އޮންލައިން ޓާސްކު 7
ހުރިހާ ކުދިން ބައިވެރިކޮށްގެން އުނގަންނައިދިނުމުގެ
ސިޔާސަތު
އުނގެނުމުގެ ޙައްޤަކީ ހަމަހަމަ ފުރުޞަތެއްގައި ހުރިހާ
ކުދިންނަށް ލިބިދޭންޖެހޭ ޙައްޤެކެވެ. އެގޮތުން ރަސްމީތަޢުލީމުގެ ތެރެއިން އެއްވެސް
ކުއްޖަކު ބާކީ ނުކޮށް ހުރިހާ ކުދިން ޝާމިލުކޮށްގެން އުނގަންނައިދިނުމުގެ
ސިޔާސަތަކީ 2013 ވަނަ އަހަރުން ފެށިގެން ދިވެހިރާއްޖޭގެ ހުރިހާ ސުކޫލެއްގައި
ތަންފީޒުކުރަމުން އަންނަ ސިޔާސަތެކެވެ. މި ސިޔާސަތުގެ ދަށުން އުނގެނުމުގައި ޚާއްޞަ
އެހީތެރިކަމަށް ބޭނުންވާ ކުދިން ޝާމިލުކޮށްގެން އުނގަންނައިދިނުމަށް ރާއްޖޭގެ
ސުކޫލުތަކަށް ލާޒިމުކުރެއެވެ. މީގެއިތުރުން މިފަދަ ކުދިންނަށް ޤައުމީ މަންޙަޖުގައި
ހިމެނޭ އައުޓުކަމްސްތައް ޙާޞިލުކުރުމުގައި ހަމަހަމަ ފުރުޞަތުތަކެއް ހޯދާދިނުމަށް
ވެސް ލާޒިމުކުރެއެވެ.
ހުރިހާ ކުދިން ބައިވެރިކޮށްގެން އުނގަންނައިދިނުމުގެ
ސިޔާސަތަކީ އޭގެ ޛާތުގައި ވަރަށް ރަނގަޅު ސިޔާސަތެކެވެ. ނަމަވެސް ސިޔާސަތު
ރަނގަޅުވުމަކުން ނިމުނީއެއް ނޫނެވެ. ސިޔާސަތެއް ކަނޑައެޅުމުގެ ޙަޤީޤީ މާނައަކީ
ކަމެއް ކުރުމުގައި ދިމާވާ ކަންތައް ދެނެގަނެ
އެ ކަނޑައެޅި ސިޔާސަތުގެ ދަށުން އެކަންތައް ރަނގަޅުކުރެވޭނެ ގޮތްތައް
ބަލައި އޭގައި ހުރި މައްސަލަތައް ދެނެގަނެ އެކަންތައް ރަނގަޅުކުރުމެވެ.
ދިވެހިރާއްޖޭގެ ހުރިހާ ސުކޫލެއްގައި ވެސް މި ސިޔާސަތު ތަންފީޒުކުރާކަމަށް ތަޢުލީމީ
ވުޒާރާގެ އިސްވެރިންތައް ދަނީ އަޑުހަރުކޮށް ބުނަމުންނެވެ. އެހެންނަމަވެސް
ޙަޤީޤަތަކީ މި ސިޔާސަތު ރަނގަޅު ފެންވަރެއްގައި ތަންފީޒުކުރެވެނީ ވަރަށް މަދު
ސުކޫލެއްގައެވެ. ގިނަ ސުކޫލުތަކަށް ވަނީ މި ސިޔާސަތު ތަންފީޒުކުރުމުގައި
ދަތިތަކާއި ކުރިމަތިލާންޖެހިފައެެވެ.
ދިވެހިރާއްޖޭގައި ތަންފިޒުކުރަމުން މިދާ އިންކުލޫސިވް
ޕޮލިސީގެ ދެވަނަ ބާބުގެ 7 ވަނަ ބައިގެ (ހ) ގައި ބަޔާންކޮށްފައިވާ ބަޔަށް
ބަލާއިރު، އާދަޔާ ޚިލާފަށް އާދަޔާ ޚިލާފަށް ތޫނުފިލި ކުދިންނަށް (ގިފްޓެޑް
ސުޓޫޑެންޓް) ތަޢުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު އެކުލެވެއެވެ. މި ސިޔާސަތަށް
ބަލާއިރު މިފަދަ ކުދިންގެ ތޫނުފިލިކަމަށް ބަލައި ތަޢުލީމީ މަރުހަލާތައް
ގިރާކުރެވޭނޭ ނިޒާމެއް ސުކޫލުތަކުގައި ޤާއިމުވެފައި ވާނެއެވެ. މި ސިޔާސަތަށް
ބަލާއިރު އަޅުގަނޑުމެންގެ ސުކޫލުތަކުގެ ތެރެއިން މަދު ސުކޫލެއްގައި މެނުވީ މިފަދަ
ކުދިންނަށް ޚާއްޞަކޮށްގެން ޓްރާންސިޝަން
ޕްލޭނެއްގެ ނިޒާމެއް ޤާއިމުކުރެވިފައި ނެތެވެ. އަދި މިފަދަ ކުދިންނަށް ޚާއްޞަކޮށްގެން ސެން ކުލާސްތަކުގެ
ނަމުގައި ކުރިއަށްގެންދާ ކުލާސްތައް ފިޔަވައި ޢާއްމުކޮށް ކިޔަވާދެވޭ އެއްވެސް
ކުލާހެއްގައި އެފަދަ ކުދިންނަށް ޚާއްޞަކޮށްގެން މިފަދަ އެއްވެސް ޙަރަކާތެއް
ހިންގާތަން ފެނިފައިނުވެއެވެ. މިފަދަ ކުދިންނަށް ވެސް އުނގަންނައިދެނީ ޢާއްމު
ދަރިވަރުންނަށް ކިޔަވާދެވުމަށް ތައްޔާރުކުރެވިފައިވާ ލެސަންޕެލޭންތަކުގެ
އެހީގައެވެ. އެހެންކަމުން ބުނެވެނީ ސިޔާސަތެއް އޮތަކަށް އާދަޔާޚިލާފަށް
ތޫނުފިލިކަން ހުންނަ ކުދިންނަށް ޚާއްޞަކޮށްގެން އުނގަންނައިދިނުމުގެ ހަރުފަތްތައް
ގިރާކުރެވޭނެ ނިޒާމެއް ސުކޫލުތަކުގައި ޤާއިމުކުރެވިފައި ނުވާކަމަށެވެ.
ދިވެހިރާއްޖޭގައި ތަންފިޒުކުރަމުން މިދާ އިންކުލޫސިވް
ޕޮލިސީގެ ދެވަނަ ބާބުގެ 7 ވަނަ ބައިގެ (ށ) ގައި ބަޔާންކޮށްފައިވާ ބަޔަށް
ބަލާއިރު، އާދަޔާއި ޚިލާފަށް ތޫނުފިލިކަން ހުންނަ ކުދިންނާއި، އުނގެނުމުގައި
ތަފާތު މައްސަލަތައް ދިމާވާ ކުދިންނާއި، އިތުރު އެހީތެރިކަމަށް ބޭނުންވާ
ކުދިންނަށް ރިޢާޔަތްކޮށްގެން އެކުދިންގެ ފެންވަރު ވަޒަންކުރުމުގައި އައި.އީ.ޕީ
(އިންޑިވިޖުއަލް އެޑިއުކޭޝަން ޕްލޭން) އެކުލަވާލައި އެ ޕުލޭން އަހަރެއްގެ ތެރޭގައި
2 ފަހަރު ރިވިއުކުރުމުގެ ސިޔާސަތެވެ. މިސިޔާސަތުގެ ދަށުން މިވާ އައި.އީ.ޕީ
ސުކޫލުތަކުގައި ދަނީ ފުރަމުންނެވެ. ނަމަވެސް އެއީ ޚާއްޞަކުރެވޭ ވަކި ކުދިން
ތަކަކަށް ނޫނެވެ. އެއީ އެ ސުކޫލެއްގައި ކިޔަވާ ހުރިހާ ދަރިވަރުން ޝާމިލުވާ ގޮތަށް
ފުރޭ ފޯމުތަކެކެވެ. މީގެއިތުރުން ފޯމުތައް ފުރުމަށް ފަހު އެ ފޯމުތަކަށް
ރިޢާޔަތްކޮށްގެން ފޯމުތައް ރިވިއުކޮށް ބެލެމުން ނުދާކަން ފާހަގަވެއެވެ. އަދި
ވަކިން ޚާއްޞަކޮށް ތޫނުފިލިކަން ހުންނަ ކުދިންނަށް ފުރޭ ފޯމުތަކުގައި އެކުދިންގެ
ހުނަރު އިތުރަށް ތަރައްޤީކޮށް ރަނގަޅު ގޮތުގައި އެ ހުނަރު ބޭނުންކުރެވޭނެ
ނިޒާމުތަކެއް ކަނޑައެޅިފައެއް ނުހުރެއެވެ. އެހެންކަމުން ބެނުވޭނީ މި ސިޔާސަތުގެ
ދަށުން ކަނޑައެޅިފައިވާ މިވާ ބާބަށް ވެސް ތަންފީޒުނުކުރެވެއެވެ.
ދިވެހިރާއްޖޭގައި ތަންފިޒުކުރަމުން މިދާ އިންކުލޫސިވް
ޕޮލިސީގެ ދެވަނަ ބާބުގެ 7 ވަނަ ބައިގެ (ނ) ގައި ބަޔާންކޮށްފައިވާ ބަޔަށް
ބަލާއިރު، އާދަޔާއި ޚިލާފަށް ތޫނުފިލިކަން ހުންނަ ކުދިންނާއި، އުނގެނުމުގައި
ތަފާތު މައްސަލަތައް ދިމާވާ ކުދިންނާއި، އިތުރު އެހީތެރިކަމަށް ބޭނުންވާ
ކުދިންނަށް ރިޢާޔަތްކޮށްގެން، ޤައުމީ މަންޙަޖުގައިވާ ލަނޑުދަނޑިތައް
ޙާޞިލުކުރުމަށްޓަކައި އުނގަންނައިދިނުމުގެ ވައްޓަފާޅިއަށް ގެންނަންޖެހޭ
ބަދަލުތަކުގެ ސިޔާސަތެވެ. މި ސިޔާސަތަށް ބަލާއިރު އުނގަންނައިދިނުމުގެ
ވައްޓަފާޅިއަށް ބޮޑެތި ބަދަލުތަކެއް ރާއްޖޭ ސުކޫލުތަކުގައި ވަނީ ގެނެސްފައެވެ.
ނަމަވެސް ބަދަލު އައީ އުނގަންނައިދިނުމުގެ ވައްޓަފާޅިއަށެވެ. ޚާއްޞަކޮށްގެން
އުނގަންނައިދޭން ޖެހޭ ކުދިންނަށް އުނގަންނައިދިނުމަކަށް ނޫނެވެ. ފިލާވަޅުތައް
ރޭވެނީ އެއް ޕްލޭނެއްގެ ދަށުން އެއް ހަރަކާތްތަކެއް ހިމަނައިގެންނެވެ. ތަފާތު
ފެންވަރުގެ ތަފާތު ކުދިންނަށް އުނގަންނައިދިނުމަށް ބަދަލު ގެނެވިފައިވާނަމަ އެއް
ލަނޑުދަނޑިއެއް ޙާޞިލުކުރަން ވިޔަސް ތަފާތު ފެންވަރު ތަފާތު ޙަރަކާތްތަކުގެ
ތެރެއިން ހުރިހާ ކުދިންނަށް އެއްވަރަކަށް ޙާޞިލުކޮށްދެވޭނެ ގޮތް ވާނީ
ޕުލޭންކުރެވިފައެވެ. އެހެންކަމުން މި ސިޔާސަތުވެސް ތަންފީޒުކުރެވެޔޭ ބުނެވޭކަށް
ނެތެވެ.
ދިވެހިރާއްޖޭގައި ތަންފީޒުކުރަމުން މިދާ އިންކުލޫސިވް
ޕޮލިސީގެ ދެވަނަ ބާބުގެ 7 ވަނަ ބައިގެ (ރ) ގައި ބަޔާންކޮށްފައިވާ ބަޔަށް
ބަލާއިރު، އާދަޔާއި ޚިލާފަށް ތޫނުފިލިކަން ހުންނަ ކުދިންނާއި، އުނގެނުމުގައި
ތަފާތު މައްސަލަތައް ދިމާވާ ކުދިންނާއި، އިތުރު އެހީތެރިކަމަށް ބޭނުންވާ
ކުދިންނަށް ރިޢާޔަތްކޮށްގެން މުދައްރިސުން ތަމްރީނުކުރުމުގެ ސިޔާސަތެވެ. ސެން
ކުލާސްތަކުގައި ކިޔަވާ ދެއްވާ މުދައްރިސުންނަކީ ތަމްރީނުކުރެވިފައިވާ
މުދައްރިސުންތަކެކެވެ. އެހެންނަމަވެސް އާދައިގެ ކުލާސްތަކުގައި ކިޔަވާ ދެއްވާ
މުދައްރިސުންގެ ތެރެއިން 90% ވަރަކަށް މުދައްރިސުންނަކީ ހުރިހާ ކުދިން ޝާމިލުކޮށްގެން
އުނގަންނައިދިނުމަށް ތަމްރީނުކުރެވިފައިވާ މީހުންނެއް ނޫނެވެ. މިފަދަ ސިޔާސަތެއް
ޤާއިމުކޮށް ޤައުމީ ފެންވަރެއްގައި މަސައްކަތްކުރެވޭ އިރު މުދައްރިސުންގެ ގޮތުގައި
ތަމްރީނުވެގެން ނިކުންނަ ކުދިންނަކީ މިކަމަށް ހޭލުންތެރި ކުދިންނަށް ހެދުމަކީ
އުނގަންނައިދިނުމުގެ ފެންވަރު ރަނގަޅުކުރުމަށް ނުހަނު ބޭނުންތެރި ކަމެކެވެ.
އެހެންނަމަވެސް ތަމްރީނު ކުރެވެނީ އުންގަންނައި ދިނުމަށްވެ ޚާއްޞަކޮށްގެން
އުނގަންނައިދޭކަށް ނޫނެވެ. އެހެންކަމުން މިސިޔާސަތަކީ ވެސް އެންމެ އެކަށީގެންވާ
ގޮތެއްގައި ތަންފީޒުކުރެވޭ ސިޔާސަތެކޭ ދެންނެވޭކަށް ނެތެވެ.
ރިފަރެންސް
No comments:
Post a Comment