އުފެއްދުންތެރި ލިޔުން
ލިޔުނީ: ޒީނަތު ލަބީބު.
އުފެއްދުންތެރި ލިޔުން ނުވަތަ "ކްރިއޭޓިވް
ރައިޓިންގ" އަކީ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް އެއްޗެއް ލިޔެ އުފެއްދުމެވެ.
ނުވަތަ އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް އާދަޔާ ޚިލާފު އުފެއްދުންތެރި ޚިޔާލުތަކެއްގެ
މައްޗަށް ބިނާކޮށްގެން ހުށަހަޅައިދެވޭ ލިޔުމެކެވެ. މިފަދަ ލިޔުންތަކުގައި އޭގެ އަޞްލު
ނުގެއްލޭގޮތަށް އެއާ ގުޅުންބޮޑު ޚިޔާލުތައް ހުށަހަޅައިދޭނެއެވެ. "ކްރިއޭޓިވް"
މިއީ އިނގިރޭސި ލަފުޡެކެވެ. މި ލަފުޡުގެ މާނައަކި "ނެތުމުގެ ތެރެއިން
އުފެއްދުން" އެވެ. މި ލަފްޒު ބޭނުންކުރެވެނީ އެއްޗެއްގެ ޙަޤީޤަތާއި އަޞްލާއި
ޚިލާފުނުވާ ފަދަ ގޮތަކަށް އާދަޔާ ޚިލާފު ޚިޔާލުތަކެއް ހުށަހަޅައިދެވޭ ޚިޔާލަކަށެވެ.
އެހެންކަމުން "ކްރިއޭޓިވް" މި ލަފުޒު ރަމްޒުކޮށްދެނީ އުފެއްދުންތެރި ލިޔުންތެރިކަމަށެވެ.
އުފެއްދުންތެރި ލިޔުންތެރިކަމަކީ އިންސާނާގެ އުފެދުމުގައި ހުންނަ ހުނަރެކެވެ. އުފެއްދުންތެރި
ލިޔުމުގެ މޫތައް ލާމެހިފައިވަނީ އިންސާނާގެ ހިތުގެ ޝުޢޫރުތަކާއި އިޙްސާސްތަކާއެވެ.
އަދި އެއީ އަމިއްލަ ޚިޔާލުގެ މައްޗަށް ބިނާކޮށް ލިޔާ ޖަޒުބާތީ ލިޔުމެކެވެ.
އިންސާނުން ދިރިއުޅުމުގައި ތަފާތު
އިޙްސާސްތަކާއި ޝުޢޫރުތަކެއް ތަޖުރިބާކުރާނެއެވެ. ހިތްތަކުގައި ޖަޒުބާތުތަކެއް
ފުރި ބަންޑުންވަމުން ދާނެއެވެ. އެކިކަހަލަ އަސަރުތަކާއި ހަނގުރާމަކުރަމުން
ދާނެއެވެ. މިހުރިހާ ކަމަކަށް އެންމެ އެކަށީގެންވާ ގޮތަށް ފުރާނައެޅި އަދަބިއްޔާތުގެ
ތެރެއަށް ނެރެ ދެއްކޭނީ އުފެއްދުންތެރި ކަމުގެ ޛަރީޢާއިންނެވެ. ލިޔުންތެރިކަމުގެ
ފަންނުގައި ދޮންވެ ފައްކާވެފައިވާ މީހެއްނަމަ އެމީހަކު ލިޔަން ބޭނުންވާ ކޮންމެ
ވައްތަރެއްގެ ލިޔުމެއް ލިޔެލުމުގެ ފުރިހަމަ ޤާބިލުކަން އެމީހަކަށް ލިބިގެންވެއެވެ.
ފަށުވި ފަސޭހަ ކިޔާލަން ހިތްއެދޭފަދަ ބަސްކޮށާރެއް ބޭނުންކޮށްގެން
ޢިބާރާތްކޮށްލުމަކީ ދަތި ކަމަކަށް ނުވާނެއެވެ.
އެހެނިހެން ލިޔުންތަކާއި ޚިލާފަށް
އުފެއްދުންތެރި ލިޔުމަކީ އެއްޗެއްގެ އަޞްލު ނުގެއްލޭގޮތަށް އާދަޔާ ޚިލާފު އުފެއްދުންތެރި
ޚިޔާލުތަކެއްގެ މައްޗަށް ބިނާކޮށްގެން އެއާ ގުޅުންބޮޑު ޚިޔާލުތައް ހުށަހަޅައިދޭ
ލިޔުމެވެ. ކިޔާ ކޮންމެ ޢުމުރުފުރައެއްގެ މީހަކަށް ވެސް އޭގެ އަމިއްލަ ޚިޔާލުގެ މައްޗަށް
ބިނާކުރެވޭ، ލިޔުންތެރިޔާ ހުޅުވާލަދީފައިވާ
މަޢުޟޫޢާ މެދު އެ ކިޔާ މީހެއްގެ އަމިއްލަ ނިންމުމެއް ނިންމުމުގެ ފުރުޞަތު މިފަދަ ލިޔުންތަކުން
ލިބެއެވެ. މިސާލަކަށް ހަވާސާއެއްގެ ތެރޭގައި ލިޔާ ލިޔުންތަކާއި، ކަމެއް ތަޙުލީލުކުރުމަށްފަހު ލިބޭ ނަތީޖާއެއްގެ މައްޗަށް ލިޔެވޭ
ލިޔުންތަކާ ތަފާތު ސިފަތަކެއް ހިމަނައިގެން ނުވަތަ ޝަޚުސިއްޔަތުތަކެއް ހިމަނައިގެން
ލިއެވޭ ލިޔުންތަކާއި މިހުރިހާ ބާވަތެއްގެ ލިޔުންތައް ވެސް އުފެއްދުންތެރި ލިޔުމުގެ
ތެރޭގައި ހިމެނިދާނެ އެވެ. މި ދެންނެވިި ފަދަ ލިޔުންތައް ޓެކްނިކަލް ލިޔުންތަކާއި ޚާއްޞަ
ދާއިރާތަކުން ތަމްރީނުވެގެން ނުވަތަ މަޢުލޫމާތު ހޯދައިގެން ލިޔެވޭ ޕްރޮފެޝަނަލް ލިޔުންތަކާއި
ނޫސްވެރިކަމުގައި ބޭނުންކުރާ ބާވަތުގެ ލިޔުންތައް "ކްރިއޭޓިވް" ލިޔުމާ ވަރަށް
ތަފާތެވެ. ނަމަވެސް މި ދެންނެވުނު ޕްރޮފެޝަނަލްގެ މާނަ ވަރަށް ގިނަ ގޮތްގޮތައް ނެގިދާނެއެވެ.
ސަބަބަކީ ވާހަކައެއް ލިޔާ މީހަކު، ދިރިހުރި މީހަކާ ނުވަތަ އެކަމާ
ބެހޭގޮތުން ލިޔާ ކަމުގައި ވިޔަސް ކޮންމެ ޚިޔާލީ ވާހަކަ އަކީ ވެސް އޭގެ ޛާތުގައި އުފެއްދުންތެރި
ލިޔުމުގެ ތެރޭގައި ހިމެނިދާނެ ލިޔުމެކެވެ.
އުފެއްދުންތެރި ޚިޔާލު ނުވަތަ އުފެއްދުންތެރި
ލިޔުމަކީ ޚިޔާލުކުރުމުގެ މިނިވަންކަމުގެ ތެރެއިން އުފެދިގެން އަންނަ ލިޔުންތެރިކަމެކެވެ.
ކޮންމެކަމަކާ ގުޅިގެން ނަމަވެސް ތިމާ އަމިއްލައަށް ލިޔުމެއް ލިޔަން އެނގުމަކީ އުފެއްދުންތެރި
ޚިޔާލުގެ މައިގަނޑު އެއް ކަންތަކެވެ. މިސާލަކަށް މިވެނި ވައްތަރެއްގެ ލިޔުމެއް ލިޔާށޭ
ބުނުމުން އިތުރު ސުވާލެއް ނެތި އަމިއްލައަށް އެ ލިޔުމެއް ލިޔަން އެނގުމަކީ ލިޔުންތެރިކަމުގެ
ހުނަރުވެރިކަން ގެންދަން ބޭނުންވާ ފެންވަރުކަމަށް ވަނީ ނަމަ، އުފެއްދުންތެރި ލިޔުން ލިޔުމަށް ތަރުޙީބުދީ އިސްކަންދިނުން
ވަރަށް މުހިއްމެވެ.
ޢިބާރާތެއް ލިޔާއިރު އަޑުއަހާ
މީހާއަށް ވިސްނޭ ގޮތަށް ތިމާ ބުނަން ބޭނުންވާ އެއްޗެއް އޭގެ އަސަރާއެކު ނަގައިގަނެވޭ
ގޮތަށް ޖުމްލަތައް ޢިބާރާތް ކުރަންވާނެ އެވެ. އަދި ބުނަން ބޭނުން ނުވާ އެއްވެސް ވާހަކައެއް
ހިމަނައިގެންނުވާނެ އެވެ. އެހެން މީހުން ކިޔާހިތްވާ އަދި މޮޅު އުފެއްދުންތެރި
ލިޔުމެއް ލިޔެވޭނީ ލިޔުންތެރިޔާ އަށް އެނގޭ ނުވަތަ ތަޖުރިބާކުރެވިފައިވާ ކަމަކުންނެވެ.
މިސާލަކަށް ހިތްދަތިކަމުގެ ތަޖުރިބާ ކުރެވިފައިވާ މީހަކު ލިޔާ އެއްޗަކާ އެ ކަން ތަޖުރިބާ
ކުރެވިފައި ނުވާ މީހާ ލިޔާ އެއްޗަކާ ވަރަށް ބޮޑަށް ތަފާތުވާނެ އެވެ.
ލިޔުންތެރިޔާގެ އަމިއްލަ ޚިޔާލާއި ވިސްނުން އޭގެ
މައްޗަށް ބިނާކޮށްގެން ލިޔާ އަދަބީ ކޮންމެ ލިޔުމެއް އުފެއްދުންތެރި ލިޔުމުގެ ތެރޭގައި
ހިމެނެއެވެ. މި ފަދަ ލިޔުންތަކުގެ ތެރޭގައި މި ދަންނަވާ ބާވަތްބާވަތުގެ ލިޔުންތައް
ހިމެނިދާނެ އެވެ. އެއީ:
×
ޅެން
×
ފަރިހި
×
ލަވަ
×
ފިލްމުތަކަށް ލިޔެވޭ ސްކްރީން
ލިޔުން ނުވަތަ ސްކްރިޕްޓް
×
ސްޓޭޖް ނުވަތަ ސްކްރީނަށް ލިޔެވޭ
ޑްރާމާ ތަމްސީލުތައް
×
ތަމްސީލް ( އިސްޓޭޖް ތަމްސީލް، ރޭޑިއޯ ތަމްސީލް، ޓީވީ ތަމްސީލް )
×
މީހެއްގެ ވަނަވަރު ހާމަކޮށްދިނުމަށް
ލިޔެވޭ އޮޓޯބައެގްރަފީ
×
ކްރިއޭޓިވް ނޮންފިކްޝަން (ޙަޤީޤީ
މަޢުލޫމާތު) ނުވަތަ އުފެއްދުންތެރި ޚިޔާލީ ވާހަކަ (ފިކްޝަން(
×
ނޮންފިކްޝަން ނުވަތަ ހެއްްކާއި
ޤަރީނާގެ މައްޗަށް ބިނާކޮށް ލިޔާ ޙަޤީގީ ލިޔުންތަކާއި ވާހަކަތައް
އުފެއްދުންތެރި ލިޔުމެއް ލިޔާއިރު ވިސްނަންޖެހޭ ކަންތައްތައް:
އުފެއްދުންތެރި ކޮންމެ ލިޔުމެއްގައި ލިޔުންތެރިޔާގެ
އަމިއްލަ ޚިޔާލާއި ވިސްނުމަށް ބޭނުންވާ ފަދަ ގޮތްގޮތައް އޭގައި ހިމެނޭ ލަފުޒުތައް އާ
ގޮތްގޮތައް ބޭނުންކޮށްހަދައެވެ. އެހެންނަމަވެސް މިފަދަ ލިޔުންތެރިކަމުގައި ވީހައިވެސް
ސާދާ ގޮތްތައް ބޭނުންކޮށްގެން އަމިއްލަ ގޮތަށް ލިޔުމަކީ މުހިއްމު ކަމެކެވެ. އެއްވެސް
ޙާލެއްގައި އެއްވެސް މީހެއްގެ ލިޔުމެއް ކޮޕީ ނުކުރުމާއި، ބޭނުންވާ
ކޮންމެ ވާހަކައެއް ތެދު ބަހުން ބުނުމާއި، ދިގު ލަފުޒު ބޭނުން ނުކުރުމާއި، ބޭނުންކުރެވިދާނެ އާދައިގެ ލަފުޒުތައް ހުއްޓައި އޮޅުންބޮޅުން
ހުންނަ ލަފްޒުތައް ބޭނުން ނުކުރުމާއި، ނަންއިތުރާއި ކަންއިތުރު
އަދި މަޖާޒާއި، މިސާލާއި ވައްބަސް ގިނައިން ބޭނުންކޮށްގެންނުވާނެ
އެވެ. އަދި ލަފުޒުތައް ގޮށްޖަހަމުން ނުލިޔެ، ލިޔާ
ކޮންމެ ލަފުޒެއްވެސް ވަކިވަކިން ލިޔުމަށް ސަމާލުކަން ދޭންވާނެ އެވެ.
އެއްޗަކާ ބެހޭގޮތުން ލިޔާނަމަ (މިސާލަކަށް ޖޯޑަކާ
ބެހޭގޮތުން ލިޔާނަމަ) އެ ޖޯޑު ސިފަކުރާ އިރު ސިފަކުރަންޖެހެނީ އެއާ ދޭތެރޭ ތިމާ ދެކޭގޮތެވެ.
ދެކޭގޮތް ލިޔާއިރު ލިޔަންވީ އެއެއްޗަކާ ބެހޭގޮތުން ތިމާއަށް ކުރެވޭ އިޙްސާސްތަކެވެ. މީހަކާ ބެހޭގޮތުން ލިޔާނަމަ އެމީހާގެ އަޞްލު ކިޔައިދޭން ޖެހޭނީ އެހެން އެއްޗެއް
ސިފަކޮށްދީގެންނެވެ. (މިސާލަކަށް ދިގު މީހެއް ސިފަކުރާނަމަ ދިގުއެއްޗެއް ސިފަކުރުމާއި، ބުޅިބޮލެއް ނަމަ އެއާއި އެއްސިފަވާ އެހެންއެއްޗެއް ބޭނުންކޮށްގެންލިޔާށެވެ.
އެމީހެއްގެ ބޮލުންފެށިގެން ފައިގެ ނިޔަފައްޗާއި ހަމައަށް ވެސް މިދެންނެވި ގޮތްތައް
ބޭނުންކޮށްގެން ލިޔެވިދާނެއެވެ.) އެއީ އުފެއްދުންތެރި ލިޔުމެއް ލިޔާ މީހެއްގެ ކިބައިގައި
ހުންނަންޖެހޭ ސިފައެކެވެ.
ލިޔުންތެރިކަމުގެ ފަންނުގެ ތެރެއަށް ވަނުމަށް
ފުރަތަމަ އުފެއްދުންތެރިކަމުގެ ލިޔުންތައް ގިނައިން ލިޔަންވާނެ އެވެ. މިފަދަ ލިޔުންތައް
ގިނައިން ލިޔުމުން އެކި ބާވަތުގެ އަދަބީ ލިޔުންތައް ރީތިކޮށް ޢިބާރާތްކުރެވޭނެ އެވެ.
އެހެންކަމުން މި ބާވަތުގެ ލިޔުން އެހެނިހެން ލިޔުންތަކާ ބަހުސްކުރާނެއެވެ. ލިޔުންތެރިކަމުގެ ކޮންމެ ބާވަތެއްގެ ލިޔުމެއް ލިޔާކަމުގައިވިޔަސް ވިސްނައިލާންޖެހޭ
3 ކަމެއް އޮވެއެވެ. އެއީ:
×
ބޭނުންވާ ކަންތައް ލިޔުމަކުން ހުށަހަޅާނީ
ކިހިނެއްތޯ ބެލުން
×
ކިޔާމީހާ ރުހޭފަދަ ޝައުގުވެރިވާ
ފަދަ ގޮތަކަށް ލިޔާނީ ކިހިނެއްތޯ ބެލުން
×
ބުނަން ބޭނުންވާ އެއްޗެއް އޮޅުންނާރާނެ
ގޮތަށް ސާފުކޮށް ބުނާނީ ކިހިނެއްތޯ ބެލުން
ތިމާގެ ޚިޔާލާއި ވިސްނުމުގައި ހުންނަ އެއްޗެއް، ލިޔުމެއްގެ ސިފައިގައި ހުށަހަޅައިލެވިއްޖެ ނަމަ އެ ލިޔުމެއް
ލިޔެފައިވަނީ އަތުރަންވީ އެންމެ ރަނގަޅު ގޮތަށް ކަމުގައި ނުވި ނަމަވެސް އުފެއްދުންތެރި
ލިޔުންތެރިކަމުގެ ވަރަށް ބޮޑު ބައެއް އެ އޮތީ ފުރިހަމަ ކުރެވިފައެވެ. މިސާލަކަށް އިޝްތިހާރެއް
ލިޔެލަން ޖެހުނު ނަމަވެސް ކާން ބޭނުންކުރާ އެއްޗެއްގެ ބޭރުގައި ލިޔެލާނެ ލޭބަލެއް ލިޔެލަން
ޖެހުނަސް ހުއްޓުންއެރުމެއް ނެތި ލިޔުމުގެ ކުޅަދާނަކަން ލިބިިފައި ހުރުމަކީ އުފެއްދުންތެރި
ލިޔުންތެރިކަން ލިބިފައި ހުރުމެވެ.
މަޞްދަރު:
No comments:
Post a Comment