Featured Post

Ombey

Sunday, May 27, 2018

waguthuge muhinmukan


ވަގުތުގެ މުހިއްމުކަން

Related image 
ލިޔުނީ: ޒީނަތު ލަބީބު.

الحمد لله والصلاة والسلام على رسول الله وعلى آله وصحبه وصحبه أجمعين.


އަދުގެ ދުނިޔޭގައި ގިނަބައެއްގެ ޝަކުވާއަކަށް ވެފައިވާ އެންމެ ބޮޑު އެއްކަމަކީ ކަންކަން ކުރުމަށް ވަގުތުނުވާކަމެވެ. ކޮންމެ މީހަކީ ވެސް ވަރަށް ބިޒީކޮށް އުޅެންޖެހޭ މީހެކެވެ. މިގޮތަށް ބިޒީ ކޮށް އުޅެންޖެހުމުގެ ސަބަބުން ކުރަންޖެހޭ އެއްވެސް މަސައްކަތެއް ރަނގަޅަށް ނުކުރެވެއެވެ. ދުނިޔެ ތަރައްޤީވަމުންދާ ނިސްބަތަށް ބަލާއިރު މީހުންގެ ބިޒީކަމަށް ހައްލެއް ނުލިބިގެން އުޅޭ ސަބަބަކީ ކޮބައިހެއްޔެވެ؟ މީހުން ބިޒީވެގެން ކުރަނީ ކޮންކަމެއްތޯއެވެ؟ އެމީހުން އެކުރާ މަސައްކަތެއްގެ ސަބަބުން އެމީހުންގެ ދެދުނިޔެއަށް ފައިދާއެއް ކުރޭތޯއެވެ؟ ނޫންނަމަ ގަޑީގެ ކަށި ދައުރުވާ ގޮތް އަވަސްވީ ބާވައެވެ. ތަރައްޤީގެ ރޮނގުން ކުރިއަރަމުންދާ ދުވަސްވަރެއްގައި މީހުން ބިޒީވާންޖެހޭ ސަބަބެއް ވާކަމަކަށް ޤަބޫލެއްނުކުރެވެއެވެ. އަޅުގަނޑުމެންގެ ކުރިން އުޅުއްވި ބޭކަލުންގެ ޙަޔާތްޕުޅުތަކަށް ނަޒަރު ހިންގައި ބަލާލާއިރު އެބޭކަލުން ކުރައްވާފައިވާ މަސައްކަތްޕުޅުތައް ގިނަގުނައެވެ. މިޒަމާނާ އަލާބަލާއިރު އެއީ ވަސީލަތްތައް މަދު ދުވަސްވަރުތަކެކެވެ. އެހެންނަމަވެސް އެބޭކަލުން ކުރައްވާފަައިވާ މަސައްކަތްޕުޅުތަކަކީ އަގުނުކުރެވޭނެ ފަދަ ކަންތައްތަކެކެވެ.

އެއްބަޔަކު ދުވާލުގެ ގިނަވަގުތު ނިދުމުގައި ހޭދަކުރުމަށްފަހު ރޭގަނޑަކީ ކުޅިވަރުކުޅުމަށް ޚާއްޞަ ވަގުތަކަށް ވަނީ ހަދާފައެވެ. އަނެއްބަޔަކު އެމީހުންގެ ރޭތައް ހޭދަކޮށްލަނީ ސޯޝަލް މީޑިއާގެ ތަފާތު ވަސީލަތްތަކުގެ ތެރޭގައެވެ. އަނެއްބަޔަކު އެމީހުންގެ ރޭތަށް ހޭދަކޮށްލަނީ ކޮފީ މޭޒު ދޮށުގައެވެ. އަނެއްބަޔަކު އެމީހުންގެ ރޭތަށް ހޭދަކޮށްލަނީ ޓީވީ ދޮށުގައި ފުޓުބޯޅަ ފަދަ މެޗުތައް ބަލާށެވެ. އަނެއްބަޔަކު އެމީހުންގެ ދުވާލާ ރޭގަނޑު ހޭދަކޮށްލަނީ ޓީވި ދޮށުގައި ޑްރާމާ ސީރީޒްތައް ބެލުމުގައެވެ. އަނެއްބަޔަކު އެމީހުންގެ ހުރިހާ ވަގުތެއްހެން ހޭދަކޮށްލާނީ ބޭކާރު ވާހަކަ ދެއްކުމުގައްޔާއި ޙަރާމްކަންތައްތައް ކުރުމުގައްޔާއި ޣީބަބުނުމުގައެވެ. މިހުރިހާ ކަމެއް ކުރަންޖެހުމުގެ ސަބަބުން އިންސާނާ މިވަނީ ބިޒީ މީހަކަށްވެ އޭނާ ދުނިޔެއަށް ފޮނުވުނު މަޤްޞަދު މަތިން ޣާފިލުވެފައެވެ.

ޝައްކެއްނެތް ގޮތުގައި އިންސާނައަށް ލިބިފައިވާ އެންމެ އަގުބޮޑު ރައުސުލްމާލަކީ ވަގުތެވެ. ވަގުތަކީ އިންސާނާގެ ޙަޔާތެވެ. ޙަޔާތުން ބޭކަރުކޮށްލެވޭ އެންމެ ފަޅި ސިކުންތަކީ އެއްވެސް މީހަކަށް ހޯދައިގަނެވޭނެ އެއްޗެއް ނޫނެވެ. ގެއްލުވާލާ އެންމެ ހިނދުކޮޅެއްގެ އަގުވެސް އިންސާނާއަށް ނުކުރެވޭނެއެވެ. އަހަރުމެންގެ ޙަޔާތުން އެންމެ ހިނދުކޮޅެއްވެސް ބޭކާރުގޮތުގައި ނަގާލުމަކީ ބުއްދިވެރި ގޮތެއްނޫނެވެ. އިސްލާމްކަމުގެ ރުކުންތަކާއި މެދު ވިސްނާ ފިކުރުކުރާ ކޮންމެ މީހަކަށް ވަގުތުގެ މުހިންމުކަން އެނގިގެންދާނެއެވެ. ﷲ ތަޢާލާ ކީރިތި ޤުރުއާނުގައި ނަމާދު ކުރާނެ ވަގުތު ކަނޑައަޅުއްވައި ބަޔާންކޮށްދެއްވާފައި ވެއެވެ. މާތް ﷲ ކީރިތި ޤރުއާނުގެ ނިސާ ސޫރަތުގެ 103 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. إِنَّ الصَّلَاةَ كَانَتْ عَلَى الْمُؤْمِنِينَ كِتَابًا مَّوْقُوتًا ﴿النساء١٠٣﴾ މާނައީ: ހަމަކަށަވަރުން، ނަމާދަކީ مؤمن ތަކުންގެ މައްޗަށް وقت ކަނޑައެޅިގެންއޮތް فرض އެއްކަމުގައި ވެއެވެ. ރޯދަ ހިފުން މުސްލިމުންގެ މައްޗަށް ވާޖިބު ވެގެންވަނީ ރަމަޟާން މަހުގައެވެ. ޒަކާތް ދޭންޖެހެނީ މުދާއަތުގައި (ނިޞާބުހަމަވުމަށްފަހު) ހުންނަތާ ހިޖުރީ ގޮތުން އެއްއަހަރު ފުރުމަށްފަހުގައެވެ. އަދި ޙައްޖުގެ އަޅުކަން އަދާކުރެވޭނީ ޙައްޖުމަހުގެ ތެރޭގައެވެ. އެހެންމަހެއްގައި ޙައްޖުކުރަން ބޭނުންވިޔަސް އެކަމެއް ނުކުރެވޭނެއެވެ.

އިންސާނާގެ ޙަޔާތުން ބޭކާރުކޮށްލެވޭ ކިތަންމެ ކުޑަ ހިނދުކޮޅަކާ މެދުގައިވެސް ޤިޔާމަތް ދުވަހު އޭނާ ހިތާމަކުރަންޖެހޭނެއެވެ. ފާއިތުވެދާ އެންމެ ހިނދުކޮޅަކީވެސް އަނބުރައި ލިބޭނޭ އެއްޗެއްނޫނެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ޙަދީޘް ކުރެއްވިއެވެ. "اغْتَنِمْ خَمْسًا قَبْلَ خَمْسٍ: شَبَابَكَ قَبْلَ هَرَمِكَ، وَصِحَّتَكَ قَبْلَ سَقَمِكَ، وَغِنَاكَ قَبْلَ فَقْرِكَ، وَفَرَاغَكَ قَبْلَ شُغُلِكَ، وَحَيَاتَكَ قَبْلَ مَوْتِكَ" މާނައީ":ފަސްކަމެއް ކުރިމަތިވުމުގެ ކުރިން ފަސްކަމެއްގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ !މުސްކުޅިވުމުގެ ކުރިން ޒުވާންކަމުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ !އަދި ބަލިވުމުގެ ކުރިން ޞިއްޙަތުގެ ފައިދާ ގަނގަޅު ގޮތުގައި ލިބިގަންނާށެވެ !އަދި ފަޤީރުވުމުގެ ކުރިން ތަނަވަސްކަމުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ !އަދި އަވަދިނެތި އުޅެންޖެހުމުގެ ކުރިން ލިބިފައިވާ ހުސްވަގުތުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ !އަދި މަރުވުމުގެ ކުރިން ޙަޔާތުގެ ފައިދާ ރަނގަޅުގޮތުގައި ލިބިގަންނާށެވެ!"  މީގެއިތުރުންވެސް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "نِعْمَتانِ مَغْبُوْنٌ فِيْهِمَا كَثِيْرٌ مِنَ النَّاسِ: الصِّحَةُ وَالفَرَاغُ" (رواه البخاري ) މާނައީ: "މީސްތަކުންގެ ތެރެއިން ގިނަ ބަޔަކު އެކަމަކާމެދު ޣާފިލުވެފައިވާ ދެނިޢުމަތެއް ވެއެވެ. އެއީ ފުރިހަމަ ޞިއްޙަތާއި ހުސްވަގުތެވެ."

ދުނިޔޭގެ ހަވާ ނަަފްސަށް ހެއްލިފައިވާ އިންސާނާ އެކަމާ ހިތާމަކުރާނެ ދުވަހެއް އަންނާނެއެވެ. އެދުވަހަކުން އިންސާނާ ދެވަނަ ފަހަރަށް ދުނިޔެއަށް ފޮނުއްވައި ދެއްވުން އެދި އޭނާގެ ވެރި އިލާހުގެ ޙަޟްރަތަށް ދަންނަވާނެއެވެ. އޭނާ ދުނިޔެއަށް ދާން ބޭނުންވާނީ އެހެންބޭނުމެއްގައެއް ނޫނެވެ. އޭނާއަށް ނުކުރެވި ހުރި ހެޔޮ ޢަމަލުތައް ކުރުމުގެ ބޭނުމުގައެވެ. އެހެންނަމަވެސް ހިތާމަޔަކީ އޭރުވާނީ ވަގުތު ފާއިތުވެފައެވެ. އިންސާނާއަށް ލިބިފައި މިވާ ކުޑަކުޑަ ވަގުތު ކޮޅުގެ ބޭނުން އެއިންސާނާއަށް ހިފޭނީ އިސްލާމް ދީނުގައި އަންގަވާފައިވާ ގޮތަށް އޭނާގެ ޙަޔާތުގެ އެންމެހާ ކަންތައްތައް ބައްޓަންކޮށްގެންނެވެ. ގަޑިން ގަޑިއަށް އަދާކުރަންޖެހޭ އަޅުކަންތައް އަދާކުރުންމަތީ ދުނިޔޭގެ ޙާޔާތް ކަޑައްތުކުރެވިއްޖެ މީހަކީ ވަގުތުގެ އެންމެ ހެޔޮގޮތުގައި ބޭނުންކުރެވުނު މީހާއެވެ.

ޙަޔާތުން ފާއިތުވަމުންދާ ދުވަސްތަކާމެދު އުފާނުކުރާށެވެ. ފާއިތުވެގެންދާ ކޮންމެ ވަގުތުކޮޅެއް ކައިރިކޮށްދެނީ ތިބާގެ މާރާއެވެ. ތަޤުވާވެރިކަމުގެ ފޭރާމުން ފޭރާންލެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ރޭ ވެއްޖެނަމަ ފަތިހާ ހަމައަށް ދިރިހުންނާނެ ކަމެއް ވެސް ނޭނގެއެވެ. ދުވާ ވެއްޖެނަމަ ރޭގަނޑާ ހަމައަށް ދިރިހުންނާނެ ކަމެއް ވެސް ނޭނގެއެވެ. އިއްޔެ އަޅުގަނޑުމެންގެ ގާތުގައި ތިބި އެކުވެރިން މިއަދު ވަނީ ކައްވަޅުތަކުގައެވެ. އެކްސިޑެންޓްތަކުގައްޔާއި ކާރިސާތަކުގައި މަރުވެގެންދަނީ ކިތައް މީހުން ހެއްޔެވެ؟ ދުޅަހެޔޮ ސިއްހަތެއްގައި ތިބެގެން މަރުވީ ކިތައް މީހުން ހެއްޔެވެ؟ ކުޅިވަރާއި މަޖަލުގައި ޣާފިލުވެފައި ތިއްބާ މަރުވެގެންދިޔައީ ކިތައް މީހުން ހެއްޔެވެ؟
މަރު އަންނާނެ ވަގުތެއް އެއްވެސް މީހަކަށް ނޭނގެއެވެ. އަމިއްލަ ނަފްސު ހިސާބުކުރަން ފަށާށެވެ. އެފަދަ ހާދިޘާތަކުން ޢިބްރަތްތައް ލިބިގެންނާށެވެ. ދުޢާއަކީ އަޅުގަނޑާއި އަޅުގަނޑުމެން އެންމެންނަކީ ވެސް ދުނިޔޭގެ ހަވާ ނަފްސުން ސަލާމަތްވެ،  އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް މަސައްކަތްކުރާ ބައެއްގެ ގޮތުގައި ލެއްވުމެވެ.
ދުޢާއަކީ އަޅުގަނޑުމެން އެންމެންނަކީވެސް ދުނިޔަވީ ޣާފިލުކަމުން ސަލާމަތްވެ، އުޚްރަވީ ޙަޔާތް ބާއްޖަވެރި ކުރުމަށް މަސަކަތްކުރާ ބައެއްގެގޮތުގައި ލެއްވުމެވެ. 

No comments: