Featured Post

Ombey

Monday, May 21, 2018

dua aa kurumuge muhunmukan


ދުޢާ ކުރުމުގެ މުހިއްމުކަމާއި ދުޢާގެ އަދަބުތައް

Image result for ‫آداب الدعاء‬‎
ލިޔުނީ: ޒީނަތު ލަބީބު.

ދުނިޔޭގައި އުޅޭއުޅުމުގައި ތަފާތު ކަންތައްތަކާ ދިމާވާނެއެވެ. އުފާތަކާއި މަޖަލާއި ވޭނާއި ހިތާމަތަކާއި ހިތްދަތިކަމެވެ. އަދި ބައެއް ފަހަރަށް ފާފަތަކަށްވެސް އަރައިގަނެވޭނެއެވެ. އެހެނެއްކަމަކު  ފާފަކުރުންމަތީ ތިބާ ދެމިނުހުންނާށެވެ. އަދި ކުރެވުނު ކަންތަކުގެ ސަބަބުން ކަންބޮޑުވެ މާޔޫސްވެ ގޮތްހުސްވީ ކަމުގައި ނުދެކޭށެވެ. ތިބާ ހެއްދެވި ފަރާތަކީ އޯގާވަންތަ އޯގާވެރި އިލާހެއްކަން ހަނދުމަކުރާށެވެ. އެފާރަތަށް ރުޖޫޢަވާށެވެ. ތިބާ ބޭނުންވެގެން އުޅޭ ކަމެއްގެ ވާހަކަ އެކަމެއް ކޮށްދެވޭނެ ކަމުގެ ޔަޤީންކަން އޮތްފަރާތެއްގެ ކައިރީގައި އެދި ދަންނަވާށެވެ. ތިބާ ކަންކަމަށް އެދި ދަންނަވަންޖެހޭ ފަަރާތަކީ ﷲ ސުބުޙާނަހޫ ވަތަޢާލާއެވެ. ﷲ ތަޢާލާ އާއި ތިބާއާއި ދެމެދު ލިންކެއް ޤާއިމުކުރާށެވެ. ތިބާގެ ދުޢާކުރުމާއި ކަންކަމުގައި ދެންނެވުމުގައި ހަމައެކަނި ﷲގެ ޙަޟްރަތަށް ރުޖޫޢަވާށެވެ. ﷲގެ ދަރުބާރުގައި ތިބާ އިޚްލާޞްތެރިވެ މަޑުމޮޅިވާށެވެ. އަދި ތިބާ ކަންކަމުގައި އެދޭ ފަރާތަކީ ހުރިހާ ކަމެއް މިލްކުވެވޮޑިގެންވާ ފަރާތްކަމާއި އެފަރާތަށް ކުޅަދާނަވެގެންނުވާ އެއްވެސް ކަމަކު ތިބާއަށް އެދި ނުދެންނެވޭނެ ކަން ޔަޤީންކުރާށެވެ.
ދުޢާކުރުމުން ތިބާގެ ނަފްސަށް މަތިވެރިކަމާއި ހިތްހަމަޖެހުން ލިއްބައިދެއެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި އެއިލާހުގެ އަޅަކު ކަމަކު އެދި ދަންނަވައި ނަމަ އެމީހަކު ހުސްއަތާ ފޮނުވަން ﷲ ތަޢާލާ ލަދުވެތިވެވޮޑިގަންނަވައެވެ. ތިބާގެ ވެރި ﷲ އަކީ ދީލަތިވަންތަ އިލާހެވެ. ތިބާގެ ހުރިހާ ކަމެއް ﷲއާ ޖާމިނުކުރާށެވެ. އަދި ތިބާ ބޭނުންވާ ކަންކަމުގައި ތަކުރާރުކޮށް އެއިލާހުގެ ޙަޟްރަތުން އެދެމުންދާށެވެ. އަދި ތިބާ އެެއިލާހުގެ ޙަޟްރަތުން އުއްމީދުކުރާ ކަންކަމުގައި އުއްމީދުކަނޑާނުލާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުގައި ކަންކަމު އެދި ދަންނަވާ މީހަކު ނިކަމެތިނުކުރައްވާނެއެވެ. އަދި ހުސްއަތާ ފޮނުވާވެސް ނުލައްވާނެއެވެ.
ތިބާގެ ވެރި ﷲގެ ޙަޟްރަތުގައި ކަންކަމު އެދި ދަންނަވަންޖެހެނީ މުސީބާތުގެ ވަގުތުތަކުގައި އެކަންޏެއްނޫނެވެ. އެފަރާތަކީ ތިބާއަށް ނިޢްމަތްތަކާއި މުސީބާތްތަކާއި ކުރިމަތިކުރެއްވި ފަރާތެވެ. އެއީވެސް ތިބާ އިމްތިހާނުކުރުމަށް ޓަކައެވެ. ތިބާއަށް މުސީބާތެއް ދިމާވުމުން މީސްތަކުން ކައިރިން ސަލާމަތަށް އެދި ނުދަންނަވާށެވެ. އެކަމުން ސަލާމަތްކޮށްދެއްވުން އެދި އެންމެ ފުރަތަމަ ވެސް ދަންނަވަން ޖެހޭ ފަރާތަކީ ތިބާގެ ވެރި އިލާހެވެ. ތިބާ އެކަމަކުން ސަލާމަތްކޮށްދެއްވޭނެ ހަމައެކަނި ފަރާތަކީ ﷲއެވެ. އެފަރާތަކީ އެންމެ ކުޅަދުންވަންތަ ފާރާތެވެ. ދުޢާ ކުރުމަށްފަހު ދުޢާ އިޖާބި ނުވެގެން އަވަސްއަރުވައިގެން ނޫޅޭށެވެ. ދެންނެވުމުގައި ޤާއިމުވެ ހުންނާށެވެ. ޔަޤީންކަމަކީ ތިބާގެ ދުޢާ ﷲ އިޖާބަ ކުރައްވާނެކަމެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ ޣާފިރު ސޫރަތު 60 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. ادْعُونِي أَسْتَجِبْ لَكُمْ މާނައި: ތިޔަބައިމީހުން ތިމަންރަސްކަލާނގެއަށް دعاء ކުރާށެވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންގެ دعاء އިޖާބަކުރައްވާހުށީމެވެ.
ޔޫނުސް ޢަލައިހިއްސަލާމް މަހުގެ ބަނޑުތެރޭގައި ވަނިކޮށް އެކަލޭގެފާނު ކުރެއްވި ދުޢާގެ ސަބަބުން އެއްވެސް ގެލުމެއް ނުލިބި ހުސްބިމަކަށް އެކަލޭގެފާނު ވާޞިލުކޮށްދެއްވި އިލާހަކީ ތިބާގެ ވެސް ވެރި އިލާހެވެ. ދުޢާ ކުރާކަށް ވަކި ވަގުތެއް ވަކި ތަނެއް އައްޔަންކުރެވިފައި ނުވެއެވެ. ތިބާއަށް ފަސޭހަ ކޮންމެ ވަގުތަކު ދުޢާކުރެވޭނެއެވެ. ދުޢާ އަކީ އައްޑަނައެކެވެ. އެހެންކަމުން މުސީބާތްތަށް މެދުވެރިވުމަށް ދުޢާ ހުރަސްއަޅައެވެ. މުސީބާތެއް ދިމާވުމަށްފަހު ފިލާދެއެވެ. ނިޢްމަތްތައް ހޯދުމުގައްޔާއި މުސީބާތްތަކުން ސަލާމަތްވުމަށް ދުޢާ ކުރުން ފަދަ އެހެންކަމެއް ނުވެއެވެ. ދުޢާ ކުރާ ވަގުތަކީ ﷲ ތަޢާލާއާއި ކުއްތަން ވެގެންދާ ވުގުތެކެވެ. އޭގެ ސަބަބުން ކަންބޮޑުވުންތަކާއި ހާސްކަން ފިލައިދެއެވެ. މާތް ﷲ ކީރިތި ޤުރުއާނުގެ ބަޤަރާ ސޫރަތުގެ 186 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ ۖ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِ ۖ فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ﴿بقرة ١٨٦﴾ މާނައީ: އަދި ތިމަންރަސްކަލާނގެއާމެދު ތިމަންރަސްކަލާނގެ އަޅުން ކަލޭގެފާނާ سؤال ކޮށްފިނަމަ، (ކަލޭގެފާނު ވިދާޅުވާށެވެ!) ފަހެ، ހަމަކަށަވަރުން ތިމަންރަސްކަލާނގެއީ (އެއުރެންނާ) ކުއްތަންވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. ތިމަންރަސްކަލާނގެ حضرة އަށް دعاء ކޮށްފިނަމަ دعاء ކުރި މީހާގެ دعاء ތިމަންރަސްކަލާނގެ އިޖާބަ ކުރައްވަމެވެ. ފަހެ، އެއުރެން (އެބަހީ: ތިމަންރަސްކަލާނގެ އަޅުން) ތިމަންރަސްކަލާނގެއަށް އިޖާބަދޭހުށިކަމެވެ! އަދި އެއުރެން ތިމަން ރަސްކަލާނގެއަށް إيمان ވާހުށިކަމެވެ! (އެއީ) އެއުރެންނަށް ތެދުމަގު ލިބުމަށްޓަކައެވެ.
ތިބާއަކީ ނުކުޅޭދުންތެރި މީހެއްކަމުގައި ނުވާށެވެ. ނުކުޅެދުންތެރިކަން އެންމެ ބޮޑު މީހަކީ ދުޢާ ކުރުމަށް ނުކުޅެދުންތެރިވި މީހާއެވެ. ފަހެ ތިބާގެ ނަފްސަށްޓަކައި ގިނަގިނައިން ދުޢާކުރާށެވެ. ހިދާޔަތުގެ ނޫރުން ތިބާގެ ހިތައް ނޫރެއް ލެއްވުމަށް އެދި ދުޢާ ކުރާށެވެ. މާތް ﷲ ގެ ދީނުގައި ޘާބިތުކަންދެއްވުން އެދި ދުޢާކުރާށެވެ. ތިބާގެ ނިޔަތާއި ޢަމަލުތައް ސިދާ ކޮށްދެއްވުން އެދި ދުޢާ ކުރާށެވެ. ފިތުނަތަކުންނާއި ކައްވަޅުގެ ޢަޛާބުން ސަލާމައްކޮށްދެއްވުން އެދި ދުޢާ ކުރާށެވެ. ތިބާގެ ޢަމަލުތައް އިޚްލާޞްތެރިކޮށްދެއްވުން އެދިވެސް ދުޢާ ކުރާށެވެ.
ދުޢާ ކުރުމުގެ އަދަބުތައް:
1-                  ދުޢާ ކުރާމީހާ އަކީ ގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން ހުރި މީހަކު ކަމުގައި ވުން.
ދުޢާ އިޖާބަކުރެއްވުމުގެ ޝަރުޠުތަކުގެ ތެރޭގައި އަޅާ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުން ހިމެނިގެން ވެއެވެ. ﷲ އަށް ކިޔަމަންގަތުމުގެ ގޮތުން އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ﷲ އެއްކައުވަންތަ ކުރުމެވެ. ތިބާއަށް އިސްލާމް ދީނަށް ވަންނަނީ ﷲ ގެ އެއްކައުވަންތަކަން ހެކިކުރަމުންނެވެ. أَشْهَدُ أن لَا إلَهَ إلَّا اللهُ  މާނައީ: ﷲ ފިޔަވައި އެހެން އިލާހަކު ނުވާ ކަމަށް އަޅުހެކިވަމެވެ. މީގެ އިތުރުން އެންމެހާ ކުށްފާފަތަކުން ދުރުހެލިވެގެން ހުރުން ހިމެެއެވެ. ކުށްކަރަމުން އައި މީހެއްނަމަ އެކުށްތަކަށް ތައުބާވެ އެފަދަ ކުށް ފާފަތަކުން އެއްކިބާވާން ޖެހެއެވެ.
2-                  ދުޢާ ކުރުމުގައި އިޚްލާޞްތެރިވުން.
މާތް ﷲ ކީރިތި ޤުރުއާނުގެ ބައްޔިނާ ސޫރަތުގެ 5 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. وَمَا أُمِرُوا إِلَّا لِيَعْبُدُوا اللَّـهَ مُخْلِصِينَ لَهُ الدِّينَ حُنَفَاءَ وَيُقِيمُوا الصَّلَاةَ وَيُؤْتُوا الزَّكَاةَ ۚ وَذَٰلِكَ دِينُ الْقَيِّمَةِ ﴿ سورة البينة٥﴾ މާނައީ: باطل މަގުން އެއްކިބާވެތިބެ، اللَّه އަށް އަޅުކަން خالص ކުރާ حال، اللَّه އަށް އަޅުކަންކުރުމަށާއި، ނަމާދު قائم ކުރުމަށާއި، ޒަކާތްދިނުމަށް މެނުވީ، އެއުރެންނަށް އަމުރުކުރައްވާފައެއް ނުވެތެވެ. އަދި ސީދާވެގެންވާ دين އަކީ އެއީއެވެ.

3-                   ދުޢާ ކުރުމުގައި ﷲ ގެ އިސްމުފުޅުތައް ބޭނުންކުރުން.
މާތް ﷲ ކީރިތި ޤުރުޢާނުގެ އަޢްރާފް ސޫރަތުގެ 180 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވެއެވެ. وَلِلَّـهِ الْأَسْمَاءُ الْحُسْنَىٰ فَادْعُوهُ بِهَا ۖ وَذَرُوا الَّذِينَ يُلْحِدُونَ فِي أَسْمَائِهِ ۚ سَيُجْزَوْنَ مَا كَانُوا يَعْمَلُونَ . އެންމެރިވެތި ނަންފުޅުތައް ملك ވެގެންވަނީ، اللّه އަށެވެ. ފަހެ، އެ ނަންފުޅުތަކުން ތިޔަބައިމީހުން އެކަލާނގެ حضرة އަށް دعاء ކުރާށެވެ! އަދި އެކަލާނގެ ނަންފުޅުތަކާމެދު، حق މަގުން އެއްކިބާވެ އުޅޭމީހުން، ތިޔަބައިމީހުން ދޫކޮށްލާށެވެ! އެއުރެން ކޮށްއުޅުނު ކަންތަކަށް އެއުރެންނަށް ޖަޒާ ދެއްވާހުށްޓެވެ.

4-                  ދުޢާ ކުރަން ފެށުމުގެ ކުރިން ތިބާގެ ވެރި އިލާހަށް ޘަނާ ދަންނަވާށެވެ.
ފަޟާލަތު ބިން ޢުބައިދު رضي الله عنه  ގެ ކިބައިން ރިވާވެގެންވެއެވެ. عَنْ فَضَالَةَ بْنِ عُبَيْدٍ رضي الله عنه قَالَ : بَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَاعِدٌ إِذْ دَخَلَ رَجُلٌ فَصَلَّى فَقَالَ : اللَّهُمَّ اغْفِرْ لِي وَارْحَمْنِي ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( عَجِلْتَ أَيُّهَا الْمُصَلِّي ، إِذَا صَلَّيْتَ فَقَعَدْتَ فَاحْمَدْ اللَّهَ بِمَا هُوَ أَهْلُهُ ، وَصَلِّ عَلَيَّ ، ثُمَّ ادْعُهُ ) "صححه الألباني في "صحيح الترمذي" މާނައީ: ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިސްކިތުގައި އިށީނދެ ވަޑައިގެން އިންނަވަނިކޮށް މީހަކު ވެދެ ދުޢާ ކުަރަން ފަށައިފިއެވެ. "ހައްދަވާ ގެންގުޅުއްވާ އިލާހު! މިއަޅާގެ ފާފަ ފުއްސަވާ މިއަޅާއަށް ރަޙްމަތްލައްވާނދޭވެ!"  ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އޭ ދުޢާ ކުރާ މީހާއެވެ. އަވަސް އަރައި ނުގަންނާށެވެ. ދުޢާ ކުރަންވީމާ އިށީނދެ ﷲ އަށް ޙައްޤުވާ ގޮތުގައި ޙަމްދުކޮށް ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ފަހު އެފަރާތަށް ދުޢާ ކުރާށެވެ.
އެހެން ރިވާޔަތެއްގައި ވެއެވެ. قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ:  إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ اللَّهِ وَالثَّنَاءِ عَلَيْهِ ثُمَّ لْيُصَلِّ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ لْيَدْعُ بَعْدُ بِمَا شَاءَ ) "صححه الألباني في "صحيح الترمذي". މާނައީ: ތިޔަބައމީހުން ދުޢާ ކުރަން ބޭނުންވެއްޖެނަމަ ﷲ އަށް ޙަމްދު ޘަނާ ކިޔުމަށްފަހު ފަށާށެވެ. އެއަށްފަހު ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔަވާށެވެ. އެއަށްފަހު އެމީހަކު ބޭނުން ކަމަކަށް ދުޢާ ކުރާށެވެ.

5-                 ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ މައްޗަށް ޞަލަވާތްކިޔެވުން.
كل دعاء محجوب حتى تصلي على النبي صلى الله عليه وسلم رواه الطبراني في "الأوسط" (1/220) މާނައީ: ރަސޫލާ صلى الله عليه وسلم ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ދާންދެން ހުރިހާ ދުޢާ އެއްވެސް ވަނީ ހިފެހެއްޓިފައެވެ.

6-                  ޤިބްލަ އަށް ކުރިމަތިލުން.
عُمَرَ بْنِ الْخَطَّابِ رضي الله عنه ގެ ކިބައިން ރިވާވެގެންވެއެވެ. لَمَّا كَانَ يَوْمُ بَدْرٍ نَظَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى الْمُشْرِكِينَ وَهُمْ أَلْفٌ وَأَصْحَابُهُ ثَلاثُ مِائَةٍ وَتِسْعَةَ عَشَرَ رَجُلا ، فَاسْتَقْبَلَ نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْقِبْلَةَ ثُمَّ مَدَّ يَدَيْهِ فَجَعَلَ يَهْتِفُ بِرَبِّهِ. މާނައީ: މާތް ﷲ ރުއްސެވުންލެއވި ޢުމަރު ބިން އަލްޚައްޠާބުގެ ކިބައިން ރިވާވެގެންވެއެވެ. ބަދުރު ހަނގުރާމައިގެ ދުވަހު މުޝްރިކުންގެ ލަޝްކަރު އެއްހާހެވެ. އަދި އަޞްޙާމުންގެ ޢަދަދު ތިންސަތޭކަ ނަވާރައެވެ. މިތަން ފެނިވަޑައިގެން ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޤިބްލަ އަށް ކުރިމަތިލައްވާ، ދެއަތްޕުޅު މައްޗަށް ނަންގަވާ ދުޢާ ކުރައްވަން ފެއްޓެވިއެވެ.  

7-                  ދެއަތް މައްޗަށް ނަގައިގެން ދުޢާ ކުރުން.
މާތް ﷲ ރުއްސެވުންލެއްވި ސަލްމާނުލް ފާރިސީގެ ކިބައިން ރިވާވެގެންވެއެވެ. عَنْ سَلْمَانَ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا ) ، وصححه الشيخ الألباني في "صحيح أبي داود" މާނައީ: ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ހަމަކަށަވަރުން ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހަކީ ލަދުވެތިވެވޮޑިގަންނަވާ ދީލަތިވަންތަ އިލާހެވެ. އެކަލާނގެ އަޅުތަކުން ދެއަތް އުފުލާ ދުޢާ ކޮށްފިނަމަ ސުމަކުން ފޮނުވާލެއްވުމަށް އެކަނލާގެ ލަދިވެތިވެވޮޑިގަންނަވައެވެ.

8-                  ﷲ ތަޢާލާ ދުޢާ އިޖާބުކުރައްވާނެ ކަމުގެ ޔަޤީންކަން ބޭއްވުމާއެކު ދުޢާ ކުރާ ހިތުން އެކަމަށް ހިތްދީގެން ދުޢާކުރުން.
ދުޢާ ކުރާ އިރު ހިތް އެހެންކަންކަމުގައި މަޝްޣޫލު ނުކުރާށެވެ. لقول النبي صلى الله عليه وسلم : ( ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالإِجَابَةِ ، وَاعْلَمُوا أَنَّ اللَّهَ لا يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لاهٍ ) رواه الترمذي. މާނައީ:  ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ދުޢާ ކުރާނަމަ އިޖާބަ ކުރައްވާނެ ކަމުގެ ޔަޤީން ކަމާއެކުގައި ދުޢާ ކުޜާށެވެ. އަދި ދަންނާށެވެ. ހިތް ޣާފިލުވެފައިވާ، ފަރުވާލެއްނެތި ކުރާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ.

9-                  ގިނަގިނައިން ދެންނެވުން.
ދުނިޔެ އާއި އާޚިރަތަށްޓަކައި ގިނަގިނައިން ދުޢާ ކުރަންވީއެވެ. ދުޢާ ކުރުންމަތީ ދާއިމުވާށެވެ. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ ، مَا لَمْ يَسْتَعْجِلْ ، قِيلَ : يَا رَسُولَ اللَّهِ ، مَا الاسْتِعْجَالُ ؟ قَالَ : يَقُولُ : قَدْ دَعَوْتُ ، وَقَدْ دَعَوْتُ ، فَلَمْ أَرَ يَسْتَجِيبُ لِي ، فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ ) رواه البخاري. މާނައީ: އަޅާ ނުބައިކަމެއް ދޫކޮށްނުލާހުރުން، ނުވަތަ ރަޙިމްގެ ގުޅުންކެނޑުން، ނުވަތަ އަވަސް އަރައިނުގަންނަ ކަމަށް ވަނީ ނަމަ އޭނާގެ ދުޢާ އިޖާބަ ކުރައްވާނެއެވެ. ޞަހާބީން ދެންނެވިއެވެ. އަވަސް އަރައިގަތުމަކީ ކޮބައިތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އޭނާ ބުނާނެއެވެ. ހަމަކަށަވަރުން ވަރަށް ގިނަގިން ދުޢާ ކޮށްފީމެވެ. އެކަމަކު އިޖާބައެއް ނުކުރައްވައެވެ. ދެން އެކަމާ މާޔޫސްވެ ދުޢާ ކުރުން ދޫކޮށްލައެވެ.

10-              ކަނޑައެޅިގެން ދެންނެވުން.
އެދޭ ކަމަކު ސީދާ ބަހުން ދަންނަވާށެވެ. މިސާލަކަށް މިއަޅާއަށް ފާފަ ފުއްސަވާނދޭވެ! މިއަޅާ އަށް ހިދާޔަތް ދައްކަވާފާނދޭވެ!. ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. لا يَقُولَنَّ أَحَدُكُمْ : اللَّهُمَّ اغْفِرْ لِي إِنْ شِئْتَ ، اللَّهُمَّ ارْحَمْنِي إِنْ شِئْتَ ، لِيَعْزِمْ الْمَسْأَلَةَ ، فَإِنَّ اللهَ لا مُكْرِهَ لَهُ ) رواه البخاري. މާނައީ: ﷲ އިރާދަކުރައްވައިފި ނަމަ މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށޭ ނުބުނާށެވެ. އެދޭ ކަމެއް ކަނޑައެޅިގެން ބުނާށެވެ. ﷲ އަށް އެއްވެސް މަޖްބޫރު ކަމެއް ނެތެވެ.

11-               ބިރުވެތިކަމާއި ތަވާޟުޢުވެރިކަމާއި، ސިއްރު ގޮތުގައި ދެންނެވުން.
މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً މާނައީ: މަޑުމޮޅިކަމާއި، ވަންހަނާ ގޮތުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއަށް دعاء ކުރާށެވެ! އަދިވެސް މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. إِنَّهُمْ كَانُوا يُسَارِعُونَ فِي الْخَيْرَاتِ وَيَدْعُونَنَا رَغَبًا وَرَهَبًا ۖ وَكَانُوا لَنَا خَاشِعِينَ. ހަމަކަށަވަރުން، އެބޭކަލުން ހެޔޮކަންތަކަށް އަވަސްވެ، އަދި ތިމަންރަސްކަލާނގެއަށް އެދުމާއި، ބިރުވެތިކަމާއެކު، دعاء ކުރައްވާ ކަމުގައިވިއެވެ. އަދި ތިމަންރަސްކަލާނގެއަށް މަޑުމައިތިރިވާ ބަޔަކުކަމުގައި އެބޭކަލުންވޫއެވެ. އަދިވެސް މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. وَاذْكُر رَّبَّكَ فِي نَفْسِكَ تَضَرُّعًا وَخِيفَةً وَدُونَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ وَلَا تَكُن مِّنَ الْغَافِلِينَ . މާނައީ: އަދި ކަލޭގެފާނުގެ ހިތްޕުޅުން ކަލޭގެފާނުގެ ވެރިރަސްކަލާނގެ ހަނދުމަކުރައްވާށެވެ! މަޑުމޮޅިވެ، ބިރުވެތިވާ حال ގައެވެ. ބަސްބުނުމުގެ ތެރެއިން އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނާއި ހަވީރުގެ ވަގުތު ތަކުގައެވެ. އަދި غافل ވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ވެވަޑައިނުގަންނަވާށެވެ!

12-               ތަކުރާރުކޮށް ތިންފަހަރު ދެންނެވުން.
عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَالَ : بَيْنَمَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي عِنْدَ الْبَيْتِ وَأَبُو جَهْلٍ وَأَصْحَابٌ لَهُ جُلُوسٌ وَقَدْ نُحِرَتْ جَزُورٌ بِالأَمْسِ ، فَقَالَ أَبُو جَهْلٍ : أَيُّكُمْ يَقُومُ إِلَى سَلا جَزُورِ بَنِي فُلانٍ فَيَأْخُذُهُ فَيَضَعُهُ عَلَى ظَهْرِ مُحَمَّدٍ إِذَا سَجَدَ ، فَانْبَعَثَ أَشْقَى الْقَوْمِ فَأَخَذَهُ فَلَمَّا سَجَدَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَضَعَهُ بَيْنَ كَتِفَيْهِ ، قَالَ : فَاسْتَضْحَكُوا وَجَعَلَ بَعْضُهُمْ يَمِيلُ عَلَى بَعْضٍ . وَأَنَا قَائِمٌ أَنْظُرُ لَوْ كَانَتْ لِي مَنَعَةٌ طَرَحْتُهُ عَنْ ظَهْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . وَالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَاجِدٌ مَا يَرْفَعُ رَأْسَهُ حَتَّى انْطَلَقَ إِنْسَانٌ فَأَخْبَرَ فَاطِمَةَ فَجَاءَتْ وَهِيَ جُوَيْرِيَةٌ فَطَرَحَتْهُ عَنْهُ ثُمَّ أَقْبَلَتْ عَلَيْهِمْ تَشْتِمُهُمْ ، فَلَمَّا قَضَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلاتَهُ رَفَعَ صَوْتَهُ ثُمَّ دَعَا عَلَيْهِمْ - وَكَانَ إِذَا دَعَا دَعَا ثَلاثًا ، وَإِذَا سأَلَ سَأَلَ ثَلاثًا.  މާނައީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެފުޅު ކައިރީގައި ނަމާދަށް ހުންނެވި އެރެއްގައި އަބޫޖަހުލު އޭނާގެ ބައިވެރިން ތަކަކާއި އެކު މިސްކިތުގައި އިށީނދެގެން ތިއްބެވެ. އަދި އިއްޔެގައި ކަތިލި ޖަމަލެއްގެ ވާހަކަ ދެއްކިއެވެ. އަބޫޖަހުލު ބުންޏެވެ. އިއްޔެ ކަތިލި ޖަމަލުގެ ކަރުގޮހޮރުތައް މުޙަންމަދުގެފާނު ސަޖިދައަށް ދާގަޑީގައި އެކަލޭގެފާނުގެ ކޮނޑުމައްޗަށް އަޅާލަން ކެރޭނީ ކޮން ކުއްޖަކަށް ހެއްޔެވެ؟ ދެން އެމީހުންގެ ތެރޭގައި ހުރި އެންމެ ނުބައި ނުލަފާ މީހާ ލައްވާ އެކަރުގޮހޮރުތައް ގެނެސް، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސަޖިދާގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ކޮނޑުމައްޗަށް އަޅައިލައިފިއެވެ. ދެން އެބައިމީހުން އެކަކު އަނެކަކަށް ބަލަބަލާފައި ހޭންފަށައިފިއެވެ. އެހިނދު ތިމަންކަލޭގެފާނު މަންޒަރު ބަލަން އެތަނުގައި ކޮޅަށް ހުރީމެވެ. ތިމަންކަލޭގެފާނަށް އެތަކެތި ސާފުކުރެވޭނެނަމަ ރަސޫލު ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކޮނޑުކޮޅުން އެތަކެތި އުކާލީމުހެވެ. އެތަނުން މީހަކުގޮސް ފާޠިމަތުގެފާނަށް މިޚަބަރު ދިނުމުން އެކަމަނާ އާއި ޖުވައިރިއްޔަތު ވަޑައިގެން އެތަކެތި ސާފުކުރެއްވުމަށް ދާންދެން ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބޯފުޅު ހިއްލަވައި ނުލައްވާ ސަޖިދާގައި އޮންނެވިއެވެ. ދެން ފާޠިމަތުގެފާނު މައްކާގެ މުޝްރިކުންނާ މުޚާޠަބު ކުރައްވާ ވަރަށް އެއްޗެތި ކިޔުއްވިއެވެ. ރަސޫލުﷲ ޞަައްލަﷲ ޢަލައިހި ވަސައްލަމަ- ނަމާދުން ނިމިވަޑައިގެން އަޑުހަރުކޮށް އެބައިމީހުންގެ މައްޗަށް ބަދު ދުޢާ ކުރެއްވިއެވެ. އެކަލޭގެފާނު ބަދުދުޢާ ކުރައްވާނަމަވެސް އަދި ކަމަކަށް އެދި ދެންނެވިނަމަވެސް ތިންފަހަރު މަތިން ދަންނަވައެވެ.

13-              ލައިއުޅޭ ފޭރާމާއި ކައިއުޅޭ ކާނާ އަކީ ޙަލާލު ރަނގަޅު ތަކެތި ކަމުގައި ހެދުން.
އަބޫހުރައިރާ ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލު ﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.
 قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : " أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لَا يَقْبَلُ إِلَّا طَيِّبًا ، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ ، މާނައީ: އޭ މީސްތަކުންނޭވެ. ހަމަކަށަވަރުން ﷲ އީ އެންމެ ހެޔޮވެގެންވާ އިލާހެވެ. ހެޔޮކަމެއް މެނުވީ އެކަލާނގެ ޤަބޫލެއް ނުކުރައްވައެވެ. ރަސޫލުންނަށް އަމުރުކުރެއްވި ފަދައިން މުއުމިނުންނަށްވެސް އަމުރުކުރެއްވިއެވެ.
فَقَالَ : يَأَيُّهَا الرُّسُلُ كُلُوا مِنَ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ )سورة المؤمنون آية 51(
އެކަލާނގެ وحى ކުރެއްވިއެވެ. އޭ رسول ންނޭވެ! حلال ރަނގަޅު ތަކެތިން ތިޔަބޭކަލުން ފަރިއްކުޅުއްވައި އުޅުއްވާށެވެ! އަދި صالح عمل ކުރައްވާށެވެ! ހަމަކަށަވަރުން، ތިމަންރަސްކަލާނގެއީ، ތިޔަބޭކަލުން ކުރައްވާ عمل ތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
 وَقَالَ : يَأَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ سورة البقرة آية 172
އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައިއުޅޭށެވެ.
ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ ، يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ ، وَمَطْعَمُهُ حَرَامٌ وَمَشْرَبُهُ حَرَامٌ وَمَلْبَسُهُ حَرَامٌ وَغُذِيَ بِالْحَرَامِ فَأَنَّى يُسْتَجَابُ لِذَلِكَ ".
އެއަށްފަހު ދިގު ދަތުރެއްކޮށް ވަރުބަލިކަމުން ބޯހޭވިފައިވާ މީހެއްގެ ވާހަކަ ބަޔާން ކުރެއްވިއެވެ. އެމީހަކު ދެއަތް މައްޗަށް ނަގައި ހުރެ ދުޢާ ކުރެއެވެ. ހައްދަވައި ގެންގުޅުއްވާ އިލާހެވެ. ނަމަވެސް އޭނާ ކާތަކެތި ޙަރާމެވެ. އަދި ބޯތަކެތި ވެސް ޙަރާމެވެ. އަންނައުނު ވެސް ޙަރާމެވެ. ކައިގެން ހުރީވެސް ޙަރާމް ތަކެއްޗެވެ. އެފަދަ މީހުންގެ ދުޢާ އިޖާބަ ކުރެއްވޭނީ ކިހިނަކުން ހެއްޔެވެ؟.

14-             އަޑުހަރުކުރުމާއި ނުލައި، މަޑުމަޑުން ދުޢާ ކުރުން.
މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ. (اُدْعُوْا رَبَّكُمْ تَضَرُّعًا وَخُفْيَةً) މާނައަކީ: "މަޑުމޮޅިވެތިބެ އަދި ސިއްރުގޮތުގައި ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހަށް ކުއްތަންވެ ދުޢާ ކުރާށެވެ". ޒަކަރިއްޔާ ޢަލައިހިއްސަލާމް އަށް ޘަނާގެ ބަސްވަޙީ ކުރެއްވިއެވެ.  (إِذْ نَادَى رَبَّهُ نِدَاءً خَفِيًّا) މާނައަކީ: "އެކަލޭގެފާނުގެ އިލާހުގެ ޙަޟްރަތަށް މަޑުމަޑު އަޑަކުން ދުޢާކުޅަ ހިނދެވެ".

މިލިޔުން ލިޔުމަށް އެހީއަކަށް ބަލާފައިވަނީ






No comments: