މުންކަރާތްތަކަށް ނޫނެކޭ ބުނަމާ !!!
ކީރިތި ރަސޫލާ މުޙައްމަދު (ﷺ) ޙަޔާތްޕުޅުން މުސްލިމުން ފިލާވަޅު ލިބިގަންނަންޖެހެއެވެ. އެކަލޭގެފާނު 23 އަހަރު ވަންދެން މިސްތަކުންނަށް އިސްލާމީ ޝަރީޢަތް ބަޔާން ކޮށްދެއްވުމުގައި ހޭދަ ކުރެއްވިއެވެ. މީސްތަކުންގެ ތެރެއިން އެންމެ ހެޔޮ ބޭކަލަކީ ކީރިތި ރަސޫލާ މުޙައްމަދު (ﷺ) އެވެ. ބެލެނިވެރިކަމުގެ އެންމެ ހެޔޮ ނަމޫނާ ދެއްކެވީ ކީރިތި ރަސޫލާ މުޙައްމަދު (ﷺ) އެވެ. އެކަލޭގެފާނަށް ދަރިކަލުންނާއި ދަރިކަނބަލުން ލިބިވަޑައިގެންނެވިއެވެ. ކާފަ ދަރިކަލުން ވެސް ލިބިވަޑައިގެންނެވިއެވެ. 23 އަހަރު ވަންދެން އިސްލާމްދީން ދަސްކޮށްދެއްވަން ހޭދަކުރެއްވި ހިނދު، އެންމެ ފަހަރަކު ވެސް އަމިއްލަފުޅު އުފަންދުވަސް ފާހަގަ ނުކުރައްވައެވެ. އަދި އެކަލޭގެފާނު ލޮބުވެތި އަނބިކަނބަލެއްގެ އުފަންދުވަސް ނުވަތަ ދަރިކަލެއްގެ އުފަންދުވަސް ވެސް ފާހަގަ ނުކުރައްވައެވެ. އަދި އެކަލޭގެފާނުގެ ކާފަ ދަރިކަލެއްގެ އުފަންދުވަސް ވެސް ފާހަގަ ނުކުރައްވައެވެ.
ކައިވެނީގެ ވަލީމާ ފަދަ ޙަފްލާތައް
ބާއްވަން ވާގޮތް ދަސްކޮށްދެއްވައި އިރުޝާދުދެއްވި ހިނދު އުފަންދުވަސް ފާހަގަ
ކުރުމުގެ ގޮތުން ކުރަންވާ ކަންތައްތައް ބުނެ ނުދެއްވީ ކީއްވެގެން ހެއްޔެވެ؟ ވިސްނާ
ފިކުރުކުރާ ކޮންމެ މީހަކަށް އޭގެ ޖަވާބު ވަރަށް ސާފުކޮށް އެނގިގެންދާނެއެވެ. އެއީ ޢާއިލާއަށާއި
ދަރިންނަށް ރަނގަޅު ފައިދާހުރި ހެޔޮ ރަނގަޅު ކަމެއް ކަމުގައިވާނަމަ އެންމެ ފަހަރަކުވިޔަސް
އުއްމަތަށް އެކަން ކުރަންވާގޮތް ކިޔައި ދެއްވާނެތެވެ. އަދި އެކަލޭގެފާނުގެ
ޙަޔާތްޕުޅުގައި އެދުވަސް ފާހަގަކުރުމަށް ބާރު އެޅުއްވީހެވެ. ކީރިތި ރަސޫލާ (ﷺ) އާއި ސަލަފުއްޞާލިޙުންގެ
ދުވަސްވަރު މި މުނާސަބާ އެއްގޮތަކަށް ވެސް ފާހަގަކޮށްފައި ނުވެއެވެ. ޤަބޫލުކުރަން
ދަތިވިޔަސް އެއީ ޙަޤީޤަތެވެ.
މުސްލިމުން އަޙުންނާއި އުޚުތުންނޭވެ.
ތިބާހުން މިކަން ނަކަލު ކޮށްފައިވަނީ ޣައިރު މުސްލިމުން އެމީހުންގެ "ބާތްޑޭ
އާއި އެނިވާސަރީ ..." ފަދަ ދުވަސްތައް ފާހަގަ ކުރާތަން ފެނިގެންނެވެ.
ހިތާމަޔަކީ މުސްލިމުން ނަކަލު ކޮށްފައި މިވަނީ ޣައިރު މުސްލިމުންގެ ޘަޤާފަތާއި
އާދަކާދަތަކެވެ. ޣައިރު މުސްލިމުން ފާހަގަ ކުރާ ދުވަސްތަކާއި އާދަކާދަތަކުގައި
މުސްލިމުން ބައިވެރި ނުވުމަށް ﷲ ތަޢާލާވަނީ އަމުރު ކުރައްވާފައެވެ.
ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. " لَتَتْبَعُنَّ سَنَنَ
مَنْ كَانَ قَبْلَكُمْ شِبْرًا شِبْرًا وَذِرَاعًا بِذِرَاعٍ، حَتَّى لَوْ
دَخَلُوا جُحْرَ ضَبٍّ تَبِعْتُمُوهُمْ " قُلْنَا يَا رَسُولَ
اللَّهِ الْيَهُودُ وَالنَّصَارَى قَالَ " فَمَنْ ". البُخَاري ބުޚާރީގެ އަރިހުން ރިވާވެގެންވާ ޙަދީޘެއްގެ މާނައިގައި
ވެއެވެ. ”ހަމަކަށަވަރުން ތިޔަބައިމީހުންނަށްވުރެ ކުރިން އިސްވެދިޔަ މީސްތަކުންގެ
މަގުތަކަށް ތިޔަބައިމީހުން ތަބަޢަވާނެތެވެ. އެއީ ކައިވަކަތަށްފަހު ކައިވަތަކަށެވެ.
އަދި މުށަކަށްފަހު މުށަކަށެވެ. އެފަދައިން ތަބަޢަވަމުންގޮސް، އެބައިމީހުން ޟައްބެއް
އޮންނަ ހަރަކަށް ވަންކަމުގައި ވީނަމަވެސް، ތިޔަބައިމީހުން އެ މީހުންނަށް ތަބަޢަވުމަށް
އެކަން ކުރާނެތެވެ. އެހިނދު ޞަޙާބީން ދެންނެވި އެވެ. ﷲގެ ރަސޫލާއެވެ. ތިޔަ ވިދާޅުވަނީ،
މުސްލިމުން ޔަހޫދީނަށް އަދި ނަޞާރާއިންނަށް ތަބަޢަވާނެ ވާހަކަތޯ އެވެ؟ ޙަދީޘް ކުރެއްވިއެވެ.
ފަހެ، އެނޫން ކޮންބައެއް ހެއްޔެވެ؟“
މުސްލިމު އަޙުންނާއި އުޚުތުންނޭވެ.
ތިބާހުންގެ ބަހުން އެނގޭ ގޮތުގައި ޣައިރު މުސްލިމުންނަށް ތަބަޢަނުވެއެވެ. ﷲ ތަޢާލާ
އަމުރުކުރައްވާފައިވަނީ ވެސް އެފަދައިންނެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. މިފަދަ
ހަފްލާތައް ފާހަގަ ކުރުމުން މިވެވެނީ ތަބަޢަވުން ނޫން އެހެން ކޮންކަމެއް ހެއްޔެވެ؟
އަންގަވާފައިވަނީ ތަބަޢަ ނުވުމަށެވެ. ތިބާހުންގެ ބަހުން ތަބަޢަނުވަމޭ ބުނާއިރު ޢަމަލުތަކުން
މިފެންނަނީ މުޅިން އެހެން މަންޒަރެކެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. އުފަން ދުވަސް ފާހަގަ ކުރުމަކީ މުންކަރާތެވެ.
އުފަންދުވަސް ފާހަގަ ކުރުމަކީ ޔަހޫދީންނާއި ނަޞާރާއިން ކުރަމުން އަންނަ ކަމެކެވެ.
އެއީ އެއްވެސް އަޞްލެއް ޙަޤީޤަތެއް އޮތް ކަމެއް ނޫނެވެ. އަދި އޭގައި އެއްވެސް އަސާސެއް
ނުވެއެވެ. ﷲ ގެ ޢަދުއްވުން ކުރާ ކަންތައް ކޮށް އުޅުމަކީ އެއްވެސް
ޙާލެއްގައި ހުއްދަކަމެއް ނޫނެވެ. މިފަދަ އެއްވެސް ދުވަހެއް ފާހަގަ ކުރުން ތިބާހުންގެ
މައްޗަށް ހުއްދަވެގެނެއް ނުވެއެވެ.
މުސްލިމު
އަޚުންނާއި އުޚުތުންނޭވެ. މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. އަވާމެންދުރެއް ފަދަ
ތަނެކެވެ. އެއްވެސް އަގެއް ބުރަދަނެއް ނުވާ މިދުނިޔެއަށްޓަކައި ކާމިޔާބާއި ބާއްޖަވެރިކަން
ވިއްކައިނުލާށެވެ. ވަގުތީ އުފަލަށްޓަކައި ދާއިމީ އުފާ ވިއްކައިނުލާށެވެ. އެދުވަހެއްގެ މައްޗަށް އިރު އަރައިފިނަމަ އެދުވަސް ނިމެންދެން
ދުނިޔޭގައި ހުންނާނެކަމަށް އުއްމީދުނުކުރާށެވެ. އެންމެ ކައިރީގައި ވަނީ މަރުކަން
ހަނދާނުގައި ބަހައްޓާށެވެ. މުސްލިމު އަޙުންނާއި އުޚުތުންނޭވެ. އުފަން ދުވަސް ފާހަގަ ކުރުންފަދަ ޢަމަލަކީ ޙަޤީޤީ މުސްލިމުން ދަންނަ ކަމެއް ނޫނެވެ. އިސްލާމްދީނާ ބީރައްޓެހި މިފަދަ ޢަމަލުތަކުގެ މަސްތުގައި
މުސްލިމުންޖައްސައި މުސްލިމުން ވާވެއްދުމަކީ ޣައިރު މުސްލިމުންގެ ލަނޑުދަނޑިއެކެވެ.
ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ. ކާފަރުން މިވަނީ އެމީހުން ލަނޑުދަނޑި ޙާޞިލުކޮށްފައެވެ.
މުސްލިމުންގެ ތެރޭގައިވާ އީމާންކަން ބަލިކަށި ދީނާ ބީރައްޓެހި ބައެއްގެ ކިބައިގައި
މިފަދަ ކަންކަން ފާހަގަ ކުރުންވަނީ ފެޝަނަކަށްވެފައެވެ. މިފަދަ ބައެއްގެ ސަބަބުން
ކުޑަ ކުދިންގެ ހިތްތައްވަނީ ކިލަނބުވެފައެވެ. ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.
މުސްލިމު އަޚުންނާއި އުޚުތުންނޭވެ. ތިބާހުންގެ ތެރޭގައިވާ މިފަދަ މީހުންގެ ޢަމަލުތަކަށް ރައްކާތެރިވެ ހުށިޔާރުވާށެވެ. އެފަދަ މީހުންގެ ނުބައި ޢަމަލުތަކުން ތިބާހުންގެ ދަރިންތައް ރައްކާތެރިކޮށް ސަލާމަތްކުރާށެވެ. ހެވާއި ނުބައި ތުއްތު ކުދިންގެ ޅަސިނކުޑިތަކަށް ވައްދާށެވެ. އެވެނި މީހަކު ކުރާތީވެ ނުވަތަ މިވެނި މީހަކު ކުރާ ކޮންމެ ކަމެއް އެއީ ކުރަންޖެހޭ ކަންތައްތަކެއް ނޫންކަން ވިސްނައިދޭށެެވެ. މުސްލިމުން ކުރާ ކޮންމެ ކަމަކީ ﷲއާ އެއިލާހުގެ ރަސޫލާ ﷺ އެކަމެއް ކުރުމަށް އަންގަވާފައިވާ ކަންތައްކަން އެކުދިންނަށް ވިސްނައިދީ ކިޔައިދޭށެވެ. ކޮންމެ މީހަކު ކުރި ކަމުގައި ވިޔަސް ގޯސްކަމެއް ރަނގަޅެއް ނުވާނެކަން ބުނެދީ ވިސްނައިދީ އެފަދަ ކަންތަކުން އެކުދިން ރައްކާތެރިކުރާށެވެ. އަދި ތިބާހުންގެ މިތުރަކު މިފަދަ ހަފްލާއަކަށް ދަޢްވަތު ދީފިނަމަ އެފަދަ ދަޢްވަތުތަކަށް ނޫނެކޭ ބުނަން ލަދުވެތި ނުވާށެވެ. ﷲ އާ އެއިލާހުގެ ރަސޫލާ ނަހީ ކުރައްވާފައިވާ އެއްވެސް ކަމަކަށް ނޫނެކޭ ބުނަން ފަސްނުޖެހޭށެވެ. އެފަދަ ކަންކަމަށް ނޫނެކޭ ބުނެ މަނާކުރުމަކީ ފަޚުރެއްކަމުގައި ދެކޭށެވެ.
والله تعالى أعلم.
No comments:
Post a Comment