ޞާލިޙް
ޢަލައިހިއްސަލާމް
ޘަމޫދަކީ
ހިޖާޒާއި ތަބޫކާއި ދެމެދުގައި ދިރިއުޅުނު ޢަރަބީންގެ ބައެކެވެ. ރަސޫލުﷲ ގެފާނުން
ތަބޫކު ހަނގުރާމައަށް ވަޑައިގެންނެވިއިރު މިމީހުން އުޅުނު ތަން ހުރަސްކުރައްވައި
ވަޑައިގެންނެވިއެވެ. އެމީހުންނަކީ ޢާދު ބާގައިގެ މީހުންނަށްފަހު އުޅުނު ބުދަށް
އަޅުކަންކުރާ ބައެކެވެ. އެމީހުންގެ
ގެތައް ހަދައި އުޅުނީ ކިސަޑުންނެވެ. ނަމަވެސް އެމީހުން ދުނިޔޭގައި ތިއްބައި
އެމީހުންގެ ގެތައް ހަލާކުވެގެން ދެއެވެ. އެހެންކަމުން އެމީހުން ގެތައް އަޅައި
އުޅުނީ ފަރުބަދައިގެ ހިލައިންނެވެ.
ﷲ ތަޢާލާ
އެމީހުންނަށް އެމީހުންގެ ތެރެއިން މީހަކު ރަސޫލެއްކަމުގައި ޚިޔާރުކުރައްވައި
ފޮނުއްވިއެވެ. އެއީ ޞާލިޙްގެފާނެވެ. އެކަލޭގެފާނުންވެސް އެހެން ރަސޫލުބޭކަލުންނެކޭ
އެއްފަދައިން އެކަލޭގެފާނުންގެ ޤައުމުގެ މީސްތަކުންނަށް ﷲ ގެ އެއްކައުވަންތަކަމަށް
ގޮވައިލެއްވިއެވެ. އެހެން އެއްޗެއްސަށް އަޅުކަން ނުކުރުމަށް ގޮވައިލެއްވިއެވެ.
އެމީހުން އެކަމާއި ދެކޮޅުހަދައި އެއްޗެހި ގޮވައި އަދި އެކަލޭގެފާނުން
ޤަތުލުކުރުމަށްވެސް އުޅެގަތެވެ. އަދި ﷲ އެކަލޭގެފާނުންނަށް މުޢުޖިޒާތެއްގެ
ގޮތުގައި ދެއްވި އަންހެން ޖަމަލުވެސް އެންމެ ފަހުން މެރިއެވެ.
ސާލިޙްގެފާނުން
ޘަމޫދުގެ އަހުލުވެރިންގެ ގާތުގައި ތިޔަބައިމީހުންނީ ޢާދަށްފަހުގައި އައި
ބައެއްކަމާއި އަދި ޢާދުގެ އަހުލުވެރިން ކަންތައް ކުރިފަދައިން ކަންތައް ނުކުރުމަށް
ހަނދުމަކޮށްދެއްވާ ހެއްދެވިއެވެ. އަދި ތިޔަބައިމީހުން އުފެއްދެވުނީ ބިމުންކަމަށާއި
އަދި އެބިމުގައި އުޅުމަށް ހުއްދަދެވި އެތާންގައިވާ ގަސްގަހާގެއްސާއި، ގޮވާމުން
ތިޔަބައިމީހުން ދިރިއުޅުން ބިނާކުރާއިރު އެކަލާންގެ ފިޔަވައި އެހެން ތަކެއްޗަށް
އަޅުކަން ނުކުރުމަށާއި ތިޔަބައިމީހުންގެ ކާބަފައި އުޅޭހާ ގޮތަކީ ރަގަޅު ގޮތް
ނޫންކަމަށް ކިޔައިދެއްވިއެވެ. އަދި ﷲ އެމީހުންނަށް ޢަމުރުކުރައްވާ ގޮތަށް އެމީހުން
އުޅުމަށް ނަޞޭޙަތްތެރިވެވަޑައިގަތެވެ.
