އާޝޫރާ ދުވަސް
އާޝޫރާ ދުވަސް ފާހަގަ ކުރެވެމުންދަނީ މުޙައްރަމް
މަހުގެ 10 ވަނަ ދުވަހުއެވެ. އާޝޫރާދުވަހަކީ އިސްރާއީލުގެ ދަރިން ފިރުޢައުނުގެ އަނިޔާވެރިކަމުން
މާތްﷲ ސުބުޙާނަހޫ ވަތަޢާލާ ސަލާމަތްކުރެއްވެވި ދުވަހެވެ. އެ ދުވަހާއި ގުޅިގެން މާތްﷲ
ގެ ހަޟްރަތަށް ޝުކުރުކުރެއްވުމުގެ ގޮތުން މޫސާ އަލައިހިއްސަލާމު އެދުވަހު ރޯދަފުޅު
ހިއްޕެވިއެވެ. އަދި އޭގެފަހުން އިސްރާއީލީން އެގޮތުގައި އެކަން ކުރަމުން ގެންގޮސްފައިވެއެވެ.
އާޝޫރާދުވަހާއި އިސްލާމީ ވަރަށް ގިނަ ހާދިސާތަކަކާއި
ގުޅުވިފައިވާ ދުވަހެކެވެ. އެގޮތުން ތަފާތު ރަސޫލުބޭކަލުންގެ ހަޔާތްޕުޅުގައި ދިމާވެފައިވާ
މުހިންމު ފާހަގަ ކޮށްލެވޭ ހާދިސާތަކާއި މި ދުވަހާއި ގުޅުވާފައިވެއެވެ. ނަމަވެސް މިއުންމަތުގެ
ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ދުވަސްވަރުގެ ފަހުން މިދުވަހު ފާހަގަކުރެވޭ
މުހިންމު ކަމަކަށް ހިނގާފައިވަނީ ކަރުބަލާގައި އިތުރު އެކަލޭގެފާނުގެ ކާފަދަރިކަލުން
ޝަހީދުކުރެވުނު ހާދިސާއެވެ. ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެންނެވުމަށްފަހު
އިސްލާމުންގެ މެދުގައި އުފެދިގެންދިޔަ ބައިބައިވުންތަކުގައި ހިނގާދިޔަ މި ހަނގުރާމައިގައި
ޙުސައިންގެފާނު ޝަހީދުވެވަޑައިގަތުމާއި ގުޅިގެން ޝީޢީންވަނީ އެދުވަހަކީ، މުޤައްދަސް
ދުވަހެއްގެ ގޮތުގައި ފާހަގަކޮށް، އެކަލޭގެފާނުގެ މަޤްބަރާއަކީ އެބައިމީހުން ޙައްޖުވުމަށް
ދާތަނެއްކަމުގައި ހަދާފައެވެ. އަދި އެދުވަހުގައި އެކަމަށް ޚާއްޞަ އަޅުކަންތަކެއް ކުރަންފަށާފައިއެވެ.
މިއީ އިސްލާމްދީނުގެ އަސްލު އުޞޫލުތަކާއި ޚިލާފަށް އެބައިމީހުންގެ ތެރޭގައި ފެތުރިގެން
ގޮސްފައިވާ ކަންތައްތަކެކެވެ. އެހެންނަމަވެސް އާޝޫރާދުވަސް މުސްލިމުން ފާހަގަކުރަމުން
ގެންދަނީ އެކަމުގެ ހަނދާންއާކުރުމުގެ ގޮތުންނެއްނޫނެވެ.
އެހެންނަމަވެސް އާޝޫރާދުވަހަކީ އެ ޙާދިސާއަށްވުރެ
އެތަކެއް ޒަމާންތަކެއް ކުރީގެ ކަންތައްތަކަކާއި ގުޅިފައިވާ ދުވަހެކެވެ. ކީރިތި ރަސޫލާ
މައްކާއިން މަދީނާއަށް ހިޖުރަކުރެއްވުމުގެ ކުރިންވެސް އަޝޫރާ ދުވަހު ރޯދައަށް ހުންނަވާކަމުގައި
އިމާމް ބުޚާރީގެ ސަޙީޙުންނާއި އެހެނިހެން ޞައްޙަ ޙަދީސްފުޅުތަކުން ސާބިތުވެއެވެ.
ކީރިތި ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި
ވަސައްލަމަ މަދީނާއަށް ވަޑައިގެންނެވިއިރު އެތަނުގައި ދިރިއުޅެމުންދާ ޔަހޫދީން މުޙައްރަމް
މަހުގެ 10 ވަނަ ދުވަހު ރޯދައަށް ތިބޭތަން ދެކެވަޑައިގެން އެކަމުގެ ސަބަބުން އޮޅުން
ފިލުއްވިއެވެ. އެބައިމީހުން ދެންނެވިއެވެ. "މިއީ ބަރަކާތްތެރި ދުވަހެކެވެ. އެދުވަހަކީ
އިސްރާއީލުގެ ދަރިން ފިރުއަޢުނުގެ އަނިޔާވެރިކަމުން މާތްﷲ ސަލާމަތްކުރެއްވެވި ދުވަހެވެ.
އެހެންކަމުން އެކަމަށްޓަކައި މާތްﷲ އަށް ޝުކުރުއަދާ ކުރެއްވުމުގެ ގޮތުން މޫސާ އަލައިހިއްސަލާމް
އެދުވަހު ރޯދަފުޅަށް ހުންނެވިއެވެ." އެހިނދު ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ
ހަދީސްފުޅުކުރެއްވިއެވެ. "އެބައިމީހުންނަށްވުރެ ތިމަންމެން މޫސާގެފާނާއި ގާތްކަންބޮޑެވެ.
އަދި މޫސާގެފާނު އެދުވަހު ރޯދަފުޅު ހިއްޕެވިއެވެ." އަދި އެކަލޭގެފާނުގެ އުންމަތަށް
އެދުވަހު ރޯދަހިފުމަށް އެންގެވިއެވެ. ކުރިން އާޝޫރާދުވަހުގެ ރޯދައަކީ މުސްލިމުންގެ
މައްޗަށް ފަރުޟުކުރެވިފައިވާ ރޯދައެއް ނަމަވެސް ހިޖުރައިން ދެވަނަ އަހަރު މުސްލިމުންގެ
މައްޗަށް މުޅި ރަމަޟާން މަސް އެއްކޮށް ރޯދަހިފުން ފަރުޟުކުރެއްވުމާއެކު އާޝޫރާދުވަހުގެ
ރޯދަ ސުންނަތްވެގެން ދިޔައީއެވެ.
މުސްލިމާއި އަބޫދާވޫދު ރިވާކުރެއްވި ހަދީސްފުޅެއްގައިވެއެވެ.
އިބްނު އައްބާސް ވިދާޅުވިއެވެ. އިތުރު އެކަލޭގެފާނު އާޝޫރާދުވަހު ރޯދައަށް ހުންނަވާ
މީސްތަކުންނަށް އެގޮތަށް ޢަމަލުކުރުމަށް އެންގެވިއެވެ. އެހިނދު އެކަލޭގެފާނަށް ސުވާލުކުރެވުނެވެ.
"އޭ މާތްﷲ ގެ ރަސޫލާއެވެ. އެދުވަހަކީ ޔަހޫދީންނާއި ނަޞާރާއިން މުގައްދަސް ދުވަހެއްގެގޮތުގައި
ދެކޭދުވަހެކެވެ." އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އިރާދަކުރެއްވިއްޔާ
ދެންއަންނަ އަހަރެއްގެ ނުވަވަނަ ދުވަހުވެސް އަހަރުމެން ރޯދައަށް ތިބޭނީއެވެ." އިމާމް އަލް ތިރްމިޒީ
ރަޟިﷲއަންހު ރިވާކުރެއްވިއެވެ. އިބްނު އައްބާސް ރަޟިﷲއަންހު ވިދާޅުވިއެވެ. "ޔަހޫދީންނާއި
ތަފާތުވެ ގަތުމަށްޓަކައި މުޙައްރަމް މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ރޯދަ ހިފާށެވެ."
ބައެއް ޢިލްމުވެރިން ވިދާޅުވާގޮތުގައި އާޝޫރާ
ދުވަހުގެ ރޯދަ ހިފުމުގައި ޖެހިޖެހިގެން ތިންދުވަހު ރޯދައަށް ހުރެވިދާނެއެވެ. އެގޮތުން
9، 10 އަދި 11 ވަނަ ދުވަހު ރޯދަހިފިދާނެއެވެ. ނުވަތަ ދެދުވަހު ރޯދަހިފިދާނެއެވެ. އެގޮތުން
9 އަދި 10 ވަނަ ދުވަހު ރޯދަ ހިފިދާނެއެވެ. އަދި ހަމައެކަނި 10 ވަނަ ދުވަހު ރޯދަ ހިފުމަކީވެސް
އެންމެރަނގަޅުކަމެކެވެ. ނަމަވެސް އިސްވެދެންނެވުނު ހަދީސްފުޅުން ސާބިތުވާފަދައިން ޔާހޫދީންނާއި
ނަޞާރާއިންގެ އާދަތަކާއި އަޅުގަނޑުމެން މުސްލިމުން ތަފާތުވެގަތުމީ އެދެވިގެންވާ ގޮތެވެ.
އަދި ރަސޫލޫﷲ ޞައްލަﷲ އަލައިހިވަސައްލަމަ ވަނީ އެގޮތަށް ޢަމަލުކުރުމަށް އުންމަތަށް
އިރުޝާދުދެއްވާފައެވެ. އާޝޫރާ ދުވަހުގެ ރޯދައިގެ
މާތްކަމާއި ބެހޭގޮތުން އެތަކެއް ހަދީސެއް ވާރިދުވެގެންވެއެވެ. އެހެންކަމުން އެދުވަހު
ރޯދައަށް ހުރުމަކީ ގިނަގުނަ ސަވާބާއި ދަރުމަ ލިބިގެންދާނޭ މަތިވެރި ސުންނަތެކެވެ.
އަބޫ ހުރައިރާގެ އަރިހުން ވާރިދުވެފައިވާ
ހަދީސްފުޅެއްގައިވެއެވެ. ތިމަންކަލޭގެފާނު ރުސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމައަށް
ދެންނެވީމެވެ. "ފަރުޟު ނަމާދަށްފަހު އެންމެ ރަނގަޅު ނަމާދަކީ ކޮބައިތޯއެވެ؟"
އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "ރޭގަނޑުގެ ދަމުނަމާދެވެ" ދެން ތިމަން
ދެންނެވީމެވެ. "ރަމަޟާންމަހުގެ ފަރުޟު ރޯދައަށްފަހު އެންމެ ރަނގަޅު ރޯދައަކީ ކޮބައިތޯއެވެ؟"
އެކަލޭގެފާނު ހަދީސްކުރެއްވިއެވެ. "އެއީ މާތްﷲ ގެ މަސް ނުވަތަ މުހައްރަމްމަހުގައި
ހިފާ ރޯދައެވެ." (އަޙްމަދު، މުސްލިމް އަދި އަބޫ ދާވޫދް) އަދިވެސް އާޝޫރާ ދުވަހާއި
ގުޅޭގޮތުން ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ހަދީސްކުރައްވާފައިވާ ބަސްފުޅެއްގެ
މާނައިގައިވެއެވެ. "އާޝޫރާދުވަހު
ރޯދަހިފުމަކީ ގިނަގުނަ ދަރުމަލިބެނިވި ކަމެކެވެ. އަދި އެދުވަހު ހިފާ ރޯދައިގެ ސަބަބުން
ފާއިތުވެ ގޮސްފައިވާ އަހަރުގެ ފާފަތަށް މާތްﷲ ފުއްސަވާދެއްވާނެއެވެ."
ކަންމިހެން އޮތްނަމަވެސް އަޅުގަނޑުމެން
ދެނެގަންނަން ޖެހޭ ހަޤީޤަތަކީ މިފަ އަޅުކަންތަކުގެ ސަބަބުން ފޮހެވިގެންދާނީ އަޅުގަނޑުމެންނަށް
ކުރެވޭ ކުދި ފާފަތައްކަމެވެ. އެހެންކަމުން ބޮޑެތި ފާފަތަކުން ދުރުވެ އެފަދަ ފާފަތަކުން
ތަޢުބާވެ ރައްކާތެރިވެގެން ތިބުމީ އަބަދުމެ އަޅުގަނޑުމެން ކުރަންޖެހޭނޭ ކަމެކެވެ. މިގޮތުން
އަހަރަކު އެއްފަހަރު ހިފާ ރޯދައަކުން ނުވަތަ ކޮށްލާ ނަމާދަކުން ތިމާކުރިނަމަ ކޮށްފައިވާ
ހުރިހާ ފާފައެއް ފުހެވިގެންދާނޭ ކަމަށް ޤަބޫލުކޮށްގެން ނުވާނެއެވެ. އެފަދަ މީހުންނަކީ
ހަމައެކަނި އެމީހެއްގެ ދުލުކުރިން މާތްﷲ އަށާއި އެކަލާންގެ ރަސޫލާއަށް އީމާންވާމީހުންނެވެ.
އަދި ހަމަ އެއާއިއެކު ފަރްޟު އަޅުކަންތަކަށް ސަމާލުކަންދީ މާތްﷲ ހަރާމްކުރައްވާފައިވާ
އެންމެހާ ފާފަތަކާ މުންކަރާތްތަކުން ތިމާ ދުރިހެލި ވާންޖެހޭނެއެވެ. މިފަދަ އަޅުކަންތަކުގެ
ހަޤީޤީ ފައިދާ ލިބޭނީ އޭރުންނެވެ.
ކަން މިހެން އޮތުމާއިއެކު މިފަދަ ދުވަސްތަށް
އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓާ އެދުވަސްތަކުގެ ފައިދާ ލިބިގަތުމަކީ ކޮންމެހެންވެސް
ކުރަންޖެހޭނޭ ކަމެކެވެ. ޚާއްޞަގޮތެއްގައި މުޙައްރަމްމަހުގެ ދުވަސްތަކުގައި ރޯދަހިފުމަށް
މިއުންމަތުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަ ވަނީ ބާރުއަޅުއްވާފައެވެ.
1447 ވަނަ އަހަރުގެ އާޝޫރާ ދުވަަހަކީ
2025 ވަނަ އަހަރުގެ ޖުލައި މަހުގެ 5 ވަނަ ދުވަހެވެ. އެހެންކަމުން މި ދުވަހާއި
މިދުވަހުގެ އިތުރުން ތާސޫޢާ ދުވަހު ރޯދަހިފައި އިސްރާއީލީންނާ ތަފާތުވުމުގެ
އިތުރުން، މި ދުވަހުގެ ރޯދައިގެ ސަބަބުން ފާއިތުވެ ގޮސްފައިވާ އަހަރުގެ ކުދި
ފާފަތަށް ފުއްސެވޭ މީހުންގެ ލިސްޓުން ޖާގަ ހޯދުމަކީ އަޅުގަނޑުމެން ކޮންމެ މީހެއްގެ
ވެސް ޢަޒުމަކަށް ހަދަމާ ހިނގާށެވެ!