Featured Post

Ombey

Thursday, December 20, 2018

mamma eve!


މަންމާއެވެ!
Related image

ލިޔުނީ: ޒީނަތު ލަބީބު.


އެބައެއްގެ ހިތްތައް އަޅުގަނޑުމެންގެ މައްޗަށް ރަޙްމާއި ހަމްދަރުދީން ފުރިފައިވާ ބަޔަކީ އަޅުގަނޑުމެންގެ މައިންބަފައިންނެވެ. އެބައެއްގެ ނިންޖާއި ޢަރާމާއި އުފާ ނަގާލައި އަޅުގަނޑުމެންނަށް އެބައިމީހުންގެ އަމިއްލަ ހަށިގަނޑަށްވުރެވެސް ބޮޑަށް ލޯބިވާ ބަޔަކީ އަޅުގަނޑުމެންގެ މައިންބަފައިންނެވެ. އަމިއްލަޔަށް ބަޑުހައި ހޫނުކަން މަތީގައި އުޅެ އަޅުގަނޑުމެން ބަނޑުފުރާނަ މުއްތިކުރުމަށް ރެއާއި ދުވާލު މަސައްކަތް ކުރާ ބަޔަކީ އަޅުގަނޑުމެންގެ މައިންބަފައިންނެވެ. އެބައެއްގެ ހިތްތަކުގެ ހަމަޖެހުމާއި އަދި ލޯތަކުގެ ފިނިކަން ކަމަށް އަޅުގަނޑުމެންވާ މާތް އޯގާވެރި ބައެކޭ އަޅުގަނޑުމެން މިކިޔަނީ ކޮންބަޔަކަށްތޯއެވެ؟ އެއީ އަޅުގަނޑުމެންގެ ލޮބުވެތި ނިޔަނެތި މައިންބަފައިންނެވެ!. އަޅުގަނޑުމެންގެ ދެދުނިޔޭގެ ހިތްހަމަޖެހުމެވެ. ﷲ ތަޢާލާގެ ރުހުން ވަނީ މަންމައާއި ބައްޕަގެ ރުހުމާއިއެކުގައެވެ. އަދި ﷲގެ ކޯފާވަނީ މަންމަޔާއި ބައްޕަގެ ނުރުހުމާ އެކުގައެވެ.

އާދެ! އެއްވެސް ޝައްކެއްނެތެވެ. ސުވަރުގެ ވަންނަން އެދޭމީހާއަށް ވަނީ މައިންބަފައިންނަށްް ހެޔޮކޮންހިތުމެވެ. އެމީހުންގެ ހިތުގައިނުޖެއްސުމެވެ. އެމީހުންގެ ފައިބުޑުގައި އޮވެގެން މަރުވެގެން ދިއަޔަސް އެމީހުންގެ ޙައްޤުތައް އަދާނުކުރެވޭނެއެވެ. މުޅި ޢުމުރު ދުވަހަށް އެމީހުންގެ ފައިބުޑުގައިއޮވެ، އެމީހުންނަށް ޚިދުމަތް ކުރިކަމުގައި ވިޔަސް އެމީހުންގެ މައްޗަށްވާ ޙައްޤުތައް އަދައެއްނުކުރެވޭނެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހުން ސާބިތުވާ ގޮތުގައި އެމީހުންގެ ޙައްޤު އަދާކުރެވޭނީ އެންމެ ކަމަކުންނެވެ. އެއީ އެއިން މީހަކު މީހެއްގެ އަޅުވެތިކަމުގެ ދަށުގައި ވަނިކޮށް އޭނާ މިނިވަން ކުރުމުންނެވެ. މީގައިވެސް ނައްޞު އައިސްފައިވަނީ އެމީހުން ގަނެފައި މިނިވަންކުރުމެވެ. ވީމާ، މިހާރު މީހެއްގެ މަސައްކަތުގައި އުޅޭމީހަކީ އަޅެއްކަމަށް ބަލައިގެން އޭނާއަށް ފައިސާތަކެއް ދިނަސް ކަމަކުނުދާނެއެވެ. އެއީ އަޅުވެތިކަމެއް ނޫނެވެ.

އަބޫ ހުރައިރާ ވިދާޅުވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ((ثَلاَثُ دَعَوَاتٍ مُسْتَجَابَاتٌ لاَ شَكَّ فِيهِنَّ: دَعْوَةُ الْمَظْلُومِ وَدَعْوَةُ الْمُسَافِرِ وَدَعْوَةُ الْوَالِدِ عَلَى وَلَدِهِ)) މާނައީ: "ޝައްކެއްނުވާ، އިޖާބަކުރަނިވި ތިން ދުޢާއެއްވެއެވެ. އަނިޔާލިބިފައިވާ މީހާގެ ދުޢާއާއި، ދަތުރުވެރިޔާގެ ދުޢާއާއި، ބައްޕައަކު އޭނާގެ ދަރީގެ މައްޗަށްކުރާ ދުޢާއެވެ."(1)

ޢާއިލާއެއްގައި އެންމެ އިޙްތިރާމް ކުރެވެން ޖެހޭނެ ފަރާތަކީ އެޢާއިލާއެއްގެ މައިންބަފައިން ނުވަތަ މަންމަ އާއި ބައްޕައެވެ. މައިންބަފައިންނަށް ހެޔޮކޮށްހިތުމާއި އެމީހުނަށް ހެޔޮ ބަސް ބުނުމަކީ ދުނިޔެ ދުށް ތަހުޒީބު ކޮންމެ މުޖުތަމައެއްގައިމެ، ކުރިއަރާފައިވާ ކޮންމެ ވެއްޓެއްގައިމެ ވަރަށް ވެސް ބޮޑު އަހައްމިއްޔަތުކަމެއް އެކަމަކަށްޓަކައި ދެވިފައިވާ ކަމެކެވެ. މިގޮތުން އަހުރުމެންގެ މާތް ވެގެންވާ އިސްލާމްދީނުގައި ވަނީ މިކަމަށް ވަރަށްބޮޑު އަހަންމިއްޔަތުކަމެއް ދެއްވާފައެވެ.

އަޅުގަނޑުމެންގެ މައްޗަށް ބާވާލެއްވުނު މުސްލިމުންގެ ދުސްތޫރު ހިދާޔަތުގެ އަލިގަދަ ނޫރު ކީރިތި ޤުރުއާނުގައި މައިންބަފައިންނަށް ހެޔޮކޮށްހިތުމަށް އެތައް ތަނެއްގައި އަންގަވާ ފައިވެއެވެ. މިގޮތުން ފަސް ތަނެއް ގައި މައިން ބަފައިންނަށް ހެޔޮކޮށް ހިތުމަށް އަމުރުކުރައްވާފައިވެއެވެ. އެގޮތުން ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَوَصَّيْنَا الْإِنْسَانَ بِوَالِدَيْهِ إِحْسَانًا حَمَلَتْهُ أُمُّهُ كُرْهًا وَوَضَعَتْهُ كُرْهًا وَحَمْلُهُ وَفِصَالُهُ ثَلَاثُونَ شَهْرًا…) [سورة الأحقاف 15[ މާނައީ : "އަދި އިންސާނާ އޭނާގެ މައިންބަފައިންނަށް ހެޔޮކޮށް ހިތުމަށް ތިމަން ﷲ ވަޞިއްޔަތްކުރެއްވީމެވެ. އޭނާގެ މައިމީހާ އުނދަގުލާއި ތުރާލާއެކު އޭނާ މާބަނޑުގައި އުފުލިއެވެ. އަދި އުނދަގުލާއިތުރާލާ އެކުގައި އޭނާ ވިހެއެވެ. އަދި އޭނާއާއިގެން މާބަނޑުވުމާއި ، ކިރުތުނބުން ވީއްލުމުގެ މުއްދަތަކީ ތިރީސްމަސް ދުވަހެވެ."

ރަސޫލާ ގެ ޙަދީޡް ފުޅެއް ގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމްގެ އަރިހަށް މީހަކުއައިސް ސުވާލުކުރިއެވެ. ތިމަންނާ އެންމެ ހެޔޮކޮށް ހިތުމަށް އެންމެ އައުލާވެގެން ވަނީ ކާކަށް ތޯއެެވެ. ޙަދީޘްކުރެއެއްވިއެވެ. ތިބާގެ މަންމައަށެވެ. އެމީހާ ދެންނެވިއެވެ. ދެންކާކަށްތޯއެވެ. ޙަދީޘްކުރެއްވިއެވެ. ތިބާގެ މަންމައަށެވެ. އެމީހާ ދެންނެވިއެވެ. ދެންކާކަށްތޯއެވެ. ޙަދީޘްކުރެއްވިއެވެ. ތިބާގެމަންމައަށެވެ. އެމީހާ ދެންނެވިއެވެ. ދެންކާކަށްތޯއެވެ. ޙަދީޘްކުރެއްވިއެވެ ތިބާގެބައްޕައަށެވެ.

ދަންނާށެވެ! ތިބާގެ މައިމީހާއަށް ހެޔޮކޮށް ނުހިތާނަމަ އެކަމުގެ ބަދަލު ﷲ ތިބާއަށް ދުނިޔެ މަތީގައި ދައްކަވާނެއެވެ.

އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމް މައިންބަފައިންނަށް ނުބައިކޮށް ހިތުމަކީ”އަލްކަބާއިރު” ނުވަތަ ބޮޑެތިފާފައިގެ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ބަޔާންކުރައްވާފައިވެއެވެ. ޙަދީޡް ފުޅެއްގައި ވެއެވެ. ((ألا أنبئكم بأكبر الكبائر ؟ – ثلاثا – قلنا : بلى يا رسول الله ، قال : الإشراك بالله ، وعقوق الوالدين وكان متكئا فجلس ، وقال : ألا وقول الزور ، وشهادة الزور…)) {رواه البخاري} މާނައީ: ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ބޮޑެތިފާފަތައް ބުނެދެމުހެއްޔެވެ؟؟ އެބޭކަލުން ދެންނެވިއެވެ. އާދޭހެވެ. އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. ﷲއަށް ޝިރުކު ކުރުމެވެ. އަދި މައިންބަފައިންނަށް ނުބައިކޮށް ހިތުމެވެ. އަދި ލެނގިވަޑައިގެން އިންތަނުން ތެދުވެވަޑައިގެންފައި ޙަދީޘްކުރެއްވިއެވެ. ދަންނާށެވެ! އަދި ދޮގުބަސް ބުނުމާއި ދޮގުހެކި ދިނުމެވެ.

ޢިބްރަތްތެއް ލިބިގަންނަމާ!

މުޙައްމަދަކީ އޭނާގެ ގިނަވަގުތު މަންމަމެންގެ ނުރުހުމާއެކު ގެއިންބޭރުގައި ހޭދަކުރާ 16 އަހަރުގެ ކުއްޖެކެވެ. އޭނާ އެކިވައްތަރުގެ ރައްޓެހިންނާ އެކުގައެވެ. ތާއަބަދު މަންމައާއި ބައްޕަ މުޙައްމަދަށް ނަސޭޙަތްތެރިވެއެވެ. އެހެންނަމަވެސް މުޙައްމަދު އޭނާގެ އުޅުމަކަށް އެއްވެސް އިޞްލާހެއް ނުގެނެއެވެ.

