ސުންނަތާއި އެއްގޮތަށް ވުޟޫކުރުން
ލިޔުނީ: ޒީނަތު ލަބީބު.
އަންނަނިވި ހާލަތްތަކުގައި
ވުޟޫކުރުން ފަރުޟުވެގެންވެ އެވެ.
ޖުމްހޫރު ޢިލްމުވެރިން
އިއްތިފާޤުވާ ގޮތުގައި ނަމާދު ކުރަން ފެށުމުގެ ކުރިން ވުޟޫކުރުން ފަރުޟުވެގެންނެ
އެވެ. ފަރުޟު ނަމާދެއް ނުވަތަ ސުންނަތް ނަމާދެއް ތަފާތުކުރުމެއް ނެތެވެ. رّسول الله صلى الله
عليه وسلم ޙަދީޘް ކުރައްވާފައިވާ ޙަދީޘެއްގެ މާނައިގައި ވެއެވެ. ޠަހާރާތާނުލާ
ކުރާ ނަމާދު ޤަބޫލުވެގެނެއް ނުވެއެވެ.
ޖުމްހޫރު ޢިލްމުވެރިންގެ ތެރެއިން
މާލިކީ މަޛްހަބުގެ ޢިލްމުވެރިންނާއި ޝާފިޢީ މަޛްހަބުގެ ޢިލްމުވެރިންނާއި ޙަންބަލީ
މަޛުހަބުގެ ޢިލްމުވެރިން އިއްތިފާޤުވާ ގޮތުގައި ޠަވާފު ކުރަން ފެށުމުގެ ކުރިން
ވުޟޫކުރުން ފަރުޟުވެގެންނެ އެވެ. ފަރުޟު ޠަވާފެއް ނުވަތަ ސުންނަތް ޠަވާފެއް
ތަފާތުކުރުމެއް ނެތެވެ. رّسول الله صلى الله عليه وسلم ޙަދީޘް ކުރައްވާފައިވާ ޙަދީޘެއްގެ
މާނައިގައި ވެއެވެ. ގެފުޅުގެ ވަށައިގެން ކުރެވޭ ޠަވާފަކީ ނަމާދު ފަދަ
އަޅުކަމެކެވެ. އެތަނުގައި ތިޔަބައިމީހުން ބަހެއް ބުނަނީ ނަމަ (އެބަހީ: ވާހަކަ
ދައްކަނީ ނަމަ) ނަމަ ހެޔޮބަހެއް މެނުވީ ނުބުނާށެވެ! ޠަވާފުކުރުމުގެ ކުރިން
ވުޟޫކުރުމަކީ ވާޖިބެއް ކަމުގައި ޙަނަފީ މަޛުހަބުގެ ޢިލްމުވެރިން ޤަބޫލުކުރައްވައެވެ.
ޖުމްހޫރު ޢިލްމުވެރިން
އިއްތިފާޤުވާ ގޮތުގައި ޤުރުއާން އުފުލުމުގެ ނުވަތަ ބީހުމުގެ ކުރިން ވުޟޫކުރުން
ފަރުޟުވެގެންވެ އެވެ. މާތް ﷲ ވަޙީކުރައްވާފައިވާ އާޔަތެއްގެ މާނައިގައި ވެއެވެ. طاهر ވެގެންވާ މީހުން
މެނުވީ، އެ ފޮތުގައި ނުބީހޭނެތެވެ.
قال الله تعالى: (يَا
أَيُّهَا الَّذِينَ آمَنُوا إِذَا قُمْتُمْ إِلَى الصَّلَاةِ فَاغْسِلُوا
وُجُوهَكُمْ وَأَيْدِيَكُمْ إِلَى الْمَرَافِقِ وَامْسَحُوا بِرُءُوسِكُمْ
وَأَرْجُلَكُمْ إِلَى الْكَعْبَيْنِ وَإِنْ كُنْتُمْ جُنُباً فَاطَّهَّرُوا وَإِنْ
كُنْتُمْ مَرْضَى أَوْ عَلَى سَفَرٍ أَوْ جَاءَ أَحَدٌ مِنْكُمْ مِنْ الْغَائِطِ
أَوْ لَامَسْتُمْ النِّسَاءَ فَلَمْ تَجِدُوا مَاءً فَتَيَمَّمُوا صَعِيداً
طَيِّباً فَامْسَحُوا بِوُجُوهِكُمْ وَأَيْدِيكُمْ مِنْهُ مَا يُرِيدُ اللَّهُ
لِيَجْعَلَ عَلَيْكُمْ مِنْ حَرَجٍ وَلَكِنْ يُرِيدُ لِيُطَهِّرَكُمْ وَلِيُتِمَّ
نِعْمَتَهُ عَلَيْكُمْ لَعَلَّكُمْ تَشْكُرُونَ). މާނައީ: އޭ إيمان ވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ނަމާދަށް ތެދުވެއްޖެނަމަ، (އެބަހީ: ނަމާދުކުރާން
قصد
ކޮށްފިނަމަ)
ފަހެ، ތިޔަބައިމީހުންގެ މޫނުތަކާއި، ތިޔަބައިމީހުންގެ އަތްތައް، އުޅަނބޮށިތަކާ ހަމަޔަށް
ދޮންނާށެވެ! އަދި ތިޔަބައިމީހުންގެ ބޯތަކުގައި (ފެން) ފުހޭށެވެ! އަދި ތިޔަބައިމީހުންގެ
ފައިތައް ދެތަނބިކަށްޓާހަމަޔަށް ދޮންނާށެވެ! އަދި ޖުނުބުވެރިން ކަމުގައި ތިޔަބައިމީހުން
ވެއްޖެނަމަ، ފަހެ، ތިޔަބައިމީހުން طاهر ވެގަންނާށެވެ! އަދި ތިޔަބައިމީހުންނީ ބަލިމީހުން ކަމުގައި ވެއްޖެނަމަ، ނުވަތަ
ދަތުރެއްގެ މަތީގައި ވެއްޖެނަމަ، ނުވަތަ ތިޔަބައިމީހުންކުރެ މީހަކު ހަނޑަހުން އަތުވެއްޖެނަމަ،
ނުވަތަ އަންހެނުންގައި ބީހިއްޖެނަމަ، ދެން، ފެން ނުލިބިއްޖިއްޔާ طاهر ވެލީން ތިޔަބައިމީހުން تيمّم ކުރާށެވެ! ފަހެ، ތިޔަބައިމީހުންގެ
މޫނުތަކާއި، އަތްތަކުގައި އެ ވެލީން ފުހޭށެވެ! ތިޔަބައިމީހުންގެ މައްޗަށް ދަތިކަމެއް
ލެއްވުމަކަށް اللَّه އިރާދައެއް ނުކުރައްވަތެވެ. އެހެނެއްކަމަކު އެކަލާނގެ އިރާދަކުރައްވަނީ ތިޔަބައިމީހުން
طاهر
ކުރެއްވުމަށާއި،
ތިޔަބައިމީހުންގެ މައްޗަށް އެކަލާނގެ نعمة ފުރިހަމަ ކުރެއްވުމަށެވެ. (އެއީ) ތިޔަބައިމީހުން شكر ކުޅައުމަށްޓަކައެވެ.
ވުޟޫގެ
ފަރުޟުތައް:
1-
ނިޔަތްގަތުން.
2-
މުޅި މޫނު އެއްކޮށް
ދޮވުން.
3-
ދެއަތް ދެއުޅަނބޮށިކަށްޓާއެކު
ދޮވުން.
4-
މުޅި ބޮލުގައި
ފެންފުހުން.
5-
ދެފައިތިލަ ދެ
ތަނބިކައްޓާއެކު ދޮވުން.
6-
ޙަރަކާތްތައް
ތަރުތީބުން ކުރުން.
ވުޟޫގެ ސުންނަތްތައް:
1-
ފަށައިގަންނަ ހިނދު ބިސްމި ކިއުން.
2- ތިންފަހަރު ދެއަތް ދޮވެލުން.
3- ތިންފަހަރު ކޯ ދޮވެލުން.
4- ނޭފަތަށް ތިންފަހަރު ފެންލުމާއި އަދި ބޭރަށް ފޮޅާލުން.
5- އިނގިލިތައް ވިނަވާލުން.
6- ތިންފަހަރަށް ދޮވުން.
7- ކަނާތްކިބަ އިސްކުރުން.
8- މުވާލާތުކުރުން.
9- ދެކަންފަތުގައި ފެން ފުހުން.
10- ފެނުން އިސްރާފުނުކުރުން.
11- ވުޟޫކުރުމަށްފަހު
ވުޟޫދުޢާ ކިޔުން.
ސުންނަތާއި އެއްގޮތަށް ވުޟޫކުރާނެގޮތް:
ވުޟޫ ކުރުމަށް ނިޔަތްގަނެ بسم الله ފުރަތަމަ ކިޔުމަށްފަހު ދެއަތްތިލަ ކުޑަހުޅާއެކު
ދޮވެލާށެވެ. ދެން އަނގަޔަށް ތިންފަހަރު ފެން ލުމަށް ފަހު ދޮވެލާށެވެ. އެއަށްފަހު ނޭފަތަށް
ތިންފަހަރު ފެން ލުމަށްފަހު ވާތުން ނޭފަތް ފޮޅާލާށެވެ. ދެން މުޅި މޫނު ތިން ފަހަރު
ދޮވެލާށެވެ. (މޫނަކީ ޢާއްމުކޮށް ބޮލުގެ އިސްތަށިފަޅާ ހިސާބުން ފެށިގެން މޫނާއި
ކަރާ ގުޅޭ ހިސާބެވެ. އަދި ދެ ކަންފަތުގެ މަޑު މަސްކޮޅުގެ ދެމެދެވެ). އެއަށްފަހު ދެ
އަތް ދެ އުޅަބޮށްޓާއެކު ތިން ފަހަރު ދޮވެލާށެވެ. ދެން މުޅި ބޮލުގައި އެއް ފަހަރު
ފެން ފުހޭށެވެ. ބޮލުގައި ފެންފުހުމާއެކު ކަންފަތުގެ ބޭރުފުށާއި އެތެރެ ފުށުގައި
(ފެންނަން ހުރި ހިސާބު) ފެން ފުހޭށެވެ. އެއަށްފަހު ދެ ފައިތިލަ ދެ ތަނބިކަށްޓާއެކު
ތިން ފަހަރު ދޮވެލާށެވެ. ފައި ދޮންނަ އިރު ވާތުގެ ކުޑަ އިނގިލިން ފައިގެ
އިނގިލިތަކުގެ ދެމެދުގައި (އަހުރު) ފެންލާށެވެ.
ވުޟޫކޮށް ނިމުމުން ވުޟޫ ދުޢާ
ކިޔާށެވެ. ވުޟޫކުރުމުގައި ފެން އިސްރާފު ނުކުރާށެވެ.
أَشْهَدُ أَنْ لَّا إِلَهَ إِلَّا
اللهُ وَحْدَهُ لَا شَرِيْكَ لَهُ وَأَشْهَدُ أَنَّ مُحَمَّدًا عَبْدُهُ
وَرَسُوْلُهُ، اَللَّهُمَّ اجْعَلْنِيْ مِنَ التَّوَّابِيْنَ وَاجْعَلْنِيْ
مِنَ الْمُتَطَهِّرِيْنَ، سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ
أَشْهَدُ أَنْ لَّا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوْبُ إِلَيْكَ. މާނައީ: ﷲ މެނުވީ
ޙައްގުގެން އަޅުކަންވެވޭ އިލާހަކު ނުވާކަމަށް އަޅުހެކިވަމެވެ. އެކަލާނގެއީ އެއްކައުވަންތަ
އިލާހެވެ. އެކަލާނގެ ޙަޟްރަތަށް އެއްވެސް ބައިވެރިޔަކު އަދި ޝަރީކަކު ނުވެއެވެ. އަދި
މުޙަންމަދު- ޞައްލަﷲ ޢަލައިހި ވަސައްލަމަ- އީ ﷲ ގެ އަޅާ އަދި ރަސޫލާ ކަމަށް އަޅު ހެކިވަމެވެ.
ހައްދަވައި ގެންގުޅުއްވާ އިލާހެވެ. މިއަޅާއީ ގިނަގިނައިން ތައުބާވާ އަޅަކު ކަމުގައި
ލައްވައިފާންދޭވެ. އަދި ޞާފުޠާހިރުވާ މީހުންގެ ތެރެއިން ލައްވާފާންދޭވެ. އިބަ އިލާހުގެ
ހުސްޠާހިރުވަންތަ ކަމާއެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އިބަ އިލާހަށް ޙަމްދު
ހުއްޓެވެ. އިބަ އިލާހު މެނުވީ ޙައްގުވެގެން އަޅުކަންވެވޭ އެހެން އިލާހަކު ނުވާކަމަށް
އަޅުހެކިވަމެވެ. މިއަޅާގެ ފާފަ ފުއްސަވައި ދެއްވާފާންދޭވެ. މިއަޅާ އަށް ކުރެވިފައިވަ
ފާފަ ތަކުން އިބަ އިލާހުގެ ޙަޟްރަތަށް ތައުބާ ވަމެވެ.
ހަވާލާދިނުން:
No comments:
Post a Comment