Featured Post

Ombey

Tuesday, December 4, 2018

anhen kudhin khithaanukurun


އަންހެން ކުދިން ޚިތާނުކުރުން
Image result for ‫حكم الشرع فى ختان الاناث‬‎
ލިޔުނީ: ޒީނަތު ލަބީބު.

ޖަހާލަތުހެ އަނދިރިކަމުގެ ތެރޭގައި މީސްތަކުން ޣަރަޤުވެފައި ވަނިކޮށް އެ އަނދިރިކަމުން ސަލާމަތްވުމުގެ ހެޔޮނަސީބު ލިބިގެން ދިޔައީ އިސްލާމްދީނުގެ ހުޅުކޮޅުގެ ސަބަބުންނެވެ. ނަމަވެސް ހިތާމއިގެ ކޮޅެއް ނެތެވެ. އިސްލާމީ ހުޅުކޮޅު ނިއްވާލާ އިސްލާމީ ނޫރު ބިންމަތިން ފޮހެލުމަށް ޣައިރު މުސްލިމުން ދަނީ މެދު ކެނޑުމެއްނެތި މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެމީހުން ގެންގުޅޭ ޕޮރޮޕެގެންޑާއެއް ވެއެވެ. އޭގައި އެމީހުން މި ޕޮރޮޕެގެންޑާގައި އިސްލާމްދީނުގައި ޝަރުޢުކުރެވިފައިވާ ބައެއްކަންތަކުން އިންސާނުންނަށް ގެއްލުންލިބޭކަމަށް ޘާބިތުކޮށްދޭން މަސައްކަތްކުރެއެވެ. އަދި އެމީހުންގެ މިމަޅީގައިޖެހި، އެ ޕުރޮޕެގެންޑާ ފެތުރުމުގައި ބައެއް މުސްލިމުންވެސް ބައިވެރިވެއެވެ. މި މަޅިގައި ޖެހި ސަލާމަތް ނުވާ އެއްބަޔަކީ އަޅުގަނޑުމެން ދިވެހިންނޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ. ސައްތައިންސައްތަ މުސްލިމުން ދިރިއުޅޭކަމަށް ބުނެވޭ، މި ދިވެހިރާއްޖޭގައި ވެސް އެފަދަ ޕްރޮޕެގެންޑާތައް ފެތުރެމުންދާތަން ފެންނަކަމީ އެކަމުގެ ދިރިހުރި ލާމަޘީލު ހެއްކެކެވެ.
އަންހެންކުދިން ޚިތާނުކުރުމަކީ އެއްގޮތަކަށްވެސް ކުރެވިގެންވާނެކަމެއް ނޫންކަމަށާއި، އެއީ އެކުދިންނަށް ވަރަށްބޮޑެތި ގެއްލުންތަކެއް ހުރިކަމެއްކަމަށް ބުނެ، ފަތުރަމުންދާ ވާހަކަތަކަކީވެސް އެ ޕުރޮޕެގެންޑާ ތެރޭގައި ހިމެނޭ ކަމެއްކަމުގައި ދަންނަވަންޖެހެއެވެ. އެހެނީ އިސްލާމްދީނުގައި ޚިތާނުކުރަން އަންގަވާފައިވާގޮތަށް ޚިތާނުކޮށްފިނަމަ، އެއްވެސް ގެއްލުމެއްނުވާނެކަމަށާއި، އޭގެބަދަލުގައި އެކުދީންނަށްވާނީ ފައިދާކަމުގައި އިތުބާރުހުރި މުސްލިމު ޑޮކްޓަރުން ބަޔާންކޮށްފައިވެއެވެ. އަދި އެކުދީންނަށް ގެއްލުންވަނީ "ފިރުޢައުނީ ޚިތާނު" ގެ ނަމުން މަޝްހޫރުވެފައިވާ ގޮތަށް ޚިތާނުކުރުމުން ކަމަށްވެސް އެބޭފުޅުން ބަޔާންކުރައްވާފައިވެއެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާއަކީ ހުރިހާ ކަމެއް އެންމެ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އެކަލާނގެ އަޅާއަށް އެންމެ ރަނގަޅުގޮތާއި ނުރަނގަޅު ގޮތްތައް އެންމެ ރަނގަޅަށް އެނގިލައްވާނީ ﷲ ފިޔަވައި ދެން އެހެން ކޮންފަރާތަކަށް ހެއްޔެވެ؟ ﷲގެ މަތިން ބަސްބުނެވޭނީ ކޮން ޑޮކްޓަރަކަށް ހެއްޔެވެ؟ ﷲ ގެ ދީނުގައި ޝަރުޢުވެފައިވާ އެއްވެސް ކަމަކުން، އިންސާނުންނަށް ކުޑަނަމަވެސް ގެއްލުމެއް ނުލިބޭނެކަން އަޅުގަނޑުމެން ޔަޤީންކަމާެކު ޤަބޫލުކުރަން ޖެހެއެވެ. އެހެނީ މިދީނަކީ އިންސާނުން ޚަލްޤުކުރެއްވި އިލާހު، ﷲ ސުބުޙާނަހޫ ވަތަޢާލާ ބާވައިލެއްވި ފުރިހަމަ ދީނެވެ. އިންސާނުންނަށް ފައިދާހުރިކަންތަކާއި ގެއްލުންހުރި ކަންތައް އެންމެމޮޅަށް ދެނެވޮޑިގެންވަނީ އެއިލާހެވެ.

ނަމަވެސް އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައި ވެސް ދިރިއުޅުން ބައްޓަން ކުރުމަށް މަސްދަރެއްގެ ގޮތުގައި ބަލަމުން ގެންދަނީ ޣައިއިރު މުސްލިމުންގެ ފަލްސަފާތަކެވެ. އެމިހުންގެ ޕުރޮޕެގެންޑާގައި  އިންސާނުންނަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ޝާމިލުވެގެން ނުވާނެކަމުގެ ޔަޤީންކަން ދިވެހިންގެ ތެރެއިން ތަރައްޤީއާއި ތަހުޛީބުގެ ތޮފި އަޅައިގެންތިބޭ ބޭފުޅުންނަށް ހީވެފައި އޮވެއެވެ.  ހިތާމައާއެކު ބުނެލަން ޖެހެނީ، ތަރައްޤީއާއި ތަހުޛީބުގެ ތޮފި އަޅައިގެންތިބޭ ބޭފުޅުންގެ ފަރާތުންވެސް، އަންހެންކުދިން ޚިތާނުކުރުމަކީ ދީނީކަމެއް ނޫންކަމަށާއި، އެކަމާމެދު އައިސްފައިވާ ހުރިހާ ޙަދީޘަކީ ޟަޢީފު ޙަދީޘްތަކެއްކަމަށް ބުނެ، އެކަމުގެ މަޝްރޫޢިއްޔަތުކަމާމެދުވެސް ބައެއް މީހުން މިހާރު ޝައްކުކުރަން ފަށާފައިވާ ކަމަށެވެ. ފިރިހެންކުދިން ޚިތާނުކުރާފަދައިން އަންހެންކުދިން ޚިތާނުކުރަމަކީ ސުންނަތެކެވެ. އެއީ އެކަންކުރަން ރަނގަޅަށް ދަންނަ ޑޮކްޓަރުންތަކެއް ތިބިކަމުގައިވާނަމައެވެ. އެހެންކަމުން މިކަމުގެ ޙަޤީޤަތް ލޮބުވެތި އަޚުންނާއި އުޚުތުންނަށް ބަޔާން ކޮށްދިނުމުގެ ގޮތުން، ބައެއް ޞައްޙަ ޙަދީޘްތަކާއި، ޢިލްމުވެރިންގެ ބަސްފުޅުތައް ބަޔާންކޮށްލެވޭތޯ ބަލާނަމެވެ.
×      ނަބިއްޔާ صلى الله عليه وسلم ގެ އަންނަނިވި ބަސްފުޅުގެ ސަބަބުންނެވެ. الفِطْرَةُ خَمْسٌ، أَوْ خَمْسٌ مِنَ الفِطْرَةِ: الخِتَانُ، وَالِاسْتِحْدَادُ، وَنَتْفُ الإِبْطِ، وَتَقْلِيمُ الأَظْفَارِ، وَقَصُّ الشَّارِبِ މާނައީ: ފިޠުރަތަކީ ފަސްކަމެކެވެ. ނުވަތަ ފިޠުރަތުގެ ތެރެއިން ފަސްކަމެއްވެއެވެ. އެއީ ޚިތާނުކުރުމާއި ޢައުރަގުނަވަނުގެ ވަށައިގެންހުންނަ އިސްތަށިބޭލުމާއި ކިހިލިފަތްދަށުގައި ހުންނަ އިސްތަށި އުފުރުމާއި ނިޔަފަތި ކެނޑުމާއި އަދި މަތިމަސް ކުރުކުރުމެވެ.
މިޙަދީޘްއަކީ އިމާމް ބުޚާރީއާއި މުސްލިމުގެ އިއްތިފާޤުން ރިވާކުރައްވާފައިވާ ޙަދީޘެކެވެ.
×      ޢާއިޝާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. عَنْ عَائِشَةَ رَضِيَ اللَّهُ عَنْهَا قَالَتْ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : إِذَا جَلَسَ بَيْنَ شُعَبِهَا الأَرْبَعِ وَمَسَّ الْخِتَانُ الْخِتَانَ فَقَدْ وَجَبَ الْغُسْلُ (رواه مسلم)  ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. އަނބިމީހާއާއެކު އެއްދާންކޮށް، ޚިތާނާއި(ލަދުވެތިގުނަވަނާއި) ޚިތާނު(ލަދުވެތިގުނަވަން) ޖެހިއްޖެނަމަ(ޖިމާޢުވެއްޖެނަމަ) ހިނައިގައިގަތުން ވާޖިބުވެއްޖެއެވެ.
މި ޙަދީޘުގައި ދެމަފިރިންގެ ލަދުވެތިގުނަވަނަށްވެސް ޚިތާނޭ ޙަދީޘްކުރައްވާފައި އޮތުމުން، އަންހެންމީހާ ޚިތާނުކުރުމަކީވެސް ޝަރުޢުކުރެވިފައިވާ ކަމެއްކަން އެނގިގެންދެއެވެ.
×      އުއްމު ޢަޠިއްޔާ އަލްއަންޞާރިއްޔާ ރަޟިޔަﷲ ޢަންހާގެ ކިބައިން ރިވާވެގެންވެއެވެ. عَنْ أُمِّ عَطِيَّةَ الْأَنْصَارِيَّةِ أَنَّ امْرَأَةً كَانَتْ تَخْتِنُ بِالْمَدِينَةِ فَقَالَ لَهَا النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : لا تُنْهِكِي ، فَإِنَّ ذَلِكَ أَحْظَى لِلْمَرْأَةِ ، وَأَحَبُّ إِلَى الْبَعْلِ  (صححه الألباني في صحيح أبي داود)  ޚިތާނުކޮށްދޭ އަންހެނެއް މަދީނާގައި އުޅުއްވިއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ އޭނާއަށް ޙަދީޘްކުރެއްވިއެވެ. (ޚިތާނު ކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. ފަހެ ހަމަކަށަވަރުން އެއީ އަންހެންމީހާއަށް އެންމެ ފައިދާބޮޑު، އެންމެ އަރާމު ގޮތެވެ. އަދި ފިރިމީހާވެސް އެންމެ ލޯބިވާނޭ ގޮތެވެ. އެހެން ރިވާޔަތެއްގައި ވެއެވެ. اخْفِضِيْ وَ لَا تُنْهِكِيْ فَإِنَّهُ أَنْضَرُ لِلْوَجْهِ وَ أَحْظَى عِنْدَ الزَّوْجِ (صححه الألباني) (އަންހެންކުދިން) ޚިތާނުކުރާށެވެ! އަދި (ޚިތާނުކުރާއިރު) މާ ބޮޑަށް ނުކަޑާށެވެ. އެއީ އެއަންހެންމީހާގެ މޫނު ރީތިވުން އެންމެ ގާތްގޮތެވެ. އަދި ފިރިމީހާ ކައިރީގައި އެންމެ އަރާމު ގޮތެވެ.
×      އުއްމު ޢަލަޤަމާ ރަޙިމަހަﷲގެ ކިބައިން ރިވާވެގެންވެއެވެ. عَنْ أُمِّ عَلْقَمَةَ  أَنَّ بَنَاتِ أَخِيْ عَائِشَةَ خُتِنَّ (أخرجه البخاري في الأدب المفرد)  އާއިޝާ ރަޟިޔަﷲ ޢަންހާގެ އަޚުގެ އަންހެން ކުދިން ޚިތާނުކުރެވުނެވެ.
×      އިބްނު ރަޖަބް ރަޙިމަހުﷲ ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ. وَخِتَانُ الْمَرْأَةِ مَشْرُوْعٌ بِغَيْرِ خِلَافٍ އަންހެނުން ޚިތާނުކުރުމަކީ (ދީނުގައި) މަޝްރޫޢުކަމެކެވެ. މިކަމުގައި އެއްވެސް ޚިލާފެއް ނުވެއެވެ.
×      އިމާމުލް ބުޚާރީ ރަޙިމަހުﷲ އެކަލޭގެފާނުގެ ޞަޙީޙުގައި بَابُ إِذَا الْتَقَى الخِتَانَانِ  (ދެ ޚިތާނު ޖެހޭހިނދު) މިހެން ވިދާޅުވެ ބާބު ބަންނަވާފައިވެއެވެ. އިބްނު ޙަޖަރު ރަޙިމަހުﷲ މި ބާބު ޝަރަޙަ ކުރައްވަމުން ފަތުޙުލްބާރީގައި ވިދާޅުވެފައިވެއެވެ. "ދެ ޚިތާނުގެ މުރާދަކީ ފިރިހެން މީހާގެ ޚިތާނާއި (ލަދުވެތި ގުނަވަނާއި) އަންހެން މީހާގެ ޚިތާނެވެ. (ލަދުވެތި ގުނަވަނެވެ)". މި ބާބުގައި އިމާމުލް ބުޚާރީ ރަޙިމަހުﷲ ގެންނަވާފައިވަނީ، ޖިމާޢުވެއްޖެނަމަ، ހިނައިގަތުން ވާޖިބުވާނެކަން ބަޔާންވެފައިވާ ޙަދީޘްތަކެވެ.
×      ފިޠުރަތުގެ ކަންތައް ބަޔާންކުރެވިފައިވާ ޙަދީޘް ޝަރަޙަކުރައްވަމުން، އައްނަވަވީ ރަޙިމަހުﷲ ޞަޙީހުމުސްލިމުގެ ޝަރަޙަ އަލްމިންހާޖުގައި ވިދާޅުވެފައިވެއެވެ. ފަހެ ޚިތާނުކުރުމަކީ، އިމާމު ޝާފިޢީ ރަޙިމަހުﷲ އާއި ބައެއް ޢިލްމުވެރިންގެ އަރިހުގައި ވާޖިބުކަމެކެވެ. އަދި އިމާމު މާލިކު ރަޙިމަހުﷲ އާއި ގިނަ ޢިލްމުވެރިންގެ އަރިހުގައި ސުންނަތް ކަމެކެވެ. ޝާފިޢީ ރަޙިމަހުﷲގެ އަރިހުގައި، އެއީ ފިރިހެނުންނާއި އަންހެނުންނަށްވެސް ވާޖިބުކަމެކެވެ.
×      ޝާފިޢީ މަޛްހަބުގެ ފިޤުހުފޮތެއްކަމުގައިވާ "މިންހާޖުއް ޠާލިބީންގައި" އައްނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އަންހެނުން ޚިތާނުކުރުމަކީ ވާޖިބެކެވެ".
×      ޝާފިޢީ މަޛްހަބުގެ އެހެން ފިޤުހުފޮތެއްކަމުގައިވާ "އަލްބަޔާނުގައި" އަލްޢިމްރާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ފިރިހެނުންނާއި އަންހެނުންވެސް ޚިތާނުކުރުމަކީ (އަހަރެމެންގެ މަޛުހަބުގައި) ވާޖިބެކެވެ. އަދި ފިރިހެނުންނާއި އަންހެނުންނަށްވެސް، އެއީ ސުންނަތެއްކަމަށް އަބޫޙަނީފާ ވިދާޅުވެއެވެ".
×      ޝާފިޢީ މަޛްހަބުގެ އެންމެ މަޝްހޫރު އެއްފިޤުހުފޮތް ކަމުގައިވާ "އަލްމަޖުމޫޢުގައި" އައްނަވަވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. އަހަރެމެންގެ (ޝާފިޢީ) މަޛުހަބުގައި ފިރިހެނުންނާއި އަންހެނުން ޚިތާނުކުރުމަކީވެސް ވާޖިބެކެވެ. އަދި މިއީ ސަލަފުންގެ ގިނަ ބޭކަލުންތަކެއްގެ ބަހެވެ. އަދި ޚިތާނުކުރުން ވާޖިބެއްކަމުގައި ވިދާޅުވާ ބޭފުޅުންގެ ތެރެއިން އިމާމް އަޙުމަދުވެސް ހިމެނެއެވެ. އަދި އިމާމް މާލިކާއި އިމާމް އަބޫހަނީފާ ވިދާޅުވަނީ ފިރިހެނުންނާއި އަންހެނުންގެ ޙައްޤުގައިވެސް އެއީ ސުންނަތެއް ކަމުގައެވެ. އަދި ޜާފިޢީ އެއީ އަހަރެމެންގެ (ޝާފިޢީ) މަޛުހަބުގެ ވަޖުހެއްކަމަށް ވިދާޅުވެއެވެ. އަދި ފިރިހެނުންނަށް ވާޖިބުވެފައި އަންހެނުންނަށް ސުންނަތްވުމަކީ އަހަރެމެންގެ (ޝާފިޢީ)މަޛުހަބުގެ ތިންވަނަ ވަޖުހުކަމުގައި ރާފިޢީ ބަޔާންކުރައްވައެވެ. ނަމަވެސް، މި ދެ ވަޖުހަކީވެސް ޝާޛް (އެކަހެރި، ޤަބޫލުނުކުރެވޭ) ދެ ވަޖުހެވެ. އަދި އަހަރެމެންގެ (ޝާފިޢީ) މަޛުހަބުގެ ޞައްޙަ ވަޖުހަކީ އަންހެނުންނާއި ފިރިހެނުންނަށްވެސް ވާޖިބުވުމެވެ. މިއީ ޝާފިޢީ ރަޙިމަހުﷲގެވެސް ރައުޔެވެ. އަދި ޖުމުހޫރުންވެސް ވިދާޅުވާގޮތެވެ.
×      މާލިކީ މަޛްހަބުގެ ފޮތެއް ކަމުގައިވާ "އަލް އިސްތިޛްކާރުގައި" އިބްނު ޢަބްދިލް ބައްރި ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "އާޠާއު ވިދާޅުވެއެވެ. ޚިތާނު ނުކުރަނީސް މީހެއްގެ އިސްލާމްކަން ފުރިހަމަ ނުވާހުއްޓެވެ. މާލިކާއި، ޝާފިޢީއާއި، އަބޫޙަނީފާ ދެއްކިލައްވަނީ ބޮޑުމީހެއްވިޔަސް، އިސްލާމްވުމަށްފަހު ޚިތާނުކުރަން ޖެހޭނެކަމަށެވެ. އަދި އަންހެނުންނަށް އެއީ އެދެވިގެންވާ ސުންނަތެއްކަމުގައި އެބޭކަލުން ދެކިލައްވައެވެ. އަދި އިމާމް މާލިކު ވިދާޅުވާކަމުގައި އިބްނުލްޤާސިމް ވިދާޅުވިއެވެ. ފިރިހެނުންނާއި އަންހެނުން ޚިތާނުކުރުމަކީ ފިޠުރަތުގެ ތެރެއިންވާ ކަމެކެވެ".
×      ޙަންބަލީ މަޛްހަބުގެ އެންމެ މަޝްހޫރު އެއްފިޤުހު ފޮތްކަމުގައިވާ "އަލްމުޣުނީގައި" އިބްނު ޤުދާމާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ޚިތާނުކުރުމަކީ ފިރިހެނުންނަށް ވާޖިބުވެގެންވާ ކަމެކެވެ. އަދި އަންހެނުންނަށްޓަކައި އެއީ މާތްކަމެކެވެ. އެކަނބަލުންނަށް ވާޖިބުވެގެންވާކަމެއް ނޫނެވެ. މިއީ ގިނަ ޢިލްމުވެރިންތަކެއްގެ ބަހެވެ." އަދިވެސް ވިދާޅުވެފައިވެއެވެ. "ޚިތާނުކުރުމަކީ އަންހެނުންނަށްވެސް ޝަރުޢުވެގެންވާ ކަމެކެވެ. އަބޫ ޢަބްދިﷲ (އިމާމު ޢަޙުމަދު) ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙަދީޘް إِذَا الْتَقَى الْخِتَانَانِ وَجَبَ الْغُسْلُ ދެޚިތާނު ޖެހިއްޖެނަމަ (ޖިމާޢުވެއްޖެނަމަ) ހިނައިގަތުން ވާޖިބުވެއްޖެއެވެ.)އިން، އަންހެން ބޭކަނބަލުންވެސް ޚިތާނުކުރައްވާކަން އެނގެއެވެ.”
×      ޙަނަފީ މަޛްހަބުގެ ފޮތެއްކަމުގައިވާ "ތުޙުފަތުލްމުލޫކުގައި" ޒައިނުއްދީން އައްރާޒީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ޚިތާނުކުރުމަކީ ފިރިހެނުންނަށް ސުންނަތެކެވެ. އަދި އަންހެނުންނަށް އެއީ މާތްކަމެކެވެ".
×      އައްޝަރުޙުލް މުމްތިޢުގައި "ޢުޘައިމީން ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ". މުއައްލިފު (އަލްޙަޖާވީ)ގެ ބަސްފުޅުން ދޭހަވަނީ، ޚިތާނުކުރުމަކީ ފިރިހެނުންނާއި އަންހެނުންނަށްވެސް ވާޖިބެއްކަމެވެ. (ޙަންބަލީ) މަޒްހަބުގެ ރައުޔަކީ މިއެވެ. އަދި ފިރިހެނުންނަށް ވާޖިބުވެފައި އަންހެނުންނަށް ސުންނަތްކަމުގައިވެސް ބުނެވެއެވެ. މިއީ މުވައްފަޤު އިބްނުޤުދާމާ ރަޙިމަހުﷲގެ ރައުޔެވެ. އަދި ފިރިހެނުންނާއި އަންހެނުންނަށްވެސް ސުންނަތެއްކަމުގައިވެސް ބުނެވެއެވެ. "އަދިވެސް ވިދާޅުވެފައިވެއެވެ". އަދި ފިރިހެނުންނަށް ވާޖިބެއްކަމަށާއި އަންހެނުންނަށް ސުންނަތެއްކަމަށް ބުނެވޭ ރައުޔު އެއީ ޙައްޤާއި އެންމެ ގާތް ރައުޔެވެ.
×      ނައިލުލް އައުޠާރުގައި "ޝައުކާނީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ". ޚިތާނުކުރުމަކީ ވާޖިބެއްކަމަށް ޘާބިތުވާ އެއްވެސް ޞައްޙަ ދަލީލެއް ނެތެވެ. (ދަލީލުން) ޔަޤީންވާކަމަކީ އެއީ ސުންނަތެއްކަމެވެ.
×      އިބްނު ތައިމިއްޔާ ރަޙިމަހުﷲގެ "މަޖުމޫޢަތުލް ފަތާވާގައި" ވެއެވެ. އަންހެނުން ޚިތާނުކުރުމަކީ (ޝަރުޢުގައި) އޮންނަކަމެއް ތޯއެވެ. (ޖަވާބުގައި) ވިދާޅުވިއެވެ. އެންމެހައި ޙަމްދެއްވަނީ ﷲ ތަޢާލާއަށެވެ. އާނއެކެވެ. އަންހެނުން ޚިތާނުކުރުމަކީ (ޝަރުޢުގައި) އޮންނަ ކަމެކެވެ.
×      ސަޢޫދީ ޢަރަބިއްޔާގެ ފަތަވާކޮމިޓީގެ ފަތަވާފޮތުގައިވެއެވެ. ޚިތާނުކުރުމަކީ ފިޠުރަތުގެ ކަންތައްތަކުގެ ތެރެއިން ކަމެކެވެ. އެއީ ފިރިހެނުންނާއި އަންހެނުންނަށްވެސް ޝަރުޢުވެފައިވާކަމެކެވެ. ނަމަވެސް ފިރިހެނުންނަށް އެއީ ވާޖިބެކެވެ. އަދި އަންހެނުންނަށް އެއީ މާތްކަމެކެވެ. އަދިވެސް އަންހެނުން ޚިތާނުކުރުމުގެ ޙުކުމަކީ ކޮބައިތޯ ސުވާލުކުރެވުމުން ބަޔާންކޮށްފައިވެއެވެ. އަންހެނުން ޚިތާނުކުރުމަކީ މަޝްރޫޢުކަމެކެވެ. އަދި އެއީ އެކަނބަލުންގެ ޙައްޤުގައި މާތްކަމެކެވެ.
މަތީގައި ބަޔާންވެފައިވާ ޙަދީޘްތަކާއި، ޢިލްމުވެރިންގެ ބަސްފުޅުތަކުން،އަންހެންކުދިން ޚިތާނުކުރުމަކީ އިސްލާމްދީނުގައި ޝަރުޢުވެފައިވާ ކަމެއްކަމާއި، އެއީ ދީނީކަމެއްކަމާއި، އެކަމަށް ދަލާލަތުކުރާ ޞައްޙަ ޙަދީޘްތައްވެސް ވާރިދުވެފައިވާކަން އަޅުގަނޑުމެންނަށް އެނގިއްޖެއެވެ. އަދި ހަމައެއާއެކު، ހަތަރު މަޛުހަބުގެ ޢިލްމުވެރިންވެސް އެކަމުގެ މަޝްރޫޢިއްޔަތާމެދު އެއްބަސްވެލައްވާކަމާއި، އެބޭފުޅުން ވާހަކަދައްކަވާފައިވަނީ، އެއީ ވާޖިބެއްތޯ ނުވަތަ ސުންނަތެއްތޯ ކަމާމެދުކަން އަޅުގަނޑުމެންނަށް ބަޔާންވެގެން ހިނގައްޖެއެވެ. އަދި އިސްލާމްދީނުގައި އަމުރުވެވިފައިވަނީ ޚިތާނުކުރާއިރު، މާބޮޑަށް ނުކެޑުމަށްކަންވެސް އަޅުގަނޑުމެންނަށް އެނގިގެން ހިނގައްޖެއެވެ. އެހެންކަމުން އިސްލާމްދީނުގައި އައިސްފައިވާގޮތާއި ޚިލާފަށް ބަޔަކު ޢަމަލުކުރުމުގެ ސަބަބުން، އޭގެއިން ނިކުންނަ ނޭދެވޭ ނަތީޖާއަށް ބަލައި، އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަމެއް އެއީ ނެތްކަމަކަށް ނެހެދޭނެކަން އަޅުގަނޑުމެން ޤަބޫލުކުރަން ޖެހެއެވެ. އަދި ހަމައެއާއެކު، ބަޔަކު ހޯދާފައިވާ ހޯދުމަކަށް ބިނާކޮށްވެސް، އިސްލާމްދީނުގައި ކަނޑައެޅިފައިވާ ކަމެއް، އެއީ ނެތްކަމަކަށް ނެހެދޭނެކަންވެސް ދަންނަން ޖެހެއެވެ. އެހެނީ އެމީހުންނަށް ހޯދުނު ހޯދުން އެއީ އެންމެ ރަނގަޅުގޮތް ނޫންކަން ޘާބިތުވުމަކީ ވެސް ދުރުކަމެއްނޫނެވެ.
ޔަޤީންކުރަންޖެހޭ ހަމައެކަނީ ފާރާތަކީ ﷲ އެވެ. ހަމަކަށަވަރުން ވެސް ގެއްލުންހުރި އެއްވެސްކަމަކަށް، ﷲއާއި އެއިލާހުގެ ރަސޫލު ޞައްލަﷲ ޢަލައިހިވަސައްލަމަ އަޅުގަނޑުމެންނަށް އަމުރުނުކުރައްވާނެއެވެ. ބައެއްގެ ހޯދުންތަކަށް ބިނާކޮށް ކޮންމެ ވާހަކަތަކެއް ދައްކަމުން ދިޔަކަމުގައި ވިޔަސް ﷲގެ ދީނުގައި އައިސްފައިވާ އެއްވެސްކަމެއް އެއީ އިންސާނުންނަށް ކުޑަނަމަވެސް ގެއްލުމެއް ލިބޭނެ ކަމަކަށް ނުވާނެއެވެ. މިކަން އަޅުގަނޑުމެން މުސްލިމުން ހިތުގެ އަޑިން ޤަބޫލުކުރަން ޖެހެއެވެ.

މަޞްދަރު:
ދިސަލަފިއްޔާ

1 comment:

Anonymous said...

ޚިތާނުކުރުމުން ލިބޭ ފައިދާތަކަކީ ކޮބައިތޯ؟