށް ވުރެ ރަނގަޅު މަސައްކަތްތަކެއް ކަމަށް ވިގިންސް ދެކިލައްވައެވެ. އަޅުގަނޑުމެންގެ ދިވެހިރާއްޖޭގައި ވެސް އެންމެ ބޮޑު މައްސަލައަކަށް ވެފައި އޮންނަނީ ވަގުތެވެ. އެއްކުލާހެއްގައި 30 ހަކަށް ކުދިން ގޮވައިގެން އުޅެންޖެހުމުގެ ސަބަބުން ވަކިވަކި ދަރިވަރުންނަށް ހަމަހަމަ އުޞޫލެއްގެމަތިން އުނގަންނައިދިނުމުގެ ފުރުޞަތުނުލިބެ އެވެ. މީގެ އިތުރުން ހަފްތާއެއްގެ ތެރޭގައި ލިބެނީ ގިނަވެގެން 3 ގަޑި އެވެ. ދިވެހިރާއްޖޭގެ ޤައުމީ މަންޙަޖަށް ބަލާއިރު ކޮންޓެންޓު ބައި ވަރަށް ބޮޑުކަން ފާހަގަ ވެއެވެ. އެހެން ކަމުން މިހާރުގެ އުނގަންނައިދިނުން ފޯކަސް ކުރެވިފައި މި އޮންނަނީ މުޤައްރަރު ނިންމުމަށް ކަމަށް ޘާނަވީ މަރުހަލާގައި ކިޔަވާދިނުމުގައި 30 ހަކަށް އަހަރުގެ ތަޖުރިބާ ލިބިފައިވާ ޓީޗަރެއް ބުންޏެވެ.

ދަރިވަރުންގެ ފެންވަރު ވަޒަންކުރުމުގައި ގެންގުޅޭ އުޞޫލުތަކުގައި މައްސަލަތަކެއް ހުރިކަން ފާހަގަ ވެއެވެ. އެއް ކުލާހެއްގައި އުޅޭ ހުރިހާ ދަރިވަރުންނަށް އެއް ކަމެއް އެއް ފެންވަރަކަށް ކުރެވިދާނެތޯ މިއީ ވިސްނާލަން ޖެހޭ ކަމެކެވެ. ހުރިހާ ކުދިންގެ ފެންވަރު ހުންނާނީ އެއް މިންވަރެއްގައި ހެއްޔެވެ؟ ނުވަތަ ދޭހަކުރުމާއި އުފެއްދުންތެރިކަން ދަރިވަރުންނަށް ލިބިފައިވާނީ އެއްފެންވަރަކަށްތޯ މިއީވެސް ދެނެގަންނަންޖެހޭ ކަމެއްގެ ގޮތުގައި ފާހަގަ ކުރެވެއެވެ. އޮތެންޓިކްކޮށް އެސެސްކުރެވުމުން ދަރިވަރެއްގެ ކިބައިގައި ހުރި ރަނގަޅު ކަންތަކާއި ރަނގަޅުކުރަންވީ ކަންތައް ވަރަށް ރަނގަޅަށް މުދައްރިސަށާއި ދަރިވަރަށް ވެސް ފާހަގަވާނެ އެވެ. ވިގިންސް ދެކިލައްވާ ގޮތުގައި އެގޮތަށް ފާހަގަ ކުރެވޭ ކަންތައްތަކަށް އިތުރު އެހީތެރިކަން ދީގެން ކާމިޔާބާއި ހަމައަށް ގެންދެވޭނެ އެވެ. އާއްމު އެސެސްމެންޓްތަކުގައި އެއްކުއްޖެއްގެ މަސައްކަތް އަނެއްކުއްޖާގެ މަސައްކަތާއި އަޅަައިކިޔޭ ކަމާށާއި އޮތެންޓިކް އެސެސްމެންޓުތަކުގައި އަޅައި ކިޔާނީ އެކުއްޖާގެ ކުރީގެ މަސައްކަތާއި ފަހުގެ މަސައްކަތް ކަމުގައި ވިގިންސް ހާމަކުރައްވައެވެ. އެގޮތަށް އަޅާކިޔުމުން ދަރިވަރަށް އައިސްފައިވާ ކުރިއެރުން ވަރަށް ރަނގަޅަށް ފެނިގެންދާނެ އެވެ. އަޅުގަނޑުމެންގެ ރާއްޖގައި ވެސް މިހާރު ކިޔަވާދެމުން މިގެންދާ މަންޙަޖުގައި މިގޮތަށް އެސެސްކުރެވޭ ފަދަ ޙަރަކާތްތަކެއް ރޭވިފައިވެ އެވެ. އަދި އެގޮތަށް އެސެސްކުރެވޭތޯ ސުކޫލުތަކުން މަސައްކަތްތަކެއް ކުރަމުން ވެސް އެބަގެންދެ އެވެ. ނަމަވެސް ވަސީލަތްތަކާއި ޓީޗަރުންނާއި ބެލެނިވެރިންގެ އިތުރުން ދަރިވަރުން މިފަދަ އެސެސްމެންޓްތަކަށް ހޭލުންތެރިކުރަންޖެހޭ ކަމަށް ޤަބޫލުކުރެވެ އެވެ. ވަގުތަކީ އެކަމަށް ޙައްލެއް ހޯދަން ފަސޭހަކަމަކަށް ނުވެ ހިނގައިދާނެ އެވެ. އެހެންނަމަވެސް މިފަދަ ތަޢުލީމެއް ފޯރުކޮށްދެވޭނީ އެކަމަށް ޤާބިލު މުދައްރިސުންތަކަކާއި ވަޞީލަތްތަކެއް ޤާއިމުކުރެވިގެންކަމީ ޝައްކެތްނެތް ޙަޤީޤަތެކެވެ.

ދިވެހިރާއްޖޭގެ ޤައުމީ މަންޙަޖު އެކުލަވާލެވިފައިވަނީ މައިގަނޑު 8 ޤާބިލިއްޔަތެއްގެ މައްޗަށެވެ. އޭގެ ތެރޭގައި އެހެންމީހުންނާއި ގުޅިގެންއުޅުމާއި މާނަހުރި ގޮތެްގަި ފުންކޮށް ވިސްނުން (ކްރިޓިކަލް ތިންކިންގ) ހިމެނިފައިވެއެވެ. ޑާލިންގ ހެމަންޑް އަދި ސްނައިޑަރ (2000) ޤަބޫލުކުރައްވާ ގޮތުގައި މި ދެ ޤާބިލިއްޔަތަކީ ދަރިވަރުން އުނގެނޭ އެއްޗަކީ އެ ކުދިންގެ ޙަޔާތަށް ފައިދާ ދެނިވި އެއްޗަކަށް ހެދުމަށް ބޭނުންތެރި ދެ އަސާސެކެވެ. އޭގެ ސަބަބެއް ކަމަށް އެމީހުން ހާމަކުރައްވަނީ މިގޮތަށް އުނގަންނައިދިނުމުގައި ތަފާތު މާހައުލުތަކުން ތަފާތު މިޒާޖުގެ މީހުންނާއެކު ދަސްކުރުމުގެ ޙަރަކާތްތައް ގެންދަންޖެހެ އެވެ. އެފަދަ ޙާލަތްތަކުގައި އެދިމާވާ މީހުންނާ އެކު ގުޅިގެން އުޅެގެން މެނުވީ އަޞްލު މަޤްޞަދު ޙާޞިލުނުވެދާނެ އެވެ. މީގެއިތުރުން ސޭވްރީ އަދި ޑަފީ (1995) ހާމަކުރައްވާ ގޮތުގައި ޙަޤީޤީ ދިރިއުޅުމުގައި ލިބިފައިވާ މަޢުލޫމާތެއްގެ އެހީގައި ހުނަރުތަކާއި، އަގުކުރުންތައް ތަފާތު ޙާލަތްތަކުގައި ބޭނުންކުރަން އެނގުމަކީ މިއީ އޮތެންޓިކް އެސެސްމެންޓްގެ ޙަޤީޤީ މާނައެވެ. ބިރެމްބޯމް (1996) އިތުރަށް ފާހަގަ ކުރައްވާގޮތުގައި ވިސްނުމުގެ ހުނަރުތަކުގެ ތެރޭގައި ހިމެނޭ މައްސަލަ ޙައްލުކުރުމާއި ކްރިޓިކަލް ތިންކިންގ އިތުރަށް ވިސްނުމާއި ބެހޭ "މެޓަ-ކޮގްނެޓިވް" ހުނަރުތައް ކަމުގައިވާ ވިސްނާ ފިކުރުކުރުމާއި، އުނގެނޭ އެއްޗަކާއި ބޭހޭގޮތުން މަޝްވަރާކުރެވި ޚިޔާލުތައް ހުށަހަޅައި، މީހުންނާއި ގުޅިގެން އުޅެން އެނގުމުގެ ހުނަރަކީ ވެސް އިންސާނެއްގެ ޙަޔާތުގެ ހުރިހާ މަރުޙާލާއެއްގައި ހިމެނެންޖެހޭ ކަންތަކަކެވެ. އަޅުގަނޑުމެންގެ އުނގަންނައިދިނުމުގެ ތެރެއިން މިދެބައި ހިމެނި ތަންފީޒުކުރެވޭ ކަމަށް ޤަބޫލުކުރެވެ އެވެ. ސުކޫލު މާޙާއުލަކީ އެކުވެރި ކަމާއި އެކު އެންމެން ގުޅިގެން އުޅެވޭފަދަ މާޙައުލަކަށް ހެދޭތޯ ހުރިހާ ސުކޫލަކުންނާއި ޤައުމީ ފެންވަރެއްގައި މަސައްކަތްތަކެއް ކުރެވިގެންދެ އެވެ.

އަޅުގަނޑުމެންގެ ޤައުމީ މަންޙަޖު ތައްޔާރުކުރެވިފައިވަނީ އޮތެންޓިކްކޮށް އުނގަންނައިދެވޭ ގޮަތަށްކަމަށް ބުނެވެނީ، އުނގަންނައިދިނުމާއި އުނގެނުމުގެ ޙަރަކާތްތަކުގެ އިތުރުން އެސެސްކުރެވޭ ޓާސްކުތައް ކަނޑައެޅިފައިވަނީ ލަރނިންގ އައުޓްކަމްސްތަކެއްގެ މައްޗަށެވެ. ބިގްސް (1996) ގެ ތިއަރީއެއް ކަމަށްވާ "ކޮންސްޓްރަކްޓިވް އެލައިންމަންޓް" ގައި ބަޔާންކޮށްފައިވާ ގޮތުން ދަރިވަރުން އުނގެނޭ އެއްޗަކުން އެކުދިންނަށް ފައިދާއެއް ކުރާނީ، އުނގަންނައިދޭ އެއްޗެއްގެ އައުޓްކަމް އޮތެންޓިކް އެސެސްމެންޓާއި ސީދާކޮށް ގުޅިގެންނެވެ. މީގެއިތުރުން ދަރިވަރުންގެ މަސައްކަތް ވާންވާނީ އެކަމަކާއި ގުޅޭ ޤާބިލިއްޔަތެއްގެ ތެރެއިން  ދެވޭ މަސައްކަތެއް ކަމުގައި ރެސްނިކު (1987) ހާމަކުރައްވަ އެވެ.

ސިޗުއޭޓެޑް ކޮގްނިޝަން ބޭނުންކޮށްގެން އުނގަންނައިދިނުން:

ސިޗުއޭޓެޑް ކޮގްނިޝަން ތިއަރީގައި ބުނާގޮތުންނަމަ އިންސާނުން މަޢުލޫމާތު ބިނާކުރަނީ އުނގެނޭ ޢިލްމާއި ޙަރަކާތްތަކާއި ޘަޤާފަތާއި ގުޅުވައިގެންނެވެ. ލޭވް އަދި ވެންގަރ (1991) ހާމަކުރައްވާ ގޮތުގައި ދަސްކުރެވޭ އެއްވެސް އެއްޗަކީ ދަސްކުރެވޭ ކޮންޓެކްސްޓާއި އޭގެ ބޭނުން ވަކިކުރެވޭނެ އެއްޗެއް ނޫނެވެ. ކޮންޓެކްސްޓަކީ ދަސްކުރެވޭ އެއްޗެއްގެ މުހިއްމު އެއްބައެވެ. އުނގަންނައިދިނުމުގެ ޙަރަކާތްތަކުގެ ތެރެއިން ޙާލަތާއި ގުޅޭ ޢިލްމު ވެސް އުފެދޭކަމަށް ބްރައުން (1989) ހާމަކުރައްވައެވެ. މިމީހުން ދެކޭގޮތުގައި އިންސާނާ އޭނާ ދިރިއުޅޭ މާޙައުލާއި އެ މާޙައުލުގައި ހިނގާ ކަންތައް ގުޅުވާނީ އޭނައަށް ލިބިފައިވާ ޢިލްމެއްގެ އެހީގައެވެ. ވައިގޮޓްސްކީ (1978) ގެ ސޯސިއޯ ކަލްޗަރ ތިއަރީގައި ހާމަކުރައްވާފައިވާ ގޮތުން ކޮންމެ ކުއްޖެއްގެ ތަރައްޤީއާއި ހެދިބޮޑުވުން، އެހެން މީހަކަށް ވިސްނޭނީ އެކުއްޖަކު ހެދި ބޮޑުވި މާހައުލެއް އެނގިގެންނެވެ.

ޖޯއި ހެނަފިން (1995) ހާމަކުރައްވާ ގޮތުގައި އުނގެނޭއިރު ޙަޤީޤީ ދިރިއުޅުމުގައި ބޭނުންކުރާނެ ޢިލްމާއި ހުނަރާއި ތަޖުރިބާގެ އަލިގައި ވީހާވެސް ބޮޑަށް އަސްލާއި އެއްގޮތަށް އުނގެނުމުގެ މާހައުލު ފަހިކޮށްދޭންޖެހެ އެވެ. އެފަދަ މާހައުލެއްގައި އުނގެނޭ އެއްޗެއް އެއާއި ގުޅުން ހުރި އެހެން މާހައުލެއްގައި އެ ޢިލްމު ބޭނުންކުރަން އެނގެއެވެ. ދަރިވަރުންނަކީ ފެންވަރު ރަނގަޅު ކުދިންތަކަކަށް ހެދުމުގެ ނިޔަތުގައި އެކުދިންނަށް އުނގަންނައިދޭ ކޮންޓެންޓަކީ ފަސޭހަ ކޮށްފައިވާ ކޮންޓެންޓަކަށް ވެގެންނުވާނެކަމަށް ހެރިންގޓަން އަދި އޮލިވަރ (2000) ހާމަކުރައްވަ އެވެ. މީގެ އިތުރަށް ބަޔާންކޮށްދެއްވަމުން ވިދާޅުވެފައިވެ އެވެ. އުންގަންނައިދިނުމުގައި ބޭނުންކުރެވޭ ހަރަކާތްތަކަކީ އެކުދިންގެ އަސްލު ދިރިއުޅުމާއި ގުޅޭ އެއްޗަކަށް ވާންޖެހެއެވެ. ތަފާތު ނަޒަރިއްޔާތު ތަކުން ޚިޔާލުބަދަކު ކުރުމުގެ ފުރުޞަތު ދަރިވަރުންނަށް ފަހިކޮށްދިނުމުގެ އިތުރުން ފަންނީ މާހިރުންގެ މަސައްކަތުގެ މޮޑެލްތައް ދައްކުވައި އެއަށް  އުފެއްދުންތެރިގޮތަކަށް ފާޑުކިޔަން ފުރުޞަތު ހޯދާދޭންޖެހޭ ކަމަށް ހެރިންގޓަން އަދި އޮލިވަރ (2000) ހާމަކުރައްވާފައިވެ އެވެ. ކުދި ކުދި ގުރޫޕުތަކުގައި ކުރެވޭ މަޝްވަރާތަކުގައި އެ ދަރިވަރަކަށް އެނގިފައި ހުރ އެއްޗެއްގެ ދިފާޢުގައި ވާހަކަ ދައްކައި މަޝްވަރާކުރުމަށް މަގުފަހިކޮށްދޭށެވެ.

ޑިސްކްލޯރ (2000) ހާމަކުރައްވާގޮތުގައި އުނގަންނައިދެވޭ މާހައުލަކީ ޙަގީގީ ދިރިއުޅުމާ ގުޅުން ހުރި މާހައުލެއްނަމަ އެ މާހައުލުން އެނގެ އާމަޢުލޫމާތާއި ހުނަރުތަކާއި ކުރިން ލިބިފައިވާ މަޢުލޫމާތު ގުޅުވާލުމަށް ދަރިވަރުންނަށް ވަރަށް ފަސޭހަވެގެންދާނެ އެވެ. އުނގަންނައިދިނުމުގެ ތެރެއިން ދިރިއުޅުމުގައި ދިމާވާ ކަންތައް ހައްލުކުރަން ދަސްކޮށްދެވެން ވާނެކަމަށް ލޭވް އަދި ވެންގަރ (1991) ހާމަކުރައްވަ އެވެ. މިސާލަކަށް ކައްކަން ދަސްކުރާ މީހަކު އެންމެ ފުރަތަމަ ކަމެއްގެ ގޮތުން އެކި ގޮތްގޮތަށް ކިރަން ޖެހެއެވެ. ކިރުމަކީ އެހާ އުނދަގޫ ކަމަކަށް ނުވެދާނެ އެވެ. މިނެ ކިރަން އެނގުމަކީ ކެއްކުމުގެ މުހިންމު އެއް އަސާސެވެ. ސަބަބަކީ އަޅަންޖެހޭ ވަޒަނަށް ނޭލިއްޖެނަމަ ކައްކާ އެއްޗެއް މީރުނުވެދާނެއެވެ. ކެއްކުމުގެ އެކި ހަރާކާތްތަކުގައި ކައްކަން ދަންނަ މީހުންނާއެކު ބައިވެރިވެ އެމީހުން ކުރާ ކަންތައް ބަލައި އެކަންތައް ނަކަލު ކުރަމުންދާނީ މި ދާއިރާއަށް މުޅިން އާ މީހެއްގެ ގޮތުގައި ހުރެގެންނެވެ. ނަމަވެސް އެގޮތަށް މަސައްކަތްކުރަމުން ގޮސް ކަމަކަށްފަހު ކަމެއް ދަސްވަމުން ގޮސް އެކަމުގެ މާހިރަކަށް ބަދަލުވެގެންދާނެ ކަމަށް ޑިސްކްރޯލް (2000) ހާމަކުރައްވަ އެވެ. 

ދިވެހިރާއްޖޭގެ މަންޙަޖުގައި ލިޔެވިފައިވާ ސްޓޭޓްމަންޓުގައި ބުނެފައިވާ ގޮތަށް އުނގަންނައި ދިނުމަށް މި ތިއަރީއަކީ ވެސް ވަރަށް މުހިއްމު އެއްޗެކެވެ. ނަމަވެސް އަޅުގަނޑުމެންގެ ވަޞީލަތްތަކުގެ މަދުކަމާއި މި ތިއަރީތަކަށް އަހުލުވެރިވެފައި ނުވުމުގެ ސަބަބުން މަންޙަޖުގައި ލިޔެވިފައިވާ އެއްޗެއް ރަނގަޅު ގޮތުގައި ތަންފީޒުކުރެވޭ ތަނެއް ނުފެނެ އެވެ. މިސާލަކަށް އިސްލާމް ފިލާވަޅެއްގެ ގޮތުގައި ޢީދު ނަމާދު ފަދަ ފިލާވަޅެއް ވެސް  މިނަގަނީ ކުލާހުގަ އެވެ. އޭގެ ބަދަލުގައި އެކުދިން ގޮވައިގެން ޢީދު ނަމާދުގެ މައިދާނަށް ގޮސް އެނަމާދު ކުރާގޮތް ތަޖުރިބާކޮށް އެއާއި ބެހޭގޮތުން މަޢުލޫމާތު ދެވިއްޖެނަމަ އެކުދިންނަށް އެ ދޭހަވާ މިންވަރު އިތުރުވެގެން ދާނެއެވެ. މީގެ އިތުރުން ކަށުކަމާކެމީގެ ކަންތަކާއި މައްޔިތާ ވަޅުލުންފަދަ ފިލާވަޅުތައް ވެސް ކިޔައިދީ ދެލިގަނޑު ދަސްކޮށްދިނުމުގެ ބަދަލުގައި އެކަން ކުރަން ދަސްކޮށް ދިނުމަށްފަހު އެނގުނު އެއްޗެއް އެހެން މީހަކަށް ބުނެދިނުމަށް ފުރުޞަތު ފަހިކޮށް ދެވިދާނެ އެވެ. އޭރުން އެ ދަސްވި އެއްޗެއް ލޯންގްޓާމް މެމަރީއަށް ސޭވްވެ އެކުދިންގެ މުޅި ޢުމުރުގައި އެކަންތައް ކުރަން އެނގިގެންދާނެ ކަމަށް ވެންގަރ (1998) ޤަބޫލުކުރައްވަ އެވެ. މިގޮތަށް އުނގަންނައިދިނުމަށްފަހު ދަރިވަރުންނަށް އެނިފައިވާ މިންވަރެއް ބެލިމަށް އޮތެންޓިކް އެސެސްމެންޓެއް ކުރެވިދާނެއެވެ. ޢާއްމުކޮށް ކުރެވޭ އެސެސްމެންޓްތަކާއި ދަރިވަރުންނަށް ފައިދާ ބޮޑުވަނީ ޙަޤީޤީ މާހައުލުން އުނގަންނައިދިނުމަށްފަހު އެ އުނގެނޭ އެއްޗެއް އެސެސް ކުރެވިގެންކަމަށް ހެރިންގޓަން އަދި އޮލިވަރ (2000) ގެ ދިރާސާތަކުން ހާމަވެއެވެ. މިގޮތަށް ކުރެވޭ އެސެސްތަކުން ދަރިވަރުގެ ކިބައިގައި ޤާބިލުކަމާއި ހުނަރާއި އެކަމެއް ކުރަން ބޭނުންވާ ޢިލްމު ހުރު މިންވަރެއް ފެނިގެންދާނެ ކަމަށް ގްރީނޯ (1997) ހާމަކުރައްވައެވެ.

ސިޗުއޭޓެޑް އެސެސްމެންޓް ހެދުމަށް 3 މޮޑެލެއް ގެންގުޅެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އަށް އޮތީ ޑައިގްނޯސް ކުރުމެވެ. މިބައިގައި މުދައްރިސުން ދަރިވަރުން އޮބްޒާވް ކުރަމުންދާނެއެވެ. މިގޮތަށް ބެލުމުގައި ލިބެމުން އަންނަ ކުރިއެރުން ވެސް ބަލައި ފާހަގަ ކުރާނެ އެވެ. މިކަން ކުރުމަށް ވެސް ވަރަށް ގިނަ ވަގުތު ނަގާނެކަމަށް މެކްލީލަން (1993) ހާމަކުރައްވަ އެވެ. މިކަމަށް ބޭނުންވަނީ ވަރަށް ހުނަރުވެރި މުދައްރިސުންތަކެކެވެ. މިއީ އަޅުގަނޑުމެންގެ އުނގަންނަިދިނުމުގައި ދިމަވާ އެންމެ ބޮޑު އެއް ގޮންޖެހުމޭ ވެސް ބުނެވިދާނެއެވެ. ސަބަބަކީ ދިވެހިރާއްޖޭގެ ޤައުމީ މަންޙަޖު ތައްޔާރުކުރެވިފައިވަނީ ޒަމާނީ ތިއަރީތަކުގެ އަލީގައި ކިޔަވާދެވޭ ފަދަ ގޮތަކަށެވެ. ނަމަވެސް މަންޙަޖަށް އަހުލުވެރި އުނގަންނައިދިނުމުގެ ދާއިރާގައި ފުންނާބުއުސް މުދައްރިސުންތަކެއް އަޅުގަނޑުމެންގެ ރާއްޖޭގައި މަދުންނޫނީ ނެތެވެ. އެހެންކަމުން މަންޙްޖުގައި ލިޔެވިފައިވާ އެއްޗެއް ތަންފީޒުކުރުމަށް ހުނަރުވެރި ޤާބިލު ކުޅަދާނަ މުދައްރިސުންތަކެއް ތަމްރީނުކުރަން ޖެހެއެވެ. ދެވަން މެޑެލަކީ ޓެކްނޮލޮޖީގެ ވަސީލަތެއް ބޭނުންކޮށްގެން ދަރިވަރުން ހޯދަމުންދާ ކުރިއެރުން ފެންނަ ކަހަލަ އެއްޗެއް ތައްޔާރުކުރުމެވެ. މިކަން ކުރާނީ ކަނޑައަޅާ ވަކި މުއްދަތަކަށް ކަމަށް ޑިސްކްލޯރ (2000) ހާމަކުރައްވަ އެވެ. މިގޮތަށް ބަލަމުން ގެންދާނަމަ އެކުއްޖަކަށް އިތުރަށް އެހީ ބޭނުންވާ ދާއިރާ އެނގި އެކަމަށް ފޯކަސް ކުރެވޭނެއެވެ. ތިންވަނަ މޮޑެލަކީ ޕްރޮޑަކްޓެވެ. ދަރިވަރު ކުރި މަސައްކަތުގެ ނަތީޖާ އެވެ.

ކޮގްނިޓިވް އެޕްރެންޓިސްޝިޕް ބޭނުންކޮށްގެން އުނގަންނައިދިނުން:

ކޮގްނެޓިވް އެޕްރެންޓިސްޝިޕް އަކީ ސިޗުއޭޓެޑް ލާރނިންގެ ތިއަރީގެ އަސާސްތަކާއި ގުޅުވައިގެން އުނގަންނައިދިނުމުގައި ގެންގުޅޭ މޮޑެލެއްކަމަށް ބްރައުން، ޖޭ. އެސް. އެންޑް  ކޮލިންސް، އޭ. އެންޑް ޑުގުއިޑް، ޕީ. (1989) ހާމަކުރައްވާފައިވެ އެވެ. ކޮގްނިޓިވް އެޕްރެންޓިސްޝިޕްގައި ކުރަންޖެހޭ މަސައްކަތަކީ ވަކި ޚާއްޞަ ކަންތައްތަކަކަށް ބަލައި އަތުރާލެވިފައިވާ ހަރަކާތްތަކެކެވެ. މިސާލަކަށް ހައްލުކުރަންޖެހޭ މައްސަލައަކީ ވަކިކަހަލަ އުސޫލުތަކަކާއި ހުނަރުތަކެއް ބޭނުންކޮށްގެން ހައްލުކުަރްނ ޖެހޭ ކަމެއްނަމަ އެހުނަރުތައް ބޭނުންކުަރްނ ދަސްކޮށްދޭށެވެ. އަދި މަޑުމަޑުން އނގޭ މިންވަރަކުން އުނދަގޫ ކުރަމުން ގޮސް ތަފާތު މޮޑެލްތައް ގުޅޭގޮތް ދަސްކޮށްދިނުމެވެ.  މި ތިއަރީގައި ކުރަންޖެހޭ މަސައްކަތް ހުންނާނީ އެއިރަކު ކުރަންޖެހޭ މިންވަރަކަށް ބަހާލެވިފައިކަމަށް އެލަން ކޮލިންސް ހާމަކުރައްވައެވެ.

ކޮގްނިޓިވް އެޕްރެންޓިސްޝިޕްގެ އަމާޒު ބިނާވެފައިވަނީ ކޮންމެ މާހައުލެއްގައި ވެސް 4 ޑައިމެންޝަނެއްވާ ކަމަށް މާހިރުން ހާމަކުރައްވާފައިވެ އެވެ. އޭގެ ތެރެއިން ކޮންޓެންޓަކީ އެއް ޑައިމެންޝަނެވެ. ކަމެއް އޭގެ އެންމެ ފުރިހަމަ ގޮތުގައި އެނގުނުކަމަށް ވާނީ އެކަމަކާއި ގުޅޭ ޢިލްމު އެމީހަކަށް އެނގުމުންނެވެ.  އަދި އެކަމެއް ކުރާނެ ގޮތުގެ ތަފްޞީލު ވެސް އެމީހަކަށް ވަރަށް ރަނގަޅަށް އެނގެންޖެހެ އެވެ. މި މައޫލޫމާތުތައް ހުންނަނީ ދަރިވަރުންގެ ޓެކްޓް ފޮތުގަ އެވެ. އެހެންނަމަވެސް ކަމާއި ގުޅުންހުރި މާހިރަކަށް ވުމަށް ހަމަ އެކަނި މިވަރުން ނުފުދޭނެ ކަމަށް ކޮލިންސް ގެ ޓީމުން ހާމަކުރައްވަ އެވެ. މި ތިއަރީއަށް އުނގަންނައިދިނުމުގައި ފުރަތަމަވެސް މޮޑެލް ދައްކާށެވެ. އެއަަށްފަހު އެކަމެއް ކުރަން ދަސްކޮށްދޭށެވެ. އޭގެފަހުން ދަރިވަރު އަމިއްލައަށް އެކަމެއް ކުރަން އެނގެންދެން ފަރިތަކުރުވާށެވެ. ދެންް އެ މަސައްކަތާއި ގުޅުންހުރި އެއަށްވުރެ އުނދަގޫ މަސައްކަތެއް ހަވާލުކުރާެށެވެ. އެއަށްފަހު އެކަން ކުރާނެ ގޮތް އެހެން މީހަކަށް ކިޔާދިނުމަށްފަހު އަމިއްލައަށް ރިފްލެކްޓު ކުރުވުމަށް ބްރައުން (1984) އިރުޝާދުދެއްވާފައިވެ އެވެ.

އުނގަންނައި ދިނުމުގައި ކޮންޓެންޓު ވަރަށް ރަނގަޅަށް ބުނެދޭން އަޅުގަނޑުމެންގެ މުދައްރިސުން ސަމާލުކަންދެ އެވެ. އެހެންނަމަވެސް އެކަމެއް ދަރިވަރުން އެކަނި ކުރެވޭ ވަރަށް ފަރިތަކުރުމާއި އެނގުނު އެއްޗެއް ރިފްލެކްޓުކުރުވުމަށް އެހާ ސަމާލުކަމެއް ނުދެވެއެވެ. އެއީ ރިފްލެކްޓު ކުރުމުގެ މުހިއްމުކަން ނޭނގެނީ ކަމަށް ވެސް ވެދާނެއެވެ. ނޫނީ އެއީ މާމުހިއްމު ކަމެއް ކަމުގައި ނުދެކެނީ ކަމަށް ވެސް ވެދާނެއެވެ.

ނިންމުން:

ދިވެހިރާއްޖޭގައި އުނގަންނައިދިނުމަށް ހުރި އެންމެ ބޮޑު ގޮންޖެހުމަކީ ތަމްރީނުކުރެވިފައިވާ ޓީޗަރުން ނުލިބުމެވެ. އުނގަންނައިދިނުމުގެ ދާއިރާއަށް ޓީޗަރުން ތަމްރީނުކުރުމުގައި ގެންގުޅޭ މިންގަނޑަށް ބަދަލުތަކެއް ގެންނަން ޖެހޭކަމަށް ގަބޫލުކުރެވެ އެވެ. މީގެއިތުރުން މަންހަޖުގަައިވާ ކަންތައް ތަންފީޒުކުރުމަށް ބޭނުންވާ ވަސީލަތްތައް ލިބުމުގެ ދަތިތަކެއް ވެސް އެބަހުއްޓެވެ. ކުލާހެއްގައި ތިބޭ ކުދިންގެ ޢަދަދު މަދުކޮށް ނުވަތަ ކުލާހަކަށް 2 ޓީޗަރުން ހަމަޖައްސައި މަންޙަޖުގައިވާ އެއްޗެއް ކިޔަވާދެވޭ ފަދަ ހުނަރުވެރި ގާބިލު މުދައްރިސުންތަކެއް އުފެއްދިއްޖެ ނަމަ މިހާރުގެ ޙަލަތު ބަދަލުވެގެން ދާނެ ކަމަށް ފެނެއެވެ. މީގެ އިތުރުން ކުލާހުގެ މާހައުލުން ބޭރުން އަމަލީ ގޮތުން ތަފާތު މާހައުލުތަކުގެ އުނގެނުމުގެ ފުރުސަތުތަކެއް ފަހިކޮށްދޭން ޖެހެއެވެ. މިސާލަކަށް ކޮންމެ ސުކޫލެއްގައި ލެބޯޓަރީއެއް ލައިބްރަރީ އެއް ހުންނަ އުސޫލުން ތަފާތު ފަންނުތައް ދަސްކޮށްދެވޭފަދަ ތަންތަން ހުންނަން ޖެހޭކަމަށް ގަބޫލުކުރެވެ އެވެ.  






ހަވާލާދިނުން:

އަލްބަޓް. ބަންޑޫރާ. (1977). ސޯޝަލް ލަރނިންގ ތިއަރީ. ޕްރެސްޓިސް-ހޯލް، އިންގްލަވުޑް، އެންޖޭ.

ބްރައުން، ޖޭ. އެސް. އެންޑް  ކޮލިންސް، އޭ. އެންޑް ޑުގުއިޑް، ޕީ. (1989) ސިޗުއޭޓެޑް ކޮގްނިޝަން އެންޑް ދަ ކަލްޗަރ އޮފް ލަރނިންގ. އެޑިއުކޭޝަން ރިސާރޗަރ.

ކޮލިންސް، އޭ. އެންޑް ބްރައުން، ޖޭ. އެސް. ނިއުމަން. އެސް. އީ. (1998). ކޮގްނިޓިވް އެޕްރެންޓިސްޝިޕް. ތިންކިންގ:ދަ ޖާރނަލް އޮފް ފިލޯސަފީ ފޮރ ޗިލްދްރެން.

އެމް. ރޮބިންސް. ޕީ. (2009) ދަ ކެމްބްރިޖު ހޭންޑްބުކް އޮފް ސިޗުއޭޓެޑް ކޮގްނިޝަން. ނިއުޔޯކު، އެން ވައި: ކެމްބްރިޖު ޔުނިވަރސިޓީ ޕްރެސް.

މާއްދާގެ އަތްމަތީ ކަރުދާސް. (2019). ސިޗުއޭޓެޑް ކޮގްނިޝަން. އެމް.އެން.ޔޫ.

މާއްދާގެ އަތްމަތީ ކަރުދާސް. (2019). އޮތެންޓިކް އެސެސްމެންޓް. އެމް.އެން.ޔޫ.

މާއްދާގެ އަތްމަތީ ކަރުދާސް. (2019). ކޮގްނިޓިވް އެޕްރެންޓިސްޝިޕް. އެމް.އެން.ޔޫ.








No comments: