سورة
الكوثر
ލިޔުނީ: ޒީނަތު ލަބީބު.
ތާރީޚު: 29.11.2018
ކީރިތި ޤުރުއާނުގައިވަނީ 114 ސޫރަތެވެ. 114 ސޫރަތް ބެހިފައިވަނީ 30 ޖުޒުއުގެ
މައްޗަށެވެ. ބައެއް ސޫރަތްތަކަކީ ވަރަށް ދިގު ސޫރަތްތަކެވެ. އަދި ބައެއް
ސޫރަތްތަކަކީ ވަރަށް ކުރު ސޫރަތްތަކެކެވެ. ޤުރުއާނުގައިވާ އެންމެ ދިގު ސޫރަތަކީ
ބަޤަރާ ސޫރަތެވެ. އަދި ޤުރުއާނުގައިވާ އެންމެ ކުރު ސޫރަތަކީ ކައުޘަރު ސޫރަތެވެ.
ޖުމްހޫރުލް މުފައްސިރީން އިޖުމާޢުވެލައްވާ ގޮތުގައި ކައުޡަރު ސޫރަތަކީ މައްކީ
ސޫރަތެކެވެ. އެހެންނަމަވެސް ސަލަފުންގެ ތެރެއިން مجاهد والحسن وعكرمة
وقتادة ވިދާޅުވާ ގޮތުގައި މިއީ މަދަނީ ސޫރަތެކެވެ. މިއީ ރާޖިޙު ޤައުލެއް ނޫނެވެ. މި
ސޫރަތަކީ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ޤުރުއާން ބާވައިލެއްވި
ތަރުތީބަށް ބަލާއިރު 15 ވަނައަށް ބާވައިލެއްވުނު ސޫރަތެވެ. ޤުރުއާން
ތަރުތީބުކުރެވިފައިވާ ގޮތަށް ބަލާއިރު ކައުޘަރު ސޫރަތް އޮންނަނީ 108 ވަނަ ސޫރަތުގެ
ގޮތުގައެވެ. މިއީ ކީރިތި ޤުރުއާނުގައިވާ އެންމެ ކުރު ސޫރަތެވެ. ކައުޘަރު ސޫރަތަކީ
އެންމެ ކުރު ސޫރަތުގެ ގޮތުގައި ބެލެވެނީ އެ ސޫރަތުގައި ހިމެނޭ އާޔަތްތަކުގެ
ޢަދަދަކުން ނޫނެވެ. މި ސޫރަތެކޭ އެއްފަދައިން އާޔަތުގެ ޢަދަދަށް ބަލާއިރު ޢަޞްރު
ސޫރަތާއި ނަޞްރު ސޫރަތުގައި ވެސް ވަނީ 3 އާޔަތެވެ. މިސޫރަތް މިއީ ކީރިތި
ޤުރުއާނުގައި ހިމެނޭ އެންމެ ކުރު ސޫރަތްކަމަށް ބެލެވެނީ ސޫރަތުގައި ހިމެނޭ
ލަފުޡުތަކާއި އަކުރުތަކަށް ބަލާފައެވެ.
ކައުޘަރު ސޫރަތައް "ކައުޘަރު" މިނަންދެވުނީ އެސޫރަތުގެ ފުރަތަމަ
އާޔަތުގައި ކައުޘަރު ޛިކުރުކުރެވިފައިވާތީއެވެ. ބަހުގެ ގޮތުން ބަލާއިރު
"ކައުޘަރު" ގެ މާނައަކީ ގިނަގުނަވެގެންވާ ހެޔޮކަންތަކެވެ. މުފައްސިރުން ތަފާތު
ގޮތްގޮތައް ކައުޘަރު މާނަކުރެއެވެ. އޭގެތެރެއިން
ބައެއް މީހުން މާނަކުރާގޮތުގައި އެއީ ސުވަރުގޭގެ ކޯރެކެވެ. އިބްނު ޢައްބާސު
ވިދާޅުވާގޮތުގައި އެއީ ގިނަގުނަވެގެންވާ ހެޔޮކަންތަކެވެ. ޢިކްރިމަތު ރަޟިޔަﷲ ޢަންހު
ވިދާޅުވާގޮތުގައި އެއީ ނަބީކަމާއި ފޮތެވެ. މުޣީރާ ރަޟިޔަﷲ ޢަންހު ވިދާޅުވާގޮތުގައި
އެއީ އިސްލާމްދީނެވެ.
ކައުޘަރު ސޫރަތަކީ ހިތުގެ ނޫރެވެ. ނަބިއްޔާ صلى
الله عليه وسلم އަށް ދުނިޔެއާއި އާޚިރަތުގައި ގިނަގުނަވެގެންވީ
ހެޔޮކަން ﷲ ތަޢާލާ މިންވަރު ކުރެއްވިއެވެ. މީގެތެރޭގައި ސުވަރުގޭގައިވާ މާތްވެގެންވާ
ފެންއާރު ހިމެނެއެވެ. އެއީ އެތަނަކުން އެކަލޭގެފާނުގެ ޙައުޟަށް [މަޙުޝަރުގެ މައިދާނުގައިވާ
ފެންގަނޑަށް] ހުއްޓުމެއްނެތި ފެން އޮހިއޮހި ހުންނަ ތަނެވެ. އެތާނގެ ފެން، ކިރަށްވުރެ
ހުދުކަން ގަދަވެގެން ވެއެވެ. އަދި މާމުޔަށްވުރެ ރަހަ މީރުކަން އިތުރުވެގެން ވެއެވެ.
އަދި ގޮމަކަސްތޫރިއަށްވުރެ އޭގެ ވަސް މީރުވެގެން ވެއެވެ. ޤިޔާމަތް ދުވަހުގައި މިފެންގަނޑު
ވާހުށީ މަޙްޝަރުގެ މައިދާނުގައެވެ. ނަބިއްޔާ صلى
الله عليه وسلم ގެ އުއްމަތުގެ މުއުމިނުތަކުން އެތަނުން
ފެންބޯނެއެވެ. އަދި ގިނަގުނަ ކަމާއި ޗާލުކަމުގައި އެއާރުގެ ކަންވާރުތައް ވާހުށީ އުޑުގެ
ތަރިތައް ފަދައިންނެވެ.
މާތް ﷲ ރުއްސުންލެއްވި އަނަސް ބިން މާލިކު ރަޟިޔަﷲ ޢަންހުގެ އަރިހުން
ރިވާވެގެން ވެއެވެ.
ما رواه أنس بن مالك -رضي الله عنه- عن النَّبيّ
-عليه الصَّلاة والسَّلام- قال: (قَالَ: بَيْنَا رَسُولُ اللهِ صَلَّى اللهُ
عَلَيْهِ وَسَلَّمَ ذَاتَ يَوْمٍ بَيْنَ أَظْهُرِنَا إِذْ أَغْفَى إِغْفَاءَةً
ثُمَّ رَفَعَ رَأْسَهُ مُتَبَسِّمًا، فَقُلْنَا: مَا أَضْحَكَكَ يَا رَسُولَ اللهِ
قَالَ: أُنْزِلَتْ عَلَيَّ آنِفًا سُورَةٌ فَقَرَأَ: بِسْمِ اللهِ الرَّحْمَنِ
الرَّحِيمِ (إِنَّا أَعْطَيْنَاكَ الْكَوْثَرَ. فَصَلِّ لِرَبِّكَ وَانْحَرْ.
إِنَّ شَانِئَكَ هُوَ الْأَبْتَرُ)،[٣] ثُمَّ قَالَ: أَتَدْرُونَ مَا الْكَوْثَرُ؟
فَقُلْنَا اللهُ وَرَسُولُهُ أَعْلَمُ، قَالَ: فَإِنَّهُ نَهْرٌ وَعَدَنِيهِ
رَبِّي عَزَّ وَجَلَّ، عَلَيْهِ خَيْرٌ كَثِير. މާނައީ: އެއްދުވަހަކު ކީރިތި ރަސޫލﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަ އަހަރުމެންނާއި އެކު ހުންނަވަނިކޮށް ކުޑަކޮށް ނިދިޖެހި ވަޑައިގަތެވެ. އެއަށްފަހު ހިނިވަރުނަ ކުރައްވަމުން އެކަލޭގެފާނުގެ
ބޯފުޅު އުފުއްލަވާ ލެއްވިއެވެ. ތިމަންމެން ދެންނެވީމެވެ. "ﷲ ގެ ރަސޫލާ އެވެ. ކަލޭގެފާނު
ހިނިވަރުނަ ކުރެއްވީ ކީއްވެގެންތޯއެވެ؟" ޙަދީޘް ކުރެއްވިއެވެ. "މީގެ ކުޑައިރުކޮޅެއް
ކުރިން ތިމަންކަލޭގެފާނުގެ މައްޗަށް ސޫރަތެއް ބާވާލެވިއްޖެއެވެ." އެއަށްފަހު ސޫރަތުލް
ކައުޘަރުގެ އާޔަތްތައް ކިޔަވާ ވިދާޅުވިއެވެ.އެއަށްފަހު ޙަދީޘް ކުރެއްވިއެވެ."ކައުޘަރަކީ
ކޮބައިކަން ތިޔަބައިމީހުންނަށް އެނގޭ ހެއްޔެވެ؟" ތިމަންމެން ދެންނެވީމެވެ. "ﷲ އާއި އެކަލާންގެ
ރަސޫލާ މޮޅަށް ދެނެވޮޑިގެންވެއެވެ." ޙަދީޘް
ކުރެއްވިއެވެ. "އެއީ ތިމަންކަލޭގެފާނަށް ދެއްވާނެކަމަށް ﷲ ވަޢުދުވެ ވޮޑިގެންފައިވާ
ކޯރެކެވެ. އޭގައި އެތަށް ބައިވަރު ހެޔޮކަންތައް ލައްވާފައިވެއެވެ."
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދަރިކަލުން
ޢަބްދުﷲގެފާނު ނިޔާވި ހިނދުގައި މުޝްރިކުންގެ މީހަކު ބުނިއެވެ. "މުޙައްމަދަކީ
ދަރިޔަކުވެސް ހުރި މީހެއް ނޫނެވެ." އެހިނދު ﷲ ތަޢާލާ މިސޫރަތް ބާވައިލެއްވިއެވެ.
އަދި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ
މައްޗަށްވާ މާތް ﷲ ގެ ފަޟްލަވަންތަކަން ބަޔާންކޮށްދެއްވިއެވެ. މާތް ﷲ އެކަލޭގެފާނަށް
ގިނަގުނަ ނިޢްމަތްތައް ދެއްވާފައިވާކަން އަދި އާޚިރަތުގައިވެސް ދެއްވާނެކަން ބަޔާން
ކުރެއްވިއެވެ.
بِسْمِ اللَّـهِ الرَّحْمَـٰنِ الرَّحِيمِ رحمن ވަންތަ رحيم ވަންތަ اللَّه ގެ اسم ފުޅުން ފަށައިގަންނަމެވެ.
إِنَّا أَعْطَيْنَاكَ الْكَوْثَرَ ﴿١﴾ ހަމަކަށަވަރުން، ތިމަންރަސްކަލާނގެ
ގިނަގިނަވެގެންވާ ހެޔޮކަން (އޭގެތެރޭގައި كوثر އޭ ކިޔުނު އާރުވެސް) ކަލޭގެފާނަށް
ދެއްވީމެވެ.(1)
فَصَلِّ لِرَبِّكَ وَانْحَرْ ﴿٢﴾ ފަހެ، ކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް ކަލޭގެފާނު ނަމާދު
ކުރައްވާށެވެ! އަދި قربان ކުރައްވާށެވެ! (2)
إِنَّ شَانِئَكَ هُوَ الْأَبْتَرُ ﴿٣﴾ ހަމަކަށަވަރުން، ކަލޭގެފާނު ކޯފާއިސްކުރައްވާ
މީހާ އެއީ، ހުރިހާ ހެޔޮކަމަކުން ކެނޑިގެންވާ މީހާއެވެ. (3)
މަޞްދަރު:
No comments:
Post a Comment