ސާލިޙްގެފާނުން އެމީހުންނާއި ވަރަށް އޯގާތެރި ރާގަށް ނަޞޭޙަތްދެއްވާ
ހެއްދެވިއެވެ. އަދި، އެމީހުން އެކަލޭގެފާނުންގެ އަރިހުން ރަސޫލެއްކަމުގެ ތެދު
ދަޢުވާއެއްތޯ ބެލުމަށް މުޢުޖިޒާތަކަށް އެދިގަތެވެ. އަދި އެމީހުން ބުނެތެވެ:
"ކަލޭގެފާނުންނީ ސިހުރުޖެހިފައިވާ މީހެކެވެ." އަދި ބުނެތެވެ: "ކަލޭގެފާނުންނީ
އަހުރެމެންފަދަ (އާދައިގެ) އިންސާނެކެވެ." (ޝުޢަރާ: 154)
އެއްދުވަހަކު
ޘަމޫދުގެ އަހުލުވެރިން އެމީހުންގެ ޙާއްސަ އެއްވުމެއްގައި ތިއްބައި ޞާލިޙްގެފާނުން
ވަޑައިގެން އެމީހުންނަށް ނަޞޭޙަތާއި ވަޢުޛު ވިދާޅުވާން ފެއްޓެވިއެވެ. އެއިގައި
އެމީހުން އެހަދާ ދެކޮޅާއިމެދުގައި ބިރުވެތިވުމަށް ނަޞޭޙަތްތެރިވިއެވެ. ދެން
އެމީހުން އެތަނުން ބޮޑު ހިލައަކަށް އިނގިލި ދިއްކޮށް މިހިލައިން އަންހެން ޖަމަލެއް
ނިކަން ނެރި ބަލާށެވެ ކިޔައިގަތެވެ. އަދި އެޖަމަލުގައި ހުންނަންވާނޭ ސިފަތައްވެސް
ކިޔައިދިނެވެ. ދެން ޞާލިހްގެފާނުން ވިދާޅުވިއެވެ: ތިމަންކަލޭގެފާނުން
ތިޔަބައިމީހުންގެ ތިޔަ އެދުމަށް ޢިޖާބަ ދެއްވައި އެކަންތައް ކޮށްފިކަމުގައި
ވަނީނަމަ، ތިމަންކަލޭގެފާނުން މި ވިދާޅުވާ ބަސްފުޅުތައް ކަލޭމެން ތެދުކުރާނަމުހެއްޔެވެ؟
އެމީހުން އާއެކެވެ ގޮވާން ފެށިއެވެ. ދެން އެކަލޭގެފާނުން ނަމާދަށް ކޮޅަށް ތެދުވެ
ހުންނަވައި ނަމާދު ކުރައްވައި ﷲގެ ޙަޟްރަތަށް ދުޢާދެންނެވިއެވެ. ދެން ﷲ ތަޢާލާ
އެހިލައަށް އަމުރުކުރައްވައި އެމީހުން އެބުނިހާ ސިފަތަކެއްހުރި އަންހެން ޖަމަލެއް
އެހިލައިން ނެރުއްވިއެވެ.
އެމީހުންގެ
ހަމަލޮލަށް މިމަންޒަރު ފެނުމުން އެމީހުންނަށް މިކަން ވެގެންދިޔައީ ވަރަށްވެސް ބޮޑު
ކަމެއްކަމުގައެވެ. އަދި ﷲ ގެ ކުޅަދުންވަންތަކަމުގެ ވަރުގަދަ ހެއްކެތްގެގޮތުގައެވެ.
ގިނަ ބަޔަކު އިސްލާމްވެސް ވިއެވެ. ނަމަވެސް ބޮޑުބައި އެމީހުންގެ ނުބައިކަމުގައި
ދެމިތިބީއެވެ.
އެޖަމަލު
ދުނިޔޭގައި ހުރުމަށްޓަކައި ކެއުމާއި ބުއިން ބޭނުންވާތީވެ އަދި އެޖަމަލުގެ
ބިޔަކަމުގެ ސަބަބުން އެޖަމަލު އެއްފަހަރު އެމީހުންގެ ފެން ވަޅުން ބޮއެފިނަމަ
އެފެންވަޅު ހުސްވެއެވެ. އެހެންކަމުން އެމީހުންނަށް އެއްދުވަސް، ޖަމަލަށް ޖެހިގެން
އަންނަދުވަސް ކަމުގައި ހަދައިގެން އުޅެތެވެ. އަދި އެމީހުންގެ އެންމެންނަށް
ފުދޭވަރަށް އެޖަމަލުން ކިރުލިބޭކަމުގައިވެއެވެ.
ދުވަސްކޮޅަކަށްފަހު
އެމީހުންގެ ތެރެއިން ބޮޑުން އެއްވެ އެޖަމަލު މަރައިލުމަށް އެއްބަސްވިއެވެ. ދެން
މިމީހުންގެ ތެރެއިން ގްރޫޕެއްގެ ބަޔަކު އައިސް އެޖަމަލު ޤަތުލުކޮށްލައިފިއެވެ.
އެހެންވެ
ޞާލިހްގެފާނުން "ތިންދުވަސް ވާންދެން ތިޔަބައިމީހުންގެ ގެތަކުގައި އުފާކުރާން
ތިބޭށެވެ" މިހެން ވިދާޅުވިއެވެ. އެއީ އެދުވަސް ނުލައެވެ. އެމީހުންނަށް ވާން
އުޅޭކަން ދޭހަވެސް ނުކުރެވި އެދުވަހުގެ ރެއި އަނދިރިވުމުން އެމީހުން އަދި
ޞާލިޙްގެފާނުން ޤަތުލުކޮށްލުމަށްވެސް އުޅެގަތެވެ.
އެއީ
ޞާލިޙްގެފާނުން އެވިދާޅުވި ތިންދުވަހުގެ ތެރެއިން ފުރަތަމަ ދުވަހެވެ – އެމީހުންގެ
މޫނުތައް ތަޣައްޔަރުވެފައި ތިއްބެވެ. އެކަލޭގެފާނުން އެމީހުންނަށް އެދުވަހުގެ
ހަވީރު އިންޒާރުދެއްވިއެވެ: ތިޔަބައިމީހުންނަށް ބުނެވުނު ދުވަސްތަކުގެ ތެރެއިން
ފުރަތަމަ ދުވަސް ވޭތުވެ ދިޔައީއެވެ. ޖެހިގެން އައި ދުވަހު އެމީހުންގެ މޫނުތައް ހުރީ
ރަތްވެފައެވެ. އެދުވަހުގެ ހަވީރުވުމުން ޞާލިޙްގެފާނުން ވިދާޅުވިއެވެ:
އިންޒާރުކުރެވުނު ދެވަނަދުވަސް ދިޔައީއެވެ. ތިންވަނަ ދުވަހު، ހޮނިހިރު ދުވަހު
އެމީހުންގެ މޫނުތައް ވަނީ ކަޅުވެފައެވެ އަދި އިރުއޮއްސުމުން އެމީހުން ބުންޏެވެ.
ތިންވަނަ ދުވަސްވެސް ފާއިތުވީއެވެ.
އަނެއް
ދުވަހުގެ ހެނދުނު އިރު އެރުމަށްފަހު ބާރުގަދަ އަޑުފަށްގަނޑެއް އުޑުން އައެވެ. އަދި
އެއާއިއެކު ބިންގަނޑު ވަރުގަދަ ގުޑުމަކުން ގުޑައިގެން ދިޔައެވެ. އެއާއެކު ހުރިހާ
ހަށިތަކެއް މަރުވެގެން ވެއްޓުނެވެ. އެމީހުންތިބީ އެމީހުންގެ ގެތަކުގައެވެ.
ބުނެވޭގޮތުގައި އެމީހުންގެ އެންމެން ހަލާކުވެގެން ދިޔައެވެ. ﷲ ތަޢާލާގެ
ކުޅަދުންވަންތަކަމާއެވެ. އެމީހުން ހަލާކުވެގެން ދިޔައީ ﷲ ތަޢާލާ ފޮނުއްވި އަޑަކާއެކުގައެވެ.
ބުނެވޭގޮތުގައި
ޞާލިޙްގެފާނުން ދެން ވަޑައިގަތީ މައްކާގެ ޙަރަމަށެވެ. އަދި އެތަނުގައި
އެކަލޭގެފާނުން އަވަހާރަވެއްޖައުމަށް ދާންދެން އުޅުއްވިއެވެ.
No comments:
Post a Comment