ލިޔުނީ: ޒީނަތު ލަބީބު.
ﷲތަޢާލާގެ އިސްމުފުޅުތަކާއި ޞިފަފުޅުތައް ދެނެގަތުމަކީ
ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި މިކަން ކުރަންޖެހޭނީ ކީރިތި ޤުރުއާނާއި
ޞައްޙަ ސުންނަތުގެ އަލީގައެވެ. އެގޮތުން ކީރިތި ޤުރުއާނުގެ އާޔަތްތަކުންނާއި ﷲ ގެ ރަސޫލާ
ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޡުން، ޞައްޙަކޮށް ވާރިދުވެފައިވާ 99 އިސްމުފުޅެއް
ވެއެވެ.
އަބޫ ހުރައިރާ ރަޟިޔަﷲ ޢާންހުގެ އަރިހުން
ރިވާވެފައިވެއެވެ. ހަމަކަށަވަރުން ﷲ ގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޡްކުރައްވާފައިވެއެވެ. إِنَّ لِلَّهِ
تِسْعَةً وَتِسْعِينَ اسْمًا ، مِائَةً غَيْرَ وَاحِدَةٍ ، مَنْ أَحْصَاهَا
كُلَّهَا دَخَلَ الْجَنَّةَ.
މާނައީ: ހަމަކަށަވަރުން ﷲ އަށް ނުވަދިހަނުވަ
އިސްމުފުޅުވެއެވެ. ސަތޭކަ ހަމަނުވެ އެންމެ އިސްމުފުޅެކެވެ. އެ އިސްމުފުޅުތައް ދަސްކޮށް
އެ އިސްމުފުޅުތަކަށް ދޭންޖެހޭ ޙައްޤުތައް ދީފިމީހަކު
ސުވަރުގެ ވަދެއްޖެއެވެ.
ދުޢާ ކުރުމުގައި ﷲ ގެ އިސްމުފުޅުތައް
ބޭނުންކުރަންޖެހެ އެވެ. މާތް ﷲ ވަޙީކުރައްވާފައިވެ އެވެ. ﴿وَلِلَّـهِ
الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا﴾ {سورة
الأعراف 180} މާނައީ: އެންމެ ރިވެތި އިސްމުފުޅުތައް މިލްކުވެގެންވަނީ ﷲ
އަށެވެ. ފަހެ އެ އިސްމުފުޅުތަކުން ތިޔަބައިމީހުން އެއިލާހުގެ ޙަޟްރަތަށް ދުޢާކުރާށެވެ.
ޤުރުއާނުގެ އާޔަތްތަކުންނާއި ރަސޫލުﷲ
ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘްފުޅުތަކުން ޞައްޙަކޮށް ވާރިދުވެފައިވާ 99 އިސްމުފުޅު
ޖަމާކޮށްގެން ޝެއިޚު މުޙައްމަދު ބުން ޞާލިޙު އަލްޢުޘައިމީން ރަޙިމަހުﷲ، އެކަލޭގެފާނުގެ
ފޮތް "القواعد
المثلى في صفات الله
وأسمائه
الحسنى" ގައި ބަޔާންކުރައްވާފައިވާ 99 އިސްމުފުޅަކީ މިއީއެވެ.
އެގޮތުން ޤުރުއާނުން ގެންނަވާފައިވާ
81 އިސްމުފުޅަކީ:
اللهُ، الأَحَدُ، الأَعْلَى،
الأَكْرَمُ، الإِلهُ، الأَوَّلُ، الآخِرُ، الظَّاهِرُ، الْبَاطِنُ، الْبَارِئُ،
الْبَرُّ، الْبَصِيرُ، التَّوَّابُ، الْجَبَّارُ، الْحَافِظُ، الحَسِيْبُ،
الْحَفِيظُ، الحَفِيُّ، الحَقُّ، الـمُبِيْنُ،الْحَكِيمُ، الْحَلِيمُ، الْحَمِيدُ،
الْحَيُّ، الْقَيُّومُ، الْخَبِيرُ، الْخَالِقُ، الْخَلَّاقُ، الرَّؤُوفُ،
الرَّحْمَنُ، الرَّحِيمُ، الرَّزَّاقُ، الرَّقِيبُ، السَّلامُ، السَّمِيعُ،
الشَّاكِرُ، الشَّكُورُ، الشَّهِيدُ، الصَّمَدُ، الْعَالِمُ، الْعَزِيزُ،
الْعَظِيمُ، الْعَفُوُّ، الْعَلِيمُ، الْعَلِيُّ، الْغَفَّارُ، الْغَفُورُ،
الْغَنِيُّ، الْفَتَّاحُ، الْقَادِرُ، الْقَاهِرُ، الْقُدُّوسُ، الْقَدِيْرُ،
الْقَرِيبُ، الْقَوِيُّ، الْقَهَّارُ، الْكَبِيْرُ، الْكَرِيمُ، اللَّطِيفُ،
الْمُؤْمِنُ، الْمُتَعَالِي، الْمُتَكَبِّرُ، الْمَتِينُ، الْمُجِيبُ، الْمَجِيدُ،
الـمُحِيطُ، الْمُصَوِّرُ، الْمُقْتَدِرُ، الْمُقِيتُ، الْمَلِكُ، الـمَلِيكُ،
الـمَوْلَى، الْمُهَيْمِنُ، النَّصِيرُ، الْوَاحِدُ، الْوَارِثُ، الْوَاسِعُ،
الْوَدُوْدُ، الْوَكِيلُ، الْوَلِيُّ، الْوَهَّابُ.
އަދި ސުންނަތުން ގެންނަވާފައިވާ 18 އިސްމުފުޅަކީ:
الْجَمِيْلُ، الْجَوَادُ، الْحَكَمُ،
الْحَيِيُّ، الرَّبُّ، الرَّفِيْقُ، السُّبُّوحُ، السَّيِّدُ، الشَّافِي،
الطَّيِّبُ، الْقَابِضُ، الْبَاسِطُ، الـْمُقَدِّمُ، الْـمُؤَخِّرُ،
الْـمُحْسِنُ، الْـمُعْطِيْ،
الْـمَنَّانُ، الْوِتْرُ.
މިނަންފުޅުތަކުގެ އިތުރުން ވެސް ވަރަށް ގިނަގުނަ
ނަންފުޅުތައް ﷲތަޢާލާއަށް ވެއެވެ. އީމާންކަމުގެ އަހުލުވެރިންގެ ޢަޤީދާއަކީ ކައުނުގައި
ހިނގާ ހުރިހާކަމެއް ތަދުބީރު ކުރައްވަނީ އެންމެހާ މަޚްލޫޤުތަކުންގެ ވެރި ރައްބުކަމުގައެވެ.
އެއިލާހު އެއްވެސް ކަމަކަށް ނުކުޅެދުންތެރިވެވޮޑިގެން ނުވެއެވެ. އަދި އެއިލާހުގެ ރަޙުމަތަކީ
އޭގެ މިންވަރެއް ނެތް، މަތިވެރިވެގެންވާ ރަޙުމަތެކެވެ.
ތިމާގެ އުޚުރަވީ އަދި ދުނިޔަވީ ޙަޔާތުގައި މެދުވެރިވެފައިވާ
ކަންތައްތައް ފުއްދަވައިދެއްވުން އެދި، އެންމެ އޯގާވަންތަ އިލާހަށް ދުޢާދެންނެވުމުގައި
އިސްވެ މިދެންނެވުނު އިސްމުފުޅުތައް ބޭނުންކުރައްވާށެވެ.
މާތް ﷲއީ ކުޅަދުންވަންތަކަމާއި، އޯގާވަންތަކަމާއި، ފާފަފުއްސުވުމާ
އަދިވެސް އެހެން ސިފަފުޅުތަކުގައި ކޮޅުނެތް ކޮޅަށް ތަނަވަސްވަންތަ އިލާހެވެ.
މާތް ﷲ ގެ ސިފަފުޅުތަކާއިމެދު ވިސްނާ ފިކުރުކުރުމުން ހިތަށް
ފިނިކަންލިބި އުއްމީދުތައް އާވެގެންދެއެވެ. ކުރިމަތިވާ ގޮންޖެހުންތައް ގިރާކޮށް ކުރިޔަށް
ދިޔުމަށްޓަކައި އެހީތެރިވެދޭނެ އޯގާވަންތަ ފަރާތެއް ވާކަން އެނގި، މަޑުޖެހުމެއްނެތި
ތިމާގެ ލަނޑުދަނޑިތަކާއި ހަމައަށް ވާޞިލުވުމަށް މަސައްކަތްކުރުމުގެ ހިތްވަރު އާލާވެގެންދެއެވެ. ﷲގެ ސިފަފުޅުތައް އުނގެނުމުން އެއިލާހުގެ ޢަޛާބަށް
ބިރުވެތިވެވި، ކުށް ފާފަތަކުން ދުރުވުމަށް މަސައްކަތްކުރެވެ އެވެ.
އިންސާނާ ކުރާ ކޮންމެ ހެޔޮކަމަކަށް
ދިހަގުނައިން ފެށިގެން ހަތް ސަތޭކަ ގުނައާ ހަމައަށް އެއިލާހު ޖަޒާ ދެއްވައެވެ. އެކަމަކު
ނުބައި ކަމަކަށް އެކަމެއްގެ މިންވަރަށް މެނުވީ ޖަޒާ ނުދެއްވައެވެ. އަދި ކިއެއްތަ އެއްގޮތަކަށް
ވެސް ޖަޒާ ނުދެއްވައި އަފޫ ކުރެއްވުމަކީވެސް އެކަށީގެންވާކަމެކެވެ. އިންސާނަކު އެއިލާހާ
ކުއްތަންވުމަށް މަސައްކަތް ކުރާނަމަ އިންސާނާ އެ ކުއްތަންވާ މިންވަރަށް ވުރެ ބޮޑަށް
އެއިލާހު އިންސާނާއާ ކުއްތަންވެވޮޑިގަންނަވައެވެ.
ޙަޤީޤަތަށް ދަންނަވާނަމަ، އީމާންކަމުގެ ޙަޤީޤީ ފޮނި މީރުކަން
އިޙްސާސްކުރަން އެންމެ ބޮޑަށް އެހީވެދޭނެ އެއް ކަމަކީ ﷲ ތަޢާލާގެ އިސްމުފުޅުތަކާއި
ސިފަފުޅުތަކާމެދު ތަދައްބަރުކުރުމެވެ. މުއުމިނުންގެ
ގޮތަކީ އޯގާވަންތަ އިލާހުގެ ރަޙްމަތަށް އުންމީދުކުރާޙާލު އެއިލާހުގެ ޢަޛާބަށް ބިރުވެތިވުމެވެ.
No comments:
Post a Comment