Featured Post

Ombey

Tuesday, December 18, 2018

arabi zuvaana muhamadh ge thaubaa


ޢަރަބި ޒުވާނާ މުޙައްމަދުގެ ތައުބާ


ލިޔުނީ: ޒީނަތު ލަބީބު


ތައުބާއަކީ ތިމާއަށް ކުށެއް ކުރެވިއްޖެނަމަ އެކުށަށް އިޢުތިރާފުވެ، ދެން އެފަދަ ކުށަކަށް އަރައިނުގަތުމަށް ޢަޒުމްކަނޑައަޅައި މާތްﷲ ގެ ޙަޟްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުމެވެ. މިގޮތުން ތައުބާ ވުމުގައި ތިމާގެ އަމިއްލަ ބަހުން، ކުރެވިފައިވާ ފާފަތަކަށް ފުއްސެވުމަށް އެދި ދުޢާ ދެންނެވިދާނެއެވެ. ޢަރަބި ބަހުން ދުޢާ ކުރުން ލާޒިމެއް ނޫނެވެ. 


ޢިބްރަތްލިބިގަންނަމާ!


ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙަޟްރަތުން ތަނަވަސްވެފައިވާ މިންވަރު ނިކަންބައްލަވާ ލައްވާށެވެ! ޢަރަބި ޒުވާނަކު (މުޙައްމަދު) ތައުބާވިގޮތް އަޅުގަނޑުމެންގެ ހިތްތަކަށް ގެނެސްގެންމާ ހިނގާށެވެ! މިލިޔުން ކިޔާލާށެވެ! ﷲގެ އިރާދަފުޅުން މިލިޔުމުގައި ލިޔެފައިވާ އެއްޗެއް ވިސްނައިގަތުގެ ހެޔޮތައުފީޤު ދެއްވާށި! އާމީން! އޭނާގެ އެކުވެރިއެއް ކަމުގައިވާ ޢަބްދުﷲ އޭނާ ކައިރީގައި ބުންޏެވެ. މީނަ ދުވަހަކުވެސް މިސްކިތް ހުރަސްކޮށްފަ ދާއިރު މިސްކިތަކަށް ނުވަދެއެވެ. ނަމަވެސް އެއްދުވަހަކު ޢަބްދުﷲ އޭނާގެ އެކުވެރިޔާ މުޙައްމަދާ ސުވާލު ކުރަމުން ބުންޏެވެ. ކަލޭ ތައުބާ ނުވާނީ ހެއްޔެވެ؟ متى تتوب؟ متى تتوب؟ متى تتوب؟ ކަލޭ ތައުބާވާނީ ކޮންއިރަކު ހެއްޔެވެ؟ ކަލޭ ތައުބާވާނީ ކޮންއިރަކު ހެއްޔެވެ؟ ކަލޭ ﷲގެ ޙަޟްރަތަށް އެނބުރި ރުޖޫޢަވާނީ ކޮންއިރަކު ހެއްޔެވެ؟ މި މިސްކިތައް ކަލޭ ވަންނާނީ ކޮންދުވަހަކު ހެއްޔެވެ؟

ސުވާލުތައް އަޑުއެހުމަށްފަހު ލަދުން މުޙައްމަދުގެ ބޮލުގައި އަތް އެޅިއެވެ. އަދި ކުރުއަށް ހިނގައިގަތެވެ.
ރަމަޟާން މަސް އައުމުން އަނެއްކާ ވެސް ޢަބްދުﷲ ﷲގެ ރަޙްމަތުން މާޔޫސްނުވެ އޭނާގެ އެކުވެރިޔާ މުޙައްމަދަށް އިރުޝާދުދޭން ފެށިއެވެ. އަދި ސުވާލުކުރިއެވެ. އޭ މަގޭ އަޚާއެވެ! ތިބާ ތައުބާވާނީ ކޮންއިރަކު ހެއްޔެވެ؟ މާޔޫސްވެފައިވާ މި ޒުވާނާ (އެބަހީ މުޙައްމަދު) ބުންޏެވެ. ހަތް އަހަރު ދުވަސް މިގޮތުގައި ހޭދަކޮށްފީމެވެ. ދުވަހަކު ވެސް ﷲގެ ޙަޟްރަތަށް ސަޖިދައެއް ނުކުރަމެވެ. މަށަކަށް ނަމާދު ކުރާކަށް ވެސް ނޭނގެއެވެ. މިހާލުގަ މިސްކިތަށް ވަންނާނީ ކިހިނެއް ހެއްޔެވެ؟ ވަންނާނެ އެއްވެސް ގޮތެއް ތިމަންނަޔަށް ނޭނގެއެވެ.
ނަމަވެސް މީނާ މާޔޫސްނުކޮށް އުއްމީދުގެ ތެރެއަށް ވެއްދުމުގެ ގޮތުން ޢަބްދުﷲ ބުންޏެވެ. ކަލެއަށް ނަމާދު ކުރަން އެނގޭނެއެވެ. ކަލޭ ހަނދާނެއް ވެސް ނުނެތެއެވެ. ތިކަންތައްކުރަން ކަލޭ ހަނދާން ނައްތުވަނީ ޝައިޠާނާއެވެ. ކަލެޔަށް އެނގޭނެއެވެ. ކަލެޔަކީ މުސްލިމެކެވެ. ހަމަޔަޤީނުން ވެސް ﷲގެ ރަހްމަތް ކަލެއަށް ލިބޭނެއެވެ. މާޔޫސްނުވާށެވެ! މިސްކިތަށް ހިނގާށެވެ! ނަމަވެސް މުޙައްމަދު ބުންޏެވެ. ﷲ ތަޢާލާ މަގެ ތައުބާއެއް ޤަބޫލެއް ނުކުރައްވާނެއެވެ. ތިބާއަށް މަކޮށްފައިވާ ފާފާ ނޭނގެނީއެވެ. މަށަކީ ހަތް އަހަރު ވަންދެން ﷲއަށް އުރެދިފައިވާ މީހަކީމެވެ. މަށަށް ﷲ ޢަފޫނުކުރައްވާނެއެވެ.

ﷲގެ ރަޙްމަތް ތަނަވަސްވެގެންވާ މިންވަރު މުޒުވާނާއަށް ވިސްނާދޭން ޢަބްދުﷲ ފެއްޓިއެވެ. ޢަބްދުﷲގެ ވާހަކަ ނިމުމުން ޒުވާނާ ބުންޏެވެ. ފަހަރެއްގަ ﷲ މަށަށް ޢަފޫކޮށްފާނެއެވެ. ޢަބްދުﷲ އޭނައަށް ބުންޏެވެ. ތިގޮތަށް ނުބުނާށެވެ! ޔަޤީންކަމާއެކު ބުނާށެވެ! އެއްގޮތަކަށްވެސް މާޔޫސްވުމުގެ ބަސްތައް ބޭނުންނުކުރާށެވެ! ޔަޤީންކުރާށެވެ! ﷲ ޢަފޫކުރައްވާނެއެވެ. އެނބުރި އަންނާށެވެ! ﷲގެ ޙަޟްރަތަށް ރުޖޫޢަވާށެވެ!

ޢަބްދުﷲގެ ވާހަކަ އަޑުއެހުމަށްފަހު ވުޟޫކޮށްގެން މިޒުވާނާ މިސްކިތަށް ވަނެވެ. މިސްކިތުގެ މާހައުލު ފެނުމުން ބުންނެވެ. މިހާ ހިތްފަސޭހަ މާހައުލެއް އޮއްވާ މިމާހައުލަށް ނުވަދެ މިހާގިނަ ދުވަސް މަ މިހޭދަކުރީ ކީއްވެގެން ހެއްޔެވެ؟ އެއަށްފަހު ނަމާދުގައި ބައިވެރިވެއްޖެއެވެ. އިމާމު މީހާ ކިޔަވަން ފެށިއެވެ. އާޔަތްތައް އަޑުއިވެން ފެށުމުން ﷲ ތަޢާލާ އެޒުވާނާގެ ހިތް ހުޅުއްވާ ދެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އޭނާ ކޮށްފައިވާ ފާފަތައް ހަނދާންވެގެން ރޯންފެށިއެވެ. އެންމެ ފަހުން ނަމާދު ފުރިހަމަނުކޮށް ދޫކޮށްލުމަށްފަހު ފަހަތުގަ އިށީދެގެން ހުރެ ރޯންފެށިއެވެ. ﷲ ތަޢާލާގެ ރަޙްމަތް ތަނަވަސްވެގެންވާގޮތް އެއްވެސް މީހަކަށް ނޭނެގެއެވެ.

މިސްކިތަށް އަންނަ ކޮންމެ މީހަކު މިޒުވާނާއަށް ވިސްނާދިނުމަށް މަސައްކަތްކުރިއެވެ. ނަމަވެސް މީނަގެ ރުއިމަކަށް ބަދަލެއް ނާދެއެވެ. ޢަބްދުﷲ އަނެއްކާ ވެސް އޭނާގެ އެކުވެރިޔާއަށް ވިސްނައިދޭން މަސައްކަތްކުރިއެވެ. ޒުވާނާގެ ވާހަކަ ހުރީ ކުރިއެކޭ ހަމަ އެއްގޮތަކަށެވެ. މަގޭ ފާފަތައް ގިނައެވެ. ﷲ ތަޢާލާ މަށަށް ފާފާ ނުފުއްސަވާ ދެއްވާނެއެވެ. ﷲގެ ޙަޟްރަތަށް އެދި ދަންނަވަން މަށަކަށް ނުކުރޭނެއެވެ. މަމީ ކިހައި ނުބައި މީހެއް ހެއްޔެވެ؟ އަނެއްކާ ވެސް ޢަބްދުﷲ ބުންޏެވެ. މާއޫސްނުވާށެވެ! ފެންވަރައިގެން އަންނާށެވެ! ފެންވާރާށެވެ! ފެންވަރައިގެން އަންނާށެވެ! ހިތް ދޮވެލާށެވެ! ހަށިގަނޑު ވެސް ޠާހިރު ކޮށްލާށެވެ!

ސާފަ ޠާހިރުވެގެން އައިސް އަނެއްކާ ވެސް ޒުވާނާ ބުންޏެވެ. ނޫނެކޭ! މަށަށް ﷲ ޢަފޫކުރައްވާނެ ހެއްޔެވެ؟ ޢަފޫކުރައްވާނެ ދޯއެވެ. ޢަބްދުﷲ އޭނާގެ އެކުވެރިޔާއަށް ބުންޏެވެ. އާނއެކެވެ! ޢަފޫކުރައްވާނެއެވެ. އެދި ދަންނަވާށެވެ!

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މި ޒުވާނާ ދުޢާކުރަން ފެށިއެވެ. "ޔާ ﷲ މުޅި ހަޔާތުގައި މިވަނީ ފާފަތައް ކޮށްފައެވެ. ހެޔޮކަމެއް ދުވަހަކުވެސް ނުކުރަމެވެ. ފާފައިގެ ތެރޭގައި ފީނާ މިވަނީ ޣަރަޤުވެފައެވެ. ނަމަވެސް މިނިކަމެތި އަޅާ މިއަދު މިވަނީ މި އަނދަވަޅުން ސަލާމަތްވުމަށްޓަކައި ތެދުވެފައެވެ. ޔާ ރައްބުލް ކާއިނާތު! މިއަޅާ އަތުގައި ހިއްޕަވާށެވެ! މިއަޅާއަކީ ފާފަ ވެރިއެކެވެ. ނަމަވެސް މިއަޅާގެ ފާފަތަކަސް ވުރެ އިނބައިލާހުގެ ރަޙްމަތް ތަނަވަސްވެގެން ވެއެވެ. ޔާ ﷲ މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! އިނބައިލާހަކީ ރަޙްމާންވަންތަ ރަޙީމްވަންތަ އިލާހެވެ. އެއަށްފަހުގައި ރޮމުން ރޮމުން ގޮސް ނަމާދުގައި ބައިވެރި ވެއްޖެއެވެ.

އިމާމު މީހާ ﷲ އަކްބަރު ކިޔައިފިއެވެ.  މިޒުވާނާ ވެސް ފަހަތުން ﷲ އަކްބަރު ކިޔައިފިއެވެ.  ﷲ އަކްބަރު ކިޔައި ރުޚޫޢަށް ދިއުމުން މިޒުވާނާ ވެސް  ރުކޫޢަށް ދިޔައެވެ. އެންމެން ރުކުޢުން ތެދުވެއްޖެއެވެ. ނަމަވެސް މިޒުވާނާ ރުކޫޢުން ނުތެދުވެއެވެ. މިޒުވާނާ ބިންމައްޗަށް ވެއްޓިއްޖެއެވެ. ނަމާދު ނިންމާފަ އެންމެން ބަލާލިއިރު ﷲގެ ޙަޟްރަތުން މިޒުވާނާގެ އަޖަލު ހަމަވެގެން ﷲގެ ޙަޟްރަތަށް ދަތުރުކޮށްފިއެވެ. إنا لله وإنا إليه راجعون މީހުންގެ ދުލުން ބޭރުވެގެން ދިޔައެވެ. ސަބަބަކީ ﷲ ތަޢާލާ ވަޙީކުރައްވާފައި ވެއެވެ. إِذَا جَاءَ أَجَلُهُمْ فَلَا يَسْتَأْخِرُونَ سَاعَةً ۖ وَلَا يَسْتَقْدِمُونَ ﴿٤٩﴾  މާނައި: އެއުރެންގެ أجل އަތުވެއްޖެނަމަ، އެންމެ ساعة އެއްގެ އިރުވެސް އެއުރެންނަކަށް ލަހެއްނުކުރައްވާނެތެވެ. އަދި އަވަހެއްވެސް ނުމެކުރައްވާނޭމެއެވެ. (49)

