Featured Post

Ombey

Tuesday, May 15, 2018

evves amalakee kuda a'malleh kamugai nudhekeysheve


އެއްވެސް ޢަމަލަކީ ކުޑަކަމެއްކަމުގައި ނުދެކޭށެވެ!

Related image

ލިޔުނީ: ޒީނަތު ލަބީބު.
ތިބާ ކުރާ އެއްވެސް ޢަމަލަކީ ކުޑަކަމެއްގެ ގޮތުގައި ނުދެކޭށެވެ. އެކުރެވޭ ޢަމަލަކީ ވަރަށް ކުޑަ ނުވަތަ ވަރަށް އާދައިގެ ޢަމަލެއް ކަމުގައި ހީވެދާނެއެވެ. އެޢަމަލަކީ ތިބާ ނަރަކައަށް ވަނުމުގެ ސަބަބު ކަމުގައި ވެސް ވެދާނެއެވެ.  އަދި އެޢަމަލަކީ ތިބާ ސުވަރުގެއަށް ވަނުމުގެ ސަބަބު ކަމުގައި ވެސް ވެދާނެއެވެ. ހެޔޮކަމެއްހެން ހީވާ ހުރިހާ ކަމެއް ކުރުމަށް ތިބާ ދަހިވެތިވާށެވެ. އަދި ފާފަ އެއް ނުވަތަ ގޯސްކަމެއްހެން ހީވާ ހުރިހާ ކަމަކުން ދުރުވާން ގަދައަޅާ މަސައްކަތްކުރާށެވެ. ﷲގެ ޙަޟްރަތުގައި ޤަބޫލުވެވިގެންވަނީ ތިބާގެ ކޮންޢަމަލެއްކަމެއް ނޭނގެއެވެ. ތިބާގެ ދުލުން ބުނެވޭ ބަހެއްގެ ސަބަބުން އީމާންވެވޭގޮތަށް މުރުތައްދުވަމުގެ ފުރުޞަތުވެސް އެބައޮތެވެ. އެހެންކަމުން ތިބާގެ ދުލުންވެސް ހެޔޮ ކަލިމައެއް ނޫނީ (މާނައީ ރަނގަޅު) ބޭރުނުކުރާށެވެ. ތިބާއަށް ބުނެވޭ އެންމެ މީހަކަށް ބާއްޖަވެރިކަން ނުވަތަ އަބާއްޖަވެރިކަން ލިބިގެން ހިގައިދާނެއެވެ. އަދި ތިބާއަށް ކުރެވޭ އެންމެ ކަމެއްގެ ސަބަބުން ތިބާގެ ދެދުނިޔެ ބާއްޖަވެރި ވެދާނެއެވެ.
ވަރަށް ކުޑަކަމެއް ކޮށްގެންވެސް ވޭންދެނިވި ޢަޛާބުން ފުރިގެންވާ ނަރަކައިން ސަލާމަތްވެދާނެއެވެ. ތިބާއަށް އެކުރެވުނު ހެޔޮ ޢަމަލަކީ ﷲ ތަޢާލާގެ ޙަޟްރަތުގައި ވަރަށް ބޮޑު ޢަމަލަކަށް ވެސް ވެދާނެއެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. اتَّقُوا النَّارَ وَلَوْ بِشِقِّ تَمْرَةٍ. މާނައީ: ކަދުރުފަޅިއެއްގެ މިންވަރު ހޭދަކޮށްގެންވެސް ތިޔަބައިމީހުން ނަރަކައިން ރައްކާތެރިވާށެވެ. މިއީ ނިސްބަތުން ބަލާއިރު ވަރަށް ކުޑަކަމެކެވެ. އެންމެ ނިކަމެތި މީހުންގެ ތެރޭގައި ހިމެނޭ މީހުންނަށްވެސް ކުރެވިދާނެ ކަމެކެވެ. އިސްލާމް ދީނުގައި ހުރިހާ ހެޔޮކަމަކަށް ވެސް ދެވިފައިވަނީ މަތިވެރިކަމެވެ. އެހެންކަމުން ތިބާއަށް ކުޅަދާނަކަން ލިބިގެންވާ މިންވަރަކުން ހެޔޮޢަމަލުތައް ގިނަގިނައިން ކުރެވޭތޯ ބަލާށެވެ. އެހެންނަމަވެސް ހެޔޮޢަމަލުތަކަކީ ވަކި މޫސުމެއްގައި ނުވަތަ ވަކި ކަމަކާއި ގުޅިގެން ކުރާ ޢަމަލުތަކަކަށް ނަހަދާށެވެ. އެކުރެވޭ ރަނގަޅު ކަމެއް ކުރުންމަތީ ދެމި ހުރެވޭތޯ ބާލާށެވެ. އެކަމުގައި ވެސް ވަރަށްގިނަ ސަބަބުތަކެއް ވެއެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. أَحَبَّ الْأَعْمَالِ إِلَى اللَّهِ أَدْوَمُهَا وَإِنْ قَلَّ. މާނައީ: ﷲ ތަޢާލާގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވާ ޢަމަލުތަކަކީ ކިތަންމެ މަދުންވިޔަސް ދާއިމީ ގޮތެއްގައި ކުރެވޭ ޢަމަލުތަކެވެ.
މިދުވަސް ވަރަކީ އޮޅުކޮށްގެން ދޫންޏާއި ބުޅަލާއި މަސްތަކާއި އަދި މިނޫންވެސް ދިރޭތަކެތި ގެންގުޅުން ޢާއްމުވެފައިވާ ދުވަސްވަރެކެވެ. އެހެންކަމުން އެއެއްޗެހި ގެންގުޅުމުގައިވެސް ފަރުވާތެރިވާން ޖެހެއެވެ. ފާފައަކަށް މަގުފަހިވާ އެންމެހާ ކަންތައްތަކުން ރައްކާތެރިވާށެވެ. ފަހެ ތިބާ ނަރަކައަށް އެއްލާލެވޭނީ ކޮން ފާފައެއްގެ ސަބަބުން ކަމެއް ނޭނގޭނެއެވެ. އަޅުގަނޑުގެ ވާހަކައަކީ ދިރޭތަކެތި ނުގެންގުޅޭށެކޭ ނޫނެވެ. އެތަކެތި ގެންގުޅުމުގައިވެސް ސަމާލުކަންދޭންޖެހޭ ކަންތައްތަކަށް ސަމާލުކަންދޭންޖެހޭ ވާހަކައެވެ. ސަބަބަކީ ބުޅަލެއްގެ ސަބަބުން އަންހެނަކު ނަރަކަ ވެރިއަކަށް ވިއެވެ. މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ޙަދީޘްކުރައްވާފައިވެއެވެ. دَخَلَتِ امْرَأَةٌ النَّارَ فِى هِرَّةٍ رَبَطَتْهَا ، فَلَمْ تُطْعِمْهَا ، وَلَمْ تَدَعْهَا تَأْكُلُ مِنْ خشَاشِ الأَرْضِ. މާނައީ: ބުޅަލެއްގެ ސަބަބުން އަންހެނަކު ނަރަކައަށް ވަންނަންޖެހުނެވެ. އޭނާ އެބުޅާ ބަނދެފައި ކާންނުދީ ބޭއްވިއެވެ. އަދި އޭތި އަމިއްލަޔަށް ބިންމަތިން ކާއެއްޗެހި ހޯދައިގެން ކާންވެސް ދޫކޮށްނުލިއެވެ. އެއަންހެން މީހާ ވެސް ބުޅާ އެގޮތަށް ބަނދެފައި ބޭއްވުމަކީ އެހާ ބޮޑުކަމެއްގެ ގޮތުގައި ނުދެކެއެވެ. ﷲ އަށްޓަކާ އަޅުކަންކުރުން ގިނަކުރާށެވެ. އަދި ﷲ އަށްޓާކާ ފާފަތަކާއި މުންކަރާތްތަކުން ދުރުވާށެވެ. މިކަމުގެ ދަރުމަ ލިބޭނީ ހަމަ ތިބާއަށެވެ. ދުނިޔޭގެ ހަވާނަފްސަށް ތިބާވަނީ ޣަރަޤު ވެފައެވެ. އާޚިރަތުގެ ގޮވެއްޗަށް ގެންދާނެ އެއްޗެއް ތިބާއަތުގައި ނުވެއެވެ. އެހެންކަމުން ކުރިއަށްމިއޮތީ ހެޔޮކަމުގެ މޫސުމެވެ. އާޚިރަތަށް ގެންދާނެ ތަކެތި މިމައްސަރުގައި ހޯދަން މަސައްކަތްކުރާށެވެ. އަދި އެގޮތަށް ތިބާގެ ހަޔާތްނިމެންދެން ހޭދަކުރާށެވެ. ދުޢާއަކީ ދާއިމީ ގޮތެއްގައި ހެޔޮކަންތައް ކުރުންމަތީ ދެމިތިބުމުގެ ނަސީބާއި ފާފަތަކާއި މުންކަރާތްތަކުން އަބަދަށްޓަކައި ދުރުވެގެން ތިބުމުގެ ތައުފީޤު ﷲ ތަޢާލާ އެންމެހާ މުސްލިމުންނަށް މިންވަރުކުރެއްވުން. އާމީން


No comments: