Featured Post

Ombey

Wednesday, November 28, 2018

Allah baavailevvi h'ukumaai khilaafai h'ukumkurun


ތަޢާލާ ބާވައިލެއްވި ޙުކުމާއި ޚިލާފަށް ޙުކުމްކުރުން
Image result for ‫الشريعة الاسلامية‬‎

ލިޔުނީ: ޒީނަތު ލަބީބު.
ތާރީޚު: 29.11.2018

ﷲ ސުބުޙާނަހޫ ވަތަޢާލާ އާއި އެއިލާހުގެ ރަސޫލާ މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ޙުކުމަށްވުރެ އެހެން މީހެއްގެ ޙުކުމް މޮޅުވެފައި ފުރިހަމަކަމުގައި ޤަބޫލުކޮށްފިމީހާ ދީނުން ބޭރުވާހުއްޓެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ދަސްކޮށްދެއްވި ކޮންމެ ޙުކުމެއް ގުޅިފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއެވެ. އެހެނީ ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމައަކީ ﷲގެ ފަރާތްޕުޅުން މީސްތަކުންނަށް ކަންތައްތައް ބަޔާންކޮށްދެއްވުމަށް ﷲ ތަޢާލާ އިޚްތިޔާރުކުރައްވާފައިވާ ރަސޫލެކެވެ. އެކަލޭގެފާނު ބަޔާންކޮށްދެއްވާ ޙުކުމްފުޅުތަކަކީ ﷲގެ ފޮތުގައި ބަޔާންކުރައްވާފައިވާ ޙުކުމްފުޅުތަކެވެ. އެހެންކަމުން އެޙުކުމްފުޅުތައް ސީދާ ގުޅިފައިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާއާއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވާ ވެއެވެ. إِنَّا أَنزَلْنَا إِلَيْكَ الْكِتَابَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَا أَرَاكَ اللَّهُ وَلا تَكُنْ لِلْخَائِنِينَ خَصِيماً (النساء: 105) މާނައީ: ހަމަކަށަވަރުން، حق ގޮތުގައި ތިމަންރަސްކަލާނގެ ކަލޭގެފާނަށް ފޮތް ބާވައިލެއްވީ، ކަލޭގެފާނަށް اللَّه އަންގަވާފައިވާ ގޮތުގެމަތިން، މީސްތަކުންގެ މެދުގައި حكم ކުރެއްވުމަށެވެ. خيانة ތެރިންގެ دفاع ގައި މަސައްކަތް ކުރައްވާ ބޭކަލަކުކަމުގައި ކަލޭގެފާނު ވެވަޑައި ނުގަންނަވާށެވެ! (105)
އަދިވެސް ވަޙީ ކުރައްވާފައިވެއެވެ.
وَمَا كَانَ لِمُؤْمِنٍ وَلا مُؤْمِنَةٍ إِذَا قَضَى اللَّهُ وَرَسُولُهُ أَمْراً أَنْ يَكُونَ لَهُمْ الْخِيَرَةُ مِنْ أَمْرِهِمْ وَمَنْ يَعْصِ اللَّهَ وَرَسُولَهُ فَقَدْ ضَلَّ ضَلالاً مُبِيناً (الأحزاب: 36) މާނައީ: އަދި ﷲއާއި، އެކަލާނގެ ރަސޫލާ ކަމަކަށް ނިޔާކުރައްވައިފިހިނދު، މުއުމިނު ފިރިހެނަކަށްވެސް، އަދި މުއުމިނު އަންހެނަކަށްވެސް، އެބައިމީހުންގެ އެކަމުގައި އެބައިމީހުންނަށް އިޚްތިޔާރު އޮތުމަކީ ނެތްކަމެކެވެ. އަދި ﷲއަށާއި، އެކަލާނގެ ރަސޫލާއަށް އުރެދިއްޖެ މީހާ ދަންނާށެވެ! ފަހެ، ފާޅުވެގެންވާ މަގުފުރެދުމަކުން އެމީހަކު ފުރެދިއްޖެކަން ކަށަވަރެވެ.
މުސްލިމުންގެ ދުސްތޫރު ހިދާޔަތުގެ އަލިގަދަ ނޫރު ކަމުގައިވާ ކީރިތި ޤުރުއާނުގައި ﷲ ތަޢާލާ ބަޔާންކުރައްވާފައިވާ ޙުކުމަކާ ދެކޮޅު ހެދުމުގެ އިޚްތިޔާރު ލިބިގެންވަނީ ކޮން އިންސާނަކަށް ހެއްޔެވެ؟ ބައެއްގެ ރުހުން ހޯދުމުގެ ބޭނުމުގައްޔާއި މަޤާމާއި ގޮނިޑި ދިފާޢުކުރަން ﷲ ގެ ޙުކުމާއި ޚިލާފުވުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއްނޫނެވެ. އެހެންނަމަވެސް ބޭރުފުށުން މުސްލިމެއް ކަމުގައި ހެދިގެން ހުރި މީހަކަށް މިއީ އެހާ ބޮޑުކަމަކަށް ނުވެދާނެއެވެ. މިފަދަ ކަމެއް ކޮށްފި މުސްލިމަކީ މަޤާމުގެ ގޮތުން ދަރަޖަ މަތި މީހެއްކަމުގައި ވިޔަސް ނުވަތަ ނަސަބުގެ ގޮތުން މަތީ ފަންތީގެ މީހެއް ކަމުގައި ވިޔަސް އެމީހަކު ހުންނާނީ  ދީނުން ބޭރުވެފައެވެ.
ޒަމާނާއި މީހުންދާނީ ބަދަލުވަމުންނެވެ. އެހެންނަމަވެސް ކީރިތި ޤުރުއާނާއި ސުންނަތުގައިވާ ޙުކުމްތަކަކީ ޒަމާނާއެކު ބަދަލުވެގެންދާނެ އެއްޗެއްނޫނެވެ. ކީރިތި ޤުރުއާނާއި ސުންނަތުގައިވާ ޙުކުމްތަކަކީ މާކުރީ ޒަމާނުގެ ޙުކުމްތަކެއް ކަމުގައި ދެކޭ ބަޔަކުވެސް އެބައުޅެއެވެ. އެފަދަ މީހުންނަށް ކުރީގެ އެއްޗަކަށް ވަނީ ކީރިތި ޤުރުއާނާއި ސުންނަތުގައިވާ ޙުކުމްތައް އެކަނި ހެއްޔެވެ؟ އެމީހުން ހެއްލެނި ކުރުވާ ދުނިޔެއަކީ ކުރީގެ އެއްޗެއް ނޫންބާވައެވެ؟ އިރު އެރުމާއި އިރު އޮއްސުން މިއީ ކުރީގެ ބޯދާކަމެއް ނޫންބާވައެވެ؟ ޒަމާނާއި ގުޅޭ ޙުކުމްތަކެއް ގެންނަންޖެހޭކަމަށް ބުނެ ކީރިތި ޤުރުއާނާއި ސުންނަތުގައިވާ ޙުކުމްތައް ބާޠިލުކުރަން ދަޢުވާކުރާ މީހުން އެކުރާ ދަޢުވާއަކީ މުރުތައްދުވެފައިވާ ދަޢުވާއެކެވެ. މިފަދަ މީހުންނަކީ ﷲ ތަޢާލާއަށް ކުފުރުވެފައިވާ ބައެކެވެ. އިސްލާމީ ޝަރީޢަތަކީ ޤިޔާމަތާޖެހެންދެން  ކޮންމެ ތަނަކަށް އަދި ކޮންމެ ޒަމާނަކަށް ފެތޭ އެންމެ ފުރިހަމަ ޝަރީޢަތެވެ. އިސްލާމީ ޝަރީޢަތުގެ ފުރިހަމަކަން ނޭނގުމަކީ އެދެންގަންނަށް އުޅޭމީހާގެ ނިކަމެތި ކަމެވެ. ފަހަރެއްގައިވެސް އެއީ އިސްލާމީ ޝަރީޢަތުގެ އުނިކަމެއް ނޫނެވެ. ބޭނުންވާ ކަންކަމުގައި އިސްލާމީ ޝަރީޢާތާއި އެއްގޮތަށް ޙުކުމްކުރުމަށްފަހު ބޭނުންނުވާ ކަންތައްތަކުގައި ޤާނޫނާއި އެއްގޮތަށް ޙުކުމްކުރަމުންދާ ބަޔަކީ ފުރިހަމަ މުސްލިމުންނެއް ނޫނެވެ. މިބައިމީހުންނަކީ އިސްލާމްދީނަށް ހަޖޫޖަހާ މީހުންނެވެ. މިބައިމީހުންވާނީ އިސްލާމްދީނުން ބޭރުވެ މުރުތައްދުވެފައެވެ. ސައްތައިން ސައްތަ މުސްލިމު ޤައުމެއްގައި ޤާނޫން އަސާސީއެއް އޮތުން ލާޒިމުކުރޭ ހެއްޔެވެ؟ ހަމަޔަގީނުން ވެސް މުސްލިމުންގެ ޖަވާބަކަށް ވާނީ ނޫނެކެވެ. އޮންނާކަށް ނުޖެހެއެވެ. ސަބަބަކީ ކިރިތި ޤުރުއާނަކީ މުސްލިމުންގެ ޤާނޫން އަސާސީއެވެ. އެއަށްވުރެ ފުރިހަމަ ޤާނޫނެއް އެއްވެސް ބަޔަކަށް ނުގެނެވޭނެއެވެ. އެއީ ފެހި ނުވަތަ ނޫ ޤާނޫނު އަސާސީ ކަމުގައި ވިޔަސްމެއެވެ. އެފޮތުގައި އެބަހީ، ޤުރުއާނުގައި ގަޟާހާޖަތް ކޮށްގެން ޠާހުރުވާނޭގޮތް ވެސް ބަޔާންކޮށްދެއްވާފައިވެއެވެ. މުސްލިމުންނަށް ދިމާވާ ނުވަތަ ދިމާވެދާނެ އެއްވެސް ކަމެއްގެ ހައްލެއް އެފޮތުގައި ނެތި ނުމެދާނެއެވެ. އެހެންކަމުން އެފޮތުގައިގައި ބަޔާންކުރައްވާފައިވާ ޙުކުމްތަކަކީ މުނާސަބު ޙުކުމްތަކެއް ނޫނޭ ބުނާމީހުން ދަންނައެވެ. ތިޔަބައިމީހުން ވަރަށް ސާފުބަހުން ބުނަމުން ތިގެންދަނީ ﷲ ތަޢާލާގެ ޙުކުމްތަކަކީ އުނި ޙުކުމްތަކެއް ކަމުގައެވެ.
މިފަދަ ބުނުންތަކަކީ އިސްލާމްދީނުން މުރުތައްދުވާނެ ބުނުންތަކެކެވެ. އިސްލާމްދީނުގައި ޒިނޭކުރާ މީހުންނަށާއި ވައްކަންކުރާ މީހުންގެ މައްޗަށް ހައްދުތަކެއް ކަނޑައަޅާފައިވެއެވެ. މުރުތައްދުވާމީހުން ޤަތުލުކުރުމާއި މަރަށް މަރު ހިފުމަކީ (ޤިޞާޞް ހިފުން) އިސްލާމީ ޝަރިޢަތުގައި ކަނޑައަޅާފައިވާ ޙުކުމްތަކެވެ. މިޙުކުމްތަކާއި ދެކޮޅަށް ބަސްބުނާ މީހުންގެ ހުރި ނިކަމެތިކަމާއެވެ.
އިސްލާމްދީނުގައި މުޙުޞަނަކު (ޞައްޙަ ޝަރުޢީ ކައިވެންޏަކުން ކައިވެނިކޮށްފައިވާ މީހެއް) ޒިނޭ ކުރިކަން އޭނާގެ އިޤުރާރުން ނުވަތަ އެއްވެސް ޝައްކެތްނެތްގޮތުގައި ހަތަރު ހެކީންގެ ހެކިބަހުން ޘާބިތުވެއްޖެނަމަ، ނުވަތަ އަންހެނަކު ޝަރުޢީ ކައިވެންޏަކާނުލައި ބަލިވެއިނދެއްޖެނަމަ އޭނާގެ މައްޗަށް އޮތީ ރަޖަމުކުރުމެވެ. ރަޖަމުގެ ޙުކުމުގައި ފިރިހެނެއްކަމުގައި ވިޔަސް، އަންހެނެއްކަމުގައި ވިޔަސް ތަފާތެއް ނެތެވެ.
رسول الله صلى الله عليه وسلم ޒަމާނުގައި ރަށްފުށު ހިސާބެއްގެ މީހަކު އޭނާގެ ދަރިފުޅު މީހެއްގެ ގާތަށް އުޖޫރައަށް މަސައްކަތް ކުރަން ފޮނުވުމުން، އެމީހާގެ (މަސައްކަތް ޙަވާލުކުރިމީހާގެ) އަނބިމީހާއާއެކު އޭނާ ޒިނޭކުރިއެވެ. މިމައްސަލާގައި رسول الله صلى الله عليه وسلم ޙުކުމްކުރެއްވީ ޒިނޭކުރި ފިރިހެންމީހާ އަކީ ޣައިރު މުޙުޞަނަކަށް ވުމުން އޭނާގެގައިގައި ސަތޭކަ އެތިފަހަރު ޖަޙާ އެއްއަހަރު ދުވަހަށް އަރުވާ ލުމަށެވެ. ދެން އެތާ ހުންނެވި އުނައިސް ކިޔާ ޞަޙާބީ ބޭކަލަކަށް ޙަދީޘްފުޅު ކުރެއްވިއެވެ.  (واغد يا أنيس على امرأة هذا، فإن اعترفت فارجمها)  އޭ އުނައިސްއެވެ. މިމީހާގެ (މަސައްކަތް ޙަވާލުކުރިމީހާގެ) އަނބިމީހާގެ ގާތަށް ގޮސް އޭނާ ޒިނޭކުރިކަމަށް އިޢުތިރާފުވެއްޖެނަމަ އޭނާ ރަޖަމު ކުރާށެވެ. ދެން ފަހެ އެއަންހެންމީހާ އިޢުތިރާފުވުމުން އޭނާ ރަޖަމު ކުރެވުނެވެ.
އަދި رسول الله صلى الله عليه وسلم ޒަމާނުގައި މާއިޒު ބުން މާލިކު رضي الله عنه ޒިނޭކޮށް އެކަމަށް އިޤުރާރުވުމުންނާއި ޖުހައިނާ ޤަބީލާގެ އަންހެން ބޭކަނބަލަކު ޒިނޭކޮށް އެކަމަށް އިޤުރާރުވުމުން رسول الله صلى الله عليه وسلم ގެ އަމުރުފުޅަށް އެދެބޭކަލުން ރަޖަމުކުރެވުނެވެ.
ޣައިރު މުޙުޞަނަކު ޒިނޭ ކުރިކަން އޭނާގެ އިޤުރާރުން ނުވަތަ އެއްވެސް ޝައްކެތްނެތްގޮތުގައި ހަތަރު ހެކީންގެ ހެކިބަހުން ޘާބިތުވެއްޖެނަމަ، ނުވަތަ އަންހެނަކު ޝަރުޢީ ކައިވެންޏަކާނުލައި ބަލިވެއިނދެއްޖެނަމަ އޭނާގެ މައްޗަށް އޮތީ ސަތޭކަ އެތިފަހަރުން ޙައްދުޖަހާ އެއްއަހަރު ދުވަހަށް އަރުވާލުމެވެ. ސަތޭކަ އެތިފަހަރުން ޙައްދުޖެހުމުގައި ފިރިހެނެއްކަމުގައި ވިޔަސް އަންހެނެއް ކަމުގައި ވިޔަސް ފަރަޤެއް ނެތެވެ.
މާތް ﷲ ވަޙީކުރައްވާފައިވެއެވެ. الزَّانِيَةُ وَالزَّانِي فَاجْلِدُوا كُلَّ وَاحِدٍ مِنْهُمَا مِائَةَ جَلْدَةٍ وَلا تَأْخُذْكُمْ بِهِمَا رَأْفَةٌ فِي دِينِ اللَّهِ إِنْ كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ وَلْيَشْهَدْ عَذَابَهُمَا طَائِفَةٌ مِنْ الْمُؤْمِنِينَ  މާނައީ: ޒިނޭކުރާ އަންހެނާއާއި، ޒިނޭކުރާ ފިރިހެނާއާއި ދެމީހުންކުރެ ކޮންމެ މީހެއްގެ ގައިގައި، ސަތޭކަ އެތިފަހަރުން (ޙައްދު) ޖަހާށެވެ. އަދި ﷲ އަށާއި އާޚިރަތް ދުވަހަށް ތިޔަބައިމީހުން އީމާން ވާކަމުގައިވަނީނަމަ، ﷲ ގެ ޙުކުމް ތަންފީޒުކުރުމުގައި އެ ދެމީހުންނާމެދު އޯގާވެރިކަމެއް ތިޔަބައިމީހުން ނުބަހައްޓާހުށިކަމެވެ. އަދި އެ ދެމީހުންނަށް ދެވޭ ޢުޤޫބާތް މުއުމިނުންގެ ބަޔަކު ދެކޭހުށިކަމެވެ.
رسول الله صلى الله عليه وسلم ޙަދީޘްކުރައްވާފައިވާ ކަމަށް ޒައިދު ބިން ޚާލިދު އަލްޖުހަނީ رضي الله عنه ވިދާޅުވިއެވެ. عَنْ زَيْدِ بْنِ خَالِدٍ الْجُهَنِيِّ قَالَ: سَمِعْتُ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَأْمُرُ فِيمَنْ زَنَى وَلَمْ يُحْصَنْ جَلْدَ مِائَةٍ وَتَغْرِيبَ عَامٍ. މާނައީ: ޒައިދު ބުން ޚާލިދު އަލްޖުހަނީ رضي الله عنه ވިދާޅުވިއެވެ. ޣައިރު މުޙުޞަނެއްގެ ގޮތުގައި ހުރެ ޒިނޭކޮށްފިމީހެއްގެ ގައިގާ ސަތޭކަ އެތިފަހަރުން ޖަހާ އެއްއަހަރު ދުވަހަށް ބީރައްޓެހި ކުރުމަށް (އެބަހީ އަރުވާލުމަށް) رسول الله صلى الله عليه وسلم އަމުރުކުރައްވަނިކޮށް ތިމަން އަޑު އެހީމެވެ.
ﷲތަޢާލާ ވަޙީކުރައްވާފައިވެއެވެ. وَالسَّارِقُ وَالسَّارِقَةُ فَاقْطَعُوا أَيْدِيَهُمَا جَزَاءً بِمَا كَسَبَا نَكَالًا مِّنَ اللَّـهِ ۗ وَاللَّـهُ عَزِيزٌ حَكِيمٌ ﴿ سورة المائدة٣٨﴾ މާނައީ: ވައްކަންކުރާ ފިރިހެނާއާއި، ވައްކަންކުރާ އަންހެނާ (ދަންނާށެވެ!) ފަހެ، ތިޔަބައިމީހުން އެ ދެމީހުންގެ އަތްތައް ބުރިކުރާށެވެ! (އެއީ) އެ ދެ މީހުން ކުޅަކަންތަކުގެ ޖަޒާއަކަށް، اللَّه ގެ حضرة ން ކަނޑައަޅުއްވާފައިވާ عبرة ތެރި عقوبات އެއްގެ ގޮތުންނެވެ. اللَّه އީ، عزيز ވަންތަ حكيم ވަންތަ ރަސްކަލާނގެއެވެ. (38)
މަޚްޒޫމް ވަންހައިގެ އަންހެނަކު ވައްކަންކުރުމުން އޭނާއާމެދު ޤުރައިޝްވަންހައިގެ މީހުންގެ ފަރާތުން أسامة بن زيد ޝަފާޢަތްތެރިވުމުން ކީރިތި رسول الله صلى الله عليه وسلم މިންބަރަށް އަރާވަޑައިގެން އެކަމާމެދު ނުރުހުން ފާޅުކުރައްވާ ދެއްވި ތަޤްރީރުގައި ޙަދީޘްކުރައްވާފައިވެއެވެ. وَايْمُ اللَّهِ لَوْ أَنَّ فَاطِمَةَ بِنْتَ مُحَمَّدٍ سَرَقَتْ لَقَطَعْتُ يَدَهَا  (رواه البخاري (3475) ، ومسلم (1688) ) މާނައީ: ގަންދެއްވައި ވިދާޅުވަމެވެ. މުޙައްމަދުގެފާނުގެ ދަރިކަނބަލުން ފާޠިމަތުގެފާނުން ވައްކަން ކުރެއްވިނަމަވެސް ހަމަކަށަވަރުން ތިމަންކަލޭގެ ފާނު އެކަމަނާގެ އަތްޕުޅުވެސް ކަނޑުއްވާހުށީމެވެ.
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. (إن سرق فاقطعوا يده، ثم إن سرق فاقطعوا رجله، ثم إن سرق فاقطعوا يده، ثم إن سرق فاقطعوا رجله) މާނައީ: ވައްކަންކޮށްފިނަމަ ތިޔަބައިމީހުން އޭނާގެ އަތްކަނޑާށެވެ! ދެން އެއަށްފަހު ވައްކަންކޮށްފިނަމަ، އޭނާގެ ފައިކަނޑާށެވެ! ދެން އެއަށްފަހު ވައްކަންކޮށްފިނަމަ އޭނާގެ އަތްކަނޑާށެވެ! ދެން އެއަށްފަހު ވައްކަންކޮށްފިނަމަ، އޭނާގެ ފައިކަނޑާށެވެ!
ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. لعن الله السارق يسرق البيضة؛ فتقطع يده، ويسرق الحبل؛ فتقطع يده މާނައީ: ބިސްވަގަށްނަގާމީހާގެ ފަހެ އަތްކަނޑާށެވެ! އޭނާ މާތްﷲ ގެ ލަޢްނަތްހުއްޓެވެ. އަދި ވާގަނޑު ވަގަށްނަގާމީހާގެ އަތްކަނޑާށެވެ!
އައްނަސާއީ ރިވާކުރައްވާފައިވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.لا تقطع اليد إلا فيما دون ثمن المجن މާނައީ: ޘުމަން އަލްމަޖަން ނެގުމުން މެނުވީ ވައްކަންކުރި މީހާގެ އަތްނުކަނޑާށެވެ. މިޙަދީޘުގައިވާ ޘުމުނުލް މަޖަނާއި ބެހޭގޮތުން އަޞްޙާބުބޭކަލުން ޢާއިޝާގެފާނުގެ އަރިހުގައި ދެންނެވިއެވެ. "ޘުމަން އަލްމަޖަން" އަކީ ކޮބައިތޯއެވެ؟ ޢާއިޝާގެފާނު ވިދާޅުވެއެވެ. "އެއީ ދީނާރެއްގެ 4/1 އެވެ."
ﷲ ތަޢާލާ ވަޙީކުރައްވާފައިވެއެވެ. ﴿ يَا أَيُّهَا الَّذِينَ آمَنُوا كُتِبَ عَلَيْكُمُ الْقِصَاصُ فِي الْقَتْلَى ﴾ {سورة البقرة 178} މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! قتل ކުރެވޭ މީހުންނާމެދު قصاص ހިފުން ތިޔަބައިމީހުންގެ މައްޗަށް فرض ކުރައްވައިފިއެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ. ( لَا يَحِلُّ دَمُ امْرِئٍ مُسْلِمٍ يَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَأَنِّي رَسُولُ اللَّهِ إِلَّا بِإِحْدَى ثَلَاثٍ الثَّيِّبُ الزَّانِي وَالنَّفْسُ بِالنَّفْسِ وَالتَّارِكُ لِدِينِهِ الْمُفَارِقُ لِلْجَمَاعَةِ ) {رواه البخاري (6878) ومسلم (1676)} މާނައީ: ފިޔަވައި ޙައްޤުވެގެން އަޅުކަންވެވޭ އިލާހަކު ނުވާ ކަމަށާއި އަހަރެންނީ ﷲ ގެ ރަސޫލާ ކަމަށް ހެކިވާ މީހެއްގެ ލޭ ތިންކަމަކުން މެނުވީ ހުއްދައެއް ނުވެއެވެ. އެއީ ކައިވެނީގެ ރަހަ ލިބިހުރެ ޒިނޭކުރާ މީހާއާއި މަރަށް މަރުހިފޭ މީހާއާއި، ދީން ދޫކޮށް (މުރުތައްދުވެ) އިސްލާމީ ޞައްޙަ ޖަމާޢަތާ ވަކިވެގަންނަމީހާއެވެ.
އިސްލާމީ ޝަރީޢަތުގައި މިޙުކުމްތައް ބަޔާންވެފައިވާ ނަމަވެސް ޙައްދުތައް ޤާއިމުކޮށް، (މުޙްޞަން) ޒިނޭކުރާމީހުން ރަޖަމުކޮށް، ވައްކަންކުރާމީހުން އަތްކަނޑައި، މުރުތައްދުވާމީހުން ޤަތުލުކޮށް މަރަށް މަރު ހިފުމަކީ (ޤިޞާޞް ހިފުމަކީ) މިޒަމާނާ މުނާސަބުވެގެންވާކަމެއް ނޫންކަމަށް ދެކޭބަޔަކު ވަކާލާތުކުރަމުންދެއެވެ.  މިއީ މިޒަމާނުގެ މީސްތަކުންގެ ވިސްނުމާއި ފިކުރާތަކާއި ފުށުއަރާކަމެއްކަމަށް ވިސްނާދޭން އެމީހުން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. ޤާތިލުގެ މައްޗަށް ޤިޞާޞް ހިފުމަކީ ވަޙްޝީ ނުބައި ޢަމަލެއްކަމުގައި މިބައިމީހުން ދަނީ ބުނަމުންނެވެ. މިބައިމީހުންގެ މި ވިސްނުމުގައި ޖެހި ހަލާކުވަމުންދާ ބަޔަކީ މުސްލިމުންނެވެ.
ﷲ ތަޢާލާގެ ޙުކުމްފުޅުތަކާއި އެއްގޮތައް ޙުކުމްކުރުމަކީ އަޅުކަމެކެވެ. އަޅުކަމަކީ ނަމާދު ކުރުމާއި ޤުރުއާން ކިޔެވުން އެކަންޏެއް ނޫނެވެ. އަޅުތަކުންނަށް ވާޖިބު ވެގެންވަނީ ﷲ ތަޢާލާގެ ޙުކުމްފުޅުތަކަށް މަޑުމޮޅިކަމާއެކު ކިޔަމަންގަތުމެވެ. އެޙުކުމްތަކަށް ވުރެ މަތިވެރި ޙުކުމްތަކެއް ނުވާކަމަށް ހިތުގެ އަޑިން ޤަބޫލުކުރުމެވެ.
ﷲ ތަޢާލާގެ ޙުކުމްފުޅުތަކަކީ އިޚްތިޔާރު ލިބިގެންވާ ޙުކުމްތަކެއް ކަމަށް އެއްވެސް މުސްލިމަކު ދެކެގެން ނުވާނެއެވެ.  އިންސާނީ ޙައްޤޫތަކާއި މިނިވަންކަމޭ ކިޔައިގެން ﷲގެ ޙުކުމްފުޅުތަކާމެދު މީސްތަކުން ދުރުކުރުވުމަށް މަސައްކަތްކުރަމުންދާ މީހުންނަށް ފާޅުގާ ނޫނެކޭ ބުނާށެވެ. އެމީހުންގެ ރުހުމަށް ވުރެ ﷲ ގެ ރުހުން މާ މުހިންމުކަން ހަނދާންކުރާށެވެ.
ﷲ ބާވައިލެއްވި ޙުކުމްފުޅުތަކާއި އެއްގޮތަށް މެނުވީ ޙުކުމްކުރުން ހުއްދަވެގެނެއް ނުވެއެވެ. ﷲ ގެ ޙުކުމްފުޅުތަކާއި ޚިލާފުވާ ކޮންމެ ޙުކުމަކީ ބާޠިލުވެގެންވާ ޙުކުމެކެވެ. ﷲގެ ޙުކުމްފުޅުތަކާއި އެއްގޮތަށް ޙުކުމްނުކުރާ މުޖުތަމަޢެއްގައި މަސްއަލަތައް ބޮޑުވެ، މަސްއަލަތަކުގެ މައްޗަށް މަސްއަލަތައް އިތުރުވެގެންދާނެއެވެ. މިހާރަކަށް އައިސް ﷲ ގެ ޙުކުމްތަކާއި ޚިލާފަށް ޙުކުމްކުރަނީ އަމިއްލަ އެދުމަށްޓަކައެވެ. ވަޡީފާގެ ދަހިވެތިކަމުގައެވެ. ނުވަތަ ފައިސާފޮތްޗެއްގެ ދަހިވަތިކަމުގައެވެ. އެފަދަ މީހުން ރިޝްވަތަށާއި، ފައިސާއަށް ދަހިވެތިވެ ﷲގެ ޙުކުމްފުޅަށް ޙުކުމްކުރުން ދޫކޮށްލައެވެ. ޖާހާއި މަންޞަބާއި ޢިއްޒަތަށްޓަކައި ﷲގެ ޙުކުމްފުޅުތައް ދޫކޮށް އެހެންޙުކުމްތަކަށް މިބައިމީހުން ޙުކުމްކުރެއެވެ. މިއީ ނުރައްކާތެރިކަން ބޮޑުވެގެންވާ ފާފައެކެވެ.
އެހެންކަމުން، މުސްލިމު ވެރިންނަށާއި ޙުކުމްކުރާމީހުންގެ މައްޗަށް ވާޖިބު ވެގެންވަނީ ﷲގެ ޝަރީޢަތާއި އެއްގޮތަށް ޙުކުމްކުރުމެވެ. އެޙުކުމްފުޅުތަކާ ޚިލާފަށް ހެދޭ ޤާނޫނުތަކަށް ޙުކުމްކުރުމަކީ ހުއްދަވެގެންވާނޭކަމެއްނޫނެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ. ((أَلَمْ تَرَ إِلَى الَّذِينَ يَزْعُمُونَ أَنَّهُمْ آمَنُوا بِمَا أُنزِلَ إِلَيْكَ وَمَا أُنزِلَ مِنْ قَبْلِكَ يُرِيدُونَ أَنْ يَتَحَاكَمُوا إِلَى الطَّاغُوتِ وَقَدْ أُمِرُوا أَنْ يَكْفُرُوا بِهِ وَيُرِيدُ الشَّيْطَانُ أَنْ يُضِلَّهُمْ ضَلالاً بَعِيداً * وَإِذَا قِيلَ لَهُمْ تَعَالَوْا إِلَى مَا أَنزَلَ اللَّهُ وَإِلَى الرَّسُولِ رَأَيْتَ الْمُنَافِقِينَ يَصُدُّونَ عَنْكَ صُدُوداً)) النساء: 60 -61  މާނައީ: ކަލޭގެފާނަށް ބާވައިލައްވާފައިވާ ފޮތަށާއި، ކަލޭގެފާނުންގެ ކުރިން ބާވައިލައްވާފައިވާ ފޮތްތަކަށް، އީމާންވެގެން ތިބިކަމަށް ބުނާ މީހުން ކަލޭގެފާނު ދެކެވަޑައިނުގަންނަވަމުތޯއެވެ؟ އެބައިމީހުން ޙުކުމްލިބިގަންނާން، ޠާޣޫތުންގެ ފަރާތަށް ދިއުމަށް އެބައިމީހުން އެދެއެވެ. ހަމަކަށަވަރުން، އެފަރާތަށް ކާފަރުވުމަށް އެބައިމީހުންނަށް އަމުރުކުރައްވާފައިވާ ޙާލުގައެވެ. އަދި، ޝައިޠާނާ އެދެނީ، (ޙައްޤުމަގުން) ދުރުވެގެންވާ މަގުފުރެދުމަކުން، އެބައިމީހުން މަގުފުރެއްދުމަށެވެ. އަދި، اﷲ ބާވައިލައްވާފައިވާ ފޮތަށާއި، ރަސޫލާ އަންގަވާ ގޮތަށް ތަބަޢަވާން ތިޔަބައިމީހުން އަންނާށޭ ބުނެފިނަމަ، މުނާފިޤުން، (ނަފުރަތުވެ) ކަލޭގެފާނަށް ފުރަގަސްދޭތީ ދެކެވަޑައިގަންނަވާނެއެވެ.
މުސްލިމު ވެރިންނާއި ޙުކުމްކުރާމީހުން ބޮޑެތި ޤައުމުތަކުން ދެމުންގެންދާ އެހީތައް މެދުކެނޑިދާނެތީވެ ނުވަތަ އެމީހުންގެ ރުހުން ހޯދައިގެން ލިބޭ މަދު ފައިސާ ކޮޅެއްގެ ދަހިވެތިކަމުގައި ﷲ ތަޢާލާގެ ޙުކުމް ބާޠިލުކޮށް އެމީހުންގެ ޙުކުމްތަކާއި އެއްގޮތަށް ކަންތައް ނިންމާނެކަމުގެ ޔަޤީންކަން ދީގެންނުވާނެއެވެ. އެހެނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ޙުކުމްފުޅުގައި ވަނީ ޚާލިޤުވަންތަ އިލާހަށް އުރެދުމެއްވާ ކަމެއްގައި މަޚްލޫޤަކަށް ކިޔަމަންގަތުމެއް ނުވުމެވެ. ﷲގެ ޙުކުމްފުޅުތަކަށް ޙުކުމްކުރުމަކީ އާދައިގެ ކަމެއްނޫނެވެ. އެއީ ބޮޑުވެގެންވާ މަތިވެރިވެގެންވާ ކަމެކެވެ. މިއީ އާދައިގެ ނިކަމެތި ކަމެއްގެ ގޮތުގައި ދެކުމަކީ ހުއްދަވެގެންވާކަމެއް ނޫނެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަޅަމެންނަށް ހެޔޮ މަގަށް މަގުދައްކަވައި، އަޅަމެންގެ ވެރިންނަށާއި ޙުކުމްކުރާ މީހުންނަށް ﷲގެ ޙުކުމްފުޅުތަކާއި އެއްގޮތަށް ޙުކުމްކުރުމުގެ  ހެޔޮ ތައުފިޤު ދެއްވާށި! އާމީން.

މަޞްދަރު:
ދިސަލަފިއްޔާ
ވަންއިސްލާމް
އިސްލާމް ކިއު އޭ
އިސްލާމް ވެބް ނެޓް
ތަންޒީލް ޤުރުއާން
އަހްކާމުލް ޤިޞާޞް
އަޙްކާމުލް ޙުދޫދު


No comments: