ފަތިސް ނަމާދު
ލިޔުނީ:
ޒީނަތު ލަބީބު.
الحمد
لله والصلاة والسلام على نبينا محمد وعلى آله وصحبه وسلم.
ﷲ ތަޢާލާ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުކަމަކީ ނަމާދެވެ.
ނަމާދަކީ އިސްލާމްކަމުގެ ދެވަނަ ރުކުނެވެ. ނަމާދު އަޅައިފި މީހަކީ
އަބާއްޖަވެރިއެކެވެ. އެމީހަކަށް އެއްވެސް ނަސީބެއް ނުވެއެވެ. އެހެނީ އޭނާ
އެދޫކޮށްލީ ދީނުގެ ތަނބު ކަމުގައިވާ ނަމާދެވެ. ދީނުގެ ތަނބު ދޫކޮށްލި މީހަކު ދީން
ދެކެ އެއްވެސް ލޯތްބެއް ނުވެއެވެ. ޤިޔާމަތް ދުވަހުން އެންމެ ފުރަތަމަ ހިސާބު
ބެއްލެވޭ ޢަމަލަކީ ނަމާދެވެ. ނަމާދުން ފާސްވެއްޖެނަމަ ބާކީ ހުރި ހުރިހާ ޢަމަލަކުން
އެމީހާ ފާސްވާނެއެވެ.
އެހެން އަޅުކަންތަކާއި ޚިލާފަށް ނަމާދު ފަރުޟުކުރެވުނީ ހަތް
އުޑުމަތިންނެވެ. ރަސޫލާ صلى الله عليه وسلم މާތް ﷲގެ ޙަޟްރަތަށް
އުފުއްލެވުމަށް ފަހުއެވެ. ސީދާ ރަސޫލާ صلى
الله عليه وسلم ބަސް ވަޙީކުރައްވައި ނަމާދު
ފަރުޟު ކުރެއްވިއެވެ. އެންމެ ފުރަތަމަ ފަރުޟު ކުރެއްވުނީ ފަންސާސް ނަމާދެވެ.
އެހެންނަމަވެސް ރަސޫލާ صلى الله عليه وسلم އެކިފަހަރު މަތިން އެދުމުގެ ސަބަބުން ފަސް
ނަމާދަށް ފަންސާސް ނަމާދުގެ ދަރުމައާއި ޘަވާބު ލެއްވިއެވެ. މާތް ﷲގެ
އޯގާވަންތަވެރިކަމުން ފަސް ނަމާދަށް ތިރިކޮށްދެއްވެވިއެވެ.
ނަމާދު ފަރުޟު ކުރެއްވުމާއެކު ނަމާދު ކުރާނެ ވަގުތު
ކަނޑައަޅުއްވައި ބަޔާންކޮށްދެއްވާފައި ވެއެވެ. މާތް ﷲ ކީރިތި ޤރުއާނުގެ ނިސާ
ސޫރަތުގެ 103 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. إِنَّ الصَّلَاةَ
كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ﴿النساء١٠٣﴾ މާނައީ: ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް
وقت
ކަނޑައެޅިގެންއޮތް
فرض
އެއްކަމުގައި ވެއެވެ.
އެހެންކަމުން ކޮންމެ ތަނެއްގައި ވިޔަސް ނަމާދު ވަގުތު ފާއިތުވުމުގެ ކުރިން ނަމާދު
އަދާ ކުރަން ޖެހެއެވެ. ފިރިހެން ބޭފުޅުން ނަމާދު ކުރުން ވާޖިބުވެގެންވަނީ
މިސްކިތުގައެވެ. وَأَقِيمُوا
الصَّلَاةَ وَآتُوا الزَّكَاةَ وَارْكَعُوا مَعَ الرَّاكِعِينَ ﴿البقرة٤٣﴾ މާނައީ:އަދި ތިޔަބައިމީހުން ނަމާދު قائم ކުރާށެވެ! އަދި
ތިޔަބައިިމީހުން زكاة ދޭށެވެ! އަދި ركوع ކުރާ މީހުންނާ
އެކުގައި ތިޔަބައިމީހުން ركوع ކުރާށެވެ! ركوع ކުރާ
މީހުންނާއެކު ركوع ކުރެވޭނީ ޖަމާޢަތުގައި
ނަމާދުކޮށްގެންނެވެ. عَبْدِ اللَّهِ بْنِ عَمْرٍو ގެ ކިބައިން
ރިވާވެގެން ވެއެވެ. ރަސޫލާ صلى الله عليه وسلم ޙަދީޘް
ކުރެއްވިއެވެ. وَلَقَدْ
هَمَمْتُ أَنْ آمُرَ بِالصَّلَاةِ فَتُقَامَ ثُمَّ آمُرَ رَجُلًا فَيُصَلِّيَ
بِالنَّاسِ ثُمَّ أَنْطَلِقَ مَعِي بِرِجَالٍ مَعَهُمْ حُزَمٌ مِنْ حَطَبٍ إِلَى
قَوْمٍ لَا يَشْهَدُونَ الصَّلَاةَ فَأُحَرِّقَ عَلَيْهِمْ بُيُوتَهُمْ بِالنَّارِ. މާނައީ: އަދި ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ
ހިތްޕުޅަށް އަރާވަޑައިގަނެއެވެ. ނަމާދު ވަގުތު ޖެހުމުން މީސްތަކުންނާއިގެން
ނަމާދުކުރުމަށް މީހަކު އައްޔަންކޮށް އަމުރުކުރުމަށްފަހު، ދެން ތިމަންކަލާގެފާނާއި
އެކީ ދަރުތައް ހިފައިގެން ދާނެ ބަޔަކު ގޮވައިގެން ޖަމާޢަތަށް ޙާޟިރުނުވާ މީހުންގެ
ގެތަކަށްގޮސް އެގެތަށް އެމީހުންނާއި އެކު ( ޖަމާޢަތަށް ޙާޟިރުނުވާ މީހުންނާއި އެކު)
އަލިފާން ރޯކޮށް އަންދާލުމަށް ގަސްދުފުޅު ކުރައްވާ ކަމަށެވެ.
ފަތިސް ނަމާދަކީ އެންމެ ގިނަބަޔަކަށް ފަރުވާކުޑަކޮށްލެވޭ
އެއްނަމާދެވެ. މިސްކިތްތަކަށް ނަޒަރުހިންގާލުމުން އެކަން ވަރަށް ރީއްޗަށް
އެނގިގެންދާނެއެވެ. ފަތިސްނަމާދު ކުރާ މީހުންނީ ﷲ ތަޢާލާގެ ޙަޟްރަތުން ކާމިޔާބު ލިބިގެންވާ
ބައެކެވެ. އެމީހުންނަކީ މޫނުތައް އަލިވެގެންވާ ބައެކެވެ. އެމީހުންނަކީ އެމީހުންގެ
ވަގުތު ތަކުގައި ﷲ ތަޢާލާގެ ބަރަކާތް ލެއްވިގެންވާ ބައެކެވެ. އެމީހުންނަކީ
މިމަތިވެރި ވެގެންވާ ފަރުޟު އަދާކުރުމުގައި ދެމިތިބޭ ބައެކެވެ. އެމީހުންނަކީ
އިސްލާމީ ޝަރީޢަތުގައި ވަރުގަދައަށް ހިފަހައްޓައިގެން ތިބޭ ބައެކެވެ. އެމީހުންގެ
ދުވަސް ފަށަނީ މަތިވެރި އަޅުކަމެއް ކަމުގައިވާ ފަތިސް ނަމާދުންނެވެ. ފަތިސް ނަމާދު
އަދާކުރުންމަތީ ދެމިތިބޭ އަޅުންނަށް ﷲ ތަޢާލާގެ ޙަޟްރަތުގައި މަލާއިކަތުން
ހެކިވެވަޑައިގަންނަވައެވެ. ޖަމާޢަތުގައި ފަތިސް ނަމާދު އަދާކޮށްފި މީހާ މުޅިރޭ
އެއްކޮށް އަޅުކަންކުރި ފަދައެވެ. ފަތިސް ނަމާދަށް ރައްކާތެރިވުމުން ލިބޭ ހެޔޮކަން
ގުނާ ޢަދަދުކުރެވޭ ވަރަށް ވުރެގިނައެވެ. މި ނަމާދަށް ރައްކާތެރިވުމަކީ ސުވަރުގެ
ވަނުމުގެ ސަބަބުތަކުގެ ތެރެއިން ސަބަބެކެވެ. މިމަތިވެރި ނަމާދުގެ ކުރީގައި ކުރާ
ސުންނަތް ދެރަކްޢަތަކީ ދުނިޔެއާއި ދުނިޔޭގައިވާ ހުރިހާ އެއްޗަކަށްވުރެ ހެޔޮކަން
ބޮޑުވެގެންވާ ދެރަކްޢަތެވެ. މިމަތިވެރިވެގެންވާ ނަމާދުގެ ފަހުގައިވާ ވަގުތަކީ ﷲ
ތަޢާލާގެ ބަރަކާތް ބާވައިލައްވާ ވަގުތެވެ. ރަސޫލު صلى الله عليه وسلم ޙަދީޘް ކުރައްވާފައިވެއެވެ. "اللَّهُمَّ بَارِكْ
لأُمَّتِي فِي بُكُورِهَا" (رواه
أبو داود في سننه) މާނައީ:
ހައްދަވާ ގެންގުޅުއްވާ އިލާހު، ތިމަންކަލޭގެފާނުގެ އުއްމަތަށް އެއުއްމަތުގެ
ހެނދުނުގައި ބަރަކާތް ލައްވާދޭނވެ.
ފަތިސް ނަމާދުގެ ބަންގިއަށް އިޖާބަދޭ މީހުންނަށް
އަމާންކަމާއި ސަލާމަތްކަން ހުއްޓެވެ. އެމީހުންނަކީ އަޅުވެތިވުމުގެ މާނަ
ފުރިހަމައަށް އެނގޭ ފަލާޙާއި ކާމިޔާބަށް އެދޭ މީހުންނެވެ. އެމީހުންނަކީ އަނދިރި
ކަމުންނާއި ތަފާތު ސަބަބުތަކާ ހެދި މިސްކިތަށް ދިއުމަށް ޢުޒުރުދައްކާ ބައެއް
ނޫނެވެ. އެމީހުންނަކީ އެއްވެސް އަލިކަމެއް ނެތް އެހީތެރިއަކު ނެތް ކަށި ކުނބުރު
ޖަންގައްޔަކަށް ވުރެ ކަށިގިނަ، ހިމަކަމުން ގޮސް އިސްތަށްޓަކަށްވުރެ ހިމަ،
ތޫނުކަމުން ތޫނު ކަނޑިއެއްގެ މިޔައައްވުރެ ތޫނު މަގަކުން ހިނގަންޖެހޭކަން ދެނެތިބި
ބައެކެވެ.
ރަސޫލު صلى
الله عليه وسلم ޙަދީޘް
ކުރައްވާފައިވެއެވެ. قال
عليه الصلاة والسلام : بشر المشائين في الظلم إلى المساجد بالنور التام يوم
القيامة [رواه
أبو داود والترمذي وصححه الألباني[
މާނައީ:
މިސްކިތަށް އަނދިރީގައި ހިނގާފައިދާ މީހުންނަށް، ޤިޔާމަތްދުވަހުގައި ފުރިހަމަ
ނޫރެއް ވާކަމުގެ އުފާވެރި ޚަބަރު ދޭށެވެ. ސުވަރުގޭގައި ﷲ ތަޢާލާގެ ވަޖުހުފުޅު ފެންނާނޭ
މީހުންނަށް އެދުވަހުން އެލިބޭ ނަސީބަށްވުރެ ބޮޑު ނަސީބެއް އެއްވެސް އިންސާނަކަށް
ދުވަހަކުވެސް ނުލިބޭނެއެވެ. މިއަގުނުކުރެވޭ އުފާވެރިކަމަކީ ކޮންމެ މީހަކަށްވެސް
ލިބިދާނެ ނުވަތަ ހޯދިދާނެ އުފަލެކެވެ. އެލިބޭނީ އެކަމަށް އެދި ކުރަންޖެހޭ މަސައްކަތްތައް
ބަރާބަރަށް އަދާކޮށްގެންނެވެ.
ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާކަމަށް ޖުރައިރު ބިން ޢަބްދުﷲގެ ކިބައިން
ރިވާވެގެންވެއެވެ. عن جرير بن عبد الله
قال كنا عند النبي صلى الله عليه وسلم فنظر إلى القمر ليلة يعني البدر فقال إنكم
سترون ربكم كما ترون هذا القمر لا تضامون في رؤيته فإن استطعتم أن لا تغلبوا على
صلاة قبل طلوع الشمس وقبل غروبها فافعلوا ثم قرأ وسبح بحمد ربك قبل طلوع الشمس
وقبل الغروب. މާނައީ: މާނައީ: "މިހަނދު (ސާދަ ވިލޭރޭގެ ހަނދު) ފެންނަ
ފަދައިން (ޤިޔާމަތް ދުވަހުގައި) ތިޔަބައިމީހުން ތިޔަބައިމީހުންގެ ވެރި ރައްބު ދެކޭނެތެވެ.
އެއިލާހަށް ބެލުމުގައި ތިޔަބައިމީހުންނަށް އެއްވެސް ގެއްލުމެއް ނުވާނެއެވެ. ފަހެ އިރު
އެރުމުގެ ކުރިންނާއި އިރު އޮއްސުމުގެކުރިން ނަމާދުކުރުމުގެ މައްޗަށް (އެބަހީ ފަތިސް
ނަމާދާއި ޢަޞުރު ނަމާދު އޭގެ ވަޤުތުގައި ކުރުމުގެ މައްޗަށް) ބަލިވެނުގަތުމަށް ތިޔަބައިމީހުންނަށް
ކުޅަދާނަވެގެން ވާނަމަ ފަހެ ތިޔަބައިމީހުން އެކަން ކުރާހުށިކަމެވެ. ދެން އެކަލޭގެފާނު
މިއާޔަތް ކިޔަވާ ވިދާޅުވިއެވެ. 'ކަލޭގެފާނު ކަލޭގެފާނުގެ ވެރި ރައްބަށް، އިރު އެރުމުގެ
ކުރިންނާއި އިރު އޮއްސުމުގެ ކުރިން ޙަމްދު ކުރުމާ އެކު ތަސްބީޙަ ކިޔާހުށިކަމެވެ."
މިތާނގައި، ބަލިވެނުގަނެ ކުޅަދާނަ ވެގެންވާނަމައޭ ޙަދީޘް ކުރެއްވުމުގެ
މުރާދަކީ އެހެން ނަމާދުތައްވެސް އަދާކުރުމާއެކު، އެދެނަމާދަށް އިތުރަށް ރައްކާތެރިވުމެވެ.
އެހެނީ ނަމާދުކުރުމުގެ ކުޅަދާނަކަން ލިބިގެން ނުވާ މީހަކު އަޅުގަނޑުމެންގެ ތެރޭގައި
ނުވެއެވެ.
މިފަދަ މަތިވެރި ނޫރެއް ދޫކޮށްލާނީ ބޮޑު މޮޔައެކެވެ.
މުނާފިޤުންނަށްވުރެ ވަކީން މޮޔަބަޔަކު ތިބެދާނެތޯއެވެ؟ ފަތިސް ނަމާދުގެ ޖަމާޢަތަށް
މުނާފިޤުންނެއް ނުދާނެއެވެ. އެއީ މުނާފިޤުންގެ ސިފައެކެވެ. އެބައިމީހުން ނަމާދަށް
ތެދުވާއިރު ކަންނެއްވެ ތިބެ ތެދުވާކަމަށް ކީރިތު ޤުރުއާނުގެ އައްނިސާ ސޫރަތުގެ 142
ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތުގެ މާނައިގައިވެއެވެ. މުނާފިޤުންގެ ނަމާދާއި ބެހޭގޮތުން ނަބިއްޔާ صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ކަމަށް أبوهريرة رضي الله عنه ގެކިބައިން ރިވާވެގެންވެއެވެ.
عن أبي
هريرة رضي الله عنه قال : قال رسول الله صلى الله عليه وسلم : أثقل صلاة على
المنافقين : صلاة العشاء وصلاة الفجر ، ولو يعلمون ما فيهما لأتوهما ولو حبوا. މާނައީ:
ހަމަކަށަވަރުން މުނާފިޤުންގެ މައްޗަށް އެންމެ ބުރަ އަދި ބަރު ނަމާދަކީ
ފަތިސްނަމާދާއި ޢިޝާނަމާދެވެ. މިދެނަމާދުގެ މާތްކަމާއި ދަރުމަ އެމީހުންނަށް އެނގޭނަމަ
ބިންމަތީގައި ދެމެމުން ވިޔަސް އެދެނަމާދަށް ޙާޟިރުވީހެވެ. މިޙަދީޘްފުޅުގައި
އެކަލޭގެފާނު އިޝާރާތްކޮށްފައި އެވަނީ މުނާފިޤުން ޖަމާޢަތަށް ޙާޟިރުނުވާ
ވާހަކައެވެ. ފަތިސް ނަމާދުގެ ޖަމާޢަތަކީ ވަރަށް މުހިއްމު ޖަމާޢަތެއްކަން
މިޙަދީޘުން ވަރަށް ރަނގަޅަށް ޘާބިތުވެއެވެ.
ނަމާދުގެ ޖަމާޢަތަށް ޙާޟިރުނުވާ މީހުންގެ ގެތަށް
އެބައިމީހުންނާއެކު އަންދާލުމަށް ރަސޫލާ صلى الله عليه وسلم ޤަސްދުކުރެއްވި ކުރެއްވުމުން އެނގިގެންދަނީ ޖާމާޢަތުގެ
މުހިއްމުކަންނޫނީ ދެން އެހެން ކޮންކަމެއްތޯއެވެ؟ މިކަމުން އެނގިގެންދަނީ އެއްވެސް
ކަހަލަ މަޤްބޫލު ޢުޒުރެއްނެތި ޖަމާޢަތް ދޫކުރާ މީހާއަށް ހުރި ފާފައިގެ ބޮޑުކަމެވެ.
މިކަމުން އެނގިގެންދާ ދެވަނަކަމަކީ ޖަމާއަތުގައި ފިރިހެނުން ބައިވެރިވުމަކީ
ވާޖިބެއް ކަމެވެ. މިއީ ސުންނަތުގެ ދަރަޖައިގެ ކަމެއްނަމަ ޢާލަމްތަކަށް
ރަޙްމަތެއްކަމުގައި ފޮނުއްވި ނަބިއްޔާ صلى الله عليه وسلم އަލިފާނުން
އެމީހުންނަށް ޢަޛާބު ދެއްކުމަށް ޤަސްދުފުޅު
ކުރައްވާނެކަމީ މުސްތަޙީލުކަމެކެވެ. ސަބަބަކީ ސުންނަތް ކަންތައްތަކަކީ ކުރުމުން
ޘަވާބާއި ދަރުމަ ލިބޭ އަދި ނުކޮށް ދޫކޮށްލުމުން ފާފަވެރި ނުވާ ކަންތަކެވެ.
އެހެންކަމުން ޖަމާޢަތަށް ޙާޟިރުވުމުގައި ރައްކާތެރިވާންޖެހެއެވެ.
ފަތިސް ނަމާދަށް ފަރުވާ ކުޑަ ކުރާ މީހުންނަށް ގިޔާމަތް ދުވަހުގައި
ﷲ ފެނުމުގެ ނިޢްމަތުން މަޙްރޫމް ވެގެން ދެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘް ކުރައްވާފައިވެއެވެ. ( إِنَّكُمْ
سَتَرَوْنَ رَبَّكُمْ ، كَمَا
تَرَوْنَ هَذَا الْقَمَرَ لَيْلَةَ الْبَدْرِ ، لا تُضَارُّونَ فِي
رُؤْيَتِهِ ، فَانْظُرُوا
، لا
تُغْلَبُوا عَلَى صَلاةٍ قَبْلَ طُلُوعِ الشَّمْسِ وَقَبْلَ غُرُوبِهَا) މާނައަކީ: ”ހަމަކަށަވަރުން
ތިޔަބައިމީޙުންނަށް ހަނދު އަރާ ރޭރޭގައި ހަނދު ފެންނަ ފަދައިން ތިޔަބައިމީޙުން ހައްދަވާ
ގެންގުޅުއްވާ އިލާހު ފެންނާނެއެވެ. އިރު އޮއްސުމުގެ ކުރިންނާއި އިރު އެރުމުގެ ކުރިން
ކުރަން އޮންނަ ނަމާދަށް ފަރުވާ ކުޑަ ނުކުރާ ހުށި ކަމެވެ.“
ފަތިސް ނަމާދަށް ފަރުވާ ކުޑަ ކުރާ މީހުންނާއި ބެހޭ ގޮތުން ވާރިދުވެފައިވެއެވެ.
އެފަދަ މީހުންގެ ކަންފަތަށް ޝައިޠާނާ ކުޑަގިފިލި ކުރާނެއެވެ. މާތް ﷲ ރުއްސުންލެއްވި
އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެން ވެއެވެ. (ذُكِرَ عِنْدَ
النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَنَّ فُلانَا نَامَ اللَّيْلَةَ
حَتَّى أَصْبَحَ ، فَقَالَ
النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : "ذَاكَ
رَجُلٌ بَالَ الشَّيْطَانُ فِي أُذُنِهِ أَوْ أُذُنَيْهِ") މާނައަކީ: ”ހެނދުނު
ވަންދެން ނިދާފައި އޮތް މީހެއްގެ ވާޙަކަ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ
އަށް ދެންނެވުމުން ޙަދިޘް ކުރެއްވިއެވެ. ”އޭނާގެ ކަންފަތަށް ނުވަތަ ދެކަންފަތަށް ޝައިޠާނާ
ވަނީ ކުޑަގިފިލި ކޮށްފައެވެ.“
އޭ ޖަމާޢަތުގައި ނަމާދުކުރުމަށް ރައްކާތެރި ނުވާމީހާއެވެ! ޚާއްޞަކޮށް
ފަތިސް ނަމާދުކުރުމަށް ފަރުވާކުޑަކުރާ މީހާއެވެ! ތިބާ ހިނގާނެ މަގެއް ކަމުގައި ޝައިޠާނާގެ
މަގު ޚިޔާރު ކުރީ ކީއްވެގެން ހެއްޔެވެ؟ ތިބާގެ ކަންފަތަށް، ޝައިޠާނާ ހީސްލުމަށް ރުހެނީ
ކީއްވެގެން ހެއްޔެވެ؟ އޭ އަޚާއެވެ! އަމިއްލަ ނަފްސާމެދު ވިސްނާލަބަލާށެވެ! އެންމެ ފަހުން
ޖަމާޢަތުގައި ފަތިސްނަމާދު ކުރީ ކޮންދުވަހަކު ކަން ހަނދާން އެބަހުރިތޯއެވެ؟ ފަތިސްނަމާދު
ޖަމާޢަތުގައި ނުކޮށް، އޭގެ ގިނަ ހަކަތައިން މަޙްރޫމްވެގެން އަހަރެމެން ދާން ބޭނުންމިވާ
މަންޒިލާ ހަމައަށް ވާޞިލްވެވޭނެ ހެއްޔެވެ؟
މިލިޔުން ލިޔުމަށް އަސްލަކަށް ބަލާފައިވަނީ:
ޝަފީޢު ޢަބްދުﷲ. އޭލޮބުވެތި އަޚުންނޭ! ފަތިސް ނަމާދު!.
10 އޮގަސްޓް 2010. ނޫރުލް-އިސްލާމް.ނެޓް.އައިޑީ 911.
އަޙްމަދު ނާޒިޙް. ފަތިސް ނަމާދު ކުރުމުގައި ދެމިތިބޭ
މީހުން. 16 ޑިސެންބަރު 2009. ނޫރުލް-އިސްލާމް.ނެޓް.އައިޑީ 560.
No comments:
Post a Comment