Saturday, October 14, 2023

އަލްމަސްޖިދުލްއަޤްޞާއަކީ ކޮބާ؟

  

މަސްޖިދު ޤުއްބަތުއްޞަޚްރާ


ރަން ގުއްބު ލީ މިސްކިތް ނުވަތަ މަސްޖިދު ޤުއްބަތުއްޞަޚްރާ،  މި މިސްކިތް ބިނާ ކުރެވިފައިވަނީ ކީރިތި ރަސޫލާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވި މަޤާމުފުޅު ހުރިތަނުގައެވެ.   މެދުން އެފެންނަނީ ކީރިތި ރަސޫލާ މިޢުރާޖުގެ ދަތުރުފުޅު ފެއްޓެވި މަޤާމުފުޅެވެ.

އަލްމަސްޖިދުލްއަޤްޞާއަކީ ކޮބާ؟ 


ދަންނައެވެ. އަލްމަސްޖިދުލްއަޤްޞާއަކީ ފަލަސްޠީނުގެ އަލްޤުދުސް ސަހަރުގެ އިރުދެކުނު ސަރަޙައްދުގައި، ދިގު އަކައެއްގެ ސިފަޔަށް، ވަށައިގެން ފާރުލެވިފައިވާ އުސްބިމެވެ. އެ ބިމުގެ ނުވަތަ އެ މިސްކިތުގެ ދެކުނު ފާރުގެ ދިގުމިނަކީ 281 މީޓަރެވެ. ހުޅަނގު ފާރުގެ ދިގުމިނަކީ 488 މީޓަރެވެ. އުތުރު ފާރުގެ ދިގުމިނަކީ 310 މީޓަރެވެ. އިރުމަތީ ފާރުގެ ދިގުމިނަކީ 466 މީޓަރެވެ. މިސްކިތުގެ ޖުމުލަ އޭރިއާ އަކީ 142000 އަކަމީޓަރެވެ. (ބައެއް މަޞްދަރުގައި ވަނީ 144000 އަކަމީޓަރު ކަމަށެވެ.)

ކީރިތި ޤުރުއާނުގައި "އަލްމަސްޖިދުލްއަޤްޞާ" ގެ ނަން ދެއްވާފައިވަނީ އެ ބިމަށެވެ.  އަލްމަސްޖިދުލްޤިބްލީ އާއި، ޤުއްބަތުއްޞަޚްރާ ވަނީ އަލްމަސްޖިދުލްއަޤްޞާގެ އިމުގެ ތެރޭގައެވެ. އެ މިސްކިތުގެ އިމުގެ ތެރޭގައިވާ ބިނާތަކުގެ ޢަދަދު 200 އަށް އަރާ ކަމަށް އެތައް މަޞްދަރެއްގައި ވެއެވެ. 

އަލްމަސްޖިދުލްއަޤްޞާގެ އުސް ބިމަށް ކިޔަނީ "މޫރިޔާ" އެވެ. މޫރިޔާ އަކީ ކަންޢާނީ ބަހުގެ ލަފުޒެކެވެ. މޫރިޔާގެ މާނައަކީ "ހޮއްވަވައި އިޚުތިޔާރުކުރައްވާފައިވާ" ބިމެވެ. މޫރިޔާ އުސްބިމުގެ އެންމެ އުސްތަން ވަނީ އެ ބިމުގެ މެދުގައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖުއަރާވަޑައިގެންނެވި ހިލަކޮޅު އޮންނަނީ އެތާނގައެވެ. ޤުއްބަތުއްޞަޚްރާ ބިނާކުރެވިފައިވަނީ އެ މާތް ހިލަކޮޅުގެ މަތީގައެވެ.

މަސްޖިދުލްއަޤްޞާއަކީ އެއްވެސް އޮޅުމެއްނެތްގޮތުގައި، މުސްލިމުންގެ ހިތްތަކުގައި އެންމެ މަތީ ދަރަޖައިގެ ޙުރުމަތްތެރިކަން ދެވިފައިވާ ތިން ޙަރަމްފުޅުން ޙަރަމްފުޅެކެވެ. އިސްލާމްދީނާއިގެން ވަޑައިގަތް ކައުއިތުރު ކީރިތި ރަސޫލާގެ އިސްރާ އޮތީ އެތަނަށެވެ. މިޢްރާޖު އަރައިވަޑައިގަތީ އެ ތަނުންނެވެ.  ސަލާމާއި ޞަލަވާތް ލެއްވިގެންވާ ރަސޫލާގެ ބަސްފުޅެއްގައި ވެއެވެ. ފޮށިވަށި ތަންމަތި ބަނދެގެން އަޅުކަން ކުރުމަށްޓަކައި ދަތުރު ފަތުރުކޮށް ދިޔުން އޮތީ ތިން މިސްކިތަކަށެވެ. އެއީ އަލްމަސްޖިދުލްޙަރާމް އާއި، އަލްމަސްޖިދުލްއަޤްޞާ އާއި، ތިމަން ރަސޫލާގެ މި މިސްކިތެވެ. މި ބަސްފުޅުގައި އޮތް އަލްމަސްޖިދުލްއަޤްޞާ މިނަމުގެ ބަދަލުގައި މަސްޖިދުލް އިބްލިޔާ މިހެން އޮވެއެވެ.

އެއްވެސް އޮޅުމެއްނެތި ދޭހަވާގޮތުގައި އަލްމަސްޖިދުލްއަޤްޞާ އަކީ، އިސްލާމީ ހަމައިން މުޤައްދަސް ކަން ދެވިފައިވާ ތިން މިސްކިތުން މިސްކިތެކެވެ. ނަމަށް ބަލާއިރު އަލްމަސްޖިދުއްނަބަވީއަށް ވުރެން، އަލްމަސްޖިދުލްޙަރަމްއާ ދުރުގައި ހުންނާތީ އަލްމަސްޖިދުލް އަޤްޞާއޭ ކިއިފައި ވެއެވެ. މާނަައަކީ ދުރު މިސްކިތެވެ.

ވަރަށް އިތުބާރު ހުރި މަޢުލޫމާތު ގެ މައްޗަށް ބިނާކުރާއިރު، އަލްމަސްޖިދުލްއަޤްޞާއަކީ އިބްރާހީމް ޢަލައިހިއްސަލާމް ބިނާކުރެއްވި މިސްކިތެކެވެ. އަބޫޛައްރު ރަޟިޔަﷲ ޢަންހުގެ ކިބައިން ދެ އިމާމުން ރިވާކުރެއްވި ޞައްޙަ ޙަދީޘެއް ގައިވެއެވެ. " ތިމަން ދެންނެވީމެވެ. މާތް ﷲ ގެ ރަސޫލާއެވެ. އެންމެ ފުރަތަމަ ބިމުގައި ލެއްވުނީ ކޮން މިސްކިތެއްތޯއެވެ؟ ޙަދީޘް ކުރެއްވިއެވެ. އަލްމަސްޖިދުލްޙަރަމްއެވެ. ދެން ކޮން މިސްކިތެއްތޯއެވެ؟ އަލްމަސްޖިދުލްއަޤްޞާ އެވެ. ދެންނެވީ މެވެ. އެދެމެދުގައި ކިހާ ދުވަހެއްތޯއެވެ؟ ޙަދީޘްކުރެއްވިއެވެ. ސާޅީސް އަހަރެވެ."

އަލްމަސްޖިދުލްއަޤްޞާ އަކީ، އިސްލާމީ ޢިބާދަތު އާއި ގުޅުމެއް އޮތް ތަނެކެވެ. މުސްލިމުން ނަމާދު ކުރުމުގައި އެތައް ދުވަހެއް ވާންދެން ކުރިމަތިލަމުން އައި ޤިބްލައެވެ. ހިޖްރައިން ދެވަނަ އަހަރު ޝަޢުބާން މަހަށް ދާންދެން މުސްލިމުންގެ ޤިބްލައަކީ އަލްމަސްޖިދުލްއަޤްޞާއެވެ. ސައްޔިދުނާ ޢުމަރު ބުނި ޚައްޠާބު ރަޟިޔަﷲ އަންހުގެ ދައުރުގައި މުސްލިމުން ޝާމްކަރަ ފަތަޙަކުރި ކުރުމުގެ ތެރޭގައި، ސައްޔިދުނާ ޢުމަރު ރަޟިޔަﷲ ޢަންހު ބައިތުލްމަޤްދިސް އަށް ވަޑައިގަތެވެ. އެދުވަހު ޢުމަރު ރަޟިޔަﷲ ޢަންހު އެތާ ދެރަކްޢަތް ނަމާދުފުޅެއް ކުރެއްވިއެވެ. އަދި، އެތަން ކުނިކައްސަވައި، ކުނިތައް، އެކަލޭގެފާނުންގެ ރިދާކޮޅަށް އަޅުއްވައިގެން އުފުއްލަވައި އުއްކަވައިލެއްވި ކަމަށް ތާރީޚުގެ ލިޔުންތެރީން ލިޔުއްވައިފައިވެއެވެ. އިސްލާމީ ޚަލީފާއިންގެ ތެރެއިން އަމަވީ ޚަލީފާއަކު ކަމުގައިވާ ޢަބްދުލްމަލިކު ބުނި މަރުވާން، ބައިތުލްމަޤްދިސްގައިވާ އަލްމަސްޖިދުލްއަޤްޞާ އާއި، މަސްޖިދުއްޞަޚްރާ އައުކުރައްވައި ރީތިކުރައްވައި، ޤުއްބަތުއްޞަޚްރާ އޭ ކިޔާ ރީތި ޤުއްބު ބިނާކުރެއްވިއެވެ. އައްޞަޚްރާ އޭ ކިޔެނީ، ކައުއިތުރު ރަސޫލާގެ މިޢްރާޖުގެ ތެރޭގައި އަރައިވަޑައިގަތް ހިލައެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖުއަރައިވަޑައިގެންނެވި ހިލަކޮޅު:

އެ ހިލަކޮޅަށް ޢަރަބި ބަހުން ކިޔަނީ "އައްޞަޚްރަތުލް މުޝައްރަފާ" އެވެ. އެ ހިލަކޮޅަށް "ޞަޚްރަތުލް މިޢުރާޖް" ވެސް ކިޔައެވެ. އެއީ ވަކި ބައްޓަމަކަށް ބައްޓަންވެފައިވާނުވާ ޤުދުރަތީ ހިލަކޮޅެކެވެ. ގާތްގަނޑަކަށް، އޭގެ ދިގުމިނަކީ 18 މީޓަރެވެ. އޭގެ ފުޅާމިނަކީ 13 މީޓަރެވެ. އުސްމިނަކީ 2 މީޓަރެވެ. އެ ހިލަކޮޅުގައި އާދަޔާ ޚިލާފު ޚާއްޞަ ކަމެއް ފެންނާކަށެއް ނެތެވެ. އެ ހިލަކޮޅަކީ އެއްވެސް ތަނެއްގައި ނުޖެހި އޮންނަ ހިލަކޮޅެއް ކަމަށް ދެކެވޭ ވާހަކައަކީ ތެދު ވާހަކައެއް ނޫނެވެ. އެ ހިލަކޮޅަކީ ބަނޫއިސްރާއީލު ބާގައިގެ ނަބީބޭކަލުންގެ ޤިބުލަ ކަމުގައި ވިއެވެ.


           

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖުއަރައިވަޑައިގެންނެވީ އެ ހިލަކޮޅުގެ މަތިންނެވެ. މިޢުރާޖުއަރާވަޑައިގަތުމަކީ، (އިތުރުއެކަލޭގެފާނު މައްކާގެ ޙަރަމްފުޅުން މަސްޖިދުލް އަޤުޞާއަށް ކުރެއްވި އިސްރާގެ ދަތުރުފުޅަށްފަހު) މަސްޖިދުލްއަޤުޞާއިން މަލަކޫތީ ޢާލަމަށް ދަތުރުފުޅުކުރެއްވުމެވެ. ޤުއްބަތުއްޞަޚްރާ ބިނާކުރެވިފައިވަނީ އެ މާތް ހިލަކޮޅުގެ މަތީގައެވެ.

ޤުއްބަތުއްޞަޚްރާ ބިނާކުރެއްވީ ޢަބްދުލްމަލިކު ބްނު މަރްވާން (26-86 ހ.) (646-705 މ.) އެވެ. އެއީ މަސްޖިދުލްއަޤުޞާ ނުވަތަ ބައިތުލްމަޤުދިސްގެ މެދުތެރޭގައިވާ ރީތި ޢިމާރާތެވެ. އެތަނުގައިވާ ރަންކުލައިގެ ރީތި ޤުއްބުގެ ސަބަބުން އެތަން ވަރަށް ފަސޭހައިން ފާހަގަކުރެވެއެވެ. އެތަން ބިނާކުރެވުނީ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ މިޢުރާޖުއަރައިވަޑައިގެންނެވި މާތް ހިލަކޮޅު ރައްކާތެރިކުރުމަށްޓަކައެވެ.


މުސްލިމުންގެ ތެރެއިން ގިނަ ބަޔަކަށް އަލްމަސްޖިދުލްއަޤްޞާއަކީ ކޮބައިކަން ނޭނގޭ ކަމުގެ ޢަލާމާތްތައް މިހާރު ފެންނަމުން އެބަދެއެވެ. އެ މިސްކިތުގެ ތަޞްވީރެއް ފެނުމުން އެއީ އެ މިސްކިތް ކަމާމެދު އިންކާރުކުރާ މީހުން މަދެއްނޫނެވެ. މިކަމުގެ އެއް ސަބަބަކީ ކިޔަވައިދެވޭ ބައެއް ފޮތްތަކާއި، ފަހުގެ ބައެއް ފޮތްތަކާއި، ބައެއް ފަތުވާތަކުގައި މުޅިން ޞައްޙަ ނޫން މަޢުލޫމާތު ހިމެނިފައިވުމެވެ. 


ހަވާލާދިނުން:

އުސްތާޛުލްޖީލް މުޙައްމަދު ޖަމީލު ދީދީ، "ފަތްތޫރަ"އިގެ 20 ވަނަ ޢަދަދަށް ލިޔުއްވައި ޝާއިޢުކުރައްވާފައިވާ މަޒުމޫނެކެވެ.

ތަރުޖަމާ: ޢަބްދުލްމުޢީދު ޙަސަން (9763216)

ޑރ އިޔާޒު ޢަބްދުއްލަޠީފް - އެފްބީ ޕޯސްޓު 


No comments: