Featured Post

Ombey

Friday, May 17, 2019

ramalha'an mahugai



رمضان كريم


1-    ބިސްމި ކިޔުމުގެ މާތްކަން:

بسم الله الرحمن الرحيم ﷲގެ އިސްމުފުޅުން  ( ފަށަމެވެ. ) އެއިލާހީ ރަޙްމަތްވަންތަ ރަޙްމަތް ލައްވާ އިލާހެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުންގެ ތެރެއިން މީހަކު ކަނީ ކަމުގައި ވަނީ ނަމަ ﷲ ގެ އިސްމުފުޅުން (އެބަހީ ބިސްމި ﷲ) ކިޔާށެވެ. ކެއުމުގެ ކުރީގައި ﷲ ގެ އިސްމުފުޅު ކިއުމަށް ހަނދާން ނެތިއްޖެ ނަމަ (އެބަހީ ކާން ފަށާފަހުން ހަނދާންވެއްޖެ ނަމަ) بِسْمِ اللهِ أوَّلَهُ وَآخِرَهُ މިފަދައިން ކިޔާށެވެ.“

ޢުމަރު ބިން އަބީ ސަލަމާ ވިދާޅުވިއެވެ. ތިމަން ކުޑަކުއްޖެއްކަމުގައި ވީ އިރު ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކޮޓަރިކޮޅުގައި ވީމެވެ. ކާތަކެތި ހުންނަ ދޮލަނގުގެ އެތަން މިތާގައި ތިމަންގެ އަތްފޯރުވައި އުޅުނީމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިމަންނާއަށް ޙަދީޘްކުރެއްވިއެވެ. ”އޭ ފިރިހެން ކުއްޖާއެވެ! ﷲ ގެ އިސްމުފުޅު ކިޔާށެވެ. އަދި ތިބާގެ ކަނާއަތުން ކާށެވެ. އަދި ތިބާގެ ކައިރިން ކާށެވެ.“

2-    ކޮންމެ ނަމާދެއްގެ ފަހުގައި އާޔަތުލް ކުރުސި ކިޔުން:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. " ކޮންމެ ނަމާދެއްގެ ފަހުގައި އާޔާތުލް ކުރުސި ކިޔާމީހާ ސުވަރުގެ ވަނުމާއި ދެމެދު މަރުވުން ފިޔަވައި އެހެން ހުރަހެއް ނުވެއެވެ. "

3-    ސަލާމް ކުރުން.

السلام عليكم ورحمة الله وبركاته“ މާނައަކީ: ތިބާގެ މައްޗަށް ސަލާމަތްކަމާ ﷲ ގެ ރަޙުމަތާ ބަރަކާތްހުއްޓެވެ.

ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސަލަމް ހަދީޘްކުރެއްވިއެވެ. ”ތިޔަބައިމީހުން އީމާންވެއްޖައުމަށް ދާންދެން ތިޔަބައިމީހުން ސުވަރުގެ ނުވަންނަހުއްޓެވެ. އަދި ތިޔަބައިމީހުން އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެއްޖައުމަށް ދާންދެން ތިޔަބައިމީހުން އީމާންވީކަމުގައި ނުވާހުއްޓެވެ. އަދި އެކަމެއް ކޮށްފިނަމަ އޭގެ ސަބަބުން ތިޔަބައިމީހުންގެ މެދުގައި ލޯބިއުފެދި އެއްބައިވަންތަކަން އިތުރުވެ އާލާވެގެންދާނޭ ކަމެއް ތިޔަބައިމީހުންނަށް ތިމަންކަލޭގެފާނު ބުނެދެއްވަން ހެއްޔެވެ؟  (އެކަމަކީ) ތިޔަބައިމީހުންގެ މެދުގައި ސަލާމްކުރުމުގެ އާދަ ޢާއްމުކޮށް ފަތުރާށެވެ.“ (މުސްލިމް)

4-    ދުޢާކުރުން.

މާތްﷲ ވަޙީކުރައްވާފައިވެއެވެ " وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ فَلْيَسْتَجِيبُواْ لِي وَلْيُؤْمِنُواْ بِي لَعَلَّهُمْ يَرْشُدُونَ "  - سورة البقرة: 186-

މާނައީ: " ތިމަންރަސްކަލާނގެ އަޅުން ތިމަންރަސްކަލާނގެއާއި ދެމެދު ކަލޭގެފާނަށް ސުވާލު ދަންނަވައިފިނަމަ، ތިމަންރަސްކަލާނގެއަށް ދަންނަވާ ދުޢާއަށް ތިމަންރަސްކަލާނގެ އިޖާބަދެއްވަމުއެވެ. ވީމާ، އެބައިމީހުން ތިމަންރަސްކަލާނގެ އަމުރުފުޅުތަކަށް އިޖާބަދޭހުށިކަމެވެ. އަދި ތިމަންރަސްކަލާނގެއަށް އީމާންވާހުށިކަމެވެ. އެބައިމީހުންނަށް ހެޔޮމަގެއް ފެނޭތޯއެވެ."

އަބޫހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ދުޢާއަށްވުރެ ވަކީން ލޮބުވެތި ޢަމަލެއް ﷲ ގެ ޙަޟްރަތުގައިނުވެއެވެ.

5-    ހިނިތުންވުން:

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. " އަދި ތިބާގެ އަޚާގެ ކުރިމަތީގައި ހިނިތުންވެލުމަކީ ޞަދަގާތެކެވެ."

6-    ޛިކުރު ކުރުން.

يَا أَيُّهَا الَّذِينَ آمَنُوا اذْكُرُ‌وا اللَّـهَ ذِكْرً‌ا كَثِيرً‌ا} (سورة الأحزاب 41 ) " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ގިނަވެގެންވާ ހަނދުމަކުރުމަކުން ﷲ ތަޢާލާ ހަނދުމަކުރާށެވެ."

{وَالذَّاكِرِ‌ينَ اللَّـهَ كَثِيرً‌ا وَالذَّاكِرَ‌اتِ أَعَدَّ اللَّـهُ لَهُم مَّغْفِرَ‌ةً وَأَجْرً‌ا عَظِيمًا } (سورة الأحزاب 35) " ގިނަގިނައިން  ﷲ ތަޢާލާ ހަނދުމަކުރާ ފިރިހެނުންނާއި އަދި ގިނަގިނައިންތަޢާލާ ހަނދުމަކުރާ އަންހެނުން ދަންނައެވެ. އެބައިމީހުންނަށްޓަކައި  ތަޢާލާ ފާފަފުއްސެވުމާއި މަތިވެރިވެގެންވާ އަޖުރު ތައްޔާރުކުރެއްވުއެވެ."

رَسُولُ الله صَلّي الله عَلَيْهِ  وَسَلّمَ  ޙަދީޘްކުރެއްވިއެވެ. " އެމީހަކު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަކުރާ މީހާއާއި އަދި އެމީހަކު ހައްދަވާ ބޮޑުކުރެއްވި ރަސްކަލާނގެ ހަނދުމަނުކުރާ މީހާގެ މިސާލަކީ ދިރިހުރި މީހަކާއި މަރުވެފައިވާ މީހެއްގެ މިސާލެވެ." رواه البخاري

7-    ޤުރުއާން ކިޔެވުން.

رسول الله صلّى الله عليه وسلّم، حديث ފުޅުކުރެއްވިއެވެ. " خَيْرُكُمْ مَنْ تَعَلَّمَ الْقُرْآنَ وَعَلَّمَهُ " (رواه البخاري) މާނައީ: " ތިޔަބައިމީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ މީހަކީ ޤުރުއާން އުނގެނި އެޤުރުއާން އުނގަންނައިދޭ މީހާއެވެ."

އަދިވެސް رسول الله صلّى الله عليه وسلّم، حديث ފުޅު ކުރައްވާފައިވެއެވެ. " الماَهِرُ بِالْقُرْآنِ مَعَ السَّفَرَةِ الْكِرَامِ الْبَرَرَةِ " (متّفق عليه) މާނައީ: " ޤުރުއާން ކިޔެވުމުގައި މާހިރުމީހާ ވާހުށީ ވަޙީ ލިޔުއްވާ މާތް މަލާއިކަތުންނާ އެކުގައެވެ."

8-    މައިންބަފައިންނަށް ކަމޭހިތުން:

އިބުނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުގައި ތިމަންކަލޭގެފާނު ސުވާލުދެންނެވީމެވެ. " ﷲއަށް އެންމެ ލޮބުވެތިވެގެންވަނީ ކޮން ޢަމަލެއްތޯއެވެ؟" ޙަދީޘްކުރެއްވިއެވެ. "ނަމާދު އޭގެ ވަޤުތުގައި އަދާކުރުމެވެ." ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. "އެޔަށްފަހު މައިންބަފައިންނަށް އޯގާތެރިކޮށް ހިތުމެވެ." ދެންނެވިއެވެ. އެޔަށްފަހު ކޮންކަމެއްތޯއެވެ؟"  ޙަދީޘްކުރެއްވިއެވެ. " ﷲގެ މަގުގައި ޖިހާދުކުރުމެވެ."

ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. " وَوَصَّيْنَا الْإِنسَانَ بِوَالِدَيْهِ حَمَلَتْهُ أُمُّهُ وَهْنًا عَلَىٰ وَهْنٍ" سورة لقمان: 14 މާނައީ: " އަދި އިންސާނާއަށް އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަންއިލާހު އޭނާއަށް ވަސިއްޔަތް ކުރެއްވީމެވެ. އޭނާގެ މަންމަ އޭނާއާއިގެން ބަލިވެއިނީ ބަލިކަށިކަމުގެ މައްޗަށް ބަލިކަށިކަމާއި އުނދަގޫ އުފުލާ ޙާލުގައެވެ."

9-    ޞަދަޤާތްކުރުން:

سبحانه و تعالى ވަޙީ ކުރައްވާފައިވެއެވެ.

﴿الَّذِينَ يُنفِقُونَ أَمْوَالَهُم بِاللَّيْلِ وَالنَّهَارِ سِرًّا وَعَلَانِيَةً فَلَهُمْ أَجْرُهُمْ عِندَ رَبِّهِمْ وَلَا خَوْفٌ عَلَيْهِمْ وَلَا هُمْ يَحْزَنُونَ﴾ سورة البقرة 274 -  " سبحانه و تعالىގެ ވަޖުހުފުޅު އަދައިގެން، ރެޔާއި ދުވާލު، ސިއްރާއި ފާޅުގައި ހޭދަކުރާ މީހުން ދަންނާށެވެ! ފަހެ އެބައިމީހުންނަށްޓަކައި ﷲ سبحانه و تعالىގެ ޙަޟްރަތުގައި މަތިވެރި ވެގެންވާ ދަރުމައާއި ޘަވާބު ހުއްޓެވެ. އަދި އެބައިމީހުންގެ މައްޗަކަށް ބިރެއް ނެތެވެ. އަދި އެބައިމީހުންނަކީ ހިތާމަ ކުރާނެ ބަޔަކު ކަމުގައި ވެސް ނުވެއެވެ."

ނަބިއްޔާ ޙަދީޘްކުރައްވާފައިވެއެވެ. " الصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ " - حسنه الترمذي " ޞަދަޤާތުގެ ސަބަބުން، ފެނުން އަލިފާން ނިވިގެންދާ ފަދައިން ޞަދަޤާތުގެ ސަބަބުން ފާފަތައް ފުހެވިގެންދެއެވެ. "

10-            ބަންގިއަށް އިޖާބަ ދިނުން

އިމާމް މުސްލިމް ރިވާކުރައްވާފައިވާ ޙަދީޘް އެއްގެ މާނައިގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  " މުއައްޛިނު ބަންގިގޮވާއަޑު އަޑު ތިޔަބައިމީހުންނަށް އަޑު އިވިއްޖެނަމަ އޭނާ ކިޔާފަދައިން ތިޔަބައިމީހުންވެސް ކިޔާށެވެ. "

މުއައްޛިނު ބަންގި ގޮވާ އަޑު އިވުމުން ((حي على الصلاة އަދި حي على الفلاح )) މިދެ ކަލިމަ ފިޔަވައި އެހެން ކަލިމަތައް ކިޔަމުންދާނީ މުއައްޛިނު ކިޔާފަދައިންނެވެ. ނަމަވެސް މުއައްޛިނު حي على الصلاة  ކިޔުމުން ކިޔާނީ لا حول ولا قوة إلا بالله  އެވެ. އަދި މުއައްޛިނު حي على الفلاح ކިޔުމުންވެސް ކިޔާނީ لا حول ولا قوة إلا بالله  އެވެ.

އަދި އެކަލޭގެފާނުގެ އަރިހުން އައިސްފައިވެއެވެ. މިގޮތަށް މުއައްޛިންގެ ފަހަތުން ބަންގީގެ ކަލިމަތައް ޔަގީންކަމާއެކު ކިޔާ މީހާ ސުވަރުގެ ވަންނަ ހުށްޓެވެ.

11-            ބަންގި ދުޢާ ކިޔުން.


ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ތިޔަބައިމީހުންނަށް ބަންގީގެ އަޑުއިވިއްޖެނަމަ މުއައްޛިން ކިޔާފަދައިން ކިޔާށެވެ. ދެން ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. ދެން ތިމަންކަލޭގެފާނަށްޓަކައި ވަސީލަތަށް އެދި ދުޢާކުރާށެވެ. އަދި ތިމަންކަލޭގެފާނަށްޓަކައި ވަސީލަތަށް އެދި ދުޢާ ކުރާމީހާއަށް ތިމަންކަލޭގެފާނު ޤިޔާމަތް ދުވަހުން ޝަފާޢަތްތެރިވެ ވޮޑިގަންނަވާ ހުށީމެވެ. "

ބަންގި ދުޢާ: اللَّهُمَّ رَبَّ هَذِهِ الدَّعْوَةِ التَّامَّةِ، وَالصَّلاةِ الْقَائِمَةِ، آتِ مُحَمَّدًا الْوَسِيلَةَ وَالْفَضِيلَةَ، وَابْعَثْهُ مَقَامًا مَحْمُودًا الَّذِي وَعَدْتَهُ " އޭ މިފުރިހަމަވެގެންވާ ގޮވާލުމާއި، މިޤާއިމުވާ ނަމާދުގެ ވެރިރަސްކަލާކޮ! މުޙައްމަދުގެފާނަށް ވަސީލަތާއި މަތިވެރިކަން ދެއްވާނދޭވެ! އަދި އިބަﷲ އެކަލޭގެފާނަށް ވަޢުދު ކުރެއްވި ޙަމްދު ލިބިގެންވާ މަޤާމަށް އެކަލޭގެފާނު ފޮނުއްވާނދޭވެ! "

12-            ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޞަލަވާތް ކިޔެވުން.

عن عبد الله بن مسعود رضي الله تعالى عنه، أنَّ رسول الله صلى الله عليه وسلَّم قال:  أولى النَّاس بي يوم القيامة أكثرُهم عليَّ صلاةً. އިބްނު މަސްޢޫދު ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ޤިޔާމަތްދުވަހުން ތިމަންކަލޭގެފާނުގެ މައްޗަށް އެންމެ އައުލާކަން ބޮޑު ބަޔަކީ ތިމަންކަލޭގެފާނުގެ މައްޗަށް އެންމެ ގިނައިން ޞަލަވާތް ކިޔެވި ބައެކެވެ. "

13-            ވުޟޫ ދުޢާކިޔުން .

ވުޟޫ ދުޢާގެ މާތްކަމާ މެދު ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރައްވާފައިވާކަމުގައި ޢުމަރު ރަޟިޔަﷲ ޢަންހު ރިވާކުރައްވާފައިވާ ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތީގެތެރެއިން އެއްވެސް ބޭކަލަކު ފުރިހަމަ ވުޟޫއެއް ކުރެއްވުމަށްފަހު: ” أَشْهَدُ أَنْ لاَ إِلَهَ إِلاَّ اللَّهُ وَحْدَهُ لاَ شَرِيكَ لَهُ وَأَنَّ مُحَمَّدًا عَبْدُهُ وَرَسُولُهُ މިފަދައިން ކިޔައިފިނަމަ އެމީހަކު ސުވަރުގެއަށް ވަނުމަށްޓަކައި ދޮރެއް އިޚްތިޔާރުކުރުމަށް ސުވަރުގޭގެ 8 ދޮރުކޮޅު ހުޅުވާލެވިގެންދާނެއެވެ.” رواه مسلم

އަދި މިފަދައިން ކިޔުންވެސް ސުންނަތް ވެގެންވެއެވެ. اَللَّهُمَّ اجْعَلْنِيْ مِنَ التَّوَابِيْنَ وَاجْعَلْنِيْ مِنَ الْمُتَطَهِّرِيْنَرواه الترمذي މާނައީ: " އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! ތައުބާވާ މީސްތަކުންނާއި ޠާހިރުވާ މީސްތަކުންގެ ތެރެއިން މިއަޅާ ލައްވާނދޭވެ! "

14-            އިސްތިޣްފާރު ކުރުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ''ކަލޭމެންގެ ތެރެއިން މީހަކު، ފަޅު ސަހަރާއެއްގައި ޖަމަލުގެއްލިފައި ހުއްޓާ (ސަވާރީއެއްގެ ގޮތުގައި ގެންގުޅުނު)، ކުއްލިއަކަށް އޭތިފެނުމުން އުފާވާވަރަށް ވުރެ ބޮޑަށް، އަޅަކު ތައުބާވުމުން ﷲ އުފާވެވޮޑިގަންނަވައެވެ.'' (رواه البخاري)

فَقُلْتُ اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّاراً -ނޫޙް 10 - މާނައަކީ: ''ފަހެ ތިމަން ކަލޭގެފާނު ވިދާޅުވީމެވެ. ތިޔަބައި މީހުން ހެއްދެވި ރަސްކަލާނގެ ޙަޟްރަތަށް އިސްތިޣްފާރު ކޮށް ދަންނަވާށެވެ. ހަމަ ކަށަވަރުން ވެސް، އެކަލާނގެ އީ، ފާފަ ފުއްސަވާ ރަސްކަލާނގެއެވެ.''

15-           އެހީތެރިވުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. " މުއުމިނަކަށް ދުނިޔަވީ މުޞީބާތެއް ނުވަތަ ދަތިކަމެއް ދުރުކޮށްދީފިމީހާއަށް ޤިޔާމަތް ދުވަހުގެ މުޞީބާތްތަކުން މުޞީބާތެއް ﷲ ތަޢާލާ ދުރުކޮށްދެއްވާނެއެވެ.އަދި ދަތިވެފައިވާ މީހަކަށް ތަނަވަސްކޮށްދީފި މީހަކަށް މާތްﷲ ދުނިޔެއާއި އާޚިރަތުގައި ތަނަވަސްކޮށް ދެއްވާނެއެވެ. އަދި މުސްލިމެއްގެ ޢައިބެއް ފޮރުވައިފި މީހަކަށް މާތްﷲ ދުނިޔެއާއި އާޚިރަތުގައި އޭނާގެ ޢައިބު ފޮރުއްވައިދެއްވާނެއެވެެ. އަދި އަޅާ އޭނާގެ އަޚާއަށް އެހީތެރިވުމުގައި ވާހާހިނދެއްގައި މާތްﷲ އެމީހެއްގެ ޙާޖަތްތައް ފުއްދަވައިދެއްވުމުގައި ދެމިވޮޑިގެންވެއެވެ. "



ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. " އަދި ހެޔޮކަންތައް ކުޅައުމާއި، تقوى ވެރިވުމުގެ މައްޗަށް ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރިވާށެވެ! އަދި ފާފަވެރިވުމާއި عداوة ތެރިވުމުގެ މައްޗަށް، ތިޔަބައިމީހުން އެކަކު އަނެކަކަށް އެހީވެ، ވާގިވެރި ނުވާށެވެ! " (އަލްމާއިދާ 2)

16-        ނިދުމުގެ ކުރިން އާޔަތުލް ކުރުސި ކިޔުން.

އަބޫ ހުރައިރާގެ އަރިހުން އައިސްފައިވާ ހަދީސެއްގައި ވެއެވެ. ޝައިޠާނާ އަބޫހުރައިރާއަށް ދެންނެވިއެވެ. " ތިބާ ނިދަން އޮށޯވެއްޖެނަމަ، އާޔަތުލް ކުރުސި ކިޔާށެވެ. ފަހެ ހަމަކަށަވަރުން އޭރުން، ތިބާ ރައްކާތެރިކުރައްވާ މަލާއިކަތެއް ފަތިސްވަންދެން ތިބާގެ ގާތުގައި ހުންނާނެއެވެ. އަދި ތިބާއާ ޝައިޠާނާ ހަމަކަށަވަރުން ކައިރިވެސް ނުވާނެއެވެ." ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް އަބޫހުރައިރާ މިވާހަކަ ދެންނެވުމުން ޙަދީޘްކުރެއްވިއެވެ. " އޭނާއަކީ ބޮޑުވެގެންވާ ދޮގުވެރިއެއް ކަމުގައިވިޔަސް މިފަހަރު އޭނާ އެބުނީ ތެދެކެވެ. " رواه البخاري

17-            ނިދުމުގެ ކުރިން އިޚްލާޞް ފަލަޤް ނާސް ތިން ސޫރަތް ކިޔެވުން.

ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެން ވެއެވެ. " ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެކަލޭގެފާނުގެ ދާންމަތިކޮޅުގައި އޮށޯވެ ވަޑައިގެން ކޮންމެރެއަކު އެކަލޭގެފާނުގެ ދެއަތްތިލަ ކައިރިކުރައްވައި އެދެއަތްތިލައަށް ފުމެލައްވައި އެދެއަތްތިލައަށް قُلْ هُوَ اللَّهُ أَحَدٌ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ الْفَلَقِ ސޫރަތާއި އަދި قُلْ أَعُوذُ بِرَبِّ النَّاسِ ސޫރަތް ކިޔަވާ ވިދާޅުވެއެވެ. އަދި އޭގެ ފަހުގައި އެދެއަތްތިލަ އެކަލޭގެފާނުގެ ހަށިކޮޅުގައި އެ ދެއަތްތިލައިން އަތްކޭއްތޭ ހިސާބަކަށް ކާއްތާލައްވައެވެ. ފައްޓަވަނީ އެކަލޭގެފާނުގެ ބޮލާއި މޫނުން އަދި ހަށިގަނޑުގެ ކުރިމަތިންނެވެ. އެފަދައިން ތިންފަހަރު އެކަލޭގެފާނު ކަންތައްކުރައްވައެވެ. " رواه البخاري

18-        ރޭގަނޑު ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް ކިޔެވުން:

އަބޫ މަސްޢޫދުލް އަންޞާރީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.  " ބަޤަރާ ސޫރަތުގެ ފަހު ދެ އާޔަތް، ރޭގަނޑެއްގައި ކިޔަވައިފިމީހާއަށް، އެދެއާޔަތް ފުދިގެން ވެއެވެ. "  - البخاري ومسلم

ބައެއް ޢިލްމުވެރިން މީގެ މާނައިގައި ވިދާޅުވަނީ ރައްކާތެރިކަމަކަށް ފުދިގެންވާ ކަމަށެވެ. އަނެއްބައި ޢިލްމުވެރިން ވިދާޅުވަނީ ރޭއަޅުކަމަށް ފުދިގެންވާ ކަމުގައެވެ. މި ދެބަސްފުޅުވެސް ޞައްޙައެވެ.

19-            ރޭގަނޑު މުލްކު ސޫރަތް ކިޔެވުން.

ޖާބިރު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެން ވެއެވެ. ސަޖިދަ ސޫރަތާއި މުލްކު ސޫރަތް ކިޔަވާވިދާޅު ނުވެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަވަހާރަފުޅުލައްޕަވާ ކަމުގައި ނުވެއެވެ. صححه الألباني

އަބޫ ހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. " ހަމަކަށަވަރުން ކީރިތި ޤުރުއާނުގައި 30 އާޔަތް ވާ ސޫރަތެއް ވެއެވެ. އެ ސޫރަތް ކިޔަވާ މީހާއަށް އެމީހާގެ ފާފަތައް ފުހެވިއްޖައުމަށް ދަންދެން އެސޫރަތް ޝަފާޢަތްތެރިވާނެއެވެ. އެ ސޫރަތަކީ تَبَارَكَ الَّذِي بِيَدِهِ الْمُلْكُ އެވެ."  حسنه الشيخ الألباني

20-            ކޮންމެ ދުވަހަކު މިޛިކްރު 100 ފަހަރު ކިޔުން.

" لَا إِلَهَ إِلَّا اللهُ، وَحْدَهُ لَا شَرِيكَ لَهُ، لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " ދުވާލަކު ސަތޭކަފަހަރު މިޛިކުރުކޮށްފިމީހާ ދަންނައެވެ. އޭނާ ދިހަ އަޅުން މިނިވަންކުރި ފަދައެވެ. އަދި އޭނާއަށް ސަތޭކަ ހެޔޮކަން ލިޔުއްވޭނެއެވެ. އަދި އޭނާގެ ކިބައިން ސަތޭކަ ފާފަ ފުއްސެވޭނެއެވެ. އަދި އެދުވަހު ހަވީރުވަންދެން ޝައިޠާނާގެ ކިބައިން އޭނާ ރައްކާތެރިކުރެވޭނެއެވެ. އަދި އޭނާއަށްވުރެ ގިނައިން މިޛިކުރުކުރިމީހަކު މެނުވީ އޭނާއަށްވުރެ މާތްޢަމަލެއްކޮށްގެންހުރި ހަމައެކަކުވެސް ނުހުންނާނެއެވެ." رواه البخاري ومسلم

21-            ނިދުމުގެ ކުރިން ވުޟޫ ކުރުން.

ރަސޫލުﷲ ޞައްލަﷲ ޢަލައހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " ތިބާ ނިދަން އައިސްފިނަމަ ފަހެ ނަމާދަށް ވުޟޫކުރާފަދައިން ވުޟޫކުރާށެވެ. ދެން އޭގެފަހުގައި ތިބާގެ ކަނާއަތްފަރާތަށް ވާގޮތަށް އޮށޯއޮންނާށެވެ." البخاري

ވުޟޫމަތީގައި ނިދާ މީހާއަށް ފާފަ ފުއްސެވުންއެދި ދުޢާކުރުމަށް މަލާއިކަތަކު އޭނާގެ ކައިރީގައި ހުންނާނެކަމަށް ނަބަވީ އިރުޝާދުތަކުން ސާބިތުވެއެވެ.

22-            ބަލިމީހުންނަށް ޒިޔާރަތް ކުރުން.

އަބޫޙުރައިރާ رَضِيَ اللَّهُ عَنْهُ ވިދާޅުވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާތީ އަޑުއެއްސެވީމެވެ. " އެއް މުސްލިމަކު އަނެއް މުސްލިމެއްގެ މައްޗަށް އަދާކުރަންޖެހޭ ފަސް ޙައްޤެއްވެއެވެ. އެއީ ސަލާމް ގޮވާހިނދު އޭގެ ޖަވާބުދިނުމާއި، ބަލިވެއުޅޭއިރު އޭނާއަށް ޒިޔާރަތްކުރުމާއި، މަރުވުމުން ޖަނާޒާގައި ބައިވެރިވުމާއި، (ކެއުމަށް) ދަޢުވަތެއް ދެވޭހިނދު އެދަޢުވަތު ޤަބޫލުކުރުމާއި، ކިނބިހި އަޅާހިނދު الحمد للَّه ކިޔައިފިމީހާއަށް ޖަވާބުގައި يَرْحَمُكَ اللَّهُ މިފަދައިން ބުނުމެވެ." رواه البخاري

ޢަލީ رضي الله عنه ވިދާޅުވިއެވެ. ރަސޫލާ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޙަދީޘް ކުރައްވާތީ އަޑުއެއްސެވީމެވެ. " ދުވާލުގެ ކުރީކޮޅު (އެބަހީ: ހެނދުނު ވަގުތުގައި) މުސްލިމަކު، އެނާގެ ބަލި އަޙާއަށް ޒިޔާރަތްކޮށްފިނަމަ، ހަތްދިހަ ހާސް މަލާއިކަތުން ހަވީރުވަންދެން އޭނާގެ މައްޗަށް ދުޢާ ކުރާ ކަމުގައި މެނުވީ ނުވެއެވެ. އަދި ދުވާލުގެ ފަހުކޮޅު (ހަވީރު ވަގުތުގައި) އޭނާ، ޒިޔާރަތްކޮށްފިނަމަ، ހަތްދިހަ ހާސް މަލާއިކަތުން ފަތިސްވަންދެން އޭނާގެ މައްޗަށް ދުޢާ ކުރާ ކަމުގައި މެނުވީ ނުވެއެވެ. އަދި އޭނާއަށް ދޮންވެ ފައްކާކުރެވިފައިވާ މޭވާތައް ސުވަރުގޭގައި ވެއެވެ." صححه الألباني

23-            ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔެވުން.

ނަބިއްޔާ صلى الله عليه وسلم ޙަދީޘްފުޅު ކުރައްވާފައިވެއެވެ. " ހުކުރު ދުވަހު ކަހްފު ސޫރަތް ކިޔަވައިފި މީހާއަށް ދެން ޖެހިގެން އަންނަ ހުކުރާއި ހަމައަށް އަލިކޮށްދެނިވި ނޫރެއް ލެއްވިގެންވެއެވެ."

24-            ﷲ އަށް ޙަމްދު ކުރުން.

ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. " ތިޔަބައި މީހުން ޝުކުރު ކޮށްފިނަމަ ތިމަން އިލާހު ތިޔަބައިމީހުންނަށް އިތުރު ކޮށްދެއްވާހުށީމެވެ. " – إبراهيم 7 -

އަދިވެސް ބަޤަރާ ސޫރަތުގެ 172 ވަނަ އާޔަތުގައި ވަޙީކުރައްވަނީ " އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިމަންއިލާހު ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި اللَّهއަށް އަޅުކަންކުރާ ކަމުގައިވާނަމަ،  އެކަލާނގެއަށް ޝުކުރުވެރިވާށެވެ. "

25-            " سبحان الله " 100 ފަހަރު ކިޔުން.

ރަސޫލާ ޞައްލަޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " ކޮންމެ ދުވަހަކު، 100ފަހަރު سُبْحَانَ الله وَبِحَمْدِهِ، މިފަދައިން ކިޔާމީހާގެ ފާފަތައް ފުހެވިދާހުއްޓެވެ. އެއީ ކަނޑުގެ ފޮނުގަނޑުހާ ގިނަކަމުގައި ވިޔަސްމެއެވެ."  - ބުޚާރީ، މުސްލިމް –

26-            މީހަކަށް ރޯދަވީއްލުން ދިނުން.

ކީރިތި ރަސޫލ صلى الله عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. " ރޯދަވެރިއަކަށް ރޯދަވީއްލުން ދީފި މީހަކަށް އެ ރޯދަވެރިޔާއަށް ލިބޭ އަޖުރުން އެއްވެސް މިންވަރެއް އުނިވުމެއް ނެތި އޭނައަށްވެސް ލިބޭ ހުއްޓެވެ."  رواه الترمذي

27-            ފަސްނަމާދަށްފަހު ޛިކުރު ކިޔުން.

ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. " ކޮންމެ ފަރުޟު ނަމާދެއްގެ ފަހުގައި، 33ފަހަރު، ﷲއަށް ތަސްބީޙަ ކިޔާ، 33 ފަހަރު ޙަމްދުކޮށް، 33 ފަހަރު ތަކްބީރު ކިޔާށެވެ.  އޭރުންއެވީ  99 އެވެ. އަދި 100 ހަމަކުރުމުގެ ގޮތުން، لاَ إلَه إلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ, لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَي كُـلِّ شَيْئٍ قَــدِيْرُ  މިފަދައިން ކިޔައިފިނަމަ، އެމީހެއްގެ ފާފަތައް ފުހެވި ދާހުއްޓެވެ. އެއީ އެފާފަތައް ކަނޑުގެ ފޮނުގަނޑުހާ ގިނަކަމުގައި ވިޔަސްމެއެވެ." (މުސްލިމް)



28-            سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ ގިނަގިނައިން ކިޔުން:

ރަސޫލު ޞައްލަ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.

" ދޫމައްޗަށް ލުއި ދެކަލިމައެއްވެ އެވެ. (އަދި އެ ދެކަލިމައަކީ) ޤިޔާމަތް ދުވަހުގައި މީޒާނުގައި ބަރު ދެ ކަލިމައެކެވެ. (އަދި އެ ދެކަލިމައަކީ) ރަޙްމާންވަންތަ އިލާހު ލޯބިވެވޮޑިގަންނަވާ ދެ ކަލިމައެކެވެ. سُبْحَانَ اللَّهِ وَبِحَمْدِهِ سُبْحَانَ اللَّهِ الْعَظِيمِ އެވެ."

(سُبْحَانَ اللَّهِ وَبِحَمْدِهِ) :

ހަމަކަށަވަރުން ތިބާ، ﷲ ތަޢާލާ އެންމެހައި އުނި ކަންތައްތަކުންނާއި ޢައިބު ސިފަތަކުން ހުސްޠާހިރުވަންތަ ކުޅައުމެވެ. އަދި ﷲ އީ އެންމެހައި ގޮތްތަކުން ފުރިހަމަކަން ލިބިވޮޑިގެންވާ ފަރާތެއްކަމުގައި (ޤަބޫލު) ވުމެވެ. 

(سُبْحَانَ اللَّهِ الْعَظِيمِ):

މާތް މަތިވެރިވަންތަ އިލާހުކަމުގައިވުމެވެ. އަދި އެ އިލާހަށްވުރެ ވެރިކަމުގައި، ކުޅަދުންވަންތަ ކަމުގައި، ޙިކްމަތްވަންތަ ކަމުގައި އަދި ޢިލްމުފުޅުގައި ބޮޑުވެގެންވާ ފަރާތެއް ނުވާކަމެވެ.

29-            ވިތުރި ނަމާދު ކުރުން.

ޞަޙީޙުލް ބުޚާރީގައި އަބޫހުރައިރާ رضي الله عنه ގެ އަރިހުން އައިސްފައިވެއެވެ. ((أَوْصَانِي خَلِيلِي بِثَلاَثٍ لاَ أَدَعُهُنَّ حَتَّى أَمُوتَ: صَوْمِ ثَلاَثَةِ أَيَّامٍ مِنْ كُلِّ شَهْرٍ، وَصَلاَةِ الضُّحَى، وَنَوْمٍ عَلَى وِتْرٍ))

" ތިމަންކަލޭގެފާނުގެ ގާތް އެކުވެރިޔާ (ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ) ތިން ކަމަކަށް ތިމަންކަލޭގެފާނަށް ވަޞިއްޔަތްކުރެއްވިއެވެ. އަދި އެތިން ކަންތައް ތިމަންކަލޭގެފާނު މަރުވެއްޖައުމަށް ދާންދެން ދޫކޮށްނުލާނަމައެވެ. އެއީ ކޮންމެ މަހަކުވެސް ތިން ދުވަހު ރޯދަ ހިފުމާއި، ކޮންމެ ދުވަހަކުވެސް ޟުޙާ ނަމާދު ކުރުމާއި އަދި ނިދުމުގެ ކުރިން ވިތްރި ނަމާދު ކުރުމެވެ."

30-            ފަތިސްނަމާދުގެ ސުންނަތް ކުރުން.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " ފަތިސްނަމާދުގެ އިހު ސުންނަތުގެ ދެރަކުޢަތް، ދުނިޔެއާ ދުނިޔޭގެ ވާހާ ތަކެއްޗަކަށްވުރެ ހެޔޮކަން ބޮޑުވެގެންވެއެވެ."  رواه مسلم




No comments: