ޢިލްމުގެ މާތްކަން
އަބުއްދަރްދާ ރަޟިޔައްﷲ ޢަންހުގެ ކިބައިން ސުނަނު އިބްނު މާޖާ އަދި އޭނުންވެސް
ޙަދީޘް ފޮތްތަކުގައި ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ވާރިދުވެގެންވާ ޙަދީޘް އެއްގައި ވެއެވެ.
((مَنْ سَلَكَ طَرِيْقًا يَلْتَمِسُ فِيْهِ
عِلْمًا سَهَّلَ اللهُ بِهِ طَرِيْقًا إِلَى الجَنَّةِ ، وَإِنِّ الملَائِكَةَ
لَتَضَعُ أَجْنِحَتَهَا لِطَالِبِ الْعِلْمِ رِضًا بِماَ يَصْنَعُ، وَإِنَّ
العَالِمَ لَيَسْتَغْفِرُ لَهُ مَنْ فِي السَّمَاوَاتِ وَالْأَرْضِ حَتَّى
الْحِيْتَانُ فِي الْمَاءِ ، وَإِنَّ فَضْلَ الْعَالِمِ عَلَى الْعَابِدِ كَفَضْلِ
الْقَمَرِ لَيْلَةَ الْبَدْرِ عَلَى سَائِرِ الْكَوَاكِبِ ، وَإِنَّ الْعُلَمَاءَ
وَرَثَةُ الْأَنْبِيَاءِ ، إِنَّ الْأَنْبِيَاءَ لَمْ يُوَرِّثُوا دِيْنَارًا
وَلاَ دِرْهَماً ، وَإِنَّمَا وَرَّثُوا الْعِلْمَ ، فَمَنْ أَخَذَهُ أَخَذَ
بِحَظٍّ وَافِرٍ )).[رواه ابن ماجه وغيره وصححه الألباني في صحيح الترغيب رقم
الحديث: ٧۰]
މާނައީ:”ޢިލްމު އުނގެނުމަށްޓަކައި މީހަކު މަގެއް އިޚްތިޔާރުކޮށްފިނަމަ
އޭނަ އެއިޚްތިޔާރުކުރި މަގުގެ ސަބަބުން، އޭނާ ސުވަރުގެއަށް ދާނޭ
މަގެއް، ﷲ ތަޢާލާ އޭނާއަށް ފަސޭހަކޮށްދެއްވައެވެ. ހަމަކަށަވަރުން ޢިލްމުއނގެނޭމީހާ އެކުރާ ކަންތައްތަކާމެދު
ރުހިވަޑައިގެން، މަލާއިކަތްބޭކަލުން އެބޭކަލުންގެ ފިޔަފުޅުތަށް އޭނާއަށްޓަކައި
ތިރިކުރައްވައެވެ. [އެއީ އޭނާގެ ކިބާގައިވާ ޢިލްމަށް އިޙްތިރާމްކުރުމުގެ
ގޮތުންނެވެ.]
އަދި ހަމަކަށަވަރުން އުޑުތަކާއި
ބިމުގައިވާހައި ބަޔާކާއި، އަދި ކަނޑުގައިވާ މަސްމާމެއްސަށް ދާންދެން
ޢިލްމުވެރިޔާއަށް ފާފަފުއްސަވައި ދެއްވުމަށް އެދި ދުޢާކުރެއެވެ. އަދި ހަމަކަށަވަރުން
ޢިލްމުވެރިއެއްގެ މާތްކަން އަޅުވެރިއެއްގެ މައްޗަށްވަނީ
ސާދަވިލޭރޭގެ ހަނދުގެ މާތްކަން އެންމެހައި ތަރިތަކުގެ މައްޗަށް
ވާފަދައިންނެއެވެ.
އަދި ހަމަކަށަވަރުން ޢިލްމުވެރިންނަކީ
ނަބީބޭކަލުންގެ ވާރުތަވެރިންނެއެވެ. ހަމަކަށަވަރުން ވާރުތަ މުދަލެއްގެ
ގޮތުގައި ނަބީބޭކަލުން ދީނާރެއް އަދި ދިރްހަމެއް ދުލެއްނުކުރައްވަތެއެވެ. އަދި ހަމައެކަނި ވާރުތަ މުދަލެއްގެ ގޮތުގައި އެބޭކަލުން ދޫކުރެއްވީ
ޢިލްމެއެވެ. ފަހެއެޢިލްމު ޙާޞިލްކޮށްފި މީހާ އެޙާޞިލުކުރީ ވަރަށް
ބޮޑުވެގެންވާ ފުރިހަމަ ނަޞީބެކެއެވެ.”
އެއްދުވަހަކު އަބޫހުރައިރާ ރަޟިޔަﷲ ޢަންހު މަދީނާގެ ބާޒާރެއްގެ
ތެރެއިން ދަމުން ހުއްޓިލާފައި ގޮވާލިއެވެ:
“އޭ ބާޒާރުގެ އަހުލުވެރިންނޭވެ! ތިޔަބައިމީހިން ނުކުޅެދުންތެރިކުރުވީ ކޮންކަމެއް ހެއްޔެއެވެ؟
އެމީހުން ދެންނެވިއެވެ: ކަލޭގެފާނު ތިދައްކަވަނީ ކޮންކަމެއްގައި އަހަރުމެން
ނުކުޅެދުންތެރިވީ ވާހަކަ ހެއްޔެވެ؟
އެކަލޭގެފާނު ދެންނެވިއެވެ: ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ވާރުތަމުދާ
ބަހާލެވޭއިރު ތިޔަބައިމީހުން އެތަނަށް ނުގޮސްތިބެ އެއިން އެއްވެސް އެއްޗެއް ލިބިނުގަންނަނީ ހެއްޔެއެވެ؟
އެމީހުން ދެންނެވިއެވެ: ކޮންތާކު ހެއްޔެވެ؟
އެކަލޭގެފާނު ދެންނެވިއެވެ. މިސްކިތުގައެވެ.
ދެން އެހިނދު އެބައިމީހުން އަވަހަށް މިސްކިތާ ދިމާލަށް
ހިނގައިގަތެއެވެ. އަދި އަބޫހުރައިރާ ރަޟިޔަﷲ ޢަންހު އެމީހުން މިސްކިތަށް ގޮސް،
އެނބުރި އަންނަންދެން އެތަނުގައި މަޑު ކުރެއްވިއެވެ.
ދެން އެކަލޭގެފާނު އެބައިމީހުން މިސްކިތަށް ގޮސް، އެނބުރި
އައުމުން ދެންނެވިއެވެ: ތިޔަބައިމީހުންނަށް ކިހިނެއްވީ
ހެއްޔެއެވެ؟
އެބައިމީހުން ދެންނެވިއެވެ: އޭއަބޫހުރައިރާއެވެ! އަހަރުމެން މިސްކިތަށް ގޮސްވަނީމެއެވެ. އެކަމަކު އެއްޗެއް ބަހާތަނެއް އަހަރުމެންނެއް ނުދެކެމެއެވެ.
އެހިނދު އަބޫހުރައިރާ ރަޟިޔަﷲ ޢަންހު ދެންނެވިއެވެ: މިސްކިތުގައި މީހުން އުޅެނިކޮށް
ތިޔަބއިމީހުން ނުދެކެން ހެއްޔެއެވެ؟
ދެން އެމީހުން ދެންނެވިއެވެ: ނޫނެކެވެ. ބަޔަކު ނަމާދުކުރަނިކޮށް އަދި އަނެއްބަޔަކު ގުރްއާން ކިޔަވަނިކޮށް އަދި އަނެއްބަޔަކު ޙަރާމް ޙަލާލް ކަންތައް ބަޔާންކޮށް އެކަންތަކާ މެދުގައި ވާހަކަ ދައްކަން ތިއްބައި ދެކުނީމުއެވެ.
ދެން އެބައިމީހުންނާ ދިމާލަށް އަބޫހުރައިރާ ރަޟިޔަﷲ ޢަންޙު ވިދާޅުވިއެވެ. ކަލޭމެންނަށް ހަލާކުހުއްޓެއެވެ! އެޢިލްމަކީ މުޙައްމަދު ރަސޫލުﷲ ސައްލަﷲ ޢަލައިހި ވަސައްލަމަގެ ތަރިކަ މުދަލެއެވެ.”
ނަބީބޭކަލުން ވާރުތަ މުދަލެއްގެ ގޮތުގައި ދީނާރެއް އަދި ދިރްހަމެއް
ދުލެއްނުކުރައްވައެވެ. ވާރުތަ މުދަލެއްގެ ގޮތުގައި އެބޭކަލުން ދޫކުރެއްވީ ޢިލްމެއެވެ. ފަހެއެޢިލްމުން ގިނަ އަދި ބޮޑު މިންވަރެއް
ޙާޞިލްކޮށްފިމީހާ އެޙާޞިލުކުރީ ނަބީކަމުގެ މުދަލުން ގިނަ އަދި ބޮޑު
މިންވަރެކެއެވެ.
No comments:
Post a Comment