Featured Post

Ombey

Saturday, December 15, 2018

a'malugai ikhlaastherivaasheve!


ޢަމަލުގައި އިޚްލާޞްތެރިވާށެވެ!
Image result for ‫އިޚްލާޞްތެރިކަން‬‎

ލިޔުނީ: ޒީނަތު ލަބީބު

އިޚްލާޞްތެރިކަމަކީ ޢަމަލުތައް ޤަބޫލުކުރެވުމުގެ ޝަރުތެކެވެ. ހަމަކަށަވަރުން ޢަމަލުތައް ދެޝަރުތަކާއި އެކީ މެނުވީ ޤަބޫލުނުކުރެވޭ ހުއްޓެވެ.

×      ފުރަތަމަ ޝަރުތަކީ ﷲ ތަޢާލާ އެއިލާހުގެ ފޮތުގައި ޝަރުޢުކުރައްވާފައިވާ ނުވަތަ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޞައްޙަ ސުންނަތުން ޘާބިތުވާ ޢަމަލަކަށްވުމެވެ.{ مَنْ أَحْدَثَ فِي أَمْرِنَا هَذَا مَا لَيْسَ مِنْهُ فَهُوَ رَدٌّ }{ رَوَاهُ الْبُخَارِيُّ، وَمُسْلِمٌ}. މާނައީ:"ތިމަންނަމެންގެ ތެރެއަށް(އެބަހީ އިސްލާމްދީނަށް) އާކަމެއް ގެނެސްފިމީހާގެ ކަންތައްވަނީ މިދީނުގެ ތެރައަކުން ނޫނެވެ. ފަހެ އެކަންތައްވަނީ ރައްދުވެވިގެންނެވެ".
×      ދެވަނަ ޝަރުޠަކީ ﷲ ތަޢާލާގެ ވަޖުހުފުޅަށް ޢަމަލު ޚާލިޞްވެގެންވުމެވެ. ރަސޫލުﷲ ޞައްލަﷲ ޢަލަހި ވަސައްލަމަ ޙަދީޘް ކުރައްވާފައި ވެއެވެ. { إِنَّمَا الْأَعْمَالُ بِالنــِّــيــَّاتِ وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى، فَمَنْ كَانَتْ هِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، فَهِجْرَتُهُ إِلَى اللَّهِ وَرَسُولِهِ، وَمَنْ كَانَتْ هِجْرَتُهُ إلى دُنْيَا يُصِيبُهَا أَوِ امْرَأَةٍ يَتَزَوَّجُهَا فَهِجْرَتُهُ إِلَى مَا هَاجَرَ إِلَيْهِ}{ مُتَّفَقٌ عَلَيْهِ}." ހަމަކަށަވަރުން ޢަމަލުތައް ވަނީ ނިޔަތާ އެކީގައެވެ. އަދި ހަމަކަށަވަރުން ކޮންމެ މީހަކަށްވެސް ވަނީ އެމީހަކު ނިޔަތްގަތް ކަމެކެވެ. ފަހެ، އެމީހެއްގެ ހިޖުރައަކީ ﷲ އާއި އެއިލާހުގެ ރަސޫލާއަށްޓަކައި ކުރި ހިޖުރައެއްކަމަށް ވަނީނަމަ، އެހިޖުރަވަނީ ﷲއާއި އެއިލާހުގެ ރަސޫލާއަށެވެ. އަދި، އެމީހެއްގެ ހިޖުރައަކީ ދުނިޔެއަށްޓަކައި ނުވަތަ މީހަކާ ކައިވެނިކުރަން ކުރި ހިޖުރައެއްކަމަށް ވަނީނަމަ، އެމީހެއްގެ ހިޖުރަވަނީ އެހިޖުރަކުރި ކަމަކަށެވެ".

އިޚްލާޞްތެރިކަން ނުވާ ޢަމަލަކީ ރައްދުވެވިގެންވާ ޢަމަލެކެވެ. ޤިޔާމަތްދުވަހު އެންމެ ފުރަތަމަ ނިޔާއިއްވެވޭ މީހުންގެ ތެރެއިން ތިންމީހުންގެވެސް ނިޔާ އިއްވެވެނީ އިޚްލާޞްތެރިކަމާހުރެއެވެ. އަބޫހުރައިރާ رضي الله عنه ގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ صلى الله عليه وسلم ޙަދީޘްކުރައްވާފައި ވެއެވެ.
عن أبي هريرة – رضي الله عنه – أن رسول الله صلى الله عليه وسلم قال : «إن أول الناس يقضى يوم القيامة عليه: رجل استشهد فأتي به، فعرفه نعمه، فعرفها، قال: فما عملت فيها؟ قال: قاتلت فيك حتى استشهدت، فقال: كذبت، ولكنك قاتلت لأن يقال: جريء، فقد قيل، ثم أمر به، فسحب على وجهه، حتى ألقي في النار.
ورجل تعلم العلم وعلمه، وقرأ القرآن، فأتي به، فعرفه نعمه فعرفها، قال: فما عملت فيها؟ قال: تعلمت العلم وعلمته، وقرأت فيك القرآن، قال: كذبت، ولكنك تعلمت العلم ليقال: عالم، وقرأت القرآن ليقال: هوقارئ، فقد قيل، ثم أمر به، فسحب على وجهه، حتى ألقي في النار.
ورجل وسع الله عليه، وأعطاه من أصناف المال كله ، فأتي به فعرفه نعمه، فعرفها، قال: فما عملت فيها؟  قال: ما تركت من سبيل تحب أن ينفق فيها إلا أنفقت فيها لك، قال: كذبت، ولكنك فعلت ليقال: هو جواد، فقد قيل، ثم أمر به فسحب على وجهه ثم ألقي في النار» [رواه مسلم رقم (1905)].

މާނައީ:" ޤިޔާމަތްދުވަހު، މީސްތަކުންގެ ތެރެއިން އެންމެ ފުރަތަމަ ތިންމީހެއްގެ ފައިޞަލާކުރެވޭނެވެ. އެތިން މީހުންކުރެ ފުރަތަމަ މީހާއީ ހަނގުރާމަކޮށް ﷲގެ މަގުގައި ޝަހީދުވެފައިވާ މީހެކެވެ. އޭނާ ﷲގެ ޙަޟްރަތަށް ޙާޟިރުކުރެވޭނެވެ. އަދި ﷲ އޭނާއަށް ދެއްވާފައިވާ ނިޢުމަތްތަށް އަންގަވައި ދެއްވާނެވެ. އަދި އޭނާ އެނިޢުމަތްތައް ދެނެގަންނާނެވެ. ދެންﷲ ވަޙީކުރައްވާނެވެ. އެނިޢުމަތްތައް ތިބާ އިސްތިޢުމާލުކުރީ ކޮންގޮތަކަށް ހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އިބަ ﷲގެ މަގުގައި މިއަޅާ ޝަހީދުވެއްޖެއުމަށް ދާންދެން ހަނގުރާމަކުރީމެވެ. ﷲ ވަޙީކުރައްވާނެވެ. ތިބާ ދޮގުހަދައިފިއެވެ. އެހެނެއްކަމަކު ތިބާ ހަނގުރާމަކުރީ މީސްތަކުން ތިބާއަކީ ކުޅަދާނަމީހެކޭ ބުނުމަށެވެ. އެނަން އޮތީ ތިބާއަށް ދުނިޔޭގައި ލިބިފައެވެ. ދެން އޭނާ ނަރަކައަށް އެއްލައިލުމަށް މަލާއިކަތުންނަށް ﷲ އަމުރުކުރައްވާނެވެ. އެހިނދު އޭނާ މޫނުވަތަށް ދަމަމުން ގެންގޮސް ނަރަކައަށް އެއްލައިލެވޭނެވެ.

އެތިން މީހުންކުރެ ދެވަނަ މީހާއީ ޢިލްމު އުނގެނި އަދި އުނގަންނައިދީ އަދި ޤުރުއާން ދަސްކުރި މީހެކެވެ. އޭނާ ﷲގެ ޙަޟްރަތަށް ޙާޟިރުކުރެވޭނެވެ. އަދި ﷲ އޭނާއަށް ދެއްވާފައިވާ ނިޢުމަތްތަށް އަންގަވައި ދެއްވާނެވެ. އަދި އޭނާ އެނިޢުމަތްތައް ދެނެގަންނާނެވެ. ދެންﷲ ވަޙީކުރައްވާނެވެ. އެނިޢުމަތްތައް ތިބާ އިސްތިޢުމާލުކުރީ ކޮންގޮތަކަށްހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. މިއަޅާ ޢިލްމު އުނގެނި އެޢިލްމު މީސްތަކުންނަށް އުނގަންނައިދިނީމެވެ. އަދި އިބަ ﷲ ގެ ރުހިވޮޑިގަތުން ޚާޞިލުކުރުމަށްޓަކައި ޤުރުއާން ކިޔެވީމެވެ. ﷲ ވަޙީކުރައްވާނެވެ. ތިބާ ދޮގުހަދައިފިއެވެ. އެހެނެއްކަމަކު ތިބާ ޢިލްމު އުނގެނުނީ މީސްތަކުން ތިބާއަކީ ޢިލްމުވެރިއެކޭ ބުނުމަށެވެ. އަދި ތިބާ ޤުރުއާން ކިޔެވީ މީސްތަކުން ތިބާއަކީ ޤާރީއެކޭ ބުނުމަށެވެ. އެނަން އޮތީ ތިބާއަށް ދުނިޔޭގައި ލިބިފައެވެ. ދެން އޭނާ ނަރަކައަށް އެއްލައިލުމަށް މަލާއިކަތުންނަށް ﷲ އަމުރުކުރައްވާނެވެ. އެހިނދު އޭނަ މޫނުވަތަށް ދަމަމުން ގެންގޮސް ނަރަކައަށް އެއްލައިލެވޭނެވެ.

ތިންވަނަ މީހަކީ ﷲ ތަނަވަސްކަން ދެއްވި މީހެކެވެ. އެކި ވައްތަރު ވައްތަރުގެ މުދާ ﷲ އޭނާއަށް ދެއްވިއެވެ. އޭނާ ﷲގެ ޙަޟްރަތަށް ޙާޟިރުކުރެވޭނެވެ. އަދި ﷲ އޭނާއަށް ދެއްވާފައިވާ ނިޢުމަތްތަށް އަންގަވައި ދެއްވާނެވެ. އަދި އޭނާ އެނިޢުމަތްތައް ދެނެގަންނާނެވެ. ދެންﷲ ވަޙީކުރައްވާނެވެ. އެނިޢުމަތްތައް ތިބާ އިސްތިޢުމާލުކުރީ ކޮންގޮތަކަށްހެއްޔެވެ؟ އޭނާ ދަންނަވާނެއެވެ. އިބަ ﷲ އެމަގެއްގައި ހޭދަކުރުމަށް ރުހިވޮޑިގަންނަވާ އެންމެމަގެއްވެސް އެމުދާ ހޭދަނުކޮށް މިއަޅާ ދުލެއްނުކުރަމެވެ. ﷲ ވަޙީކުރައްވާނެވެ. ތިބާ ދޮގުހަދައިފިއެވެ. އެހެނެއްކަމަކު ތިބާ އެގޮތަށް ކަންތައްކުރީ މީސްތަކުން ތިބާއަކީ ދީލަތިމީހެކޭ ބުނުމަށެވެ. އެނަން އޮތީ ތިބާއަށް ދުނިޔޭގައި ލިބިފައެވެ. ދެން އޭނާ ނަރަކައަށް އެއްލައިލުމަށް މަލާއިކަތުންނަށް ﷲ އަމުރުކުރައްވާނެވެ. އެހިނދު އޭނަ މޫނުވަތަށް ދަމަމުން ގެންގޮސް ނަރަކައަށް އެއްލައިލެވޭނެވެ.

ފުޟައިލް ބުނު ޢިޔާޟް ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. މީސްތަކުންނަށްޓަކައި ޢަމަލު ނުކޮށްދޫކުރުމީ ދެއްކުންތެރިކަމެވެ. އަދި މީސްތަކުންނަށްޓަކައި ޢަމަލުކުރުމީ ޝިރުކެވެ. އިޚްލާޞްތެރިކަމަކީ ﷲތަޢާލާ ތިބާ އެދެކަންތަކުންވެސް ސަލާމަތް ކުރެއްވުމެވެ.

އަދި ސަހްލުއްތަސްތުރީ ރަޙިމަހުﷲ އަށް ދެންނެވުނެވެ. ކަލޭގެފާނުގެ ނަފްސަށް އެންމެ އުނދަގޫވެގެންވަނީ ކޮންކަމެއްބާވައެވެ. ވިދާޅުވިއެވެ. އިޚްލާޞްތެރިކަމެވެ. ހަމަކަށަވަރުން އެއީ އެއްވެސް ނަފްސަކަށް އެކަމުގެ ނަސީބުލިބިގެންވާ ކަމެއްނޫނެވެ.

ސަލަފުންގެ ބޭކަލަކު ވިދާޅުވެފައިވެއެވެ. އަޅާ އިޚްލާޞްތެރިވެއްޖެނަމަ އޭނަގެ ކިބައިން ވަސްވާސްތަކާއި ދެއްކުންތެރިކަން ހިނގައިދެއެވެ.

ހިތް ސާފުކޮށް ތިބާގެ ބަހާއި ޢަމަލު ސީދާ ކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ލާޒިމު ކަމެކެވެ. އަދި ވަކިން ޚާއްޞަކޮށް މިފަދަ ދުނިޔެވީ އެދުންތައް ބޮޑުވެފައި ގިނަ ޒަމާނެއްގައި އަޅުގަނޑުމެން ކޮންމެ މީހަކުވެސް ތިމާގެ ނަފްސަށް ބަލައިލުން މުހިންމެވެ. ތިބާގެ ހިތު ނިޔަތް ޚާލިޞްތޯ ނުވަތަ ނޫންތޯއެވެ. މީހުންގެ ފަރާތުން ތަޢުރީފެއް ނުވަތަ ފައިސާ ފޮތްޗެއް ނުވަތަ މަޤާމެއް ނުވަތަ ބައިފުށަށް ހިފުމެއް ނުވަތަ ހަސަދަވެރިކަމެއް ތިބާގެ ހިތަށް ވަދެ ދާނެތީއެވެ. އެއީ ވަރަށް ގާތުގައި ވާ ކަމެކެވެ. ނަފްސުގައިވާ ނުބައި އެދުންތަކާއި ޝައިޠާނުންގެ ވަސްވާސްތަކުގެ ސަބަބުންނެވެ. މާތް ﷲ އަށްޓަކައި ތިބާގެ ހިތް ޚަލާޞްކޮށް ބެހެއްޓުމަށްޓަކައި މުއުމިނުން އަބަދާއި އަބަދު ހިތާއި މެދުގައި ފާރަވެރިވެ ތިބެން ޖެހޭނެއެވެ. އިޚްލާޞްތެރިކަމަށް އެދި ދުޢާ ކުރުމާއި ﷲ ގެ ހަޟުރަތުގައިވާ ޘަވާބުގެ ބޮޑުކަމާއި ދުނިޔޭގެ އުނިކަން ހަނދާންކޮށް، މާތް ﷲ ގެ އާޔަތްތަކާއި ކީރިތި ނަބިއްޔާގެ ބަސްފުޅުތަށް ކިޔައި ބަލަންވާނެއެވެ. ތިބާގެ ހިތުގައި ﷲ މެނުވީ އެހެން ފަރާތެއް މެދުވެރިކޮށްފި ނަމަ، މީހުންގެ ރުހުމާއި ސަޕޯރޓް އެދިގެން ކިތަންމެ ރަނގަޅު އަމަލެއް ކުރި ނަމަވެސް އެއީ ވަޔަށް ބުރައިގެންދާ ހިރަފުސް ފަދަ ބުރަދަނެއް ނެތް، ބާޠިލު އެއްޗެކެވެ. އިޚްލާޞްތެރިކަމަކީ ހިތުގެ ޢަމަލެވެ. އެއީ ހެޔޮ، ޞާލިޙު ޢަމަލުތައް ކުރުމާއި ނުބައި ކަންތައްތަކުން ދުރުހެލިވުމުގައި ތިމާގެ ޢަމަލާއި އެއްގޮތަށް ހިތުނިޔަތް ބޭއްވުމެވެ. ތިބާގެ އެދުންތައް މާތް ﷲ އަށް ޚަލާޞްކުރުމެވެ. މީހެއްގެ ޢަމަލު ރަނގަޅުވެފައި ރީތި ނަމަވެސް ހިތުގައި އެއާއި ޚިލާފަށް އޮވެއްޖެ ނަމަ އެއީ އިޚްލާޞްތެރި މީހެއް ނޫނެވެ. އެއީ މުނާފިގުންގެ ސިފައެކެވެ.

މުނާފިޤުންގެ ތެރެއިން ނުވުމަށް މަސައްކަތްކުރުމުގެ ނަސީބު އަޅުގަނޑާއި ތިޔަ އެންމެހާ ލޮބުވެތި މުސްލިމުންނަށް މިންވަރު ކުރައްވާށި! އާމީން!

މަޞްދަރު:
ނޫރުލް- އިސްލާމް
ދި- އިސްލާމް



No comments: