އުފާ ޙާޞިލުކުރަން އެދޭ މީހާ ވިސްނާށެވެ!
ލިޔުނީ: ޒީނަތު ލަބީބު.
ތިބާއަކީ
އުފާވެރިއެއް ހެއްޔެވެ؟ ހަމަޔަގީނުން ވެސް ގިނަބައެއްގެ ޖަވާބަކަށް ވާނީ ނޫނެކެވެ.
ކަމަކަށްފަހު ކަމެއް ދިމާވެއެވެ. އެކަކު ރުޅިވާއިރަށް އަނެކަކު ރުޅިވާނެ އެވެ.
އެއްކަމެއް ނިމޭ އިރަށް އަނެއް ކަމެއް ލައިގަންނާނެ އެވެ. ބޭނުންވާ ކަމެއް ކުރެވޭ
ދުވަހެއް ނާދެއެވެ. ބޭނުން ތަނަކަށް ދެވެނީކީއެއް ނޫނެވެ. ކާނެ މީރު ކާއެއްޗެއް
ނުލިބެއެވެ. ހަމަޖެހިލައިގެން އުޅެލެވޭނެ ތަނެއްނެތެވެ. އަޅާލާނެ މީހެއްނެތެވެ.
މިއީ ތިބާ އެކޭ އެއްފަދައިން ވަރަށް ގިނަބައެއްގެ އިހްސާސްތަކާއި ޝުޢޫރުތައް
ހުރިގޮތެވެ. ތިބާ އެއްފަހަރުވެސް އަސްލު ހަޤީޤީ މައްސަލައަކީ ކޮބައިކަން ހޯދަން
މަސައްކަތެއް ކުރިން ހެއްޔެވެ؟ މިކަމަށް ޝިފާއެއް ލިބޭތޯ އުޅުނިން ހެއްޔެވެ؟
މިއިކީ ޝިފާއެއް ނެތް ބައްޔެއް ނޫނެވެ. މިކަމަށް ހައްލެއް ހޯދަން ބޭނުންވަނީ ކުޑަ
ކުޑަ ހިތްވަރެކެވެ.
ތިބާއަކީ
އުފާވެރިއެއް ކަމުގައި ވާން ބޭނުން ނަމަ އެންމެ ފުރަތަމަ ވެސް އިޚްލާޞްތެރިއެއް
ކަމުގައި ވާށެވެ. އިޚްލާޞްތެރިވުމުގައި އެންމެ ފުރަތަމަ ﷲއަށް އިޚްލާޞްތެރިވާށެވެ.
ތިބާއަކީ ފަރުޟު ފަސް ނަމާދު ގަޑިން ގަޑިއަށް އިޚްލާޞްތެރިކަމާއި މަޑުމައިތިރިކަމާއި
ޚުޝޫޢަތްތެރިކަމާއެކު ކުރާ މީހަކު ކަމުގައި ވާށެވެ. ތިބާގެ ލޮލުގެ ފިނި ކަމަކީ
ނަމާދު ކަމުގައި ހަދާށެވެ. ތިބާގެ ދުލުގެ މިޔުޒިކަކީ ކީރިތި ޤުރުއާން ކިޔެވުން
ކަމުގައި ހަދާށެވެ. ތިބާގެ އެކަނިވެރިކަން ފިލުވައިދޭ ބައިވެރިއަކީ ދުޢާ ކުރުމާއި
ތަސްބީޙަ ކިޔުމާއި ޙަމްދުކުރުން ކަމުގައި ހަދާށެވެ. ތިބާއަށް
ލިބޭހުސްވަގުތުތަކުގައި ބަލާ ފިލްމަކީ ﷲ ތަޢާލާ މަޢްރިފާކޮށް ދެނެގަތުން ކަމުގައި
ހަދާށެވެ. ރޭގަނޑުގެ ވަގުތުތަކުގައި ތިބާ ޗެޓްކޮށް ވާހަކަ ދައްކާ ފަރާތަކީ ﷲ
ތަޢާލާ ކަމުގައި ހައްދަވާށެވެ. ތިބާގެ ފޭވަރޭޓް ހިރޯ ނުވަތަ ރޯލް މޮޑެލަކީ
ނަބިއްޔާ މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަމުގައި ބަލާށެވެ. ތިބާގެ
އެޑްވައިޒަރަކީ ﷲ އާއި އެއިލާހުގެ ރަސޫލާ ކަމުގައި ހަދާށެވެ. ތިބާގެ ހިތުގައި
ވަކިހިއްޕާފައިވާ ކަޅުލައްތައް ފިލުވާލާ ބޭހަކީ ޤުރުއާނާއި ސުންނަތް ކަމުގައި
ހަދާށެވެ. ތިބާގެ ހަށިގަނޑު އެއްމިނެއްގައި ބެހެއްޓުމަށް ތިބާ ގެންގުޅޭ
އައްޑަނައަކީ، ނުވަތަ ޑައެޓަކީ ރޯދަ ހިފުން ކަމުގައި ހަދާށެވެ. ތިބާގެ
އެކުވެރިންނަށް ދެވޭ ކޮފީއާއި ހަދިޔާއަކީ، ކަނާތުން ދޭއިރު ވަތާއް ނޭނގި ދެވޭ
ޞަދަޤާތް ކަމުގައި ހަދާށެވެ. ތިބާ އަކީ މުށްބާރު މީހެއް ކަމުގައި ނުވާށެވެ.
ތިބާގެ ބަނޑު
ފުރާނަ މުއްތިކުރުމަށް ހޯދާ ތަކެއްޗަކީ ޙަލާލު މަސައްކަތުން ހޯދާ އެއްޗެއްކަމުގައި
ހަދާށެވެ. ބޯހިޔާވަހި ކުރުމަށް އަޅާ ގެއަކީ ރިބާގެ ނަޖިހުން ޠާހިރުވެފައިވާ
ތަނަކަށް ހަދާށެވެ. ތިބާގެ ލިބާސް އެޅުން އިސްލާމީ ގިއުގަނޑުގެ ތެރޭގައި
ބަހައްޓާށެވެ. ތިބާ އެކަމަކަށް ނޯ އޭ ބުނާ ކޮންމެ ކަމަކީ ﷲ އާއި އެ އިލާހުގެ
ރަސޫލާ ނަހީ ކުރައްވާފައިވާ ކަމެއް ކަމުގައި ހަދާށެވެ. ތިބާ އެކަމެއް ކުރަން
ކިތަންމެ ބޭނުންވިޔަސް ﷲ އާއި އެ އިލާހުގެ ރަސޫލާ އެކަމެއް ކުރުމަށް އެދި
ވޮޑިނުގަންނަވާ އެއްވެސް ކަމެއް ނުކުރާށެވެ. ތިބާގެ ހިތް އަނެކާގެ މައްޗަށް ސާފު
ބިއްލޫރި ކޮޅެއްފަދައިން ޖަރީކުރާށެވެ. ތިބާގެ މޫނުގެ ސޫރަ ރީތިކުރުމަށް އުނގުޅާ
ފައުންޑޭޝަނަކީ ހިނިތުންވުން ކަމުގައި ހަދާށެވެ. ކަންކަމުގައި ތިބާގެ އަމިއްލަ
ނަފްސަށް އެދޭ ފަދައިން އެހެން މީހުންނަށް އެދޭށެވެ. އެހެން މީހުންނަށް
ދެއްވާފައިވާ އެއްޗަކާ މެދު ޝަކުވާ ނުކުރާށެވެ. ތިބާއަށް ދެއްވާފައިވަނީ ތިބާއަށް
ފުދޭ މިންވަރަށް ކަން ޤަބޫލުކުރާށެވެ. ތިބާ އެބަޔަކާއެކީ ވަގުތު ހޭދަކުރާ ބަޔަކީ ﷲ
އާއި އެއިލާހުގެ ރަސޫލާ މަތިން ހަނދުމަކޮށްދީ ސުވަރުގެއަށް ދިއުމަށް މަގުފަހިކޮށްދޭ
ބަޔަކަށް ހަދާށެވެ. އެއްވެސް ކަމެއްގައި ހައްދުފަހަނަޅާ ގޮސްފައިވާ މީހެއް
ކަމުގައި ތިބާ ނުވާށެވެ.
މިކަންތައްތައް
މިގޮތަށް ކުރުމަށްފަހު ތިބާގެ ދިރިއުޅުން އިމްތިހާނު ކުރާށެވެ. ހަމަ ޔަގީނުން ވެސް
ތިބާ ވާނީ އުފާވެރިންގެ ތެރޭގައެވެ.
No comments:
Post a Comment