Monday, December 10, 2018

dheenee loabi kafunviya nudheysheve!


ދީނީ ލޯބި ކަފުންވިޔަ ނުދޭށެވެ!

Image result for ‫لآ تكفن ين الإسلام‬‎
ލިޔުނީ: ޒީނަތު ލަބީބު.

އިސްލާމް ދީނަކީ ޢިލްމު އުނގެނުމަށް ލޯބިކުރާ ދީނެކެވެ. އަޅުގަނޑުމެންގެ ރާއްޖޭގައި ވެސް ތަޢުލީމަށް އޮންނަ ވާދަވެރިކަންދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ދުނިޔެވީގޮތުން ބަލާއިރު ހުރިހާ ދާއިރާއަކުން ޢިލްމު ލިބިފައިވާ ކުދިން މި މުޖުތަމަޢުގައި ވެސް މަދެއް ނޫނެވެ. ކޮންމެ ޢިލްމަކީ ވެސް ދީނީ ޢިލްމެކެވެ. ރަނގަޅު ޢިލްމެއް ލިބުނުކަމަށް ބެލެވޭނީ ދީނަށް ލޯބިކުރާ ކުއްޖަކަށް ވެގެންނެވެ. އެއީ ކޮންމެ ދާއިރާއަކުން ޢިލްމު ހޯދި ކަމުގައިވިޔަސްމެއެވެ. ތަޢުލީމުގެ ވާދަވެރިކަމުގެ ކޯޅުން ބެލެނިވެރިންނާއި ސުކޫލުތަކުގެ މެދުގައި އިންތިހާއަށް އިތުރުވެފައިވާ މިދަނޑިވަޅު، މަދަރުސީ ޙަޔާތް ނިންމާ ދަރިވަރުންގެ ތެރެއިން ދަރިވަރުންތަކަކަށް ނަމާދުގައި ކިޔާތަކެތި ނޭނގެޔޭ، ހިނައިގަންނަން ނޭނގެޔޭ، ކީރިތި ޤުރުއާން ބަލައިގެން ކިޔަވަން ނޭނގެޔޭ ބުނެފިނަމަ، އެއީ ޤަބޫލުކުރެވޭ ފަދަ ވާހަކައެއް ހެއްޔެވެ؟ ޤަބޫލުކުރަން ކިތަންމެ ބޭނުން ނުވިޔަސް މިއީ ހަޤީޤަތެވެ. މިއީ ޙައިރާންވާންޖެހޭ ވަރުގެކަމެއް ނޫނެވެ. އެފަދަ އެތައް ކުދިންނެއް މިއަދުގެ މުޖްތަމަޢުން އެބަފެނެއެވެ. މުސްލިމަކަށްވީތީވެ ކޮންމެހެން އެނގެންޖެހޭ ވަރަށް ގިނަ އަސާސީ ދީނީ މައުލޫމާތުތައްވެސް ނޭނގޭ ކުދިން މަދެއް ނޫނެވެ. އަދި އެންމެ ކުޑަމިނުން ތިމާ ހެއްދެވި ފަރާތަށް ރަނގަޅަށް އަޅުކަންކުރާނެ ގޮތްވެސް ނޭނގޭ އެތައް ދަރިވަރުންނެއް މިއަދު މަދަރުސާތައް ނިންމާފައި އެބަވެއެވެ. މިކުދިންތަކަކީ ގައުމީ ފެންވަރަށް ބަލާއިރު ތަޢުލީމި ގޮތުން ދަށްކުދިންނެއް ވެސް ނޫނެވެ.

ދިވެހި ރާއްޖޭގެ ގިނަ މަދަރުސާތަކަކީ ދީނީ މަދަރުސާތަކެއް ނޫނެވެ. ދުނިޔަވީ އެކިއެކި ޢިލްމުތައް ކިޔަވައިދޭ މަދަރުސާތަކެކެވެ. އެމަދަރުސާތަކުގައި ދީނީ މާއްދާއަކަށް ހަމައެކަނި ކިޔަވައިދެނީ އިސްލާމް މާއްދާއާއި ކީރިތި ޤުރުއާނުގެ ކުޑަމިންވަރެކެވެ. ސުވާލަކީ އިސްލާމްދީނުގެ ތަޢުލީމު އުނގެނުން މިފަދަ ދޯދިޔާގޮތަކަށް ދޫކޮށްލާފައި ބޭއްވުމަކީ ހަމަ އެންމެ ރަނގަޅު ގޮތްބާވައެވެ؟ ދީން އުނގަންނައިދިނުމަކީ މިހާ ކުޑަކޮށް ސަމާލުކަންދޭންޖެހޭ ކަމެއްގެ ގޮތުގައި މިއަދު މިވަނީ ދެކެން ފަށާފައެވެ. އަހަރުން އަހަރަށް މަންހަޖުތައް މުރާޖަޢާކުރެވިގެން އަންނައިރު، ދީނަށް ލިބިފައިވާ ހިއްސާކުޑަވަމުން ކުޑަވަމުން އައިސް ހިމަ ރޮނގެއްގެ ސިފައިގައި ކިރިޔާ ފެންނަން އިނީއެވެ. ނަމެއްގައި އިސްލާމީ ތަޢުލީމު ހިމަނާފައި ވަނީއެވެ.

އެހެނިހެން ޢިލްމުތައް ކިޔަވާދިނުމުގެ މާނައަކީ ދީނީ ޢިލްމަށްދޭ ސަމާލުކަން ކުޑަކުރުމެއް ނޫނެވެ. ދުނިޔޭގެ މުސްލިމު ޤައުމުތަކުގައި އެ ޤައުމުތަކުގެ ސަރުކާރުން ޤައުމީ މަންހަޖުގައި އިސްލާމްދީނުގެ މައުލޫމާތު ތަފްޞީލްގޮތެއްގައި ކިޔަވާދޭގޮތަށް ހަމަޖައްސާފައި އޮވެއެވެ. ދުނިޔަވީ ޢިލްމު ކިޔަވަންބޭނުންވާ ކުއްޖާއަށް އެ ފުރުޞަތު ލިބިދީފައި އޮންނަ ގޮތަށް ދީނީ ޢިލްމުން ތަޚައްޞުޞުވާން ބޭނުންވާކުއްޖާއަށް އެފުރުޞަތުވެސް ލިބިދީފައި އޮވެއެވެ. އަދި ދީނީ ޢިލްމުގެ ތެރޭގައި، ޢަޤީދާއާއި، ފިޤުހާއި، ތަފްސީރާއި، ޙަދީޘާއި، ޢަރަބި ބަސްފަދަ މާއްދާތައް ކިޔަވާދެއެވެ. ޙަޤީޤަތުގައި ދީނީ ޢިލްމަކީ އެހެނިހެން ޢިލްމުތަކާ އަޅާބަލާއިރު ވަރަށް ފުން ޢިލްމެކެވެ. ވަރަށް ގިނަ ޢިލްމެކެވެ. އެކިއެކި ބައިތަކަށް ތަފްޞީލީގޮތެއްގައި ބެހިފައިވާ ބައިވަރު ޢިލްމުތަކެކެވެ. ހަމައެކަނި "ދީނީ ތަރުބިއްޔަތު" ނުވަތަ "އިސްލާމީ ތަރުބިއްޔަތު" ބޭރުގަނޑުގައި ޖަހާފައި، އިސްލާމީ ތާރީޚުގެ ދެތިން ހަނގުރާމައާ ބެހޭ މަޢުލޫމާތަކުން ދީނުގެ ޢިލްމު އެކަށީގެންވާގޮތުގައި ފޯރުކޮށެއް ނުދެވޭނެއެވެ.

ޢަޤީދާ ނުވަތަ ތައުޙީދުގެ ބަޔަކީ ދީނުގެ އެންމެ މުހިއްމުބަޔެވެ. ކުށްމަދުވުމާއި އަމާން މުޖްތަމަޢެއް ޤާއިމްވުމުގެ އަސާސަކީ އިސްލާމީ ޢަޤީދާކަމުގައިވާއިރު ދިވެހިރާއްޖޭގެ އިސްލާމީ ތަޢުލީމުގެ މަންހަޖުގައި ޢަޤީދާ ފެންނަނީ ވަރަށް ބަލިކަށިކޮށެވެ. މުޖްތަމަޢުގައި ހުރި ހުރިހާ މައްސަލައެއްގެ އަޞްލަކީ ﷲ އާމެދު ބިރުވެތިނުވުން ކަމުގައިވާ ހިނދު، ﷲ އާ ބެހޭގޮތުން އެނގެންޖެހޭ ޢަޤީދާ ކިޔަވާ ނުދެވޭނަމަ މުޖްތަމަޢު ސަލާމަތްވާނީ ކޮންގޮތަކުންތޯއެވެ؟

ގިނަ ބެލެނިވެރިންގެ ވާހަކަތަކަށް ބަލާއިރު އެބައިމީހުންގެ ދަރިންނަށް، އިސްލާމްދީން ކިޔަވާދޭން އެބައިމީހުން ވަރަށްބޮޑަށް ބޭނުންވެއެވެ. އެކަމަށް އެޅިފައި އޮންނަ އެންމެ ބޮޑު ހުރަހަކީ ސަރުކާރުން ނުވަތަ ތަޢުލީމާބެހޭ ވުޒާރާއިން އިސްލާމްދީނުގެ ތަޢުލީމު ކިޔަވައިދިނުމަށް ދޭ ސަމާލުކަން ކުޑަވުމެވެ. އިސްލާމްދީން ނައްތާލުމަށްޓަކައި، އިސްލާމްދީނާ މެދު ނަފުރަތު އުފެއްދުމަށްޓަކައި، އިސްލާމުންނަކީ ދުޝްމަނުންކަމުގައި ވިސްނާދިނުމަށްޓަކައި، ހުޅަނގުގެ ޤައުމުތަކުން ހަދާފައި ހުންނަ މަންހަޖެއް ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށް ގެނެސް އެ މަންހަޖު ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގައި ތަންފީޛުކުރާނީ ކިހިނަކުންތޯއެވެ؟ ތަރުބިއްޔަތުގައި ފެއިލްވެފައިވާ ޤައުމުތަކުގެ މަންހަޖުތަކުން އަޅުގަނޑުމެން ފެއިލްވުން ނޫން އެހެން ނަތީޖާއެއް ނުކުންނާނެތޯއެވެ؟

އަޅުގަނޑުމެން އަމިއްލަ އަތުން މަސައްކަތްކޮށްގެން ގުދާރު ބިންދައިގެން ދޭހާ އަތްވެއްގައި ވެހޭހާ ވާރޭއެއްގައި ލޯބޯ ފީއްސައިގެން ކުރާ މަސައްކަތުން ހޯދާފައިސާކޮޅު އަޅުގަނޑުމެން ނަށް ޚަރަދުކުރަން މަޖްބޫރުވަނީ އެހެންބަޔަކު ބޭނުންވާ އެއްޗެއް އަހަރެމެންގެ ދަރިންނަށް ކިޔަވާ ދިނުމަށެވެ. އަހަރެމެން ކިޔަވާދޭން ބޭނުންވާ އެއްޗެއް ކިޔަވާދޭކަށް ފުރުޞަތެއް ނެތެވެ. އެހެން ބައެއްގެ ލާދީނީ ދިރިއުޅުމާއި، ހަޑިމުޑުދާރު ސަގާފަތު އަހަރެމެންގެ ދަރިންގެ ސިކުނޑިތަކަށް އަޅަމުންދަނީ "ދުނިޔެ ޤަބޫލްކުރާ" އިމްތިޙާނުތަކުގެ ނަމުގައެވެ.

ޢަރަބި ބަހާ މުސްލިމުން ބީރަށްޓެހިކޮށް، އިނގިރޭސިބަހަށް ލޯބިޖައްސައެވެ. އިނގިރޭސި ބަސް ކުރިއެރުވުމުގެ ގޮތުން ކިޔަވާކުދީން ކިޔުމަށްޓަކައި ލައިބުރަރީގައި ހުންނަނީ އެމީހުންގެ މުޖުތަމަޢުގައި ހުރި ހުރިހާ "ހަޑި" އެއް އުނގުޅާފައި ހުންނަ ފޮތްތަކެވެ. "ޙައްދެއް ނެތް މިނިވަންކަމާއި، ޖިންސީ ކަންކަމާއި، މަސްތުވާތަކެއްޗާއި، މައިންބަފައިންނަށް އުރެދުމާއި، އެއްޖިންސުގެ ގުޅުމާއި، ކުށްކުރުމުގެ" ދޮރާށިތައް އެކުދިންގެ ސިކުނޑިތައް ދޮވެލުމުގެ ގޮތުން ހުޅުވައެވެ. ނަތީޖާއަކަށްވަނީ ހުޅަނގުގެ މުޖްތަމަޢަށް އެކުއްޖާ ނުދިޔަކަމުގައިވިޔަސް އެކުއްޖާ ހުންނަނީ ހުޅަނގުގެ ފިކުރުގެ ފެނުން ފެންވަރައިގެންނެވެ. ސްކޫލް ނުނިމެނީސް މިފަދަ ކަންތައްތަކުގެ ނަތީޖާ ފެންނަން ފަށައެވެ. މިއީ މާތް ރަސޫލާގެ މަތިވެރި ސިޔަރަތާއި ސަލަފުންޞާލިޙުންގެ ޢިބްރަތްތެރި ވާހަކަތަކުން ކުއްޖާގެ މުޅިދިރިއުޅުމަށް ހެޔޮ އަސަރުކުރުވާ، އެފަދަ ތަރުބިއްޔަތަކުން ތަރުބިއްޔަތު ދިނުމުގެ ބަދަލުގައި މިއަދު އަޅުގަނޑުމެންގެ ޤައުމުގެ ޙާލަތު އޮތްގޮތެވެ.

މުޖްތަމަޢުގެ ކިޔަވާދޭ މަންހަޖުގެ މޮޅުދެރަކަން މުޖްތަމަޢުގެ އަޚްލާޤުން ދެނެގަނެވޭނެއެވެ. އެހެނީ މުޅި މުޖްތަމަޢުގެ ގޮވާން ބިނާވަނީ އޭގެ މަންހަޖުގެ މުޑުވަކުގެ މައްޗަށެވެ. މުޖްތަމަޢުގައި ކުށްވެރިން ގިނަވެ، ކުށްކުރުން ގިނަވެ، އަމާންކަން ގެއްލި، ލޭ އޮހޮރުވުން ޢާއްމުވެ، އިޖްތިމާޢީ ފޭރާން ވީދި، ހާޖާ ފާޖާ ވެސް ނޭނގޭ މީހުން ގިނަވީމާ އޭގެ މާނައަކީ އެ މުޖްތަމަޢެއްގައި ދެވޭ ތަޢުލީމުގައި ވަރަށް ބޮޑެތި މައްސަލަތަކެއް އެބައުޅެއެވެ. އެހެނީ ތަޢުލީމާއި ތަރުބިއްޔަތަކީ ގުޅި ލާމެހިފައިވާ ދެކަންތަކެވެ. ތަރުބިއްޔަތެއް ނެތި ދެވޭ ތަޢުލީމަކުން މަންފާއެއް ނުކުރާނެއެވެ. ހަމަ އެހެންމެ ތަޢުލީމާ ނުލާ ތަރުބިއްޔަތެއްވެސް ނުކުރެވޭނެއެވެ.

އެކަށީގެންވާރަށް ދީނީ ތަޢުލީމު ނުދެވޭއިރު ދަރިވަރުންގެ ހިތްތަކުގައި ދީނީ ލޯބި އަށަގެންނެވުމުގެ ޒިންމާ އުފުލަންޖެހޭނީ ކޮންފަރާތަކުން ބާއެވެ؟ ބެލެނިވެރިންބާއެވެ؟ މުދައްރިސުންބާއެވެ؟ ސްކޫލްތަކުންބާއެވެ؟ ތަޢުލީމީ މަންހަޖު ކޮށާމަށާ މީހުންބާއެވެ؟

އެންމެންވެސް ދައްކަނީ ކުދިންގެ އަޚްލާޤީ ފެންވަރު ދަށްވާ ވާހަކައެވެ. ދީނީ ތަޢުލީމު ކިޔަވާނުދީ، ހުޅަނގުގެ ދީނާ ދުރު ފިކުރުތަކުގެ މަންހަޖުތައް ކިޔަވާދޭން ފެށިމާ އޭގެން ރިވެތި އަޚްލާޤެއް ނުނުކުންނާނެއެވެ. އެހެނީ އެއަކީ ރިވެތި އަޚްލާޤު ހުރި އެއްޗެއް ނޫނެވެ. އެކަންވާރަކުން ނުކުންނާނީ އެކަންވާރެއްގައި ހުރި އެއްޗެއް ނޫންތޯއެވެ؟ އެހެންވީމާ ދަރިވަރުންގެ ދީނީ ލޯބި ކަފުންކުރުމުގެ ޒިންމާ "މަންހަޖުގެ އަހުލުވެރިން" އުފުލަން ނުޖެހޭނެގޮތަކީ އެއީ ނެތްގޮތެކެވެ. ލާދީނީ މަންހަޖުތައް ތަންފީޛުކޮށްގެން ދީނީ ކުދިން ނެރެވޭނަމަ އަލަގަހުން ފަޅާނީ ކެޔޮނިރެވެ.  

މިއަދުގެ ދިވެހި އިސްލާމީ މުޖުތަމަޢަށް ދީނީ ޢިލްމު ވެރިން ބޭނުންވާ ފަދައިން އެހެން ދުނިޔަވީ ޢިލްމު ވެރިން ވެސް މި ވަނީ ނިހާޔަތަށް ބޭނުން ވެފައެވެ. އިސްލާމީ ވެރިކަމެއް ޤާއިމުކުރާ ވާހަކަ ދައްކާ އިރު ހުރިހާ މިނިސްޓްރީ އަކަށް ހަމަ ވާ ވަރަށްވެސް ދީނަށް ލޯބި ކުރާމީހުން އެފަދަ ރޮނގު ރޮނގުން މަތީ ތައުލީމު ޙާސިލް ކޮށްފައިވާ ތަނެއް ނުފެނެއެވެ. މި ޤައުމު އިސްލާޙު ކުރުމަށްޓަކައި ހަމަ އެކަނި އިސްލާމިކް މިނިސްޓްރީ އަށް ދީނީ މީހަކު ވަދެގެން ފަރު ޖެހޭކަށް ނެތެވެ. އިކޮނޮމިކް މިނިސްޓްރީ އަށްވެސް ދީނަށް ލޯބިކުރާ މީހަކު ވަންނަން އެބަ ޖެހެއެވެ. އެހެން ކަމުން އިޤްތިޞާދީ ދާއިރާއިން ދީނަށް ލޯބި ކުރާމީހުން މަތީ ތަޢުލީމު ޙާސިލް ކުރަން އެބަ ޖެހެއެވެ. ފިޝަރީޒް މިނިސްޓްރީ އަށް ވެސް ދީނަށް ލޯބި ކުރާ މީހަކު ވަންނަން އެބަ ޖެހެއެވެ. އެ ރޮނގުން ވެސް ދީނަށް ލޯބި ކުރާ މީހުން އެބަ މަތީ ތަޢުލީމު ޙާސިލް ކުރަން ޖެހެއެވެ. އަދި ހަމަ އެގޮތަށް އެޑިއުކޭޝަން މިނިސްޓްރީ އާ ދެންވެސް ހުރި އެހެން މިނިސްޓްރީ ތަކަށެވެ.

ރަނގަޅު ތަޢުލީމެއް ހޯދައިދޭން ބޭނުންވާނަމަ ޑަކްޓަރުންނާއި ނަރުހުންނާއި ވިޔަފާރިވެރިންނާއި ސައިންޓިސްޓުންނާއި މެކޭނިކުންނާއި މެނޭޖްމެންޓް ދާއިރާގެ މީހުންނާއި އިޤްތިޞާދީ މީހުންނާއި އިންޖިނިއަރުންނާއި އަދި ވެސް އެހެނިހެން ދާއިރާ ތަކުން ކުދިން ތަމްރީނުކުރާ މޭރުމުން މިއިން ކޮންމެ ދާއިރާއަކުން ތަމްރީނުވެގެން ނުކުންނަ ކޮންމެ ކުއްޖަކީ ވެސް އިސްލާމީ އަޤީދާގެ ބައިތަކާއި ތައުޙީދުގެ ބައިތަކަށް އަހުލުވެރި ދީނީ އަސާސީ މައުލޫމާތުތަކަށް ލޯ ހުޅުވިފައިވާ ކުއްޖަކަށް ހަދާށެވެ! 

ލޮބުވެތި މެލެނިވެރިންނޭވެ! ސުކޫލު މަދަރުސާތަކުން ދިނީ އަސާސްތައް ދަސްކޮށްދޭނެކަމަށް ބަލައިގެން ނުތިއްބަވާށެވެ! އަމިއްލަ ޒިންމާއެއް ކަމަށް ދެކިގެން ދަރިންނަށް ދިނީ އަސާސްތަކާއި އަޤީދާގެ ބައިތަކާއި ތައުޙިދުގެ ބައިތަކަށް ދަރިން އަހުލުވެރި ކުރުވާށެވެ. ފަރުޟު ފަސް ނަމާދުގައި ކިޔާ ޛިކުރުތައް އެނގިގެން އެ ޛިކުރުތައް ރަނގަޅަށް ކިޔައި ނަމާދު ޤާއިމުކުރާ ދަރިންނަށް ހެދުމަށް މަސައްކަތްކުރާށެވެ! ކުށްނުލާ ފަރިތަކަމާއެކު ޢުމުރާ ގުޅޭ ފޮތްތައް ކިޔުއްވުމަށް ކުރައްވާ މަސައްކަތާއި އެއްވަރަށް ނުވަތަ އެއަށްވުރެ ބޮޑަށް ޤުރުއާން ފަރިތަކަމާއި އެކު ތަޖުވީދުގެ ހަމަތަކުގެ މަތިން ކިޔަން އެނގޭ ކުދިންނަށް ހެދުމަށް މަސައްކަތް ކުރާށެވެ! 

މަޞްދަރު:
ދިއިސްލާމް


No comments: