އުފަންވާ
ދަރިފުޅަށްޓަކައި ކުރަންޖެހޭ ކަންތައްތައް
ލިޔުނީ: ޒީނަތު ލަބީބު
ތާރީޚު: 30.11.2018
ﷲ ސުބުޙާނަހޫ ވަތަޢާލާ އިންސާނުންނަށް ދެއްވާފައިވާ ނިޢުމަތްތައް
ގިނަގުނައެވެ. ޢަދަދު ނުކުރެވޭހާ ގިނަގުނަ ނިޢުމަތްތަކެވެ. މި ނިޢުމަތްތަކުގެ
ތެރެއިން އެންމެ ބޮޑު އެއް ނިޢުމަތަކީ ދަރިންނެވެ. ދަރިންނަކީ ލޮލުގެ ފިނި ކަމެވެ.
ހިތުގެ އަރާމެވެ. އެދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަކީ އެދަރީންގެ މައިންބަފައިން
މަރުވުމަށްފަހު ކަށްވަޅުގައިވާއިރުވެސް އޭނާގެ ޢަމަލުގެ ފަތަށް ހެޔޮކަންތައް އިތުރުވެގެންދާނެ
ކަމެކެވެ. މި ދުނިޔެ މައްޗަށް ދޫކޮށްފައިދާ ޞާލިޙު ދަރިން ކުރާ ދުޢާއަކީ މީހާ މަރުވުމަށްފަހު
އޭނާއަށް ކަށްވަޅުގައި އެއިން މަންފާކުރާނެ ތިންކަމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިނިޢުމަތް
ދެއްވިހިނދު އެދަރިންނަށްޓަކައި މުހިންމު ޙައްޤުތަކެއް އެދަރިންގެ
މައިންބަފައިންގެ ބޮލުގައި އެޅުއްވިއެވެ. މިގޮތުން ދަރިފުޅު ދުނިޔެއަށް އުފަންވާ
އެންމެ ފުރަތަމަ ވަގުތުން ފެށިގެންވެސް އެކުދިންނަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް
ވަނީ ބަޔާންކޮށް ދެއްވާފައެވެ.
1- ތަޙްނީކުކުރުން:
މިގޮތުން ކުއްޖާ އުފަންވުމުން ތަޙްނީކު ކުރުމަކީ ރަސޫލުﷲ صلى الله عليه و سلم ސުންނަތުން
ޘާބިތުވާކަމެކެވެ. ތަޙްނީކުކުރުމަކީ ކަދުރުކޮޅެއް ޗިސްކޮށްލުމަށްފަހު އޭގެ ދިޔަ ކުއްޖާގެ
ތަލީގައި ކާއްތާލުމެވެ. ނުވަތަ ކުއްޖާއަށް އޭގެ ރަހަ ފޯރުކޮށްދިނުމެވެ. ކަދުރު ނުލިބުނު
ނަމަ މާމުއި ފަދަ ކޮންމެވެސް ފޮނިއެއްޗަކުންނެވެ. މިއީ މުސްތަޙައްބުކަމެކެވެ. ޢާއިޝާ
ރަޟިޔަﷲ ޢަންހާގެ އަރިހުން ރިވާވެގެންވެއެވެ. عَنْ
عَائِشَةَ رضي الله عنها أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ
كَانَ يُؤْتَى بِالصِّبْيَانِ فَيُبَرِّكُ عَلَيْهِمْ وَيُحَنِّكُهُمْ-روى البخاري
(6355) ومسلم (286) މާނައީ: ހަމަކަށަވަރުން ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަރިހަށް ކުދީން(އަލަށް އުފަންވާ) ގެނެވޭކަމުގައިވިއެވެ.
ދެންފަހެ އެކަލޭގެފާނު އެކުދީންގައި ބަރަކާތް ލެއްވުމަށްއެދި ދުޢާކުރައްވާ އެކުދީން
ތަޙްނީކުކުރައްވައެވެ.
ނަމަވެސް މިޒަމާނުގައި އެކަންކުރުން އެންމެ ރަނގަޅީ ދަރިފުޅުގެ ބައްޕައެވެ.
ތަޙްނީކު ކުރުމަށްޓަކައި ކުޑަދަރިފުޅުގެ އަނގައިގައި ކަދުރު ކުޅެއް އަތުން ޗަސް ކޮށްލެއްވުމަށްފަހު
ޖެއްސުމުން ރަނގަޅުވާނެއެވެ. ނުވަތަ ކުޑަ މާމުއި ފޮދެއް ޖެއްސެވުމުން ފުދޭނެއެވެ.
2- ނަންކިޔުން:
ކުޑަ ދަރިފުޅަށް ނަން ދިނުމަކީ އެކުއްޖާގެ ބައްޕައަށް ލިބިގެންވާ ޙައްޤެކެވެ. ބައްޕަ އިޚްތިޔާރު
ކުރާ ނަމަކަށް މަންމަ ދެބަސްވެ އަރާރުން ވުމަކީ އެއްގޮތަކަށްވެސް ކޮށްގެން ވާނޭ ކަމެއް
ނޫނެވެ. ރީތި ނަމެއް އިޚްތިޔާރު ކުރުމުގައި އަނބިމީހާއާ މަޝްވަރާ ކުރުމަކީ އެދެވިގެންވާ
ކަމެކެވެ. ދެމީހުންގެ މެދުގައި އޮންނަ ގުޅުން ބަދަހިވެ ލޯބި އިތުރު ވެގެން ދާނެ ކަމެކެވެ.
ނަން އިޚްތިޔާރު ކުރުމުގައި ދީނީ ޢިލްމުވެރިއަކާ މަޝްވަރާ ކުރުމަކީ
މުހިންމުކަމެކެވެ. މިތުރު ޞަޙާބީ ބޭކަލުން އެބޭކަލުންގެ ދަރިދަރިކަލުންނަށް ނަން ދެއްވުމަށްޓަކައި
މާތް ނަބިއްޔާ صلى الله عليه وسلم އަށް ހުށައަޅުއްވަތެވެ. މިކަމުން ދަލީލު ކޮށް ދެނީ ދަރިފުޅަށް ރީތި ނަމެއް ހޯދައި
ދިނުމަށް އެދި ޢިލްމު ވެރިންނާ މަޝްވަރާ ކުރުމަކީ އެދެވިގެންވާ ކަމެއް ކަމަށެވެ. އެހެނީ
އެކަލޭގެފާނުގެ މަޤާމުގައި މީސްތަކުންނަށް ތެދުމަގު ބަޔާންކޮށް ދެއްވައި އިރުޝާދު ދެއްވުމަށް
ތިއްބަވާ ބޭކަލުންނަކީ ހަމަ ޢިލްމު ވެރިންނެވެ. ޢިލްމު ވެރިންނާ މަޝްވަރާ ކުރުމެއްނެތި
އަމިއްލައަށް، ޙަޤީޤަތް ނޭނގޭ
ސައިޓުތަކުން ނަން ހޯދައިގެން ނަން ދިނުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނޭ ކަމެއް
ނޫނެވެ.
ކުދިންނަށް އަދާކޮށްދޭންޖެހޭ ޙައްޤުތަކުގެ ތެރެއިން އެންމެ މުހިންމު
އެއްޙައްޤަކީ، އެކުދިންނަށް އިސްލާމީ ރިވެތި ނަމަކުން ނަން ކިޔުމެވެ. ކުއްޖާ އުފަންވާ
ދުވަހު ނުވަތަ ތިންވަނައަށްވާ ދުވަހު ނުވަތަ ހަތްވަނައަށްވާ ދުވަހުވެސް ނަންދެވިދާނެއެވެ.
މިތިންގޮތަކީވެސް ސުންނަތުގައި އައިސްފައިވާ ގޮތްތަކެވެ. ކުއްޖާއަށް ކިޔަންވާނީ މާނަ
ރިވެތި އިސްލާމީ ނަމެކެވެ. އަނަސް ބިން މާލިކް ރަޟިޔަﷲ ޢަންހު ގެ އަރިހުން ރިވާވެގެންވެއެވެ.
عَنْ أَنَسِ بْنِ مَالِكٍ قَالَ قَالَ رَسُولُ
اللهِ صَلَى اللهُ عَلَيْهِ وَسَلَّمِ : ” وُلِدَ لِي اللَّيْلَةَ غُلاَمٌ
فَسَمَّيْتُهُ بِاسْمِ أَبِي إِبْرَاهِيْمَ ... " رواه مسلم ( 3126 ) ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނަށް މިރޭ ދަރިއަކު ލިބިއްޖެއެވެ.
ތިމަންކަލޭގެފާނުގެ ކާބަފާކަލުން އިބްރާހީމްގެ ނަމުން އެދަރިފުޅަށް ތިމަންކަލޭގެފާނު
ނަންދީފީމެވެ."
ކީތިރި ރަސޫލާ صلى الله عليه و سلم އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ، ކުދިންނަށް ކިޔާ ނަމަކީ ރިވެތި
މާނައެއް އެކުލެވިގެންވާ އަދި އެކުއްޖާއަށް އޭގެ ސަބަބުން ހެޔޮ އަސަރެއްކުރާ
ކަހަލަ ނަމަކަށް ހެދުމަށެވެ. ކުދިންނަށް ނަންކިޔަންވީ ގޮތާބެހޭ ގޮތުން ކީރިތި
ރަސޫލާ صلى الله عليه و سلم ޙަދީޠް ކުރައްވާފައިވެއެވެ.
تُسَمُّوا بِأَسْمَاءِ الأَنْبِيَاءِ،
وَأَحَبُّ الأَسْمَاء إِلَى اللّه : عَبْداللّه ، وَعَبْدُ الرَّحْمنِ ، وَأَصْدَقُهَا:
حَارِثْ وَهَمَّامْ ، وَأَقْبَحُهَا: حَرْبُ وَمُرَّةُ ( أبى داود) މާނައީ: ތިޔަބައިމީހުން ނަންކިޔާއިރު ނަބީބޭކަލުންގެ ނަންތަކުން ނަން
ކިޔާށެވެ. އަދި ނަންތަކުގެ ތެރެއިން ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑީ
ޢަބްދުﷲ އާއި ޢަބްދުއްރަހްމާން ފަދަ ނަންނަމެވެ. އަދި އެންމެ ތެދުވެރިކަން ބޮޑީ
ޙާރިޠް އާއި ހައްމާމެވެ. އަދި އެންމެ ހުތުރުކަންބޮޑީ ޙަރްބު އާއި މުއްރަތު ފަދަ
ނަންނަމެވެ.
މުސްލިމު ކުދިންނަށް ނަންކިޔުމުގައި އެންމެ ހެޔޮ ގޮތަކީ ތިންނަމުން ނަން
ކިޔުމެވެ. އެއީ އެކުއްޖާގެ ނަމާއި ބައްޕަގެނަމާއި ކާފަގެނަމެވެ. ކުދިންނަށް
ނަންކިޔުމުގައި ކުއްޖާގެ ނަމުގެ ފަހަތަށް ކުއްޖާގެ ބައްޕަގެ ނަން އޮތުމަކީ
އިސްލާމްދީނުގައި އެކަމަށް ވަރަށްބޮޑު އަހައްމިއްޔަތެއް ދެއްވާފައިވާ ކަމެކެވެ.
ކީރިތި ރަސޫލުﷲ صلى
الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. إِنَّكُمْ تُدْعَوْنَ يَوْمَ
الْقِيَامَةِ بِأَسْمَائِكُمْ وَبِأَسْمَاءِ آبَائِكُمْ فَأَحْسِنوْا
أَسْمَاءَكُمْ (رواه
أبو داود بإسناد حسن) މާނައީ: ހަމަކަށަވަރުން ޤިޔާމަތްދުވަހުން ތިޔަބައިމީހުންނަށް ގޮވައިލެވޭނީ
ތިޔަބައިމީހުންގެ ނަންތަކުންނާއި ތިޔަބައިމީހުންގެ ބަފައިންގެ ނަންތަކުންނެވެ.
ފަހެ ތިޔަބައިމީހުންގެ ނަންތައް ރިވެތިކުރާށެވެ.
ބައްޕަގެ ނަން ފަހަތަށްލުމަށް ކީރިތި ރަސޫލުﷲ صلى الله عليه و سلم އަޅުގަނޑުމެންނަށް އިރުޝާދު ދެއްވާފައިވަނީ ވަރަށް މުހިއްމު ކަމެއްގެ
ގޮތުގައެވެ. އެއީ ޢާއިލީ ނަސަބު ރައްކާތެރި ކުރުމަށްޓަކައެވެ. ޢާއިލީ ނަސަބު
އައިސްފައިވާގޮތް އެނގެން އޮތުމަށްޓަކައެވެ. އަދި ނަޞްލު އޮޅިގެން ނުދިއުމަށްޓަކައެވެ.
ކީރިތި ޤުރްއާނުގައި މާތްﷲ ވަޙީ ކުރައްވައެވެ. أُدْعُوْهُمْ
لآبَائِهِمْ هُوَ أَقْسَطُ عِنْدَ اللّه (سورة الأحزاب5) މާނައީ:
އެދަރިން އެބައިމީހުންގެ ބަފައިންނަށް ނިސްބަތްކުރާށެވެ! އެހެނީ އެގޮތް ﷲގެ
ޙަޞްރަތުގައި ޢަދުލުވެރިކަން ބޮޑެވެ.
މި ދަލީލުތަކުން އެނގެނީ ދަރިންނަށް ނަންކިޔުމުގައި އެކުދިންގެ ބައްޕަގެ ނަން
ފަހަތަށް ލުމަށް އިސްލާމްދީންގައި ދެއްވާފައިވާ އަހައްމިއްޔަތެވެ. އަދި މިކަމުގެ
މުހިއްމުކަމާއި ބޭނުތެރިކަމެވެ. ޢާއިލީ ނަސަބު ދެމެހެއްޓުމުގެ މުހިއްމުކަމެވެ. އަޅުގަނޑުމެންނަކީ
އިސްލާމުންނަށްވީތީ އަޅުގަނޑުމެންގެ ދަރިންނަށް ކިޔަންވާނީ އިސްލާމީ ރިވެތި
ނަމެވެ. ކޮންމެ ބަހަކުން ކުއްޖާއަށް ނަންކީ ނަމަވެސް، އެ ނަމެއް ވާންވާނީ އިސްލާމީ
ގިއުގަނޑުގެ ތެރޭގައިވާ މުސްލިމު ކުދިންނަށް ކިޔާ ބާވަތުގެ ނަމަކަށެވެ. އެންމެ
ބޮޑު ސަމާލުކަމެއް ދޭންވީ، މާނަ ރަނގަޅު އިސްލާމީ ރިވެތި ނަމަކުން ކުދިންނަށް
ނަންކިޔުމަށެވެ. ކުދިންނަށް ނަން ކިޔަންވީ ރިވެތިގޮތް އަލުގަނޑުމެންނަށް ކީރިތި
ރަސޫލާ صلى الله عليه و سلم ވަނީ އަންގަވައިދެއްވާފައެވެ. އެހެންކަމުން، އަޅުގަނޑުމެން ކުދިންނަށް
ނަންކިޔުމުގައި ރަސޫލާ صلى الله عليه و سلم ދެއްވާފައިވާ އިރުޝާދުގައި ހިފައިގެން އެގޮތަށް ނަންކިޔުމަށް ސަމާލުކަން ދިނުން ވަރަށް
މުހިއްމެވެ.
ނަން ކިޔުމުގައި ލަފުޒާއި މާނައިގައި ރީތި ނަމެއް އިޚްތިޔާރު ކުރާށެވެ. ކިޔަން
އުނދަގޫ، ޢަރަބި ނޫން، އަދި ކާފަރުންނަށް ކިޔައި އުޅޭ ނަންތައް ދިނުމަކީ ހުއްދަ
ކަމެއް ނޫނެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ޢަރަބި ނޫން، ކާފަރުންނަށް ކިޔައިއުޅޭ ނަންތައްވަނީ ފެތުރި ޢާންމު
ވެފައެވެ. ގިނަ ވަގުތުތަކެއް ހޭދަ ކުރަނީ ޢާންމު ކޮށް ކިޔައި ނޫޅޭ އާ ނަމެއް ހޯދުމަށެވެ.
ނަތީޖާއަކަށް ވެގެން ދަނީ ޢަރަބި ބަހާ ބީރައްޓެހި ބަސްތަކުން (އެނގިގެން ނަމަވެސް ނުވަތަ
ނޭނގި ނަމަވެސް) ކުދިންނަށް ނަން ދިނުމެވެ.
ކިޔުން މުސްތަޙައްބު
ނަންތައް:
©
عبد الله އާއި عبد الرحمن. މިއީ މާތްﷲ އަށް ލިބިވޮޑިގެން
ވާ ނަންތަކުގެ ތެރެއިން އެންމެ ލޮބުވެތި ނަންތަކެވެ.
©
މާތްﷲ އަށް
ލިބިވޮޑިގެން ވާ ރިވެތި ނަންފުޅުތަކަށް عبد ލައިގެން ދެވޭ
ނަންތައް.
މިސާލަކަށް: عبد الملك، عبد العزيز، عبد القدوس ……. އަދި މިނޫން ވެސް ނަންތަކެވެ. މިގޮތަށް ނަން ދިނުމުގައި ސަމާލު ވެލަން ޖެހޭ ވަރަށް
މުހިންމު ކަމެއް އެބަ އޮތެވެ. އެއީ މާތްﷲ އަށް ލިބިވޮޑިގެން ވާ ނަންފުޅެއްތޯ ބަލައި
ކަށަވަރު ކުރުމެވެ. އެހެނީ މާތްﷲ އަށް ލިބިވޮޑިގެން ވާ ނަންފުޅު ތަކަކީ ތައުޤީފީ އެއްޗެކެވެ.
ޤުރުއާނުން ނުވަތަ ސުންނަތުން އެނަންފުޅެއް ކޮންމެހެން ވެސް ޘާބިތު ވާން ޖުހޭނެއެވެ.
©
ނަބީ ބޭކަލުންނާއި
ރަސޫލު ބޭކަލުންގެ ނަންފުޅުތައް ދިނުން.
©
މުސްލިމުންގެ
ތެރެއިން ވާ ހެޔޮލަފާ ޞާލިޙުންގެ ނަމުން ނަން ދިނުން.
މި އުއްމަތުގެ އެންމެ ހެޔޮލަފާ ޞާލިޙު ބޭކަލުންނަކީ ރަސޫލާ صلى الله
عليه وسلمގެ މިތުރު ޞަޙާބީންނެވެ. އެބޭކަލުންގެ ނަންފުޅު ތަކުން
ނަން ދިނުމަކީ ވަރަށް ބޮޑަށް އެދެވިގެން ވާ ކަމެކެވެ.
©
ޝަރުޠު ފުރިހަމަ
ވެފައި ވާ އެހެނިހެން ނަން ދިނުން.
ކުއްޖާއަށް ދެވޭ ނަމެއްގައި ކޮންމެހެން ވެސް ދެ ޝަރުޠެއް ފުރިހަމަ ވޭތޯ
ބަލަން ޖެހޭނެއެވެ.
1- ޢަރަބި ނަމަކަށް ވުން
2- ބަހަވީ އަދި ޝަރުޢީ ގޮތުން ލަފުޒާއި މާނަ ރަނގަޅުވުން
ނަންދިނުމުގެ ބައެއް މުހިންމު އަދަބުތައް:
©
އިސްވެ ބަޔާން ކުރެވިފައިވާ ތަރުތީބުން
ދިނުން މުސްތަޙައްބު ނަމެއް އިޚްތުޔާރު ކުރުން.
©
ދުލަށް ކިޔާލަން
ފަސޭހަ ނަމަކަށް ވުން.
©
މަދު އަކުރު
ހިމެނޭ ނަން އިޚްތިޔާރު ކުރުން.
©
އަޑު އަހާ މީހުންނަށް
ފަސޭހައިން ދަސްކުރެވޭ ނަމަކަށް ވުން.
ދިނުން ޙަރާމް
ނަންތައް:
©
ﷲ ފިޔަވާ އެހެން ފަރާތްތަކަށް އަޅުވެތިކަން
ނިސްބަތް ކުރެވޭ ނަންތައް.
މިސާލަކަށް: عبد الرسول، غلام رسول (ރަސޫލާގެ އަޅާ) ، عبد علي (ޢަލީގެފާނުގެ އަޅާ)
©
ﷲ އަށް ލިބިވޮޑިގެންވާ ނަންފުޅުތަކެއް ކަމަށް ބަލައި ކިޔައި އުޅޭ ބައެއް ނަންތައް.
عبد الستار، عبد المقصود، عبد الموجود، عبد
المعبود، عبد الوحيد
މިއީ އެކަލާނގެއަށް ލިބިވޮޑިގެން ވާ ނަންފުޅުތަކެއް ނޫނެވެ. އެހެން ކަމަށް ވުމުން
މިފަދަ ނަން ކިޔައި އުޅުމަކީ އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫނެވެ. ޤުރުއާނާއި
ސުންނަތުން ޘާބިތު ނުވާ ނަންފުޅަކަށް އަޅުވެތިކަން ނިސްބަތް ކުރެވިގެން ނުވާނެއެވެ.
©
ﷲ އަށް ޚާއްޞަ ވެގެން ވާ ނަންފުޅެއް ދިނުން.
މިސާލަކަށް: الرحمن، الرحيم، الخالق ……………
©
ޢަރަބި ނޫން، ކާފަރުންނަށް ޚާއްޞަ ނަން ދިނުން.
©
ﷲ ފިޔަވައި އަޅުކަން ކުރެވޭ ބުދުތަކަށް ކިޔައި އުޅޭ ނަން ދިނުން.
މިސާލަކަށް: نائلة، اللات، هبل މިފަދަ ނަންތަކެވެ.
©
ނަން ދެވޭ ފަރާތައް
ޙައްޤު ނޫން ނަން ދިނުން.
މިސާލަކަށް: ملك الملوك( ވެރިންގެ ވެރިޔާ)، قاضي
القضاة (ޤާޒީންގެ ޤާޒީ)، سيد الناس (މީސްތަކުންގެ
ސާހިބާ)
ރަސޫލާ صلى الله عليه وسلم ޙަދީޘްފުޅު
ކުރެއްވިއެވެ. ((لا
تزكوا أنفسكم ، الله أعلم بأهل البر منكم)) ތިޔަބައިމީހުން ތިޔަބައިމީހުންގެ އަމިއްލަ ނަފުސަށް ތަޢުރީފުކޮށް ނަހަދާށެވެ.
ތިޔަބައިމީހުންގެ ތެރެއިން ވާ ހެޔޮލަފާ ޞާލިޙުން އެކަލާނގެ މޮޅަށް ދެނެވޮޑިގެން ވެއެވެ.
ކިޔުން މަކުރޫހަ ނަންތައް:
©
ޝައިޠާނުންނަށް
ކިޔައި އުޅޭ ނަން ދިނުން.
މިސާލަކަށް: خِنْـزب، الوَلْهان، الأَعْور، الأَجْدَع
©
ލަފުޒު ނުވަތަ
މާނަ ހުތުރު ނަން ދިނުން.
މިސާލަކަށް: نادية (ފެނާ ދުރު މީހާ)، هُيام އަދި سُهام (ޖަމަލަށް ޖެހޭ ބައްޔަކަށް
ކިޔާ ނަމެކެވެ.)
©
ޝަހުވާނީ މާނަ
ދޭހަވާ ނަން ދިނުން.
މިސާލަކަށް: فَاتِن (ފިތުނަވެރި
ކުރުވާ މީހާ)، شَادِية އަދި شادي (ލަވަ ކިޔާ މީހާ)
©
މުސްލިމުންގެ
ތެރެއިން ބޮޑެތި ފާފަ ކުރުމަށް މަޝްހޫރު ވެފައި ވާ ފާސިޤުންގެ ނަން ދިނުން.
©
ފާފައިގެ މާނަ
އެކުލެވޭ ނަން ދިނުން.
މިސާލަކަށް: ظالم (އަނިޔާ ވެރިޔާ)، سَرّاق (ވަގުންތައް)
©
ފިރުޢައުނުންގެ
ނަން ދިނުން. فرعون، قارون، هامان ފަދަ ނަން ދިނުން.
©
އެދެވިގެން
ނުވާ މާނަ އެކުލެވޭ ނަން ދިނުން.
©
މިސާލަކަށް:
خَبِيّة (ކަންތައްތައް
ފޮރުވާ މީހާ)، كَنَّاز(މުދާ ރައްކާކޮށް
ޖަމާ ކުރާ މީހާ)
©
ހަޑި މުޑުދާރު
ޞިފަތައް ވާ ޙަޔަވާނުންގެ ނަން ދިނުން.
މިސާލަކަށް:
كلب(ކުއްތާ)، حمار(ޙިމާރު). ބައެއް
ޢަރަބީން މިފަދަ ނަންތައް ދީފައިވަނީ އޭގައިވާ ރިވެތި ޞިފައަށް ބެލުމަށް ފަހުއެވެ.
ކުއްތާ: މަސައްކަތްކުރުމާއި ސަމާލުވެ ހުރުމުގެ ރީތި ޞިފައަށް ބަލާފައެވެ. ޙިމާރު: ކެތްތެރިކަމާއި
ހިތްވަރު ގަދަ ކަމުގެ ޞިފައަށް ބަލާފައެވެ.
©
الدين އާއި الإسلام އަށް ނިސްބަތްކުރެވޭ
ނަންތައް ދިނުން.
نور الدين(ދީނުގެ ނޫރު)، نور الإسلام(އިސްލާމް ދީނުގެ
ނޫރު). ބައެއް ޢިލްމުވެރިން މިފަދަ ނަން ދިނުމަކީ ޙަރާމް ކަމެއް ކަމަށް ވިދާޅުވެއެވެ.
©
އެހެން ނަމަކަށް
ނިސްބަތްކޮށް ދެވޭ ނަން.
މިސާލަކަށް:
محمد أحمد، ނަމަކީ އަޙްމަދު އެވެ. މުޙައްމަދު އިތުރުކޮށްފައިވަނީ
ބަރަކާތް ޙާޞިލު ކުރުމަށްޓަކައެވެ.
©
މިބައިގައި
عبد ފިޔަވައި ﷲއަށް ނިސްބަތްކުރެވޭ ނަންތައް ހިމެނެއެވެ.
މިސާލަކަށް: رحمة الله (ﷲގެ ރަޙްމަތް)، آية الله (ﷲގެ އާޔަތް)
©
ހަމައެފަދައިން
الرسول މި ލަފުޒަށް ނިސްބަތްކުރެވޭ ނަންތައް ހިމެނެއެވެ. މިސާލަކަށް:
غلام الرسول (ރަސޫލާގެ އަޅާ)
©
جبرائيل،
ميكائيل، إسرافيل ފަދަ މަލާއިކަތް ބޭކަލުންގެ ނަންފުޅުތައް ދިނުން ވަރަށް
ގިނަ ޢިލްމު ވެރިން މަކުރޫހަ ކަމަށް ވިދާޅުވެއެވެ.
މުޝްރިކުން
ޤަބޫލު ކުރާ ގޮތާ އެއްގޮތް ވެވޭތީ ވަކިން ޙާއްޞަކޮށް އަންހެން ކުދިންނަށް މަލާއިކަތް
ބޭކަލުންގެ ނަންފުޅުތައް ދިނުމަކީ ޙަރާމް ކަމެކެވެ. އެހެނީ އެބައިމީހުން ޤަބޫލު ކުރާ
ގޮތުގައި މަލާއިކަތް ބޭކަލުންނަކީ މާތްﷲގެ ދަރިކަނބަލުންނެވެ. تعالى
الله عما يقولون علوا كبيرا.
©
ޤުރުއާނުގެ
ސޫރަތްތަކުގެ ނަންތަކުން ނަން ދިނުން ވަރަށް ގިނަ ޢިލްމު ވެރިން މަކުރޫހަ ކަމަށް ވިދާޅުވެއެވެ.
މިސާލަކަށް: طه، يس، حم މިފަދަ ނަންތަކެވެ.
ރަސޫލާ صلى الله
عليه وسلم ގެ ނަންފުޅެއް ކަމަށް ޢާއްމުންގެ ތެރޭގައި މަޝްހޫރު ވެފައި
އޮންނަ يس އަދި طه އަކީ އެކަލޭގެފާނުގެ ނަންފުޅެއް ނޫނެވެ.
ޙަރާމް ނުވަތަ މަކުރޫހަ ވެގެންވާ ނަމެއް ދެވިއްޖެ ނަމަ އެފަދަ ނަމެއް ބަދަލު ކުރަން
ވާނެއެވެ. ކުޑަ ކުއްޖެއް ނަމަ އެކުއްޖެއްގެ ނަން ރަނގަޅު ނަމަކަށް ބަދަލު ކުރާނީ އެކުއްޖެއްގެ
ބެލެނިވެރިޔާ އެވެ. ބާލިޣު ވުމަށް ފަހު އެނގިއްޖެ ނަމަ އެމީހަކު އެނަން ބަދަލު ކުރަން
ވާނެއެވެ. ހުތުރު ނަންތަކާއި ޝިރުކާއި ކުފުރުގެ ނަންތައް ވަނީ މާތް ނަބިއްޔާ صلى الله
عليه وسلم ބަދަލު ކުރައްވާފައެވެ. ނަން ބަދަލު ކުރުމުގައި އެކަލޭގެފާނުގެ
ހިދާޔަތަކީ، ވަޒަނާ ގުޅޭ
އެހެން ނަމަކަށް ބަދަލުކުރެއްވުމެވެ. މިސާލަކަށް عبد النبي ކިޔާ މީހެއްނަމަ عبد الغني އަށް ބަދަލު
ކުރުން.
3-
ޢަޤީޤާ ގަތިލުން:
ސަމުރަތު ރަޟިޔަﷲ ޢަންހުގެ
އަރިހުން ރިވާވެގެންވެއެވެ. عن سمرة عن رسول الله صلى الله عليه وسلم قال : كُلُّ غُلاَمٍ
مُرتَهِنٌ بِعَقِيقَتِهِ تُذْبَحُ عَنْهُ يَوْمَ سَابِعِهِ وَيُسَمَّى فِيهِ
وَيُحْلَقُ رَأْسُهُ – رواه الترمذي ( 1522 ) މާނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
"ކޮންމެ ކުއްޖަކީވެސް އެކުއްޖެއްގެ މައްޗަށް ޢަޤީޤާ ކަތިލަން ޖެހޭނެ ކުއްޖެކެވެ.
އެކުއްޖާގެ ޢުމުރުން ހަތްދުވަސްވާ ދުވަހު އެކުއްޖާގެ މަތިން ޢަޤީޤާ ކަތިލެވެއެވެ. އަދި
އެދުވަހުގައި ނަންދެވެއެވެ. އަދި އެކުއްޖާގެ ބޯ ބޭލެއެވެ."
ފިރިހެން ކުއްޖެނަމަ ޢަޤީޤާގެ
ގޮތުގައި ކަތިލާނީ ދެބަކަރިއެވެ. އަންހެން ކުއްޖެއްނަމަ އެންމެ ބަކަރިއެކެވެ. އުއްމު
ކުރްޒި ޢަޤީޤާއާ ބެހޭގޮތުން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައާ ސުވާލުކުރެއްވިއެވެ.
عَنْ
أُمِّ كُرزٍ أَنَّهَا سَأَلَتْ رَسُولَ اللهِ صَلَى اللهُ عَلَيْهِ وَسَلَّمَ عَنِ
الْعَقِيْقَةِ ، فَقَالَ عَلَيْهِ الصَّلاَةُ وَالسَّلاَمُ : ( عَنِ الْغُلاَمِ
شَاتَانِ ، وَعَنِ الأُنْثَى وَاحِدَةٌ ، لاَ يَضُرُّكُمْ ذُكْرَاناً أَمْ
إِنَاثاً). رواه الترمذي ( 1516 ). ކީރިތި
ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ އަރިހުގައި، އުންމު ޙަދީޘްކުރެއްވިއެވެ. "ފިރިހެން ކުއްޖަކަށް ދެ ބަކަރިއެވެ.
އަންހެން ކުއްޖަކަށް އެއް ބަކަރިއެކެވެ. އެއީ ފިރިހެން އެއްޗަކަށް ވިޔަސް ނުވަތަ އަންހެން
އެއްޗަކަށް ވިޔަސް ތިޔަބައިމީހުންނަކަށް ގެއްލުމެއް ނެތެވެ."
ހަމައެހެންމެ ދަރިފުޅު ދުނިޔެއަށް އުފަންވުމާ ގުޅިގެން ޢަޤީޤާ ކަތިލުމަކީ
ގަދަވެގެންވާ ސުންނަތެކެވެ. އަޤީޤާއަކީ ދަރިފުޅު ދުނިޔެއަށް އުފަންވާތާ
ހަތްވަނައަށްވާ ދުވަހު ކަތިލާ ބަކަރިއަށް ކިޔޭ ނަމެކެވެ. ޢަޤީޤާ ކަތިލުމުގެ
ޙިކްމަތަކީ ދަރިފުޅު ދުނިޔެއަށް އުފަންވާ އެންމެ ފުރަތަމަ ހިނދުކޮޅުންފެށިގެން
ﷲއަށް ކުށްތަންވެ އެކަލާނގެ ރުއްސެވުން ހޯދުމެވެ. އަދި އެކަތިލެވޭ އަޤީޤާގެ
ސަބަބުން ޤިޔާމަތްދުވަހުން ދަރިން މައިންބަފައިންނަށްޓަކައި ޝަފާޢަތްތެރިވުމެވެ.
މީގެ އިތުރުން އެމީހަކަށް ﷲ ދެއްވި ނިޢުމަތުގައި ގާތްތިމާގެ މީހުންނާއި
އަވަށްޓެރިން އަދި ފަޤީރުން ބައިވެރިކޮށް އެންމެންގެ ގުޅުން ބަދަހިވެގެން ދިއުމަށް
އެޅިގެންދާ މަގަކަށް ވެއެވެ.
އަޤީޤާ ކަތިލުންވަނީ ބަކަރިންނެވެ. އެނޫން އެއްޗަކުން އަޤީޤާ ކަތިލުމަކުން
ސުންނަތް ޙާޞިލެއްނުވާނެވެ. ނަމަވެސް ކުކުޅުފަދަ ތަކެތި ކަތިލުމުން ޞަދަޤާތަކަށް
ލިބޭ ޘަވާބު ލިބޭނެއެވެ. ހަމައެހެންމެ ދެދަރިންނަށް އެއް އަޤީޤާ ކަތިނުލެވޭނެއެވެ.
ކަތިލެވޭނީ ކޮންމެ ނަފްސަކަށް އަޤީޤާއެކެވެ. ސުންނަތްގޮތަކީ، އަންހެންކުއްޖަކަށް
އެއްބަކަރި އަދި ފިރިހެންކުއްޖަކަށް ދެބަކަރިއެވެ. ނަމަވެސް ތަނަވަސްކަން
ލިބިގެންނުވާ މީހާ އެއްބަކަރިކަތިލުމުން ފުދޭނެއެވެ. ރަސޫލާ صلى
الله عليه و سلم ޙަދީޘްކުރައްވާފައިވެއެވެ. ”عَنِ الْغُلاَمِ شَاتَانِ
مُكاَفِئَتاَنِ وَعَنِ الْجَارِيَةِ شَاةٍ" (ابن
ماجه) މާނައީ: "ފިރިހެން
ކުއްޖެއްގެ އަޤީޤާގެ ގޮތުގައި ރަނގަޅު ދެބަކަރިކަތިލުމެވެ. އަދި އަންހެން
ކުއްޖެއްގެ އަޤީޤާއަކީ އެއްބަކަރިކަތިލުމެވެ."
އަދި ކަތިލެވޭ އަޤީޤާގެ މަސް ކައްކައިގެން ވިޔަސް އަދި ނުކައްކާ ވިޔަސް
ޞަދަޤާތުގެ ގޮތުގައި އަވައްޓެރިންނާއި، ޢާއިލާމީހުންނާއި، ފަޤީރުންނަށް ބެހުން
ސުންނަތްވެގެންވެއެވެ. އިބްނު ހަޒްމު ވިދާޅުވެފައިވަނީ "އަޤީޤާ ކަތިލެވޭ
ހިނދު އޭގެ މަސްކާށެވެ، އަދި ބަކަރީގެމަސް ހަދިޔާކޮށް ޞަދަޤާތްކުރާށެވެ."
އަޤީޤާ ކަތިލުމަށްފަހު ދެވަނަފަހަރަށް ދަރިފުޅުގެ ނަން ބަދަލުކުރުމަކުން
އަޤީޤާކަތިލާކަން ނުޖެހޭނެއެވެ.
4-
ބޯބޭލުން އަދި ބޮލުގެ އިސްތަށީގެ ބަރުދަނަށް
ރިހިން ޞަދަޤާތްކުރުން:
ޢަލީ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. عَن
علي رضي الله عنه عن النبي – صلى الله عليه وسلم – أنه قال: ( عَقَّ رَسُولُ اللهِ
صَلَّى اللهُ عَلَيْهِ وَسَلَّمَ عَنْ الْحَسَنِ بِشَاةٍ وَقَالَ يَا فَاطِمَةُ
احْلِقِي رَأْسَهُ وَتَصَدَّقِي بِزِنَةِ شَعْرِهِ فِضَّةً قَالَ فَوَزَنَتْهُ
فَكَانَ وَزْنُهُ دِرْهَمًا أَوْ بَعْضَ دِرْهَمٍ ) روى الترمذي (1519) وحسنه
الشيخ الألباني في صحيح الترمذي. ޙަސަން ރަޟިޔަﷲ
ޢަންހުއަށް ޓަކައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ބަކައްޓެއް ޢަޤީޤާގެ ގޮތުގައި
ކަތިލެއްވިއެވެ. އަދި ޙަދީޘް ކުރެއްވިއެވެ. އޭ ފާޠިމާ އެވެ. ދަރިފުޅުގެ ބޯބާލާފައި
އިސްތަށީގެ ބަރުދަން ބެލުމަށްފަހު އޭގެ ބަރުދަނަށް ރިހިން ޞަދަގާތް ކުރާށެވެ. ޢަލީގެފާނު
ވިދާޅުވިއެވެ. ތިމަންނާ އެއިސްތަށި ބަރުދަންބެލީމެވެ. ބަރުދަނަކަށް ހުރީ ދިރްހަމެއް
ނުވަތަ ދިރުހަމެއްގެ ބައެއްގެ ބަރުދަނެވެ. އަންހެންކުއްޖާގެ ބޯ ބޭލުމާމެދު ޢިލްމުވެރިންގެ
މެދުގައި ޚިލާފުވެފައިވެއެވެ. އެކަމުގެ ރާޖިޙުގޮތަކީ (އެންމެ ޞައްޙަގޮތަކީ) އަންހެއް
ކުއްޖެއް ކަމުގައިވިޔަސް ބޯ ބޭލުމެވެ. ހަމައެހެންމެ ދަރިފުޅަށް ހަތް ދުވަސްވާ
ދުވަހު ނަންކިޔާ ބޯ ބާލައި، އެއިސްތަށީގެ ބަރުދަނަށް ޞަދަޤާތް ކުރުމަކީ
ސުންނަތެކެވެ. އަދި ޞަދަޤާތްކުރާނީ ރިއްސައް އަގުކޮށް އޭގެ ބަރުދަނަށްވާ
ފައިސާއިންނެވެ. ރަސޫލު صلى الله عليه و سلم ޙަދީޘްކުރައްވަނީ: كُلُ غُلامِ رَهِينَةِ
بِعَقِيقَة تُذْبح عَنه يَوم سَابِعَةِ ويُسَمَّى فِيهِ وَيُحْلَق رَأسَه” (أبى
داود) މާނައީ: އުފަންވާ ކޮންމެ ކުއްޖަކުވެސްވަނީ އޭނާއަށްޓަކައި ކަތިލެވޭ
ޢަޤީޤާގެ ރަހީނެއްގެ ގޮތުގައެވެ. ހަތްވަނަ ދުވަހު އެކަތިލާހުއްޓެވެ. އަދި އެދުވަހު
ނަންކިޔާ ބޯ ބާލާ ހުށިކަމެވެ.
5 ޚިތާނުކުރުން:
ޚިތާނުކުރުމަށް ވަކި ޚާއްޞަ ދުވަހެއް ކަނޑައެޅިފައެއް ނެތެވެ. ހަތްވަނަ ދުވަހުގައި
ނުވަތަ އަހަރު ފަހުންވެސް ޚިތާނުކުރެވިދާނެއެވެ. އެހެންނަމަވެސް ކުއްޖާ 7 އަހަރަށްވުރެ
ގިނަ ދުވަސްވަންދެން ޚިތާނު ނުކޮށް ބެހެއްޓުމަކީ އެދެވިގެން ނުވާ ކަމެއް ކަމުގައި ޢިލްމުވެރިން
ވިދާޅުވެއެވެ. ފިރިހެން ކުދިން ޚިތާނުކުރުމަކީ ވާޖިބެކެވެ. އަންހެން ކުދިން ޚިތާނުކުރުމަކީ
ސުންނަތެކެވެ. عَنْ أَبِي هُرَيْرَةَ ” خَمْسٌ مِنَ
الْفِطْرَةِ الْخِتَانُ وَالاسْتِحْدَادُ وَنَتْفُ الإِبْطِ وَتَقْلِيْمُ
الأَظْفَارِ وَقَصُّ الشَّارِبِ ” . رواه البخاري ( 5550 ) ومسلم ( 257 ) މާނައީ: އަބޫ ހުރައިރާ
ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. "ފިޠުރަތުގެ ތެރެއިން ފަސްކަމެއް
ވެއެވެ. އެއީ ޚިތާނުކުރުމާއި ލަދުވެތި ގުނަވަންތަކުގެ އިސްތަށިބޭލުމާއި ކިހިލިފަތުގެ
އިސްތަށި ލުއްސުމާއި ނިޔަފަތި ކެނޑުމާއި މަތިމަސް ކުރުކޮށް ކޮށުމެވެ."
އުފަންވާ ކުއްޖާގެ ކަންފަތްދޮށުގައި ބަންގިގޮވުމަކީ ނުވަތަ ޤަމަތްދިނުމަކީ، ބައެއް ސަލަފުއްޞާލިޙުންގެ ކިބައިން ވާރިދުވެފައިވާ ކަމެއްކަމުގައި
ވިޔަސް އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ޘާބިތުވާ ކަމެއް ނޫނެވެ.
އަދި އެކަން ކުރުމަށްޓަކައި އައިސްފައިވާ ޙަދީޘަކީ ޟަޢީފު ޙަދީޘެކެވެ.
ކުއްޖާ އުފަންވާތާ ހަތްވަނައަށް ވާދުވަހު މާލޫދުކިޔުމަކީ ރާއްޖޭގައި ވަރަށް ގިނައިން
ކުރަމުން އަންނަ ކަމެކެވެ. އެކަން ކުރުމަކީ ކަނޑައެޅިގެން ބިދުޢައެކެވެ. އެކަމުގެ ސަބަބުން
އެކުއްޖާއަށް އެއްވެސް ފައިދާއެއް ނުކުރާނެއެވެ. އަދި ކިޔެއްތަ ބިދުޢައިގެ އަދި ޝައިޠާނާގެ
ނުރައްކަލާ ކުރިމަތިލާން ޖެހުން ނޫންކަމެއް މާލޫދު ކިޔުމުގެ ސަބަބުން ނުވެއެވެ.
ވީމާ މިކަންކަމަކީ ހަމައެކަނި ސުންނަތް ކަންތައްތަކޭ ބުނެ އަޅައި ނުލައި
ހުރުން ހެޔޮވެގެން ނުވެއެވެ. އެހެނީ ކުއްޖާ އުފަންވުމުން ﷲއަށްޓަކައި ކުރެވޭ ޤުރުބާނާއި، ކުރެވޭ ޞަދަޤާތާއި، އަދި
ހަމައެހެންމެ ހެޔޮ މާނަ ރަނގަޅު ނަމެއް ކިޔުމަކީ އެކަމުގެ ސަބަބުން ދަރިފުޅުގެ
ފުރަތަމަ ފެށުން ނުވަތަ ދުނިޔެއަށް އައުން ހެޔޮގޮތުގައި ލައްވައި
މައިންބަފައިންނަށް އެކަމުގެ ސަބަބުން ބަރަކާތް ލައްވާ ޘަވާބު
ލިބޭނެކަމަކަށްވާތީއެވެ.
މަޞްދަރު:
ދިސަލަފިއްޔާ (ދަރިއަކު އުފަންވުމުން ކުރަންޖެހޭ
ކަންތައްތައް)
ޢިލްމު އެމްވީ (ދަރިންނަށް ނަން ދިނުން)
رابط المادة: http://iswy.co/e4ogh
https://islamqa.info/ar/answers/154403/ هل تحنيك الصبي خاص بالنبي صلى
الله عليه وسلم ؟
No comments:
Post a Comment