އެހެންވީމާ ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅުގަނޑުމެންގެ މައްޗަށް އޯގާވެވޮޑިގެން އަޅުގަނޑުމެން ކާމިޔާބުގެ މަންޒިލަށް ވާސިލުކޮސްދިނުމަށްޓަކާ ހަތް އުޑު މަތިން މިގޮވާލައްވަނީ وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿٣١﴾  މާނައި: އޭ مؤمن ންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް توبة ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، نصيب ލިބުމަށްޓަކައެވެ. (31)
އެހެންކަމުން އުންމީދު ކަނޑާނުލާށެވެ! ފާފަކުރަމުން ކަޓަރު އަޅަމުން މާރާމާރީ ހިންގަމުން މަގުފޭރެމުން ރަލާއި މަސްތުވާތަކެތި ބޭނުންކުރަމުން މިހުންގެ ޢިއްފަތް ނަގާލަމުން ހިނގާ މީހުންނަށް ވެސް ﷲ ޙަޟްރަތުން ފުރުސަތު ވަނީ ތަނަވަސްވެފަ އެވެ. ތައުބާގެ ދޮރު ބަންދުވުމުގެ ކުރިން ތައުބާވަމާ ހިނގާށެވެ!  


ތައުބާވާނީ ކިހިނެއްތޯ؟


ތިޔަ ސުވާލުގެ ޖަވާބަކީ ފަސް ޖުމްލައެވެ.

×      އެކެއް: އިޚްލާޞްތެރިވުން: މިއީ ކޮންމެ އަޅުކަމެއްގެ ޝަރުޠެކެވެ. ތައުބާވުމަކީވެސް އަޅުކަމެކެވެ. ވިމާ، އެކަން ކުރަންވާނީ މީހަކުދެކެ ބިރުން ނުވަތަ މީހެއްގެ ލޯބި ހޯދަކަށް ނޫނެވެ. ހަމަ އެކަނީ ﷲ އަށްޓަކައެވެ.

×      ދޭއް: ކުރެވުނު ފާފައަށް ހިތާމަކުރުން: މިއީ ބަނގުރަލާއި މަސްތުވާތަކެތި ބޮއެ ވައްކަންކުރެވުނީތީ ލަދުވެތިވުމެވެ. މިއުޒިކު އަޑުއެހުމަށް ހޭދަކޮށް ބޭކާރުކޮށްލެވުނު ވަގުތުތަކަށް ހިތާމަކުރުމެވެ.

×      ތިނެއް: ތައުބާވާ ފާފައަކުން ދުރުހެލިވެގަތުން:  މިއީ ބަންގިގޮވީމައި ކެފޭތައް ދޫކޮށް މިސްކިތައް އެރުމެވެ. ރިބާގެ ލޯނު ނުނަގާ ހުއްދަގޮތުގައި ވިޔަފާރި ފެށުމެވެ. އެފާފައެއް ކުރަމުން ތައުބާއެއް ނުވެވޭނެއެވެ.

×      ހަތަރެއް: ދެން އެފާފައެއް ތަކުރާރު ނުކުރުމަށް ޢަޒުމުކަނޑައެޅުން: ދެން ނަމާދު ނާޅާނެކަމަށް ޢަޒުމު ކަނޑައެޅުމެވެ. ސިނގިރޭޓް ބުއިން ހުއްޓާލުމަށްފަހު ދެން އެކަމަށް އެނބުރި ނުދާނެ ޢަޒުމު އައު ކުރުމެވެ.

×      ފަހެއް: ތައުބާ ޤަބޫލުކުރައްވާ ވަގުތުގައި އެކަން ކުރުން: އެއީ މަރަށް ހާޒިރުވުމުގެ ކުރިން ޒަކާތްދީ ދޫކޮށްފައި ހުރި ރޯދަތައް ޤަޟާކުރުމެވެ. ނުވަތަ ހުޅަނގުފަރާތުން އިރު އެރުމުގެ ކުރިން ތައުބާވުމެވެ.


ތައުބާ ވުމުގައި ހިމެނޭ ޝަރުތުތައް:

×      ތިމާއަށް ފާފައެއް ކުރެއްވިޖެކަން ޤަބޫލުކޮށް އެކަމަށް ހިތާމަ ކުރުން.
×      ކުރަމުން އައި ފާފައިން ވަގުތުން ދުރުވުން.
×      ދެވަނަ ފަހަރަށް އެފަދަ ކަމެއް ނުކުރުމަށް ޢަޒުމްކަނޑައަޅާ އެ ފާފަ ތަކުރާރު ނުކުރުން. (ތެދު ނިޔަތަކުން ތައުބާވެއްޖެނަމަ އެފަދަ ފާފައަކަށް އެމީހަކު ދެވަނަ ފަހަރަށް އަރައެއް ނުގަންނާނެއެވެ.)
×      މީހެއްގެ ޙައްގަކަށް އަރައިގެންފައި ވާނަމަ އެމީހަކަށް އެ ޙައްޤު ރައްދުކޮށްދިނުން. އަދި އޭނަގެ ކިބައިން މާފަށް އެދުން.
އެފަދަ ހައްޤަކީ ތިމާ އެވާހަކަ އޭނާ ގާތު ބުނުމުން އެހައްޤުގެ ވެރި މީހާގެ ދިރި އުޅުމާއި ޢާއިލާ ރޫޅުން ފަދަ އަދި މިނޫންވެސް މިފަދަ އެތައް ފަސާދައެއް އޭނާގެ ޙަޔާތަށް އަންނަ ފަދަ ކަމެއް ކަމުގައިވާނަމަ ސީދާ އެވާހަކައެއް ނުބުނެ، ތިމަންނަގެ ފަރާތުން ހިތްހަމަ ނުޖެހޭކަމެއް ހިގާފައިވާ ވާނަމަ ތިމަންނައަށް މަޢާފުކުރާށޭ ބުނާނީއެވެ. އެހެނީ ބައެއްކަހަކަލަ ކަންތަކަކީ އެވާހަކަ ބުނުމުގެ ސަބަބުން ޢާއިލާތައް ރޫޅި ދަރިން ބިކަވާ ޒާތުގެ ކަންތަކެވެ. އަދި އެއަށްފަހު ގިނަ ގިނައިން އޭނާ އަށް ފާފަ ފުއްސެވުން އެދި ދުޢާ ކުރާނީއެވެ.
ރަނގަޅު އިޚްލާޞްތެރި ތައުބާއަކުން ތައުބާވެއްޖެނަމަ މާތް ﷲ ހުރިހާ ފާފައެއް ފުއްސަވާނެއެވެ. ތައުބާ ގަބޫލުކުރެއްވިކަން އަންގައިދޭ ޢަލާމާތަކީ ދެވަނަ ފަހަރަށް އެފާފަޔަށް އެނބުރި އަރައި ނުގަތުމެވެ.


ތައުބާވާންވީ ކީއްވެ؟

އެއީ ތިބާއަކީ ކުށްކުރެވި އެކުށަށް ތައުބާވި އާދަމުގެފާނުގެ ދަރިއަކަށްވީތީ އެވެ. ތިބާ ތައުބާވުމުން ﷲ ތަޢާލާ ތިބާގެ ފާފަ ފުއްސަވާތީއެވެ. ތިބާ ތައުބާވުމުން، މަރުގެ ތުންފަތްމަތިން ސަލާމަތްވެ ދެވަނަފަހަރަށް އައު ޙަޔާތެއް ލިބުނުފަދަ ކަމެއް ކުރިމަތިވާ މީހާ އުފާވާ މިންވަރަށް ވުރެ މާބޮޑަށް ﷲ އުފާވެ ވޮޑިގަންނަވާތީއެވެ. އަދި ތިބާ އާއި އަޅުގަނޑާއި އެކަމެއްގެ ފަހަތުން ދުވާ ކާމިޔާބާއި ފަލާޙް ލިބޭނެތީއެވެ. މާތްﷲ ވަޙީކުރައްވާފައި ވެއެވެ.  وَتُوبُوا إِلَى اللَّـهِ جَمِيعًا أَيُّهَ الْمُؤْمِنُونَ لَعَلَّكُمْ تُفْلِحُونَ ﴿النور: ٣١﴾ މާނައީ: އޭ މުއުމިނުންނޭވެ! ތިޔަބައިމީހުން އެންމެން اللَّه އަށް ތައުބާ ވާށެވެ! (އެއީ) ތިޔަބައިމީހުން ދިންނަވައި، ނަސީބު ލިބުމަށްޓަކައެވެ.

والله أعلم
(شرح الأربعين النووية لابن عثيمين ص 433 وما بعدها.)

މަޞްދަރު:
ޖަމްޢިއްޔަތުއް ސަލަފް
ދި އިސްލާމް
ޝައިޚު އިލްޔާސް ޙުސައިނު (އުންމީދު ކަނޑާނުލާށެވެ.)


No comments: