Featured Post

Ombey

Saturday, February 9, 2019

loabiveringe dhuvas faahanga kurun


ލޯބިވެރިންގެ ދުވަސް ފާހަގަ ކުރުން

Image result for valentines day

ލިޔުނީ: ޒީނަތު ލަބީބު.

ވެލަންޓައިސް ޑޭ ނުވަތަ ލޯބިވެރިންގެ ދުވަސް، ނުވަތަ ކާފަރުންގެ އެހެނިހެން ޢީދުތައް ފަދައިން ކޮންމެ އަހަރަކުވެސް ފާހަގަ ކުރެވެމުންދާ ލޯބީވެރިންގެ ދުވަސް (14 ފެބްރުއަރީ) މިވަނީ މިއަހަރުވެސް ކުރިމަތީގައެވެ. މިފަދަ އެހެނިހެން ޢީދުތައް ފަދައިން ދުވަހުގެ ތަހުނިޔާ ކިޔުމުގައި އެތައް ބަޔަކު މިފަހަރުވެސް ބައިވެރިވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އެހެން ކަމުން މިދުވަހުގައި ބައިވެރިވެވޭނެ އެއްވެސް ގޮތެއް އޮތްތޯ  ބަލާލުމަކީ މުހިއްމު ކަމެއް ކަމުގައި ދެކޭށެވެ!

ވެލެންޓައިންސް ޑޭ އަކީ ޖާހިލިއްޔަ ރޯމަނުންގެ ޢީދެކެވެ. މިޢީދު ގުޅިފައިވަނީ ވެލަންޓައިން ކިޔާ މީހަކާއެވެ. އޭނާވަނީ މީލާދީން 270 ވަނަ އަހަރު ފެބްރުއަރީ މަހިގެ 14 ވަނަދުވަހު މަރުގެ ޙުކުމެއް އިއްވާ މާރާލާފައެވެ. މިއަދާއި ހަމައަށްވެސް އެތައް ފާޙީޝް ކަންތައްތަކާއެކު މިދުވަސް އަންނަނީ ފާހަގަ ކުރެވެމުންނެވެ. ކޮންމެއަކަސް މިއީ އިސްލާމުންގެ ޢީދެއް ނޫންކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. މުސްލިމުންނަށް އިސްލާމްދީނުގައި ވަނީ ޢީދުތައް ވަރަށް ސާފުކޮށް ބަޔާންކޮށްދީފައެވެ. އެހެނީ ޢީދަކީ ޝަރުޢޫ ޙުކުމްތައް އެކުލެވޭ ދީނުގެ ތެރޭގައި ވާކަމެކެވެ. އިސްލާމްދީނަކީ އެންމެހާ ކަންތައް ފުރިހަމައަށް ބަޔާންކޮށްދެއްވާފައިވާ މުޅި އިންސާނިއްޔަތަށްވާ ދުސްތޫރެވެ. މާއިދާ ސޫރަތުގެ 48 ވަނަ އާޔަތުގައި މާތް ﷲ ޞުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. لِكُلٍّ جَعَلْنَا مِنكُمْ شِرْعَةً وَمِنْهَاجًا ۚ މާނައީ: ތިޔަބައިމީހުންގެ ތެރެއިން ކޮންމެ ބަޔަކަށްމެ، شريعة އަކާއި، ފާޅުވެގެންވާ މަގެއް، ތިމަންރަސްކަލާނގެ ލެއްވީމެވެ. ޙައްޖު ސޫރަތުގެ 67 ވަނަ އާޔަތުގައި ވަޙީކުރައްވާފައި ވެއެވެ. لِّكُلِّ أُمَّةٍ جَعَلْنَا مَنسَكًا هُمْ نَاسِكُوهُ ۖ فَلَا يُنَازِعُنَّكَ فِي الْأَمْرِ ۚ وَادْعُ إِلَىٰ رَبِّكَ ۖ إِنَّكَ لَعَلَىٰ هُدًى مُّسْتَقِيمٍ ﴿٦٧﴾ މާނައީ: ތިމަންރަސްކަލާނގެ ކޮންމެ أمّة އަކަށްވެސް شريعة އެއް، އެއުރެން އެއަށް تبع ވުމަށްޓަކައި ލެއްވީމެވެ. ފަހެ، އެއުރެން އެކަންތަކާމެދު ކަލޭގެފާނާ ޖަދަލު ނުކުރާހުށިކަމެވެ! އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެމަގަށް (މީސްތަކުންނަށް) ކަލޭގެފާނު ގޮވައިލައްވާށެވެ! ހަމަކަށަވަރުން، ކަލޭގެފާނުވަނީ، ސީދާވެގެންވާ هداية އެއްގެ މަތީގައިކަން ކަށަވަރެވެ. (67)

ކާފަރުންގެ ޢީދުގައި ބައިވެރިވުމަކީ ވެސް އެބައިމީހުންނަށް ތަބަޢަވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިފަދަ ކަންކަމުގައި ކިތަންމެ ކުޑަކޮށްވެސް ބައިވެރިވުމަކީ ފާފައެކެވެ. ކޮންމެ ބަޔަކަށްވެސް އެބައިމީހުންގެ ޢީދުދުވަސްތައް ވަނީ ބަޔާން ވެގެންނެވެ. އަލްޙާފިޘު އައްޛަހަބީ ރަޙިމަހުﷲ ވިދާޅުވެފައި ވެއެވެ. ނަޞާރާއިންނަށް ޢީދެއް ވާކަމުގައި ވަނީނަމަ އަދި ޔަހޫދީންނަށް ޢީދެއް ވާކަމުގައި ވާނަމަ އެއީ ހަމައެކަނި އެބައިމީހުނަށްވާ ޢީދެކެވެ. އެއްވެސް މުސްލިމަކު އެ ޢީދުގައި ބައިވެރިވެގެން ނުވާނެއެވެ. އެއްވެސް މުސްލިމަކު އެބައިމީހުންގެ ދީނާއި ޤިބްލައަށް ތަބަޢަނުވާ ފަދައިންނެވެ. އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެން ވެއެވެ. عن أنس - رضي الله عنه - قال : قدم النبي - صلى الله عليه وسلم - المدينة ، ولهم يومان يلعبون فيهما ، فقال : ( ما هذان اليومان ) ؟ قالوا : كنا نلعب فيهما في الجاهلية . فقال رسول الله - صلى الله عليه وسلم - قد أبدلكم الله بهما خيرا منهما : يوم الأضحى ، ويوم الفطر رواه أبو داود . މާނައީ: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މަދީނާއަށް ވަޑައިގެންނެވި އިރު މަދީނާގެ އަހުލުވެރިން ކުޅެ އުފާކުރާ ދެ ދުވަހެއް ވިއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. މިއީ ކޮން ދެ ދުވަހެއްތޯ އެވެ. އެބައިމީހުން ވިދާޅުވިއެވެ. ޖާހިލިއްޔަތުގައި ވެސް އަހަރުމެން މި ދެ ދުވަހު އުފާ ފާޅުކުރަމު އެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. ތި ދެ ދުވަހުގެ ބަދަލުގައި ﷲ ސުބުޙަނަހޫ ވަތަޢާލާ ވަނީ ތިޔަށްވުރެ ރަނގަޅު ދެ ދުވަސް ތިޔަބައިމީހުންނަށް ދެއްވާފައެވެ. އެއީ އަޟްޙާ ޢީދު ދުވަހާއި ފިޠުރު ޢީދު ދުވަހެވެ.

أبو سعيد الخدري رضي الله عنه ރަސޫލު الله صلى الله عليه وسلم ކިބައިން ޙަދީޘްފުޅު ކުރައްވާފައިވެެއެވެ.  "قَالَ قَالَ رَسُولُ اللَّهِ صلى الله عليه وسلم ‏‏ "لَتَتَّبِعُنَّ سَنَنَ الَّذِينَ مِنْ قَبْلِكُمْ شِبْرًا بِشِبْرٍ وَذِرَاعًا بِذِرَاعٍ حَتَّى لَوْ دَخَلُوا فِي جُحْرِ ضَبٍّ لاَتَّبَعْتُمُوهُمْ ‏"‏ ‏.‏ قُلْنَا يَا رَسُولَ اللَّهِ آلْيَهُودَ وَالنَّصَارَى قَالَ ‏" فَمَنْ  ؟!" (رواه البخاري 8/151 . ومسلم 4/2054) މާނައީ: "ހަމަކަށަވަރުން ތިޔަބައިމީހުން، ތިޔަބައިމީހުންގެ ކުރިން އައިމީހުންގެ ގޮތްތަކަށް ތަބާވާނެއެވެ. މުށަކަށްފަހު މުށެކެވެ. ކައިވަތަކަށްފަހު ކައިވަތެކެވެ. އެބައިމީހުން ضبّއެއްގެ (ސަހަރާތެރޭ އުޅޭ ބޮނޑެއްގެ) ހޮރަށް ވަންކަމުގައި ވިޔަސް ތިޔަބައިމީހުން އެމީހުންގެ ފަހަތުން ގޮސް އެހޮރަށް ވަންނާނެއެވެ. އެހިނދު ތިމަންބޭކަލުން ދެންނެވީމެއެވެ. އޭ اللهގެ ރަސޫލާއެވެ. އެއީ ޔަހޫދީންނާއި ނަޞާރާއިން ހެއްޔެވެ؟ އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ. "ފަހެ އެނޫން ދެން ކޮންބައެއް ހެއްޔެވެ؟". (ބުޚާރީީ: 8/151، މުސްލިމް 4/2054)

މި ޙާދީޘް ބަސްފުޅުތަކުން އަޅުގަނޑުމެންނަށް މިވަނީ ކާފަރުންގެ ޢީދާއި ޖާހިލިއްޔަ ޒަމާނުގައި ފާހަގަ ކުރަމުން ދިޔަ ޢީދުތައް އަހަރުމެން ފާހަގަ ކުރުމަކީ ހުއްދަކަމެއް ނޫންކަން ވަރަށް ސާފުކޮށް ބަޔާންވެފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. قال رسول الله - صلى الله عليه وسلم - من تشبه بقوم فهو منهم. رواه أبو داود . މާނައީ: ބަޔަކާއި ވައްތަރު ވެގެންފި މީހާ ފަހެވަނީ އެވައްތަރު ވެވުނު ބައެއްގެ ތެރެއިންނެވެ. އެހެންކަމުން އަހަރުމެން މުސްލިމުން ކާފަރުންނާއި ދުރުހެލިވަމާތޯ އެވެ. އަހަރުމެންނަކީ ވަކި ގޮތްތަކެއް ﷲގެ ޙަޟްރަތުން އައުމުން އޭގައި ހިފައިގެން ތިބި ކަމުގެ ދަޢުވާ ކުރަމުންދާ ބަޔަކީމުއެވެ. އެހެންކަމުން މިކުރެވޭ ދަޢުވާއަކީ ކަށަވަރު ދަޢުވާއެއްކަމުގައި ހަދައި މިފަދަ ކަންތައްތަކުން ދުރުވަމާތޯއެވެ.

އުފާވެރި ހަމަޖެހޭ ދިރިއުޅުމެއް އުޅެން ބޭނުންކަމުގައިވާނަމަ އަޅުގަނޑުމެންނަށް އޮތީ الله سبحانه وتعالى އެންގެވި ގޮތަށް ޢަމަލުކޮށް އެއިލާހުގެ މާތް ނަބިއްޔާ صلى الله عليه وسلم ހިންގެވި ފިޔަވަޅުތައް މަތީގައި ހިނގުމެވެ. އެހެންކަމުން ފެބްރުއަރީ 14 ނުވަތަ ލޯބިވެރިންގެ ދުވަސް ފާހަގަ ކުރާކަށް އަހަރުމެން ކަމެއްކުރާކަށް ނުޖެހެއެވެ. އެއީ އަހަރުމެންނަށް ވަކީ ޚާއްޞަ ދުވަހެއް ނޫނެވެ. ﷲ އެންގެވި ގޮތުގައި އެއިލާހަށް ތަޤުވާވެރިވުމުގައި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަސް ވެސް ހޭދަކޮށްލައްވާށެވެ! ފަހެ އަޅުގަނޑުމެން އެންމެންނަކީވެސް އެފަދަ ބައެއް ކަމުގައި ލައްވާށިއެވެ!
آمين.

މަޞްދަރު:
ދިސަލަފިއްޔާ
ދިއިސްލާމް



No comments: