ކާމިޔާބު ރަމަޟާން މަސް
އޭރު އަހަރެންގެ ޢުމުރުން އެންމެ 13
އަހަރެވެ. އަހަރެންގެ ޢުމުރުން 13 އަހަރު ފުރުނު އަހަރަކީ މުޅި އިންސާނިއްޔަތު
އެއަހަރަށްޓަކައި ތަފާތު ތަޞައްވަރުތަކެއް ކުރަމުން ދިޔަ އަހަރެކެވެ. އިޖުތިމާޢީ
ގޮތުންނާ އިޤްތިޞާދީގޮތުން އާ އުސްމިންތަކަކަށް ދަތުރު ކުރެވޭނެ ކަމުގެ ހުވަފެންތަކެއް
ދެކެމުން ދިޔަ އަހަރެކެވެ. ނަމަވެސް ކަންތައް ދިމާވީ މުޅިން އިދިކޮޅަށެވެ. މީހުންގެ
ތަޞައްވަރު ކުރުން ވެއްޔާ މޮޑެވިގެން ދިޔައެވެ. ދުނިޔެ އެތަށް އަހަރު ފަހަތަށް
ޖެހިގެން ދިޔައެވެ. މިހާ ހިސާބަށް ދުނިޔެ ނުދެކޭ ފަދަ ޢާލަމީ ވަބާއެއް މުޅި
ދުނިޔެއާ ކުރިމަތިވި އެވެ. އޭގެ ސަބަބުން ދުނިޔޭގެ ހުރިހާ ހިސާބެއް ވެސް ހާލުގައި
ޖެހި މުއްސަނދިން ކުޑަ ކަކޫ މައްޗަށް ތިރިވި އެވެ. މި ވަބާގެ ރަހަ އެބައެއްގެ
އަރުތެރެއަަށް ނުދާ އެއްވެސް ބަޔަކު ނެތެވެ. ފަޤީރެއް މުއްސަންޖެއް ކަޅެއް ދޮނެއް
މުސްލިމެއް ކާފަރެއް ތަފާތު ކުރުމެއް ނެތެވެ. ދުނިޔޭގެ ރަސްކަންކުރާ ބަޔަކީ
ތިމަންނާމެން ކަމަށް ދުށް އެމެރިކާ ވެސް އޮތީ ފިށަށްތިލަވެ ކުޑަ ކަކޫ މައްޗަށް
ތިރިވެފަ އެވެ. ދެން ފަޤީރު ޤައުމުތަކުގެ ޙާލު އޮންނާނެ ގޮތާ މެދު ތަޞައްވަރު
ހިންގާލާށެވެ.
މި ބަލިމަޑުކަން އެންމެ ވަރުގަދައަށް ދޮންވެ
ފައްކާވި ދުވަސްވަރު ވެގެން ދިޔައީ 1410 ވަނަ އަހަރުގެ ރޯދަމަހަށެވެ. މީހުންގެ
ބަލިކަށި ސިކުނޑިތަކަށް ވިސްނިފައި ވާގޮތުން ރޯދަ މަހަކީ ކެއުމާއި ކުޅިވަރުގެ
މައްސަރެކެވެ. ރޯދަ މަސް ކައިރިވަމުން އަންނަ ވަރަކަށް އެ މަހުގައި ކުޅޭނެ
ކުޅިވަރުތަކަށް ޤައުމީ ފެންވަރުގައްޔާއި ފަރުދުންގެ ފެންވަރުގައި ތައްޔާރުވެއެވެ.
ސުފުރާމަތި ފަޅުފިލުވައިލުމަށްޓަކައި ބޭނުންވާ ސާމާނު ގަނެ ގުދަންކުރެއެވެ.
ނަމަވެސް 1410 ވަނަ އަހަރުގެ ރޯދަ މަސް ވެގެން ދިޔައީ ވަރަށް ތަފާތު
މައްސަރަކަށެވެ. އާދަކާދައިގައި ކުޅިވަރާ ކެއުމުގެ މަހެއްގެ ގޮތުގައި ކުލަ ޖެހިފައިވާ
މި މަސް އެ އަހަރުގެ ރޯދަމަހުގައި ވެގެންދިޔައީ މުޅިން ތަފާތު މަހަކަށެވެ. ހުރިހާ
ކަމެއްވެސް ހަމަޖެހިފައިވީ ވަކި އިންތަކެއްގެ ތެރޭގައެވެ. ކެއުމާއި ބުއިން ވެސް
ވަނީ ހައްދެއްގެ ތެރޭގައެވެ. އަމުދަކުން ބޭރަށް ދިއުން ހަރާންފަދައެވެ. ފިނިބުރު
ޖަހަން ދިއުން ވެފައިވީ އަދަބުލިބޭ ކުށެއްގެ ގޮތުގައެވެ. ވަޡީފާ އަދާކުރަމުން ދިޔަ
މީހުންގެ ވަޡީފާތައް ގެއްލި އަތްމަތި ދަތިވެފައެވެ. މިސްކިތްތަކާއި މަދަރުސާތަކާއި
ފިހާރަތައް ވަނީ ބަންދުކުރެވިފައެވެ.
މިނިކަމެތި ނާޒުކު ދަނޑިވަޅު ވެގެން ދިޔައީ
މުސްލިމުންނަށް އެމީހުންގެ ވެރި ރައްބާ ގުޅުން ޤާއިމުކުރަން ލިބިގެންދިޔަ ރަނުގެ
ފުރުޞަތަކަށެވެ. މިސްކިތަށް ބަންދުކޮށްފައި ހުއްޓަސް ގޭގައި ޖަމާޢަތް ހަދައިގެން
އަނބިދަރިން ގޮވައިގެން ނަމާދުކޮށް ސުންނަތް އަޅުކަންތައް ކުރަމުން ގެންދިޔައެވެ.
ގޭގޭތަކާއި މަގުތައްމަތި ގުގުމާފައިވަނީ ކީރިތި ޤުރުއާން ކިޔަވާ އަޑުންނެވެ.
އެ ރޯދަމަސް ފެށެންވާ އިރަށް ގޭގެ
ސިޓިންރޫމުގެ އެއްބައި ހުސްކޮށް ކުޑަކުޑަ މިސްކިތެއް ތައްޔާރު ކުރެވުނެވެ. އަދި އެ
ރޯދަމަހުގައި ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިމެނޭ ލިސްޓުތަކެއް ތައްޔާރު ކުރުމަށް
ފަހު ކޮންމެ މީހަކަށް ކޮޕީއެއް ނަގައި މިސްކިތުގެ (ގޭގައި ތައްޔާރުކުރެވިފައިވާ) ފާރުގައި
ތަތްކުރެވުނެވެ. އަދި އެ ޗެކް ލިސްޓު ދުރުގައިވާ އާއިލީ ކުދިންނަށް
ވައިބާކުރެވުނެވެ. ތައްޔާރު ކުރެވުނު މިސްކިތުގައި ފަރުޟު ފަސް ނަމާދު
ޖަމާޢަތުގައި ކުރެވުނެވެ. ޖަމާޢަތުގެ އިމާމަކަށް ހުންނެވީ އަހަރެންގެ ބައްޕައެވެ.
ކޮންމެ ނަމާދަކަށް ފަހު ގެއިން ކޮންމެވެސް އެއް ކުއްޖަކުގެ ދީނީ ނަސޭޙަތްދިނުން
އޮވެއެވެ. އެގޮތުން އަހަރެންވެސް 10 ވަރަކަށް ދުވަހު ނަސޭޙަތްދިނީމެވެ.
ނަމާދަށްފަހު އޮންނަނީ ޤުރުއާން ކިޔެވުމެވެ. ކޮންމެ ދުވަހަކު ރޯދަ ވިއްލާ
ގަޑިޖެހެންދެން ސުފުރާދޮށުގައި ތިބެ ޛިކުރުކުރުން އޮވެއެވެ. އެކި މީހުން ކުރަނީ
އެކި ޛިކުރެވެ. އަދި ކޮންމެ ނަމާދަކަށްފަހު ދިމާވެގެން އުޅުނު ވަބާއިން ދިވެހި
ގައުމާއި އިންސާނި ނަސްލު ޙިމާޔަތްކޮށް ދެއްވުން އެދި ދުއާކުރުން އޮވެއެވެ.
އެ އަހަރުގެ ރޯދަމަހަކީ އެންމެ ނަމާދެއް
ވެސް ދޫކޮށްނުލައި ހުރިހާ ނަމާދެއް އޭގެ ވަގުތުގައި ކުރެވުނު މައްސަރެކެވެ.
އެހެންޏާ ސުކޫލުގެ ބައެއް މަސައްކަތް ނުނިމިގެން ނުވަތަ ކޮންމެވެސް އެހެންކަމެއް
ނުވެގެން ތިއްބާ ވަގުތު ދާފަހަރު މަދެއް ނޫނެވެ. ގުރުއާން ވެސް ކިޔެވެނީ ދުވާލަކު
ފޮތެއްވަރުއެވެ. ނަމަވެސް އެ އަހަރުގެ ރޯދަމަހުގައި ޚަތިމް ކުރެވުނު ޢަދަދެއް ވެސް
ނޭނގެއެވެ. ހަމަޔަގީނުންވެސް 5 ވަރަކަށް ޚަތިމް ކުރެވިފައިވާނެއެވެ. އެއަހަރުގެ
ރޯދަމަހުގައި ދަސްކުރި ޛިކުރުތަކާއި ދުޢާތައް އަހަރެން ޢުމުރުން މިހާ ހިސާބަށް
އައިއިރުވެސް ހަނދާނުން ފިލައި ނުދެއެވެ. އެހެން އަހަރުތަކާ ޚިލާފަށް އެއަހަރު
އެހެން އާކަމެއް ވެސް ކުރެވުނެވެ. އެއީ ޓީވީ ބަލަން ވަކި ގަޑިއެއް ހަމަޖެއްސުމެވެ.
އެގަޑިއަށް އަހަރުމެން އެންމެން ނަލަ ހެދިލައިގެން ޓީވީކައިރިއަށް ދަމެވެ. ޓީވީން
އަހަރުމެން ބަލަނީ ބަލިމަޑުކަމުގެ އެންމެ ފަހުގެ ތަފްސީލު ގެނެސްދިނުމަށް ބާއްވާ
ނޫސްވެރިންގެ ބައްދަލުވުމެވެ. އެއީ ވަރަށް ތަފާތު މައްސަރެކެވެ. އެއީ އަހަރެންގެ ޙަޔާތުގައި ތަޖުރިބާކުރި އެންމެ
އުފާވެރި ރޯދަމަހެވެ.