`
ނޫރުއްޞަބާ
ހިތަދޫ، އައްޑޫ ސިޓީ.
އައްޑޫ ސިޓީގެ މޭޔަރ އަލްފާޟިލާ ތަބައްސުމް
މުޙައްމަދަށް،
ވެދުން ސަލާމަށް ފަހު
ދަންނަވަމެވެ.
މީގެ 13 ވަރަކަށް އަހަރު
ކުރިން ހިތަދޫ މާމެންދުން އަޅުގަނޑަށް ލިބިފައިވާ ގޯއްޗެއް އެބަ އޮވެ އެވެ. އެ
ގޯތީގައި އެންމެ ފުރަތަމަ ކަންމުޑި ޖަހައި ހަތަރު ފަރާތުގެ އިންފާހަގަ
ކުރުމަށްޓަކައި ސިމިންތިން ކަން މުޑި ޖަހައި ނިންމީ ގޯތި އަޅުގަނޑަށް ލިބުނު
ދުވަހު އެވެ. އެ މަސައްކަތް ކުރުމުގައި އަޅުގަނޑަށް އެހީތެރިވެދނީ އަޅުގަނޑުގެ
އެކުވެރިއެއް ކަމުގައިވާ މުޢާވިޔަތު ޙަސަން ލަޠީފެވެ. އޭރު ހިތަދޫގެ ވެރިކަމުގައި
ތިއްބެވި ވެރިންގެ ތެރެއިން އަޅުގަނޑަށް ގޯތި ދެއްވަން ވަޑައިގެންނެވި ކުޑަކަތީބާ އައިޝަތު
ރަޝީދާއަށް އެކަން ވަރަށް ރަނގަޅަށް އެނގި ވަޑައިގަންނަވާނެއެވެ. މި ދަންނަވާ
ގޯއްޗަކީ އަޅުގަނޑުގެ ގޯއްޗެއް ކަމަށް ހިތަދޫ އޮފީހުގެ ގޭގެއާއި ގޯތީގެ
ރަޖިސްޓަރީގައި 150 ވަނަ އަށް ލިޔުއްވާފައި ވެއެވެ. އަދި ގޯއްޗާއި ޙަވާލުވެގެން
އަޅުގަނޑު ކުރި ސޮއި ވެސް އެ ފޮތުގައި އޮންނާނެ އެވެ.
ރަށުން އެކަށީގެންވާ ވަޒީފާ
އެއް ނުލިބިގެން އަޅުގަނޑާއި އަޅުގަނޑުގެ އެކުވެރިޔާ މުޢާވިޔަތު ފުރައިގެން
ހައްދުންމަތީ ރިސޯޓަކަށް (ލަލަމް ބީޗް ހޮޓަލަށް) ދިޔައީ ގޯތި ބެލެހެއްޓުމާއި މަގާއި
ގޯތީގައި ވިނަ ނޮޅައި ސާފުކޮށް ބެލެހެއްޓުމަށް ސ. ފޭދޫ އަކާޖެހިގޭ މަމްދޫޙާއި ޙަވާލު
ކޮށްފަ އެވެ. އޭރު އޭނާ އަކީ އަޅުގަނޑުގެ އެކުވެރިންގެ ތެރެއިން އަޅުގަނޑުގެ
އަމިއްލަ އެބާވަތުގެ ކަމެއް ހަވާލުކުރަން ފެންނަން ހުރި އެންމެ އަމާނާތްތެރި
އެންމެ ގާތް ފަރާތެވެ.
އަޅުގަނޑު ރިސޯޓުގައި
މަސައްކަތް ކުރުމަށް އެއް އަހަރު އުޅެފައި ލިބުނު ފައިސާކޮޅު ހިފައިގެން ރަށަށް
އައިސް އޭނައާއި ޙަވާލު ކުރުމަށް ފަހު ގޯތީގައި ގެއެއް އަޅަން ފައުންޑޭޝަން
ޖެހުމުގެ މަސައްކަތް ކުރަން ޙަވާލު ކުރީމެވެ. އެ މަސައްކަތަށް އެފަހަރު އޭނައާ
ޙަވާލު ކުރީ އެއް ލައްކަ ފަންސަވީސް ހާސް ރުފިޔާ އެވެ. އެކަން އަޅުގަނޑުކުރީ
ސ.ހިތަދޫ ގާތަޅާގޭ މުޙައްމަދު ނިހާދުގެ ޙާޟިރުގައެވެ. އެއަށްފަހު ކުޑަ
ދުވަސްކޮޅަކަށް ރަށުގައި އުޅެފައި ޗުއްޓީ ހަމަ ނުވަނީސް އަނެއްކާ ވެސް ފުރައިގެން
އަޅުގަނޑު ދިޔައީ ލަލަމް ބީޗް ހޮޓާ ރިސޯޓަށެވެ. ގޮސް އެތާގައި މަސައްކަތް ކުރަން
އަނެއްކާވެސް އެއް އަހަރު ހޭދަކުރުމަށް ފަހު ރަށަށް އައިއިރު ގޯތީގައި ވަނީ ވަރަށް
ރަނގަޅު ފެންވަރަކަށް ފައުންޑޭޝަން ޖަހައި ނިންމާފަ އެވެ. އަދި އުނަގަނޑާ ހަމައަށް
ގެ ވެސް ރާނާފަ އެވެ.
މިފަހަރު ވެސް އަޅުގަނޑު
ފުރައިގެން ރިސޯޓަށް ދިޔައީ އަކާޖެހިގޭ މަމްދޫޙާއި ފަސް ލައްކަ ފަންސާސް ހާސް
ރުފިޔާ ޙަވާލު ކޮށްފަ އެވެ. އެ ފައިސާ ވެސް ޙަވާލު ކުރީ ކުރިންވެސް ފައިސާ ޙަވާލު
ކުރި ގޮތަށް ސ. ހިތަދޫ ގާތަޅާގޭ މުޙައްމަދު ނިހާދުގެ ޙާޟިރުގަ އެވެ. އަޅުގަނޑު
ހުރީ މަސައްކަތް ކުރަމުންދާ އަވަސް މިނާއި މަސައްކަތުގެ ފެންވަރާ މެދު ވަރަށް
ބޮޑަށް ހިތް ހަމަޖެހިގެންނެވެ. އަޅުގަނޑު މި ފަހަރު ރިސޯޓަށް ދިޔައިރު ރިސޯޓުގެ
މެނޭޖްމެންޓް އޮތީ ބަދަލުވެފަ އެވެ. އަޅުގަނޑު މަސައްކަތް ކުރަމުން އައި
ސެކްޝަނުގެ ހެޑް ވެސް ވަނީ ބަދަލުވެފަ އެވެ. އަދި އަޅުގަނޑު ރިސޯޓަށް ދިޔައިރު އެ
ރިސޯޓުން އޮތީ ފަސް އަހަރުގެ ޓްރޭނިންގ އެއްގައި ތައިލެންޑަށް އަޅުގަނޑު
ފޮނުވުމަށް ހުރިހާ ކަމެއް ނިންމާފަ އެވެ. އެހެން ކަމުން އަޅުގަނޑަށް ޖެހުނީ
ފުރައިގެން ތައިލެންޑަށް ދާށެވެ.
ކޮންމެއަކަސް އަޅުގަނޑު
ތައިލެންޑުން އެނބުރި ރާއްޖެ އައިސް ރިސޯޓުގައި ފަސް ހަފުތާ ހޭދަ ކުރުމަށް ފަހު
އެނބުރި އަތޮޅަށް އައިއިރު ގެހުރީ މުޅިން ނިންމާ ހުރިހާ ކަމެއް ފުރިހަމަ ކޮށްފައެވެ.
އަޅުގަނޑު ގެއަށް ދިޔައިރު ގޭގައި ދިރިއުޅެނީ އަކާޖެހިގޭ މަމްދޫޙުގެ އާއިލާ އެވެ.
ފުރަތަމަ ވެސް ދިމާވީ އޭނާގެ އަންހެނުން ޝައުޒޫނާއާއެވެ. މަމްދޫޙު ކޮބާހޭ ޚަބަރު
ބަލައިލުމުން ޝައުޒޫނާ ބުނީ އޭނާ މިވަގުތުވީ ސިންގަޕޫރަށް ގޮސްފައި ކަމަށެވެ. މި
ގެ ނިންމާފައި އެވެސް މީހަކަށް އެއްޗެއް ދޭން އެބަހުރިހޭ ޝައުޒޫނާއާ ސުވާލު
ކުރުމުން އޭނާ ގެނެސް ދެއްކީ ލިޔުންތައް ފައިލު ކޮށްފައި ހުރި ފައިލެކެވެ. އަޅުގަނޑު
އެ ފައިލު ބަލައިލި އިރު، މީސްމީހުންނަށް ފައިސާ ދީފައި ސޮއި ކުރުވާފައި ވެއެވެ.
ދަރަންޏެއް ނެތެވެ. ވީ އުފަލުން އަޅުގަނޑު ދެން ދިޔައީ އަވަސް އަވަހަށް ރަށު
އޮފީހަށެވެ. ގޮސް ގެ ރަޖިސްޓަރީ ކުރުމަށް
ފޯމެއް ނަގައިގެން ފޯމު ފުރާފަ އޮފީހަށް ހުށަހަޅައިފީމެވެ. ޖެހިގެން އައި ދުވަހު
ރަށުއޮފީހަށް ދާން އަޅުގަނޑަށް އަންގަވައިފި އެވެ. އަޅުގަނޑު ދިއުމުން ބޮޑު
ކަތީބަކަށް ހުންނެވި ޢާދިލު ޖަމީލު އަޅުގަނޑު ގެންދަވައިގެން ވިދާޅުވީ މިހާރު
ނޫރުއްޞަބާ ޢަބްދުއްލަޠީފުގެ ގޯއްޗެއް ނެތް ކަމަށެވެ. އެވަގުތު އަޅުގަނޑު ބޮޑު
ކަތީބަށް މި ހުރިހާ ވާހަކައެއް ދެންނެވީމެވެ. ގޯތި ލިބުނު ދުވަހާއި ގޯތި ދެއްވި
ވެރިމީހާގެ ނަމާއި ރަޖިސްޓަރީގައި އަޅުގަނޑު ސޮއިކުރި ވާހަކައަށް ދާންދެން
ދެންނެވީމެވެ.
އެވަގުތު ބޮޑުކަތީބު ވިދާޅުވެގެން
ގޯތި ގޯތީގެ ކަންކަން ކުރައްވައި ބަލަހައްޓަވާ ސެކްރެޓަރީ ޙައްވާ
ގެންނަވައިފިއެވެ. އަދި ގޯތީގެ ރެޖިސްޓަރީ ގެނައުމަށް ވިދާޅުވެއްޖެ އެވެ. އިރުކޮޅަކުން ސެކްރެޓަރީ ގޯތީގެ ރަޖިސްޓަރީ
ގެންނަވައިފި އެވެ. އަޅުގަނޑު ކުރި ސޮއި އެ ރަޖިސްޓަރީގައި އެބަ އޮތެވެ.
އެހިސާބުން ސެކްރެޓަރީ ވިދާޅުވީ މި ގެ މިހާރު ރަޖިސްޓަރީ ކުރެވިފައިވަނީ އަކާޖެހިގޭ
މަމްދޫޙުގެ ނަމުގައި ކަމަށެވެ. އެގޮތަށް އެކަން ދިމާވެފައި ވަނީ އެ ގޯތި އޭނައަށް
ދީ އޭނާގެ ނަމުގައި ރަޖިސްޓަރީ ކުރުމަށް ނޫރުއްޞަބާ ޢަބްދުއްލަޠީފުގެ ސިޓީއެއް
އޮފީހަށް ލިބުމުން ކަމަށެވެ. އިރުކޮޅަކުން އެ ސިޓީ ވެސް ސެކްރެޓަރީ ގެނެސް
ދައްކަވައިފިއެވެ. މަމްދޫޙު އެ އޮތީ އަޅުގަނޑުގެ ނަމުގައި އަޅުގަނޑަށް ނައަންގާ
ސިޓީ އެއް ލިޔެ ރަށު އޮފީހަށް ހުށަހަޅައިގެން އޭނާގެ ނަމުގައި ގޯތީގެ ރަޖިސްޓަރީ
ބަދަލު ކުރުވާފަ އެވެ. ކަންމިހެން
ދިމާވުމުން އަޅުގަނޑަށް ވަނީ ހަދާނެ ގޮތްނެތި ހުސްވެފައެވެ.
ވީމާ، މި މައްސަލަ ވަރަށް
އިންޞާފުވެރިކަމާއެކު ބައްލަވައި ތަޙްޤީޤް ކޮށްދެއްވުމަށާއި އަޅުގަނޑުގެ ޙައްޤު
އަޅުގަނޑަށް ލިބޭނެ ގޮތެއް ހައްދަވައި ދެއްވުން އެދި ކަމަނާގެ އިއްޒަތްތެރި
އަރިހުގައި ދެންނެވީމެވެ. މިސިޓީގައި އަޅުގަނޑު ފާހަގަ ކޮށްފައިވާ ފަދައިން
މިގެއަޅަން ހުރިހާ ފައިސާއެއް ވެސް ޙަވާލުކުރީ ސ.ހިތަދޫ ގާތަޅާގޭ މުޙައްމަދު
ނިހާދުގެ ޙަވާލުގައެވެ.
އިޙްތިރާމް ޤަބޫލު
ކުރެއްވުން އެދެމެވެ.
06 މެއީ 2016
ޚާދިމުކުމް
(ސޮއި)
ޢަބްދުއްލަޠީފު
No comments:
Post a Comment