Featured Post

Ombey

Friday, September 15, 2023

ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަން

ދޮގު ވާހަކަ ދެއްކުމާއި ދޮގު ޚަބަރު ފެތުރުމުގެ ނުބައިކަން


ދޮގަކީ، އެކަމެއް ހިނގައިދިޔަ ގޮތާއި ޚިލާފަށް ބުނެވޭ ބަހެވެ. ދޮގުހެދުމަކީ މުނާފިޤުންގެ ސިފައެއްކަމާއި، އެކަމުން ރައްކާތެރިވުމަށް މިއުންމަތުގެ މާތް ނަބިއްޔާ އަޅުގަނޑުމެންނަށް ވަނީ އަންގަވާފައެވެ. އެއީ އެ ސިފައެއް ދެކެ އެކަލޭގެފާނު ނުހަނު ނުރުހުންތެރިވާ ސިފައެއްވެސްމެއެވެ. ﷲ ޞުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ. إِنَّمَا يَفْتَرِي الْكَذِبَ الَّذِينَ لَا يُؤْمِنُونَ بِآيَاتِ اللَّـهِ ۖ وَأُولَـٰئِكَ هُمُ الْكَاذِبُونَ (سورة النحل, 105) މާނައީ: ދޮގުހަދާކަން ކަށަވަރީ، ﷲ ގެ آية ތަކަށް إمان ނުވާ މީހުންނެވެ. އަދި އެއުރެންނަކީ ހަމަ، ދޮގުވެރިންނެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. 

إِيَّاكُمْ وَالْكَذِبَ، فَإِنَّ الْكَذِبَ يَهْدِي إِلَى الْفُجُورِ، وَإِنَّ الْفُجُورَ يَهْدِي إِلَى النَّارِ، وَمَا يَزَالُ الرَّجُلُ يَكْذِبُ وَيَتَحَرَّى الْكَذِبَ حَتَّى يُكْتَبَ عِنْدَ اللهِ كَذَّابًا [رواه مسلم]

މާނައީ: ”ދޮގު ހެދުމުން ތިޔަބައިމީހުން ރައްކާތެރިވާށެވެ. ފަހެ ހަމަކަށަވަރުން ދޮގުވެރިކަން މަގުދައްކަނީ ނުބައިކަމަށެވެ. އަދި ނުބައިކަންތައްތައް މަގުދައްކަނީ ނަރަކައަށެވެ. ﷲގެ ޙަޟްރަތުގައި ދޮގުވެރިއެއްކަމުގައި ލިޔެވެންދެން ދޮގުހެދުމާއި ދޮގުވެރިކަންމަތީގައި އަޅާ ދެމިހުރެއެވެ.“

 

ދޮގުހެދުމަކީ ނިފާޤުކަމާއި ގުޅިފައިވާ ޢަމަލެކެވެ. ދޮގުހެދޭކަން އިޙްސާސްވާނަމަ، އެއީ ތިބާގެ ގައިގައި ނިފާޤުކަމުގެ މިންވަރެއް ހުރިކަމުގެ ހެއްކެކެވެ.  ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ.

آيَةُ الْمُنَافِقِ ثَلَاثٌ إِذَا حَدَّثَ كَذَبَ وَإِذَا وَعَدَ أَخْلَفَ وَإِذَا اؤْتُمِنَ خَانَ [رواه البخاري]

މާނައަކީ:”މުނާފިޤުންގެ ޢަލާމާތްތައް ތިނެކެވެ. އޭނާ ވާހަކަ ދައްކައިފި ނަމަ ދޮގު ހަދާނެއެވެ. އަދި ވަޢްދެއްވެއްޖެނަމަ އެއާ ޚިލާފުވާނެއެވެ. އަދި އަމާނާތެއް ޙަވާލު ކުރެވިއްޖެނަމަ އެއަށް ޚިޔާނާތްތެރި ވާނެއެވެ.“

ދޮގުގެ ސަބަބުން މުޖްތަމަޢު ފަސާދަވެގެންދެއެވެ. ދޭދޭ ގުޅުން ކެނޑިގެންދެއެވެ. ކޮންމެ މުޖުތަމައެއްގައި ވެސް އޮންނަ އަމަން އަމާންކަން ނަގައިލައި ފިތުނަ ފަސާދައުފައްދައި، ރަނގަޅު މަގަށް ހުރަސްއެޅުމަށް މަސައްކަތްކުރާ މީހުން ބޭނުންކުރާ އެންމެ ނުރައްކާތެރި ހަތިޔާރަކީ ދޮގު ވާހަކަތައް ދެއްކުމާއި ދޮގު ހަބަރުތައް ފެތުރުމެވެ.

މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَالْفِتْنَةُ أَشَدُّ مِنَ الْقَتْلِ މާނައަކީ:”ޤަތުލުކުރުމަށްވުރެ ފިތުނަވެރިކަމުގެ ނުބައިކަން ބޮޑެވެ.“ ދޮގު ހަބަރު ފަތުރާ މީހަކީ އެ މުޖުތަމަޢެއްގައި ހިމެނޭ ވިހަ ގުނަވަނެކެވެ. އެ މީހަކީ އެމީހާގެ ތަބީޢަތުގައި ވެސް ދޭތެރެ ޖެއްސުމާއި ދެބައޮޑުވުމުގެ ނުބައި ސިފަ އަށަގެންފައިވާ މީހަކަށެވެ.  

ދޮގު ވާހަކަ ދެއްކުމާއި ދޮގު ހަބަރު ފެތުރުމުގެ ނުބައިކަމާއި އޭގައި ހިމެނޭ ބިރުވެރިކަމުގެ ބޮޑުކަމުން ދޮގުހެދުމާއި ސާބިތު ނުހިފޭ ޔޯލަ ވާހަކަ ދެއްކުން މާތް ﷲ ވަނީ ހަރާމް ކުރައްވާފައެވެ. އަދި ދޫ ރައްކާތެރިކުރުމަށް ވެސް ﷲ ވަނީ އަމުރު ކުރައްވާފައެވެ. 

ދޮގުހެދުމުން ރައްކާތެރިވެވޭނީ ތެދުހެދުމުގައި ޘާބިތުވެގެންނެވެ. ޞުބްޙާނަހޫ ވަތަޢާލާއަށް ކިޔަމަންތެރި ވެގެންނެވެ.

 

 


No comments: