"ފޭސްބުކް"
ލިޔުނީ: ޒީނަތު ލަބީބު.
ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި
އުޚްތުންނޭވެ. ލޮބުވެތި އެކުވެރިންނޭވެ. ލޮބުވެތި ޒުވާނުންނޭވެ! ވިސްނާލާށެވެ! "ފޭސްބުކް"
އަކީ މީސްމީޑިއާގެ ހިތުގެ ވިންދާއި ލޮލޮގެ ފެނުމާއި ހަށިގަނޑުގެ ހަމަޖެހުމޭ
ދެންނެވުމަކީ ދޮގަކަށް ނުވާނެއެވެ. "ފޭސްބުކް" އަށް "އެޑިޓް"
ވާކަށް ވަކި ޢުމުރެއް ނެތެވެ. ކުޑަ ކުއްޖެއް ޒުވާނެއް މުސްކުޅިއެއް ނެތެވެ.
ވަންނާނެ ބޯހިޔަލެއް ނެތަސް ކާނެ ފައިދާ ހުރި ކާއެއްޗެއް ނެތަސް އުނު އޮރިޔާން
ނިވާކޮށްލާނެ ފޮތިކޮޅެއް ނެތަސް ވަރިހަމައެވެ. އަތުގައި އޮންނަންވާނީ އެންމެ ޒަމާނީ
ފަހު ފޯނެކެވެ. އެއަށްލައްވާ "ސިމްކާޑް" އަކީ 4 ޖީ ސިމަކަށް
ވާންޖެހޭނެއެވެ. ހިތާމައަކީ "ފޭސްބުކް" އެކުވެރިންގެ ލިސްޓުގައި ހިމެނޭ
މީހުންގެ ތެރެއިން 99% މީހުންނަކީ ކޮންބައެއްކަން ނުވެސް އެނގެއެވެ. "ސްޓޭޓަސް
އަޕްޑޭޓް" ކުރުމަކީ ދުވާލުގެ އެންމެ ފުރަތަމަ ވާޖިބު ކަމުގައި މި ވަނީ ވެފައެވެ.
އެކުވެރިންގެ "ސްޓޭޓަސް" ތަކަށް "ލައިކް" ދޭ އިރު އޭގައި
ލިޔެފައިވަނީ ކީކޭތޯ ކިޔާވެސް ނުލަނީ އެވެ. ކިޔުން އެއީ މުހިންމުކަމެއް ކަމުގައި
ނުވެސް ދެކެނީ އެވެ. ބޭނުންވަނީ "ލައިކް" އެވެ. އެހެން މީހުންގެ
"ސްޓޭޓަސް" ތަކަށް "ލައިކު" ދިނުމުން ތިމާއަށް ލިބޭ "ލައިކް"
ގިނަވާނެ ކަމަށް ވިސްނުން ބެހެއްޓެނީ އެވެ. ކޮންމެ އެއްޗެއްގެ ބޭނުން ވެސް އޭގެ
ހެޔޮގޮތުގައި ހިފަންވީ އެވެ. އޭގެ ބޭނުން ހެޔޮގޮތުގައި ހިފައިފިނަމަ، އޭގެ ސަވާބާއި
ދަރުމަ އިތުރުވެގެން ދާނެކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމަ އެއާއެކު އެއީ އޭގެ
ބޭނުން ހެޔޮގޮތުގައި ނުހިފައިފި މީހަކަށް އެއީ ނުރައްކާތެރި ވަބާއެކެވެ. ޝިފާއެއް
ނުވާ ބައްޔެކެވެ.
ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި
އުޚްތުންނޭވެ. ލޮބުވެތި އެކުވެރިންނޭވެ. ލޮބުވެތި ޒުވާނުންނޭވެ! ވިސްނާލާށެވެ! މީސްމީޑިއާގެ
ބޭނުން ރަނގަޅު ގޮތުގައި ހިފައިފި ނަމަ އެއީ ޖަވާހިރަކަށް ވުރެ އަގު ބޮޑު އެއްޗެކެވެ.
މަޢުލޫމާތުގެ ޚަޒާނާ އެކެވެ. ނަހަމަ ގޮތުގައި ބޭނުންކޮށްފި ނަމަ ޒަހަރަށް ވުރެ
ވިހަކަން ގަދަ އެއްޗެކެވެ. "ފޭސްބުކް" ގެ ދަލުގައި ޖެހި ހަލާކުވަމުން
ނެތެމުން ދަނީ ކިތައް މީހުން ހެއްޔެވެ؟ "ފޭސްބުކް" މި ބަލި ޖެހުމުގެ
ސަބަބުން އިންސާނާނެއްގެ އަބުރު ވެއްޔާ މޮޑެލުމަކީ ސުމެއްގެ ކަމެކެވެ.
"ސްޓޭޓަސް" ތަކުގައި ލިޔާ ވާހަކަތަކުގެ ތެރެއިން އެންމެ ހިޓު އެންމެ
ފައްކާ ވާހަކަތަކަށް ވަނީ ދޮގު ވާހަކަތަކާއި ނެތިމޮށުންތަކެވެ. އަދި ހަށިގަނޑުގެ
ވަނާތައް އެނގޭ ގޮތަށް އެކި "އޭންގަލް" ތަކުން ނަގާފައި ހުންނަ
ފޮޓޯތަކެވެ. "ސްޓޭޓަސް" ފަޅުފިލުވާލުމުގެ ނިޔަތުގައި މީހުންގެ
ސިއްރުތައް ފާޅުކުރުމަކީ ފެޝަނެކެވެ.
ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި
އުޚްތުންނޭވެ. ލޮބުވެތި އެކުވެރިންނޭވެ. ލޮބުވެތި ޒުވާނުންނޭވެ! ވިސްނާލާށެވެ!
މިއަދު ތިބާ މީހުންގެ ސިއްރުތައް ފާލުކުރަމުން ދާނަމަ ތިބާގެ ސިއްރުތައް
ފާޅުކުރާނެ މީހުން ވެސް ތިބޭނެއެވެ. އެއީ ބޮޑުވެގެންވާ ފާފައެކެވެ. އަޅުގަނޑުމެންގެ
ތެރެއިން އެއްވެސް މީހަކީ ފާފައިން ސަލާމަތްވެވިފައިވާ މީހެއް ނޫނެވެ. އެމީހެއްގެ ހުރި
ޢައިބުތައް، ﷲ ފިޔަވައި، އެންމެ ރަނގަޅަށް އެނގޭނީ ޚުދު އެމީހަކަށެވެ. އެއިން ކަމެއް
މީސްތަކުންނަށް އެނގި ފާޅުވެއްޖެނަމަ ތިމާއަށް ޖެހޭނެ ޙާލާމެދު ވިސްނާލުމަށްފަހު
އެހެން މީހުންގެ ވާހަކަ ފެތުރުން ހުއްޓާލާށެވެ. އަދި އެކަންތައްތައް ދުނިޔެއާއި އާޚިރަތުގައިވެސް
ވަންހަނާ ކުރެވުމަށް އެދޭނަމަ މިއަދު އެހެން މުސްލިމުންގެ ސިއްރުތައް ހޯދައި ބެލުމަށް
އެމީހުންގެ ފަހަތުން ހިނގައި ނޫޅޭށެވެ. އެހެން މިހެއްގެ ސިއްރެއް އެނގުނަސް އެ
ސިއްރެއްގެ ގޮތުގައި ބާއްވާށެވެ. އަދި އެމީހަކަށް ހެޔޮގޮތް މެދުވެރި ކުރުމަށް އެދި
ދުޢާ ކުރާށެވެ. ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. مَنْ سَتَرَ
مُسْلِمًا سَتَرَهُ اللَّهُ فِي الدُّنْيَا وَالْآخِرَةِ (رواه مسلم)
މާނައީ: "މުސްލިމެއްގެ ޢައިބު ވަންހަނާކޮށްފި
މީހެއްގެ ޢައިބު ދުނިޔެއާއި އާޚިރަތުގައި ﷲ ތަޢާލާ ވަންހަނާ ކޮށްދެއްވަވާނެއެވެ".
"ފޭސްބުކް"
ބޭނުންކުރުމަކުން އަޅުގަނޑުމެންގެ ދީން ބަދަލުވަނީކީއެއް ނޫނެވެ. އެހެންކަމުން
ދީނުގައި ޙަރާމްކަމެއް ކޮންމެ ގޮތަކަށް ކުރިއަސްވަނީ ޙަރާމްކަމަކަށެވެ.
ދޮގުހެދުމާއި ނެތިމޮށުމަކީ އިސްލާމްދީނުގައި ޙަރާމްކަންތައްތަކެވެ. ތިބާގެ ދުލުން
ދޮގެއް ބުންޏަސް އަދި ތިބާގެ އަތުން ދޮގެއް ލިޔުނަސް އެވާނީ ދޮގަކަށެވެ. ޢިއްޒަތްތެރި
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. ލޮބުވެތި އެކުވެރިންނޭވެ. ލޮބުވެތި ޒުވާނުންނޭވެ!
ތިބާގެ ހަށިގަނޑާ މެދު ސަމާލުވެލައްވާށެވެ. އަދި ޒީނަތްތެރިކަން ފާޅުކުރުން ހުއްދަ
މީހުންގެ ކުރިމަތީގައި މެނުވީ ފާޅުނުކުރައްވާށެވެ.
ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި
އުޚްތުންނޭވެ. ލޮބުވެތި އެކުވެރިންނޭވެ. ލޮބުވެތި ޒުވާނުންނޭވެ! ވިސްނާލާށެވެ! ފޭސްބުކްގައި
އަޅުގަނޑުމެންގެ ތެރެއިން ކޮންމެ މީހަކު ހޭދަކުރާ ވަގުތުތަކުގެ ތެރެއިން ﷲ އަށްޓަކައި
ހޭދަކުރެވުނީ ކިހާ ވަގުތެއްތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލާށެވެ. ހަމަ ޔަޤީނުން އެނގޭ
އެއް ކަމެއް އެބަ އޮތެވެ. އެއީ އަޅުގަނޑުމެންގެ ވަގުތުތައް މި ދުނިޔޭގައި ހޭދަކުރާ
ގޮތާމެދު ﷲ ސުވާލު ކުރައްވާނެކަމެވެ. ހެޔޮ ގޮތުގައި އެވަގުތުގެ ބޭނުން ހިފައިފި މީހަކަށް
ކޮޅުނެތްކޮޅަށް އުފާވެރިކަން ހުއްޓެވެ. އެއާ ޚިލާފު ވެއްޖެ މީހަކަށް ހުރީ ހިތާމައެވެ.
ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި
އުޚްތުންނޭވެ. ލޮބުވެތި އެކުވެރިންނޭވެ. ލޮބުވެތި ޒުވާނުންނޭވެ! ވިސްނާލާށެވެ! ފޭސްބުކްގެ
ބައެއް އެކުވެރިން އެމީހުންގެ އަނބިން ނުވަތަ ފިރިން ދެކެ ވާލޯބި ހާމަކުރުމަށް ފޭސްބުކްގެ
"ސްޓޭތަސް" އާއި "ޕްރޮފައިލް" ބޭނުން ކުރެއެވެ. މ"ސްޓޭޓަސް"
ގައި ލިޔާ އެއްޗެއްނަމަ އެމީހެއްގެ ފޭސްބުކުގެ ރަހުމަތްތެރިން އެންމެންހެން ކިޔާނެއެވެ.
މެސެޖުގައި ވަނީ އަނބިމީހާ ނުވަތަ ފިރިމީހާ ދެކެވާ ޚާލިޞް ލޯބީގެ ޢިބާރާތްތަކެވެ. އެހެން
ނަމަވެސް އެމެސެޖުތަކަކީ ޢާއްމު ތަންތަނުގައި ބޭނުންކުރުން ލަދުހުތުރު ޢިބާރާތްތަކެއް
ކަމަށް ސަލާމަތް ބުއްދި ދެކޭ ޢިބާރާތް ތަކެކެވެ. ދެމަފިރިން އެކަކު އަނެކާގެ ސިއްރުތައް
ވަންހަނާ ކުރަން ޖެހެއެވެ. އެއީ އެދެމީހުން އެކަކު އަނެކާއަށްޓަކައި އަދާކުރަންޖެހޭ
ޙައްޤެކެވެ. ދެމަފިރިންގެ ސިއްރުތައް އެއްވެސް މީހަކަށް ހާމަކުރުން ހުއްދައެއް ނުވާނެއެވެ.
އެއީ ދެމަފިރިން ކުރެ އެއްވެސް މީހަކަށްވެސް ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ކިތަންމެ
"ބެސްޓު ފުރެންޑް" ކަށް ކަމުގައި ވިޔަސް، ކިތަންމެ ގާތްތިމާގެ މީހަކަށް ކަމުގައި
ވިޔަސްމެއެވެ. އެއީ މަންމަ ނުވަތަ ބައްޕަ ނުވަތަ އެއްބަނޑު އެއްބަފާ މީހަކަށް ކަމުގައި
ވިޔަސް މެއެވެ. ސަބަބަކީ އެއީ ދެމަފިރިންގެ ސިއްރެކެވެ. އެ ސިއްރު ސިއްރު ކުރުމަކީ
ލާޒިމު ކަމެކެވެ. ހަމަ މިމޭރުމުން "ޕްރޮފައިލް" އަށް
"އަޕްލޯޑު" ކުރާ ފޮޓޯތައްވެސް އެމީހެއްގެ ހުރިހާ އެކުވެރިންހެން
ބަލާނެއެވެ. އަދި އެއަށް "ކޮމެންޓް" ކޮށް ހަދާނެއެވެ.
"ކޮމެންޓް" ކުރުމުގައި ހިލޭ އަންހެނުން ހިލޭ ފިރިހެނުންނަށް ނުވަތަ ހިލޭ
ފިރުހެނުން ހިލޭ އަންހެނުންނަށް ބުނަން ނުޖެހޭ ފަދަ ލަދު ހުތުރު ޢިބާރާތްތަކެއް ކަމަށް
ސަލާމަތް ބުއްދި ދެކޭ ޢިބާރާތް ތަކެކެވެ.
ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި
އުޚްތުންނޭވެ. ލޮބުވެތި އެކުވެރިންނޭވެ. ލޮބުވެތި ޒުވާނުންނޭވެ! ވިސްނާލާށެވެ! ބައެއް
ޒުވާނުން އެބައިމީހުންގެ އަމިއްލަ ސޫރަ ”ފޭސްބުކް“ގެ ޞޮފްޙާތަކުގައި އެއްވެސް ފަރުވާލެއްނެތި
ތަތްކުރަމުން ގެންދަނީ މިކުރެވެނީ ކިހާ ނުރައްކާތެރިކަމެއް ކަމެއް ނޭނގިއެވެ. އަނެއް
ބަޔަކު އެ ފޮޓޯތައް ބޭނުން ކޮށްގެން އެބައިމީހުންގެ އަމިއްލަ ލަނޑުދަނޑިތައް ޙާޞިލްކުރަމުންދަނީ
ޤިޔާމަތް ދުވަހު މަޙްޝަރު ކުރެވޭނެކަން ހަދާންނެތިއެވެ. އޭ ޒުވާނާއެވެ. ތިބާގެ ހަށިގަނޑާ
މެދު ސަމާލުވާށެވެ!
ޢިއްޒަތްތެރި ލޮބުވެތި އަޚުންނާއި
އުޚްތުންނޭވެ. ލޮބުވެތި އެކުވެރިންނޭވެ. ލޮބުވެތި ޒުވާނުންނޭވެ! ވިސްނާލާށެވެ! ”ފޭސްބުކް“ގައި
ތިބާގެ ގަލަން ހިންގަވާ ލެއްވުމުގެ ކުރިން ވިސްނަވާ ފިކުރުކޮށްލެއްވުން ބުއްދިވެރިއެވެ.
މާނައެއް ނެތް އިބާރާތްތަކުންނާއި
ފޮޓޯތަކުން ތިބާގެ ”ޓައިމް ލައިން“ ފުރުއްވަމުން ނުގެންދަވާށެވެ. ދެމަފިރިންގެ ދެމެދުގައި ދެކެވޭ ލޯބީގެ ވާހަކަތަކަކީ،
އެހެން މީހުންނާ ހިއްސާ ކުރެވިގެންވާނޭ ވާހަކަތަކެއް ނޫނެވެ. އެއީ ސިއްރު ކުރެވެން
ޖެހޭ އެއްޗެކެވެ. ފޭސްބުކްގެ ސްޓޭޓަސް އަކީ ދެމަފިރިންގެ ލޯބި ހާމަކުރާ
ތަނަކަށް ނަހަދާށެވެ. ތިބާގެ އަނބިމާހާ އާއި ފިރިމީހާ އަކީ އެހެން މީހުންގެ ލޮލުގެ
ފިނިކަންކަމަށް ވިޔަ ނުދެއްވާށެވެ!
ތިބާގެ "ސްޓޭޓަސް"
ގައި ލިޔަން ބޭނުންވާނަ ފައިދާ ކުރަނިވި މައުލޫމާތެއް ލިޔާށެވެ. ކީރިތި ރަސޫލުﷲ
ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެ އެވެ. ރަނގަޅު ކަމެއް ކުރުމަށް
މީހަކަށް މަގު ދައްކާފިމީހަކަށް، އެމީހާ އެކުރާ ހެޔޮ އަމަލާ އެއްފަދަ ވެގެންވާ ޘަވާބު
(އެމީހާއަށް އުނިކުރުމެއްނެތި) ލިބޭނެއެވެ. ތިބާގެ "ސްޓޭޓަސް" ތަކަކީ
ހެޔޮކަންތަކަށް ދަޢުވަތުދެވޭ، އަޚުވަންތަކަން ބަދަހިކުރެވޭ އަދި ތެދުމަގުގައި ސާބިތުވެހުރުމަށް
ހިތްވަރު ލިއްބައިދޭ "ސްޓޭޓަސް" ތަކެއް ކަމުގައި ހެދުމަށް ގަދައަޅާ މަސައްކަތްކުރާށެވެ.
މަޞްދަރު:
ޢިލްމު އެމްވީ.
No comments:
Post a Comment