ދަރިފުޅު ކިތަންމެ ދަންކޮށްފައި ގެއަށްއަޔަސް އެދަރިޔަކަށްޓަކައި ފުރާނަވެސް ޤުރުބާންކުރަން ހުރި މަންމަ ހޭލާ ދަރިފުޅުގެ އިންތިޒާރުގައި އިނދެއެވެ. ކާއެއްޗެހި ތައްޔާރުކޮށްގެންނެވެ. ރޭތައް ތަކުރާރުވަމުން ދެއެވެ. މުޙައްމަދުގެ އުޅުމަކަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
މުޙައްމަދު އެއް ރެއެއްގެ މެންދަމު ގެއަށް އައުމުން މަންމަ ބުންޏެވެ. ދަރިފުޅާއެވެ! ތިހާ ދަންކޮށްފައި ގެއަށް އަންނަނަމަ ދެން ގެއަށް ނާންނާށެވެ. ނުކިޔަމަންތެރި މުޙައްމަދު މަންމަގެ މަޤާމް ހަނދާން ނައްތާލިއެވެ. މަންމަގެ މައްޗަށް އާދައިގެމަތިން އޭނާގެ އަޑު ގަދަ ކުރިއެވެ. އަދި މަންމަގެ ކަންކަށިމަތީގައި ޖެހިއެވެ. ﷲގެ ވަޙީބަސްފުޅުވެސް ހަނދާންނައްތައިލީއެވެ. އެކަލާނގެ ވަޙީކުރެއްވިއެވެ. ((فَلَا تَقُلْ لَهُمَا أُفٍّ وَلَا تَنْهَرْهُمَا)) = سورة الإسراء 23 = މާނައަކީ؛ "އެދެމީހުންނަށް ”އުފް“ ވެސް ނުބުނާށެވެ. އަދި އެދެމީހުންގެ މައްޗަށް އަޑުހަރުކޮށް އަޑުލައި ނަހަދާށެވެ.“

މަންމަ ހިތުގައި އިތުރުވޭނާއި ކެކުޅުން އުފެދުނެވެ. މަންމަގެ އެ އުދާހަށް މިއަދަކު ކެތްތެރިކަމެއް ނުދެވުނެވެ. އޯގާތެރި މަންމަގެ ކެތްތެރިކަން ކޮޅުންލިއެވެ. ދަމުނަމާދުގައި މުޙައްމަދަށް އޭގެ ބަދަލުދެއްވުންއެދި މަންމަ ﷲ އަށް ދުޢާ ދެންނެވިއެވެ. އާއެކެވެ! ދަރިންނަށް ކުޑަވެސް ގެއްލުމެއް ލިބުމަށް މަންމަމެން ނޭދެއެވެ. އެހެން ނަމަވެސް މުޙައްމަދުގެ ވިޔާނުދާ އެ ޢަމަލުތަކަށް ކެތްނުކުރެވިގެން ދުޢާ ކުރެވުނީއެވެ.

އާދައިގެމަތިން ހެނދުނުގެ ނާސްތާ ތައްޔާރުކޮށްގެން މުޙައްމަދުގެ އިންތިޒާރުގައި މަންމަ އިނެވެ. އިރުއިރުކޮޅާއި ފާރުގައި ހުރި ގަޑިޔަށް މަންމަ ބަލައިލައެވެ. މާލަސްވެއްޖެއެވެ. ބިރުންހުރެ ކޮޓަރީގައި ޓަކިޖަހާލިއެވެ. މުޙައްމަދުގެ އެ ޖެހުމުން މަންމަވަނީ ބިރުގެންފައެވެ. ދެން އަންނާނީ ކޮނަފަދަ ޙަމަލާއެއްކަންވެސް ނޭނގޭތީއެވެ. ކޮންމެއަކަސް ޚަބަރެއްނުވެ ލަސްވާތީ ”ޑަބަލް“ ތަޅުދަނޑި ގެނެސްގެން ދޮރު ހުޅުވާލިއެވެ. ގަޑިން ދުވާލު 10 އެއް ޖެހީއެވެ. މުޙައްމަދުއަށް އޮތީ ރޮވިރޮވިއެވެ. ޙަރަކާތް ކެނޑިފައެވެ. ކޮންމެވެސް ވަރަކަށް ވާހަކަދެއްކުން ފިޔަވައި އެހެންއެވެސް ޙަރަކާތެއް ނުކުރެވެއެވެ. މުޙައްމަދުވަނީ ވާގިނެތިފައެވެ. ޒައްރެއްގެ މިންވަރުވެސް ގެއްލުމެއް ލިބުމަށް ނޭދޭ މަންމަގެ ކެތްތެރިކަން ކޮޅުން ލައިގެންގޮސް އެދެންނެވި ދެންނެވުން ﷲ އައްސަވައި އިޖާބަ ކުރެއްވިއެވެ.

މަންމާއެވެ! ފެންފޮދެއް ގެނެސްދީބަލާށެވެ. މުޙައްމަދު ބުންޏެވެ. މަންމަ އަވަސް އަވަހަށް ފެންތަށްޓެއް ހިފައިގެންގޮސް ދިއްކޮށްލުމުން ބުންޏެވެ. މަންމާއެވެ! އަހަންނަށް މަޢާފް ކުރާށެވެ. މަންމަ އަތުން ފެންތަށި ދޫވެގެން ވެއްޓިއްޖެއެވެ. މުޙައްމަދުވަނީ މި ދުނިޔެއަށް ޢަލްވަދާޢު ކިޔާފައެވެ. ފެންބޮވައިގެންފައިވާ ޙާލުގައެވެ. މުޙައްމަދުގެ އެދުމަށް މަންމައަށް ޖަވާބުވެސް ނުދެވެނީހެވެ.

ލޮބުވެތި އަޚުން އަދި އުޚުތުންނޭވެ! ވިސްނާލައްވާށެވެ. ތިބާ އަށް މަންމަ އަށްޓަކައި ތިބާ ކަންތައް ކުރާ ގޮތަކީ ކޮބައި ތޯއެވެ.؟ މަންމަގެ ހައްގު ގައި ކުރެވުނީ ކޮންކަމެއް ތޯއެވެ.؟ އަތުން ހޭދަކުރެވުނީ ކިތައް ރުފިޔާތޯއެވެ؟ މަންމަ އަށް ހެޔޮހިތުން އެއްޗެކޭ ބުނެލީ ކިތައްފަހަރުތޯއެވެ؟ މަންމަގެ ކުރިމަތީގައި ހިނިތުންވެލީ ކިތައްފަހަރު ތޯއެވެ.؟ ދުނިޔޭގެ ވަގުތުކޮޅަކީ ކުޑަ ވަގުތުކޮޅެކެވެ. ވީމާ ހެޔޮޢަމަލުތައް ގިނަކުރެވޭތޯ ބަލާށެވެ. އެންމެ ގިނަ ޘަވާބާއިދަރުމަ ލިބޭ އެއްޢަމަލަކީ މައިންބަފައިންނަށް ހެޔޮކޮށް ހިތާ އިޙްސާންތެރިވުމެވެ.

ވީމާ މަންމަގެ އޯގާތެރި ނަޞޭޙަތާއި ބައްޕަގެ ހެޔޮބަސް އަޑުއަހާށެވެ. މުޙައްމަދު ފަދަ ދަރިޔަކަށް ނުވެ މަންމައާއި ބައްޕަގެ ރުހުމުގައި އެމީހުން ހިތްހަމަޖެހޭފަދަ ގޮތަކަށް ޙަޔާތުގެ ދުވަސްތައް ހޭދަކުރާ ހެޔޮލަފާ ބަޔަކަށް ވަމާ ހިނގާށެވެ.

ނޯޓް: މަންމަވެސް ބައްޕަވެސް ރުހުމުގައިވެސް ނުރުހުމުގައިވެސް ބަދުބަހެއް ދަރިންނަށް ރައްދުވާގޮތަށް ނުބުނާށެވެ. (މިސާލަކަށް: ބަލާއެކޭ، މުޞީބާތެކޭ، ތިއޮތީ ކިޔެވިފައޭ  މިފަދަ ބަސްބަހެވެ. ސަބަބކީ މައިންބަފައިންގެ މިފަދަ ބަދު ބަސްތައް ﷲ އިޖާބަކުރެއްވުމަކީ ދުރުގައިވާ ކަމަކަށް ނުވާތީއެވެ.)


މަޞްދަރު:
ޢިލްމު އެމްވީ
ދިސަލަފިއްޔާ

No comments: