އާޚިރަތް ދުވަހަށް އީމާންވުން
ލިޔުނީ: ޒީނަތު ލަބީބު
އާޚިރަތްދުވަހަށް އީމާންވުމަކީ
އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އާޚިރަތް ދުވަހަކީ ޤިޔާމަތް ދުވަހެވެ.
އެއީ ހިސާބުބެއްލެވުމަށާއި ޖަޒާދެއްވުމަށް الله ތަޢާލާ ދެވަނަ ފަހަރަށް މީސްތަކުން
ދިރުއްވައި މަޙްޝަރުގެ މައިދާނަށް ފޮނުއްވާ ދުވަހެވެ. އެދުވަހަށް އާޚިރަތް ދުވަހޭ ކިޔުނީ
އެއަށްފަހުގައި ދެން އެހެން ދުވަހެއް ނުވާކަމަށްޓަކައެވެ. އެއީ ސުވަރުގޭގެ އަހުލުވެރިން
ސުވަރުގެއަށް ވައްދަވާ، ނަރަކައިގެ އަހުލުވެރިން ނަރަކައަށް ވައްދަވާ ދުވަހެވެ. ކޮންމެ
މީހަކުވެސް ސުވަރުގޭގައި ނުވަތަ ނަރަކައިގައި ދާއިމީ ގޮތެއްގައި ދެމިތިބޭނެއެވެ.
سورة البقرةގެ 177 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. لَّيْسَ الْبِرَّ أَن تُوَلُّوا وُجُوهَكُمْ قِبَلَ الْمَشْرِقِ وَالْمَغْرِبِ وَلَـٰكِنَّ الْبِرَّ مَنْ آمَنَ بِاللَّـهِ وَالْيَوْمِ الْآخِرِ وَالْمَلَائِكَةِ وَالْكِتَابِ وَالنَّبِيِّينَ وَآتَى الْمَالَ عَلَىٰ حُبِّهِ ذَوِي الْقُرْبَىٰ وَالْيَتَامَىٰ وَالْمَسَاكِينَ وَابْنَ السَّبِيلِ وَالسَّائِلِينَ وَفِي الرِّقَابِ وَأَقَامَ الصَّلَاةَ وَآتَى الزَّكَاةَ وَالْمُوفُونَ بِعَهْدِهِمْ إِذَا عَاهَدُوا ۖ وَالصَّابِرِينَ فِي الْبَأْسَاءِ وَالضَّرَّاءِ وَحِينَ الْبَأْسِ ۗ أُولَـٰئِكَ الَّذِينَ صَدَقُوا ۖ وَأُولَـٰئِكَ هُمُ الْمُتَّقُونَ ﴿١٧٧﴾ މާނައީ: ހެޔޮކަމަކީ (ހަމައެކަނި) އިރުމަތިފަރާތަށް ނުވަތަ ހުޅަނގުފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ. އެހެނެއް ކަމަކު، ހެޔޮކަންކުރާ މީހާއީ، اللَّه އަށާއި آخرة ދުވަހަށާއި ملائكة ންނަށާއި ފޮތަށާއި ނަބިއްޔުންނަށް إيمان ވި މީހާއެވެ. އަދި މުދަލުގެ މައްޗަށް ލޯބިހުރުމާއެކުވެސް، ގާތްތިމާގެ މީހުންނަށާއި يتيم ންނަށާއި مسكين ންނަށާއި (حال ގައި ޖެހިިފައިވާ) ދަތުރުވެރިންނަށާއި އެހީޔަށްއެދި سؤال ކުރާ މީހުންނަށާއި އަޅުން މިނިވަންކުރުމުގައި މުދާ ހޭދަކުރި މީހާއެވެ. އަދި ނަމާދު قائم ކޮށް، زكاة ދީއުޅޭ މީހާއެވެ. އަދި عهد އެއް ކޮށްފިނަމަ އެއުރެންގެ عهد ފުއްދާ މީހުންނެވެ. އަދި ތަދުމަޑުކަމާއި ބަލިމަޑުކަމާއި ހަނގުރާމައިގެ ވަގުތުގައި ކެތްކުރާ މީހުންނެވެ. ތެދުވެރިވި މީހުންނަކީ، އެއުރެންނެވެ. އަދި تقوى ވެރިންނަކީވެސް ހަމަ އެއުރެންނެވެ. (177)
سورة البقرةގެ 3 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. الَّذِينَ يُؤْمِنُونَ بِالْغَيْبِ وَيُقِيمُونَ الصَّلَاةَ وَمِمَّا رَزَقْنَاهُمْ يُنفِقُونَ ﴿٣﴾ މާނައީ: އެއުރެންނީ، غيب އަށް إيمان ވާ، އަދި ނަމާދު قائم ކުރާ، އަދި ތިމަންރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ. (3)
އާޚިރަތްދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އާޚިރަތްދުވަހަށް އީމާންވުމަކީ އީމާންކަމުގެ ފަސްވަނަ ރުކުނެވެ. އާޚިރަތް ދުވަސް ދޮގުކޮށްފި މީހަކު ކާފިރު ވެއްޖެއެވެ. سورة التغابنގެ 7 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. زَعَمَ الَّذِينَ كَفَرُوا أَن لَّن يُبْعَثُوا ۚ قُلْ بَلَىٰ وَرَبِّي لَتُبْعَثُنَّ ثُمَّ لَتُنَبَّؤُنَّ بِمَا عَمِلْتُمْ ۚ وَذَٰلِكَ عَلَى اللَّـهِ يَسِيرٌ ﴿٧﴾ މާނައީ: كافر ވިމީހުން، އެއުރެން އަލުން ދިރުއްވައި ނުފޮނުއްވާނޭކަމަށް ހީކުރޫއެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެހެންނަކުން ނޫނެވެ. ތިމަންކަލޭގެފާނުގެ ވެރިރަސްކަލާނގެ ގަންދެއްވައި ވިދާޅުވަމެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން އަލުން ދިރުއްވައި ފޮނުއްވާހުށްޓެވެ. ދެން ހަމަކަށަވަރުން، ތިޔަބައިމީހުންކުރި عمل ތަކުގެ خبر، ތިޔަބައިމީހުންނަށް އަންގަވާހުށްޓެވެ. އަދި އެކަންތަކަކީ، اللَّه އަށް ދާދިފަސޭހަ ކަމެކެވެ. (7)
އާޚިރަތްދުވަހަށް އީމާންވުމަކީ އީމާންކަމުގެ ރުކުންތަކުގެ ތެރެއިން ރުކުނެކެވެ. އާޚިރަތްދުވަހަށް އީމާންވުމަކީ އީމާންކަމުގެ ފަސްވަނަ ރުކުނެވެ. އާޚިރަތް ދުވަހަށް އީމާންވުމުގައި ދެވަނަފަހަރަށް ދިރުއްވާނޭކަމަށް އީމާންވާން ޖެހެއެވެ. މާނައީ ދެވަނަ ތާޅަފިލި ފުމެލެއްވުމުން މައްޔިތުންތައް الله ތަޢާލާގެ އިޛްނައާއެކު ދެވަނަ ފަހަރަށް ދިރިގެން ތެދުވާނެކަން ޤަބޫލުކޮށް އީމާންވާން ޖެހެއެވެ.
ހަމައެއާއެކު ހިސާބު ބެއްލެވުމާއި ޖަޒާދެއްވާނެކަމަށް އީމާންވާންޖެހެއެވެ. މީސްތަކުންގެ ޢަމަލުތައް ޤިޔާމަތް ދުވަހުގައި الله ތަޢާލާ ޙިސާބުކުރައްވާ އަދި އެބައިމީހުންގެ ޢަމަލުތަކާއި އެއްގޮތްވާގޮތުގެ މަތިން ޖަޒާދެއްވައެވެ. ހެޔޮ ޢަމަލުތަކަށް ހެޔޮ ޖަޒާއެވެ. އަދި ނުބައި ޢަމަލުތަކަށް ނުބައި ޖަޒާއެވެ. سورة الغاشيةގެ 25 އަދި 26 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. إِنَّ إِلَيْنَا إِيَابَهُمْ ﴿٢٥﴾ ثُمَّ إِنَّ عَلَيْنَا حِسَابَهُم ﴿٢٦﴾ މާނައީ: ހަމަކަށަވަރުން، އެއުރެން އެނބުރި އައުންވަނީ، ތިމަންރަސްކަލާނގެ حضرة އަށެވެ. (25) ދެން އެއުރެންގެ حساب ބެއްލެވުން ވަނީވެސް، ހަމަކަށަވަރުން، ތިމަންރަސްކަލާނގެއަށެވެ. (26)
މީގެއިތުރުން ސުވަރުގެއާއި ނަރަކައަކީ ވާކަމަށް އީމާންވާން ޖެހެއެވެ. އަދި އެދެތަނަކީ ދާއިމީ ޙަޔާތް ވޭތުކުރާނޭ ދެތަން ކަމަށް ވެސް އީމާންވާން ޖެހެއެވެ. الله ތަޢާލާ އަށް ކިޔަމަންތެރިވެ އިޚްލާޞްތެރިކަމާއި ތެދުވެރިކަމާއި އެކު އީމާންވީ އަޅުންނަށް އެއިލާހު ވަޢުދުކުރައްވާފައިވާ ތަނަކީ ސުވަރުގެއެވެ. އަދި އެއިލާހަށް އުރެދޭ އަޅުންނަށް، އެބަހީ: ކާފިރުންނަށާއި މުނާފިޤުންނަށް، އެއިލާހު ވަޢުދުކުރައްވާފައިވާ ތަނަކީ ނަރަކައެވެ. މުއުމިނުންގެ ގޮވެތީގެ ވާހަކަ ބަޔާންކޮށްދެއްވަމުން سورة البينةގެ 7 އަދި 8 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ މިފަދައިން ވަޙީކުރައްވާފައި ވެއެވެ. إِنَّ الَّذِينَ آمَنُوا وَعَمِلُوا الصَّالِحَاتِ أُولَـٰئِكَ هُمْ خَيْرُ الْبَرِيَّةِ ﴿٧﴾ جَزَاؤُهُمْ عِندَ رَبِّهِمْ جَنَّاتُ عَدْنٍ تَجْرِي مِن تَحْتِهَا الْأَنْهَارُ خَالِدِينَ فِيهَا أَبَدًا ۖ رَّضِيَ اللَّـهُ عَنْهُمْ وَرَضُوا عَنْهُ ۚ ذَٰلِكَ لِمَنْ خَشِيَ رَبَّهُ ﴿٨﴾ މާނައީ: ހަމަކަށަވަރުން، إيمان ވެ صالح عمل ތައް ކުޅަމީހުން (ދަންނާށެވެ!) އެއުރެންނީ، މީސްތަކުންކުރެ ހަމަ އެންމެ ހެޔޮމީހުންނެވެ. (7) އެއުރެންގެ ވެރިރަސްކަލާނގެ حضرة ގައި، އެއުރެންގެ ޖަޒާއަކީ، އެތާނގެ ދަށުން ކޯރުތައް ހިނގަހިނގާ ހުންނަ عدن އެވެ ކިއުނު ސުވަރުގެތަކެވެ. އެތާނގައި އެއުރެން އަބަދަށް ދެމިތިބެނިވިގޮތުގައެވެ. اللَّه އެއުރެންނަށް ރުހިވޮޑިގެންވެތެވެ. އަދި އެއުރެން އެކަލާނގެ (ދެއްވި نعمة) އަށް ރުހިގެންވެތެވެ. އެ نعمة ލިބޭހުށީ، އެމީހާގެ ވެރިރަސްކަލާނގެއަށް ބިރުވެތިވި މީހަކަށެވެ. (8)
ކާފަރުވީ މީހުންގެ ގޮވެތީގެ ވާހަކަ ބަޔާންކޮށްދެއްވަމުން
سورة
آل عمرانގެ 131
ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. وَاتَّقُوا
النَّارَ الَّتِي أُعِدَّتْ لِلْكَافِرِينَ ﴿١٣١﴾ މާނައީ: އަދި،
ނަރަކަޔަށް ތިޔަބައިމީހުން ބިރުވެތިވެ ރައްކާތެރިވާށެވެ! އެ ނަރަކަޔަކީ، كافر ންނަށްޓަކައި
ތައްޔާރުކުރައްވާފައިވާ ތަނެކެވެ. (131)
މީގެއިތުރުން ވެސް މަރުވުމަށްފަހު ވާނޭކަމަށް މާތްނަބިއްޔާ ޞައްލަ اللهޢަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވާ އެންމެހާ ކަންކަމަށް އީމާންވުމަކީވެސް އާޚިރަތްދުވަހަށް އީމާންވުމާއި ގުޅިފައިވާ ކަންކަމެވެ. އޭ ގެތެރޭގައި
× ކަށްވަޅުގެ ފިތުނަ: ވަޅުލެވުމަށްފަހު އޭނާގެ ރައްބާއި ދީނާއި ނަބިއްޔާއާއި ބެހޭގޮތުން ސުވާލުތަކެއް ކުރިމަތިވާނެ ކަމަށް އީމާންވާން ޖެހެއެވެ.
× ޤަބުރުގެ ޢަޛާބާއި
ނިޢުމަތް: އެގޮތުން އީމާންކަމުގައި ތެދުވެރިވީ އިޚްލާޞްތެރި މުއުމިނު އަޅުންނަށްޓަކައި
އޭނަގެ ލޮލުގެ ފެނުން ހުސްވާ ހިސާބަށް ކަށްވަޅު ތަނަވަސްކުރެވޭނެ ކަމާއި ނުކިޔަމަންތެރި
ކާފިރު އަޅުންނަށް އޭނަގެ އެއްކަށިގަނޑު އަނެއް ކަށިގަނޑުގެ ތެރެއަށް ވަދެގެންދާ މިންވަރަށް
ކަށްވަޅު އޭނައަށްޓަކައި ނުތަނަވަސް ކުރެއްވޭނެކަން ޤަބޫލުކޮށް އީމާންވާން
ޖެހެއެވެ.
× މަޙްޝަރުގެ މައިދާނަށް އެންމެހާ މީސްތަކުން ޖަމާކުރެއްވޭނޭކަމާއި، الله ތަޢާލާ އެއިލާހުގެ ނަބިއްޔާ
މުޙައްމަދު ޞައްލަ الله
ޢަލައިހި ވަސައްލަމައަށް ދެއްވާފައިވާ ޙައުޟު އޭކިޔުނު ފެންގަނޑާއި
އެ ފެންގަނޑާ ބެހޭގޮތުން އައިސްފައިވާ އެންމެހާ ޚަބަރުތަކާއި، އަދި އެދުވަހު ޢަދުލުވެރިކަމުގެ
ހަޤީޤީ ތިލަފަތެއް ޤާއިމުކުރެއްވޭނޭކަމާއި އެ ތިލަފަތުން މީސްތަކުންނާއި އެމީހުންގެ ޢަމަލުތަކާއި
ޢަމަލުގެ ފަތްތައް ވަޒަންކުރައްވާނޭކަމާއި، އެދުވަހުގެ ޝަފާޢަތްތެރިވުމާއި ބެހޭގޮތުން އައިސްފައިވާ
އެންމެހާ ޚަބަރުތަކަށާއި، ޞިރާޠުމަގާއި އެމަގާއި ބެހޭގޮތުން އައިސްފައިވާ އެންމެހާ
ޚަބަރުތަކާއި އަދި މިނޫނަސް އިންސާނާ މަރުވުމަށްފަހު ހިނގާނޭ ކަމަށް ކީރިތި ޤުރުއާނާއި
މާތް ނަބިއްޔާ މުޙައްމަދު ޞައްލަالله
ޢަލައިހި ވަސައްލަމަގެ ސުންނަތުން އެނގެންހުރި އެންމެހާ ކަންކަމަށް
އީމާންވާން ޖެހެއެވެ.
އާޚިރަތް ދުވަހަށް
އީމާންވުމުން ލިބޭ ބައެއް ފައިދާ:
© الله ތަޢާލާއަށް
ކިޔަމަންތެރިވެ ހެޔޮޢަމަލުތައް އަދާކުރުމަށް ބޭނުންވުމާއި އެކަމަށް އަވަސްވެގަތުމާއިއެކު ހެޔޮޢަމަލުތަކަށް ދަހިވެތިވުން
© ހެޔޮ ޢަމަލެއް ނުކުރެވިދާނެ ކަމަށްޓަކައި ބިރުވެތިވުމާއެކު ދެރަވެ ހިތާމަކުރުމާއެކު ގޯސް ޢަމަލުތަކާއި ދުރަށް ދިއުމަށް މަސައްކަތްކުރުން..
©
الله ތަޢާލާއަށް
އުރެދެވިދާނެކަމަށް ބިރުވެތިވުން .
© ދުނިޔެއިން މުއުމިނު
އަޅާއަށް ގެއްލިގެންދާ އެއްޗަކާއިމެދު މާޔޫސްނުވުން އަދި އާޚިރަތުގެ ދާއިމީ ނިޢުމަތްތަކަށް
އުއްމީދުކުރުން.
© ނަފްސަށް ހިތްހަމަޖެހުމާއި ރޫޙަށް ހަމަޖެހުންލިބުން.
سورة الحشرގެ 18 ވަނަ އާޔަތުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. يَا أَيُّهَا
الَّذِينَ آمَنُوا اتَّقُوا اللَّـهَ وَلْتَنظُرْ نَفْسٌ مَّا قَدَّمَتْ لِغَدٍ ۖ
وَاتَّقُوا اللَّـهَ ۚ إِنَّ اللَّـهَ خَبِيرٌ بِمَا تَعْمَلُونَ ﴿١٨﴾ މާނައީ:
އޭ إيمان ވެއްޖެ
މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ! އަދި ކޮންމެ نفس އެއްމެ،
މާދަމައަށްޓަކައި އިސްކޮށްފައިވާ عمل އެއް ބަލައިފާހުށިކަމެވެ! އަދި ތިޔަބައިމީހުން اللَّه އަށް تقوى ވެރިވާށެވެ!
ހަމަކަށަވަރުން، اللَّه އީ، ތިޔަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ.
(18)
މަޞްދަރު:
مجموعة زاد
ދިސަލަފިއްޔާ
No comments:
Post a Comment