Featured Post

Ombey

Tuesday, March 17, 2020

ގުރޭޑު 5ގައި ކިޔަވަމުންދާ ދަރިވަރުންނަށް އެހީއެއް 5




ސުވާލާއި ޖަވާބު 


ޢަޤީދާ 2



1-    މާތް ﷲ އެއްކައުވަންތަ ކުރުމަކީ ކޮބައިހެއްޔެވެ؟

ޖ. އެއިލާހުގެ ރުބޫބިއްޔަތާއި އުލޫހިއްޔަތާއި އިސްމުފުޅުތަކާއި ސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ. މިއިން އެއްވެސް ކަމެއްގައި އެއިލާހާ ބައިވެރިވާ އެހެން ފަރާތެއް ނުވާކަން ޔަގީންކުރުމެވެ.

2-    ﷲ ތަޢާލާ ފިޔަވައި އެހެން ފަރާތަކަށް އަޅުކަން ކުރުން ޙައްގުވެގެން ނުވަނީ ކީއްވެ؟

ޖ. މީސްތަކުން ޚަލްޤުކުރައްވާ ފަރާތަކީ ހަމައެކަނި ﷲ ތަޢާލާ ކަމުގައިވާތީއެވެ. އަދި ﷲ ތަޢާލާ ފިޔަވައި އަޅުކަން ކުރެވޭ ތަކެއްޗަކީ އެއްވެސް ކަމެއް ފުއްދައިނުދެވޭ ބޭކާރު ތަކެއްޗަށް ވާތީއެވެ.

3-    އީމާންކަމަކީ ކޮބައިހެއްޔެވެ؟

ޖ. އީމާންކަމަކީ އިސްލާމްދީނުގައި އަންގަވާފައިވާ އެންމެހާ ކަންތައްތައް ހިތުން ތެދުކޮށް ޤަބޫލުކުރުމާއެކު ދުލުން އިޤްރާރުވެ ގުނަވަންތަކުން ޢަމަލުކުރުމެވެ.



4-    އީމާންކަމުގެ ރުކުންތަކަކީ ކޮބައިކަން ޙަދީޘެއްގެ އެހީގައި ކިޔައިދޭށެވެ!

ޖ. الإيمان أن تؤمن بالله وملائكته وكتبه ورسله وباليوم الآخر وبالقدر خيره وشره.



5-    އީމާންކަމުގެ އެންމެ މުހިންމު ރުކުނަކީ ކޮބައިހެއްޔެވެ؟

ޖ. އީމާންކަމުގެ އެންމެ މުހިންމު ރުކުނަކީ ﷲއަށް އީމާންވުމެވެ.



6-    ތައުޙީދަކީ ކޮބައިހެއްޔެވެ؟

ތައުޙީދަކީ ﷲ ތަޢާލާ އެއްކައުވަންތަ ކުރުމެވެ. އެއްކައުވަންތަ ކުރުމުގެ މާނައަކީ އެއިލާހަށް ޚާއްޞަ އެއްވެސް ކަމެއްގައި ދެވަނަ ފަރާތެއް ބައިވެރި ނުކުރުމެވެ.

7-    ތައުޙީދުގެ ބައިތަކަކީ ކޮބައިހެއްޔެވެ؟

ތައުޙީދުގެ ބައިތަކަކީ ތައުޙީދުލް އުލޫހިއްޔާ، ތައުޙީދުއް ރުބޫބިއްޔާ، ތައުޙީދުލް އަސްމާއު ވައްޞިފާތު އެވެ.



8-     ތައުޙީދުލް އުލޫހިއްޔާ ގައި މާތްﷲގެ އެއްކައުވަންތަ ކުރުމުގެ މާނައަކީ ކޮބައިހެއްޔެވެ؟

އަޅުކަންކުރުމުގައި ﷲތަޢާލާ އާ އެހެން ފަރާތަކާ އެއްފަދަ ނުކުރުމެވެ. އަޅުކަމުގައި އެއިލާހު އެއްކައުވަންތަ ކުރުމެވެ.

9-     ތައުޙީދުއް ރުބޫބިއްޔާގައި މާތްﷲގެ އެއްކައުވަންތަ ކުރުމުގެ މާނައަކީ ކޮބައިހެއްޔެވެ؟

ﷲތަޢާލާ ކުރައްވާ ކަންތައްތަކުގައި އެއިލާހާ އެހެން ފަރާތަކާ އެއްފަދަ ނުކުރުމެވެ. އެއިލާހުގެ ޢަމަލުފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ.



10-          ތައުޙީދުލް އަސްމާއި ވައްޞިފާތު ގައި މާތްﷲގެ އެއްކައުވަންތަ ކުރުމުގެ މާނައަކީ ކޮބައިހެއްޔެވެ؟

ކީރިތި ޤުރުއާނުންނާއި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމްގެ ޙަދީޘުން ސާބިތުވާ ﷲތަޢާލާގެ އިސްމުފުޅުތަކުގައްޔާއި ސިފަފުޅުތަކުގައި އެއިލާހާ އެހެން ފަރާތަކާ އެއްފަދަ ނުކުރުމެވެ. މިސިފަފުޅުތަކުގައި އެއިލާހު އެއްކައުވަންތަކުރުމެވެ.

11-           ސޫރަތުލް އިޚްލާޞްގެ މާނައިން އެނގޭ 3ކަމެއް ލިޔާށެވެ!

·        ﷲ ތަޢާލާއަކީ އެއްކައުވަންތަ ފަރާތެއްކަން.

·        ﷲތަޢާލާއަކީ އެއްވެސް އެއްޗަކަށް ބޭނުންވެވޮޑިގެންވާ ފަރާތެއްނޫންކަން.

·        ﷲތަޢާލާއާއި އެއްފަދަވެގެންވާ އެއްވެސް އެއްޗެއް ނުވާކަން.

12-           މާތް ﷲގެ އެއްކައުވަންތަކަމުގެ ދަލީލެއް ޤުރުއާނުގެ އަލީގައި ލިޔާށެވެ!

 قُلْ هُوَ اللَّهُ أَحَدٌ (1 سورة الإخلاص) " ކަލޭގެފާނު ވިދާޅުވާށެވެ. އެއީ އެއްކައުވަންތަ ﷲ އެވެ. "



13-          ރަސޫލުބޭކަލުންނަކީ ކޮބައިހެއްޔެވެ؟

  ރަސޫލުބޭކަލުންނަކީ މީސްތަކުންނަށް ހިދާޔަތްދެއްކެވުމުގެ ގޮތުން މީސްތަކުންގެ ތެރެއިން ހޮއްވަވައި މީސްތަކުންނަށް ހެޔޮނުބައި ވަކިކޮށްދެއްވުމަށް ﷲ ފޮނުއްވި ބޭކަލުންނެވެ.



14-          ރަސޫލުބޭކަލުންނަށް އީމާންވުމަކީ ކޮބައިހެއްޔެވެ؟

ރަސޫލުބޭކަލުންނަށް އީމާންވުމަކީ ކޮންމެ އުއްމަތަކަށްވެސް ރަސޫލުބޭކަލަކު ފޮނުއްވިކަމާއި، އެބޭކަލުން ގެންނެވި ކަންތައްތަކަކީ މާތްﷲގެ ޙަޟްރަތުން ގެންނެވި ކަންތައްތަކެއް ކަން ހިތުގައި ޝައްކުކަމެއްނެތި ޤަބޫލުކުރުމެވެ.



15-          ރަސޫލުބޭކަލުންނަށް އީމާންވުން ބިނާވެގެންވާ ކަންތަކުގެ ތެރެއިން 3 ކަމެއް ލިޔާށެވެ!

·        ރަސޫލުބޭކަލުންގެ ވާހަކަފުޅަކީ އެބޭކަލުންގެ އަމިއްލަ ވާހަކަފުޅުތަކެއް ނޫންކަން.

·        ކޮންމެ އުއްމަތަކަށްވެސް ﷲ ތަޢާލާ ރަސޫލަކު ފޮނުއްވާކަން.

·        ރަސޫލުބޭކަލުން ގެންނެވި އެންމެހައި ކަންތައްތައް އެއީ ޙައްޤު ތެދުކަން.


No comments: