Featured Post

Ombey

Saturday, November 24, 2018

kiyun un'gahnnaidhinun


  بـســم الله الـرّ حــــمن الـرّ حـيـــم
ކިޔުން އުނގަންނައިދިނުން

Image result for learn to read.               
ލިޔުނީ: ޒީނަތު ލަބީބު
ފެށުން:

ކޮންމެ ދާއިރާއަކުން ނުވަތަ ކޮންމެ ބަހަކުން މަޢްލޫމާތު ހޯދަން ބޭނުންވި ކަމުގައި ވިޔަސް ކިޔުމަކީ އެންމެ މުހިންމު އެއް އަސާސެވެ. ކިޔުމަކީ ބަހަކާއި ގުޅި ލާމެހިފައިވާ ކަމެކެވެ.  ބަހެއް ބޭނުންކުރުމަށް ހޭލުންތެރިކަން ތަރައްޤީވެގެންދާނީ އެ ބަހަކުން ލިޔެފައިވާ ފޮތްތައް ކިޔަން އެނގިގެންނެވެ. އެދުމެއް ނެތި ވެދުމެއް ނުކުރާނެއޭ ބުނާ މޭރުމުން ބަސް ބޭނުންކުރާނީ ވެސް އެދުމަކާއި ވެދުމެއް އޮވެގެންނެވެ. އެގޮތުން ބަސް ބޭނުންކުރާނީ ކޮންމެވެސް މަޤްޞަދެއް ޙާޞިލުކުރުމަށާއި ދިމާވާ ހާލަތަކުންނެވެ. ބަހެއްގައި މިއޮންނަނީ މައިގަނޑު ތިން ހުނަރެކެވެ. އެއީ
1-     އަޑުއެހުމާއި ވާހަކަ ދެއްކުން.
2-     ކިޔުމާއި ބެލުން.
3-     ލިޔުންތެރިކަން.
މީގެ ތެރެއިން ވެސް އެންމެ ގިނަކުދިން ބަހަށް ދަށްވެގެންދާ އަދި ބަހާއި މެދު ދެކޭ ގޮތް އެންމެ ބޮޑަށް ބަދަލުކުރުވާ އެއްކަމަކީ ކިޔުމާއި ބެލުމެވެ. އެއްޗެއް ކިޔައިގެން ދޭހަކުރުމާއި އެއްޗެއް ބަލައިގެން ދޭހަވެ އޭގައި އެބުނާ އެއްޗެއް އެނގިއްޖެނަމަ އެވާހަކަ އެހެން މީހެއްގެ ގާތުގައި ބުނުމަށް ނުވަތަ ލިޔުމަށް ވެސް ފަސޭހަވާނެއެވެ. އަޑުއަހާ އެއްޗެއް ފަހުމު ނުވަންޏާ އެ އެއްޗެއް އަޑުއަހަން ސަމާލުކަން ދީގެން ނުހުރެވޭނެ އެވެ. މި އެސައިންމެންޓަކީ ކިޔުން އުނގަންނައިދޭ ގަޑިތަކެއް އޮބްޒާވްކުރުމަށްފަހު ކިޔުން އުނގަންނައި ދިނުމަށްޓަކައި ޓީޗަރު ބޭނުންކޮށްފައިވާ އުކުޅުތަކާއި ފެނުނު ރަނގަޅު ކަންތަކާއި ރަނގަޅު ކުރަން ޖެހޭ ކަންތައްތަކަށް ޢިލްމީ ދިރާސާގެ އަލީގައި ބަހުސް ކުރުމަށް ލިޔާ ރިޕޯޓެ ކެވެ.

ލިޓްރެޗަރ ރިވިއު:

ބައެއް ކުދިންނަށް ކިޔުމަކީ އެހާފަސޭހަ ކަމަކަށްވާއިރު އަނެއްބައި ކުދިންނަށް އެއީ ފަރުބަދައެއް ކެނޑުން ފަދަ އުނދަގޫކަމަކަށް މިވަނީ ވެފައެވެ. ސުވާލަކީ އެގޮތަށް ދިމާވަނީ ކީއްވެގެން ހެއްޔެވެ؟ ފޯނިކްސްއާއި ފަރިތަކޮށް ކިޔުމަކީ ހަމަޔަޤީނުންވެސް ކިޔުމުގެ ބިންގާކަމީ ބަހުގެ މާހިރުން އިއްތިފާގުވާ ކަމެކެވެ. ފޮނޮލޮޖިކަލް އެވެއަރނެސް އާއި ޑީކޯޑުކުރަން ނޭނގުމަކީ ކިޔުމަށް ނުކުޅެދޭ ކުދިންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލަކަމަށް ބޯލް އަދި ބްލަކްމަން (1991) ހާމަކުރައްވަ އެވެ.
ކިޔަންދަސްކުރުމުގެ މައިގަނޑު ބޭނުމަކީ ލިޔެފައިއޮތް ލިޔުމެއް ފަހުމުވުމާއި، ކިޔާ ލިޔުމުން ކަމެއް ދަސްވުމެވެ. ބަސްތައް ކިޔަން އެނގުނަސް ކިޔުމެއް ކިޔައިގެން ދޭހަ ނުވަންޏާ ކިޔުމުން އެހާ ރަނގަޅު ފައިދާތަކެއް ނުކުރެ އެވެ. ކިޔުމުގެ ދޭހައަކީ ސިނކުޑީގައި ހިނގާ ތަފާތު މަސައްކަތްތަކެއްގެ ނަތީޖާ އެވެ. މީގެތެރޭގައި ބަސް ކިޔުމާއި ބަހުގެ މާނަ އެނގި ދިރިއުޅުމުގައި ނުވަތަ ދުނިޔޭގެ ކަންހިނގާގޮތުގެ މަޢްލޫމާތު އެނގި ފަރިތަކަމާއެކު ކިޔަން އެނގުން މި މަސައްކަތުގެ ތެރޭގައި ހިމެނޭ ކަމަށް ބޯލް އަދި ބްލަކްމަން (1991) ހާމަކުރައްވަ އެވެ.
ދިރާސާތަކުން ދައްކާގޮތުގައި ކިޔުމުގެ ދޭހައިގެ ފިލާވަޅުތައް ގެންދެވެނީ ވަރަށް ފޫހި ގޮތަކަށެވެ. ޢާއްމުގޮތެއްގައި ކިޔުމުގެ ދޭހަ ގެންދެވެނީ ތިން ބަޔަކަށެވެ. އެއީ ދަރިވަރުން ކިޔާއިރު ބޭނުންކުރުމަށް ޓީޗަރު އެދޭ ހުނަރެއްގެ ވާހަކަ ބުނެލުމާއި، އެހުނަރު ފަރިތަކޮށްލުމަށް ދެވޭ މަސައްކަތުކަރުދާހަކާއި، މިހުނަރު ދަރިވަރުން ބޭނުންކުރިތޯ ބެލުމަށް ދެވޭ ޓެސްޓެއްކަމަށް ޑަރކިން (1979) ހާމަކުރައްވަ އެވެ. ކިޔުމުގެ ދޭހައިގެ 4000 މިނިޓުގެ ގަޑިތައް އޮބްޒާވު ކުރެވުނުއިރު، ކިޔުން ދޭހަކުރުމަށް ދަސްކޮށްދިނުމަށް ޚާއްޞަކުރެވިފައިވަނީ އެންމެ 20 މިނިޓް ކަމަށް ވެސް ޑަރކިން ހާމަކުރައްވަ އެވެ. 
ކުރީގައި އެނގިފައި ނުވަތަ ތަޖުރިބާކުރެވިފައިވާ މަޢްލޫމާތެއް ކިޔާނަމަ ކިޔުމަށް އަސަރުކުރެ އެވެ. އޭގެ މާނައަކީ ކިޔާކިޔުމެއް ފަސޭހަކާއެކު ފަހުމުވުމާއި އެ މަޢްލޫމާތު ހަނދާނުގައި ހަރުލުމަށް މަގުފަހިވެގެންދާ ކަމެކެއްކަމަށް އެންޑަރސަން އަދި ޕިއަރސަން (1984) ހާމަކުރައްވަ އެވެ. ބަސް ކިޔަންއެނގުމާއި ބަހުގެ މާނަ އެނގުމާއި ދުނިޔޭގައި ހިނގާ ކަންކަމުގެ ތެރެއަށް ލޯ ހުޅުވުމަކީ ކިޔާ ލިޔުމެއް ދޭހަވުމަށް ބޭނުންތެރި އަސާސްތަކެވެ. 
މޮޅަށްކިޔާ ކުދިން ތަފާތު އުކުޅުތަކާއި ހުނަރުތައް ކިޔުމުގެ ކުރީގައި، ކިޔުމުގެ ތެރޭގައި، އަދި ކިޔައި ނިމުމަށްފަހު ވެސް ބޭނުންކުރެއެވެ. މިއީ ކިޔަން ދައްކުދިންނާއި ކިޔަން މޮޅުކުދިންގެ ކިބައިން ފެންނަ އެންމެ ބޮޑު ތަފާތުކަމަށް ޑޯލް އެޓް.އެލް (1991) ހާމަކުރައްވަ އެވެ. މޮޅަށްކިޔާ ކުދިން ގެންގުޅޭ ހުނަރުތަކަކީ:
1-     އަވަހަށް ރަނގަޅަށް ބަސް ކިޔަން އެނގުން.
2-     ކިޔަން ފެށުމުގެ ކުރިން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑި ކަނޑައެޅުން.
3-     ލިޔުމުގެ ބާވަތާއި ލިޔުމުގެ އޮނިގަނޑު ފާހަގަކުރުން.
4-     ކިޔަމުންދާ ވަގުތު ކިޔުންދޭހަވާ މިންވަރުބަލައި ޓެސްޓްކުރުން.
5-     މުހިންމު ނުކުތާތައް ފާހަގަކޮށް ސިނކުޑީގައި ހަރުލެއްވުމަށް ޚުލާޞާކުރުން.
6-     ދެންވާނޭގޮތް ކުރިއަށް ލަފާކުރަމުން ދިއުން.
7-     މައުޟޫޢާއި ބެހޭގޮތުން ކުރިން އެނގިފައި ހުރި މަޢުލޫމާތު އޭގެ އެންމެ ފުރިހަމަގޮތުގައި ބޭނުންކުރަމުން ދިއުން.
8-     ކިޔަމުންދާ ލިޔުން ސިކުނޑީގައި ސިފަކުރުވަމުން ދިއުން.
ކިޔުމަށްދެރަ ކުދިން މިކަހަލަ އުކުޅުތަކެއް ނުގެންގުޅެ އެވެ. އެކުދިންގެ ވިސްނުން ބަރޯސާވެފައިވަނީ ޑީކޯޑުކުރުމަށް އެކަންޏެވެ. ކިޔުން ދޭހަކުރުމަށް ސިނކުޑިއަކަށް ފުރުޞަތެއްނުދެ އެވެ. އެހެންވުމުގެ ސަބަބުން ކިޔަމުންދާ ލިޔުން އެކުދިންނަށް ދޭހައެއްނުވެ އެވެ. އަދި ލިޔުން ކިޔާނިމޭއިރު ކިޔުނު އެއްވެސް އެއްޗެއް ހަނދާނެއް ނުހުރެ އެވެ. އެހެންވުމުގެ ސަބަބުން ކިޔުމަށް ފޫހިވެ، ތިމާއަށް ނުކުރެވޭނެ ކަމެއްކަމަށް ނިންމައި ކިޔުމާއި ދުރަށް މިކުދިން ދާކަމަށް ޖިމޭނެޒް (1996) ހާމަކުރައްވަ އެވެ.
ކިޔުމަށް ފޫހި ކުދިންނަށް ދިމާވެފައިވާ އަސްލު މައްސަލަ ހޯދައި އެކަމަށް ހައްލެއް ހޯދައިދިނުމަކީ ޓީޗަރުންގެ ޒިންމާއެކެވެ. އެންމެފުރަތަމަ ކަމެއްގެ ގޮތުން ކުރަންޖެހޭކަމަކީ، ކިޔުމަށާއި ލިޔުމަށް ކޮންމެހެން ބޭނުންވާނޭ ބަސްތައް ފާހަގަކޮށް މިބަސްތައް ޑީކޯޑުކުރަން ދަސްކޮށްދިނުމެވެ. އަދި ކުދިންނާއި ކުރެވޭ މަޝްވަރާތަކުގައި މި ބަސްތަކަކީ ބޭނުންކުރެވޭ ބަސްތަކަށް ހެދުމެވެ. މިއީ ކިޔުމަށް ފޫހިވެފައިވާ ކުދިންނަށް ދަސްކޮށްދޭން މާ ފަސޭހަކަމަކަށް ނުވާނެކަމަށް މެއިސިންގަރ (2010) ހާމަކުރައްވަ އެވެ.
ކިޔުން ތަރައްޤީކުރުމަށް މައިގަނޑު 4 އުކުޅެއް ގެންގުޅެންޖެހޭކަމަށް ކާލް އެމްސީ ޑޮނާލްޑް (2012) ހާމުރައްވަ އެވެ. އެއުކުޅުތަކަކީ:
1-     ސްކިމްކުރުން.
2-     ސްކޭންކުރުން.
3-     އިންޓެންސިވް.
4-     އެކްސްޓެންސިވް
ސްކިމިންގ ނުވަތަ ގިސްޓް ރީޑިންގއަކީ ލިޔުމެއް މަތިމަތިން ކިޔާލުމެވެ. ސްކިމްކޮށް ކިޔާލުމުން ލިޔުމުގެ ވައްޓަފާޅިއާއި ލިޔުން ބިނާވެގެންވަނީ ކޮންކަމެއްގެ މައްޗަށްކަން އެނގިގެންދެ އެވެ. ނޫސް މަޖައްލާ ކިޔުމުގައި ގިނަމީހުން ގެންގުޅޭނީ މިއުކުޅެވެ. މިސާލަކަށް މަޖައްލާއެއްގެ ޞަފްޙާތައް މަތިމަތިން ބަލާލުމަށްފަހު ސިނކުޑީގައި އޭގެ ޚުލާޞާއެއް ރައްކާކުރުމަށްފަހު ފަހުން އެލިޔުންތަކުން ކިޔަން ބޭނުންވާ ލިޔުންތައް ބެލުމެވެ. ނޫންނަމަ ފޯނު ޑައިރެކްޓްރީއަކުން ބޭނުންވާ ގެއެއްގެ ނަން ހޯދުން ފަދަ ކަންތައް ކުރުމެވެ. ރަނގަޅަށް ސްކިމްކުރަން ދަސްވެފަވާނަމަ މިނިޓެއްގެ ތެރޭގައި 700 ވަރަކަށް ލަފުޒުގެ އަދަދަށް ކިޔާކަމަށް ކާލް އެމްސީ ޑޮނާލްޑް (2012) ހާމަކުރައްވަ އެވެ.
ކާލް އެމްސީ ޑޮނާލްޑް (2012) ހާމަކުރައްވާގޮތުގައި ސްކޭންކުރުމަކީ ޖުމްލަތަކަށް ނަޒަރުހިންގައި އެބޭނުންވާ މަޢްލޫމާތެއް ހޯދުމެވެ. ފަންނީމާހިރުން ދެކެވަޑައިގަންނަވާ ގޮތުގައި ކޮމްޕިއުޓަރ ބޭނުންކޮށްގެން ކިޔުމުން މި ހުނަރު ހީނަރުވެގެންދެ އެވެ. އެހެންކަމުން ކިޔަންދަސްކޮށްދިނުމުގައި ޕްރިންޓެޑް ކޮޕީ ބޭނުންކުރުން އެއީ އެންމެ ރަނގަޅު ގޮތްކަމަށް ދިރާސާވެރިން ޤަބޫލުކުރެ އެވެ. ރަނގަޅަށް ސްކޭންކޮށްގެން ނަގާ މަޢުލުމާތުން ކުރާ އަސަރު ބޮޑުވެފައި ގިނަދުވަހަށް ސިނކުޑީގައި ހަރުލާފަ ހުންނާނެ ކަމަށް ވެސް ކާލް އެމްސީ ހާމަކުރައްވާފައިވެ އެވެ. ސްކޭންކުރުމަށް މިސާލުޖައްސަވަމުން ކާލް ގެނެސްފައިވާ މިސާލަކީ އާސާރީ އެއްޗެތި ބެހެއްޓިފައިވާ ބޮޑު ސަރަހައްދެއްގަ އެވެ. އެތާނގައި އެއްޗެތި ބެހެއްޓފައިވާގޮތް ބުނެދީފައިވާ ލުއިފޮތެއް އޮތެވެ. އެންމެފުރަތަމަ ވެސް ބަލާނީ ފުރަތަމަ ދާންވާ މިސްރާބު ހުރި ދިމާއަކަށެވެ. ސްކޭންކުރުމުގައި ގިނަކުދިން ލިޔުންތަކުގައިވާ ކުރެހުންތަކާއި ޑައިގްރާމް ޗާޓު ފަދަތަކެތި ދޫކޮށްލަ އެވެ. އެހެންނަމަވެސް ކުރެހުމާއި ޗާޓު ފަދަތަކެއްޗަކީ ލިޔުމުގެ ވަރަށް ބޮޑުބައެކެވެ. ކުރެހުންތަކަށްދޭ އަހަމިއްޔަތު ލިޔުމުގެ ތަޢާރަފަށާއި ނިންމުމަށްވެސް ދޭންޖެހޭނެކަމަށް ކާލް ހާމަކުރައްވަ އެވެ.
ސްކިމްކުރުމާއި ސްކޭންކުރުމާއި ޚިލާފަށް އިންޓެންސިވްކޮށް ލިޔުމެއް ކިޔަން ކިޔާމީހާގެ ސިނކުޑި ތައްޔާރުކުރަންޖެހެ އެވެ. އަދި ކިޔުމުގެ ބޭނުމެއްކަނޑައަޅަން ވެސް ޖެހެއެވެ. އިންޓެންސިވްކޮށް ކިޔުމެއްކިޔަން ގިނަވަގުތު ނަގާނެ އެވެ. އިންޓެންސިވްކޮށް ކިޔުމަކީ މުޅި ލިޔުމުގައި ބުނާ އެއްޗެއް ރަނގަޅަށް ވިސްނޭ ވަރަށް ކިޔުމެވެ. މިސާލަކަށް ބަސް އުނގެނުމުގައި ދިމާވާ ގޮންޖެހުންތަކާއި ބެހޭގޮތުން ދިގު ރިޕޯޓެއް ލިޔަން ކިޔާނަމަ  ވަރަށް ރަނގަޅަށް މަޢުލޫމާތު ލިބޭ ވަރަށް ލިޔުމުގެ ތެރެއަށް ފީނައިގެން ކިޔަންވާނެ އެވެ. މިއުކުޅު ބޭނުންކޮށްގެން ކިޔުމުން ކުދިންގެ ބަހުގެ ފެންވަރު މަތިވުމަށާއި ބަސްކޮށާރު މުއްސަނދިވުމަށް އެހީތެރިވެދެ އެވެ. އަދި ލިޔުން ދޭހަވުމަށް މަގުފަހިވެ މާނަ ނޭނގޭ ލަފުޒުތައް އެހެން ލަފުޒުތަކާއި ގުޅުވައިގެން މާނަ ދެނެގެނެވޭނެ އެވެ. މިގޮތަށް ކިޔުމުން ލިބޭ މަޢުލޫމާތު ދިގު މުއްދަތަކަށް ސިނކުޑީގައި ހަރުލާފައި ހުންނާނެ ކަމަށް ސުޒަން ބާރބާރ (2016) ހާމަކުރައްވަ އެވެ. އެހެންކަމުން ޓެސްޓަށް ތައްޔާރުވުމުގައި ފޮތްކިޔާއިރު ކިޔަން އެންމެ ރަނގަޅީ އިންޓެންސިވްކޮށް ކިޔުންކަމަށާއި ޓެސްޓުގެ ވަގުތު ކުޑަތަންވުމުން ފޮތްކިޔުމުން ކިޔުމުގެ އެއްވެސް ހުނަރަކާއި އެއްގޮތަށް ނުކިޔޭކަމާއި އެގޮތަށް ކިޔުމުން ކިޔުމުގެ މާބޮޑު މަންފާއެއް ކުދިންނަށް ނުލިބޭކަމަށް ވެސް ކާލް އެމްސީ (2012) ހާމަކުރައްވަ އެވެ. އަދި އެކިޔާ ލިޔުމަކުން ލިބޭ މަޢްލޫމާތު ވަރަށް އަވަހަށް ހަނދާންނެތެ އެވެ.
އަމިއްލަ ހިތްހަމަޖެހުމާއި މުނިފޫހިފިލުވުމަށް ލިޔުމެއް ކިޔާކިޔުމަކީ އެކްސްޓެންސިވްކޮށް ކިޔާކިޔުމެވެ. ކިޔަވާކުދިންގެ ތެރެއިން މަދުކުއްޖެއްފިޔަވާ އެކްސްޓެންސިވްކޮށް ފިލާވަޅުތައް ނުކިޔާނެ އެވެ. ފިލާވަޅު ކިޔުން އެއީ ކުދިން އެހާ ކުރާހިތްވާ ކަމެއްނޫނެވެ. ލިޔުންތައް ކިޔައި މާނަ ދެނެގަންނަން ލަފްޒެއް ނުވަތަ ޖުމްލަ ކިޔުމަށް މަޑުކޮށް ނުވަތަ ޑިކްޝަނަރީއެއް ބޭނުންކޮށްގެން މާނަ ހޯދަން އުޅެންޏާ ސަމާލުކަންގެއްލި ވިސްނުން އެހެން ދިމާލަކަށް ހިނގައިދާނެ އެވެ. އެކްޓެންސިވްކޮށް ކިޔުމަށް ރަނގަޅަށް ޑީކޯޑުކުރަން އެނގެންޖެހެ އެވެ. އަދި ވަރަށް ރަނގަޅަށް ކިޔުންތައް ދޭހަވާން ވެސް ޖެހޭނެކަމަށް ސުޒަން ބާރބާރ (2016) ހާމަކުރައްވަ އެވެ.

އޮބްޒަވޭޝަން:

މި އެސައިންމެންޓް ހެދުމަށް ކިޔުމުގެ ދޭހައިގެ ތިންގަޑި އަޅުގަނޑު ވަނީ އޮބްޒާވްކޮށްފަ އެވެ. އެގޮތުން އަޅުގަނޑު އެންމެ ފުރަތަމަ އޮބްޒާވްކުރީ ދިވެހިބަސް ކިޔަވައިދިނުމުގެ މަސައްކަތުގައި މެދުކެނޑުމެއްނެތި ފަންސަވީސް އަހަރު ދުވަހު މަސައްކަތް ކޮށްފައިވާ، އަދި މިހާރު ވެސް ޕްރައިމަރީ ސްކޫލެއްގެ ދިވެހި ކޯޑިނޭޓަރެއްގެ މަޤާމުގައި ހުންނަވައިގެން ކީ ސްޓޭޖެ ތިނެއްގެ ކުލާހެއްގެ ދިވެހި މުދައްރިސުކަން ކުރައްވަމުން ގެންދަވާ ޓީޗަރެއްގެ ގަޑިއެކެވެ.
ޓީޗަރު ކުލާހަށްވަދެ އާދައިގެ މަތިން ސަލާމްގޮވާލުމަށްފަހު ކުދިންގެ ޙާލުއޮޅުފިލުވި އެވެ. އެއަށްފަހު މުޅި ކުލާހަށް ފެންނަވަރަށް ބޮޑުކޮށް ލިޔެފައިވާ ޖުމްލައެއް (ނީޔަކި ބުތީރުތަ ޔެއްގޮނުލޮ) ދައްކާލުމަށްފަހު ވަރަށް ރަނގަޅަށް އެޖުމްލަ ބަލާލުމަށް އިރުޝާދުދެއްވި އެވެ. އޭގެފަހުން ތިންކުއްޖަކު ލައްވައި އެޖުމްލަ ކިޔުއްވި އެވެ. އެއަށްފަހު އެޖުމްލަ އިނގިރޭސި (ލޮނުގޮއްޔެ ތަރުތީބު ކިޔަނީ) ކިޔާ ކޮޅުން ކިޔުމަށް އިރުޝާދުދިނުމަށްފަހު އެހެން ތިންކުއްޖަކު ލައްވައި ކިޔުއްވި އެވެ. ދެން ކުލާހުގައި ކުރިޔަށް ގެންދެވުނީ އެކިޔާލެވުނު ޖުމްލައިގެ މާނައާއި ބެހޭގޮތުން ކުދިންގެ ޚިޔާލު ހޯދުމަށް ކުރެވުނު މަޝްވަރާތަކެކެވެ. ކުދިންގެ ފަރާތުން ތަފާތު ޖަވާބުތަކެއް ދިޔައީ ލިބެމުންނެވެ. ޓީޗަރު އެއްވެސްކުއްޖެއްގެ ޖަވާބު ރަނގަޅެއްނޫނޭ ނުބުނެ އެވެ. ކުދިންގެ ޖަވާބުތައް އަޑުއެހުމަށްފަހު ޓީޗަރު ފޮތްހުޅުވައިގެން ކޮށިކޮށިކޮށް އަޅައިގަންނަމުން ޕެރެގުރާފެއްވަރު ކިޔާލި އެވެ. އެއަށްފަހު އެބަހުގެ މާނަ ކުލާހާއި ޙިއްސާކުރެއްވި އެވެ. އޭގެފަހުން ކޮންމެ ކުއްޖަކަށް ލިޔެފައިވާ ލިޔުމެއްގެ ކޮޕީއެއް ދެއްވި އެވެ. މި ލިޔުމުގައި ވަނީ ދިގު ދިގު ބަންޖެކެވެ. ބަނދި ކިޔާރާގު އެނގެނީ ކޮންކުއްޖަކަށްތޯ ސުވާލުކުރުމުން އެއްވެސް ކުއްޖަކަށް އެނގޭކަމަކަށް ނުވިއެވެ. އެހިސާބުން ޓީޗަރުގެ ފަހަތުން ކިޔުމަށް އިރުޝާދު ދިނުމަށްފަހު  ވަރަށް ބާރަށް ބަނދި ކިޔަން ފެށި އެވެ. މިބަންޖަކީ އެޅެދިދީގެ ޢަލި ދީދީ އާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ބައޮގުރަފީއެކެވެ. ބަނދިކިޔައި ނިމުމުން ލިޔުމެއްގެ ޕްރިންޓް ކޮޕީއެއް ކޮންމެ ދަރިވަރަކަށް ދިނެވެ. އެއަށްފަހު ތިން ގުރޫޕަކަށް ކުދިން ބަހާލުމަށްފަހު މިދެ ލިޔުން މަތިންމަތިން ކިޔާލުމަށްފަހު ދެ ލިޔުމުން ލިބެންހުރި އެއްގޮތް މަޢުލޫމާތާއި ތަފާތު މަޢުލޫމާތު ކުޑަފޮތުގައި ދެކޮލަމް ހެދުމަށްފަހު ލިޔަން ބުންޏެވެ. އަދި މިމަސައްކަތަށް ދިނީ ފަސް މިނިޓެވެ. ދެވަނައަށް ދިން ލިޔުމަކީ އެޅެދީދީގެ ޢަލި ދީދީ އާއި ބެހޭގޮތުން ލިޔެފައިވާ ބައޮގްރަފީއެކެވެ. މިއިން ކޮންމެ ލިޔުމެއްގެ ދިގުމިނުގައި އޭފޯ ޞަފްޙާގެ ދެ ގަނޑު ހުއްޓެވެ. އެއްވެސް ފޫހިކަމެއްނެތި ކުދިން ދިޔައީ އެކުދިންނާއި ހަވާލުކުރެވުނު މަސައްކަތް ކުރަމުންނެވެ. އަތްނުލައި އަތްދޮކިޔާ އުޞޫލުން މިލިޔުންތައް ކިޔާށޭ ކުދިން ގާތު ނުބުނެ ދެ ލިޔުން ވެސް ޓީޗަރުވަނީ ކުދިން ލައްވައި ކިޔުއްވާފަ އެވެ. ކުދިންނަށް ދެވުނު ވަގުތު ހަމަވުމުން ކުދިންގެ މަސައްކަތް ކުލާހަށް ހުށަހަޅަން ފުރުޞަތުދެއްވި އެވެ. ކުދިންގެ ހުށަހެޅުންތައް ނިމުމުން މިއީ ކޮންކަހަލަ ލިޔުމެއްތޯ ސުވާލުކުރެއްވި އެވެ. އެންމެ ކުއްޖަކު ފިޔަވާ ބާކީ ހުރިހާ ކުދިން ބުނެފައިވަނީ އެއީ ބައޮގުރަފީއެއް ކަމަށެވެ. ޚިޔާލު ތަފާތުވި ކުއްޖާގެ ޖަވާބަކަށްވީ މަޢްލޫމާތު ރިޕޯޓެކެވެ. އެހިސާބުން ވެސް ޓީޗަރު އެކުއްޖާ މާޔޫސް ކުރުމުގެ ބަދަލުގައި ކުއްޖާގެ ގާތަށް ގޮސް އެގޮތަށް ނިންމެވި ސަބަބު އޮޅުންފިލުވައި އެކުއްޖާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް މަޑުމައިތިރިކަމާއެކު ލޯބިން ޖަވާބު ދެއްވި އެވެ. އެއަށްފަހު ޓީޗަރު ދެކުދިން ދެކުދިންގެ ގުރޫޕުތަކަށް ކުދިން ބަހާލުމަށްފަހު ބޯޑުގައި ސުވާލުތަކެއް ލިޔުމަށްފަހު ލޔުމުން އެސުވާލުތަކުގެ ޖަވާބުހޯދުމަށްފަހު ފޮތުގައި ޖަވާބުތައް ލިޔުމަށް އިރުޝާދުދެއްވި އެވެ. މިމަސަތްކަތަށް ދެވުނީ ދިހަ މިނިޓެވެ. ކުދިންނާއި މަސައްކަތް ހަވާލުކުރުމަށްފަހު ޓީޗަރު ގުރޫޕެއްގެ ކައިރިއަށްދިޔަ އެވެ. އަދި ވަކިން ލިޔެފައި ހުރި ބަސްތަކެއް ދިނުމަށްފަހު އެބަސްތައް ހޯދުމަށް އެކުދިންގެ ގާތު ބުނުމަށްފަހު އެހީތެރިވަމުން ދިޔައެވެ. އެތަނުން ބަހެއް އެދެކުދިންނަށް ފެނުމުން އެބަސް އޮތީ ކޮންސުވާލެއްގައިތޯ ބެލުމަށް އެކުދިންނަށް އިރުޝާދުދެމުން ދިޔައެވެ.  އެގޮތަށް އެހީވަމުން ގޮސް ކުދިންނަށް ދެވުނު ވަގުތު ނިމުނުއިރު ހުރިހާ ސުވާލެއްގެ ހެން ޖަވާބު ކުދިންނަށް ވަނީ ހޯދިފަ އެވެ. ގަޑި ނިމުމަށްފަހު ފީޑްބެކް ދިނުމަށް ޓީޗަރާއި އަޅުގަނޑައި ދެމީހުން ބައްދަލުވި ވަގުތު، ޓީޗަރު ވަކި ގުރޫޕެއްގެ ކައިރިއަށްގޮސް އެގޮތަށް އެހީވުމުން އެކަމާ ސުވާލުކޮށް އޮޅުން ފިލުވީމެވެ. އެކުދިންނަކީ ކިޔުމަށް ކޮށިކުދިންކަމުން އެކުދިންނަށް އެގޮތަށް އެހީ ނުވަންޏާ މަސައްކަތް ނުނިމިއްޖެނަމަ އެކުދިންގެ ނަފްސަށްކުރާ އިތުބާރު ފެނަށްވެގެން ހިނގައިދާނެކަމަށް ޓީޗަރު ވިދާޅުވި އެވެ. މިގަޑީގައި ޓީޗަރު ކުދިން ތައްޔާރުކުރަން ފަށާފައިވަނީ ބައޮގުރަފީއެއް ލިޔުމަށެވެ.
ދެވަނަ ގަޑިއެއްގޮތުން އަޅުގަނޑު އޮބްޒާވްކޮށްފައިވަނީ ކީސްޓޭޖް ދޭއްގެ ގަޑިއެކެވެ. ޓީޗަރު ގަޑިފެށުމުގެ ގޮތުން ކުދިންނަށް ޕީޕީޓީއެއް ދެއްކި އެވެ. މި ތައްޔާރުކުރެވިފައިވަނީ ރަށެއްގެ މަލަމަތި ސިފަކޮށްދޭ ފޮޓޯތަކެއް ހިމަނައިގެންނެވެ. ފޮޓޯތައް ދައްކަމުން ފެންނަ މަންޒަރުތަކާމެދު ސުވާލުކޮށް ކުދިންނަށް އެކަހަލަ މަންޒަރެއް ފެނިފައިވޭތޯ ސުވާލުކުރި އެވެ. އެއަށްފަހު ސްލައިޑުން ދައްކާލީ ތިން ޕެރެގުރާފެވެ. މިތިން ޕެރެގުރާފަކީ ތިންކުއްޖަކު ލިޔެފައިވާ ތިން ޕެރެގުރާފެވެ. އަދި އެކިޔާދޭނެ ކިޔާހިތްވާ ކުއްޖަކު ހުރިތޯ ސުވާލުކުރުމަށްފަހު އެކިކުދިންނަށް ފުރުޞަތުދެމުންދިޔަ އެވެ. އަދި އެތަނުން އެކުއްޖަކަށް އެންމެ ގަޔާވާ ޕެރެގުރާފެއް އިޚްތިޔާރުކުރުމަށް އިރުޝާދުދެއްވި އެވެ. އެކުއްޖަކަށް އެންމެ ގަޔާވާ ޕެރެގުރާފު ނެގުމުން އެ ގަޔާވީ ކީއްވެގެންތޯ ސުވާލުކޮށް އޮޅުންފިލުވާ ހެދިއެވެ. އަދި ބާކީ ދެ ޕެރެގުރާފު ގަޔާ ނުވީ ކީއްވެގެންކަން ވެސް ބުނެދޭނެ ޖެހެއެވެ. މިހަރަކާތް ނިމުނުއިރު ކޮންމެ ކުއްޖަކަށްވެސް ވަނީ ހުރިހާ ޕެރެގުރާފެއް ކިޔާލެވިފަ އެވެ. އެއަށްފަހު ދެން ޓީޗަރު މިސްރާބު އެހެން ގޮތަކަށް ބަދަލުކޮށްލި އެވެ. ކޮންމެ ޕެރެގުރާފެއްގެ ފުރަތަމަ ޖުމްލަ ނެގުމަށްފަހު އެޖުމްލަ މިކުދިން ލިޔުނު ނަމަ ލިޔާނީ ކިހިނެއްތޯ އަހަމުން ޓީޗަރު ދިޔައީ ޓައިޕު ކުރަމުންނެވެ. މިގޮތަށް މިހަރަކާތް ދިހަވަރަކަށް މިނިޓަށް ގެންދިއުމަށްފަހު ހަތަރު ގުރޫޕް ހިމެނޭގޮތަށް ކުދިން ބަހާލި އެވެ. އަދި ކޮންމެ ގުރޫޕަކަށް ލިޔުމެއްގެ ކޮޕީއެއް ދިނެވެ. އަދި ވަރަށް ރަނގަޅަށް ލިޔުން ކިޔާލުމަށްފަހު އެލިޔުމުގައި ހުރި ސިފަކުރާ ބަސްތަކުގެ ދަށުގައި ރޮނގުދެމުމަށް އިރުޝާދުދެއްވި އެވެ. މި މަސަތްކަތަށް ދެއްވީ 10 މިނިޓެވެ. އެއަށްފަހު ކުދިންގެ މަސައްކަތް ބަލަމުން އެނެކްޑޯޓަލްސް ލިޔަމުން ޓީޗަރުދިޔަ އެވެ. ގުރޫޕުތަކުގެ ބައެއް ކުދިން އަމިއްލަ ވާހަކައިގައި މަޝްޣޫލުވި އެވެ. ބައެއް ކުދިން ގަލަމާއި ފަންސުރާ ކުޅެމުން ދިޔައެވެ. ޓީޗަރު ދިޔައީ މިކަންތައް ވެސް ނޯޓުކުރަމުންނެވެ. ވަގުތު ނިމުމުން ކުލާހަށް ހުށަހަޅަން ފުރުޞަތުދިނުމުން ޓީޗަރު އުންމީދާއި އެއްވަރަކަށް ކުދިންނަށް ހުށަނޭޅުނެވެ.  އެހިސާބުން އެހެން ލިޔުމެއްގެ ކޮޕީއާއި ސުވާލުކަރުދާހެއް ކޮންމެ ކުއްޖަކަށް ހަވާލުކުރެވުނެވެ. އަދި ލިޔުން ރަނގަޅަށް ކިޔުމަށްފަހު ސުވާލުތަކަށް ޖަވާބުދިނުމަށް އިރުޝާދުދިނެވެ. ފަރިތަކަމާއެކު ކިޔަންއެނގޭ ކުދިން ދިޔައީ ލިޔުންކިޔަމުން ޖަވާބުލިޔަމުންނެވެ. ސްކޭންކުރުމާއި ސްކިމްކުރުމުގެ ހުނަރުލިބިފައިވާ ކުދިން ދިޔައީ އެހުނަރު ބޭނުންކޮށްގެން ކިޔަމުން ސުވާލުތަކަށް ޖަވާބުދެމުންނެވެ. އެހެންނަމަވެސް އެންމެ އެހީތެރިކަން ބޭނުންކުދިން، އާދެ ކިޔުމަށްކޮށިކުދިން ދިޔައީ ވަރަށް ފޫހިކަމާއެކު މަސައްކަތްކުރަމުންނެވެ. އެލިޔުމުގައި ލިޔެފައިވާ އެއްޗެއް ކިޔަން އުނދަގޫ ކުދިންނަށް ދޭހަވެސް ނުވާނެއެވެ. މިކުލާހަކީ ނިސްބަތުން ކިޔަން ފަރިތަކުދިން ގިނަ ކުލާހެކެވެ. އެހެންނަމަވެސް ކިޔަންކޮށި 7 ކުދިން ތިބެއެވެ. މިކުދިންނަށް މިދެވުނު މަސަތްކަތުގެ ފަސްބައިކުޅަ އެއްބައި ވެސް ނެހެދެއެވެ. އަދި ޓީޗަރުގެ ފަރާތުން އެންމެ ރަނގަޅު ގޮތުގައި އެހީ ދެމުންދިޔަ މަންޒަރެއް ވެސް ނުފެނެއެވެ.
ތިންވަނަ ގަޑިއެއްގެ ގޮތުން އަޅުގަނޑު އޮބްޒާވްކުރީ ވެސް ކީސްޓޭޖް ދޭއްގެ ކުލާހެކެވެ. އެހެންނަމަވެސް ގުރޭޑުގެ ގޮތުން އެހެން ކުލާހެކެވެ. ޓީޗަރު ކުލާހަށް ވަދެ އާދައިގެމަތިން ކުރަންޖެހޭ ހުރިހާ ކަމެއްކުރުމަށްފަހު އޯޑިއޯ ކްލިޕެއް ކުދިންނަށް އަޑުއިއްވި އެވެ. ފުރަތމަ އަޑުއިއްވުމަށް ކުދިން ތައްޔާރުކުރަމުން އިރުޝާދުދެއްވާފައިވަނީ ކަނުލާ އަޑުއެހުމަށެވެ. އެއަށްފަހު ދެވަނަ އަޑުއެހުމަށް ކުދިންތައްޔާރުކުރި އެވެ. އެ ތައްޔާރުކުރުމުގެ ކުރިން ލިޔުމުގައި ހިމެނޭ ޝަޚްސިއްޔަތުތަކާއި ބެހޭގޮތުން ޓީޗަރު ވާހަކަދެއްކި އެވެ. އެއަށްފަހު ޝަޚްސިއްޔަތުތަކާއި މެދު ވިސްނައިގެން އަޑުއެހުމަށް އިރުޝާދުދެއްވި އެވެ. ތިންވަނަ އަޑުއެހުމަށް ކުދިން ތައްޔާރުކުރުމުގެ ގޮތުން އޭގައި ހިނގާކަންތަކާމެދު ވާހަކަދައްކާ މަޝްވަރާކުރެވުނެވެ. އަދި އެއަށްފަހު ތިންވަނަ ފަހަރަށް އަޑުއިއްވި އެވެ. މިހަރާކާތަށް ބާރަވަރަކަށް މިނިޓު ހޭދަވި އެވެ. އެއަށްފަހު އަޑުއިއްވި ލިޔުމުގެ ޕުރިންޓުކޮޕީއެއް ކޮންމެ ކުއްޖަކަށް ދިނެވެ. ތިންކުދިންގެ ގުރޫޕުތަކަށް ކުދިން ބަހާލި އެވެ. އެއަށްފަހު ކޮންމެ ގުރޫޕަކަށް ތިން ސުވާލު ދިނެވެ. އަދި ސުވާލުން ވަކި ލަފްޒެއްނަގައި އެލަފްޒު ހޯދަން ކުދިންނަށް އިރުޝާދު ދިނެވެ. މިގޮތަށް ހޯދަމުންގޮސް ކޮންމެ ކުއްޖަކުވެސް އެކުއްޖަކު ހޯދަންޖެހޭ ބަސްހޯދުމުން ސުވާލު އެހެންކުއްޖަކާ ބަދަލުކުރެ އެވެ. އެގޮތަށް ބަދަލުކުރަމުން ގޮސް ނިމުމުން ކިޔުމުގެ ހުނަރުތަކުގެ ތެރެއިން ސްކޭންކުރުމުގެ ހުނަރަކީ ކޮބާކަން ބުނެދީ އެހުނަރު ބޭނުންކޮށްގެން ކިޔާނެގޮތާއި ބެހޭގޮތުން ތައްޔާރުކުރެވިފައިވާ ޕީޕީޓީއެއް ދެއްކި އެވެ. އަދި ބަލަމުންދާއިރު މުހިންމު މަޢްލޫމާތު ނޯޓުކުރުމަށް އިރުޝާދު ދިނުމަށްފަހު ޕީޕީޓީ ދައްކައި ނިންމުމަށްފަހު މައެއްގެ ޝުޢޫރު މިނަމުގައި އޮތް ލިޔުމެއްގެ ޕުރިންޓު ކޮޕީއަކާއި ފަސް ސުވާލުގެ މައްޗަށް ބިނާވެފައިވާ ސުވާލުކަރުދާހެއް ދިނެވެ. އަދި އެސުވާލުތަކަށް ޖަވާބުދިނުމުގައި ކިޔުންތެރިކަމުގެ ހުނަރުގެ ތެރެއިން އެދުވަހު ދަސްކުރި ހުނަރުގެ ބޭނުންހިފުމަށް ހަނދާންކޮށްދިނެވެ. ސަތާރަކުދިން ތިބޭ މިކުލާހުގެ ދެ ކުއްޖަކު ފިޔަވައި ބާކީ ހުރިހާ ކުދިން ސުވާލުގެ ޖަވާބު ހޯދުމަށްފަހު ޖަވާބު ފަސްވަރަކަށް މިނިޓް ތެރޭގައި ލިޔެނިންމިއެވެ. އެދެކުދިންނަށް ނުނިންމުނު ސަބަބަކީ އެއީ ލިޔުމަށް ވަރަށް ކޮށި ދެކުދިންކަމުގައި ވާތީއެވެ.

ބަހުސް:

ކޮންމެ ކުލާހެއްގައި ވެސް އުޅޭނީ ކިޔުމަށާއި ލިޔުމަށް ވެސް އަދި އެހެނިހެން ގޮތްގޮތުން ވެސް ތަފާތު ފެންވަރުގެ ކުދިންކަން ދަންނަންޖެހެ އެވެ. ކުދިން ޝައުޤުވެރިވާ ފަދަ ތަފާތު ގޮތްގޮތަށް ފިލާވަޅު ގެންދިއުމަކީ ހުނަރުވެރި ޤާބިލު ޓީޗަރުން ގެންގުޅޭ ގޮތެކެވެ. ފުރަތަމަ އޮބްޒާވްކުރެވުނު ގަޑިން ފާހަގަވި އެންމެ ރަނގަޅު އެއްކަމަކީ މުޅި ލިޔުން އެކީ އެކައްޗަކަށް ކިޔާލަން ބުނުމުގެ ބަދަލުގައި ހަވާލުކުރެވުނު މަސައްކަތުން އެކުދިންނަށް މުޅިލިޔުން ރަނގަޅަށް ކިޔާލެވުނު ކަމެވެ. އަދި ކުދިން ލިޔުމެއް ކިޔަން ފެށުމުގެ ކުރިން ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑި އެނގިފައި އޮތުމަކީ ކިޔުމަށް ހިތްވަރު ލިބި ފޯރީގައި ކިޔުންތައް ކިޔުމަށް މެދުވެރިވާ ސަބަބެއްކަމަށް އެންޑަރސަން އަދި ޕިއަރސަން (1984) ހާމަކުރައްވަ އެވެ. އެކުދިންގެ މަޤްޞަދަކީ ދެ ލިޔުމެއްގެ ހުރި އެއްގޮތްކަމާއި ތަފާތު ދެނެގަތުމެވެ. އެގޮތުން ވަރަށް ރަނގަޅަށް އެކުދިންގެ ލަނޑުދަނޑި އެކުދިންނަށް ވަނީ ޙާޞިލުކުރެވިފަ އެވެ.
ކިޔުމަށް ކޮށި ކުދިން ބާކީ ނުކޮށް އެކުދިންނަކީ ދަށް ފެންވަރެއްގެ ކުދިންކަން އިޙްސާސްނުކުރެވޭ ފަދަ މޭރުމަކުން ކިޔުމުގެ ހަރަކާތް ގެންގޮސްފައިވެ އެވެ. އެގޮތަށް ޓީޗަރުގެ އެހީތެރިކަމާއެކު ވެސް މަސައްކަތް ނިންމާލެވުމުން ކުދިންގެ ނަފްސަށްކުރާ އިތުބާރު ބޮޑުވެ އަމިއްލައަށް މަސައްކަތް ކުރުމުގެ ރޫޙު ކުދިންގެ ކިބައިގައި ހަރުލަން ފަށާނެ އެވެ. ކިޔުމަށް ބޭނުންކޮށްފައިވާ ހުރިހާ ލިޔުމަކީ ޕުރިންޓުކޮށްފައިވާ ކޮޕީތަކެވެ. އަދި ކިޔުމަށް ކޮށިކުދިންނަށް އެހީތެރިވުމުގެ ގޮތުން ބަސްތަކެއްދީ އެބަސްތައް ހޯދައިގެން ސުވާލުތަކަށް ޖަވާބުދޭން މަގުފަހިކޮށްދިނުމަކީ ކިޔުމުގެ އުކުޅުތަކުގެ ތެރެއިން ސްކޭންކޮށްގެން ކިޔުމުގެ އާދަ ކުދިންގެ ކޮބައިގައި ހަރުލާނެކަމެއްކަމަށް ކާލް އެމްސީ ޑޮނާލްޑް (2012) ހާމަކުރައްވަ އެވެ. ޓިޗަރުގެ ހުށިޔާރުކަމުން ކިޔުމަށް މޮޅުކުދިން ލައްވައި މުޅިލިޔުން ތަފްޞީލުކޮށްވެސް (އިންޓެންސިވްކޮށް) ވަނީ ކިޔުއްވާފަ އެވެ. އެގޮތަށް ކިޔުއްވުމަށް ކުދިން ތައްޔާރުކޮށްފައިވަނީ ކިޔުމަށް ކުދިން ފޫހިނުވާނޭ ފަދަ ގޮތަކަށެވެ. އިންޓެންސިވްކޮށް ކިޔުއްވުމުން ކުދިންގެ ބަހުގެ ފެންވަރު މަތިވެ ބަސްކޮށާރު މުއްސަނދިވާނެ ކަމަށް ވެސް ކާލް އެމްސީ ޑޮނާލްޑް ހާމަކުރައްވަ އެވެ. މިގޮތަށް ކިޔުމެއް ކިޔުއްވައި ދޭހަ ކުރުވުމުން އެލިޔުމުން ދޭހަވީ މަޢުލޫމާތު ބޭނުންކޮށްގެން ފަސޭހަކަމާއެކު އެ މައުޟޫޢަށް އެކުދިންނަށް ލިޔެވޭނެ ކަމަށާއި އެ މަޢުލޫމާތު އެކުދިންގެ ސިނކުޑީގައި ގިނަދުވަހަށް ހަރުލާފައި ހުންނާނެ ކަމަށް ސުޒަން ބާރބާރ (2016) ހާމަކުރައްވަ އެވެ. ކިޔުމަށް ދެރަ ކުދިންނަކީ ކިޔުމުގެ ހުނަރުތައް ގެންގުޅޭ ކުދިންނެއް ނޫނެވެ. މި މުދައްރިސު އެގޮތަށް ކިޔުމުގެ ހުނަރުގެ ތެރެއިން ހުނަރުތަކެއް ބޭނުންކޮށްގެން ކިޔުމަށް މަގުފަހިކޮށްދިން ފަހިކޮށްދިނުން ވެގެންދިޔައީ ކިޔުންމަތިން ފޫހިނުވެ ކިޔުންކުރިއަށް ގެންދިއުމަށް ލިބުނު ހިތްވަރަކަށެވެ. އެގޮތަށް ކިޔުއްވުމުން ކިޔުންމަށް ޝައުޤުވެރިކަން އުފެދޭނެކަމަށް ޖެމޭނެޒް (1996) ހާމަކުރައްވަފައިވެ އެވެ. އެހެންކަމުން އޮބްޒާވުކުރެވުނު ފުރަތަމަ ގަޑިއަކީ ވަރަށް ރަނގަޅަށް ކުދިން ދަސްކުރުމަށްފަހު ކުދިންނާއި ގުޅޭގޮތަށް ގެންދެވުނު ކުލާހެއްކަމަށް ޤަބޫލުކުރެވެ އެވެ. 
ދެވަނައަށް އޮބްޒާވުކުރެވުނު ކުލާހުން ވެސް ވަރަށް ރަނގަޅު ކަންތައްތަކަކާއި ރަނގަޅުކުރަންޖެހޭ ކަންތައްތަކެއް ވަނީ ފެނިފަ އެވެ. ލިޔުމެއް ކިޔުމުގެ ކުރިން ލިޔުން ކިޔަން ކުދިން ތައްޔާރުކޮށް ޝައުޤުވެރިކުރުވަން ޖެހެއެވެ. އެގޮތުން ކިޔުމުގެ ކުރިން ލިޔުމާއި ގުޅޭ ފޮޓޯ ދެއްކުމަށްފަހު ކުދިންގެ ޙަޔާތާއި ދުނިޔޭގެ ކަންހިނގާގޮތާއި ގުޅުވާލުމުން ކުދިންނަށް އެ ދޭހަކޮށްގަންނަން ފަސޭހާވާނެކަމަށް ބެކް އެންޑް ބްލޭކް (2009) ހާމަކުރައްވަ އެވެ. އެއީ ވަރަށް ރަނގަޅަށް ޓީޗަރަށް ކުރެވުނު ކަމެއް ކަމަށް ފެނެއެވެ. އަދި ތަފާތު ގޮތްގޮތަށް ޖުމްލަ ލިޔުމަށްފަހު އެކިޔުއްވައި ލިޔުއްވައި ހެދުމުން ވެސް ޝައުޤުވެރިކަން އުފެދި ކިޔާހިތްވާނެ ކަމަށް މެއިސިންގަރ (2010) ހާމަކުރައްވަ އެވެ. އެހަރަކާތް ގެންދެވުނު އިރު ހުރިހާ ކުދިންވެސް ތިބީ އެކަމަށް ސަމާލުކަންދީގެން ޝައުޤުވެރިކަމާއެކުގަ އެވެ. ގުރޫޕު މަސައްކަތެއްގެ ގޮތުން ކިޔުމެއް ދޭއިރު ކޮންމެ ދަރިވަރަކަށް ވެސް ވަކިން ކިޔުމުގެ ކޮޕީއެއް ދެވި ހުރިހާ ކުދިން ޝާމިލްވާ ގޮތަށް މަސައްކަތް ދޭންޖެހެއެވެ. އެގޮތަށް ނުދެވިއްޖެނަމަ ކިޔުމަށް ކޮށިކުދިން ތިބޭނީ ބާކީވެ ކޮންމެވެސް އެހެން ކަމެއްގައި ކަމަށް ރިޗާޑް ސީ. އެންޑަސަން (1984) ހާމަކުރައްވަ އެވެ. ހަމަ އެގޮތަށް މިކުދިންގެ ތެރެއިން ވެސް ކިޔުމަށް ދަށް ކުދިންނަށް ވެފައިވަނީ އެގޮތަށެވެ. މިގޮތަށް ކަންތައް މެދުވެރިވަންޏާ ކުދިންގެ ކިޔުމަށް އަސަރުކުރާ މޭރުމުން ކުލާސް ކޮންޓްރޯލްކުރަން ވެސް ދަތިވާނެ އެވެ.
ޑަރކިން (1979) ހާމަކުރައްވާ ގޮތުގައި ކިޔުމުގެ ދޭހަ ވަރަށް ގިނައިން ދެވެއެވެ. އެހެންނަމަވެސް ދޭހަކުރުމަށް ދަސްކޮށްދެވެނީ ވަރަށް މަދުންނެވެ. އަޅުގަނޑު އޮބްޒާވްކުރި ތިން ކުލާހުގެ ތެރެއިން ދެ ކުލާހުން ދޭހަކުރުމަށް ކޮންމެވެސްވަރަކަށް މަސައްކަތްތަކެއް ކޮށްފައި ވެއެވެ.  އެހެންނަމަވެސް އެކަށީގެންވާ ވަރަކަށް އެކަން ކުރެވިފައި ނުވެއެވެ. ތިންވަނީ ގަޑީގައި ކިޔުމުގެ ހުނަރުތައް ދަސްކޮށްދީގެން އެހުނަރާއި އެއްގޮތަށް ކިޔުން ކުރިއަށް ގެންދިޔަކަން ފާހަގަވެ އެވެ. ކާލް އެމްސީ ޑޮނާލްޑް (2010) ހާމަކުރައްވާ ގޮތުގައި މި ހުނަރަކީ ވަރަށް ގިނަކުދިން ކިޔުމަށް ޝައުޤުވެރިކުރުވާ ހުނަރެކެވެ. ބޭނުންވާ މަޢްލޫމާތު މުޅި ލިޔުން ކިޔާނުލައި ލިބޭނަމަ ކިޔުމަށް ފޫހިކުދިން ވެސް އެމަސައްކަތް ކުރާހިތްވާނެ އެވެ. އަދި އެއީ މާބުރަ ބޮޑުކަމެއްގެ އިޙްސާސް އެކުދިންނަށް ނުކުރެވި ކިޔުމަށް ޝައުޤުވެރިވާނެ ކަމަށް ވެސް ޑޮނާލްޑް ހާމަކުރައްވަ އެވެ.  ކުދިން ކިޔަން އުޅޭ ލިޔުމެއްގައި ހިމެނޭ ޝަޙްސިއްޔަތާއި ބެހޭ ގޮތުން ވާހަކަ ދައްކާ ހެދުމުން ކުދިން ތިބީ އެލިޔުމާއި ރައްޓެހި ކުދން ތަކަކަށް ވެފައެވެ. އަދި އަޑު އިއްވި އޯޑިއޯގައި އަޑު ޑީކޯޑުކޮށްގެން ކިޔުނުގޮތްވެސް ކުދިންނަށް ވާނީ ރައްޓެހި އެއްޗަކަށް ވެފައެވެ. ކުދިންނާއި ލިޔުމާއި ދެމެދު ގުޅުމެއް އުފެއްދުމަށްފަހު ލިޔުން ކިޔަން ދިނުމަކީ ކުދިން އެލިޔުމެއް ކިޔަން ޝައުޤުވެރިވާނެ ކަމެއް ކަމަށް އެންޑަރސަން (1994) ހާމަކުރައްވަ އެވެ. އޮބްޒާވް ކުރެވުނު ތިންގަޑީގެ ތެރެއިން ދެ ގަޑީގައި ކުދިންނާއި ހަވާލުކުރެވުނު ލިޔުމުގައި އެއްވެސް ފޮޓޯއެއް ނެތެވެ. ފޮޓޯއާއި ޗާޓު މެޕް ފަދަ ތަކެއްޗަކީ ލިޔުން ދޭހަކުރުމަށް ނުހަނު ބޮޑުދައުރެއް އަދާކުރާ ކަމެއް ކަމަށް ކާލް އެމްސީ ޑޮނާލްޑް (2010) ހާމަކުރައްވަ އެވެ. 

ނިންމުން:   

މި ރިޕޯޓަކީ ކިޔުން އުނގަންނައި ދިނުމުގެ ގަޑިތަކެއް އޮބްޒާވްކުރުމަށްފަހު ޓީޗަރުން ގެންގުޅޭ ރަނގަޅު ކަންތަކާއި ރަނގަޅު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކަންތަކުގެ މައްޗަށް ޢިލްމީ ދިރާސާތަކުގެ އަލިގައި ބަހުސްކުރުމަށް ލިޔުނު ރިޕޯޓެކެވެ. މި އޮބްޒަވޭޝަންތަކުން އެނުގުނު ގޮތުގައި ކިޔުމަށް ކުދިންފަރިތަކުރުމަށާއި ކިޔުމަށް ޝައުޤުވެރިކުރުމުގެ ގޮތުން ޓީޗަރުންދަނީ ރަނގޅު ގޮތެއްގައި މަސައްކަތްތަކެއް ކުރަމުންނެވެ. މިހާރުގެ ޤައުމީ މަންހަޖުގައިވާ ގޮތަށް ކިޔުމުގެ ކުރީގެ ހުނަރާއި ކިޔުމުގެ ތެރޭގެ ހުނަރުގެ އިތުރުން ކިޔުމުގެ ފަހުގެ ހުނަރުތައް ހިމެނޭ ގޮތަށް ގިނަ ޓީޗަރުންދަނީ މަސައްކަތްކުރަމުންނެވެ. އެއްވެސް ކުއްޖަކު ބާކީ ނުކޮށް ކިޔުމުގެ ގަޑިތައް ގެންދަން ވެސް ބައެއް ޓީޗަރުންވަނީ ފަށާފަ އެވެ.  ކިޔުމާއި ގުޅުންހުރި އެންމެހާ ކަންތައް ދިރާސާކުރައްވާ މީހުންގެ ނަޒަރުގައި ކިޔުމުގައި ގެންގުޅެންޖެހޭ ހުނަރުތަކާއި ކިޔުން ދޭހަކުރުމަށް ދަސްކޮށްދޭންޖެހެ އެވެ. އޮބްޒަވޭޝަންތަކުގެ އެހީގައި ބުނެވޭނީ ދޭހައިގެ ފިލާވަޅެއް ދިނުމުގެ ކުރިން ދޭހައަކީ ކޮބާކަމާއި ދޭހަކުރާނީ ކިހިނެއްކަން ކުދިންނަށް ރަނގަޅު ފެންވަރެއްގައި ދަސްކޮށްނުދެވެ އެވެ. އަދި ކުދިންގެ ކިޔުމާއި ގުޅިގެން ތަފާތު ގޮތްގޮތަށް ދޭންޖެހޭ ފީޑްބެކް ވެސް ރަނގަޅު ފެންވަރެއްގައި ނުދެވެ އެވެ. ކިޔުމަށް ފޫހިވާ ކުދިންގެ ނިސްބަތް މަދުކުރުމުގެ ގޮތުން އެންމެ ތުއްތު އިރުންފެށުގެން ފޮތްކިޔާ މަންޒަރު ކުދިންނަށް ދައްކައި ކުދިންގެ ސިނކުޑި ބޭނުންކޮށްގެން ޖަވާބު ދޭން ފުރުޞަތު ހޯދާ ދޭން ޖެހެއެވެ. ކިޔުން ކޮށި ކުދިންނަށް ވެސް އެކުދިންގެ ބަލިފައި އިޙްސާސްކޮށް ނުދީ އެ ބަލިކަމުން އަރައިގަންނާނެ މަގު ކޮށައިދޭށެވެ. ކިޔުމަށް ފަރިތަ ކުދިން ވެސް ތިބި ހިސާބުގައި މަޑުޖެއްސުމުގެ ބަދަލުގައި އެކުދިންވެސް އިތުރަށް ކުރިއަށްދާންވާ ރާސްތާ ބުނެދީ އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ. ކިޔުމަށް އެންމެ ކަމުދާ ފޮތްތައް ބުނެދީ ކިޔުމުގެ ހަރަކާތްތައް ގެންދިއުމުގައި ކުދިންނާ ރައްޓެހި އެނގޭ މަޢްލޫމާތު ކޮންމެވެސް ވަރަކަށް ހިމެނޭ ލިޔުންތައް ހިމަނައިގެން ކިޔަވާދިނުން ބައްޓަންކުރަން ޖެހެއެވެ. ކޮންމެ ދުވަހަކުވެސް ކޮންމެވެސް އާގޮތެއް އިޚްތިޔާރުކޮށް ކުދިންގެ ޝައުޤުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރަންޖެހެ އެވެ. މިއީ ލިޓްރެޗަރ ރިވިއުގައި ވެސް ބަޔާންކޮށްފައިވާ ކަންތައްތަކެވެ. އެގޮތަށް މަސައްކަތް ކޮށްދެވިއްޖެނަމަ ކިޔުމަށް ކުދިންގެ ހިތުގައި ލޯބިޖެހި ލިޔުމެއް ކިޔުމަށްފަހު އެލިޔުމުގައި ބުނެފައިވާ އެއްޗެއް އެނގި ދޭހަވާ ކުދިންގެ ނިސްބަތް ދާނީ އިތުރުވަމުންނެވެ.  

ރެކޮމެންޑޭޝަން:

މި ރޕޯޓުގެ މަސައްކަތް ކުރަމުންދިޔަ އިރު އެންމެ ބޮޑަށް ފާހަގަ ވީ އެއްކަމަކީ ދޭހަކުރުމަށް ދަސްކޮށްދިނުމަށް ހިންގާ ގަޑިތައް މަދުކަމާއި ލިޔުންތައް އަތުރައިލެވިފައިވާ ގޮތެވެ. ދިގުދިގު ޕެރެގުރާފުތަކެއްގެ މައްޗަށް ލިޔުން ބައްޓަންކުރުމުގެ ބަދަލުގައި ކުރު ޕެރެގުރާފުތަކެއްގެ މައްޗަށް އެކުލެވިފައިވާ ލިޔުންތައް ކުދިންނަށް ދޭންޖެހެ އެވެ. ކުޑަކުދިން ކިޔުމަށް ލިޔުމެއް ދެވޭ އިރު އެލިޔުމަކީ އެކުދިންގެ މިޒާޖާއިގުޅޭ ފޮޓޯތަކާއި ލިޔުންތައް ހިމެނޭ ލިޔުންތަކަށް ވާންޖެހެ އެވެ.
ސްކޫލްތަކުން ކިޔުމުގެ ގަޑިތައް އޮބްޒާވްކޮށް ޓީޗަރުންނަށް ވެސް ދޭންޖެހޭ ފީޑްބެކް ދޭންޖެހެ އެވެ. އަދި ޤައުމީ މަންހަޖުގެ ބައެއްގެ ގޮތުގައި ދޭހަކުރުމަށް ދަސްކޮށްދިނުން ހިމަނައި ސްކޫލްތަކުން އެގޮތަށް ކަންތައް ކުރޭތޯ އެޑިއުކޭޝަނުން ބަލަންޖެހެއެވެ. މަތީސާނަވީ ތަޢުލީމު ނިންމާ ދަރިވަރުންގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދިވެހި މާއްދާއިން ކުދިން ދަށްވަނީ ދޭހައިގެ ސުވާލުތަކުން ދަށްވުމުގެ ސަބަބުންނެވެ. ކޮންމެ ވައްތަރެއްގެ ލިޔުމެއް ވިޔަސް އެކިޔާ ލޔުމެއްގައި ލިޔެފައިވާ އެއްޗެއް ދޭހަނުވަންޏާ އޭގެއިން ކުރާނެ މާބޮޑުފައިދާއެއް ނޯންނާނެ އެވެ. ދިވެހިރާއްޖޭގައި އިސްލާމްދީނުގެ އަލިގަދަ ނޫރުން ރާއްޖޭގެ ޖައްވު ދިއްލުނު ދުވަހުން ފެށިގެން ދިވެހިން ދަނީ ޤުރުއާން ކިޔަވަމުން ނެވެ. އެހެން ނަމަވެސް އެ ޤުރުއާނާއި އެއްގޮތަށް ޢަމަލުކުރަނީ ކޮންބައެއްތޯ އެވެ. އެއީ ދޭހައިގެ މައްސަލައެކެވެ. ކިޔަން އެނގުނަސް ދޭހަނުވަންޏާ ކުރާނެ ފައިދާއެއް ނެތެވެ. ދޭހަވެފައި ކިޔަން ނޭނގުމަކީ ވެސް ދެރަކަމެކެވެ. މިދެކަމަކީ އެކުއެކީ ތަރައްޤީކުރަންޖެހޭ ދެކަމެވެ. އެންމެ ކުޑައިރުއްސުރެ ފެށިގެން ކިޔުން ދޭހަކޮށް ދިނުމަށް ޚާއްޞަ ސަމާލުކަމެއް ދީގެން ކިޔުމުގެ ގަޑިތައް ބައްޓަންކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.

ހަވާލާދިނުން:

×      ކާލް އެމްސީ ޑޮނާލްޑް. (2012). ޑިފަރެންޓް ރީޑިންގ ޓެކްނިކްސް އެންޑް ވެން ޓު ޔޫޒް ދެމް.
×      ސުޒަން ބާރބާރ.(2016). ސިކްސް ޓެކްނިކްސް ފޯރ ބިލްޑިންގ ރީޑިންގ ސްކިލްސް އިން އެނީ ސަބްޖެކްޓް.
×      ލެސީ އެންޑަރސަން. (1998). ހައު ޓު ލާރން ޓު ރީޑް.
×      ޑެރީ ކްރޮލެކް، ރޭ ކޮލިންސް. (2012). ހައު މޯސްޓް ޗިލްޑްރެން ލާރން ޓު ރީޑް.
×      އަމީ މަސްކޮޓް. (2012). ސެވެން ޓިޕްސް ފޯ އާރލީ ލިޓްރަސީ ލާރނިންގ. 
×      އެންޑަރސަން އެންޑް ޕިއަރސަން. (1984). އަ ސްކީމާ ތިއަރެޓިކް ވިއު އޮފް ބޭސިކް ޕްރޮސެސް އިން ރީޑިންގ ކޮމްޕްރިހެންޝަން.
×      އެންޑަރސަން އެންޑް ޕިއަރސަން. (1984). އަ ސްކީމާ ތިއަރެޓިކް ވިއު އޮފް ބޭސިކް ޕްރޮސެސް އިން ރީޑިންގ ކޮމްޕްރިހެންޝަން. އާޓިކަލް.
×      ރިޗާޑް ސީ. އެންޑަރސަން އެންޑް ޕީ. ޑޭވިޑް ޕިއަރސަން. (2018). ރީޑިންގް އެޑިކްޓްސް.
×      ބްރިޖޭޝް ކުމާރު. (2011). ޑިޒައިން އެންޑް އެނަލައިޒް އޮފް ނޮއިސް މާރޖިން، ރައިޓް އެބިލިޓީ އެންޑް އޯރގަނިކް އެންޑް ހައިބަރޑް 6- ޓީއެސްއާރުއޭއެމް ސެލް. 
×      ޖިމޭނެޒް. (1996). އެސެންޝަލް އެލެމެންޓްސް އޮފް ފޮސްޓަރރިންގ އެންޑް ޓީޗިންގ ރީޑިންގ ކޮމްޕްރިހެންޝަން.
×      ޑަރކިން. (1979). ޓީޗިންގ ރީޑިންގ ކޮމްޕްރިހެންޝަން ބައި ކަނެކްޓިންގ.
×      ބޯލް އެނޑް ބްލަކްމަން. (1991). ދަ ކޮގްނިޓިވް ފައުންޑޭޝަންސް އޮފް ލާރނިންގ ޓު ރީޑް.
×      ޑޯލް އެޓް އެލް. (1991). އިންގްލިޝް ލެންގުއޭޖް ލާރނާރސް އެންޑް ރީޑިންގ ޑިފިކަލްޓީސް.





No comments: