ރަޖަބުގެ މަހުގެ
މާތްކަމާއި މަތިވެރިކަން
އަހަރެއްގެ ތެރޭގައި އޮންނަނީ 12 މަހެވެ. މީގެތެރެއިން
4 މަހަކީ ﷲ ތަޢާލާ ޙުރުމަތްތެރިކުރައްވާފައިވާ މަސްތަކެވެ. އެއީ ޛުލްޤަޢިދާ މަހާއި،
ޛުލްޙިއްޖާ މަހާއި، މުޙައްރަމް މަހާއި، ރަޖަބު މަހެވެ. ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. "السَّنَةُ اثْنَا عَشَرَ شَهْرًا , مِنْهَا
أَرْبَعَةٌ حُرُمٌ , ثَلاثٌ مُتَوَالِيَاتٌ : ذُو الْقَعْدَةِ وَذُو الْحِجَّةِ
وَالْمُحَرَّمُ , وَرَجَبُ مُضَرَ الَّذِي بَيْنَ جُمَادَى وَشَعْبَانَ" މާނައީ: "އަހަރެއްގައި ބާރަ މައްސަރުވެއެވެ.
އޭގެތެރެއިން ހަތަރު މަސް ޙުރުމަތްތެރިވެގެންވެއެވެ. ޖެހިޖެހިގެން އަންނަ ތިން
މަސް: ޛުލްޤަޢިދާ، ޛުލްޙިއްޖާ އަދި މުޙައްރަމެވެ. އަދި (ހަތަރުވަނައީ) ޖުމާދާއާއި
ޝަޢްބާނުގެ ދެމެދަށް އަންނަ މުޟަރުގެ ރަޖަބެވެ" (ބުޚާރީ:4662). އެހެންކަމުން
މި ލިޔުމުގައި އަޅުގަނޑު ބަލައިލާނީ ރަޖަބު މަހުގެ މާތްކަމާއި، އެ މަހުގެ މާތްކަން
ލިބިގަތުމަށް ކުރެވިދާނެ ކަންތައްތަކުގެ މައްޗަށެވެ.
ރަޖަބު މަހުގެ މާތްކަމުގެ ތެރޭގައި މައިގަނޑު
3 ކަމެއް ވެއެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ ކަމަކީ މި މަސް (ރަޖަބު މަސް)
ޚާއްޞަވެފައިވަނީ ﷲ ތަޢާލާގެ މަސްކަމުގައެވެ. ރަސޫލުﷲ ﷺ ޙަދީޘްކުރައްވާފައިވާ
ޙަދީޘެއްގެ މާނައިގައިވެއެވެ. "ރަޖަބަކީ މާތް ﷲ ގެ މަހެވެ. ޝަޢުބާނަކީ ތިމަންކަލޭގެފާނުގެ
މަހެވެ. އަދި ރަމަޟާނަކީ ތިމަންކަލޭގެފާނުގެ އުއްމަތުގެ މަހެވެ" (ސުޔޫޠީ). މި
މަހަކީ (ރަޖަބު މަހަކީ) ﷲ އަށް ޚާއްޞަ މަހެއް ކަމުން މި މަހާ މެދު މުސްލިމުން
ޚާއްޞަ ސަމާލުކަމެއްދޭންޖެހޭނެއެވެ. އެހެންކަމުން، އެހެން މަސްތަކާ ޚިލާފަށް މި މަހުގައި
އަޅުކަމުގައި މަޝްޢޫލުވާ މިންވަރު އިތުރުކޮށް ﷲއާ ކުއްތަންވާން މަސައްކަތްކުރުން
އިތުރުކުރަންވާނެއެވެ.
ރަޖަބު މަހުގެ މާތްކަމުގެ ތެރޭގައި ހިމެނޭ 2 ވަނަ ކަމަކީ، ރަޖަބު މަހަކީ އިލާހީގޮތުން ޚާއްޞަކުރެވިފައިވާ
ތާރީޚީ މުހިންމު ތިން ޙާދިޘާއަކާ ގުޅިފައިވުމެވެ. މި ޙާދިޘާތަކަކީ:
1.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މާތް މައިންބަފައިންގެ ކައިވެނި މިމަހުގައި
ކުރެއްވުމެވެ. އިމާމް އިބްނު ކަޘީރު (ރަޙިމަހުﷲ) ވިދާޅުވެފައިވަނީ "ޢަބްދުﷲ (ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ބައްޕާފުޅު) އާމިނަތުގެފާނާއި، ކައިވެނި ބައްލަވައިގަތީ
އާންމުލްފީލުގެ އަހަރުގެ ކުރީ އަހަރު ކަމަށް ބުނެވެއެވެ." (އަލްބިދާޔާ ވަންނިހާޔާ:
2/242).
2.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މާތް މަންމާފުޅު އާމިނާގެފާނު ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އާލަސްވެ އިންނެވުމެވެ. އިމާމް އިބްނުލް ޤައްޔިމް
(ރަޙިމަހުﷲ) ވިދާޅުވެފައިވަނީ: " ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އާލަސްވެ އިންނެވި
މަހާ ގުޅޭގޮތުން ތަފާތު ރިވާޔަތްތައް ވާރިދުވެފައިވެއެވެ. ބައެއް ރިވާޔަތްތަކުގައި
ރަޖަބު މަހު ކަމަށް ބުނެފައިވާއިރު، އަނެއްބައި ރިވާޔަތްތަކުގައި ރަމަޟާން މަހު ކަމަށް
ބުނެފައިވެއެވެ. އަދި ބައެއް ރިވާޔަތްތަކުގައި ޛުލްޙިއްޖާ މަހު ކަމަށްވެސް ބުނެފައިވެއެވެ"
(ޒާދުލް މަޢާދު: 1/76) ނަމަވެސް، ގިނަ ޢިލްމުވެރިން ތަރުޖީޙު ދެއްވާފައިވަނީ ރަޖަބު
މަހު ކަމަށެވެ. އިމާމް އައްސުހައިލީ (ރަޙިމަހުﷲ) ވިދާޅުވެފައިވަނީ: " ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމައަށް އާމިނަތުގެފާނު އާލަސްވެ އިންނެވީ ރަޖަބު މަހުގައި
ކަމަށް ބުނުމަކީ އެންމެ ރަނގަޅު ރައުޔެވެ." (އައްރައުޟުލް އުނުފު: 1/200).
3.
މުޢުޖިޒާތްތުގެ މާތް ދަތުރުފުޅު، އިސްރާ އަދި މިޢުރާޖުގެ ދަތުރުފުޅު ކުރެއްވުމެވެ.
އެންމެ ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި މިކަން (އިސްރާއާއި މިޢުރާޖުގެ ދަތުރުފުޅު)
ހިނގީ ރަޖަބު މަހުގެ 27 ވަނަ ރޭގައެވެ. ޤުރްއާން ބާވައިލެއްވުނު މަހެއްގެ ގޮތުގައި
ރަމަޟާން މަހަށް އަހައްމިއްޔަތުކަން ދޭއިރު، އަހަރެމެން ރަޖަބު މަހުގެ މަޤާމު އިހުމާލުކޮށްގެން
ނުވާނެއެވެ. ރަޖަބު މަހުގައި ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ ވުޖޫދަށް ވަޑައިގަތުމުގެ އިތުރުން، އަހަރެމެންގެ
ދުވަސްތައް ﷲ އަށް އަޅުކަންކުރުމުގައި ބިންގާ އަޅައިދޭ ފަސް ނަމާދުގެ ހަދިޔާ ލިބުނު
މަހަކީ ރަޖަބުމަހެވެ. އަދި ހަމައެހެންމެ، މުއުމިނުންނަށް މާތް ﷲ ގެ ހަދިޔާ ލިބުނުމަހަކީވެސް
ރަޖަބު މަހެވެ. ރަސޫލާގެ ޙަދީޘެއްގެ މާނައިގައިވެއެވެ. "މާތް ﷲ އަށް އީމާންވެ،
އެއްވެސް އެއްޗެއް އެކަލާނގެއާ ޝަރީކު ނުކޮށް މަރުވެއްޖެ މީހަކު ސުވަރުގެ ވަންނާނެއެވެ"(ނަސާއީ).
އެހެންކަމުން، ﷲ އާދަޔާ ޚިލާފު ޙާދިޘާތަކަށް އެހެން މަސްތަކުގެ މައްޗަށް ރަޖަބު މަސް
ޚާއްޞަކުރެއްވިކަން ސާފުވެއެވެ.
ރަޖަބު މައްސަރު މާތްވި 3 ވަނަ މާތް ކަމަކީ،
މިމަހަކީ އެމަހެއްގައި ﷲ އެކަލާނގެ ގިނަގުނަ ބަރަކާތްތަކާއި ފަޟުލުވަންތަކަން އަދި
ގިނަގުނަ ރަޙްމަތް ތިރިކުރައްވާތީއެވެ. އެހެންކަމުން، ރަޖަބު މަހަކީ ތައުބާގެ މަހެވެ.
އަދި އެއީ އިސްތިޣްފާރުގެ މަސް ކަމުގައިވެސް ބެލެވެއެވެ. ރަމަޟާން މަހުގައި ހެޔޮ ޢަމަލުތަކާއި
އަޅުކަން އިތުރުކޮށް، އެ މަހުގައިވާ ބަރަކާތްތަކާއި ރަޙްމަތް ލިބުމަށް އަހަރުމެން އުންމީދުކުރެއެވެ.
އަހަރުމެން މިކުރާ އުންމީދުގައި ކުލަޖެއްސުމަށްޓަކައި، ރަޖަބު މަހަކީ މި ކަމަށް
މަސައްކަތްފަށަން އެންމެ ރަނގަޅު އެއް މަހެވެ. ސަބަބަކީ ޙުރުމަތްތެރިވެގެންވާ
މަސްތަކުގައި އަހަރުމެންކުރާ ޢަމަލުތައް މީޒާނުގައި ބުރަދަން ބޮޑުވާނެތީވެއެވެ. އެހެންކަމުން
އާ ހިތްވަރަކާއެކު އަޅުކަމުގައި މަޝްޢޫލުވެ މި ފުރުޞަތުގެ ބޭނުން އެންމެ
ފުރިހަމަގޮތުގައި ހިފައި، އާޚިރަތަށް އިންވެސްޓްކުރުމަށް ސަމާލުކަންދެމާ ހިނގާށެވެ.
ރަޖަބު މަހުގެ މަތިވެރިކަން ލިބިގަތުމަށްޓަކައި ކުރެވިދާނެ
ޢަމަލުތައް:
· ކުރިވެސް
ދެންނެވުނު ފަދައިން މިއީ ތައުބާ މައްސަރެވެ. އެހެންކަމުން މި މަހުގައި ގިނަގިނައިން
ތައުބާވުމާއި އިސްތިޣްފާރުކުރުންމަތީ ދެމިހުންނާށެވެ.
·
ރަޖަބު މަހަކީ ﷲ އަށް ޚާއްޞަ
މަހެއްކަމުން މި މަހުގައި ސުންނަތް ރޯދަ ހިފުން ގިނަކުރާށެވެ. ރަޖަބު މަހުގައި ރޯދަހިފުމުގެ
މާތްކަން ބަޔާންވެގެންވީ ނަމަވެސް، މި މަހުގެ ވަކި ޚާއްޞަ ދުވަހެއް ފާހަގަކޮށް އެދުވަހުގައި
ރޯދަހިފުމެއް ނޯވެއެވެ. އެކަމަކީ ބިދުޢަވެރިކަމުގެ ގޮތުން ކުރެވެމުން އަންނަކަމެވެ.
އެހެންކަމުން އެކަމަށް ސަމާލުކަންދޭށެވެ.
·
ﷲ ޙުރުމަތްތެރިކުރައްވާފައި މަސްސަރުތަކުގައި
ކުރެވޭ ޢަމަލުތަކުގެ ހެޔޮކަން ބޮޑުވެގެންވެއެވެ. އަދި އެ ޢަމަލުތަކަކީ މީޒާނުގައި
ބަރުދަންބޮޑު ޢަމަލުތަކަށް ވެގެންދެއެވެ. އެހެންކަމުން މި މަހުގައު ޞަދަޤާތްކުރުން
ގިނަކުރާށެވެ. މި މަހުގައި ޞަދަޤާތްދިނުމުގެ ޘަވާބު އިތުރުވެގެންވެއެވެ.
·
ރަޖަބު މަހަކީ ޤުރުއާނުގެ މައްސަރަށް
ތައްޔާރުވާން ލިބިފައިވާ ރަނުގެ ފުރުޞަތެއްކަމުން މި މަހުގައި ޤުރްއާން ކިޔަވާށެވެ.
އަދިޤުރްއާން ކިޔެވުމާއެކު، އޭގެ މާނަ ދަސްކުރުމަށް އިތުރު ސަމާލުކަމެއް ދިނުން މުހިންމެވެ.
·
ﷲއަށް ޚާއްޞަކުރެވިފައިވާ ރަޖަބު
މަހުގައި، ﷲ މަތިން ހަނދުމަކުރުން ގިނަކުރާށެވެ. އަދި އިސްތިޣުފާރުކުރުމާއި
(އަސްތަޣްފިރުﷲ) ތަހްލީލުކިޔުމާއި (ލާއިލާހަ އިއްލަﷲ)، ތަޙްމީދުކުރުމުގައި (އަލްޙަމްދުލިއްލާހިީ)
ދޫ މަޝްޢޫލުކުރާށެވެ. މީގެއިތުރުން ވެސް އެހެނިހެން ޛިކުރުތައް ކިޔުންމަތީ
ދެމިހުންނާށެވެ.
·
ރަމަޟާން މަހުގައި ތަރާވީޙު ނަމާދުގެ
އިތުރުން ދަމު ނަމާދު ވަރަށް ދިގުކޮށް ކުރެއެވެ. މި ނަމާދު ތަކުގައި ބައިވެރިވެ
އެންމެ ފުރިހަމައަށް ނަމާދުތައް ކުރަން އަހަރުމެން އެންމެން ވެސް ބޭނުމެވެ.
އެހެންކަމުން އެކަމަށް ތައްޔާރުވުމުގެ ގޮތުން ރަޖަބު މަހަކީ ގިނަގިނައިން ސުންނަތް
ނަމާދު ކުރާ މަހަކަށް ހަދާށެވެ. ރަވާތިބު ސުންނަތުގެ 12 ރަކްޢަތް އަދާކޮށްގެން
ސުވަރުގެއިން ގަނޑުވަރެއް ޔަގީންކުރުމުގެ އިތުރުން ނަރަކައިން ސަލާމަތްވެ، ރިޒުޤު
ތަނަވަސް ކޮށްދެއްވުން އެދި ފަރުޟު ނަމާދުގެ ކުރީގައްޔާއި ފަހުގައި ކުރެވޭ ސުންނަތް
ނަމާދުތަކަށް ރައްކާތެރިވާށެވެ. އަދި މީގެއިތުރުން ވެސް ޟުހާ ނަމާދައި ތަޙައްޖުދު
ނަމާދަށް ރައްކާތެރިވާށެވެ.
·
އަހަރުމެންނަށް އެނގިގެންނާއި ނޭނގި
ކުރެވިފައިވާ ފާފަތއް ފުއްސެވުމަށްއެދި ދުޢާކުރާށެވެ. އަދި އެމީހެއްހެ ޟަރޫރާތްތަކަށް
(ބޭނުންވާ ކަންތަކަށް) އެދި ދުޢާކުރާށެވެ. މި މަހަކީ ދުޢާ އިޖާބަވުމުގެ އުންމީދު
ބޮޑުވެގެންވާ މައްސަރެކެވެ.
·
ރަޙިމުގެ ގުޅުން ބަދަހިކޮށް ޢާއިލީ
ގުޅުން ދަމަހައްޓަން މަސައްކަތްކުރާށެވެ.
ރަޖަބު މަހަކީ ﷲގެ ރަޙްމަތާއި ބަރަކާތުގެ ވާރޭ ވެއްސަވާ
މައްސަރެވެ. ވެހޭތާ ފެންނަގަން، މި މަހުގައި ޢާންމުކޮށް ހެޔޮ ޢަމަލުތައް އިތުރުކޮށް،
ފާފަތަކުން ދުރުހެލިވާން މަސައްކަތްކުރާށެވެ. މި މަހުގެ މާތްކަމާއި މަތިވެރިކަންދަނެ،
އޭގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަން ޖެހެއެވެ. އަދި މި މަހުގައި އަހަރެމެން
އަމިއްލަ ނަފްސުތަކަށް އަނިޔާވެރިވުމުން ދުރުހެލިވެ، ހެޔޮ ޢަމަލުތައް އިތުރުކުރުމަށް
މަސައްކަތްކުރަންވާނެއެވެ. ރޯދަހިފުމާއި، ޞަދަޤާތްދިނުމާއި، ޤުރްއާން ކިޔެވުމާއި، ޛިކުރުކުރުމާއި،
ނަފުލު ނަމާދުކުރުމާއި، ދުޢާކުރުމާއި، ރަޙިމުގެ ގުޅުން ބަދަހިކުރުން ފަދަ ކަންތައްތަކަށް
އިސްކަންދީ، އަހަރެމެންގެ އީމާންކަން އިތުރުކުރުމަށް މަސައްކަތްކުރަންވާނެއެވެ.
ރަޖަބު މަހަކީ ތައުބާވުމާއި އިސްތިޣްފާރުކުރުމުގެ މަހެއްކަމުގައިވާތީ،
އަހަރެމެން ކޮށްފައިވާ ފާފަތަކަށް ތައުބާވެ، ﷲގެ މަޣްފިރަތަށް އެދި ގިނަގިނައިން އިސްތިޣްފާރުކުރަންވާނެއެވެ.
މިއީ އަހަރެމެންގެ ނަފްސުތައް ސާފުކޮށް، ރޫޙާނީގޮތުން އާރާސްތުވުމުގެ ރަނގަޅު ފުރުޞަތެކެވެ.
"اللهم بارك لنا
في رجب وشعبان وبلغنا رمضان" މާނައީ: "އޭ ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ!
އަޅަމެންނަށް ރަޖަބު މަހާއި ޝަޢުބާން މަހުގައި ބަރަކާތްލައްވާނދޭވެ. އަދި އަޅަމެންނަށް
ރަމަޟާން މަހާ ބައްދަލުކޮށް ދެއްވާނދޭވެ! އާމީން.
ރިފަރެންސް: އަޙްމަދު
