Featured Post

Ombey

Friday, November 2, 2018

athuliyun


އަތުލިޔުން -  ކޮންމެ ބަހެއްގެ ލޮލުގެ މިޔުޒިކު

 Image result for athuliyun
         
ލިޔުނީ: ޒީނަތު ލަބީބު.

ޢިލްމުވެރިންގެ ނަޒަރުގައި އަތުލިޔުމަކީ މީހާއަށް ލިބޭ ތަޢުލީމުގެ ބަރާބަރު ދެބައިކުޅަ އެއްބައެވެ. އަދި އެއީ ކޮންމެ ބަހެއްގެ ލޮލުގެ މިޔުޒިކް ވެސް މެއެވެ. އެހެންކަމުން މިފަދަ މުހިއްމު ބަހާއެއްގެ ވާހަކަ މިފަދަ ގޮތަކަށް ދަންނަވައި މިކަމުގެ ބޭނުންތެރިކަން އަޅުގަނޑުމެންގެ މުޖުތަމަޢަށް ހާމަކޮށް ތިލަކޮށް ދިނުމަކީ، ދިވެހި ބަސް އުނގެނެމުން އަދި ކިޔަވަމުންދާ ދަރިވަރެއްގެ ގޮތުން އަޅުގަނޑުގެ ވާޖިބެއް ކަމުގައި ދެކެމެވެ.

އާދެ، އިހު ބޯދާ ޒަމާނުގައި އަޅުގަނޑުމެންގެ ކިޔަވާކުދިންނަށް ރީތިކޮށް ލިޔަން ދަސްކޮށްދިނީވެސް ތަފާތު އުކުޅުތައް ބޭނުންކޮށްގެންނެވެ. އެ އުކުޅުތަކުގެ ތެރޭގައި ވޮށުފިލާގައި ލިޔުއްވުމާއި ކަޅުބޯޑުގައި ޗޯކުން ލިޔުއްވުމާއި، ފޮތުގައި އަކުރު އަޅައިދީގެން ލިޔުއްވުން ހިމެނެއެވެ. މިއިން ކޮންމެ ގޮތަކީވެސް އެދުވަސްވަރަށް ވަރަށް ކަމުދިޔަ ގޮތެކެވެ. އޭރުގެ ވައިގައި ހިފި މޮޅު ގޮތެކެވެ. ދިވެހި ބަސް އުނގަންނައިދިނުމުގެ މަސައްކަތުގައި 50 އަހަރަށް ވުރެ ދިގު މުއްދަތަކަށް މަސައްކަތްކުރައްވާފައިވާ، އަދި މިހާރުވެސް އުނގަންނައިދިނުމުގެ މަސައްކަތްކުރައްވަމުން ގެންދަވާ ބޭފުޅެއްކަމަށްވާ އައްޑޫ ސިޓީ ހިތަދޫ ކެމީ ޙަސަންލަބީބު ވިދާޅުވާގޮތުގައި "އަޅުގަނޑު މަދުރަސަތުލް އާލިޔާ ސްކޫލުގައި ސަނަދަށް ކިޔަވަން އުޅުނު ދުވަސްވަރު އެ ސްކޫލުގައި ވެސް ރީތިކޮށް ލިޔަންދަސްކޮށް ދެއްވީ ފޮތުގައި އަކުރު އަޅައިދެއްވައިގެން. ކޮންމެ ދުވަހަކު އަރަބި ފޮޅުވަތަކާއި ތާނަ ފޮޅުވަތެއް އަޅުއްވައި ދެއްވި. ދެން އެ ފޮޅުވަތަށް ބަލައިގެން ރީތިކޮށް ލިޔުނީ" އެވެ. ހިތްދީގެން މި މަސައްކަތް މިގޮތަށް ކުރެވިއްޖެނަމަ އަޅުގަނޑު ދަންނަވާނީ ގާތްގަނޑަކަށް މަހެއް ދޮޅުމަހެއްހައި ދުވަހުގެ މަސައްކަތުން ރީތިކޮށް ލިޔަން ދަސްކުރެވިދާނެ ކަމަށެވެ.

އާނއެކެވެ. ޒަމާން ބަދަލު ވެއްޖެއެވެ. އެއީ މާކުރީގެ ބޯދާކަމެއްކަމަށް މިހާރު އެންމެންވެސް ދެކެން ފަށައިފިއެވެ. ބުނަންވެސް ބުނަނީ އެގޮތް ކަމުނުދާ ކަމަށެވެ. ތެދެކެވެ. އެ ޒަމާން ދެން އެނބުރި ނާންނާނެއެވެ. އެހެންނަމަވެސް އޭރުގެ އެދުރުންގެ ކިބައިގައި އެދުރުވަންތަކަން ހުއްޓެވެ. އުނގަންނައި ދެއްވުމުގެ ހުނަރު ވަރަށް މޮޅަށް ލިބިވަޑައިގެންތިއްބެވިކަން އެބޭބޭފުޅުން ބަސްވިދާޅުވާ އަޑު އެއްސެވި އެއްވެސް މީހަކު ދެބަހެއް ނުވާނެއެވެ.  ހަމަ '' އޯލްޑް އިޒް ގޯލްޑް " ނޫންކަމަކަށް މިހާރުވެސް ބުނެއެއް ނޫޅެއެވެ.

ތެދެކެވެ. ޒަމާނަށް ފައްތައިގެން އާ އުކުޅުތަކެއް އީޖާދު ކޮށްގެންވެސް އަތުލިޔުން އެބަ ކުރިއަރުވަން ޖެހެއެވެ.  އެއީ ހަމަ ކޮންމެހެން ބޭނުންވެފައިވާ ކަމެކެވެ. މިޒަމާނުގެ ކުދިންގެ ތެރެއިން އާއްމުގޮތެއްގައި ނިސްބަތުން ބަލާއިރު އަންހެންކުދިންގެ ލިޔުން ފުދޭވަރަކަށް ރީއްޗެވެ. މަދު ފިރިހެން ކުއްޖަކު ނޫނީ ގިނަފިރިހެން ކުދިންގެ އަތުލިޔުން އެހާ ރީއްޗެއް ނޫނެވެ. މިއީ ކިހިނެއްވާ ކަމެއްތޯ ބަލައިލާއިރު ނެރެވުނު ނަތީޖާއަށް ބަލައިގެން ދެންނެވޭނީ، ފިރިހެންކުދިންނަށް ވުރެ ބޮޑަށް އަންހެން ކުދިން ކިޔެވުމަށް ޝައުޤުވެރިވާތީ މިކަން މިހެން ދިމާވަނީ ކަމުގައެވެ.

މިވާހަކަތައް މިހާހިސާބުން ދެން ދޫކޮށްލާފައި އަތުލިޔުން ރީތި ކުރުވުމަށް ކުރެވިދާނޭ ކަންކަމަށް ބަލައިލަމާތޯއެވެ؟
(1) ތާނަ އަކުރު ލިޔަންވީ ގޮތަށް ލިޔުއްވުން ވަރަށް މުހިއްމެވެ. މި ދެންނެވީ އަކުރު ފަށައިގަންނަ ގޮތާއި، ފަށައިގަންނާނީ އަކުރުގެ ކޮން ހިސާބަކުން ކަމާއި ގަލަމުގައި ހިފާނެ ގޮތާއި، އަކުރު ލިޔާއިރު ފަށަންވީތަނާއި ފޮޅުވަތުގައި އަކުރު ލިޔެފައި އޮންނައިރު ފޮޅުވަތުގެ މައްޗާއި ތިރީގައި އަކުރު އޮންނަން ބައިކުރެވިފައިވާ ގޮތާއި، ނިންމަންވާތަން ބުނެދީ، މި މަސައްކަތް ފެށުމުގެ މަރުޙަލާގައި ކުދިންނަށް ދަސްކޮށްދޭންޖެހޭ ވާހަކައެވެ. ޅައިރުގައި އަޅަންޖެހޭ ބިންގާ ކައްޗަށް އެޅުމުގެ ސަބަބުން މިހާރުވެސް ގްރޭޑް އެގާރަ ބާރައިގެ ކުދިންވެސް ތާނައިގެ ބައެއް އަކުރު ލިޔަނީ ލިޔަންޖެހޭ ގޮތަކަށް ނޫނެވެ. މިސާލަކަށް ދަންނަވާނަމަ  " ކ " ލިޔަނީ ކިހިނެއްތޯ ބަލައިލަމާތޯއެވެ. އަޅުގަނޑު ދުށް ބައެއް ކުދިން ލިޔަނީ ކާފުގެ ނިމޭތަނުން ފެށިގެން ފަށާހިސާބަށް ނިންމާ ގޮތަށެވެ. އެއްޗެއްގައި (ރަނގަޅު) ފާހަގައެއް ޖަހާ ގޮތަށެވެ.  މިކަމަކީ އެލްކޭޖީ ޔޫކޭޖީ ހިސާބުން އެ ކުދިންނަށް ބިންގާ އަޅުއްވައިދެއްވި މުދައްރިސުން އަޅުއްވައި ދެއްވި ގޮތެވެ.

(2) ފުރަތަމައަށް މިދެންނެވި ކަންކަން އެގޮތަށް ކުރުވުމަށްފަހު ދެން ކުރަންވީ ކަމަކީ ފޮޅުވަތް ދޫކުރަމުން ތާނަ ސަފުހާއެއް ލިޔެދޭނީއެވެ. މުޅި ސަފުހާ ފުރެންދެންނެވެ.  ދެން ކުދިންލައްވައި ހުހަށް ދޫކުރި ފޮޅުވަތުގައި ތާނައަކުރު ބަލައިގެން ފަންސުރުން ލިޔުއްވާނީއެވެ. ލިޔުއްވާއިރު، ކުދިން އަކުރު އަޅަނީ އަކުރުގެ ކޮންތާކުން ފަށައިގެން ކޮންތާކަށް ނިންމަމުންތޯ ބަލަންވާނެއެވެ. އަކުރުގެ ބައްޓަމާއި މިން ފޮޓުވަތުގައި އޮތް އަކުރާ ތަފާތުވާނަމަ ފޮހެފަ އަލުން ލިޔުއްވާނީއެވެ. އަދި ފޮހެން ޖެހުނީ ކީއްވެގެން ކަމާއި ވީގޮތް ކުއްޖާއަށް ބުނެދޭންވެސް ވާނެއެވެ. އޭރުން ދެން ލިޔާއިރު އެކުއްޖަކު އެކަމަށް ސަމާލުކަން ދޭނެއެވެ.

(3) ކުދިންގެ އުމުރާއި ފެންވަރާއި ގުޅޭ ގޮތަށް ބަލައިގެން،  ކުދިން ޝައުޤްވެރިކަން ހުންނަ ކުދިކުދި ޕެރެގްރާފްތަކެއް ތައްޔާރު ކުރާށެވެ. އެ ޕެރެގްރާފްތައް ކިޔައިދީގެން ( އިމްލާ ލިޔުއްވާހެން ) ލިޔުއްވާށެވެ. ދެން މުދައްރިސު ތައްޔާރު ކުރި ޕެރެގްރާފް ދަރިވަރު ލިޔުނު ޕެރެގްރާފުގެ ތިރީގައި ނުވަތަ އެ ޕެރެގްރާފުގެ ފަހަތުގައި ތައްކުރާށެވެ.  ދެން ދެ ލިޔުމުގެ ތަފާތު ހޯދައިގެން އަލުން އެކަންކަން ރަނގަޅު ކުރުވަމުން ލިޔުއްވާށެވެ.  މި 3 މަރުޙަލާގައިވެސް ފަންސުރުން ލިޔުއްވާށެވެ.

(4) ކުދިންނަށް ގަލަން ހުއްދަ ކޮށްލަންވީއެވެ. އަކުރުތައް ހެޔޮވަރު ބޮޑުމިނެއްގައި ލިޔެފައިވާ ރީތި ލިޔުމެއް ބަލައިގެން ކުދިން ލައްވާ ލިޔއްވާށެވެ. މާގިނައެއްކޮށް ނޫނެވެ. ސަފްހާއެއްގެ ދެބައިކުޅަ އެއްބައިގެ މިންވަރަށެވެ.  އެއަށްވުރެ ދިއްކުރަން ނަހަދާށެވެ. އެހެންނޫނީ ކުދިން ފޫހިވެ ހިތަށްއެރި ގޮތަކަށް މަސައްކަތް ކުރަން ފަށައިގެންފާނެއެވެ. އެހެންކަމުން މިކަން މިގޮތަށް ކުރުވުމުގައި ކުދިންގެ ކޮންޓުރޯލު ތިމާއަށް ނުގެއްލޭ ފަދަޔަކުން މަސައްކަތް ގެންދިއުމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންޖެހޭނެއެވެ.

(5) ކޮންމެ ހަފުތާކު އެއް ގަޑި އެއީ ރީތިކޮށް ލިޔާ ގަޑިކަމަށް ހަދާނީއެވެ. ރީތިކޮށް ލިޔާ ކުދިންނަށް ބެޖާއި ވަނަދީ އެކުދިންނަށް ރީތިކޮށް ލިޔަން އިރުޝާދު ދޭންވާނެއެވެ. މި މަސައްކަތުގައި ގަޔާވެގެން މަސައްކަތް ކުރަނީ ކޮން ކުދިންތަކެއް ކަން މުދައްރިސު ފާހަގަ ކުރަންޖެހޭނެއެވެ. ފަރުވާތެރިނުވާ ކުދިންނާއި ފަރުވާތެރިވާ ކުދިން ދެ ކެޓަގަރީއަކަށް ބަހާލައިގެން ކުރިޔަށް ގެންދާނީ ވަކި ދެ ގުރޫޕެއްގެ ގޮތުގައެވެ.  އޭރުން ހަމަ އިސާހިތަކުން ކުދިންގެ ޝައުޤު އިތުރުވެ ލިބޭ ނަތީޖާ ފެނިގެންދާނެއެވެ.
މިދެންނެވި ގޮތަށް މަސައްކަތްކުރެވިއްޖެ ނަމަ ތިޔައިން ކޮންމެ ބޭފުޅަކީ ވެސް އެބަހެއްގެ ލޮލުގެ މިޔުޒިކާއި އެއްގޮތަށް ލިޔެވޭނެ މޮޅު ހުނަރުވެރިއަކަށް ވާނެކަން ކަށަވަރެވެ.


No comments: