Featured Post

Ombey

Wednesday, December 5, 2018

lavayaai muzikuge h'ukum ...


ލަވަޔާއި މިޔުޒިކުގެ ޙުކުމް ....
Image result for song and music
ލިޔުނީ: ޒީނަތު ލަބީބު.
وَالْعَصْرِ ﴿١﴾ إِنَّ الْإِنسَانَ لَفِي خُسْرٍ ﴿٢﴾ إِلَّا الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ وَتَوَاصَوْا بِالْحَقِّ وَتَوَاصَوْا بِالصَّبْرِ ﴿٣﴾  މާނައީ: ޒަމާން ގަންދެއްވަމެވެ. (1) ހަމަކަށަވަރުން، އިންސާނާ ވަނީ، ގެއްލުމެއްގައިކަން ކަށަވަރެވެ. (2) إيمان ވެ صالح عمل ތައްކޮށް، އަދި އެކަކު އަނެކަކަށް حق އަށް وصية ކޮށް، އަދި އެކަކު އަނެކަކަށް ކެތްތެރިވުމަށް وصية ކޮށްއުޅުނު މީހުން މެނުވީއެވެ. (3) ހެޔޮކަންކަމަށް އަމުރުކޮށް ނުބައިކަންކަން މަނާ ކުރުމަކީ އެންމެންގެ ޒިންމާއެކެވެ. ކޮންމެ މުސްލިމަކު ވެސް ކުރަންޖެހޭނެ ކަމެކެވެ.
ދިވެހި މުޖުތަމަޢުގައި ވެސް ދަނީ އާ އަހަރު ފާހަގަކުރުމުގެ ގޮތުންނާއި ތަފާތު އެކިއެކި މުނާސަބަތުތަކާއި ގުޅިގެން ބޮޑެތި ޝޯތައް ބާއްވަމުންނެވެ.  މިފަދަ ކަންތައް ކުރަމުންދާ އިރު ތިމާ ރުހޭ މީހަކު ކުރާކަމެއްނަމަ އެއީ މާބޮޑު މައްސަލައަކަށް އެއްވެސް މީހަކު ނަހަދައެވެ. އެހެންނަމަވެސް ތިމާ ނުރުހޭ މީހަކު މިޒާތުގެ ކަމެއް ކުރަން އުޅޭނަމަ ނުވަތަ ކުރާނަމަ ދީނުގެ ޢިލުމުވެރިން ކޮބައިހޭ ކިޔާތަން ފެނެއެވެ. ނަމަވެސް ބޮޑެތި ޝޯތައް ގާތްވުމުން ނުވަތަ މިފަދަ ބޮޑެތި ފާޙިޝްކަންކަން ފާޅުގައި ކުރާ ކޮންމެ ފަހަރަކު ދީނުގެ ޢިލުމުވެރިން ކޮބައިހޭ ބުނުމަކުން ތިބާގެ ޒިންމާއިން އެއްފަރާތްވެ ތިބާ ސަލާމަތްވީ ކަމުގައެއް ނުވެއެވެ. ތިމާ ރުހުނަސް ނުރުހުނަސް ފާޙިޝްކަމެއްނަމަ އެކަމެއް މަނާކުރާށެވެ.
ތިމާގެ ހަވާނަފްސާއި އެއްގޮތަށް، އެއްވެސް ދަލީލެއްގެ މައްޗަށް ބިނާނުކޮށް ދީނުގައި ހުއްދައް ކަމެއް ޙަރާމްކުރުން، ނުވަތަ ޙަރާމްކަމެއް ހުއްދައްކުރުން މިއީ އެއްވެސް މީހެއްގެ މައްޗަށް ހުއްދަވެގެންވާ ކަމެއްނޫނެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. (وَلاَ تَقُولُواْ لِمَا تَصِفُ أَلْسِنَتُكُمُ الْكَذِبَ هَذَا حَلاَلٌ وَهَذَا حَرَامٌ لِّتَفْتَرُواْ عَلَى اللّهِ الْكَذِبَ) (النحل:116) މާނައީ: "މާތް ﷲއާއިމެދެ، ދޮގުތައް އުފައްދައިގެން ހެދުމަށްޓަކައި، ތިޔަބައިމީހުންގެ ދޫތަކުން ސިފަކޮށްދައްކާ ދޮގުތަކާއިމެދެ، މިއީ ޙަލާލު އެއްޗެކޭ، މިއީ ޙަރާމްއެއްޗެއްކޭ، (ނުވަތަ ކަމެކޭ) މިހެން ކިޔައި ނުއުޅޫށެވެ!" ވީމާ ކަނޑައެޅިގެން ޤުރުއާނާ ޙަދީޘުން ޙަރާމް ކަމެއްކަން އެނގޭ ކަމެއްގައި ޙަލާލޭ ބުނާމީހަކު އެކަމަށް ޙުއްޖަތް ދައްކަން ޖެހޭނެއެވެ. ހަވާނަފުސަށް ތަބަޢަވެ މިވެނިކަމެއް ޙަލާލޭ އެވެނި ކަމެއް ޙަރާމޭ ބުނުމުގެ ޙައްޤު އެއްވެސް މީހަކަށް ލިބިގެނެއް ނުވެއެވެ. ސަބަބަކީ ކަންތައް ޙަލާލުކުރައްވާ، ޙަރާމް ކުރައްވާ ފަރާތަކީ ހަމައެކަނި އެއްކައުވަންތަ ﷲ އެވެ.
މިއުޒިކުގެ ޙުކުމާ ބެހޭގޮތުން ކީރިތި ޤުރުއާނާއި، މާތް ނަބިއްޔާގެ ޙަދީޘްފުޅުތަކާއި އަދި މިއުއްމަތުގެ އިސްވެ ގޮސްފައިވާ ދަންނަބޭކަލުންނާ ފަހުގެ ދަންނަ ބޭކަލުންގެބަސްފުޅުތައް މިތަނުގައި ބަޔާންކޮށްދޭނަމެވެ.
ކީރިތި ޤުރުއާނުގެ އެތައް އާޔަތަކުން ލަވަޔާ މިއުޒިކް ޙަރާމް ކަމަށް ޢިލްމުވެރިން ދަލީލު ދައްކަވައެވެ. އެގޮތުން އެންމެ މަޝްހޫރު އާޔަތަކީ ލުޤްމާން ސޫރަތުގެ ހަވަނަ އާޔަތެވެ. ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَمِنَ النَّاسِ مَنْ يَشْتَرِي لَهْوَ الْحَدِيثِ لِيُضِلَّ عَنْ سَبِيلِ اللَّهِ بِغَيْرِ عِلْمٍ وَيَتَّخِذَهَا هُزُواً أُولَئِكَ لَهُمْ عَذَابٌ مُهِينٌ [لقمان:6] މާނައީ: ނުދަނެތިބެ، اللَّه ގެ މަގުން (މީސްތަކުން) އެއްކިބާކޮށް، އަދި މަލާމާތުގެ ގޮތުގައި ބޭނުންކުރުމަށްޓަކައި ފައިދާއެއްނެތް ވާހަކަ ގަންނަ މީހުންވެސް، މީސްތަކުންގެ ތެރެއިން ވެއެވެ. އިހާނެތިކަންދެނިވި عذاب އެއުރެންނަށްހުށްޓެވެ. (6) އަދި އިމާމު އިބްނި ކަޘީރު ރަޙިމަހުﷲ މި އާޔަތުގެ ތަފްސީރުގައި ވިދާޅުވެފައިވެއެވެ. އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު މިއާޔަތާއި މެދުވިދާޅުވެއެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ލަވައެވެ. އަދިވެސް މިފަދައިން ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި އިބްނު ޢައްބާސާއި، މުޖާހިދާއި، ޘައުރީ އާއި މަކްޙޫލް ރަޟިޔަﷲ ޢަންހުމް ފަދަބޭފުޅުން ހިމެނެއެވެ.
އިބްނުލްޤައްޔިމު رحمه الله ވިދާޅުވެފައިވެއެވެ.
"اللهو" އަކީ ލަވަކިޔުން ކަމަށް ޞަޙާބީންނާއި ތާބިޢީން ކުރައްވާފައިވާ ތަފްސީރު ފުދިގެންވެއެވެ. ފަހެ އިބްނު ޢައްބާސްއާއި އިބްނު މަސްޢޫދުގެ އަރިހުން މިކަން ޞައްޙަ މަގުން އައިސްފައިވެއެވެ. އަބުއްޞަޙްބާ ވިދާޅުވެފައިވެއެވެ. އަންނަނިވި އާޔަތާއި ބެހޭގޮތުން ތިމަންކަލޭގެފާނު އިބްނު މަސްޢޫދާއި ސުވާލުކުރެއްވީމެވެ. ﴿وَمِنَ النَّاسِ مَن يَشْتَرِي لَهْوَ الْحَدِيثِ…﴾ [سورة لقمان ٦] ފަހެ އެކަލޭގެފާނު ވިދާޅުވިއެވެ. "އެއިލާހު ފިޔަވާ ޙައްޤުވެގެން އަޅުކަންވެވޭ ފަރާތެއްނުވާ ﷲ ގަންދީ ބުނަމެވެ. އެއީ ލަވަކިޔުމެވެ." -އެކަލޭގެފާނު ތިން ފަހަރު މި ބަސްފުޅު ތަކުރާރުކުރެއްވިއެވެ. އަދި އިބްނު ޢުމަރު رضي الله عنهماގެ އަރިހުންވެސް އެއީ ހަމަކަށަވަރުން ލަވަކިޔުންކަމަށް ޞައްޙަ ގޮތުގައި އައިސްފައިވެއެވެ."  [إغاثة اللهفان 1/258]
އަދިވެސް ﷲ ތަޢާލާ އަލްއިސްރާ ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ. وَاسْتَفْزِزْ مَنِ اسْتَطَعْتَ مِنْهُمْ بِصَوْتِكَ [الإسراء:64]  މާނައީ: "އަދި އެބައިމީހުންގެތެރެއިން، ކަލެއަށް (ޝައިޠާނާއަށް) ކުޅަދާނަވީބަޔަކު، ކަލޭގެ އަޑުން ބިރުގަންނަވާ ހެއްލުން ތެރިކުރާށެވެ! "ތަފްސީރު ޢިލްމުވެރިންގެ ތެރެއިން އިބްނު ކަޘީރާއި އިބްނު ޖަރީރު ރަޙިމަހުމުﷲ ފަދަބޭފުޅުން ވިދާޅުވަނީ އެތަނުގައި ޝައިޠާނާގެ އަޑޭ އެވާ ބަހުގެ މުރާދަކީ ލަވައެވެ. މިފަދަ އެތައް އާޔަތަކުން ޢިލްމުވެރިން އިސްތިދްލާލު ކުރައްވައެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ޙަދީޘްފުޅުތަކަށް ބަލާލާއިރު މިކަމަށް ދަލީލުކޮށްދޭ ބަސްފުޅުތައް ނުހަނު ގިނަ ގުނައެވެ. އެގޮތުން ކޮންމެވެސް ވަރެއް ބަޔާންކޮށްލާނަމެވެ. މާތް ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވާފައިވެއެވެ. ليكونن من أمتي أقوام يستحلون الحر والحرير والخمر والمعازف. (رواه البخاري في صحيحه معلقاً بصيغة الجزم)  މާނައީ: "ތިމަންކަލޭގެފާނުގެ އުއްމަތުގެތެރެއިން ބަޔަކުމީހުން އަންނާނެއެވެ. އެމީހުން ޒިނޭއާއި، ފަށުވިފޭރާމާއި (ފިރިހެނުންނަށް)، ރަލާއި މިއުޒިކު ސާމާނު ހުއްދަކުރާނެއެވެ".  صوتان ملعونان في الدنيا والآخرة: مزمار عند نعمة، ورنة عند مصيب. (روى البزار في مسنده،صححه الألباني في تحريم آلات الطرب) މާނައީ: "ދުނިޔެއާއި އާޚިރަތުގައި ލަޢުނަތް ލެއްވިގެންވާ ދެއަޑެއް ވެއެވެ. އެއީ ނިޢުމަތެއް (އުފާވެރިކަމެއް) ލިބޭހިނދު އިވޭ އަޑަކާއި، މުޞީބާތެއް (ހިތާމައެއް) ލިބޭހިނދު އިވޭއަޑެކެވެ. "ޢިލްމުވެރިން ވިދާޅުވާގޮތުންނަމަ، އުފާވެރިކަމެއް ދިމާވާހިނދު އިވޭ އަޑެކޭ ބުނެވޭ ބަހުގެ މުރާދަކީ އުފާވެރި މުނާސަބަތު ތަކުގެ ނަމުގަ ކިޔޭ ލަވަތަކާއި ކުޅެވޭ މިއުޒިކާއި ނެށުމުގެ ވާހަކައެވެ. އެހެނެއްކަމަކު އުފާވެރިކަމެއް ދިމާވާހިނދު ޝުކުރު ދަންނަވަން ޖެހޭނީ އެއްކައުވަންތަ ﷲ އަށެވެ. ލަވަޔާ މިއުޒިކަކުން ނޫނެވެ. في هذه الأمة خسف ومسخ وقذف، قال رجل من المسلمين: يا رسول الله، ومتى ذلك؟ قال: إذا ظهرت القينات والمعازف وشربت الخمر. (رواه الترمذي وصححه الألباني) މާނައީ: "މިއުންމަތުގެ ތެރެއިން ބަޔަކު ޤަޛުފްކުރެވި، ސިފަބަދަލުވެ، ބިމަށް ގަންބަވައި ގަނެވޭނެއެވެ. އެހިނދު މުސްލިމުންގެތެރެއިން މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އެވެ. އެއީ ކޮން އިރަކުން ތޯއެވެ؟ އެހިނދު ޙަދީޘްފުޅުކުރެއްވިއެވެ. ރާބުއިމާއި މިޒިކުސާމާނާއި އަޅުން ޢާއްމު ވުމުންނެވެ." ليشربن ناس من أمتي الخمر يسمونها بغير اسمها، وتضرب على رؤوسهم المعازف والمغنيات، يخسف الله بهم الأرض، ويجعل منهم القردة والخنازير.  (صححه الألباني في غاية المرام) މާނައީ: "ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން  ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުން ލަވަކިޔާނެއެވެ. ﷲ އެބައި މީހުން ބިމުގެ ޢަޑިއަށް ގަންބަވާނެތެވެ. އަދި އެބައި މީހުންގެތެރެއިން ރާމާމަކުނުތަކާއި އޫރުތައް ލައްވާނެއެވެ".   
މިހިސާބުން މިބަލައިލަނީ މިމައްސަލާގައި ކުރިޔާއި ފަހުގެ ބައެއް ދަންނަ ބޭކަލުންގެ ބަސްފުޅުތަކަށެވެ.
ފަހެ މިއުއްމަތުގެ ކުރީގެ ދަންނަށް ބޭކަލުން ވަނީ ދުއްފު (ތާރަ) ފިޔަވައި އެހެން ހުރިހާ މިޔުޒިކު ސާމާނަކީ ޙަރާމް އެއްޗެތިކަމަށް އިޖުމާޢު ވެލައްވާފައެވެ. މިއީ އިޖްމާޢެއް ކަމަށް ދަންނަވާފައިވާ ޢިލްމުވެރިންގެތެރޭގައި އަބޫ ޠަބީބު އައްޠަބަރީ، އިމާމް ޤުރުޠުބީ، އިބްނު ރަޖަބް، އިބްނު ޞަލާޙު އަދި އިބްނު ޙަޖަރު އަލްޙައިތަމީ ރަޙިމަހުމުﷲ ފަދަބޭކަލުން ހިމެނެއެވެ. މުއުމިނުންގެ ޚަލީފާ އަބޫބަކުރު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ލަވަޔާ މިޔުޒިކަކީ ޝައިޠާނާގެ އަޑެވެ." އިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވެއެވެ. "ފެނުގެ ސަބަބުން ވިނަ ހެދޭ ފަދައިން ލަވައިގެ ސަބަބުން ހިތުގައި ނިފާޤުކަން އުފެދެއެވެ. އަދި ލަވަޔާއި މިޔުޒިކު ހަރާމް ވުމުގެ އެންމެ ބޮޑު އެއް ޙިކުމަތަކީ ﷲ ތަޢާލާގެމަތިން ޣާފިލު ވުމެވެ." ހަމަ އެފަދައިން ޢުމަރުބިން ޢަބްދުލް ޢަޒީޒު ވިދާޅުވެފައިވެއެވެ. "ލަވަޔާ މިޔުޒިކުގެ ފެށުން ވަނީ ޝައިޠާނާގެ ގާތުންނެވެ. އޭގެ ނިމުންވަނީ އައްރަހުމާނުގެ (ﷲ) ކޯފާއިންނެވެ."
 އަދި ޝައިޙުލް އިސްލާމް އިބްނު ތައިމިޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ހަތަރު މަޛުހަބުގެ (ޙަނަފީ، މާލިކީ، ޝާފިޢީ އަދި ޙަންބަލީ ) ޢިލްމުވެރިންގެ އަރިހުގައި ހުރިހާ މިޔުޒިކު ސާމާނަކީ ވެސް ޙަރާމް އެއްޗެކެވެ. (مجموع الفتاوى: 11/576)
އިމާމް އަބޫޙަނީފާ ރަޙިމަހުﷲ ލަވަޔަށް ނުރުއްސަވައެވެ. އަދި އެއީ ފާފައެއް ގޮތުގައި ހިމަނުއްވައެވެ. ހަމައެފަދައިން ކޫފާގެ އަހުލުވެރިންގެ މަޛްހަބަކީވެސް އެއީއެވެ. އޭގެތެރޭގައި ސުފްޔާނާއި، ޙައްމާދާއި، އިބްރާހީމާއި، ޝަޢްބީ ރަޙިމަހުމުﷲ ފަދަބޭކަލުން ހިމެނިވަޑައިގަންނަވައެވެ. މިބޭކަލުންގެ މެދުގައި މިކަމުގައި ޚިލާފެއްނުވެއެވެ. އަދިހަމަ އެފަދައިން ބަޞަރާގެ އަހުލުވެރިންގެ ތެރޭގައިވެސް މިކަމުގަ ޚިލާފެއްވާކަމެއް އެނގިފައި ނުވެއެވެ. އަދި އިބްނުލް ޤައްޔިމު ރަޙިމަހުﷲ އިޣާޘަތުލް ލަހްފާންގައި ވިދާޅުވެފައި ވެއެވެ. މިޔުޒިކު ޙަރާމްކަމުގައި ދެކޭ އެންމެ ހަރުކަށި މަޛުހަބަކީ އަބޫ ޙާނީފާގެ މަޛްހަބެވެ. އެކަލޭގެފާނުގެ ބަސްފުޅު މިކަމުގައި އެންމެ ހަރުކަށި ބަސްފުޅު ތަކުގެ ތެރޭގައި ހިމެނެއެވެ. އަދި އެކަލޭގެފާނުގެ މަޛުހަބުގެ ބޭފުޅުން ވަނީ މިފަދަ ހުރިހާއެއްޗެއް އަޑުއެހުން ޙަރާމްވާނޭކަމަށް ޞަރީޙަބަހުން ވިދާޅުވެފައެވެ. އަދި އެއީ ކަނޑައެޅިގެން އުރެދުމެއް ކަމަށާއި އެމީހެއްގެ ހެކިބަސްވެސް ބަލައި ނުގަނެވޭނެކަމުގައި ވިދާޅުވެއެވެ. އަދި އެއަށްވުރެވެސް ހަރުކަށިކޮށް އެބޭފުޅުން ވިދާޅުވެފައިވެއެވެ. "އެ އަޑު އެހުމަކީ ފާސިޤުކަމެކެވެ. އެއިން ލައްޒަތު ލިބިގަތުމަކީ ކުފުރެކެވެ." މިއީ ކަނޑައެޅިގެން އެބޭފުޅުންގެ ބަސްފުޅެވެ.
އިމާމު މާލިކު ވަނީ ލަވަޔާއި މިޔުޒިކު ކުޅުމާއި އަޑުއެހުން މަނާކުރައްވާފައެވެ. އަދި ވިދާޅުވެއެވެ. ތިމަންނަމެންގެ ތެރެއިން އެކަންކުރަނީ ފާސިޤުންނެވެ. އަދި އިމާމު ޝާފިޢީ ރަޙިމަހުﷲ އާދާބުލް ޤަޟާގައި ވިދާޅުވެފައިވެއެވެ. ހަމަކަށަވަރުން ލަވަޔަކީ މަކްރޫޙަވެގެންވާ ބޭކާރު ވާހަކައެވެ. އަދި އެ އެއްގޮތްވެގެން ވަނީ ބާޠިލާއެވެ. އެކަން ގިނަކޮށްފިމީހާ އަކީ މޮޔައެކެވެ. އަދި އޭނާގެ ހެކިބަސް ޤަބޫލުނުކުރެވި ރައްދުކުރެވޭ ހުއްޓެވެ. އަދި އެކަލޭގެފާނުގެ މަޛުޙަބުގެ މަޝްހޫރު  ޢިލްމުވެރިން އެކަން ޙަރާމްކުރައްވައެވެ. އަދި އެކަލޭގެފާނު ލަވަހުއްދަކުރާ ކަމަށް ބުނާމީހުން (ޤާޟީފަދަބޭކަލުން) ގެބަހަށް އިންކާރުކުރައްވައެވެ.
އިމާމް އަޙްމަދު ރަޙިމަހުﷲގެ އަރިހުން ޔަތީމުންތަކަކަށް ވާރުތަމުދަލުގެ ގޮތުގައި ވާރުތަވެފައިވާ ލަވަކިޔާ ޖާރިޔާއެއް ވިއްކުމާއި ބެހޭގޮތުން ސުވާލުކުރުމުން ދެއްނެވިއެވެ.  އޭނާ ނުވިއްކާހުށިކަމެވެ. އެހެނެއްކަމަކު އޭނާއީ އާދައިގެ ދެރަ މީހެއްގެ ގޮތުގައި ވިއްކާލާށެވެ. ޝައްކެއްނެތް ގޮތުގައި ލަވަޔާއި ގުޅުންހުރި މީހެއްގެ ގޮތުގައި އެކުއްޖާ ވިއްކިނަމަ ބޮޑު އަގުގައި ވިއްކުނީހެވެ. ނަމަވެސް އެކަލޭގެފާނު އެކަން ހުއްދަ ނުކުރައްވާތީވެ ދަށް އަގުގައި ވިއްކުމަށް އަމުރު ކުރެއްވީއެވެ. (غذاء الألباب في شرح منظومة الآداب)
އަދި އަލް އިމާމް ޤުރުޠުބީ ރަޙިމަހުﷲގެ ކިބައިން ނަގުލުވެގެން ވެއެވެ. "ބެރާއި މިޔުޒިކު ސާމާން ކުޅުމާއި އަޑުއެހުމުގެ ޙަރާމް ކަމާމެދު އެއްވެސް ޙިލާފެއް ނުވެއެވެ. އަދި އިތުބާރުހިފޭ ސަލަފުންގެ (ކުރީގެ) އަދި ޚަލަފުގެ (ފަހުގެ) އެއްވެސް އިމާމެއްގެ ކިބައިން ލަވަ ހުއްދަކުރަނިކޮށް އަހުރެން އަޑު ނައަހަމެވެ. ފަހެ ކީއްވެތޯ ޙަރާމްނުވާންވީ! އެއީ ރާބޯ މީހުންނާއި ފާސިޤުންގެ ޝިޢާރެވެ. އަދި ފަސާދައާއި ޝަޙުވަތް ޙަރަކާތް ކުރުވަނިވި އެއްޗެއްސެވެ. "
ފަހުގެ ޢިލްމުވެރިންގެ ތެރެއިން ސަމާޙަތުއްޝައިޚު ޢަބްދުލް ޢަޒީޒު ބިން ބާޒު ރަޙިމަހުﷲ ވިދާޅުވެފައިވަނީ ލަވަ އަޑުއެހުމަކީ ޙަރާމްވެގެންވާ މުންކަރާތެކެވެ. އަދި އެއީ ހިތުގެ ބަލިމަޑުކަން އިތުރުވެ ހިތް ހަރުވެ ﷲ ތަޢާލާގެ މަތިން ހަނދުމަ ނެތިކޮށްލާ ކަމެކެވެ.
އަދި ޢައްލާމާ ނާޞިރުއްދީން އަލް އަލްބާނީ ރަޙިމަހުﷲ މިއުޒިކު ސާމާނު ހުއްދަ ކުރާނޭ ބަޔަކު އަންނާނޭ ކަމަށް ވާ ޙަދީޘާ ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ. ޙަދީޘުގައި މިއުޒިކު ސާމާނު ކަނޑައެޅިގެން ޙަރާމްކަމަށް ދަލީލު ކޮށްދެނީ އެޙަދީޘްގައިވާ އެހެނިހެން ކަންތައް ކަނޑައެޅިގެން ޙަރާމް ވުމުންނެވެ. އެގޮތުން ޒިނޭކުރުމާ ރާބުއިން ހިމެނެއެވެ.
މިހުރިހާ ބަސްފުޅުތަކާއި ދަލީލުތަކުން މިކަމުގެ ޙުކުމް ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ނަމަވެސް މިހިސާބުން ޢިލްމު ވެރިން މިކަމުގެ ޙުކުމް ބައްސަވާފައިވާ ތަރުތީބު ހާމަ ކޮށްލާނަމެވެ.
ޝަރުޢީގޮތުން ލަވައިގެ ޙުކުމަށް ބަލާލާއިރު މިޔުޒިކާއިއެކު ކިޔާފައިވާ ލަވައެއްނަމަ ފިރިހެނުން އަދި އަންހެނުންގެ މައްޗަށް ޙަރާމް ކަމަށް ޢިލްމުވެރިން ވަނީ އިޖުމާޢްވެފައެވެ. ހަމައެކަނި އިސްތިސްނާވެގެންވަނީ ތާރަ އާއި މެދުގައެވެ. އަދި ތާރައާއި ބެހޭގޮތުން ޢިލްމެރިންގެ އެންމެ ޞައްޙަ ގޮތަކީ އަންހެނުންނަށް ޢީދުގަޔާއި ކައިވެނިޕާޓީ ތަކުގައި ހުއްދަކަމަށެވެ. އެކަމަކު އޭގައި  ޝަރުޠުވެގެންވަނީ ފާޙިޝްނޫން ބަސްތަކަކާއި އެކު ބޭނުންކުރުމެވެ. އަދި އަންހެނުންނަށް ޚާއްޞަކުރެވިފައިވާ ބަސްތަކެއްކަމުގައިވުމާއި އެކު ނަފްސުގެ ޣަރީޒާ ތަކާ ކުޅެލާ ބަސްތަކެއް ކަމުގައި ނުވުމެވެ.
ދެން އޮތީ ލަވަ މިޔުޒިކާއި ނުލައި ކިޔުމުގެ ޙުކުމެވެ. މިބެހިގެންދަނީ ދެބަޔަކަށެވެ. ލަވަކިޔާމީހާއަކީ އަންހެނަކު ކަމުގައިވެ އަޑުއަހާމީހާއަކީ ފިރިހެނެއް ކަމުގައި ވާނަމަ މީގެ ޙަރާމް ކަމާއިމެދެ އެއްވެސް ޝައްކެއްނުވެއެވެ. މީގެ މިސާލަކީ އަންހެނަކު ބަންގިގޮވުން ދީނުގައި މަނާވެގެންދާފަދައެވެ. ދެވަނަބަޔަކީ ފިރިހެނުން ކިޔާލަވައެވެ. ފަހެ އެކިޔޭލަވަޔަކީ ހެޔޮކަމަށް ގޮވާލާ، އަދި އެކަމުގައި ހެޔޮބަސްތައް އެކުލެވިގެންވާ ނަމަ ބައެއް ޢިލްމުވެރިން މިކަން ހުއްދައް ކުރައްވައެވެ. އަދި ބައެއް ޢިލްމުވެރިން މަކްރޫހަކަމެއްގެ ގޮތުގައި ދެކިލައްވައެވެ. އަދި ޚާއްޞަކޮށް އެކަމަށް އަގު ނަގާމަނަމައެވެ. މިކަމުގައިވެސް ޢިލްމުވެރިންގެ އެންމެ ޞައްޙައް ބަސްފުޅަކީ، އެއީ ޝިޢްރު (ޅެން) ނަވަތަ މަދަޙަ ފަދަ އެއްޗެއް ކަމުގައިވެ އަދި އޭގައި ހެޔޮ ބަސްތަކެއް އެކުލެވިގެންވާނަމަ ހުއްދަ ކަމުގައިދެކުމެވެ. ނަމަވެސް މިފަދައިން ކިޔޭ ޅެންފަދަ ތަކެއްޗަކީ ފާޙިޝްކަމާއި މުންކަރާތާއި އަންހެނުންނައް ހިތްކިޔާ އަދި ހަޑި ހުތުރު ބަސްތަކެއް ކަމުގައި ވަނީ ނަމަ ޙަރާމްވެގެންވުމެވެ.  
ލަވައާއި މިއުޒިކަކީ ޙަރާމް ކަމެއްކަން ބަޔާންކޮށްދެއްވަމުން ޢިލްމުވެރިން ގެންނެވި ދަލީލުތަކުގައި އެހެންމީހުންނަށް ނީވޭގޮތަށް ލަވައާއި މިއުޒިކު އަޑުއެހުމަކީ ހުއްދަ ކަމެއްގެ ގޮތުގައި ފެންނާކަށް ނެތެވެ. ނަމަވެސް ހިތާމައަކީ "ހެޑްސެޓް" އަޅައިގެން ލަވައާއި މިއުޒިކު އަޑުއަހަމުން ގެންދަނީ އެކަމުގެ ޙުމުކް ނޭނގިގެނެއް ނޫނެވެ. އަދި ޒުވާނުން މިޔުޒިކް ޝޯތަކަށް ގޮސް ލަވަޔާއި މިޔުޒިކުގެ ތެރޭގައި އުޅެނީ އެކަމުގެ ޙުކުމާއި އޭގެ ނުބައިކަމާއި އޭގެ ނުރައްކާތެރިކަން ނޭނގޭތީއެއްނޫނެވެ. ނުވަތަ ޢިލުމުވެރިން އެކަމުގައި ބުނާ ބަހެއް އަޑުނުއިވިގެނެއްވެސް ނޫނެވެ. ނުވަތަ ޢިލުމުވެރިންގެ މެދުގައި އޭގެ ޙަރާމްކަމާއިމެދު ޚިލާފެއް އުފެދިފައިވާތީއެއްވެސް ނޫނެވެ. ނުވަތަ އެކަންކުރާ މީހާއަށް ޤިޔާމަތް ދުވަހު ނަރަކައިގެ އަޒާބު ޙައްޤުވެގެންވާކަން ނޭނގޭތީއެއްވެސް ނޫނެވެ.  
ލަވަޔާ މިއުޒިކް އަޑުއަހާ ބައެއްގެ ޙުއްޖަތަކީ އެއީ ހިތްހަމަޖައްސާލަދީ ނަފުސަށް އަރާމު ގެނެސްދޭ ކަމެއްކަމަށްބުނުމެވެ. އަޅުގަނޑުމެންގެ ހިތަކީ ހެއްދެވި ފަރާތުން ދެއްވި ނިޢުމަތެކެވެ. އަޅުގަނޑުމެން ހެއްދެވިފަރާތަށް އަޅުގަނޑުމެނަނަށް ހިތްހަމަ ޖެހުން ލިބޭނޭ ކަންތަކާ ގޮތްތައްވެސް މާމޮޅަށް ދެނެވޮޑިގަންނަވާނެއެވެ. އެކަލާނގެ ވަޙީކުރައްވާފައިވަނީ أَلا بِذِكْرِ اللَّهِ تَطْمَئِنُّ الْقُلُوبُ [الرعد:28] މާނައީ: "ދަންނާށެވެ. ހިއްތަކަށް ހަމަޖެހުންވަނީ ﷲ ހަނދުމަކުރުމުންނެވެ." އަދިވެސް ވަޙީ ކުރައްވާފައިވެއެވެ. فَاذْكُرُونِي أَذْكُرْكُمْ [البقرة:152] މާނައީ: "ތިޔަބައިމީހުން ތިމަން ﷲގެ މަތިން ހަނދުމަކުރާށެވެ، އޭރަށް ތިމަން ﷲ ތިޔަބައިމީހުންގެ މަތިން ހަނދުމަކުރާހުށީމެވެ".
ވީމާ ﷲ ގެ މަތިން ހަނދުމަކުރުމަކީ މިއުޒިކުގެ ބަދަލުގައި އަޅުގަނޑުމެނަށް އޮތް އެންމެ ފުރިހަމަ ޙައްލެވެ. އެގޮތުން ފަސްވަގުތު ނަމާދުކުރުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. އަދި ހެނދުނާ ހަވީރުގެ ޒިކުރުތަކާ ދުޢާތައްކިއުމަކީވެސް އެކަލާނގެ މަތިން ހަނދުމަ ކުރުމެވެ. ގިނަ ގިނައިން ކީރިތި ޤުރުއާން ކިޔެވުމާއި ދީނީ ފޮތްތައް ކިޔުމާއި ވައުޟާއި ނަޞޭޙަތް އަޑުއެހުމަކީ ވެސް ޝައިޠާނާގެ މަގުން އެއްކިބާ ކޮށްދީ ގަދަ ކީރިތިވަންތަ، އަޅުގަނޑުމެންނަށް ހުރިހާ ނިޢުމަތެއްދެވަވާ ޚާލިޤުވަންތަ ޖައްބާރުވަންތަ ﷲ ގެ މަތިން ހަނދުމަކޮށްދޭނޭ ކަންތައްތައްކަން ޔަޤީނެވެ. ޤިޔާމަތްދުވަހު ތިބާއަށް ނުބައި ފާފަތައް ކުރުމުގައި އެހީތެރިވި އެއްވެސް މީހެއްގެ ފަރާތުން މަންފާއެން ނުކުރާނެއެވެ. އެކަނިމާއެކަނި ﷲ ތަޢާލާގެ ދަރުބާރުގައި ކޮށްފައިވާ ޢަމަލުތަކާއިމެދު ޖަވާބުދާރީވާން ޖެހޭނެއެވެ. އެމީހަކު ކުރި ޢަމަލެއްގެ ރަހަ އެމީހަކު ދެކޭނެއެވެ.
އެހެންކަމުން މި ނުބައި މުންކަރާތުން ދުރުހެލިވެ ﷲތަޢާލާގެ ޢަޒާބަށް ބިރުވެތިވާށެވެ! އަދި މިފަދަ ޙަރަކާތްތަކަށް ޖަމާވެ ތަރުހީބުދިނުމުން ދުރުހެލިވެ ﷲތަޢާލާގެ ކޯފާއަށް ބިރުވެތިވާށެވެ! އަޅަމެންގެ މުޖުތަމަޢަކީ ﷲ ތަޢާލާގެ ދީނަށް ފުރިހަމައަށް ރުޖޫޢަވާ މުޖުތަމަޢެއް ކަމުގައި ލައްވާށި! އާމީން وما علينا إلا البلاغ المبين

މަޞްދަރު:
ނޫރުލް އިސްލާމް
ދިސަލަފިއްޔާ
ޢިލްމު އެމްވީ

                              

No comments: