އިޢްތިކާފު
ލިޔުނީ: ޒީނަތު ލަބީބު.
އިޢްތިކާފު މި ލަފްޡުގެ ލުޣަވީ މާނައަކީ ކަމެއްގައި
ޤާއިމުވުމާއި ޘާބިތުވުމެވެ. އަލްއަންބީޔާއު ސޫރަތުގެ 52 އާޔަަތުގައި ވެއެވެ. އެކަލޭގެފާނުގެ
ބައްޕާއަށާއި، އެކަލޭގެފާނުގެ قوم ގެމީހުންނަށް
އެކަލޭގެފާނު ވިދާޅުވިހިނދު، ހަނދުމަކުރާށެވެ! ތިޔަބައިމީހުން އަޅުކަންކުރަން ތިޔަތިބީ،
ކޮން ބުދުތަކަކަށް ހެއްޔެވެ؟ އިޢްތިކާފު
މި ލަފްޡުގެ ޝަރުޢީ މާނައަކީ ﷲ ގެ ޙަޟްރަތަށް ކުއްތަންވުމުގެ ނިޔަތުގައި މިސްކިތުގައި
ޤާއިމުވެ ނުވަތަ ޘާބިތުވެ އިނުމެވެ.
އިޢްތިކާފުގެ މާހައުލު:
އިޢްތިކާފަށް އިނދެވޭނީ ހަމައެކަނި
މިސްކިތުގައެވެ. އެހެންތަނެއްގައި މަޑުކޮށްގެން އިނުމަކުން އިޢްތިކާފަކަށް
ނުވާނެއެވެ.
އިޢްތިކާފުގެ ޝަރުޠުތައް:
Ø
މުސްލިމެއްކަމުގައި ވުން.
Ø
ތަންދޮރު ދަންނަ މީހެއް ކަމުގައިވުން.
Ø
ބޮޑު ޙަދަޘުން ޠާހިރުވެގެންވުން (އެބަހީ: ޖުނުބުވެރިކަމުން، ޙައިޟުވެރިކަމުން
އަދި ނިފާސްވެރިކަމުން)
އިޢްތިކާފުގެ ރުކުންތައް:
އިޢްތިކާފު ބިނާވެގެންވަނީ ދެ ރުކުނެއްގެ މައްޗަށެވެ.
Ø
ނިޔަތްގަތުން. (އިޢްތިކާފަކީ އަޅުކަމެކެވެ. އެހެންކަމުން ނިޔަތާއި ނުލައި
އަޅުކަން ޞައްޙަނުވާނެއެވެ.)
Ø
މިސްކިތުގައި ހިނދުކޮޅަކު މަޑުކޮށްލުން.
އިޢްތިކާފުގެ މުއްދަތު:
Ø
އިޢްތިކާފުގެ ގިނަމިނުގައި ހައްދެއް ނުވާކަމަށް ޢިލްމުވެރިން އިއްތިފާޤުވެލައްވައެވެ.
އެބައިމީހުންގެ މެދުގައި އިޚްތިލާފު އުފެދިފައިވަނީ އިޢްތިކާފުގެ މަދުމިނުގައެވެ.
ޙަނަފީ މަޛުހަބުގެ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި އިޢްތިކާފުގެ އެންމެ
މަދުމިނަކީ އެއްދުވަހެވެ. މާލިކީ މަޛުހަބުގެ ޢިލްމުވެރިން ދެކިވަޑައިގަންނަވާ ގޮތުގައި
އިޢްތިކާފުގެ އެންމެ މަދުމިނަކީ އެއްރެއާއި އެއްދުވާލެވެ. އިމާމު ޝާފިޢީ އަދި
އިމާމު އަޙްމަދު ދެކިވަޑައިގަންނަވާ ގޮތުގައި އިޢްތިކާފުގެ އެންމެ މަދުމިނަކީ ހިނދުކޮޅެކެވެ.
މާނައަކީ މަޑުކޮށްލުމޭ ބުނެވޭވަރުގެ ހިނދުކޮޅެކެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި
ވަސައްލަމަ- ދިހަ ދުވަހާއި ވިހި ދުވަހާއި ތިރީސް ދުވަހަށް އިންނެވިއެވެ.
އިޢްތިކާފު ފަށަން ޖެހޭ ވަގުތު:
މިމައްސަލާގައި މަޝްހޫރު ދެ ރަޢްޔެއް
ވާރިދުވެގެން އައިސްފައިވެއެވެ.
Ø
އިޢްތިކާފަށް އިންނަން ބޭނުންވާ މީހާ ފަތިސް ނަމާދު ކުރުމަށް ފަހު
އިޢްތިަކާފަށް މަޑުކުރަންޖެހެއެވެ. މިއީ އިމާމު އައުޒާޢީ އާއި އިމާމު އިސްޙާޤު ގެ
ޤައުލެވެ. މިބޭކަލުންގެ ދަލީލަކީ އުއްމުލް މުއުމިނީނަ ޢާއިޝާ ރަޞިޔަﷲ ޢަންހާގެ
ކިބައިން ރިވާވެގެންވެއެވެ. ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ފަތިސް ނަމާދު
ކުރެއްވުމަށްފަހު ފޭލިގެއަށް ވަދެވަޑައިގަންނަވައެވެ. މިމައްސަލައިގެ ރާޖިޙު
ގޮތަކީ މިއީއެވެ.
Ø
އިޢްތިކާފަށް އިންނަން ބޭނުންވާ މީހާ ޢަސުރު ނަމާދު ކުރުމަށް ފަހު
އިޢްތިކާފަށް މަޑުކުރަންޖެހެއެވެ. މިއީ އިމާމު މާލިކުއާއި އިމާމު އަބޫ ޙަނީފާއާއި
އިމާމު ޝާފިޢީ ގެ ޤައުލެވެ. މިބޭކަލުން އުއްމުލް މުއުމިނީނަ ޢާއިޝާ ރަޞިޔަﷲ ޢަންހާގެ
ރިވާޔަތް ތައުވީލުކުރައްވައެވެ. އިރު އޮއްސުމުގެ ކުރިން ނަބިއްޔާ ޞައްލަﷲ ޢަލައިހި
ވަސައްލަމަ- އިޢްތިކާފުގެ ނިޔަތުގައި މިސްކިތަށް ވަދެވަޑައިގެންފިއެވެ. ދެން ފޭލިގެއަށް
ވަދެވަޑައިގެންނެވީ ފަތިސް ނަމާދުގެ ފަހުގައެވެ.
އިޢްތިކާފު ނިންމާ ވަގުތު:
Ø
ވަކި މުއްދަތަކަށް ނިޔަތް ގަނެގެން އިންމީހަކު ފިޔަވައި އެހެން ކޮންމެ މީހެއްގެ
އިޢްތިކާފު އެމީހަކު ބޭނުންވުމުން ނިންމާލެވޭނެއެވެ. އެއީ އިޢްތިކާފުގެ ދިގުމިނުގައި
ހައްދެއް ނުވާތީއެވެ.
Ø
ވަކި މުއްދަތަކަށް ނިޔަތް ގަނެގެން އިންމީހަކު އެމުއްދަތު ހަމަވުމާ ހަމައަށް
އިޢްތިކާފުގައި އިނުން އެދެވިގެންވެއެވެ. ދިހަ ދުވަހަށް ނިޔަތް ގަނެގެން
އިންމީހާގެ އިޢްތިކާފުގެ ވަގުތު ނިމޭނޭ ތިންވަނަ ދުވަހު އިރުއޮއްސުމުންނެވެ.
އިޢްތިކާފަށް އިންނަ މީހާ ކުރުން މުސްތަޙައްބު
ވެގެންވާ ކަންތައް:
Ø
ސުންނަތް ނަމާދުތައް ގިނަކުރުން.
Ø
ގިނަގިނައިން ޤުރުއާން ކިޔެވުން.
Ø
ގިނަގިނައިން ޛިކުރު ކުރުން.
Ø
ގިނަގިނައިން އިސްތިޣްފާރު ކުރުން.
Ø
ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ގިނަގިނައިން ޞަލާވާތް
ކިޔެވުން.
Ø
ދިނީ ފޮތްތައް ބަލާ ދިރާސާކޮށް މުރާޖަޢާކުރުން.
Ø
މިސްކިތުގައި ނަމާދު ކުރާ މީހުންނަށް އުނދަގޫ ނުވާނެހެން މިސްކިތުގެ
އެއްފަރާތެއްގައި މަޑުކުރުން ނުވަތަ އެއްފަރާތެއްގައި ފޭލިގެއެއް ޖެހުން. (އެއީ ނަބިއްޔާ
ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެގޮތަށް ކަންތައް ކުރައްވާފައި ވާތީއެވެ.)
އިޢްތިކާފަށް އިންނަ މީހާއަށް މަކްރޫޙަ ވެގެންވާ
ކަންތައް:
Ø
ބޭކާރު ވާހަކަ ދެއްކުން.
Ø
ބޭކާރު ޢަމަލުތައް ކުރުން.
Ø
ދުނިޔެވީ ކަންކަމުގައި މަޝްޣޫލުވުން.
އިޢްތިކާފަށް އިންނަ މީހާ ކުރުން ހުއްދަ ވެގެންވާ
ކަންތައް:
Ø
އިޢްތިކާފަށް އިންނަ މީހާ، އެކަމެއް ނުކޮށް ނުވާނެ ކަންތައް ކުރުމަށްޓަކައި
މިސްކިތުން ބޭރަށްދިއުން ހުއްދަވެގެންވާ ކަމަށް ޢލިމުވެރިން އިއްތިފާޤުވެލައްވައެވެ.
(ޤަޟާޙާޖާކުރުމަށާއި،
ފެންވެރުމާއި، ވުޟޫކުރުމާއި، ކާތަކެތ ގެނެސްދޭނެ މީހަކު ނެތްމީހާ ކެއިން ބުއިމާއި،
އަނބި މީހާ ގެއަށް ލާންދިއުމާއި މިފަދަ ކަންތައްތަކެވެ.)
Ø
ހުކުރު ނަމާދު ނުކުރާ މިސްކިތެއްގައި އިޢްތިކާފުގައި އިންމީހާ އަކީ ހުކުރު
ވާޖިބުވާ މީހެއްނަމަ ހުކުރު ނަމަދު ކުރާ މިސްކިތަކަށް ދިއުން.
އިޢްތިކާފު ބާޠިލުވާ ކަންތައް:
Ø
އެއްވެސް ބޭނުމެއްނެތި ގަސްތުގައި މިސްކިތުން ނިކުތުން.
Ø
ބުއްދި ފިލައިދިއުން.
Ø
ޙައިޟުވެރިވުމާއި ނިފާސްވެރިވުން.
Ø
ޖިމާޢުވުން.
Ø
މުރުތައްދުވުން.
No comments:
Post a Comment